Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މެހެކް – ދިހަވަނަ ބައި

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
April 11, 2026 5 Mins Read
9 Comments

“ފާޒިލް. އަހަރެމެން މެހެކްއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރިން. އެކަމަކު އެކަމެއް ނުވި. އޭނަ އެ ކައިވެނި ހުއްޓައެއް ނުލާނެ.” އަމީން ބުންޏެވެ.

“އޭނަ ބައްޕަގެ ވާހަކަވެސް އަޑެއް ނޭހިތަ؟ ބައްޕަމެން މަސައްކަތް ކޮށްފީމުތާ. އެވަރުން ފުދޭނެ. އެހެންވީމަ ދެން ތި ޖެހުނީ އަހަންނާތާ. އަހަރެން އެކަން ހުއްޓުވާނަން.” ފާޒިލް ބުނެލިއެވެ.

“އެކަމަކު ކިހިނެއް؟” އަމީން އެހިއެވެ.

“ބައްޕަ ބަލަން ހުރޭ.” ފާޒިލްގެ ހިތުގައި ވަރުގަދަ ރޭވުމެއް ރާވާލިއެވެ.

ފާޒިލްގެ ހަޤީޤީ ރޭވުން އޭނާ އަމީން ގާތު ނުބުނީ އަމީން އެކަމަށް ހުރަސް އަޅާފާނެތީއެވެ. އެހެން ވާކަށް އޭނާ ބޭނުމެއް ނޫނެވެ. މިފަހަރު އޭނާގެ ރޭވުމަކީ މުޖައްރިބު ރޭވުމެކެވެ. މެހެކްއަށް އޭނާ ގާތަށް ނައިސް ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. މިފަހަރު އޭނައަށް އެކަމުގައި އެހީވާނީ އޭނާގެ ދަރިފުޅު އަޔާލްއެވެ.

އެއްދުވަހަކު އަޔާލް ސްކޫލުން ނިމިގެން ނުކުތް ގަޑީގައި ފާޒިލް ސްކޫލް ދޮށަށް ދިޔައެވެ. އަދި އަޔާލް ގޮވައިގެން އައިސްކްރީމް ބޯން ދިޔުމުގެ ބަހަނާ ދެއްކިއެވެ. އަޔާލް ނުދާން އުޅުމުން މަންމަގެ ހުއްދަ ހޯދިކަމަށް ބުނެ އޮޅުވާލައިގެން ގެންގޮސް ކާރަށް އެރުވިއެވެ. ފާޒިލް އަޔާލްއަށް އައިސްކްރީމް ދިނުމުގެ ބަދަލުގައި ގެންދިޔައީ އޭނާގެ ގެއަށެވެ.

މެހެކްއަށް އަޔާލް ބަލައި ސްކޫލަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. ޓްރެފިކްގައި ޖެހިގެން ލަސްވީއެވެ. އަޔާލްއެއް ނެތެވެ. މެހެކްގެ ހިތް ބިރުން ހުއްޓުނު ކަހަލައެވެ. އޭނާ އިޝާންއަށް ގުޅަން އުޅުނު ވަގުތު އޭނާގެ ފޯނަށް ފާޒިލްގެ މެސެޖެއް އައެވެ.

“ދަރިފުޅު ބޭނުމިއްޔާ އެނބުރި ގެއަށް އާދޭ. އަޔާލް ހުރީ އަހަރެންގެ ގާތުގައި. އަހަރެންގެ ގޭގައި. އަޔާލް ބޭނުންވަނީ މިގޭގައި އަހަރެންގެ ގާތުގައި ހުންނަން. ކަލޭ އިޝާންއާ ކައިވެނި ކުރާނަމަ އަޔާލް މަތިން ހަނދާން ނައްތާލާ. ކަލެއަށް އަޔާލް ލޮލަށްވެސް ނުފެންނާނެ.”

ފާޒިލްގެ މެސެޖު ކިޔާލުމާއެކު މެހެކްއަށް ވީގޮތް ބުނާކަށްވެސް ނޭނގުނެވެ. އަޔާލް ހިތުން ރުހުމުން އޭނާ ދޫކޮށްލާފައި ފާޒިލް ގާތަށް ނުދާނެކަން އޭނައަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީނެވެ. އެއްގޮތަކީ ފާޒިލް އަޔާލްއަށް ބިރު ދެއްކުމެވެ. އަނެއް ގޮތަކީ އޮޅުވާލައިގެން ގެންގޮސް ބަންދުކުރުމެވެ. ފާޒިލް ބަދަލުވީ ކަމަށް ހީކުރެވުނު ނަމަވެސް އިޝާންއާ ދެމީހުންގެ ކައިވެނީގެ ޚަބަރާއެކު މަންމަމެން ފޮނުވުމުން ފާޒިލް އެފަދަ ކަމެއް ކުރަން ޖެހިލުން ނުވާނެކަން މެހެކްއަށް އެނގެއެވެ.

މެހެކް ވަގުތުން އިޝާންއަށް ގުޅިއެވެ. އަދި އޭނާ ސްކޫލަށް އައިއިރު އަޔާލް ސްކޫލްގައި ނެތްކަމާއި ފާޒިލްގެ މެސެޖުގެ ވާހަކައާއި އިންޒާރުގެ ވާހަކަވެސް ކިޔައިދިނެވެ.

“މެހެކް. ހާސްނުވޭ. އަޔާލްއަށް އެއްވެސް ކަމެއް ނުވާނެ. އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އުޅޭނެ ޕޮލިހުގެ މަތީ މަޤާމެއްގައި. އަހަރެން އޭނައާ ގުޅައިގެން މި ކުރިއަށް ގެންދާނަން. މެހެކް ތިތާ މަޑުކުރޭ. އަހަރެން މިދަނީ.” އިޝާން އެހެން ބުނެފައި ފޯނު ބޭއްވިއެވެ.

ފޯނު ބޭއްވުމަށްފަހު އިޝާން ގުޅީ ޕޮލިހުގެ މަތީ މަޤާމެއްގައި ހުންނަ އޭނާގެ އެކުވެރި ރިޔާޒަށެވެ. އަދި ވެގެން އުޅޭ ގޮތް ވަރަށް ސާފުކޮށް ކިޔައިދީ ފާޒިލްއާ ދެކޮޅަށް މައްސަލަ ފައިލް ކުރިއެވެ.

އިޝާން މެހެކްއަށް ގުޅާފައި ކޮންތާކުތޯ ބެލީ ސްކޫލް ކައިރީ މަޑުކުރަން ބުނިނަމަވެސް ދަރިފުޅަށްޓަކައި މެހެކްއަށް އެތާ މަޑުކުރަން ކެތްނުކުރެވިދާނެތީއެވެ. އަމިއްލަ އެދުން ހާސިލުކުރަން އަމިއްލަ ދަރިފުޅަށް ކަމެއް ކުރަންވެސް ފާޒިލް ފަސްނުޖެހޭނެކަން މިއަދުގެ ހާދިސާއިން އޭނައަށް ކަށަވަރުވީމައެވެ.

އިޝާން ކާރުގައި އައިސް ސްކޫލް ކައިރިއަށް މަޑުކޮށްލީ މެހެކް އެތާ ހުރި ވާހަކަ ބުނީމައެވެ. މެހެކް ކާރަށް އެރުމާއެކު އިޝާން ކާރު ދުއްވާލީ ފާޒިލްގެ “މެހެލް” އަށް ދިޔުމަށެވެ.

“މެހެކް. އަހަރެން ރިޔާޒްއާ ވާހަކަދައްކައިފިން. އެމީހުން މިހާރު އެދިމާލަށް އެބަ ދޭ.” އިޝާން ބުންޏެވެ.

“އިޝާން. އޭނަ އަޔާލްއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ. އޭނަ އެ އުޅެނީ އަހަރެން އޭނަ ދޫކޮށްލާފަ އިޝާންއާ އިންނަން އުޅޭތީ އީގޯ ހާޓްވެގެން. އޭނައަށް އެނގޭނެ އަޔާލްއަށް ގޮތެއް ވެއްޖެއްޔާ އަހަރެން މަރުވެސް ވެދާނެކަން. އަޔާލްއަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނެކަން.” މެހެކް ހާސްވެފައި ބުންޏެވެ.

“މެހެކް. ފުންކޮށް ނޭވާލާ. ހަމަޖެހިލާ. ފާޒިލްގެ ކުރިމައްޗަށް ދާއިރު މެހެކް ތިހެން ހާސްވެފައި ހުރިއްޔާ އޭނައަށް އިތުރު ހިތްވަރެއް ލިބޭނީ. ތީ މިހާރު ކުރީގެ މެހެކްއެއް ނޫން. މިހާރު ތީ ހިތްވަރުގަދަ ކެރޭ މީހެއް. އޭނައާ ކެރިގެން ކުރިމަތިލާ. މީ ފިނޑިވެ ހިތްވަރު އެލުވާލަންވީ ވަގުތެއް ނޫން. މީ ހިތްވަރުކޮށްފައި ކުރިމަތިލާންވީ ވަގުތު. އަހަރެން މިހިރީނު. އޭނައަކަށް އެއްވެސް ކަމެއް ކުރާކަށް ނުކެރޭނެ.” އިޝާން މެހެކްއަށް ހިތްވަރު ދިނެވެ.

މެހެކްއަށް ހިތްވަރު ދިން ނަމަވެސް އިޝާންގެ ހިތްވެސް ވަނީ ހާސްވެފައެވެ. މެހެކްގެ ހިތްވަރު އެލިދާނެތީ އޭނާ އެކަން ފާޅުނުކުރީއެވެ. އަޔާލްގެ ސަލާމަތް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަން އޭނައަށް އެނގެއެވެ. ނަމަވެސް ކުރީގެ މީހުން “ދައިގަންނާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެ”އޭ ބުނާބަސް އޭނާ ޤަބޫލުކުރެއެވެ. ފާޒިލް ކަމެއް ކުރާނެނަމަ އެހެން ބިރެއް ނުދައްކާނެއެވެ. ހަމައެއާއެކު ދަރިފުޅުގެ ހިތާމައާއި ވޭނާއެކު އެންމެ ފުރަތަމަ ރެނދު ލަނީވެސް މަންމަގެ ހިތުގައިކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދަރިފުޅަށް ކަމެއް ކުރަން އުޅޭކަން ދައްކައިގެން މެހެކް ބަލިކަށިވާކަށް އޭނާ ނޭދެއެވެ. އަނެއްކޮޅުން ރިޔާޒާއި ޓީމަށް އޭނާ އިތުބާރުކުރެއެވެ.

ކާރު މެހެލް ކައިރިއަށް މަޑުކުރުމާއެކު މެހެކް ފޭބިއެވެ. މެހެކް ގާތު މަޑުކުރުމަށް ބުނެފައި އިޝާން ދިޔައީ ކާރު ޕާކުކޮށްލާށެވެ. ކާރު ޕާކުކޮށްލާފައި އައިސް ދެމީހުން އެކުގައި މެހެލްއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ގޯތިތެރޭ ބޮޑާކަމާއެކު ހުރި ފާޒިލް އެމީހުންނާ ދިމާލަށް އައެވެ.

“ކޮބާ ހަމަ އެންމެ ފަހުން އަންނާކަށްނު ޖެހުނީ. ދުވަހަކުވެސް މި އޮޅި ގިރާކޮށް އެތެރެއަށް ނާންނާނަމޭ ބުނި މީހާ މިއަދު ތިހިރީ މިގޭގައި. އަދި މުޅި އުމުރަށްވެސް އަންނާނެ.” ފާޒިލް ޔަޤީންކަމާއެކު ބުނެލިއެވެ.

“ފާޒިލް. ކަލޭ ތިހާ ދަށް ފެންވަރަކަށް ވެއްޓޭކަށް ލަދެއްވެސް ނުގަނޭތަ؟ ކަލޭ މިހާރު ދަރި ތި ބޭނުންކުރަނީ ހަތިޔާރަކަށް.” އިޝާން ބުނެލިއެވެ.

“ތި އަދި ކާކުތަ އަހަންނަށް ގޮތް ކިޔައިދޭން؟ ކަލޭ އަޑެއް ނާހަމުތަ އެވްރީތިންގް އިޒް ފެއަރ އިން ލަވް އެންޑް ވޯރއޭ ބުނާއަޑެއް.” ފާޒިލް ބުނެލިއެވެ.

“ލޯތްބޭ؟ ތީ ލޯބިތަ؟ ތީ ލޯތްބެއް ނޫން ފާޒިލް. ތީ ހޭބަލިވުން.” މެހެކް ބުނެލިއެވެ.

“މެހެކް!” ފާޒިލް ހަޅޭއްލަވައިގަތުމާއެކު މެހެކް ގައިގައި ޖެހުމަށް އަތް މަޅައިގަތެވެ. ނަމަވެސް އިޝާން އެ އަތުގައި ހިފެހެއްޓިއެވެ.

“ހޯހޯ. ގޯސް ހަދަން ނޫޅޭ. ކުށް ކުރީ ކަލޭ. އަދިވެސް ކުށް ކުރަން ތި އުޅެނީވެސް ކަލޭ. ކުއްޖަކު ވަގަށް ނެގުމަކީ ކިހާވަރެއްގެ ބޮޑު ކުށެއްކަން ކަލެއަށް އެނގޭތަ؟ ފުލުހުން އެބަ އާދޭ.” އިޝާން ހަމަޖެހިލާފައި ބުނެލިއެވެ.

“ބަލަ ކަލޭ ތިހިރީ ހަމަހޭގަތަ؟ އެއީ މަގޭ ދަރިއޭ! މަ ބޭނުން އިރަކު އޭނަ މިގެއަށް ގެނެވޭނެ.” ފާޒިލް ހަޅޭއްލަވައިގަތެވެ.

“ރަނގަޅު. އެކަމަކު ގެނައި ގޮތް ގޯހީ. ކޯޓުން އަޔާލް ހަވާލުކުރީ މެހެކްއާ. ވީއިރު ކަލޭ އޭނަ ސްކޫލުން ތަނަކަށް ގެންދާއިރު މެހެކްއަށް އަންގަންވާނެ. ތިގޮތަށް ގަދަބާރުން އިންޒާރަކުން ނޫން.” އިޝާން ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

“މެހެކް. ކަލޭ އަހަރެންގެ ފަހަތުން ނައްޓާލާނީ ކިހިނެއް ހެދިއްޔާތަ؟ ލާރިޔާ ހެދި ތި ހޭދެބައިވަނީ. ކުރިން އަހަރެން މުއްސަނދިވެ އަހަންނާ އިނީ. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފައި އަހަރެންގެ މުއްސަނދިކަން ގެއްލުނީމަ ތި ދިޔައީ މީނަގެ ފަހަތުން. ކަލޭ ތީ ހަމަ ގޯލްޑް ޑިގާއެއް.” ފާޒިލްގެ ވާހަކަތަކުން އިޝާންގެ ރުޅި ކޮންޓްރޯލުން ނުނެއްޓީ ހަމަ ކިރިޔާއެވެ.

“ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ.” މެހެކް ކުރިއަށް ޖެހިލައި ފާޒިލްއާ ފޫޓެއްހާ ދުރުގައި ހުއްޓެމުން ބުނެލިއެވެ.

ފާޒިލް ދެވަނަ ފަހަރަށް “ގޯލްޑް ޑިގާ” އޭ ބުނެލުމާއެކު އޭނާގެ މޫނުމައްޗަށް މެހެކްގެ އަތުގެ ހޫނު ހަމަލާއެއް އެރިއެވެ. ޖެހިލެއް ބާރުކަމުން ފާޒިލްގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ފާޒިލް މެހެކްއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

“ތަދުވޭތަ؟ އަހަންނަށްވެސް ތަދުވިޔޭ. ކަލެއަށް އެކަން އިހުސާސް ކުރެވުނުތަ؟ ކަލޭ އަހަރެން ގައިގައި ތެޅިކަން އެނގޭނެ ލަކުނުތައް މިހާރުވެސް އަހަރެން ގައިގައި ހުންނާނެ. އަނެއްކޮޅުން ކަލޭ ދިން ނަފްސާނީ އަނިޔާގެ އަސަރުތައް އަދިވެސް ފިލައިގެނެއް ނުދޭ. އަދިވެސް އަހަރެންތަ ކަލޭގެ ދިރިއުޅުން ހަލާކުކުރީ؟ ކަލޭގެ ދިރިއުޅުން ހަލާކުކުރީ ކަލޭ އަމިއްލައަށް. ކަލޭގެ ބޮޑާކަމާއި އަނިޔާވެރިކަމުން. މިއަދު ދަރިފުޅު ހަތިޔާރަކަށް ހަދައިގެން ކަލޭ ތި ސާބިތުކޮށްދިނީ ކަލެއަކީ ބައްޕައަކަށްވެސް ކުފޫ ހަމަނުވާ މީހެއްކަން. ދަރިއަށް ބިރު ދައްކައިގެން ކަލޭ ބޭނުންވާ ކަމެއް ހާސިލެއް ނުވާނެ.” މެހެކް ރުޅިވެރިކަމާއެކު ބުންޏެވެ.

ފުލުހުންނަށް އާދެވުނީ އެވަގުތުއެވެ. އެމީހުން އައީ ފާޒިލް ހައްޔަރުކުރުމުގެ ކޯޓު އަމުރު ހިފައިގެންނެވެ. ފާޒިލް އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށާއި ދަރިފުޅު އައީ އަމިއްލަ އިޚުތިޔާރުގައި ކަމަށް ބުނަމުން ދަނިކޮށް އެތަނަށް އަޔާލް ދުވެފައި ނުކުތެވެ. އޭނާގެ ފަހަތުން ފާޒިލްގެ މަންމަ ފާއިޒާވެސް ނުކުތެވެ. އަޔާލް، ފާޒިލް އޭނާ ގެނައީ އޮޅުވާލައިގެން ގަދަކަމުން ކަމަށް ބުންޏެވެ. ފާޒިލް ހައްޔަރު ކުރެވުނެވެ.

ހަފުތާއެއް ފަހެވެ. މެހެކްއާއި އިޝާންގެ ކައިވެނި ހަފުލާ ބޭއްވުނީ ހުޅުމާލޭގެ ރީތި ބީޗް ސަރަހައްދުގައެވެ. އެއީ މާ ބޮޑު އަގުބޮޑު ހަފުލާއެއް ނޫނެވެ. ނަމަވެސް އެތަނުގައި ވަނީ ތެދުވެރި ލޯތްބާއި އުފާވެރިކަމެވެ. މެހެކް ހުރީ ހުދުކުލައިގެ ރީތި ދިގު ހެދުމެއްގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ.

“މިއަދުން ފެށިގެން މެހެކްގެ ހުރިހާ ހުވަފެނަކީ އަހަރެންގެވެސް ހުވަފެން. އަހަރެމެން އެކުގައި މި ދިރިއުޅުން ބިނާކުރާނީ.” ކައިވެނީގެ ހަފުލާ ނިމުމުން އިޝާން މެހެކްގެ އަތުގައި ހިފާލަމުން ވަރަށް ލޯބިން ބުނެލިއެވެ.

“ދެން އަޅުގަނޑުމެން އަބަދުވެސް އުޅޭނީ އުފަލުން ދޯ މަންމާ.” އަޔާލް އައިސް މެހެކްއާ އިޝާންގެ މެދުގައި ހުއްޓެމުން ބުނެލިއެވެ.

“އާނ ދަރިފުޅާ. އިރާދަކުރެއްވިއްޔާ އަބަދުވެސް.” އަޔާލްގެ ބޮލުގައި ފިރުމާލަމުން މެހެކް ވަރަށް ލޯބިން ބުންޏެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މެހެކްގެ ދިރިއުޅުމަށް އިތުރު ކުރިއެރުން އަންނަމުން ދިޔައެވެ. އަޔާލްގެ ކިޔެވުމަށް މަޑުމަޑުން އަންނަމުންދިޔަ ހީނަރުކަން ނެތެމުން ދިޔައެވެ. ކިޔެވުމަށް ޝައުޤުވެރިކަން އުފެދި ކިޔެވުމުގެ ފެންވަރު ރަނގަޅުވަމުން ދިޔައެވެ.

އަޔާލްގެ އުންމީދުތައް ވަރަށް ފޮންޏެވެ. އޭނާ ބޭނުންވަނީ ޤާނޫނީ ވަކީލަކަށް ވާށެވެ. އޭނާ ބޭނުންވަނީ އޭނާގެ މަންމަ ފަދަ ނިކަމެތި ކުރެވޭ އަންހެނުންގެ ޙައްޤުގައި ވަކާލާތު ކުރާށެވެ. އެމީހުންނަށް އިންސާފު ހޯދައިދީ މުޖުތަމަޢުގައި އެމީހުންނަށް ޙައްޤު މަޤާމު ހޯދައިދޭށެވެ.

ކައިވެންޏަށް ފަސް އަހަރު ވީއިރު މެހެކްއަށް އިތުރު ދެކުދިން ލިބިއްޖެއެވެ. އަޔާލްއާއި އެ ދެކުދިންނާ އެއްވެސް ތަފާތެއް ނުކޮށް އިޝާން ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިޔައެވެ. ދެމަފިރިންގެ ދޭތެރޭގައި ޖެހޭ ކުދިކުދި މައްސަލަތައް ޖެހުނު ނަމަވެސް އެ ދެމަފިރިން ވާހަކަދައްކައިގެން ހުރިހާ މައްސަލައެއް ހައްލުކުރެއެވެ. އެ އާއިލާގެ ތެރޭގައި ވަނީ ހަމައެކަނި އުފާވެރިކަމާއި އޯގާތެރިކަމެވެ.

މިހާރު މެހެކްގެ އެންމެ ގާތް އެކުވެރިންނަކީ ފިރިމީހާއާއި މައިދައިތައެވެ. އެ ދެމީހުންގެ އެހީތެރިކަން ނުލިބުނުނަމަ މިއަދު އޭނައަށް މިދުވަސް ފެންނާނެއެކޭ އޭނާގެ ހިތެއް ނުބުނެއެވެ. އެމީހުން އޭނާ އެންމެ ފުރަތަމަ އެގެއަށް މެހުމާނެއްގެ ގޮތުގައި އައި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދިން އެހީތެރިކަން އޭނާ އަބަދުވެސް ހަނދާން ބަހައްޓާނެއެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ހިތުން އެމީހުންނަށް ޝުކުރު އަދާކުރާ ކަމަކީ އޭނާގެ ހަށިގަނޑުގެ އެއްބައި ކަމަށްވާ އަލަތު ދަރިފުޅު އަޔާލް އަމިއްލަ ދަރިއެއް ފަދައިން އަނެއް ދެކުދިންނެކޭ އެއްވެސް ތަފާތެއް ނުކޮށް ކަންކަން ކޮށްދީ ލޯބި ދިނުމެވެ.

**********

ދިހަ އަހަރު ފަސް

“މެހެކްސް އެމްޕަވަރމަންޓް ސެންޓަރ” މިއަދު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައެވެ. މެހެކް އޭނާގެ ކޭކު ވިޔަފާރިން ލިބުނު ފައިދާއާއި އިޝާންއާއި އަމީނާގެ ފަރާތުން ލިބުނު އެހީގައި އުފެއްދި މި ސެންޓަރަކީ އަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރިކަންދީ އެމީހުންނަށް މަސައްކަތްތެރިކަން ދަސްކޮށްދޭ ތަނެކެވެ.

މެހެކްގެ އޭނާގެ އަންހެނުން ބާރުވެރިކުރުވާ ސެންޓަރުގެ ފަރާތުން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވިއެވެ. އޭނާއަކީ ގިނަ ބައެއްގެ “އިންސްޕިރޭޝަން” އެއްގެ ގޮތުގައި ޕްރޮގްރާމް ހުށަހެޅުންތެރިޔާ ސިފަކުރިއެވެ. އަދި އޭނާގެ ދިރިއުޅުމުގެ ތަޖުރިބާއިން އަންހެނުންނަށް މެސެޖެއް ދޭން އެދުނެވެ.

“އަޅުގަނޑު ދަންނަވާނީ ކައިވެންޏަކީ އަންހެނެއްގެ ދިރިއުޅުމުގެ ނިމުމެއް ނޫނޭ. އަދި އަނިޔާ ލިބޭ ކައިވެންޏެއްގައި ކެތްކޮށްގެން ނީންނާށޭ. ފިރިހެނުންނެކޭ އެއްގޮތަށް ކޮންމެ އަންހެނަކީވެސް އިހުތިރާމާ ލޯބި ލިބެންޖެހޭ މީހެއް. އަމިއްލަ ނަފްސަށް އިތުބާރު ކުރާށޭ. އަމިއްލަ ނަފްސުގެ ދިފާޢުގައި ތެދުވާށޭ.” މެހެކް ބުންޏެވެ.

މެހެކްގެ “ހުވަފެނީ ކައިވެނި” ފުރަތަމަ ފަހަރު ނާކާމިޔާބުވި ނަމަވެސް އޭނާގެ ހިތްވަރާއި ސާބިތުކަމުގެ ސަބަބުން އޭނައަށް ހަޤީޤީ އުފާވެރިކަން ލިބުނެވެ. ކުޑައިރުއްސުރެ އޭނާ ބޭނުންވި އޭނާއަށް އިޙުތިރާމްކުރާ އޭނާދެކެ އިންތިހާއަށް ލޯބިވާ “ޕްރިންސް ޗާމިން” އޭނައަށް ލިބިއްޖެއެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 26

Next

ހަގީގަތަކީ ކޮބައިހޭ؟…12

Next
April 11, 2026

ހަގީގަތަކީ ކޮބައިހޭ؟…12

Previews
April 10, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 26

9 Comments!

  1. Nx says:
    April 11, 2026 at 9:36 am

    V v v reethi

    1. Saandy says:
      April 11, 2026 at 9:11 pm

      Thank you

  2. Alaika_22 says:
    April 11, 2026 at 9:52 am

    Vrh rythi MA last part vess ✨💗

    1. Saandy says:
      April 11, 2026 at 9:12 pm

      Thank you

  3. Shaba_73 says:
    April 11, 2026 at 9:56 am

    Wauu Wauu last part vess vrh salhi 💗!
    Hope to read more stories from you!

    1. Saandy says:
      April 11, 2026 at 9:12 pm

      Thank you

  4. Gurly curly says:
    April 11, 2026 at 10:51 am

    Mashaa Allah mi part vx varah varah reethi…
    Ekm mia vure furihama vees kanneyge mehek ge mamma aai bappa fahun mehek kairin maafah edhunu bai genehsa nimaali nama

    1. Aminaa says:
      April 11, 2026 at 1:17 pm

      Yes mi vaahaka ah ithuru furihama kameh libunees main bafain fahun mehek kairin maaf edhunu nama bai genes dhin nama ekamaku ves vvv furuhama

    2. Saandy says:
      April 11, 2026 at 9:13 pm

      Thank you

Comments are closed.



All Right Reserved!