Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފަށުފޫ

mohamed neer Level 210 Stories100 Stories
July 13, 2013 3 Mins Read
3 Comments

ނިމުން

ސިޔާދުގެ ވާހަކަތަކުގެ ސަބަބުން ނަޒީމާއަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގެ އިތުރުން ވަރަށްބޮޑު ހިތްވަރެއް ލިބިގެން
ދިޔައެވެ. ހަމައެހެންމެ އަލަތުކައިވެނި ރޫޅުމުން ލިބިފައިވާ މާޔޫސްކަމާއި ހިތްދަތިކަން ފިލުވާލާ އާހަޔާތެއް ފެށުމުގެ އުންމީދުތައް އާ ވެގެން ދިޔައެވެ. އެއާއެކު ދަރިފުޅާމެދު ކުރަމުންއައި އުންމީދުތަކަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައެވެ.
ސިޔާދުގެ ވާހަކަތަކަށް ފުރިހަމަ އިތުބާރުކޮށް ސިޔާދު އެދެމުންދިޔަ ފަދައިން ސިޔާދުގެ ލޯބީގެ ހުށަހެޅުން ނަޒީމާ ގަބޫލު
ކުރިއެވެ. ސިޔާދު އެދެމުންދިޔަ އެދުން ނަޒީމާ ގަބޫލުކުރުމުން ސިޔާދު ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. އޭރު ދެމީހުންގެ ފަރާތުން ވެސް ފެންނަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ނަޒީމާ އާއި ސިޔާދުގެ ލޯބީގެ ފުރަތަމަ ބައްދަލުވުން ނިންމާލުމަށްފަހު ސިޔާދު މާލެ އައީ އެގާރަޖަހާކަން ހާއިރުއެވެ. ސިޔާދު ފިހާރައަށް ދިޔައިރު ހުޒައިފާ އޭނާގެ އާދައިގެމަތިން ފިހާރާގައި އިނެވެ.
ބައްދަލުވުން ކުރިޔަށް ދިޔަ ގޮތާބެހޭގޮތުން ހުޒައިފާ ސުވާލުކުރުމުން ސިޔާދު ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
ހިސާބުގެ ކަންތައް ނިންމާލުމަށްފަހު ފިހާރަ ބަންދުކޮށްފައި ސިޔާދާއި ހުޒައިފާ ގެއަށް ދިޔައީ އެކުގައެވެ. އެއީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ކުޑަވަރެއްގެ ގެއެކެވެ. ގޭދޮރުގައި ހަރުކޮށްފައިވާ ލިޔުމަށް ބަލާލުމުން އެގެއަކީ ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްކަން ޔަގީންވެއެވެ.
ކުރިން ކައިވެންޏެއްކޮށް ދަރިއަކު ލިބުނު ފަހުން ކައިވެނިރޫޅި ދަރިއަކު ބަލާންޖެހިފައިވީ ނަމަވެސް އެކަންތައްތަކަށް ބެލުމެއްނެތި ސިޔާދު އޭނާއާގުޅުމުން ނަޒީމާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ސިޔާދު ކަހަލަ ރަނގަޅު ބައިވެރިއަކަށް އޭނާ އިންތިޒާރު ކުރާތާ އެތައްދުވަހެއް ވެއްޖެއެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދާވަރަކަށް ނަޒީމާ އާއި ސިޔާދުގެ ލޯބީގެ ގުޅުންވެސް ތަރައްޤީވަމުން ދިޔައެވެ. ނަޒީމާއާ ނަޒީމާގެ ދަރިފުޅަށްޓަކައި ސިޔާދު ކޮންމެ ވެސް ވަރަކަށް ޚަރަދު ވެސް ކުރަމުން ގެންދިޔައެވެ. އެގޮތުން އެންމެބޮޑަށް ފާހަގަކުރެވެމުން ދިޔައީ ނަޒީމާއަށް ސިޔާދު ގެނެސްދިން އަގުބޮޑު ރަންފަށެވެ. ވަރަށްރީތި ކުޑަކުޑަ ހިތެއް ފަށުފުލަކަށް ލާފައިވާ އެފަށް ނުނެގުމަށާއި އެއީ އޭނާ ނަޒީމާދެކެ ލޯބިވާކަމުގެ ހަނދާނަކަށް ދީފައިވާ އެއްޗެއްކަމަށް ވެސް ސިޔާދު ބުންޏެވެ.
ނަޒީމާ އާއި ސިޔާދުގެ ލޯބީގެ ގުޅުމަށް ދެމަހެއްހާ ދުވަސް ވެގެންދިޔައިރު ދެމެދުގައި ކޮންމެ ވެސް ވަރަކަށް ކައިވެނީގެ ވާހަކަތައް ވެސް ދެކެވެމުން ދިޔައެވެ. ދެމީހުން ވެސް ބޭނުންވަނީ ކައިވެނި އަވަސް ކުރާށެވެ. ހަމައެހެންމެ ކައިވެންޏަށްފަހު ސިޔާދުގެ ދިރިއުޅުން ނަޒީމާމެން ޢާއިލާ ކައިރިއަށް ވިލިނގިއްޔަށް ބަދަލުކުރާށެވެ.
އެއްދުވަހެއްގެ ހެނދުނު ނުވައެއްޖަހާކަން ހާއިރެވެ. ހުޒައިފާ ވިލިނގިއްޔަށް އައިސް ނަޒީމާއާ ބައްދަލުކުރިއެވެ. ހުޒައިފާ އާއި ނަޒީމާ ވާހަކަ ދައްކަމުންދިޔަ ދިއުމުގައި ނަޒީމާ އާ ސިޔާދު ވަރަށް އަވަހަށް ކައިވެނިކުރާން އުޅޭކަމަށާ އޭނާގެ ޢާއިލާއިން އެކަމާ ގަބޫލުކަމަށް ވެސް ބުންޏެވެ. ހަމައެހެންމެ ހުޒައިފާގެ ފިރިމީހާއާ ބައްދަލުކޮށް ނުދޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އޭނާ އަށް ހުޒައިފާގެ ފިރިމީހާ ފެނުނަސް ނޭނގޭނެ ކަމަށް ވެސް ބުންޏެވެ. އަދި ސިޔާދުއާ އޭނާގެ ކައިވެންޏަށް ހުޒައިފާ އަންނައިރު ފިރިމީހާ ގޮވައިގެން އައުމަށް ވެސް ނަޒީމާ ބުންޏެވެ.
ނަޒީމާ ގާތު ހުޒައިފާ ބުނީ އޭނާގެ ފިރިމީހާ މިހާރުވީ ރާއްޖެތެރޭގައި ކަމަށާ މާލެ އައުމުން ބައްދަލު ކޮށްދޭނެ ކަމަށާ ތަޢާރަފް ކޮށްދޭނެ ކަމަށެވެ.
އަލިތަކުރަކީ ނަޒީމާގެ ބައްޕަ ފަރުހާދު ވަރަށް އިތުބާރުކުރާ ރައްޓެއްސެކެވެ. ހަމައެހެންމެ ސިޔާދުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ދަންނަމީހެއް ވެސް މެއެވެ.
އަލިތަކުރަށް ނަޒީމާއާ ސިޔާދު ފެނުނީ ވިލިނގިލީ ފެރީޓާމިނަލް ކައިރިންނެވެ. އެވަގުތު އެދެމީހުން ތިބިގޮތުންނާއި އެދެމީހުންގެ ހަރަކާތްތައް ހުރިގޮތުން އެދެމީހުންގެ މެދުގައި ހާއްސަގުޅުމެއް ވާކަން އަލިތަކުރަށް ފާހަގަކުރެވުނެވެ.
އަލިތަކުރު ވިލިނގިއްޔަށް ގޮސް ފަރުހާދުއާ ބައްދަލުކޮށް އެވާހަކަ ދެއްކިއެވެ. އަލިތަކުރުގެ ވާހަކަތައް އަޑުއެހުމަށްފަހު ފަރުހާދު ބުނީ ސިޔާދު ކިޔާ ޒުވާނަކާ ނަޒީމާ ކައިވެނި ކުރާން އުޅޭކަމަށެވެ. އަދި އެކަމާގުޅިގެން ފަރުހާދަށް ލިބިފައިވާ މަޢުލޫމާތު ތައް އަލިތަކުރަށް ކިޔައިދިނެވެ.
ފަރުހާދުގެ ވާހަކަތައް އަޑުއެހުމަށްފަހު އަލިތަކުރު ބުނީ ސިޔާދު އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ކަމަށާ އޭނާ އަކީ މާލެއިން ކުޑަވަރެއް ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ މީހެއް ކަމަށެވެ. އަދި ސިޔާދު އެއުޅެނީ ނަޒީމާދެކެ ލޯބިވެގެން ނޫންކަމަށާ މިގޭގެ ބޭނުމުގައި ކަމަށެވެ. ހަމައެހެންމެ ނަޒީމާ ހޯދުމަށް މިގެއަށް އަންނަ ހުޒައިފާ އަކީ ސިޔާދުގެ ލޯބިވެރިޔާ ކަމަށާ އެކަމަކީ އެދެމީހުން ރާވައިގެން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
ފަރުހާދާއި އަލިތަކުރުގެ ބައްދަލުވުން ނިންމާލުމަށްފަހު އަލިތަކުރު އެގެއިން ނުކުމެގެން ދިޔައީ އެކަން ވަރަށް ރަނގަޅަށް ބަލައި ސާފުކުރުމަށްފަހު ފަރުހާދު ގާތު ބުނާނެ ކަމަށް ބުނެފައެވެ.
ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ނަޒީމާއާ އޭނާގެ ދަރިފުޅު ތިބީ ކޮޓަރީ އެނދުމަތީގައި ކުޅޭށެވެ. ސިޔާދު އޭނާއަށްދިން ފަށް އެނދުމަތީގައި އޭރު އޮތެވެ. ތަނެއްދޮރެއް ނޭނގޭ އެކުއްޖާ އަތް ހޫރާލި ވަގުތު އަތުން ޖެހިފައި އެފަށް ތަޅުން މައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު އިވުނު ތޫލިއަޑާއެކު ހިތެއްހެންއިން ފުލުފޮތި ފަޅައިގެން ދިޔައެވެ. ނަޒީމާ އަވަސް އަވަހަށް ފަށާއި ފުލުފޮތި ނަގަމުން ބަލާލިއިރު އެފުލުފޮތީގެ ތެރޭގަ ކަރުދާސްކޮޅެއް އޮތެވެ. ކޮންމެވެސް ވަރަކަށް ހައިރާންވެފައި ހުރެގެން އެ ކަރުދާސްކޮޅު ނަގައި ބަލާލިއިރު އެއީ ފަންޑިތަ ޒާތުގެ ލިޔުންތަކެއް ލިޔެފައިވާ ކަރުދާސްކޮޅެކެވެ. އެފަޅައިގެން ދިއުމުން ވީދެރައަށްވުރެ ބޮޑަށް އެކަރުދާސްކޮޅުގެ ސަބަބުން ނަޒީމާއަށް ލިބުނު ހައިރާންކަން މާބޮޑެވެ.
އެވަގުތުގަ ކަހަލަގޮތަކަށް ފަރުހާދު އާއި ޖާބިރާ އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ މަންމައާ ބައްޕަ އައިސް އޭނާގާތަށް ހުއްޓުމާއެކު ފަރުހާދު އަތަށް ނަޒީމާ ދިނީ ކަރުދާސްކޮޅެކެވެ. ކޮންމެވެސް ވަރަކަށް ހައިރާންވެފައި ހުރެގެން އެ ކަރުދާސް ކޮޅަށް ފަރުހާދު ބަލާލިއެވެ. ފަރުހާދު އަކީވެސް އެބާވަތުގެ ކަންތައް ކޮންމެވެސް ވަރަކަށް ދަންނަ މީހަކަށް ވާތީ ވަގުތުން
އެކަން ބެލުމުގެ މަސައްކަތް ފެށިއެވެ.
އަލިތަކުރުގެ އެހީއާއެކުގަ ފަރުހާދު ގެނައި މީހާ އެލިޔުން ބެލުމަށްފަހު ބުނީ އެލިޔުމަކީ ސިޔާދަށްޓަކައި ނަޒީމާގެ ހިތް މޮޔަކޮށްލާ ތިން ހަތަރު މަހެއްތެރޭގައި އެޢާއިލާގެ ދުވަސް ދުއްވާލުމަށް ހަދާފައިވާ ފަންޑިތައެއް ކަމަށެވެ.
ސިޔާދު ކައިވެނިކުރާން އެއުޅެނީ އެދުވަސްވަރާއި ދިމާކޮށް ކަމަށް އެމީހާ ބުނި ބުނުމާ އެލިޔުމާ ބެހޭގޮތުން އެމީހާ ދެއްކި ވަހަކަތައް ފަރުހާދުމެނަށް ވެސް ގަބޫލު ކުރެވުނެވެ.
ވެގެން އުޅޭގޮތް ވަރަށް ތަފްސީލްކޮށް ނަޒީމާއަށް ފަރުހާދު ކިޔައިދިނެވެ. އެވާހަކަތަކާމެދު ވިސްނާލުމުން ފަރުހާދުގެ ވާހަކަތައް ނަޒީމާއަށް ގަބޫލުކުރެވުނެވެ.
ފަރުހާދާއެކު ނަޒީމާ މާލެ ދިޔައެވެ. މާލެ ދެވުމާއެކު ނަޒީމާ އަވަސްވެގަތީ ކާރެއް ހޯދައިގެން ސިޔާދުގެ ފިހާރައަށް ދާށެވެ.
ކަންތައް ދިމާވީ ނަޒީމާ ހީކުރި ގޮތަށް ވުރެ މާ ނަސީބު ރަނގަޅުކޮށެވެ. ނަޒީމާ ގޮސް އެފިހާރައަށް ވަތްއިރު ސިޔާދުގެ އިތުރުން ހުޒައިފާ ވެސް އެތަނުގަ އިނެވެ. ކޮންމެވެސް މުހިންމު ވާހަކައެއް ދެއްކުމާއިގެން މަޝްޣޫލްވެ ތިބިއިރު ދެމީހުން އުފާވެ ހިތްހަމަ ޖެހިފައިވާވަރު އެމީހުންގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުން ދިޔައެވެ.
ނަޒީމާ ފެނުމާއެކު ހުޒައިފާ އަވަސް އަވަހަށް ތެދުވަމުން ނަޒީމާއަށް ގޮނޑި ދައްކާ އިށީންނާން ބުންޏެވެ.
ހުޒައިފާގެ އެޢަމަލުތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ނަޒީމާ ވާހަކަ ދައްކަން ފެށިއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ހިތްހަމަ ނުޖެހުމާއި މާޔޫސްކަމުގެ ކުލަވަރެވެ. އެކަން އޭނާގެ އަޑުން ވެސް ފާޅުވަމުން ދިޔައެވެ.
ހުޒައިފާ އާއި ސިޔާދުގެ ރޭވުމާބެހޭ ހުރިހާކަމެއް އެނގެއްޖެ ކަމަށް ބުނެ ކަންތައް ވެފައިވާ ގޮތް ނަޒީމާ ކިޔާލުމުން ސިޔާދާއި ހުޒައިފާއަށް އަނގައިން ބުނާން ވެސް ނުކެރުނެވެ. ހަމައެހެންމެ އިސްޖަހާލައިގެން ތިބިގޮތަށް ތިބީ ނަޒީމާގެ ވާހަކަތަކަށް އިޢުތިރާފްވާ ފަދަ އަކުންނެވެ.
ނަޒީމާ އާއި ފަރުހާދު ފިހާރައިން ނުކުތީ ސިޔާދު އަތަށް އެފަށާއި ފަށުފޫ ދީފައެވެ. އެފަށުފުލުގައި ފޮރުވިފައިވާ ސިއްރު، ވަގުތު ޖެހުމުގެ ކުރިން ޙަޤީޤަތް ހާމަވީތީ މާތްﷲގެ ކިބައަށް ޝުކުރުކުރަމުން ސިޔާދުގެ ނަމާއި އެފަށުގެ ފުލުފޮތިމަތިން ހަނދާން ނައްތާލުމަށް ނަޒީމާ އަޒުމް ކަނޑައެޅިއެވެ.

ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ފަށުފޫ

Next

އަނދިރިވުމުން

Next
July 14, 2013

އަނދިރިވުމުން

Previews
July 13, 2013

ފަށުފޫ

3 Comments!

  1. އިއްބެ says:
    July 13, 2013 at 7:14 pm

    ރިތި ވާހަކައެއް. މިއީ މަދުން ނަމަވެސް ފެންނަމުންދާ ކަމެއް. މިވާހަކައިން ކޮންމެވެސް ބަޔަކަށް އިބުރަތެއް ހާސިލުވާނެކަމަށް އުންމީދު ކުރަން

  2. ފޮނި މަރީ says:
    July 13, 2013 at 7:25 pm

    އެބުނާހެން މިވާހަކަ ވަރަށް ސަޅި. މިއީ މަދުން ނަމަވެސް އުޅޭބަޔެއް. އެމީހުން އަބަދު ވެސް ބޭނުންވާނީ އިއްޒަތާ ގަދަރާ ތަނަވަސްކަން

  3. Shahu says:
    August 6, 2019 at 2:33 pm

    Varah salhi story?

Comments are closed.



All Right Reserved!