ލޯބިން ބުނާތީ 8
މިފަހަރު ލިއާ ގަސްތުކުރީ ހަނު ހުންނާށެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހެމުން ދިޔައެވެ. ބޯޅައިން ޖެހުނީ މަޑަކުން ނޫނިއްޔާއެވެ.
އެމީހުން ގެނެސްފައިވާ ތަކެތި ބަހައްޓާފައިވާ ދިމާލަށް އާދެވުނުއިރު މަޑުމަޑުން ލިއާވެސް ހަމަޔަކަށް އެޅެމުން އައެވެ. ނަމަވެސް އަދިވެސް އެނބުރުން އަރާތީ ވެލިގަނޑުމަތީ އިށީނދެލިއެވެ. “ލިއާ އޯކޭތަ…؟ ހޮސްޕިޓަލަށް ދާންވީނު…؟” ލިއާއަށް ބަލަން ހުރެފައި އަލްޔާ ކަންބޮޑުވުމާއެކު ބުނެލިއެވެ.
“ހޮސްޕިޓަލަށް ދާ ވަރެއް ނުވޭ…އިރުކޮޅަކުން އޯކޭ ވާނެ…” ލިއާ އެކުދިންގެ ހިތްހަމަޖައްސައިދެން ވާހަކަ ދެއްކިއެވެ. އެވަގުތު އެބަ އަންނަމޭ ކިޔާފައި ސުމާ ހިނގައިގަނެއްޖެއެވެ. އޭރު އަވިވެސް ގަދަވަމުން އައެވެ. ނަމަވެސް ޖެހެމުން ދިޔަ ވައިރޯޅިތަކުން އެ ހޫނުކަން ކުޑަކޮށްދެއެވެ. އަލްޔާ ހުރިހާ އެއްޗެއް ހިޔާ އެޅިފައިވާ ހިސާބަށް ޖައްސާލުމާއެކު ލިއާ މަޑުމަޑުން ހިނގާލާފައި ގޮސް ހިޔާގަނޑުގައި އިށީނެވެ.
ސުމާ އައީ އިރުކޮޅެއް ފަހުންނެވެ. އޭރު އޭނާ އަތުގައި އައިސްޕެކެއް އޮތެވެ. ބީޗާއި ކައިރީގަ ހުރި ސުމާގެ މަންމަގެ އެކުވެރިއެއްގެ ގެއިން ގެނައި އެއްޗެއް ކަމުގައި ބުނަމުން ލިއާގެ ބޮލުގައި އައިސްޕެކް ޖައްސަން ފެށިއެވެ. އޭނާއަށް އަލްޔާ އެހީތެރިވިއެވެ. އެވަގުތު ވީ ފުޓްބޯޅަ ކުޅެ ނިންމާފައި އެ ގްރޫޕް އެހެންލާފައި ދިޔަ ވަގުތަށެވެ. ސުމާ އާއި އަލްޔާގެ ނަޒަރު ކައިލްއަށް ހުއްޓުނީ ކައިލްގެ ނަޒަރު ލިއާއަށް ހުރުމުންނެވެ. އެ މޫނުމަތިން ކަންބޮޑުވުން އެމީހުންނަށް ފާހަގަވިއެވެ. ލިއާއަށް މޫނު ހަދާލެވުނެވެ.
“އަދި އެބަ ބަލައޭ އަހަރެން ބޮލުގަ ޖަހާފަ…” ލިއާއަށް ހިތާހިތުން ކައިލްއަށް އެއްޗެހިގޮވުނެވެ. ކައިލްގެ ނުރައްކާތެރި ރީތިކަމާއި ފިރިހެންވަންތަކަމުން ލިއާއަށް އަސަރެއް ނުކުރާ ކަހަލައެވެ.
“އޭނާ ވަރަށް ހާސްވެފަ އެހުރީ…” ސުމާ އަލްޔާ އާއި ލިއާއަށް އިވޭވަރަށް ބުނެލިއެވެ. އަލްޔާ އެކަމާ އެއްބަސްވިއެވެ. ކައިލް އެމީހުންގެ ލޯމަތިން ގެއްލެންދެން އިރުއިރުކޮޅާ ނޫންގޮތަކަށް ލިއާއަށް ބެލިއެވެ.
“އޭނާ އަނެއްކާ ލިއާއަށް ފޯލްވީތަ…؟” އަލްޔާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. “މިތަނުން ދެވެންދެން ބަލަމުން ބަލަމުން ވިއްޔާ އެދިޔައީ…؟”
“އޯ ޕްލީޒް…އެ ބޯޅައިން ޖެހިގެން އަހަރެން މަރުވިނަމަ އޭނާއަށް ދޯ ބްލޭމް އަންނާނީ…ދެން ކަންބޮޑުވާނު…އަހަރެން މީ މީހަކު ފޯލްވާ ވަރު މީހެއްތަ…؟ ތި ދެމީހުން އަމިއްލައަށް ބުނީވެސް ރާއްޖެއިން ފެންނަފަދަ ރީތިކަމެއް ނޫނޭ، އޭއްޗެކޭ މީއްޗެކޭ…ރޭގަ ބުނި ހޮލީވުޑް ތަރިއެއްހެއްޔޭ…؟ އޭގެން މީހަކު އަހަރެން ކަހަލަ އާދައިގެ މީހަކަށް ބަލާނެތަ…؟ އަދި އަމުދުން އަލް އެންޑް ސުމާ ހުއްޓާ އަހަންނަށް ބަލާނީ މޮޔައެއްނު…؟” ލިއާ ރުޅިއައިސްގެން ވާހަކަ ދެއްކިއެވެ.
“ލިއާ އަމިއްލައަށް ލިއާ މާ ހަޑިވެގެން އުޅެނީ…ލިއާ ހުތުރެއް ނޫނޭ…ދެން ހާދަ އަވަހޭ ލިއާ ސީރިއަސްވާލެއް…އޭނަ ބޯޅައިން ޖެހިޖެހީނުން ސިކުނޑި ގުޑީ ދޯ…ދެން ލިއާވެސް ތި އެއްބަސްވީނު އޭނާ ރީތިކަމަށް…މޭ ޔޫ ބޯތް ފޯލް ފޯރ އީޗް އަދަރ…އަހަރެމެން މިއުޅެނީ ދާކަށްނު…؟ އެހެންވީމަ ލިއާއަށް އެކަން ވާނީ…! އަނެއްކޮޅުން ތި ރިހާން މަތިންވެސް އޭރުން ހަނދާން ނެތޭނެ…” ސުމާ ވާހަކަދައްކަމުން ގޮސް ރިހާންގެ ނަންކިޔުމުން ލިއާގެ ހިތުގައި ދެރައާއި ރުޅިވެރިކަން އުތުރި އަރައިގަތެވެ.
“ތިމީހުން ހީކުރަނީ އެހާ ފަސޭހައިން އަހަންނަށް ރިހާން މަތިން ހަނދާންނައްތާލެވޭނެ ކަމަށްތަ…؟ އަހަރެން ރޭގަވެސް ގުޅިން…” އައިސްފަ ހުރި ފޯރީގައި ލިއާ ބުނެވުނީ ބުނަން ނުވާވަރު އެއްޗެއްކަން އެނގުނީ ބުނެވުނު ފަހުންނެވެ. އެއާއެކު ލޯ ބޮޑުކޮށްލާފައި ސުމާއާއި އަލްޔާއަށް ބެލިއިރު އެކުދިން ތިބީ ހިމޭންވެފައެވެ. މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވެއެވެ. ދާދި ދެންމެއަކު ލިއާއާއި ދިމާކުރަމުން ސަކަރާތްޖަހާ އުޅުނު ދެމީހުންގެ މިޒާޖު ބަދަލުވެއްޖެއެވެ. ހީވަނީ ބުނަން އޮތް އެއްޗެހި ގިނަކަމުން ނުބުނެވިފައި ތިބިހެންނެވެ. ނޫނީ އެގޮތް މާ ރަނގަޅީއެވެ.
“މޫދަށް ދަމާ…؟” އޭގެ އިރުކޮޅެއްފަހުން އަލްޔާ ވާހަކަ ދެއްކިއެވެ. ބޭނުމަކީ ދެން އިތުރަށް އެވާހަކަ ކުރިޔަށް ނުގެންދިއުމެވެ. ސުމާ ތެދުވުމާއެކު ލިއާވެސް ހިމޭންކަމާއެކު ތެދުވިއެވެ. އޭރު ބޮލުގެ ރިހުންވެސް ރަނގަޅުވެއްޖެއެވެ. އަލްޔާ އާއި ސުމާ އެހެން ވާހަކައެއް ފެށިއެވެ. އެމީހުންގެ ތެރޭގައި ދެން އިތުރަށް ކައިލް އަދި ރިހާންގެ ވާހަކައެއްވެސް ނުދެކެވުނެވެ.
މޫދުން އަރައިގެން އައި އިރު އަލްޔާއާއި ސުމާވެސް ކުޑަކޮށް ހަމަޔަކަށް އެޅިއްޖެއެވެ. އެކި ވާހަކައިގަ ތިބެގެން ގެނެސްފައިހުރި ލުއި ކާނާ ކައި، ދަޅުތައް ބޮއެގެން އެކުދިން ދާން ހިނގައިގަތެވެ. އޭރު ގަޑިން ތިނެއް ޖަހައިފިއެވެ.
“ކައިލް ގާތު ބުނަންވީ އަނެއްކާ ބޮލުގަ ބޯޅައަކުން ޖަހަން…އޭރުން ތަންކޮޅެއް ބުނާގޮތް ހަދާފާނެ…ހުވާ މިބުނި ހާދަ ރުޅި އާދޭ…ކިތައްމެ ވަރަކަށް ބުންޏަސް އެ ރިހާނަކަށް ނުގުޅާ ނުހުރެވުނޭނު…” ލިއާ ގޮސް ގެއަށް ވަތްތަން ބަލަން ހުރެ އަލްޔާ ވާހަކަ ދެއްކީ ސުމާއާއެވެ.
“ހަމަ ތެދެއް…ނަސޭހަތް ދީދީ ވަރުބަލިވެއްޖެ…” އަލްޔާ ބުނި ގޮތުން ހިނިއައި ނަމަވެސް ސުމާ ބުނެލިއެވެ. ގިނަ އިރުތަކެއް ނުކޮށް އެކުދިންވެސް ގެޔަށް ދިއުމަށް ހިނގައިގަތެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަލްޔާ އާއި ސުމާ ފުރަން ޖެހޭ ދުވަސް އައިސް ޖެހިއްޖެއެވެ. މިވީ ދުވަސްތަކުގައި ތިން އެކުވެރިންވެސް އެމީހުންނަށް ވީ އެންމެ ގިނައިން އެކުގައި ވަގުތު ހޭދަކުރިއެވެ. ހަނދާންތަކަށް އެތައް ފޮޓޯއެއް ނެގިއެވެ. ނަމަވެސް ވަކިވާ ވަގުތު ޖެހުމުން އެންމެންވެސް ތިބީ ފެންކަޅިވެފައެވެ.
“ލިސެން ލިއާ…ހިތްވަރު ކޮށްފަ ކިޔަވާތި…ޔުއަރ ސްޓްރޯންގަރ ދޭން ޔޫ ތިންކް…އަލަށް ދާން ތިއުޅޭ ސްކޫލުގެ ގިނަ މީހުން ހިތްހެޔޮ ނުވެދާނެ…ހަމަ ޓީޗަރުންގެ ފަރާތުންވެސް ތަފާތުކުރުމާ ކުރިމަތިލާން ޖެހިދާނެ…އެހެންވިޔަސް ގިވްއަޕް ނުކުރާތި…”
“ޔޫ ހޭވް ޓު ފޭސް ދެމް…މިފަހަރު މަޑުން ނުހުންނާތި…ޔޫ ހޭވް ޓު ސްޓޭންޑް އަޕް ފޯރ ޔުއަރ ސެލްފް…”
“ސަމް ވިލް ޓްރައި ޓު ބްރިންގް ޔޫ ޑައުން…ޑޯންޓް ލެޓް ދެމް…”
“މިހާ ދުރަށް ލިއާ އާދެވިފަ ތިހުރީ އަމިއްލަ ހިތްވަރުން…ދެން ގިވްއަޕް ނުކުރާތި…”
އަލްޔާ އާއި ސުމާ ވާހަކަ ދެއްކިއިރު ހުރީ ފެންކަޅިވެފައެވެ. ލިއާ ހީވަނީ ދެންމެ ދެންމެ ރޮއެގަނެފާނެހެންނެވެ. އަލްޔާ އާއި ސުމާ ލިއާގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ. ފެންކަޅިވެފައި ހުރެވެސް އަލްޔާ ގަދަކަމުން ހިނިތުންވެލިއެވެ. “ލިއާ…ޕްރޮމިސް އަސް…ނޯ މެޓަރ ވަޓް، ޔޫ ވޯން’ޓް ގިވް އަޕް އޮން ޔުއަރ ސްޓަޑީސް، އޯރ ދެޓް ސްކޫލް…މީ އަބަދަކު ލިބޭނެ ފުރުސަތެއް ނޫން…ޔޫ އަރންޑް ދެޓް ސްކޯލަރޝިޕް…ޔޫ ޑިޒަރވް ދަ ބެސްޓް…ދިސް އިޒް ޔުއަރ ޗާންސް…ޑޯންޓް ލެޓް އެނީވަން ޓޭކް ދެޓް އަވޭ ފްރޮމް ޔޫ…”
އަލްޔާ އާއި ސުމާ ގައިގަ ބައްދާލިއިރު ލިއާގެ އަޑު ފަޅައިގެން ގޮސްފިއެވެ. ފަހު ވަގުތު ހިފަހައްޓަމުން އައި ނަމަވެސް ސުމާ އާއި އަލްޔާއަށްވެސް ރޮވުނީއެވެ. ފުރަން އައިސް ހުރި އެ ރަށުގެ ގިނަ ބަޔަކު ވެސް ހުރީ ހަމްދަރުދީގެ ނަޒަރަކުން އެކުދިންނަށް ބަލާށެވެ. ދުރުވެލަން އެކުދިންނަށް ޖެހުނީ ޗެކިން ވާން ގޮވުމުންނެވެ.
ސުމާއާއި އަލްޔާ އެތެރެއަށް ވަދެގެން ދިޔައީ އެނބުރި ލިއާއަށް ބެލުމެއް ނެތިއެވެ. އެހެން ނޫނީ މިހުރިހާއިރު ގަދަކަމުން ކޮންޓްރޯލްކޮށްގެން ހުރި ކަރުނަތައް އަނެއްކާވެސް އޮހެން ފަށާނެއެވެ. ރުއިން ހުއްޓާނުލެވުނީ ލިއާއަށެވެ. ހުއްޓަން މަސައްކަތް ކުރި ވަރަކަށް ކަރުނަތައް ވީ އިތުރެވެ. ލޯމަތިން ސުމާއާއި އަލްޔާ ގެއްލުމުން ލިއާއަށް އިތުރަށް ރޮވުނެވެ.
“ލިއާ ލެޓްސް ގޯ ހޯމް…ސުމާ ބުނީ ލިއާ ގެއަށް ލާދެއްޗޭ…” ލިއާ ގާތަށް އައިސް ސުމާގެ ބޭބެ ސައިމަން ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައި ވަނީ ހަމްދަރުދީއެވެ. ލިއާ ގަދަކަމުން ކަރުނަތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ސައިމަން ފަހަތުން ދިޔައިރު ހުރީ ހިމޭންވެފައެވެ.
ގެއަށް އައިސް ވަތްއިރުވެސް ލިއާއަށް ހުރެވުނީ ހިމޭންވެފައެވެ. ޝަމްނާ އާއި ޝައުރާގެ ކޮޓަރިން މިއުޒިކެއްގެ އަޑު އިވެމުން ދިޔައެވެ. އެކަމާ ސަމާލުކަމެއް ދިނުމެއް ނެތި ލިއާ ގޮސް ކޮޓަރިއަށް ވަނެވެ. ވިސްނުންތަކަށް ގެއްލިފައި އޮތުމަށް ވުރެ ލިއާ އިސްކަން ދިނީ ފެންވަރައިގެން އަސުރު ނަމާދު ކޮށްލުމަށެވެ.
ނަމާދު ކޮށްލެވުމުން ކޮންމެސްވަރަކަށް ހިތަށް ހަމަޖެހުން ލިބިގެން އައެވެ. ހިތްވަރު ކޮށްލާފައި އެކުވެރިންގެ ގްރޫޕްގައި ސުމާއާއި އަލްޔާއަށް ރައްދުކޮށްފައި ވަރަށް ހަނދާންވާނެ ކަމަށް ބުނެ މެސެޖެއް ފޮނުވިއެވެ. އެކުދިންގެ ރައްދުވެސް އައީ ނުހަނު އަވަހަށެވެ. ވައިބާއިން އެހެން މެސެޖެއް އައިސް އިންތަން ފެނުމުން ލިއާ ބެލި އިރު މެސެޖުކޮށްފައި ވަނީ އޭ.އޭ.އެޗް.އީ ގެ ވައިބަރ ނަންބަރުންނެވެ. ދެ ދުވަސްތެރޭގައި ޔުނީފޯމް ބަލާ އައުމަށް އަންގާ، އިއުލާނެއް ލާފައި އޮތެވެ.
ޝަރީފާ ކޮބާތޯ ހޯދާލިއިރު އޮތީ ނިދިފައެވެ. އެހެންވެ ޝަރީފާއަށް އުނދަގޫ ކުރުމެއް ނެތި ލިއާ ތައްޔާރު ވެލައިގެން އެކަނި ދާން ނިކުންނަން އުޅެނިކޮށް ކޮޓަރި ދޮރު ހުޅުވާލާފައި ޝަމްނާ ނިކުތެވެ.
“ލިއާ ބޭރަށް ދަނީތަ…؟ އަހަރެންވެސް ވައި ވެގެން މިއުޅެނީ…އަހަރެން ގޮވައިގެން ދޭބަލަ…” ލިއާގެ ރައްދަކަށް މަޑުކުރުމެއް ނެތި ޝަމްނާ އެތެރެއަށް ދެމިގަތެވެ. ހަމަ އެވަގުތު އެތެރެއިން ޝައުރާ ތިމަންނަވެސް ދާނަމޭ ބުނެލި އަޑު އިވުނެވެ. ލިއާއަށް ޖެހުނީ އެދެމީހުން ތައްޔާރުވަންދެން މަޑުކުރާށެވެ.
ގެއިން ނިކުމެވޭ ވަރު ވީއިރު ހަތަރުގަޑި ބައިވެއްޖެއެވެ. މިއަދު މޫސުން އެހާ ރަނގަޅެއް ނޫނެވެ. ތެތްފިނި ވައިރޯޅި ޖެހެމުން ދިޔައިރު ދުނިޔެމަތިން ފެންނަމުން ދިޔައީ ވިއްސާރަވާން އުޅޭކަމުގެ އަލާމާތްތަކެވެ. މިހާރުވެސް ހީވަނީ އިރުއޮއްސިފައި ވާހެންނެވެ. ސަލާމަތީ ރައްކާތެރިކަމަށް ޝައުރާ އައީ ކުޑައެއްވެސް ހިފައިގެންނެވެ.
އެ ސުކުލާއި އަރާ ހަމަވިއިރު ލިއާ ފިނިވާގޮތްވިއެވެ. އުސްކޮށް ހަދާފައިވާ ފާރުގައި ކަނޑު ނޫކުލަ ހުރި އިރު ރަންކުލައިގެ ގޭޓުން އެކަނިވެސް އެ ސުކޫލުގެ ހައިބަތު އަންގާދެއެވެ. އަމީރު އަޙުމަދު ހަޔަރ އެޑިއުކޭޝަންއަކީ ރަށުގެ މަތީ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ފަރާތެއްގެ ހަނދާނުގައި އެޅިފައިވާ އެޑިއުކޭޝަންގެ ގޮތްޕެކެވެ. އަމީރު އަހުމަދަކީ ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގައިވެސް ނަން ހިނގާ މުއްސަންޖެކެވެ. އެ ކުންފުނީގެ ސުކޫލުތައް އެމެރިކާ ފަދަ ގައުމުތަކުގައި ހިންގައެވެ. އޭ.އޭ.އެޗް.އީ އަކީވެސް އެތަނުން އެއް ގޮތްޕެވެ. މަހުޖަނުންނަށް ހާއްސަ ތަނެކެވެ. މާލެ ފަދަ ތަންތަނުން ގިނަ ކުދިން އެ ސުކޫލަށް ކިޔެވުމަށް އާދެއެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ އަގުބޮޑު، ފެންވަރު ރަނގަޅު އެއް ސުކޫލެވެ.
ލިއާގެ އައިޑީ ކާޑު ދައްކާލުމާއެކު ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވައިދިނެވެ. އެތެރެއަށް ވަން އިރު ޝަމްނާ އާއި ޝައުރާ ހުރީ ސޮނި ފައިބާ ވަރުވެފައެވެ. އެވަރަކުން ނިމުނީކީ ނޫނެވެ. މަލްޓި ޕާޕޯސް ހޯލާއި އަރާ ހަމަވިއިރު އަނެއްކާ އެތަނުގެ ދޮރުމަތީ ތިބި މީހުންނަށް އައިޑީ ކާޑު ދައްކަން ޖެހުނެވެ. އެމީހުން އަތުގައި އޮތް ލިސްޓަށް ބަލާލާފައި ލިއާ ވަނުމުގެ ހުއްދަ ދިނެވެ.
ނަސީބަކުން މިވަގުތު ޔުނީފޯމް ނަގަން އައިސް ހުރީ ލިއާ އެކަންޏެވެ. ބްލޯންޑް ކުލައިގެ އިސްތަށިގަނޑެއް ލާފައި ހުރި އަންހެނަކު ލިއާގެ މިން ނަގާ ބެލުމަށްފަހު ޔުނީފޯމްތައް އަޅާފައިވާ މޭޒު ކައިރިއަށް ގޮސް، އެކި ނަންބަރުތައް ޖަހާފައިވާ ޔުނީފޯމުތަކަށް ބަލާފައި، އެތަނުން ޔުނީފޯމެއް ނަގާ ލިއާއަށް ދިނެވެ. އެތަނުން ނިކުތުމުގެ ކުރިން އެމީހުން ދެއްކި ލިއުމެއްގައި ސޮއި ކުރަން ޖެހުނެވެ. އެއީ ޔުނީފޯމް ހަވާލުކުރިކަމުގެ ލިއުމެވެ. އަދި އެތަނުން ކޮޕީއެއް ލިއާއަށް ދިނެވެ.
“މައި ގޯޑް…! ހާދަ ގަވައިދު ބޮޑޭ ދޯ…” ގޭޓުން ނިކުތުމާއެކު ޝައުރާ ބުނެލިއެވެ. “ގަވައިދު ބޮޑަސް ހީވަނީ ހަމަ ރޯޔަލް ސުކޫލަކަށް ވަދެވުންހެން…ނަސީބެއް މިއަދު ލިއާއާއެކީ އާދެވުންކަން…އެހެން ނޫންނަމަ މި ސުކޫލް ނުފެނުނީސް…މިކަހަލަ ތަންތަން ފެނުނީމަ ރަނގަޅަށް ކިޔަވަން އެބަ އިންސްޕަޔަރ ވޭ ހެހެ…މިހާރު ހިތަށް އަރާ އަހަންނަށްވެސް ސްކޯލަރޝިޕް ލިބޭނެ ނަމައޭ…ލިއާ އައެމް ސޯ ޖެލަސް އޮފް ޔޫ…” ޝަމްނާ ހެމުން ވާހަކަ ދެއްކިއެވެ.
“މިހާރު ހިތްވެސް ބިރުގަނޭބަ…އަޑުއެހިން އެ ސުކޫލުގެ މަންތް ފީ އަކީ ފައިވް ތައުޒަން އޭ…ސްކޯލަރޝިޕް ނުލިބުންނަމަ ހުވަފެނަކުންވެސް އެފަދަ ތަނަކުން ކިޔެވުމުގެ ފުރުސަތު ނުލިބޭނެ ކަންނޭނގެ…” ލިއާ ބުނެލިއެވެ. ޝަމްނާ އާއި ޝައުރާވެސް ރަނގަޅަށް ކިޔަވަން ފަށަން ވެއްޖޭ ބުނެލިއެވެ.
ގެޔާއި ހަމަޔަށް ނުދެވެނީސް ވާރޭ އޮއްސާލައިފިއެވެ. ކުޑައިގެ ބޮޑުކަމުން ތިންކުދިންނަށް ހިޔާވެވުނަސް ގެޔާއި ހަމަޔަށް އާދެވެން ވާއިރަށް ކޮންމެސް ވަރަކަށް ތެމުނެވެ. އޭރު ޝަރީފާވެސް ހޭލައިގެން އުޅެއެވެ. ޝަމްނާ އާއި ޝައުރާ ފެނުމުން އާދައިގެ މަތިން އަޑުލައިގަތެވެ. ތަންކޮޅެއް މައިތިރިވީ އެމީހުން ދިޔައީ ކޮން ބޭނުމަކު ކަން ބުނުމުންނެވެ. އެއާއެކު ޝަރީފާވެސް ޝައުގުވެރިކަން ފާޅުކުރީ އެ ޔުނީފޯމް ބަލާލާށެވެ.
ރަބަރު ޕެކެޓަކަށް ލާފައިވާ ޔުނީފޯމް ނަގާ ނިއުޅާލުމާއެކު އެންމެންގެ ދެލޯ ބޮޑުވެގެން އައެވެ. “މި ހީވަނީ މަހުޖަނުންގެ އެއްޗެއްހެން…އާދައިގެ ދޮންނަ މެޝިނުގަނޑުން ދޮންނަން އެކަށީގެންވާ ޔުނީފޯމެއްވެސް ނޫން…” ޝަރީފާ މަޖަލަކަށް ބުންޏެވެ.
ކަނޑު ނޫކުލައިގެ ޖެކެޓަކާއިއެކު އެތެރެއިން ލާން އަތް ދިގު ހުދު ޔުނީފޯމެއް އޮތެވެ. ޔުނީފޯމާއި ޖެކެޓުގެ ޖީބުގައި ސުކޫލު ރަމްޒުކޮށްދޭ ނިޝާން A.A.H.E ޖަހާފައި ވެއެވެ. ދިގު ޓައީގައި ވަނީ ރަތާއި ކަނޑު ނޫކުލައެވެ. ޖެކެޓަށް ބަލާލާފައިވެސް އެއީ ބްރޭންޑެޑް ފޮއްޗަކުން ފަހާފައިވާ އެއްޗެއްކަން ހާމަވެއެވެ.
“މި ލާހިތްވެއްޖެ…ހާދަ ރީއްޗޭ ދޯ…ލިއާ މި ލީމަ ހުންނާނީ ހަމަ ރޯޔަލްއެއްހެން…” ޝައުރާ ބުނެލިއެވެ.
“ތިބަލާ ފިލްމުތަކާ ލަވަތައް ޖަހާފައި ތިކަހަލަ ޔުނީފޯމު ގިނަގިނައިން ލެވޭނެ…ކިޔަވާނެ ކަމެއް ނެތް…ޔުނީފޯމާ އެއްޗެހި ލެވިފައޭ ތިހުރީ…ބޭނުންވާހާ އެއްޗެއް ލިބޭނީ އެކަމަށް ގަދައަޅާ މަސައްކަތް ކޮށްގެން ދޯ…މީހަކަށް ނިއުމަތެއް ލިބުނީމަ ތިމާއަށްވެސް ލިބޭނަމައޭ ކިޔަސް ނުވާނެ…މަސައްކަތް ކޮށްގެން ވާނީ…” ރުންކުރުކަމާއެކު ވާހަކަދައްކަން ފެށި ޝަރީފާ ނިންމާލީ ނަސޭހަތާއެކުއެވެ. ލިއާގެ ކާމިޔާބާމެދު އުފާވިޔަސް ހިތުގެ އެއްކަނެއްގައި މާޔޫސްކަންވެއެވެ. ބަނޑުއަޅާ ވިހޭ ދެދަރިންގެ ފަރާތުން އެފަދަ ރީތިނަމެއް އޭނާއަށް ލިބިފަ ނުވެއެވެ. ލިބުނު ރީތި ނަމެއްވެސް ލިބުނީ ލިއާގެ ސަބަބުންނެވެ. ކޮންމެ ގޮތެއްވިޔަސް ލިއާ ހުންނަނީ ޝަރީފާގެ ބެލެނިވެރިކަމުގެ ދަށުގައެވެ. ލިއާއަށް ލިބޭ ކާމިޔާބަކީ ޝަރީފާއަށް އޭގެ ރީތިނަން ނުލިބި ނުދާނެ ކަމެކެވެ.
“ސަހާދެއް މިބުނީ…އަހަރެން ހިތަށް އަރާ ލިއާ ކިޔަވަން އުޅޭގޮތް ފެނިފަވެސް މިތިބަ ދެ ދަރިންގެ ހިތުގައި ކިޔެވުމަށް ލޯބި ނުޖެހޭބާއޭ…؟” ޝަރީފާ އަނެއްކާވެސް ބުނެލިއެވެ. ޝަމްނާ ތުން ދަމާލަމުން ކުދި ކިޔާލިއެވެ.
“އަހަރެމެން ގޮސްފާނަމޭ މަޖިލިސް މެންބަރަކަށް…މިހާރު ނުކިޔެވިޔަސް މާ ބޮޑު މުސާރަ ލިބޭނެ ގޮތް ގޮތް އޮވޭ…ސިޔާސީ ޕާޓީއަކާ ގުޅުނީމަ ނިމުނީ…” ޝައުރާ ގަސްތުގައި ޝަރީފާ ރުޅިއަރުވަން ބުނެލިއެވެ.
“ހަމަ ހިތަށް އަރާ……” ޝަރީފާ އަތް މަޅާލުމާއެކު ޝައުރާ ހަޅޭއްލަވައިގަނެފައި އެތަނުން ދުއްވައިގަނެއްޖެއެވެ. ދެފަރާތަށް ބޯ ހޫރަމުން ޝަރީފާވެސް ނިކުތީ މަޣުރިބި ވަގުތު ޖެހެން ވާއިރަށް ތައްޔާރުވުމަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Mi part kiyaafa rovijje 😢 Lia ah ehen nahadhaa
Your tears = mission accomplished 😭❤️ but stay with Leah… she’s stronger than you think