Skip to content
އެސްފިޔަ

ނިޢުމަތެކޭ ތިއީ

Listen to this story Audio · 8:53 Powered by Esfiya Voice
0:00 8:53

ނޯޓް: މިވާހަކައަކީ ‘ޕީސީއޯއެސް’ ، ‘އެންޑޯމެޓްރިއޯސިސް’ ނުވަތަ އެހެން ކަހަލަ ބައްޔެއްގެ ސަބަބުން ދަރިން ލިބުމައް ދަތިތައް ކުރިމަތިވެފައިވާ އަންހެނުންނަށް ހާއްސަކޮށް ލިޔެފައިވާ ވާހަކައެކެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގެ ސަބަބުން އެކަހަލަ އަންހެނުންނަށް ހިތްވަރު ލިބި، އައު އުންމީދެއް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

****

ފާހާނާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަހަރެންގެ ނިތުގައި އޮށްދާ ހިތްލަމުން ދިޔައެވެ. ނިޔަފަތިތައް ހެފެމުން ދިޔަ އިރު ދެއަތް ތުރުތުރުލަމުން ދިޔައީ އިންތިހާއަށެވެ. ފަސް ވަރަކަށް މިނިޓް ވަންދެން އަހަރެން މަޑުކޮށްލީމެވެ. އެހާލުގައެވެ. ތުރުތުރުލާ ހާލުގައެވެ. ހިތުގެ ވިންދު ކަންފަތާއި ހަމައަށްވެސް އިވޭ ހާލުގައެވެ. 5 މިނިޓް ވީކަމަށް އަހަރެންގެ ފޯނު ސޯނާވެ އަހަރެންނަށް އަންގާލަ ދިނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަތްދޮންނަ ތަށި ކައިރީގައި އޮތް ޓެސްޓު ކިޓަށް އަހަރެން ބަލާލީމެވެ.

“ނެގެޓިވް…” ހިތާހިތުން އަހަރެންނަށް ބުނެވުނެވެ. ހިތުގައިވީ ކުޑަ ކުޑަ އުންމީދުވެސް ފިލާ ދިޔައެވެ. އަހަރެންނަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. ބަނޑުބޮޑު ވާނޭ ކަމުގެ އުންމީދުގައި އަހަރެން އެދުވަހަަށް އިންތިޒާރު ކުރާތާ މިހާރު 4 އަހަރުވަނީއެވެ. އަދިވެސް އެ ނަސީބުން އަހަރެން މިވަނީ މަހުރޫމް ވެފައެވެ.

މަރުވެފައިވީ ހިތަކާއި އެކު އަހަރެން ފާހާނާއިން ނިކުތީމެވެ. އޭރު އަހަރެންގެ ލޯބިވާ ފިރިމީހާ މާއިން އެނދުގައި އިނެވެ. އަހަރެން ފެނުމާއި އެކު އެދެލޮލުގައި ވިދާލީ އުންމީދުގެ ކުލަވަރެވެ. އަހަރެންގެ ހިތުގައި ރިއްސައިގަތެވެ. ކެއްނުވާ ވަރަށެވެ. އަނެއްކާވެސް އަހަރެން މާއިންއަށް ދޭން އޮތީ ހަމަ އެއްކަލަ ޖަވާބެވެ. “ނެގެޓިވް” އެވެ.

“ކޮބާ ކިހިނެތްވަނީ؟” މާއިން އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެން އިސްޖަހާލީމެވެ. ދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަން ފެށިއެވެ. އެއާއި އެކު މާއިންއަށް ޖަވާބު ލިބުނު ފަދައެވެ. މަޑު އާހެއް އޭނާ ލައްވާލިއެވެ. އެއަޑުގައިވީ ވޭނ އިވި އަހަރެންގެ ހިތް ފިސް ފިސްވީ ފަދައެވެ.

މާއިން އަހަރެންގެ ހަށިގަނޑުގައި ލޯބިން ބައްދާލިއެވެ. އަހަރެންނަށް އޭނާގެ ހަށިގަނޑުގައި ބައްދާލާނެހާވެސް ހިތްވަރު ނުލިބުނެވެ. ކުޑަ މިނުން ބަލާލާނެ ހިތްވަރުވެސް ނުލިބުނެވެ. ދަރިއަކު ބޭނުންވެގެެން މާއިން އުޅޭވަރު އިނގޭނީ ހުދު އަހަރެންނަށެއްނުން ހެއްޔެވެ؟

އިރުކޮޅެއް ފަހުން މާއިން އަހަރެންގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވިއެވެ. އަހަރެން ލޯ މަރާލީމެވެ. “މައި.. މައި.. މައިލާ.. ބަލާބަ އަހަރެންގެ މޫނަށް..” މާއިން ބުނެލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން އަހަރެން ދެލޯ ހުޅުވާލީމެވެ.

“ނުރޮއެ. ހުއްޓާލާ. އަދި އަހަރެމެންނަށްވެސް ދަރިން ލިބޭނެ. ނުރޮއެ. ހުއްޓާލާ…” ކެއްކޮށްފައި އެހެން ބުނަން އުޅުން ނަމަވެސް މާއިންއަށް ރޮވުނެވެ. އަަހަރެންނަށްވެސް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. މާއިންގެ ހަށިގަނޑުގައި ބާރަކަށް ބައްދާލީމެވެ.

ދެން އަހަރެމެން އުޅުނީ ނިދޭ ތޯއެވެ. މާއިންގެ މޭގައި ބޯ އަޅާލައިގެން އޮތް އަހަރެންގެ ލޮލުން ފަހަރަކު ކަރުނަ ތިއްކެއް އަންނަމުން ދިޔައެވެ. އޭނާވެސް ރޯކަން އަހަރެންނަށް އެނގުނީ އިރު އިރުކޮޅުން ނޭފަތް ދަމާލާތީއެވެ. އަހަރެން މާއިންގެ އަތުގައި ފިރުމާލަ ފިރުމާލަ އޮތީމެވެ.

ދަންވަރު 2 ޖަހައިފިއެވެ. އަދިވެސް އަހަރެންނަކަށް ނުނިދެޔެވެ. އަހަރެންނަށް ހަމަ ވިސްނެނީއެވެ. އަހަރެން ތެދުވެ އިށީނީމެވެ. މާއިންގެ މޫނަށް ބަލައިލީ އިރު އޭނާ އޮތީ ނިދިފައެވެ. އޭނާގެ ކޯތާފަތުގައި ހިކިފައި ހުރި ކަރުނަތައް ފެނި އަހަރެންގެ ހިތް މަރުވިއެވެ.

ކަކޫ ގެނެސް މޭގައި ޖައްސާލަމުން އަހަރެން ދަތްދޮޅި ކަކުލުގައި ޖައްސާލީމެވެ. “ޔާ ﷲ … ދަރިން ލިބުމުން މިއަޅާ މަހުރޫމް ނުކުރައްވާފާންދޭ… މިއަޅާއަށް ކުއްޖަކު ލިބޭނެ ގޮތެއް މެދުވެރި ކޮށްދެއްވާފާންދޭ…”

އަހަރެންނަށް ‘ޕީސީއޯއެސް’ ޖެހުން އިރު އުމުރުން އެންމެ 17 އަހަރެވެ. 18 އަހަރުވީ ތަނާހެން އަހަރެން މާއިންއަށް ކައިވެނި ކުރީމެވެ. މިހާރު އަހަރެންގެ އުމުރުން 22 އަހަރެވެ. ކައިވެނި ކުރީންސުރެ އަހަރެމެން މިދަނީ ކުއްޖަކު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ކޮންމެ މަހަކުހެން ޓެސްޓު ކުރެވެޔެވެ. ނަމަވެސް…

‘އައިވީއެފް’ ހަދައިގެން ކުދިން ލިބިދާނެ ކަމަށް ޑަކްޓަރުން ބުނެޔެވެ. އެޔެއްވެސް ޔަގީނެއް ނޫނެވެ. ނަމަވެސް މާއިން ހުރީ އެކަންތައް ކޮށްދޭށެވެ. މައްސަލައަކީ އަގެވެ. އެކަން ކުރާނެ ވަރުގެ ތަނަވަސް ކަމެއް އަހަރެމެންގެ ނެތީއެވެ. ކުރާނީ ކީއްހެއްޔެވެ؟

ދެލޯ ފުހެލާފައި އަހަރެން ތެދުވީމެވެ. ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނިކުތީމެވެ. ހިތާހިތުން ބުނެލީމެވެ. ޑަކްޓަރުންނަކަށް ނުވަތަ ބޭހަކަށް މާތް ﷲ އަށް ވުރެ ގަދައެއް ނުވެވޭނެއެވެ. ބޭސްފަރުވާ އުފެއްދެވި ފަރާތަކީވެސް ހަމަ އެއީއެވެ. ބަނޑުގައި ދަރިން ލެއްވުމުގެ ކުޅަދާނަ ކަންވެސް ވީ ހަމަ އެފަރާތަށެވެ. އަހަރެން ދެން އެދޭނީ މާތް ﷲ ގެ ކިބައިންނެވެ.

އެރެއަށް ފަހު އެންމެ ރެޔެއްވެސް ވައްޓާނުލާ އަހަރެން ދަމު ނަމާދު ކުރަންފެށީމެވެ. އަހަރެންގެ މަގްސަދު ފެނި މާއިންވެސް އަހަރެންނާއި ބައިވެރި ވިއެވެ. ކޮންމެ ރެއަކު އަހަރެންނާއި އެކު ދަމު ނަމާދު ކުރަން ފެށިއެވެ.

ދަމު ނަމާދުގެ އިތުރުން އިތުރު ކަމެއްވެސް ކުރަން ފެށީމެވެ. ކޮންމެ ހުކުރު ދުވަހަކު ރަށުގައި ކުޑަ ކުދިން ގޮވައިގެން އުޅޭ، ނުވަތަ މާބަނޑު މީހުންނަށް ދަރިންނަށް ގަންނަފަދަ އެއްޗެހި ގަނެ އެ އެއްޗެހި ގަނެ ސަދަގާތް ކުރަން ފެށީމެވެ.

މިހާރު އެގޮތުގައި އެކަން ކުރާތާ 3 މަސް ވެއްޖެއެވެ. އެއީވެސް ހަމަ އޭގެ ދުވަހެކެވެ. މިއަދުވެސް އަހަރެން އިނީ އެ އެއްޗެހި ޕާރުސަލް ކުރަންށެވެ. އަހަރެން ގާތުގައި މާއިންވެސް އިނެވެ. “އާހްހް. ވަރުބަލި ވެއްޖެއް. މިއޮށްވާ ހޫނެއްވެސް ދޯ؟” މާއިން ބުނެލިއެވެ. “އަސްލުވެސް. ގޭގަ 3 އޭސީ ހަރު ކުރިޔަސް މި ހޫނު ކަމެއް ނުފިލާނެ ކަންނޭނގެ” އަހަރެންވެސް މާއިންއާއި ބައިވެރި ވެލީމެވެ.

“އިއްޔެ ގައިން އައިސް ކްރީމް ތަށި އިންނާނެއްނުން؟ ދޭބަލަ އައިސް ކްރީމް ކޮޅެއް ގެންނަން” މާއިން އެދުނެވެ. ބޯ ޖަހާލާފައި އަހަރެން ތެދުވީމެވެ. ބަދިގެ ދޮރާއި ހަމައަށް ދެވުންކަން އަހަރެންނަށް އެނގެޔެވެ. ދެން ފެށީ ބޯ އަނބުރާށެވެ. ދޮރުގައި އަހަރެން ހިފީމެވެ. ނަމަވެސް ބޮލަށްވީ ގޮތުން ހުރި ތަނަށް ދެމުނެވެ. “މައިލާ!!” މާއިންގެ އަޑު އެކޯވެލިއެވެ. ފުސްކޮށް އޭނާ އަހަރެން ގާތަށް ދުވެފައި އަންނަތަން ދުށީމެވެ. ދެން ވީ ނުވީއެއް އަހަރެންނަކަށް ނޭނގުނެވެ.

ދެން ލޯ ހުޅުވާލެވުނު އިރު އަހަރެންނަށް ފުރަތަމަވެސް ފެނުނީ ކަންބޮޑުވެ، ހާސްވެފައި އިން މާއިންއެވެ. “އަޅެ މައި ކީއްވެތަ ނުބުނީ ބަލި ވާހަކަ؟ ބުނި ނަމަ އަހަރެން ދިޔައީމުހޭ އައިސް ކްރީމް ބަލާ…” އޭރު މާއިން އިނީ ރޮވެ ނުރޮވޭ ހާލުގައެވެ.

“މައި ބައްޔެއް ނޫނޭ. އެހާ އިރު އިށީނދެ އިނދެފައި ކުއްލިއަކަށް ތެދުވީމަ ވީ ގޮތަކަށް އެވާނީ” ބޮލުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ. އެވަގުތު އެތަނަށް ޑަކްޓަރު އައެވެ. ފުލައް ކައްޓެއް ހެރިގެން ތެދުވާ ބީދައިން މާއިން ތެދުވިއެވެ.

“ޑަކްޓަރު. އަޅުގަނޑުގެ އަންހެނުން ކިހިނެތްތޯ؟” މާއިން އަވަސް އަވަހަށް އެހިއެވެ. “ހާސްނުވޭ” ޑަކްޓަރު މާއިންގެ ކޮނޑުގައި ޖަހާލިއެވެ. “މަރުހަބާ. މައިލާ ބަނޑުބޮޑު. ބަނޑަށް 6 ހަފްތާ”

ޑަކްޓަރުގެ ޖަވާބާއިއެކު ވީ އުފަލުން އަހަރެންނަށް ވަގުތުން ރޮއެގަނެވުނެވެ. މާއިންއަށްވެސް ވީ ހަމަ އެވަރެވެ. “އަލްހަމްދުލިއްލާހި” އޭ ބުނެ އޭނާ ޝުކުރުގެ ސަޖިދަ ޖެހިއެވެ. އެއީ އަހަރެންގެ ހަޔާތައްއައި އެންމެ އުފާވެރި ދުވަސްކަން ޔަގީނެވެ.

9 މަހާއި ނުވަ ދުވަސް ފަހުން އަހަރެން ރަނގަޅު ހާލުގައި ވިހެޔެވެ. އަހަރެންގެ ފުރާނަ ރޯލި އަޑު އިވުމާއި އެކު ވިހެއުމުގައި އެޅި ހުރިހާ ވޭނެއް މަތިން ހަނދާން ނެތުން ފަދައެވެ. “މަރުހަބާ. ފިރިހެން ކުއްޖެއް” ޑަކްޓަރު ބުނެލި އަޑަށް އަހަރެންގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅައިގަތެވެ.

އަހަރެންގެ ދަރިފުޅު ގެނެސް ޑަކްޓަރު އަހަރެންގެ މޭމަތީގައި ބާއްވާލިއެވެ. ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތުގައި އެދަރިފުޅަށްޓަކައި ލޯބި އުތުރި އަރައިގަތެވެ. ލޯބި ފުއްގަނޑެއްފަދަ ކުއްޖެކެވެ. ބޮޑު ދެލޮލާއި ކުޑަ ތުންފަތެއް ލިބިފައި ވިއެވެ. އަހަރެން އެދަރިފުޅުގެ މަޑު ކަފަކޮޅެއްފަދަ އަތުގައި ހިފާލީމެވެ. އެއާއި އެކު އެކުއްޖާ ލޯ ހުޅުވާލިއެވެ. މަޑުމަޑުން ދޫ ނެރެލަ ނެރެލަ އަހަރެންނާއި ދިމާލަށް ބަލަން އޮތެވެ. “މަންމިގެ ފުރާނަކޮޅު. ތިއީ މަންމަގެ ދިރިހުރުން. މާތް ﷲ މަންމިއަށް ދެއްވި އެންމެ ބޮޑު ނިޢުމަތް” އަހަރެން އެދަރިފުޅުގެ ނިތުގައި ބޮސްދިނީމެވެ.

(ނިމުނީ)

މިފަދަ ބައްޔެއް ނުވަތަ ދަތިކަމެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބުނެލަން އޮތީ، ދުވަހަކުވެސް އުންމީދު ކަނޑާނުލާށެވެ. މާތް ﷲ ގެ އެއީ އެންމެ މަތިވެރި، އެންމެ ރަހީމުވަންތަ ރަސްކަލާނގެ. ތިޔަ ކުރާ ދުޢާތަކާއި ކުރާ ހިތްވެރު ބޭކާރުވެގެން ނުދާނެކަން ކަށަވަރެވެ. ކޮންމެ ދަތިކަމަކަށް ފަހު ފަސޭކަމެއް ވާނެކަން ގަބޫލުކޮށް، ކެތްތެރިކަމާއި އެކު ދުޢާ ކުރުމުގައި ދެމިހުންނާށެވެ. ކޮންމެ ކަމަކަށްވެސް ކަނޑައެޅިފައިވާ ވަގުތެއް ވެއެވެ. އެވަގުތު ޖެހުމުން މާތް ﷲ ތި ހިތަށް ބަޔާން ނުކުރެވޭ ފަދަ އުފާވެރި ކަމެއް ދެއްވާނެއެވެ. އިންޝާ ﷲ 🫶🏻

Comments (6)

  1. aanaa

    masha allah mi vaahaka vs vrhh reethi
    vrh iburaitheri kuru vhk eh
    mikhala kuru vhk akh vrh inthizaar kurevey
    lyyy🫶🏻

    1. shihaamaa ali
      aanaa

      Jazaakallah khairan aanaa 🩶🫶🏻
      In sha allah adhi liyedheynan one soon in sha allah
      Likewise🫶🏻

  2. Anonymous

    Hi shiherr.
    When is vaatheehithaku loabi manman vefaa?
    And by the way u said vafaatheri maveemey ge S2 vaatheehithaku loabi manman vefaa ge fahu nehlaana mey dhw.
    Vaatheehithaku loabi manman vefaa nimeneetha???????

    1. shihaamaa ali
      Anonymous

      Hiiii
      In sha allah vaathy hithaku loabi manmanvefaa geness dheynan haweer kommes iraku.. or tn.. mostly hama hawerr..
      Yess vafaatherimavymey s2 genessdheyneee after vaathy hithaku loabi manmanvefaa..
      Nop, adhi there is a lot to happen e story ga.. not even close to finish

  3. Lamtty

    Allahumma baarik…This is so touching 😭 ❤️‍🩹

    1. shihaamaa ali
      Lamtty

      🥹🥺🩶

Comments are closed.