Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 4 ވަނަ ބައި

aasi
April 3, 2016
8 Mins Read
88 Views
5 Comments

ފައުޒާން ދިން ޓިޝޫއިން ލޯފޮހެލަމުން ހިބާވެސް ގެއާދިމާއަށް ހިގައިގަތެވެ. މަންމަ ކައިރީ ބުނެގެން ގެވެސް ބަދަލުކުރަން ހިތަށްއެރިއެވެ. ބީނާއާ އެއްގެއެއްގައި އުޅޭކަށް ހިބާދެނެއް ބޭނުމެއް ނޫނެވެ. ހިބާގެ މަންމަ މޫމިނާގެ ރައްޓެހިކަމުގައި ހިބާ މާލޭގައި ބަހަށްޓާފައި އިންނަނީ ބީނާގެ މަންމަމެން ގޭގައެވެ. ބީނާއާ ދިމާވެ ބީނާއާ އެއްކޮޓަރީގައި އުޅެންޖެހުމުން ހިބާއާއި ބީނާގެ ގުޅުން ބަދަހިވެ ދެކުދިންނަށްވަނީ އެކަކު އަނެކަކުގެ ހުރިހާ ސިއްރުތައްވެސް އިނގިފައެވެ. އެގެއަށް އެންމެ ފުރަތަމަ އިއްޒަތު އައީ ހިބާގެ ރައްޓިއްސެއްގެ ގޮތުގައެވެ. އެއީ ހިބާދިޔަ ލައިފް ސްކިލް ވޯރކްޝޮޕަކުން ހިބާއާއި ދިމާވި ވިހި އަހަރުގެ ޒުވާނެކެވެ. ހިބާއަށް އިއްޒަތު ކަމުދިޔައީ އިއްޒަތުގެ ހުންނަ މަޑުމައިތިރި ގޮތަކުންނެވެ. މީހުނާ ވަހަކަ ދެއްކުމުގައި އިއްޒަތު ގެންގުޅޭ އޯގާވަންތަ ގޮތުންނެވެ.

އިއްޒަތު ހިބާއާއި އެކު އެގެއަށް އަންނަން ފެށިތާ ގިނަދުވަހެއްނުވެ ބީނާއާއި އިއްޒަތުގެ އެކުވެރިކަންވެސް ބަދަހިވަމުން ދިޔައެވެ. އޭރުވެސް އެ އެކުވެރި ކަމުގެ ފަހަތުގައިވީ ކޮންކަހަލަ ގުޅުމެއް ކަމެއް ހިބާއަކަށް ނޭގެއެވެ.

ހިބާ ގެއަށްގޮސް އެންމެ ކުރިންވެސް އޭނަމަންމަ އަށް ގުޅިއެވެ. އަދި އެގޭގަ އުޅެން ބޭނުން ނުވާވާހަކަ ބުންޏެވެ.

“ދެން ކޮންތާކަށްތަ ވަކި ފޮނުވާނީ؟ ތިތާ އުޅެން ނޭގިގެން ތިއުޅެނީ. ތިގޭ މީހުނާ މައްސަލަ ޖެހުނީދޯ.” މޫމިނާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

“މަންމައަށް ފަސްދުވަސް ތެރޭ ހިބާ ދާނެ ތަނެއް ނުހޯދުނިއްޔާ ހިބާ ދާނީ ބައްޕަ ކައިރިއަށް. ފަސް ދުވަސްތެރޭ ހިބާ ބަދަލުވާން ބޭނުން.” ހިބާ ބުންޏެވެ. ހިބާ ބައްޕަ ކައިރިއަށް ދާވާހަކަ ބުނެފިއްޔާ މަންމައަށް އިތުރުގޮތެއް ނޯންނާނެކަން ހިބާއަށް އިނގެއެވެ.

“ދެން އެކުން ފޮނިވެގެން އުޅޭނެކަމެއްނެތް. ތިޔަ ވެގެން އުޅޭގޮތެއް ކިޔައިދީބަލަ މަންމައަށް. ތިގޭމީހުން ސަކަރާތީތަ؟ ގައިމު ހަމްދާއަކީ ނުލާހިކު ހެޔޮ މީހެއް.” މޫމިނާ ބުންޏެވެ.

“މަންމާ. ހަމްދާދައްތަ ވަރަށް ހެޔޮ. މައްސަލަ ޖެހުނީ ހަމްދާދައްތައާ އެއް ނޫނޭ. ބީނާއާ ހިބާއާ އެއްކުއްޖެއް ދެކެ ލޯބިވީމަ މައްސަލަ ޖެހުނީ. އެހެންވެ ހިބާ ބޭނުން ނުވަނީ ބީނާއާ އެއްކޮން އުޅެން.” ހިބާ ޖެހިލުމެއް ނެތި ބުނެލިއެވެ.

“މަންޖެ މިހާރު ލޯބީގެ ކުޅިވަރުވެސް ފެށީތަ؟ މަ ކައިރީ ހުރިނަމަ އިލޮށިފައްޗެއް ކުދިކޮށްލެވުނީސް މިއަދު. ކިޔަވާކަށްނޫންތަ ގޮސް ތިހިރީ؟ ދެން ތިކުރަނީ ކޮން…..” މޫމިނާ ކިޔަމުންދިޔަ އެއްޗިހި މެދުކަނޑާލަން ޖެހުނީ ހިބާވާހަކަ ދައްކަން ފެށުމުންނެވެ.

“މަންމާ. މަންމަ ހިބާއަށް ތަނެއް ހޯދައިދޭނީތަ ނޫނީ ހިބާ ބައްޕަ ކައިރިއަށް ދާންވީތަ؟” ހިބާ މޫމިނާގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ.

“މިކުއްޖާ އަދި ގޮތެއްވެސް ދުލެއްނުކުރާނެ. ހޫން ދެން ބަލާނަން ތަނެއް ލިބޭތޯ.” މޫމިނާ ބުންޏެވެ.

އެރޭ ހިބާ ވަރަށް ވިސްނިއެވެ. ނިދަން އުޅެއުޅެ ނުވެސް ނިދުނެވެ. އެހެން އޮއްވާ ބީނާ އައިސް ކޮޓަރިދޮރުގައި ހިފާލުމާއެކު ހިބާ އަޅައިގެން އޮތް ފޮތިގަނޑުން މުޅި ގައި ބޮލާއެކު ނިވާކޮށްލިއެވެ. އަދި ނިދާކަމަށް ހަދައިގެން އޮތެވެ. ބީނާއައިސް ހިބާއާއި ދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ހިބާ އަޅައިގެން އޮތް ފޮތިގަނޑު ތިރިކޮށްލިއެވެ. ހިބާ އޮތީ ލޯމަރައިގެންނެވެ. ހިބާ އޮތީ ނިދާފަ ކަމަށް ނިންމާފަ ބީނާވެސް ނިދަން ތައްޔާރުވެގެން ގޮސް ބޮކި ނިވާލާފައި އޭނަގެ އެނދުގައި އޭނަ އޮށޯތެވެ. ހިބާ ލޯހުޅުވަލިއެވެ. އަނދިރީގެ ތެރެއިން އެނބުރެމުން ދާ ފަންކާއަށް ބަލަން ހިބާއޮތެވެ. ނުނިދިފައެވެ. ދެން ބީނާއާ ކުރިމަތިލާންވެސް ހިބާ ބޭނުމެއް ނޫނެވެ. އެއީ ހިބާގެ ރައްޓިއްސެއް ނޫނެވެ.

ހަވީރުގެ ވަގުތެކެވެ. ހަފީޒާ އިނީ ޓީވީ އިންދައްކާ ސިއްޙީ ޕްރޮގްރާމެއް ބަލާށެވެ. ފައުޒާން އޭރު ބަދިގޭގައި ކޮފީއެއް ބޯލަން އިނެވެ. ބަދިގެ މޭޒުމަތީއޮތް ހަފީޒާގެ ފޮނު ރިންގުވާން ފެށިއެވެ. ފައުޒާން ފޯނަށް ބަލައިލިއެވެ. އަރާފައި އިނީ މޫމިނާއެވެ. ފައުޒާން ފޯނު ހިފައިގެން ގޮސް ހަފިޒާ އަތަށް ދިނެވެ. ހަފީޒާ ފޯނުނަގައިގެން ވާހަކަދައްކަން ފެށިއެވެ.

“އެކަންތަކާދޯ. އާން އަހައިފިން އަލީ ކައިރީ. އަލީބުނީ މައްސަލައެއް ނެތޯ. އެހެންވީމަ ކޮޓަރި ރީތިކޮށްލާފަ އަންގާލާނަން. އޭރުން ދެން އެމަންޖެ ކައިރީ ބުނޭ އަންނާށޭ އިނގޭ.” ހަފީޒާ ފޯނު ބޭއްވިއިރު ފައުޒާން ހުރީ ހަފީޒާއަށް ބަލާށެވެ.

“އެއީ މޫމިނާ. މަންމަގެ ރައްޓިއްސެއް. ދަރިފުޅު ދިޔައިމެއްނު އެރަށަށް.” ހަފިޒާ ފައުޒާން ބަލަން ހުރުމުން ބުނެލިއެވެ. “އޭނަގެ ދަރިފުޅު އުޅޭގޭ ކުއްޖަކާ މައްސަލައެއް ޖެހިގެން ހުންނާނެ ތަނެއް ނެތިގެން ގުޅީ. މަންމަ ދެން ބުނެފިން މިގޭގަ ހުރެވިދާނެޔޭ. މޫމިނާއަކީ މަންމައަށް ވަރަށް ހެޔޮ މީހެއް. އެހެންވެ އޭނަ ބުނީމަ ނުކެރުން ނޫނެކޭ ބުނާކަށްވެސް.” ފައުޒާން ޖަވާބެއް ނުދީ ހުރުމުން ހަފީޒާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެކަމު ކޮންތާކު ތިބުނާ ކުއްޖެއް ބަހަށްޓަނީ؟ ދޮންބެއަށް ފިޒާ ކޮޓަރި އެހެރީ ދީފަ މިހާރު.” ފައުޒާން އެހެން ބުނިއިރު ނޭގޭ އުފާވެރިކަމެއް އެހިތަށް ވެރިގެން ދާކަން ފައުޒާންއަސް އިހުސާން ކުރެވުނެވެ.

“މަތީގަ. ކުރިން ދޮންބެ އުޅުން ކޮޓަރި ސާފުކޮށްލާ ކުލަލާ ހަދާލީމަ އޯކޭވާނެނު.” ހަފީޒާ ބުންޏެވެ.

“މަންމާ އެކަމު ފާހާނާ ބޭރުގަ އިންނާތީ އަންހެން ކުއްޖަކަށް އުނދަގުލެއް ނުވާނެތަ؟” ފައުޒާން ބުންޏޭވެ. ހަފީޒާ ފައުޒާންއަށް ހައިރާންވެފައި ބަލައިލިއެވެ.

“ދަރިފުޅަށް ކިހިނެއް އިނގުނީ އެއީ އަންހެން ކުއްޖެއްކަމެއް؟” ހަފީޒާ ހައިރާންވެ އިނދެ ބުންޏެވެ.

“މަންމަނު ދެންމެ ފޯނުން ބުނީ އެމަންޖެ ކައިރީ އަންނާށޭ ބުނާށޭ. މަންޖެ ކިޔަނީ އަންހެން ކުދިންނަކަށް ނޫންތަ؟” ފައުޒާން ހުށިޔާރުކަމާއެކު ޖަވާބު ދިނެވެ.

“އާން. ދޮގެއްނޫނޭ ދޯ. އުނދަގޫ ވިއަސް ދެން އެހެން ހަދަން ޖެހޭނީ. އަނެއްކާ އެއްފާހާނާ ބޭނުން ކުރަން ޖެހޭތީ ފައުޒާން ހިތްހަމަ ނުޖެހެނީތަ؟” ހަފީޒާ އަހާލީ ކަންބޮޑުވެފައި ވާފަދައިން ނެވެ.

“ނޫނޭ. އެހެނެއްނޫން. ޒާންއަށް އޯކޭ. މަންމައަށް ފެންނަގޮތެއް ހަދާ.” ފައުޒާން ހަމަޖެހިލަމުން ބުނެލިއެވެ.

“ޒާން އެކޮޓަރި ރީތިކޮށްލަދޭންވީނު. ކުލަ ކޮޅެއްވެސް ލާ ހަދާލަދީބަލަ. ދެދުވަސް ތެރޭ އެމަންޖެ ގެންނަން ޖެހެޔޭ.” ހަފީޒާ ބުންޏެވެ.

“އާން. މިރޭ ދާނަން ކުލަ ގަންނަން. ދެން މަދަމާ އޮފީހުން އައިސްފަ އެކަމާ އުޅެދޭނަން އިނގޭ.” ފައުޒާން ބުންޏެވެ. އޭނަ މަންމަ ބުނެފި ކަމެއް ދުވަހަކުވެސް އަދި ނުކޮށްނުހުރެއެވެ. ފައްވާޒް ކައިރީ ބުނާކަމެއް ފައްވާޒްއަށް ދުވަހަކު ނުކުރެވެއެވެ. އެންމެފަހުން ހަފީޒާ ބުނަނީ ފައުޒާން ކައިރީއެވެ. ފައްވާޒް ދޮއްޓަކަސް ހުރިހާ ބޮޑެތި ޒިންމާތަކެއް ނަގަނީ ފައުޒާންއެވެ.

އަޒްމީލް ނިދާހޭލީ މެންދުރު ދޭއްޖަހަން އުޅެނިކޮންނެވެ. އަޒްމީލް ފެންވަރައިގެން އައިސް ކާން އިށީނީ އަޒްކާ ކާން އިންދައެވެ. އަޒްކާ އަޒްމީލަށް ބަލައިލިއެވެ. މިހާރަކަށް އައިސް އަޒްމީލްގެ އުޅުން މާބޮޑަށްވެސް ސަކަރާތެވެ. ރޭގަނޑު މިހާރު ގެއަށް އަންނަނީވެސް މާބޮޑަށްވެސް ލަސްވާ ފަހުންނެވެ. އަޒްކާ އެކަމާ ވަރަށް ވިސްނައެވެ. އަޒްމީލަށް ދެރައެއް ލިބިއްޖެއްޔާ އަޒްކާއަށްވެސް އޭގެ އަސަރު ކުރާނެއެވެ. އެއީ އޭނަގެ ބޭބެ ވިއްޔާއެވެ.

“ދޮންބޭ. ދޮންބެ ރޭގަ ނިދަން އައީ ކިހާއިރަކު؟” އަޒްކާއަށް ނީދެވިގެން އަހާލިއެވެ.

“ނޯ ކޮމެންޓް.” އަޒްމީލް ތައްޓަށް ބަތް އަޅަމުން ބުނެލިއެވެ.

“ދޮންބެ އައީ ފަތިހު ދޯ. މަންމައަށް އިނގޭދޯ. ބައްޕައަށް އިނގިދާނެތީ މަންމަ ފަތިހު އުޅުނުގޮތް އަޒްކޮއަށް ފެނުނޭ.” އަޒްކާ ބުންޏެވެ.

“އަމިއްލަ ކަންތަކާ ބެހިބަލަ. މަގޭ އެއްވެސް ކަމަކާ އަޒްކޮ ބެހޭނެ ކަމެއްނެތް. އަޒްކޮއަށް ކީއްތަ މަ ކޮންމެތާކު އުޅެފަ އަޔަސް. މައިތިރިވެގެން ތި ކައިގެން ދެވޭތޯ ބަލާބަލަ.” އަޒުމީލު ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ. މީގެކުރިން އަޒްކާއާއި ދިމާއަށް އެގޮތަށް ހަޅޭކެއް ނުލަވައެވެ. އަޒްކާއަށް ހައިރާންކަމެއް ލިބި ބަލަން އިނދެވުނީއެވެ. އަޒްމީލްއަށް އައިސްފައިވާ ބަދަލުން އަޒްކާ އިނީ ގަބޫލު ނުކުރެވިފައެވެ. އަޒްކާގެ ލޮލުން ކަރުނަ ނިރާލީ ހިތުގައި ޖެހުނު ވަރުންނެވެ. ދެން އިތުރަށް ކެއުންވެސް ކުރިއަކަށް ނުގެންދެވުނެވެ. ގޮނޑިން ތެދުވެ ބަތްތަށި ހިފައިގެން ގޮސް ސިންކުކައިރީ ހުރި ޑަސްބިނަށް ބަތްތަށި އަޅާލުމަށްފަހު ތަށި ދޮންނަން ފެށިއެވެ.

އަޒްމީލްވެސް ކުއްލިއަކަށް ބަތްތަށި ދުރަށް ކޮށްޕާލިއެވެ. އަދި ގޮނޑިން ތެދުވެއްޖެއެވެ.

“މުޅި ދުވަހުގެ މޫޑު ހަރާބު ކޮށްލައިފި. ” އެހެން ބުނެފައި ކާގެއިން ނިކުމެގެން ހިގައްޖެއެވެ. އަޒްކާއަށް ދެން ހިފަހައްޓައިގެން ނުހުރެވުނެވެ. ރޯން ފެށުނެވެ. އޭނާގެ ދޮންބެއަށް ވަމުން އެދަނީ ކީއްބާއެވެ. މީގެ އަހަރެއް ކުރިން ދޮންބެއަކީ ކިހާ ރަގަޅަކަށް އުޅުނު މީހެއް ހެއްޔެވެ. އަޒްކާއާއެއްކޮން ކުޑައްތަމެންގެއިން ކައިގެން ޒާންބެއާ ވާޒްދޮންބެއާ ކިހާ މަޖާކޮން އުޅުން ހެއްޔެވެ. ދޮންބެއަށް އެހެން އެވީ ކީއްވެބާއެވެ. ޒާންބެއަށް ކީއްކުރެވުނީ ބާއެވެ. ހަމަ ގައިމުވެސް ވާހަކަ ނުދައްކަނީ ޒާންބެއާ އެކަނިއެވެ. އަނެއްކާ ޑްރަގްސް ނަގަނީ ބާއެވެ. ނޫނެކެވެ. އެކަހަލަ އަމަލުތަކުން ދޮންބެ ދުރުކުރައްވާށިއެވެ. އަޒްކާއަށް ހިތާހިތުން ދުޢާވެސް ކޮށްލެވުނެވެ.

ޖެހިގެން އައިދުވަހު ހަފީޒާ ޑިއުޓީއަށްދާން ތައްޔާރުވަނީއެވެ. އެވަގުތު ނަދުވާއާއި ފައުޒާން އައިސް ވަނެވެ. ނަދުވާ އައިސް ކާގެއަށްވަނީ ފައުޒާންއަށް ކާން ހަދާދޭށެވެ. އޭރު އަޒްކާ އިނީ މޭޒުކައިރީ ހެޑްފޯނު ޖަހައިގެން ތަރުކާރީތަކެއް މަށާށެވެ. ނަދުވާއައިސް ފައުޒާންއަށް ކާންހެދިއިރުވެސް އަޒްކާއިނީ ލަވައިގައި ޖެހިފައެވެ.

ފައުޒާން ކާންއައިސް އަތްދޮވެގެން އިށީންނަމުން އަޒްކާގެ މޫނަށް ފެންތައް ފޮޅާލިއެވެ. އަޒްކާ ރުޅިއައިސްގެން ޒާންއަށް ބަލައިލިއެވެ. އަޒްކާ ބަލައިލިގޮތުން ޒާންއަށް މަޖާވެގެން އަޒްކާގެ މުޅިމޫނުގައި ޒާން އަތްފޮހެލިއެވެ.

“ޒާންބޭ. ދެން ވަރަށް ފޫހިވޭ.” އަޒްކާ މޫނު ފޮހެމުން ބުންޏެވެ. އޭރު ހެޑްފޯނުވެސް ކަންފަތުން ނައްޓާލައިފިއެވެ.

“ނަދޫއްތަ ހަމަ އިންނަނީނު ބަލަން. ޒާންބެ އެވަރަށް މަށަށް އުނދަގޫ ކުރާއިރުވެސް އަނގައިންވެސް ނުބުނޭނު.” އަޒްކާ ޝަކުވާކުރަން ފެށިއެވެ.

“އަޒްކޮއަކަށް ނޭގޭތަ. އެއީ އުނދަގޫ ކުރުމެއްނޫނޭ. އެއީ ސަމާސާ ކުރުން. ސަމާސާ ކުރާނީ ވަރަށް ލޯބިވާތީ. މާބޮޑަށް ލޯބިވާމީހުނާ އަބަދުވެސް ސަމާސާ ކުރެވޭނީ.” ފައުޒާން ބުންޏެވެ.

“ދެން ނަދުއްތައަށް އުނދަގޫ ނުކުރަނީ ކީއްވެ؟ ނަދުއްތަ ދެކޭނު އެންމެ ލޯބިވަނީ؟” އަޒްކާ އެހިއެވެ.

“އެއީ ނަދުއްތަ ދެކެ ބިރުގަންނާތީ. ޒާންބެ ވަރަށް ބިރުގަންނާނެ ނަދުއްތަ ރުޅިއައިސްދާނެތީ. އެހެންވެ އެއީ.” ނަދުވާ ބުންޏެވެ.

“އައްޗި… ނަދުއްތަ ދެކެ އަސްލު ޒާންބެ ލޯބިވަނީ. އަޒްކޮ ހަމަ ރުޅިއަރުވަން ކުރާކަމެއް އެއީ.” އަޒްކާ އެހެން ބުނަމުން ގޮނޑިން ތެދުވީ އޭނަ ކުރަން އިންކަންތައްވެސް ނިމުނީމައެވެ. “އެހެން ނޫނަސް ނަދުއްތަ ދެކެ ޒާންބެ ބިރެއް ނުގަންނާނެ. އެއީ އަންހެނެއް ނޫނޭ.” އަޒްކާ ފަހަތަށް އެނބުރިލަމުން ބުނެލިއެވެ.

*    *    *    *    *    *    *    *    *    *    *    *

ފައުޒާނ މަންމަ ބުނެގެން ކޮޓަރި ތައްޔާރުކޮށް ނިމުނު އިރު ހުރީ ވަރަށްވެސް ވަރުބަލިވެފައެވެ. ފައުޒާން ފެންވަރައިގެން ޖައްސާލީ އެއްވެސް ހާލެއްގައި ނިދާކަށް ނޫނެވެ. ނަމަވެސް ނިދުނީ ނިކަން އަރާމު ނިންޖެކެވެ. ހުވަފެނުން ފެންނަމުން ދިޔައީ އަމިއްލަ ދުނިޔެއެކެވެ. ނަދުވާއާއި އެކު ހިނގާފައި އެކަނިވެރި މާހައުލަކުން ދާ މަންޒަރު ފެންނަމުން ދިޔައެވެ. ކުއްލިއަކަށް ފެނުނީ ސިންގާގެ މޫނު ހުރި އިންސާނަކު އައިސް ނަދުވާއާއި ދިމާއަށް އަތްދިއްކޮށްލި ތަނެވެ. ވަގުތުން ނަދުވާ އެއަތުގައި ހިފައިފިއެވެ. އަދި އެމީހާއާ އެކު ދާން ފެށިއެވެ. ފައުޒާން އެކަނި އެހުރިތާ ބަހަށްޓާފައެވެ. ދެން ކުރިމަތިން ދުންގަޑެއްގެ ތެރެއިން ފާޅުވަމުން އަންނަން ފެށީ ދިގު އިސްތަށިގަނޑެއް ލިބިފައިވާ ޕަރީއެއްފަދަ ދޮން ކުއްޖެކެވެ. ކައިރިވަމުން އައި ވަރަކަށް ވައްތަރުވަމުން ދިޔައީ ދަންނަ މޫނަކާއެވެ. ނުހަނު ކައިރިއަށް އައިސް ހުއްޓުނުތަނުން ފައުޒާންއަށް ހޭލެވުނެވެ. ދެލޯ ހުޅުވިގެން ދިޔައެވެ. ކޮންފަދަ ހުވަފެނެއްހެއްޔެވެ. އެ ހުވަފެނުގެ އަނެއްބައި ކޮންމެ ހެނަކަުންވެސް ބަލާހިތް ވެއްޖެއެވެ. އަނެއްކާވެސް ލޯމަރާލީ ހުވަފުނުގެ އަނެއްބައި ފެނޭތޯއެވެ. ފެނިގެން ދިޔަ އަންހެން ކުއްޖާ އަދިވެސް އެއްފަހަރު ބަލައިލާ ހިތުންނެވެ. ދަންނަ ކުއްޖަކަށް ވިޔަސް ހުވަފެނުގައި ފެނުނީ އެކުއްޖާގެ އެންމެ ރީތިސިފައިގައެވެ. އޮވެއޮވެ ނިދޭގޮތެއް ނުވިއެވެ. ހޭލައިގެން ގަނޑި ބަލައިލިއެވެ. ފަތިސް ވަނީއެވެ. ފާހާނާއަށް ވަދެ ފެންވަރާ ވުޟޫކޮށްލައިގެން ނިކުތީ މިސްކިތައް ދިއުމަށެވެ.

ތިރިއަށް ފޭބިއިރު ބަންގި ގޮވަމުން ދެއެވެ. އޭރު އަޒުމީލު އައިސް ގެއަށް ވަންނަނީއެވެ. ފައުޒާން ފެނުމުން އިސްޖަހައިގެން ލިފްޓަށް އަރައިގެން ހިގައްޖެއެވެ. ފައުޒާން އަޒުމީލުއާ ދޭތެރޭ ވިސްނާލިއެވެ. އަނެއްކާ އަޒުމީލު ގޯސްމަގަކުން ދަނީބާއެވެ. އަދިވެސް ފައުޒާންއާ އަޒުމީލު ވާހަކަ ނުދައްކަނީ ކީއްވެކަމެއް ފައުޒާންއަކަށް ނޭގެއެވެ. އަޒުމީލު ވާހަކަ ނުދެއްކިއަސް އަޒުމީލު މިހާރު އުޅޭގޮތުން ފައުޒާންވެސް ދެރަވެއެވެ. އަޒްކާގެ ފަރާތުން އަޒްމީލު އުޅޭގޮތްވަނީ ކޮންމެވެސް ވަރަކަށް ފައުޒާންއަށް އިނގިފައެވެ.

ފައުޒާން ނަމާދުން ފައިބައިގެން އައިއިރު ގޭދޮރުމަތީ ކާރެއް އޮތެވެ. އޭރު ފައްވާޒު ކާރުގެ ޑިކީއިން ފޮށްޓެއް ބާލަނީއެވެ. ފައުޒާންއަށް ފައްވާޒު ފެނުމުން މަޑުކޮށްލައިގެން ހުއްޓެވެ. ފައްވާޒް ކާރަށް ލާރިދިނުމަށްފަހު ފޮށިހިފައިގެން އެތެރެއަށް ވަންނަން ހިގައި ގަތެވެ.

“ދޮންބޭ، ކިހިނެއް ކަންތައް ދިޔައީ؟” ފައުޒާން ފައްވާޒް ފަހަތުން ހިގައި ގަންނަމުން އަހާލިއެވެ.

ވަރަށް ރަގަޅަށް ދިމާވީ. ރިފާގެ ބޮޑުބޭބެ އިންޑިއާއަށް ފުރަން އުޅެނިކޮން ދެވުނީ. ކިރިޔާހަމަ ލައްވާލީ. ނަސީބޭ ބުނެވޭނީ.” ފައުޒާން ބުންޏެވެ. ދެމީހުން އެއްކޮން ލިފްޓަށް އެރިއެވެ.

“ދެން ކޮން އިރަކުން މެރީކުރަން ހަމަޖެއްސީތި؟” ފައުޒާން އަހާލިއެވެ.

“ދެން ބައްޕަ އައިމަ އަވަހަށް އެކަމާ އުޅޭނީ. މާޒް އާ ހިޝާމް ގޮވައިގެން ދިޔައީ ހެކިވެރިންނަށް.” ލިފްޓުން ނުކުންނަމުން ފައްވާޒް ބުންޏެވެ. “ރޯދައިގެ ކުރިން އިރާދަކުރެއްވިއްޔާ އިންނާނަން.” ފައްވާޒް ބުންޏެވެ.

ފައުޒާން ފައްވާޒުގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ފައްވާޒްއަށް ވުރެ ފައުޒާން ދިގުކަމުން އެހެން އަތްބާއްވާލަން ނިކަން ފަސޭހައެވެ. ދެބެން އެއްކޮން ގެއަށް ވަންތަން ހަފީޒާއަށް ފެނުނެވެ. އޭރު ހަފީޒާ އިނީ ކޮފީ ހަދައިގެންނެވެ. ފައްވާޒް ފެނުމުން އަވަހަށް ތެދުވެގެން އައިސް ވާހަކަތައް އޮޅުން ފިލުވަން ފެށިއެވެ.

ހިބާއަށް ހޭލެވުނީ އިރުއެރި ފަހުންނެވެ. ހިބާ ތެދުވިއިރުވެސް ބީނާއަދިވެސް އޮތީ ނިދާފައެވެ. ހިބާ ތެދުވެ ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު ހަމްދާ އުޅެނީ ގޭތެރެ ކުނިކަހާށޭވެ.

“ދައްތާ، ދީ ހިބާއަތަށް.” ހިބާ ހަމްދާ ކައިރިއަށް ދަމުން ބުންޏެވެ.

“ކީއްކުރަން ހިބާއަތަށް ދެނީ. ދައްތަ މިހިރީ ނިކަން ދެރަވެފަ ރޭގަ ހިބާ މަންމަ ބުނީ ހިބާ އެހެން ގެއަކަށް ބަދަލުވާން އުޅޭވާހަކަ. ދައްތައާއި ވާހަކަދައްކާލާނެ މީހަކުވެސް ދެން ނުހުންނާނެ ހިބާ ބަދަލުވީމައެއް. އެކުން ބީނާއާ ޖެހުނު މައްސަލައެއްގައި ކޮންމެހެން ގެ ބަދަލުކުރަން ޖެހޭތަ؟” ހަމްދާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

“ދައްތާ، ދެން ހިބާއާ ބީނާއާ ޖެހުނު މައްސަލަ ދައްތައަށް އިނގޭނަމަ ތިހިނެއް ނުބުނާނެ. ހިބާގެ ހިތުގައި ދައްތައާއި މެދު ހިތްހެވޭ. ދައްތަ އެހާ ހެޔޮ ވިއްޔަ.” ހިބާ ބުންޏެވެ.

“ދައްތައަށް އިނގެޔޭ. އިއްޒަތުގެ މައްސަލައެއްނު ތީ. އިއްޒަތު ކީއްކުރަންތަ ބީނާއާ ރައްޓެހިވީ ހިބާއާ ރައްޓެހިވެގެން އުޅެމުން؟” ހަމްދާ ކުއްވެރި ކުރީ އިއްޒަތުއެވެ.

“ދެން ތިވާހަކަ ދައްކާނެ ކަމެއްނެތް ދައްތާ. އެކަންތައް އެއޮތީ ވެނިމިފަ. ހިބާއަށް އިނގެނީ ދެން ބީނާއާ އެއްފުރާޅެއްގެ ދަށުގައި ހިބާއަށް އުޅެން އުނދަގޫ ވާނެކަން.” ހިބާ ބުންޏެވެ. އެވަގުތު ކޮޓަރިން ބީނާ ނިކުތްތަން ފެނުނެވެ. ހިބާއަވަހަށް އެތާ ނުހުރެ ގޮސްވަނީ ކާގެއަށެވެ. އޭރު ހަމްދާހުރީ ސައިހަދާފައެވެ.

ހިބާ ސައިބޯން އިށީންތަނާ އެތަނަށް ބީނާއައެވެ. ހިބާއިނީ ބީނާއާ ދިމާއަށް ނުބަލާށެވެ.

“ކިތަންމެ ވަރަށް އިގްނޯރ ކުރަން އުޅުނަސް މަށާ ފޭސްނުކޮށް ހިބާއަކަށް ނޫޅެވޭނެ. ހިބާ ތިހެން އުޅުނަސް އަހަރެން ދެރައެއްވެސް ނުވޭ. އަހަރެން ސޮރީއެއްވެސް ނުބުނާނަން. އަހަރެން ކުރީ ގޯސްކަމެއްކަމަކަށް އަހަރެން ގަބޫލެއްވެސް ނުކުރަން. އިއްޒަތު އެންމެ ފުރަތަމަ ފެނުނު ދުވަހުން ފަށިގެން އަހަރެން އިއްޒަތުދެކެ ލޯބިވާންފެށި. ކޮންމެހެން ހިބާގެ ބޯއީ ފްރެންޑެކޭ ކިޔާފަ އަހަރެން އަހަރެންގެ ލޯތްބަކާ ދުރުވާކަށް ނެތިން. ހިބާ ކޮންމެހެން ދެން އިތު…..” ބީނާ އެހިސާބަށް ބުނިތަނާ ހިބާ ކުއްލިއަކަށް ތެދުވިއެވެ. އަދި ކާން އިންތަށި ހިފައިގެން ސިންކު ކައިރިއަށް ދިޔައެވެ. އިތުރަށް ހިބާއަށް ނުކެވުނީއެވެ. އެހާވަރަށް ހިބާ ދެރަވެއްޖެއެވެ.

“އައްދޭ. އަދި މަ އެއްޗެކޭ ބުނާއިރަށް ހާދަ ރުޅިއެއްވެސް އާދެޔޭދޯ. އިއްޒަތުވެސް ނޫޅޭނު ހިބާއާ ހެދިއެއް. ދެން ކޮންމެހެން ހިބާ ފުއްޕާފަ އަހަރުމެން ދެކެ ރުޅިއަންނަންވީ ކީއްވެތަ. ތިހެން ކިތަންމެ ވަރަކަށް ފުއްޕިއަސް ދެން ކުރާނެކަމެއްނެތެއްނު. އެހެން ނޫނަސް ހިބާއަށް އިއްޒަތުހާ ރީތި މީހެއް ނުވެސް ގުޅޭނު. ހިބާގެ އެއްވެސް އަންހެން ވަންތަކަމެއްވެސް ހުރީކީނޫން. އެއްވެސް ބައްޓަމެއްނެތް ކުޑަކުއްޖެއްގެ ހަށިގަނޑު އަދިވެސް ތިހިރީ އުމުރުން ދުވަސްވާއިރުވެސް ހިޔެއްނުވޭ ތިހަށިގަނޑު ބޮޑުވާނެހެނެއް. އެހެންވީމަ ހިބާއަކަށް އިއްޒަތުހާ ސްމާރޓް ފިރިހެނެއް އެކަށީގެނެއް ނުވޭ. އަދި އެފަދަ އެހެން ފިރިހެނެއް ހިބާއަށް ލިބޭނެހެނެއްވެސް އަހަންނަކަށް ހިޔެއްނުވޭ. އަދި އޭގަ ހިބާ ކުރާނެކަމެއްވެސް ނެތް. އެއީ ހިބާގެ ނަސީބު ހުރިގޮތް. ނަސީބު ދެރަވީމަ ތިހެން އަހަރުމެން ދެކެ ރުޅިއައިސް އައިސް ހަމަ ހުންނަން ޖެހޭނީ.” ބީނާ އަދިވެސް ބެލީ ހިބާ ހިތުގައި ޖެއްސޭތޯއެވެ. ހިބާއާއި ދިމާއަށް ބީނާގެ ހިތަށް އަރަމުންދިޔަ ހުރިހާއެއްޗެއް ކިޔަމުން ދިޔައިރު ބީނާގެ ހިތަށް ހަމަޖެހުން ލިބެމުން ދެއެވެ.

ހިބާގެ ހިތަށް ކުރާއަސަރުތައް ބީނާކުރިމަތީ ދައްކާކަށް ހިބާ ބޭނުމެއްނޫނެވެ. ނަމަވެސް އިވިގެން އެދާ ބަސްތަކުން ހިބާގެ ކެތްތެރިކަން ކޮޅުންލާން ކައިރިވެއްޖެއެވެ. ހަމްދާގެ ދަރިއަކަށް ބީނާ ނުވިނަމަ މިހާރު ބީނާގެ ހަންގަނޑު ނޮޅާލީހެވެ. ހަމްދާއަށް ޓަކާ ހިބާހުރީ އަނގައިން ނުބުނާށެވެ. ހަމްދާ އެހާ ހެޔޮއިރު އެދައްތަގެ ދަރިއަކަށް ގޮތެއް ހަދަން ހިބާއަށް ކެރޭނީވެސް ކިހިނެއް ހެއްޔެވެ.

ހިބާ ތަށީގައި ހުރިއެއްޗިހި ޑަސްބިނަށް އަޅާ ތަށި ދޮވެނިމިގެން ބަދިގެއިން ނިކުތުމަށް ދިޔައިރުވެސް ބީނާ ކިޔަމުންދިޔައެއްޗިހި ހުއްޓައެއް ނުލައެވެ. ހިބާ ގޮސް ވަނީ ފާހާނާއަށެވެ. އެތާހުރެ ހިބާ ރޯނެވަރަކަށް ރުޔެވެ. ވަރަކަށް ގިސްލެވުނެވެ. ނޭވާ ނުލެވޭފަހަރުވެސް ދިޔައެވެ. ދާދި ދެންމެ ބީނާ ކީ އެއްޗިއްސާމެދު ހިބާ ވިސްނިއެވެ. ތެދެކެވެ. ހިބާއަކީ އެހެން އަންހެން ކުދިންހެން ތުއިވާ ކުއްޖެއްނޫނެވެ. ރީތިވެގެން މޭކަޕްކޮށްގެން އުޅޭ ކުއްޖެއްވެސް ނޫނެވެ. އެހެން އަންހެން ކުދިންގޮތަށް ހަށިގަނޑުވެސް ރީއްޗެއް ނޫނެވެ. އެއީ ހިބާ ޅަކަމުން ކަމެއްވެސް ހިބާއަކަށް ނޭގެއެވެ. ހިބާގެ ހިތަށް ކުރަމުންދިޔަ އިހުސާސްތައް ދެނެވޮޑިގެންވާނީ މާތްﷲ އެވެ.

ބީނާ ދޮށީވުމުން ބީނާގެ ހަށިގަނޑު ފުރާފުރިހަމަވެފައި ހުއްޓަސް ހިބާއަކީ އަދި ބޮޑުވަމުން އަންނަ ކުއްޖެކެވެ. ހަށިގަނޑުވަނީ ފުރިހަމަ އަންހެނަކަށް ނުވެއެވެ. މޫނުމަތީ ޅަގޮތް ހުރެއެވެ. ހަށިގަނޑުގެ ވަނާތައް ހެދިބޮޑުވެ ނުނިމެއެވެ.

ހިބާ ތައްޔާރުވެގެން ދަބަސް ހިފައިގެން ނިކުތީ އަވަހަށް ކުލާހަށް ދާށެވެ. ގަޑިޖެހެން އޭރު އަދި ބައިގަޑިއިރު ހުއްޓެވެ. ހިބާ ބޭނުންވީ ވީހާވެސް އަވަހަކަށް އެގެއިން ނިކުތުމެވެ. ހިބާގެ މޫނުމަތިން ހުރީ މުޅިން މިލާފައެވެ. ދެލޯވަނީ ރޮއެރޮއެ ރަތްވެފައެވެ. ހިބާ ލަސް ފިޔަވަޅުގައި ހިގާފައި ދިޔައީ އަދިވެސް ބީނާ ކީ އެއްޗިއްސާމެދު ވިސްނަމުންނެވެ.

ފައުޒާން އަވަހަށް ތައްޔާރުވެގެން އޮފީހަށް ދިޔައީ ކުއްލި ހާލަތުކަން އެންގުމުންނެވެ. މާލޭގެ ކޮންމެސް ދިމާލެއްގައި ހިގަމުންދިޔަ މުޒާހަރާއެއް ވިހަވެ ހަމަނުޖެހުން ހިގަން ފެށުމުންނެވެ. ފައުޒާންމެން ޓާސްކްފޯރސް ޔުނީފޯރމް ލައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެގެން އެންމެން ނިކުތީ ހަމަނުޖެހުން ހިގައިގެން އުޅޭ ދިމާއަށް ދާށެވެ. ޕިކަޕަށް އެންމެން އަރާ ބާރުވެފައި ތިބީ ހެލްމެޓުއަޅާ ޝީލްޑްތައް ހިފައިގެން ފުރިހަމައަށް ތައްޔާރުވެގެންނެވެ.

ހިބާ ކްލާހުގައި އިންއިރުވެސް ވިސްނެމުންދަނީ ބީނާއާއި ދޭތެރޭއެވެ. ހިބާއާއި ޖެހިގެން އިން އަޒްކާ ދޭތެރެއަކުން ހިބާ ގައިގައި ކޮށްޓާލައެވެ. ހިބާ ގެއްލިފައި އިންނާތީއެވެ. އަޒްކާއަކީ ކްލާހުގައި ހިބާއާއި އެންމެ ގާތްކޮން އުޅޭ ކުއްޖާއެވެ. އަޒްކާގެ ހިތްހެޔޮކަމުން ހިބާވެސް އަޒްކާދެކެނީ ވަރަށް ގާތް ރައްޓިއްސެއްގެ ގޮތުގައެވެ.

ކްލާސްނިމުމުން އެންމެން ބޭރަށް ނިކުތީ ގެއަށް ދިއުމަށެވެ. އޭރު އެހިސާބުގައި މީހުންއެއްވެގެން މުޒާހިރާހިނގަމުން ދިޔައެވެ. އަޒްކާ ނުކުމެ އަވަހަށް ކައިރީ އޮތްމަގު އަޅައިގެން ގެއަށް ދިޔައެވެ. ހިބާއަށް ދާންޖެހެނީ މީހުންގަނޑު ތެރެއިން ލާފައެވެ. ހިބާއަކީ މީހުން ގިނަވުމުން ހާސްވާގޮތްވާ ކުއްޖެކެވެ. ބިރުގަންނަ ކުއްޖެކެވެ. ހިބާއަށް ދާން ނުކެރިފައި ފާރުކައިރީ މަޑުކޮށްލައިގެން ހުރެވުނީއެވެ.

ޕޮލިހުން އައިސް މީހުންތައް މަދުކުރަން މަސައްކަތް ކުރަމުން ދިޔައެވެ. މީހުންތައް ޕޮލިހުންނާއި ދިމާއަށް ހަޅޭއްލަވާ ގާއުކާ ހަދަމުންދިޔައެވެ. ފައުޒާންއަށް އެތަނުން ދަންނަ އަންހެނެއް ފެނުމުން ހިސާބަކަށް ނުރުހުންވެފައި ފައުޒާން ހުއްޓެވެ. ފައުޒާންކައިރީ ހުރި ޕޮލިހަށްވެސް އޭނަ ދައްކާލާފައި ވަރަށް ފޫހިވެޔޭ އެހެން އުޅޭތީ ބުނެލިއެވެ.

68
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

އޭނާ … އެއްވަނަ ބައި

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 2 ވަނަ ބައި

Next
April 3, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 2 ވަނަ ބައި

Previews
April 3, 2016

އޭނާ … އެއްވަނަ ބައި

5 Comments

  1. Aimsithu says:
    April 3, 2016 at 3:24 pm

    Varah reethi mi part ves. . Anrh bayah inthixaaaru mi kureveny..

  2. Fathun R says:
    April 3, 2016 at 5:40 pm

    Reethi waiting for next update…

  3. shinnu says:
    April 3, 2016 at 8:11 pm

    V salhi

  4. yashoo says:
    April 3, 2016 at 9:06 pm

    V reethi aneh partah inthizaar kuranee

  5. Faxoo says:
    April 22, 2016 at 11:11 am

    varah salhi. hate Beena 😛 humph! anyways varah reethi mipart ves 😉

Comments are closed.

All Right Reserved!