Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 35

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
May 1, 2026 10 Mins Read
10 Comments

“ޔާން..” ބޮޑު ވާހަކައެއް ބުނަން އުޅޭ ފަދަ ގޮތަކަށް ލައިނީ ގޮވައިލުމާ އެކީ ޔާނިއުގެ ހުރިހައި ހިއްސުތަކެއް ތައްޔާރުވެލިއެވެ. ލައިނީގެ ދެއަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޔާނިއު ބޯޖަހައިލީ ބުނާށޭ ބުނާ ފަދަ ގޮތަކަށެވެ. އެއާއެކު ލައިނީ ފުން ނޭވާއެއް ދޫކޮށްލަމުން އަނގަ ހުޅުވައިލީ ދެ އަހަރު ވާންދެން އެހިތުުގައި ފޮރުވިފައިވީ ސިއްރުތަކާއި، ޝަކުވާތައް ޔާނިިއުގެ ކުރިމަތީގައި ބަންޑުންކޮށްލުމަށެވެ.

ހިތްވަރުކޮށްލާފައިި ހިތުގައިވީ ވާހަކަތައް ޔާނިއު ގާތު ބުނަން ލައިނީ ހުޅުވައިލި އަނގަ ލައްޕައިލަން ޖެހުނީ އެވަގުތު ގެއަށް ވަން ނާއިފް ފެނުމުންނެވެ. ނާއިފްގެ ނުރައްކާތެރި އެންމެ ބަލައިލުމަކުން ލައިނީގެ މުޅި ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ، ދާދި ދެންމެއަކައި ޖެހެން ދެން ކުރެވުނު ހުތްވަރު ވަދެ ފިލީ ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ.

“ލައި..” އެއްވެސް އެއްޗެކޭ ނުބުނެ ލައިނީ އިސްޖަހައިލުމާއެކީ ޔާނިއުގެ ކަންބޮޑުވުން ވީ އިތުރެވެ. ލައިނީގެ މޫނުގައި ދެއަތުން ހިފަހައްޓައިލާފައި ތަކުރާރުކޮށް ވީ ގޮތް ޔާނިއު އަހަމުން ދިޔަ ނަމަވެސް ލައިނީ އިން ގޮތަށް އިސްޖަހާލައިގެން އިނީއެވެ. އަހާ އަހާ ވެސް ލައިނީ އެއްޗެކޭ ނުބުނުމުން ޔާނިއު ވެސް އެންމެ ފަހުން ސުވާލުކުރުން ހުއްޓައިލާފައި އެ ދެއަތުގެ ތެރެއަށް ލައިިނީ ގެނައެވެ. އެ ވަރުގަދަ ދެއަތް ލައިނީގެ ތުނި ހަށުގަނޑުގައި ވަށައިލެވިފައިވީ އިރު ވެސް އެހިތުގައި ލައިނީއަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ ބިރު އޮތެވެ.

*** ** ***

ތަނަވަސް އޮފީހެއްގެ މޭޒުދޮށުގައި އިށީނދެ އިނދެ ކޮމްޕިޔުޓަރު ކީބޯޑުގައި ފަރިތަކަމާ އެކީ އެއްޗެއް ޓައިޕްކުރަމުން ދިޔަ އަންހެންކުއްޖާގެ ސަމާލުުކަން ވަނީ އެކުގައި މޮނީޓަރަށް ހުއްޓިފައެވެ. ލާފައި ހުރި ގަޔަށް ބާރު ގަމީހާއި، ބާރު އޮފީސް ސްކަރޓުން އެއީ ޒަމާނީ ފެށަނަށް ލޯބިކުރާ ކުއްޖެއްކަން އެނގެއެވެ. މޫނުމަތީގައި ކޮށްފައިވާ ގަދަ މޭކަޕާއެކު، ކޮނޑާ ހަމައަށް އަރާ ފަށުވިކޮޅެއްހައި ފަން އިސްތަށިގަނޑު ވަނީ މަޑު މުށިކުލައަކުން ހައިލައިޓްކުރެވިފައެވެ. ނިކަން ހަމަޖެހިލައިގެން އިން އިރު، ދުނިޔެމަތީގެ އެއްވެސް ކަމަކައި ފިކުރުކުރާހެން ހިޔެއް ނުވެއެވެ.

“ނިމް!!” އެވަގުތު އޮފީހުގެ ދޮރު ހުޅުވައިލާފައި ވަދެގެން އައި ފިރިހެނާ ފެނުމުން ނިމްޝާ އެދިމާއަށް ބަލައިލިއެވެ. އިސާހިތަކު އެ މޫނުމަތިން ދެންމެ ފެނުނު ހިތްހަމަޖެހުމުގެ ކުލަވަރު ފިލައިދިޔައީ އެ ފިރިހެން މީހާގެ މޫނުމަތިން ފެނުނު ހާސްކަމުގެ ކުލަވަރުންނެވެ.

“ދޮންބޭ.. ހާދަ ހާސްވެފަ.. ކިހިނެއްވީ..؟” ގޮނޑިން ތެދުވަމުން ނިމްްްޝާ އަހައިލުމާއެކީ ނާއިފް އެ އޮފީސްތެރޭގައި ހުރި ސޯފާއަށް ވެއްޓިގަތެވެ.

“ނިމް.. ލައިނީގެ އަނގަ ކޮންމެވެސް ގޮތަކުން ބަންދުކުރަން އެބަ ޖެހޭ..” އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ނާއިފް ބުނެލި ވާހަކައިން ނިމްޝާއަށް ދެލޯ ކުޑަކޮށްލެވުނެވެ.

“ދޮންބެ މާ ބޮޑަށޭ ތި ހާސްވަނީ.. މި ވޭތުވެގެން ދިޔަ ދެ އަހަރު ތެރޭ ވެސް ލައިނީގެ ފަރާތުން ކަމެއް ނުވެއެއްނު.. އެހެންވީމަ ހާސްވާން ޖެހޭކަމަކަށް އަހަންނަކަށް ނުފެނޭ..” ނިމްޝާގެ ވާހަކަ ހުރީ ނާއިފްގެ ޚިޔާލާ މުޅީން އިދިކޮޅަށެވެ.

“ނޫނެކޭ! މިއަދު ވެސް އަހަންނަށް ވަގުތަށް ގެއަށް ނުދެވުނު ނަމަ ލައިނީ ޔާނިއުގެ ގާތު ބުނީސް.. މުޅި ގޭގެ އެތަން މިތާ އެންމެނަށް ސިއްރުން ކެމެރާ ހަރުކޮށްގެން، ކިރިޔާ ވެސް ލައިނީގެ ފަރާތުން ޝައްކުވާ ކަމެއް ހަމަ ފެންނަ އިރަށް ހުރިހައި ކަމެއް ދޫކޮށްލާފަ ގެއަށް ގޮސް އޭނައަށް އިންޒާރުއަޅަމުން އަހަންނަށް މުޅި ދުވަހު އުޅެވޭނެތަ..؟ މިހެންނެއް ދެން މިކަމެއް ނުވާނެ!” ނާއިފްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.

“ލައިނީ ޔާނިއު ނޫނީ ރައިހާން ގާތު އެއްވެސް ވާހަކައެއް ބުނާ ހިސާބުން ފެށިގެން ރައިހާންއަށް ކަމެއް ކުރެވުުގެ މާ ކުރިން އަހަރެމެންނަށް އެކަން އެނގޭނެ.. އަހަރެމެން ޖެހޭނީ ހަމަ އެންމެ ފޯނެއް ކޮށްލަން.. ރައިހާންގެ ދުލުން ލިވްޔާގެ ނަން ކިޔައިލެވުމުގެ ވެސް ކުރިން ލިވްޔާގެ ފުރާނަ ދުނިޔެއަށް އަލްވަދާޢު ކިޔާނެ..” ނިމްޝާ ކިތަންމެ ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އެހިތުގައި ވެސް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވިއެވެ.

“ލިވްޔާ މަރާލައިގެން އަހަރެމެންނަށް ވާނެ ފައިދާއެއް މިހާރު ނޯންނާނެ! އޭރު ވެސް އަހަރެމެން ލިވްޔާާ ޔޫޒް ކުރީ އޭ.އާރް މެމޯރިއަލްސް ބިމާހަމަކޮށްލަން.. މިއަދު ލިވްޔާއަށް ގޮތެއް ވެގެން ރައިހާންއަށް ހަގީގަތް ފަޅާއަރައިފިއްޔާ ޖަލަށް ދާން ޖެހޭނީ އަހަރެމެން ދެމީހުންނޭ!” ނިމްޝާ މާ ހަމަޖެހިފައި ހުރިހެން ހީވެ، ނާއިފްގެ ރުޅިގަނޑު ވީ ހައްތަހައި ގަދައެވެ.

“ދެން އެހެންވީރު ޔަލާ ކިޑްނެޕްކޮށްފައި ލައިނީއަށް ބިރުދައްކައިލާ.. ނޫނީ ލައިނީ މަރައިލާ! ލައިނީއާ އެކީ ލިވްޔާގެ ވަސް ވެސް ފުހެލާނީ! އޭރުން ހުރިހައި ބިރެއް ކެނޑުނީނު!” ނިމްޝާގެ އަޑު ވެސް ބާރުވެގެން އައީ ކުއްލިއަކަށެވެ. އެއާއެކު ސިހިފައި ނާއިފަށް ނިމްޝާއާ ދިމާއަށް ބަލައިލެވުނީ ނިމްޝާ އެހައި ބޮޑު ވާހަކައެއް އެފަދަ ގޮތަކަށް ބުނުމުން ގަބޫލުނުކުރެވިފައި ހުރެއެވެ. އެހައި ފާޅުކަންބޮޑު ގޮތެއްގައި މީހަކު މަރައިލާ ވާހަކަ އޭނާގެ ލޯބިވާ ކުޑަކުޑަ ކޮއްކޮ ދެއްކުމުން ނާއިފަށް ގަބޫލުކުރަން އުނދަގޫވީއެވެ. ލިވްޔާއާއި ލައިނީ ރަހީނުކުރި އިރު ވެސް، މަރައިލާނަމޭ ކިޔައި ކިތަންމެ އިންޒާރެއް ދިނަސް ހަގީގަތުގައި އެކަން ކުރުމަކީ އެމީހުންގެ ރޭވުމުގައި ހިމެނިފައި އޮތް ކަމެއް ނޫނެވެ. އެހެނަސް މިއަދު އެއްވެސް ޖެހިލުންވުމެއް ނެތި ނިމްޝާ އެފަދަ ވާހަކައެއް ދެއްކުމުން ނާއިފް ހައިރާންވީއެވެ.

“ކިހިނެއްވީ..؟ ދޮންބެ ހާސްވީތަ..؟ ދޮންބެއަށް ނުކެރޭނެތަ..؟” ނާއިފްއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ނިމްޝާ އަހައިލި އިރު އެ އަޑުގައިވީ ނުރައްކާތެރިކަމެވެ.

“އެހެންނެއް ނުބުނަމެއްނު.. އެކަމަކު މިތާ ތިހައި ފާޅުކަން ބޮޑުކޮށް އެހައި ބޮޑެތި ވާހަކަ ނުދައްކާ! އަދި މީހުން މަރާ ހިސާބަށް ދާކަށް ނުވޭ.. ނިމްޝާއަށް އެނގޭތަ އެބަ ތި ކިޔޭ އެއްޗެއް؟ މީހަކު މަރައިލުމަކީ ކިހައި ބޮޑު ކަމެއްކަން އެނގޭތަ؟ ވިސްނޭތަ ތި ގަމާރު ސިކުނޑިއަށް؟” ނާއިފްގެ އަޑުގައިވީ ހިތްހަމަނުޖެހުމުން ނިމްޝާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ފަދައެވެ.

“މީހުން މަރާ ހިސާބަށް ދާކަށް ނުވޭ؟ ދޮންބެ ހީކުރީ ގޯސްކަމަކަށް ވަނީ ހަމައެކަނި މީހުން މެރީމަ ކަމަށްތަ؟ ޑޭޑް ބުނުއްވައިގެން ރައިހާންގެ ކޮމްޕެނީ ފުނޑައިލަން ރައިހާންގެ ދައްތައާ ކައިވެނިކޮށްގެން ކުއްޖަކު ހޯދާފައި، އަނބިމީހާއަށާ ދަރިފުޅަށް ހިތުހުރިހައި ގޮތެއް ހެދުން ނުވޭތަ ގޯސްކަމަށް..؟ ރައިހާންގެ ކޮމްޕެނީގެ އަގު ވައްޓައިލަން ލައިނީ ބަނޑުބޮޑުއިރު ކިޑްނެޕްކޮށްފައި، ދަރިފުޅު މަރައިލާނަމޭ ކިޔައި ބިރުދެއްކުން ވެސް ހަމަ އޯކޭ؟ އެ ގޯސް ކަމެއް ނޫން؟ މާބަނޑު ދައްތައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން މުޅި އުމުރަށް ލޯބިވާ އެންމެންނާ ދުރަށް ދާން ލިވްޔާއަށް މަޖުބޫރުކުރުވި އިރު އެއީ ވެސް ގޯސް ކަމެއް ނޫން ދޯ؟ ދޮންބެ ހިތުން ގޯސް ކަމަކަށް ވާނީ ހަމައެކަނި މީހެއްގެ ގައިން ލޭ އޮހޮރުވައިލީމަ!” އަދަށް ލެވުނުހައި ބާރެއް ލާފައި ނިމްޝާ ދެއްކި ވާހަކައިން ނާއިފްގެ ރުޅިގަނޑު ވެސް ފަޅައިގެން ދިޔައެވެ.

“އާޗާ! އެހެންވީމަ ހުރިހައި ކަމެއް މި އެޅުނީ އަހަރެންގެ ބޮލުގަ ދޯ؟ ނިމްޝާ ކުރި އެއްވެސް ކަމެއް ނެތް މިޔަކު! ބަލަ ލައިނީއާ ލިވްޔާ ކިޑްނެޕްކޮށްފައި، ލިވްޔާ ޔޫކޭއަށް ފޮނުވައިލީ އަހަރެން އެކަނި ކުރި މަސައްކަތުންތަ؟ ޑޭޑް ބުނުއްވައިގެން އެ އާއިލާގެ މީހަކާ ހިތާވީ ވެސް މަ އެކަނި ދޯ؟ ނިމްްޝާ ރައިހާންއާ ތަތްވެގަނެގެން އުޅެއުޅެފަ ދިޔަޔަސް އަހަންނަކަށް އެ ޗޮއިސްއެއް ނެތޭ! އޭރު ވެސް މައިތިރިވެގެން ރައިހާންއާ ކައިވެނިކޮށްގެން އަޑިއަޑިން ކޮމްޕެނީގެ ކަންތައް ހޯދަން އުޅުނު ނަމަ މިއަދު ލިވްޔާގެ ވާހަކަ މިތާ ދައްކަކާކަށް ނުޖެހުނީސް! އޭރު ވެސް އެވަރަށް އަހަރެން ބުނީމަ ވެސް ތިމާއަށް ފެނުނު ގޮތް އެއީ އެންމެ މޮޅު ގޮތް ކަމަށް ހަދައިގެން ރައިހާންއާ ރުޅިވެގެން ދިޔައީ! ހިތުން ނިމްޝާ ދިޔައީމަ ރައިހާން އުމުރުދުވަހު މީހަކާ ހިތާނުވެ ހުންނާނެ.. ކޮމްޕެނީ ވެސް އަޑިއަޅައިލާނެ.. އެކަމަކު އެހެން ވިތަ؟ އެހެންވީމަ ދެން ވެސް ތިމާއަށްވުރެ ބޮޑެތި މީހުން ބުނާ ގޮތް ހަދައިގެން އުޅެން ދަސްކުރޭ!” ސޯފާއިން ތެދުވި ގޮތަށް ނާއިފް ބުނެލި ވިހަ ބަސްތައް އަމާޒުވީ ކުރިމަތީގައި ހުރި ނިމްޝާއަށެވެ.

“ވަރަށް މޮޅު ވާހަކައެއް ތި ބުނެލީ! އެދުވަހު އަހަރެން ރައިހާންއާ އިނދެގެން ހަތަރު ފަސް ދަރިން ހޯދައިގެން އުޅުނު ނަމަ އަހަންނަށް ވެސް ޖެހޭނީ ތި ހާލު! ދޮންބެ ރީނާއާ އިނދެގެން ދަރިއަކު ހޯދައިގެން ކޮމްޕެނީތެރޭގަ މަސައްކަތް ކުރާތާ އެތައް އަހަރެއްވީ އިރުވެސް ތިބުނާ ކޮމްޕެނީގެ މައުލޫމާތެއް ނުހޯދުނެއްނު! ދޮންބެއަށް ވަކި ވީ ކަމެއް އެބަ އޮތްތަ؟ ކުރެވުނުހައި ވެސް ކަމަކީ އެމީހުންގެ ލާރިން ކައިގެން ބޮއެގެން، އެމީހުންނާ އެއް ފުރާޅެއްގެ ދަށުގަ އުޅެގެން، ރައިހާންއާ ރީނާގެ މެދުގައި އޮތް ގުޅުން ހަރާބުކޮށްލާފައި އެވަރުން ނުވެގެން ޑޭޑްގެ ކުށްވެރިއެއްގެ ލޭ ހިނގާ ދަރިއެއް މި ދުނިޔެއަށް ގެނައުން! މިއަދު ވެސް ޑޭޑް ބޭނުންވި ކަންތައް އަހަރެމެންނަށް މި ކޮށްދެވުނީ އަހަރެން ކުރި މަސައްކަތުން! އަހަރެން ދިން ޚިޔާލުން!” ނިމްޝާ ވެސް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރިއެވެ. އެއާއެކު ކުރިމަތީގައި ހުރި ނާއިފަށް ކެތް ނުކުރެވިގެން އަތް އުފުލައިލި ގޮތަށް، އެ އަތްތިލައިގެ ނިޝާން އެރީ ނިމްޝާގެ ކޯތާފަށެވެ. އެއާއެކު ކޯތާފަތަށް އެރި ގަދަ ދިލައިން ނިމްޝާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، އަމިއްލަ އަތްތިލަ ގެނެސް ކޮލުގައި ޖައްސައިލެވުނެވެ.

ކުރެވުނު ކަންތައް އިހުސާސްކުރެވުމާ އެކީ ނާއިފްގެ ދެލޯ ބޮޑުވެގެން ދިޔަ އިރު އަމިއްލަ އަތްތިލައަށް ބަލައިލެވުނީ ގަބޫލުނުކުރެވިފައި ހުރެއެވެ. އެ އަތުން އޭނާގެ ލޯބިވާ ކޮއްކޮގެ ގައިގައި ޖެހިއްޖެއެވެ. ގަބޫލުނުކުރެވިފައި ހުރެ ނާއިފް ނިމްޝާއާ ދިމާއަށް ބަލައިލާފައި ވަގުތުން ނިމްޝާއާ ގާތަސް ފިޔަވަޅެއް އަޅައިލިއެވެ. އަދި ރޮވިފައި ހުރި ނިމްޝާ އެ އަތުތެރެއަށް ގެނެސް ލޯބިން އެތައް ފަހަރަކު މަޢާފަށް އެދެމުން ދިޔައެވެ.

“އައިމް ސޯ ސޮރީ ނިމް.. ދޮންބެ ގަސްތަކު ނޫން.. ސޮރީ..” ނިމްޝާ ގައިގައި ޖައްސާލައިގެން ހުރެ ނާއިފް ތަކުރާރުކޮށް ބުނަމުން ދިޔުމާއެކީ ނިމްޝާ ވެސް އިތުރަށް ރޮވިފައި ހުރެ ނާއިފްގެ މޭތެރޭ ބޮނޑިވެލީ ކުޑަކުއްޖަކު ފަދައިންނެވެ.

ދެބެން އެކަކު އަނެކަކު އަތުތެރޭގައި ތިބި އިރު، އެދެމީހުން އެކަކު އަނެކަކު ދެކެވާ އެއްބަނޑުއެއްބަފާވަންތަކަމުގެ ލޯބި، އެހެން މީހުން ވެސް ވާނެކަން ހަނދާން ނެތް ފަދައެވެ. ރައިހާންއާ ރީނާގެ މެދުގައި އޮތް ލޯބިވެތި ގުޅުން ޚަރާބު ކޮށްލި އިރު، އެދެމީހުން ވެސް އެކަކު އަނެކަކު ދެކެ ހަމަ އެހައި ލޯބިވާނެކަން ހަނދާނެއް ނެތެވެ. ލައިނީއާ މުޅި އުމުރަށް ވަކިވާން ލިވްޔާއަށް މަޖުބޫރުކުރުވި އިރު، ލައިނީއާއި ލިވްޔާ ވެސް އެކަކު އަނެކަކު ދެކެ އެވަރަށް ލޯބިވާނެކަން ނިމްޝާއަށާ ނާއިިފަކަށް ނުވިސްނުނެވެ. ބަދަލުހިފުމުގެ ރޭވުމެއްގެ ތެރެއިން ރީނާއާ ކައިވެނިކޮށް، މިއަދާ ހަމައަށް ވެސް ރީނާއަށް އެތައް ގޮތަކަށް އަނިޔާ ދެމުން ދާ އިރު، އެއީ ވެސް މީހެއްގެ އެއްބަނޑުއެއްބަފާ ދައްތައެއްކަން ނާއިފް ހަނދާނުގައި ނެތް ފަދައެވެ. މީހަކު ނިމްޝާއާ ދޭތެރޭ އެގޮތަށް ކަންތައް ކޮށްފި ނަމަ އޭނާ ވާނެ ދެރަ، ރީނާއަށް ޓަކައި ރައިހާން ވެސް ވާނޭކަން ނާއިފަށް ރޭކައި ވެސް ނުލައެވެ. ޢާއިލީ ގުޅުމާއި، ލޯތްބާއި، ރަޙުމާއި ކުލުނު އެމީހުންނަށް އިހުސާސްކުރެވޭ ފަދައިން އެހެން މީހުންނަށް ވެސް އިހުސާސްކުރެވޭނެކަން ކުޑަކޮށް ވެސް ވިސްނުމުގައި ނެތެވެ.

*** ** ***

އެރޭ އޮފީހުން އައިސް ފެންވަރާ ތާޒާވެލައިގެން ރައިހާން އާއި ޔާނިއު ވެސް ކެއުމުގައި އެންމެންނާ ބައިވެރިވިއެވެ. ޔާނިއު ފެނުމާ އެކީ ލައިނީގެ އުނގުގައި އިން ޔަލާ ބައްޕީއޭ ކިޔައި ލައިނީގެ އުނގުން ފުންމާލައިގެން ގޮސް އެރީ ޔާނިއުގެ އުނގަށެވެ. ޔަލާގެ ދޮންދޮން ކޯތާފަތަށް ދޮނެއް ދެމުން ޔާނިއު ލައިނީގެ އަތުގައި އޮތް ޔަލާގެ ކާތަށި އަތުލާފައި ޔަލާއަށް ކާންދޭން ފެށީ، ލައިނީ ގާތު ހަމަޖެހިގެން ކެއުމަށް ބުނަމުންނެވެ. އެރޭ މޭޒުދޮށުގައި މުޅި ޢާއިލާ ހަމައަށް ތިބި އިރު ތަން ފަޅުފިލައިފާ ވަނީ ޔަލާ އާއި ރިއާގެ ލޯބިލޯބި ވާހަކަތަކުންނެވެ. އެދެކުދިން އެއްކުއްޖަކު އަނެއްކުއްޖަކާ ދައްކަމުން ދިޔަ ވާހަކައާ ބޮޑެތި މީހުން ވެސް ބައިވެރިވަމުން ދިޔަ އިރު، މާހައުލުގައި ވަނީ ހަމަޖެހުމާއި އުފާވެރިކަމެވެ. އެހެނަސް، ނޭނގޭ ކަމަށް ހެދިގެން ތިއްބަސް، އެ އުފާވެރިކަމުން ބައެއް މަދުކަން ހުރިހައި އެންމެނަށް ވެސް އެނގެއެވެ.

އެރޭގެ ކެއުން ނިންމައިލުމަށް ފަހު ޔަލާއާއި ރިއާ ގޮވައިގެން ރައިހާން ޓެރަހަށް އެދެކުދިން ކުޅެން ގެންގުޅޭ ކުޅޭ ސާމާނު ހިފައިގެންނެވެ. އެ ތަނަވަސް ޓެރަހުގެ ތިރީގައި ޕިކްނިކް ބްލޭންކެޓެއް ރައިހާން އަޅައިދިނުމުން ޔަލާ އާއި ރިއާ އުފަލުން ބްލެންކެޓް މަތީގައި އެކުދިންގެ ކުޅޭ ސާމާނުތައް އަތުރައިލިއެވެ. ކުޅޭ އެއްޗެހިތައް އަތުރައިލާފައި ރައިހާންގެ އަތުގައި ހިފައިގެން ގެނެސް ބްލެންކެޓް މަތީގައި ބޭންދީ، ރައިހާން ވެސް އެ ސަކަރާތުގައި ބައިވެރިކުރުވުމަށެވެ. ޔަލާ އާއި ރިއާ ހިތްހަމަޖައްސައިދިނުމަށް ރައިހާން ވެސް އެއްވެސް ޝަކުވާއަކައި ނުލައި އެ ދެކުދީންގެ ކުޅުމާއި ސަކަރާތުގައި ބައިވެރިވިއެވެ. ޓެރަހަށް ދީފައިވާ ރީތި ހަނދުވަރުންނާއި، ވަށައިގެންވީ ގަސްތަކާއި މާތަކުގެ ފުރިހަމަކަމުން ރިއާ އާއި ޔަލާ އިތުރަށް އުފާވެފައި ތިބިހެން ހީވެއެވެ.

އެވަގުތު ޓެެރަހަށް އައި ލައިނީ އާއި ޔާނިއު ތިބީ ބޭރަށް ދާން ތައްޔާރުވެގެންނެވެ. މިރެއަކީ ރައިހާންއާ ޔަލާ ހަވާލުކޮށްފައި އެދެމީހުން އެކަނި ބޭރަށް ދާން ހަމަޖެހިފައި އޮތް ރެއެވެ. އެކުގައި އެކަނި އެފަދަ ވަގުތުކޮޅެއް ހޭދަނުކުރާތާ ދުވަސްތަކެއް ވެފައި ވާތީ، ލައިނީ އާއި ޔާނިއު މިރޭ ބޭރަށް ދާން ނިންމީ ރައިހާންގެ ވެސް އެދުމުގެ މަތިންނެވެ. ޔަލާ ނިންދަވަން ތައްޔާތުކޮށްލާފައި ރައިހާންއާ އެކީ ޓެރަސްމައްޗަށް ފޮނުވައިލީ ވެސް އެހެންވެއެވެ.

“އޯމައިގޯޑް މަންމީ ޔޫ ލުކް ސޯ ޕްރިޓީ!! މާޝާﷲ!” ލައިނީ ރީތިވެލައިގެން ހުރި މަންޒަރު ފެނުމުން ހުރިހައި ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އިނދެ ޔަލާ އޭނާގެ ތުއްތު އަޑުން ބުނެލިއެވެ.

“ތެންކްޔޫ ދަރިފުޅޫ..” ހިނިތުންވެލާފައި ޔަލާ ކައިރިއަށް ތިރިވެލާފައި އެ ނިތުގައި ބޮސްދެމުން ލައިނީ ބުނެލިއެވެ.

“ދެން ބައްޕި ރީއްޗެއް ނޫންތަ..؟” ދެލޯ ހަނިކޮށްލާފައި ސަމަސާ ރާގަކަށް ޔާނިއު އަހައިލުމާ އެކީ ޔަލާގެ މައުސޫމު ހުނުމުގެ އަޑު އިވިލިއެވެ.

“ބައްޕި ވެސް ރީއްޗޭ! އެކަމަކު މަންމި މިރޭ މާ ލޯބި!” ޔަލާ އެހެން ބުނުމާއެކީ ޔާނިއު ދެރަވާކަމަށް ހަދާފައި އިސްދަށަށް ޖަހައިލިއެވެ.

“އިޓްސް އޯކޭ ޔާން ކުޑޭ! އައި ތިންކް ޔޫ ލުކް ވެރީ ހޭންޑްސަމް!” ހިނިތުންވަމުން ރިއާ ބުނެލުމާ އެކު ޔާނިއު ހީލާފައި ރިއާ ގެނެސް މޭގައި ޖައްސައިލާފައި، އެ ކޯތާފަތަށް ދޮނެއް ދިނެވެ.

“އެހެންވެޔޭ ކުޑޭ ރިއްކޮ ދެކެ އެހައި ލޯބި ވަނީ!” ރިއާގެ ކޮލުގައި މަޑުމަޑުން ހިފައިލަމުން ޔާނިއު ބުނެލުމާ އެކީ ރިއާގެ ހިނިތުންވުން ވެސް ފުޅާވިއެވެ. ދުވަހަކު ވެސް އަމިއްލަ ބައްޕަގެ ފަރާތުން އެފަދަ ލޯތްބާއި ކުލުނުގެ ޒައްރެއް ވެސް އިހުސާސްކުރެވިފައި ނުވާތީ، އެހައި ކުޑަ އިރު ވެސް ރިއާގެ މައުސޫމު ހިތުން ރައިހާން އާއި ޔާނިއުއަށް ދެވިފައި ވަނީ މާތް، މަތިވެރި ދަރަޖައެކެވެ.

“ދޫނި.. މަންމިމެން އަންނާނަން އިނގޭ ވަރަށް އަވަހަށް.. ރެން ދޮންބެ ބުނާ ބަސްއަހައިގެން ހުންނައްޗޭ.. ތީ މަންމިގެ ބަސްއަހާ ކުއްޖެއްނު ދޯ..؟” ޔަލާގެ ކޮލަށް ދޮނެއް ދެމުން ލައިނީ ބުނެލުމާ އެކީ ޔަލާ ބޯޖަހައިލިއެވެ.

“ރެން ދޮންބެ ބުނާ އިރަސް ޓޯއީސް ބާސްކެޓަށް އަޅާފަ ނިދަން ދައްޗެ އިނގޭ..” ޔަލާގެ ކޮލުގައި މަޑުމަޑުން ހިފައިލަމުން ޔާނިއު ބުނެލުމާ އެކީ ޔަލާ މިފަހަރު ވެސް ހަމައެކަނި ބޯޖަހައިލީއެވެ. ޔާނިއު އާއި ލައިނީ ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ބޮޑަށް ޔަލާގެ ސަމާލުކަން ހުއްޓިފައި ވަނީ އޭނާގެ ކުޅޭ އެއްޗެއްސަށެވެ.

“ދެން ދެމީހުން ދޭބަލަ އަވަހަށް.. އަހަރެން ލާލަ ބަލާނަމޭ.. ހޭވް ފަން!” އެއްލޯ މަރައިލަމުން ރައިހާން ދިމާކޮށްލުމާ އެކީ ލައިނީ ލަދުގަތް ނަމަވެސް، ޔާނިއު ލައިނީގެ އަތުގައި ހިފައިގެން ހެމުން ހެމުން ޓެރަހުން ނުކުތެވެ.

ޔާނިއު އާއި ލައިނީ ލޯމަތިން ގެއްލުމާ އެކީ ރައިހާންގެ މޫނުމަތީގައިވީ ހިތްގައިމު ހިނިތުންވުން ފުހެވިގެން ދިޔަ އިރު، ފުން ނޭޭވާއެއް ދޫކޮށްލެވުނެވެ. ކުޅުމުގައި ޝާމިލްވެ ތިބި ރިއާ އާއި ޔަލާއަށް އަވަސް ނަޒަރެއް ދިނުމަށް ފަހު، އޭނާއަށް ދެން ބަލައިލެވުނީ އުޑުގައި ރަސްކަން ކުރަމުން ދިޔަ ހަނދަށެވެ. ހަނދު ފަޅިއެއްގެ ގޮތުގައި ވިލާތަކުގެ މެދުގައި ރަންޏަކަށް ވެގެން އިން އިރު، ވަށައިގެން ވިދަމުން ދިޔަ ތަރިތައް ވެސް އެ ހަނދަށް ސަނާކިޔަމުން ދިޔަ ފަދައެވެ. އެހެނަސް، އެ ރީތި މަންޒަރުން ވެސް ރައިހާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބަދަލުގައި އެ ހިތުތެރޭގައިވީ ހަލަބޮލިކަން ވީ އިތުރެވެ.

ޔާނިއު އާއި ލައިނީ ފަދައިން ކައިވެނި ކޮށްގެން، ލޯބިލޯބި ދަރިޔަކު ހޯދައިގެން އެހައި ލޯބިން، އެހައި އުފަލުގައި އުޅުމަށް އޭނާ ވެސް ހާދަ އުއްމީދެއް ކުރިއެވެ. ހާދަ ހުވަފެންތަކެއް ދުށްޓެވެ. އެހެނަސް އެ ހުރިހައި ކަމެއް ބިލާހަކަށް ވެގެން ދިޔަ އިރު، އޭނާއަށް ކުރެވުނުހައި ވެސް ކަމަކީ ބަލަން ހުރުމެވެ. ދެ އަހަރު ފާއިތުވެގެން ދިޔަ އިރު ވެސް، ލިވްޔާގެ ހަނދާންތަކާއި، އެހިތުގައި ލިވްޔާއަށް ޓަކައި ވީ ލޯތްބަކަށް ކުޑަ ވެސް ފަނޑުކަމެއް ނާދެއެވެ. ހަނދާން ނައްތައިލަން، ނުވަތަ ނަފްރަތުކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެކަން ވަނީ ނާކާމިޔާބެވެ.

“ދަރިފުޅޫ.. ދެން އާދޭ ނިދަން ދާން..” ޚިޔާލުތަކުން ރައިހާންއަށް ބޭރުވެވުނީ ރީނާގެ އަޑަށެވެ.

“ދެން މަންމީ އަދި އިރުކޮޅަކުން ޕްލީޒް..” ތުންދަމައިލަމުން ރިއާ އެދުނީ މިވަގުތު ނިދަން ދާހިތް ނެތުމުންނެވެ.

“މާދަން ސްކޫލް ވެސް އޮންނާނެއެއްނު.. އަވަހަށް ހޭލަން ޖެހޭނެ.. ދެން ބަސްއަހައިގެން އާދޭ.. މާދަން އަނެއްކައި ވެސް ކުޅޭނީ.. އަވަހަށް އާދޭ.. ތީ ބަސްއަހާ ކުއްޖެއްނު..” ރީނާ އަނެއްކައި ވެސް އެދުމުން ރިއާ އޭނާގެ ކުޅޭ އެއްޗެހި ހިފައިގެން ތެދުވިއެވެ.

“ގުޑްނައިޓް ރެން ދޮންބޭ..” ރައިހާންގެ ގައިގައި ބައްދައިލަމުން ރިއާ ބުނެލުމާ އެކީ ރައިހާން ވެސް ހިނިތުންވެލާފައި އެ ބަސްތައް ތަކުރާރުކޮށްލީ ރިއާގެ ނިތުގައި ބޮސްދެމުންނެވެ.

ރިއާ ދިޔަތާ އިރުކޮޅެއް ނުވެ ޔަލާ ފޫހިވެގެން ކުޅޭ އެއްޗެހި މަތިން ހަނދާން ނެތުނެވެ. ރައިހާންގެ ގައިގައި ލެނގިލާފައި އާފުރިލުމާ އެކީ ރައިހާންއަށް ޔަލާ ނިދިއައީކަން އެނގުނެވެ. އެހެންކަމުން ޔަލާ އުރައިލާފައި އެތަނުގައި ހުރި އުނދޯލީގައި ބައިންދާފައި، ރައިހާން ޔަލާގެ ކުޅޭ އެއްޗެއްސާއި، ޕިކްނިކް ބްލޭންކެޓް ވެސް ނަގާފައި ފަތްޖަހައިލިއެވެ. އެއަށްފަހު ރައިހާން އައިސް އުނދޯލީގައި އިށީނދެފައި ޔަލާ އުނގަށް ލާފައި މަޑުމަޑުން އުނދޯލި ހެއްލަން ފެށީ ޔަލާ ނިންދަވަން ވެގެންނެވެ. ރައިހާންގެ މޭގައި ބޯއަޅައިގެން، އެ ކުޑަކުޑަ ހަށިގަނޑު އެ އަތުތެރެއަށް ދޫކޮށްލައިގެން އޮތް އިރު ޔަލާ އިރުއިރުކޮޅާ އާފުރުނު ނަމަވެސް ލޯ މަރާކަށް ނޫޅުނެވެ.

“ދޮންބޭ..” ޔަލާ ގޮވައިލުމާ އެކީ ރައިހާން ލައްބައޭ ބުނެލީ އެ ނިތުން އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުންނެވެ.

“ޑޫ ޔޫ ނޯވ ލިވީ ދޮންތި..؟” ރިއާގެ ސުވާލާ އެކީ ރައިހާންގެ ހުރިހައި ޙަރަކާތެއް މަޑުޖެހުނެވެ. ހެއްލަމުން ދިޔަ އުނދޯލި ހުއްޓުނު އިރު، ޔަލާގެ ކުޑަކުޑަ ހަށިގަނޑުގައި ވަށައިލެވިފައިވީ ދެއަތް ވެސް ދޫވިއެވެ.

“ލާލައަށް ފެނުނީ ވަރަސް ޕްރިޓީ ކުއްޖެއް މަންމިގެ އަލްބަމުން.. މަންމި ބުނީ އެއީ ލާލަގެ އާންޓްއޭ.. ދޮންބެއަށް އެނގޭތަ ލިވީ ދޮންތި ވީ ތަނެއް..؟” ރައިހާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޔަލާ ތަކުރާރުކޮށްލީ، އެ ސުވާލުތަކުން ރައިހާންގެ ނިކަމެތި ހިތަށް ކުރަމުން ދިޔަ އަސަރުތައް ނޭނގި ހުރެއެވެ.

“ދޮންބެ ފްރެންދްތަ ލިވީ ދޮންތިއާ..؟” ޔަލާ އަނެއްކައި ވެސް ކޮށްލި ސުވާލުން ރައިހާންގެ ހިތަށް ވާންވެލިއެވެ. ލިވްޔާ އަކީ އެހިތުގައި އަދިވެސް ރަނިކަން ކުރާ ރާނީއޭ އޭނާ ޔަލާ ގާތު ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟

“ދޫނީ.. ނިދާ ގަޑީ ވާހަކަ ދައްކާކަށް ނުވާނެ.. ހިނގާ އަވަހަށް ޝަހާދަތް ކިޔަން..” އަމިއްލަ ހިތްމަތީ އަތްއަޅައިލަމުން ރައިހާން ބުނެލުމާ އެކީ ޔަލާ ވެސް ދެކޮޅު ހަދާކަށް ނޫޅުނެވެ. ރައިހާންގެ އަޑު ދަށުން ޝަހާދަތާއި ކުރުސިއާއި ނިދާއިރު ކިޔައި ދުޢާތައް ކިޔަމުން ދިޔަ އިރު، އެ އެސްފިޔަތަކަށް ވަނީ ބަރުވެފައެވެ. ނޫރުދަލީލް ކިޔައި ނިމުމުގެ ކުރިން އެ ދެލޯ މެރި، ހަށިގަނޑުން ވާގި ހުސްވެއްޖެއެވެ.

ޔަލާގެ ނިދި ހަރުވުމާ އެކީ ރައިހާން ޔަލާއަށް ހޭނުލެވޭނެހައި މަޑުމަޑުން ތެދުވެ، ޔަލާ އުރާލައިގެން ހުރެ ހިނގައިގަތީ ޔާނިއު އާއި ލައިނީގެ ކޮޓަރިއާ ދިމާއަށެވެ. ވަރަށް ފަރުވާތެރިކަމާ އެކީ ޔަލާ އެނދުމަތީގައި ބާއްވައިލާފައި ގައިމަތީގައި ރަޖާ އަޅައިލިއެވެ. އެއަށްފަހު ފަރުވާތެރިކަމާ އެކީ ޔަލާގެ މޫނަށް ބަލައިލެވުނީ ދެންމެ ޔަލާ ކުރި ސުވާލުތައް ހަނދާންވުމުންނެވެ.

ޔަލާ އަކީ ހަމަ ސީދާ ކުޑަކުޑަ ލައިނީއެކެވެ. އެހެނަސް އުޅޭ އުޅުމުން މީހަކަށް ސިފަވާނީ ހަމަ ލިވްޔާއެވެ. ކޮންމެގޮތެއް ވިޔަސް، އެ ކުޑަކުޑަ ހަށީގައި އޭނާގެ ލެޔާ އެކީ ލިވްޔާގެ ލޭ ވެސް ހިނގާނެއެވެ. ޔަލާ ދެކެ އެހައި ލޯބިވެވޭ އެއް ސަބަބަކީ އެއީއެވެ. ލިވްޔާ ލިބުން ނެތް ދުނިޔެއެއްގައި، އޭނާއާ ލިވްޔާގެ ދަރިއަކާ އެންމެ ގާތްކުރާ ފުރާނައަކީ ޔަލާއެވެ. ވަކިން ޚާއްސަކޮށް ޔާނިއުއާ އޮތް ގާތްކަމުގެ ސަބަބުން އިތުރަށް ޔަލާ ދެކެ ލޯބިވެވެއެވެ. ހިތާ ފުރާނައިން މުޅި ޢުމުރު ދުވަހު ޔަލާ ރައްކާތެރިކޮށް، ލޯބިދޭނެއެވެ. އެއްވެސް މީހެއްގެ ފަރާތުން ކުޑަ ނަމަވެސް އަނިޔާއެއް ޔަލާއަށް ލިބުނަކަ ނުދޭނެއެވެ. ދިރިއުޅުން މަތީން ފޫހިވެފައި ހުއްޓައި، މި ކުޑަކުޑަ ލޮބުވެތި ފުރާނަ އޭނާގެ އަނދިރި ދިރިއުޅުމަށް އަލިކަމެއް ގެނެސްދީފިއެވެ.

ޔަލާގެ ނިތަށް ބޮސްދީފައި ރައިހާން އެ ކޮޓަރިން ނުކުމެފައި ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އެހެނަސް ރައިހާން އަޅައަޅައި ހުރި ފިޔަވަޅުތައް ހުއްޓުނީ ލިވްޔާ އެގޭގައި ހުރި އިރު، އޭނާ އުޅުނު ކޮޓަރިއާ އަރައި ހަމަވުމުންނެވެ. ލިވްޔާ ދިޔުމަށް ފަހު، އެ ކޮޓަރިން ހުރިހައި ސާމާނެއް ނެރެ އުކައިލީ އައިސާމަނިކެ ބޭނުންވެގެންނެވެ. ދޭތެރެދޭތެރެއިން ނޯކަރުން ލައްވައި އެ ކޮޓަރި ސާފުކުރި ނަމަވެސް އެއީ މިހާރު އެއްވެސް މީހަކު ވަދެއުޅޭ ތަނެއް ނޫނެވެ. އެ ކޮޓަރީގެ ތަޅުދަނޑި އޮންނަނީ ހަމައެކަނި ރައިހާންއާއި އައިސާމަނިކެގެ އަތުގައެވެ. އޮޅިގެން ވެސް، އެއްވެސް މީހަކު އެތަނަށް ވަނުމަކީ އައިސާމަނިކެގެ ބަހުގެ ހޫނު ޙަމަލާއެއް އަމާޒުވާނޭ ކަމެކެވެ.

އެހެނަސް، ކީއްވެ ކަމެއް ނޭނގުނެވެ. މިފަހަރު އެ ކޮޓަރި ފަހަނައަޅައި ދާން ރައިހާންގެ ހިތެއް ނުރުހުނެވެ. ދެންމެ ޔަލާ ދެއްކި ވާހަކަތަކުން އެހިތުގައި ނިދާފައިވީ ހިއްސުތަކެއް ހޭލައްވާލައިފިއެވެ. ވަށައިގެން ބަލައިލެވުނީ އެއްވެސް މީހަކު ފެންނަ ހިސާބުގައި ހުރިތޯއެވެ. މިވަގުތު އައިސާމަނިކެ ވެސް ނިދާނޭކަން އޭނާއަށް ޔަގީނެވެ. އެހެންކަމުން ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ރައިހާން ޖީބުން ނެގި ތަޅުދަނޑި ތަޅުވަޅަށް ލައްވައިލިއެވެ.

ހުޅުވިގެން ދިޔަ ދޮރުން އެތެރެއަށް ރައިހާން ހަމަ ވަނުމާ އެކީ މީގެ ދެ އަހަރު ކުރީގެ ހަނދާންތައް އޭނާ ވަށައިލިއެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކީ ލިވްޔާގެ ކޮންމެވެސް ހަނދާނެއް އިޔާދަވަމުން ދިޔައީ، އެހިތަށް މައްސުނި އިހުސާސްތަކެއް ވެރިކުރުވަމުންނެވެ.

ކޮޓަރީގެ އެކި ދިމަދިމާލުގައި ހިނގަމުން އައިސް ރައިހާންގެ ފިޔަވަޅުތައް މަޑުޖެހުނީ އަލަމާރު ކުރިމަތީގައެވެ. ލަސްލަހުން އަލަމާރީގެ ދޮރު ހުޅުވައިލި ނަމަވެސް ރައިހާން މާޔޫސްވީ އެތެރޭގައި ލިވްޔާގެ އެއްވެސް އެއްޗެއް ނެތުމުންނެވެ. މޯޅިވެފައިވީ ހިތަކާ އެކީ އަލަމާރި ދޮރު ލައްޕައިލަން އުޅުނު ރައިހާންގެ ދެލޯ ކުއްލިއަކަށް ހުއްޓުނީ އެތެރޭގައި ލައްޕައިފައިވީ ކަބަޑަކަށެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އަތް ގެންގޮސް އެ އަތްގަނޑުގައި ހިފައި ދަމައިލެވުނީ އެކަން ކުރުމަށް ސިކުނޑި އިރުޝާދު ދިނުމުންނެވެ. އެހެނަސް އެ ދޮރު ނުހުޅުވުނީ ތަޅުލާފައި ހުރުމުންނެވެ. އަލަމާރި ތެރެ އެއްކޮށް ބެލި އިރު ވެސް ތަޅުދަނޑި ނުފެނުމުން ރައިހާންގެ ހިއްސުތަކަށް އެނގުންވެލައިގެން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ވަގުތުން ގައިހުރި ބާރެއްލާފައި އަތްގަނޑުގައި ހިފައިލީ އެތެރޭގައި މުހިއްމު އެއްޗެއް އޮވެދާނެކަމަށް ސިކުނޑިން ސިގްނަލް ދެމުން ދިޔައީތީއެވެ.

“މޭބީ އައިމް ޖަސްޓް ބީންގ ޕެރެނޮއިޑް..” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ރައިހާންއަށް ބުނެވުނު ނަމަވެސް، ސިކުނޑި ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެންމެ ފަހުން ލެވުނުހައި ބާރެއް ލާފައި އަތްގަނޑަށް ދަމައިލުމާ އެކީ އެ ކަބަޑު ހުޅުވިގެން ދިޔައެވެ. އެތެރޭގައި އޮތް ފޯނު އޭނާއަށް ފެނުނީ ދެނެވެ. ދެލޯ ހަނިކޮށްލަމުން ރައިހާން އެ ފޯނު ނަގައި ބަލައިލީ އެއީ ލިވްޔާ ގެންގުޅުނު ފޯނު ނޫންކަން ޔަގީންވާތީއެވެ. އޭނާއަށް ނޭނގޭ ކޮންމެވެސް ސިއްރެއް ފޮރުވިފައިވާކަމަށް ހިތުން އިންޒާރުދޭން ފެށުމާ އެކީ ރައިހާން ވަގުތުން އެ ފޯނު ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އައިފޯނެއް ކަމުން އޭނާގެ ޗާޖަރަށް ޖެހުނުކަމީ ނަސީބެކޭ ހިތަށް އެރިއެވެ. އިރުކޮޅަކުން ފޯނު ޗާޖުވާން ފެށި މަންޒަރާ އެކީ ރައިހާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ފޮނިކަމާއި މީރު ރާހަތުގެ ޕުޑިން ކޭކު

Next

ގާތުގާ… 16

Next
May 2, 2026

ގާތުގާ… 16

Previews
May 1, 2026

ފޮނިކަމާއި މީރު ރާހަތުގެ ޕުޑިން ކޭކު

10 Comments!

  1. Vampire girl says:
    May 2, 2026 at 7:30 am

    Hello nayaa…
    Vrh dhuvas fahun dhw mi comment kohlevunee…. ekm vx hama baraabarah vhk kiyan ingey….. ulhuny jeheyleh busy kamun hama vaguthu nuvanee…. Maashaa Allah mi part vx varah varah reethi…
    alhey e phn in raihaan ah hurihaa hageegatheh ingeyne nama…. curiously waiting for the next part…. whn next??
    Love you 😍
    Take care 💙

  2. 🥀 says:
    May 2, 2026 at 9:06 am

    I really hope Ren is going to know the truth
    Mi part ves vrh reethi MA!
    Whn nxt????
    Luv u 💗

  3. Reem says:
    May 2, 2026 at 9:19 am

    Finally upload vejje.
    Masha Allah mi part ves varah reethi. I love yala ge character. Hope raihaan ah e phone in hageegaiy ingeyne kamah. Raihan livy hoadhaakah ves noolhey tha? Ren livy hoadhan try kohfiyya im pretty sure he will get livy back. can’t wait to see what happens next. Waiting for the next.
    Tc care. Lots of love 💗

  4. Kitty says:
    May 2, 2026 at 11:25 pm

    Pls ren ahh hurihaa hageegaiii ingeynene nama plsplssssss
    I hope maa gina dhuvas nuve ingeyne kamah when’s next im so curious

  5. Mrs. GenZ says:
    May 3, 2026 at 5:57 pm

    Kon irakun nxt????
    Cmmnt thakah reply dheeba nayaa..

  6. Cutie girl says:
    May 4, 2026 at 6:42 pm

    Mi part ves varah reethi masha Allah
    Curiously waiting for next part
    Alhey ren ah hurihaa hageegatheh ingey nama dhw
    Koncheh baa igeyni e phone in
    Heyonuvaane Ren n livy gulhuvachey
    Mi part kiyaafa rovijje
    Nimsha and naaif haadha goahey
    Kuhverinah adabu dhee
    I appreciated your hard work
    When next
    Miayee varah saugu veri kamakaa eku kiyaa vaahaka eh
    Love you Nayaa❤️

  7. Koklila modi says:
    May 9, 2026 at 11:38 pm

    When is next part

  8. it's me says:
    May 10, 2026 at 12:57 am

    when next?

  9. Nayaa Nayaa says:
    May 11, 2026 at 1:44 pm

    hello everyone.

    sorry for the delay in the next episode. due to some personal reasons I am taking a small break from writing. every time I take a break, I always make sure to keep my promise and return stronger and I ensure it will be the same this time as well In Sha Allah. I currently have a lot going on which is why I’m taking a break until this month is over. I will be back in June with regular episodes again In sha Allah. Please keep waiting patiently and dearest apologies for anyone who isn’t happy with this decision. 💞

    1. Reem says:
      May 11, 2026 at 8:16 pm

      Thank you for your response, Nayaa. We understand, and we respect your decision to take a break. Sometimes life becomes heavy, and even the people who create the most beautiful stories need time to rest their own hearts and minds. we’ll patiently wait for the day you return.
      We truly hope you will come back stronger, happier, and filled with even more beautiful stories to tell. Plss take care of yourself and remember that you are deeply appreciated, missed, and loved more than you know. Ly 🤍🥹

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 36←


All Right Reserved!