Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މެހެކް – އަށްވަނަ ބައި

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
April 9, 2026 5 Mins Read
10 Comments

“މެހެކް. އަހަންނަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއް. އަދި މިވާހަކަ ބުނީމަ މެހެކް ކަންތައް ކުރާނެ ގޮތެއްވެސް.” ޖެހިލުންވާކަން ހާމަކުރަމުން އިޝާން ބުނެލިއެވެ.

“އިޝާން. ކޮން ވާހަކައެއް ބުނަން ތިހާ އުނދަގޫވެގެން ތި އުޅެނީ؟ އެވާހަކައެއް ބުނީމަ އަހަރެން ރިއެކްޓް ކުރާނެ ގޮތަކާ ދޭތެރޭ އެހާ ކަންބޮޑުވާވަރުގެ ކޮން ވާހަކައެއްތޯވެސް ބަލާހިތް ވެއްޖެ މިހާރު. ދެން ބުނެބަލަ. އޭރުންނެއްނު އެނގޭނީ.” މެހެކް ހިތްވަރު ދިނެވެ.

“މެހެކް. އަހަންނަށް މެހެކްދެކެ ލޯބިވެވިއްޖެ. އަހަރެން ބޭނުންވަނީ މެހެކްއާ ކައިވެނިކުރަން.” އިޝާން ވަރަށް ހިތްވަރުކޮށްލާފައި ބުނެލިއެވެ.

މެހެކްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަށް ބެންޗުން ތެދުވެވުނެވެ.

“އިޝާން.” މެހެކްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.

“އާނ މެހެކް. އަހަންނަށް މެހެކްދެކެ ލޯބިވެވިއްޖެ. އަހަންނަށް މެހެކްދެކެ ލޯބިވެވުނީ ކޮންއިރަކު ކަމެއްވެސް ނޭނގެ. ފަހަރެއްގައި އަހަރެން މިވާހަކަ ބުނީމަ މެހެކް ހިތްހަމަވެސް ނުޖެހިދާނެ. އެކަމަކުވެސް އަހަރެން ހިތަށް އެރީ ހިތުގައި ފޮރުވައިގެން ހުރުމަށްވުރެ ބުނުމޭ ރަނގަޅުވާނީ. މެހެކް ހީނުކުރާތި މެހެކް ނޫނެކޭ ބުންޏަސް އަހަރެން ހިތްހަމަނުޖެހިދާނެޔޭ. އެހެން ހީނުކުރައްޗޭ. މެހެކްގެ ކޮންމެ ނިންމުމަކަށްވެސް އަހަރެން އިޙުތިރާމް ކުރާނަން.” އިޝާން ބުނެލިއެވެ.

“އިޝާން. އަހަރެންގެ ފުރަތަމަ ކައިވެނީގައި ކަންތައް ވީގޮތް އިޝާންއަށްވެސް އެނގޭނެ. އޭގެ ސަބަބުން އަހަރެންގެ ދިރިއުޅުމުން ފިރިއަކަށް ޖާގަ ދޭން ވަރަށް އުނދަގޫ. އިތުބާރުކުރަން ވަރަށް އުނދަގޫ.” މެހެކް ބުނެލިއެވެ.

“އަހަންނަށް ތި ހުރިހާ ކަމެއްވެސް އެނގޭ. އެހެންވެ މިހާ ދުވަހުވެސް ނުބުނެ ހުރީ. އެކަމަކު އަހަރެން ބުނެފާނަން ވާހަކައެއް. ހުރިހާ ފިރިހެނުންނަކީ ފާޒިލްއެއް ނޫން.” އިޝާން ބުންޏެވެ.

“އިޝާން. ތިކަންވެސް އަހަރެން ޤަބޫލުކުރަން. ނޫންނަމަ މިއަދު އަހަރެންގެ ރައްޓެއްސެއްގެ ގޮތުގައި އިޝާންއެއް ނުހުރީސް. އެކަމަކުވެސް އަހަރެން ދެވަނަ ކައިވެންޏަކަށް ދާން ބިރުގަނޭ. އެކަމަކު އިޝާން އަހަރެންގެ ކައިވެންޏަށް އެހީތީ އަހަރެން އެކަމާ ވިސްނާނަން.” ވޭތުވެދިޔަ ދުވަސްތަކުގައި އިޝާންގެ ފަރާތުން ފެނުނު ގާތްކަމާއި އޭނާގެ ރަނގަޅުކަން ފެނިފައި މެހެކްއަށް އޭނައަށް ސީދާ ނޫނެކޭ ބުނާކަށް ނުކެރުނެވެ.

“އެންމެ ރަނގަޅު. މެހެކް ބޭނުން ވަރަކަށް ވިސްނާ. އަހަރެން މެހެކްގެ ޖަވާބަކަށް އިންތިޒާރު ކުރާނަން.” އިޝާން އުންމީދުން ފުރިގެންވާ ނަޒަރަކުން މެހެކްއަށް ބަލައިލަމުން ބުނެލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފާޒިލްގެ ދިރިއުޅުން ދިޔައީ ދަށަށެވެ. އޭނާގެ ވިޔަފާރި ބަނގުރޫޓުވަމުން ދިޔައިރު އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އޭނާދެކެ ލޯބިވާކަމަށް ބުނެ ދަޅަދެއްކި ތާނިޔާ ކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާ ހޭއެރިއިރު ތާނިޔާ އޭނާގެ ހުރިހާ ފައިސާއެއް ހިފައިގެން ފިލައިފިއެވެ.

ކުރިން ފާޒިލްގެ ގާތުގައި ތިބި ރައްޓެހިންތައްވެސް މަޑުމަޑުން ދުރުވަމުން ގޮސް އޭނާ މުޅިން އެކަނިވެ ބާކީވިއެވެ. އޭނާއަށް މެހެކްގެ އަގު ވަޒަން ކުރެވުނެވެ. އޭނާ މެހެކް ގާތުން މާފަށް އެދެން ބޭނުންވިއެވެ. ވުމާއެކު އޭނާ މެހެކް ގާތަށް ދިޔައެވެ.

“މިހާރު ކީއްކުރަން ތި އައީ؟ މީ ދަރިފުޅު ކައިރިއަށް އަންނަ ގަޑިއެއްވެސް ނޫނެއްނު. ފަހުން އާދޭ.” ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރި ފާޒިލް ފެނުމުން މެހެކް ބުނެލިއެވެ. އަދި އިތުރު ވާހަކައެއް ދައްކާނެ ފުރުސަތެއްވެސް ނުދީ ދޮރު ލައްޕަން އުޅުނު ވަގުތު ފާޒިލް ދޮރު ހިފެހެއްޓިއެވެ.

“މެހެކް. އަހަރެން މިއައީ މެހެކް ގާތަށޭ. ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން. ކުޑަ އިރުކޮޅެއް ދީފާނަން؟” ކުރިން އަބަދުވެސް އަމުރުވެރި ރާގު ހުންނަ ފާޒިލްގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.

“މިހާރު ކޮން އާޓެއް ތި ދައްކަނީ؟ މިތާކު ތި ފިލްމު ކުޅޭނެ ކަމެއް ނެތް. ނެތް ބަލާނެ މީހަކު. އަހަރެން ފުލުހުންނަށް ނުގުޅަނީސް މިތަނުން ދޭ.” މެހެކްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

ފާޒިލްގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ހަލާކުވެއްޖެއެވެ. ވަރަށް މަސައްކަތުން ދިރިއުޅުމުގައި ކުރިއަށް ދެވޭއިރަށް އަނެއްކާ އައިސް ކޮން ޖެއްސުމެއް ކުރާކަށްހޭ މެހެކްގެ ހިތަށް އެރިއެވެ. ފާޒިލްގެ ސަބަބުން އޭނަ މީހުންނަށް ކުރަމުން އައި އިތުބާރު ގެއްލި، މައިންބަފައިންނާ ވަކިވާން ޖެހިއްޖެއެވެ. އަދި އޭނާގެ މިޒާޖުގައި ކުރިން ނުހުންނަ ކިތަންމެ ސިފައެއް އޭނާގެ ގައިގައި އަށަގަނެއްޖެއެވެ.

“މެހެކް. މަޑުކޮށްބަލަ. އަހަރެން މިއައީ އަހަންނަށް ކުރެވުނު ކުށް އިހުސާސްކުރެވި މާފަށް އެދެންވެގެން. އަހަންނަށް އެނގޭ އަހަންނަށް ކުރެވުނީ މާފު ޙައްޤުވާވަރުގެ ކުށެއް ނޫންކަން ވެސް. މެހެކްގެ ދިރިއުޅުމުން ގެއްލިގެންދިޔަ ދުވަސްތަކާ އަހަންނަށް ދެވުނު ހިތްދަތިކަމާއި އަނިޔާތަކުގެ ބަދަލެއް އަހަންނަކަށް ނުދެވޭނެ. އެކަމަކުވެސް ވެގެންވާނަމަ އަހަންނަށް މާފުކޮށްދީ.” ފާޒިލްގެ މޫނުމަތިން ފެންނަނީ ކުށްވެރިކަމުގެ އަސަރުތަކެވެ.

ފާޒިލް އައިސް މާފަށް އެދުމުން މެހެކްގެ ހިތަށް ކުރީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އެއްއިރެއްގައި އޭނާ އެމީހެއްގެ ފައިބުޑަށް ވެއްޓި އާދޭސްކުރި މީހާ މިއަދު އޭނާގެ ކުރިމަތީގައި ނިކަމެތިވެފައި ހުރުމަކީ މެހެކްގެ ކެތްތެރިކަމަށް ލިބުނު ނަސްރެކެވެ. ނަމަވެސް އެއީ އޭނާ އުފާކުރި ކަމެއް ނޫނެވެ.

“އެންމެ ރަނގަޅު. އަހަރެން ފާޒިލްއަށް މާފްކޮށްފިން. ކަލޭގެ ކިބައިން ބަދަލު ހިފުމުގެ އެއްވެސް ޝައުޤުވެރިކަމެއް އަހަރެންގެ ނެތް. އެކަމަކު އަހަރެން ކަލެއަށް މާފުކުރުމުގެ މާނައަކީ ކަލޭގެ ސަބަބުން އަހަންނަށް ލިބުނު ހުރިހާ ހިތްދަތިކަމެއް ހަނދާން ނެތުނީއެކޭ ނޫން. ކަލޭ ދިން ކޮންމެ އަނިޔާއަކީ އަހަރެންގެ ހަށިގަނޑާއި ހިތުގައި މިއަދުވެސް ހުރި ނުފިލާ ލަކުނުތަކެއް. އެ ލަކުނުތަކާއެކު އަހަރެން ދިރިއުޅެން ދަސްކޮށްފިން.” މެހެކް މަޑުމައިތިރިކަމާއެކު ބުންޏެވެ.

“އަހަންނަށް ވަރަށް ރަނގަޅު ދަރިފުޅާ ބައްދަލުކުރާ ގަޑީގައި ނޫން ގަޑީގައި ފާޒިލް މިގެއަށް ނައިއްޔާ. އޭރުން ފާޒިލް އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދިން ކަމަށް އަހަރެން ބަލާނަން. ދެން ފާޒިލް މިތަނުން ދޭ.” ފާޒިލް އިސްދަށަށް ޖަހާލައިގެން ހުރެ އެތަނުން ދިޔައީ މެހެކްގެ ހިތްވަރުގަދަކަން ފެނި ހައިރާންވެފައި ހުރެއެވެ.

ދުވަހަކަށްވުރެ ދުވަހެއް މެހެކްގެ ވިޔަފާރި “މެހެކްސް ކޭކްސް” ވެސް ފުޅާކުރަމުން ދިޔައެވެ. ވަރަށް އާދައިގެ ވިޔަފާރިއެއްގެ ގޮތުގައި ފެށި “މެހެކްސް ކޭކްސް” ވަނީ މުޅި މާލެ ސަރަހައްދުގައިވެސް އެންމެ ކުރިއަރާފައިވާ އެއް ހޯމް-ބޭކަރީއަށް ވެފައެވެ. އޭނާގެ ވިޔަފާރި ފުޅާކޮށްލުމާއެކު އޭނާ ވަނީ އޭނާ ފަދައިން ދިރިއުޅުމުގައި އެކަނިވެރިވެފައިވާ އަންހެނުންނަށް ވަޒީފާގެ ފުރުސަތު ދިނުމަށެވެ.

“ޒުލްފާ. މިއަދު އަހަރެމެންނަށް ލިބިފައި އެބައޮތް ފަސް ވެޑިން ކޭކުގެ އޯޑަރު. ވަރަށް ފަރުވާތެރިވާންވާނެ އިނގޭ.” މެހެކް އޭނާގެ އެހީތެރިޔާއަށް ބުންޏެވެ. ޒުލްފާއަކީވެސް ފިރިމީހާގެ އަނިޔާތަކަށް ކެތްނުކުރެވިގެން ވަރިވެގެން އުޅޭ ދެ ދަރިންގެ މަންމައެކެވެ.

މެހެކް ޤަބޫލުކުރާ ގޮތުގައި އިޝާންއަކީ އޭނާއަށް ލިބުނު ނަސީބެކެވެ. އޭނާގެ ކައިވެންޏަށް އާނބަސް ނުބުނި ނަމަވެސް އޭނާ މެހެކްއަށް ދެމުންދިޔަ އެހީތެރިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް އެ އެހީތެރިކަމާއި އަޅާލުން ދެމުން ދިޔައިރު، އިޝާން އައީ އަޔާލްއާއެކު ވަގުތު ހޭދަކޮށް އަޔާލްގެ ބައްޕައެއްގެ މަޤާމުވެސް ފުރަމުންނެވެ. ފަހަރެއްގައި އެއީ އޭނާގެ އަމިއްލަ ދަރިފުޅުގެ ވަކިވުމާއެކު އޭނާ ނުހަނު އެދިހުރި ލޯތްބަކަށް ވާތީ ވާގޮތެކޭ މެހެކްގެ ހިތަށް އެރިއެވެ.

އަޔާލްވެސް އިޝާންދެކެ ވަނީ ވަރުގަދަ ލޯތްބެކެވެ. ބައްޕަ ނުކީ ނަމަވެސް ބައްޕައެއްދެކެ ދަރިއަކު ވާނެ އެންމެ މަތީ ދަރަޖައަށް އަޔާލް އިޝާންދެކެ ލޯބިވެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އުފަން ބައްޕަގެ ފަރާތުން ނުލިބުނު ލޯބި އެހެން މީހެއްގެ ފަރާތުން އެހާ ފުރިހަމައަށް ލިބުމެވެ. ދެވަނަ ސަބަބަކީ އިޝާން މެހެކްއަށް ބަހައްޓާ ގާތްކަމާއި ކުރާ އިހުތިރާމެވެ. އިޝާން މެހެކްދެކެ ލޯބިވާކަން އަޔާލްއަށް ނޭނގުނަސް މަންމައަށް އެހާ ހެޔޮވުމަކީ އެ ކުޑަ ކުއްޖާގެ ހިތުން އިޝާންއަށް ރަނގަޅު މަޤާމެއް ދެވުނު މުހިންމު ސަބަބެކެވެ.

އެއްދުވަހެއްގެ ހަވީރު އިޝާން އަޔާލް ގޮވައިގެން ހުޅުމާލެ ދާން އުޅުމުން މެހެކްވެސް އެމީހުންނާއެކު ދާން ބޭނުންވިއެވެ. ތިން މީހުން އިޝާންގެ ކާރުގައި ހުޅުމާލެއަށް ދާން ނައްޓާލިއެވެ. ކާރުގައި އިންއިރުވެސް އިޝާން އެކިއެކި ވާހަކަދައްކައި އަޔާލްއާ ސަމާސާކުރަމުން ދިޔައެވެ. މެހެކްވެސް ދޭތެރެއަކުން އެ ސަމާސާތަކުގައި ބައިވެރިވެލި ނަމަވެސް އޭނާ ގިނަ ވަގުތު އިނީ ހިމޭނުންނެވެ. އޭނާ އިނީ ފުން ވިސްނުމެއްގައެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހުރި ބެންޗެއްގައި މެހެކް އިންއިރު ތަންކޮޅެއް ދުރުގައި އިޝާންއާއި އަޔާލް ކުޅެން އުޅޭތަން ފެނުނެވެ. އެ މަންޒަރު ފެނުނު މެހެކްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނައަށް ސިފަވީ ބައްޕައަކު ދަރިފުޅު ގޮވައިގެން ޕާކަށް އައިސް ކުޅެން އުޅޭ މަންޒަރެވެ.

އަޔާލް ގޮވައިގެން ކުޅެން އުޅެމުންވެސް އިޝާން ދޭތެރެދޭތެރެއިން މެހެކްއަށް ބަލައިލައެވެ. މެހެކް ލޯ ފޮހެލިތަން ފެނުމުން އޭނާ މެހެކްއަށް ގޮވާލާފައި އިޝާރާތުން ކިހިނެއް ވީހޭ އަހާލިއެވެ. މެހެކް ހިނިތުންވެލާފައި ބޯ ހޫރުވާލީ ކަމެއް ނުވެޔޭ ބުނުމުގެ ގޮތުންނެވެ. ނަމަވެސް އިޝާން އެވާހަކަ ޤަބޫލެއް ނުކުރެއެވެ.

“އަޔާލް. ބޭބެ ވަރަށް ވަރުބަލިވެއްޖެ. އަޔާލް ކުޅެލާ އިނގޭ. ބޭބެ އަންނާނަން ކުޑަކޮށް ރެސްޓްކޮށްލާފަ.” އަޔާލް ގާތު ބުނެލާފައި އިޝާން ގޮސް މެހެކް ގާތު ބެންޗުގައި އިށީނދެލިއެވެ.

“ކިހިނެއްވީ ތި އައީ؟” މެހެކް އަހާލިއެވެ.

“ހަމަ ނޭނގިގެންތަ ތި އެހީ؟” އިޝާން ވެސް ކުރީ ސުވާލެކެވެ.

“އާނ. އެނގޭނަމަ ނާހާނެއެއްނު.” މެހެކް ސަމާސާކޮށްލިއެވެ.

“ހޫމް. ދެން ކިޔާ ތިހެން. ހަމަ އެނގޭނެ އަހަރެން މި އައީ ކީއްވެކަން.” އިޝާން ބުނެލިއެވެ.

“ދެން ބުނަންވީނު.” މެހެކް ބުނެލިއެވެ.

“ފުރަތަމަ މެހެކް ބުނޭ.” އިޝާން ބުނެލިއެވެ.

“އަހަރެން ކީކޭތަ ބުނަންވީ؟ އެހެން ނޫނަސް އަހަރެން ދޯ ފުރަތަމަ ސުވާލުކުރީ.” މެހެކްގެ އަޑުގައި ލޯބިވެތި ޖަދަލެއްގެ ކުލަ ޖެހެން ފެށިއެވެ.

“އެކަމަކުވެސް ލޭޑީސް ފަސްޓް. އެހެންވީމަ މެހެކް ބުނޭ.” އިޝާން ވެސް ދުލެއް ނުދެއެވެ.

“އުހޫނ. ތި އެއްވެސް ގޮތެއް ނޫން. ހަމަ އިޝާން ފުރަތަމަ ޖަވާބުދޭން ޖެހޭނީ.” މެހެކް އަނެއްކާވެސް ބާރުއެޅިއެވެ.

“އޯކޭ ފައިން. އަހަރެން ބުނެފިއްޔާ މެހެކް ތެދަށް ބުނާނަންތަ؟” އިޝާން އެހިއެވެ.

“އާނ. އެހެން ނޫނަސް އަހަރެން ކޮންއިރަކު އިޝާންއަށް ދޮގުހެދީ؟” ޖަވާބާއެކު މެހެކް ސުވާލެއް ވެސް ކުރިއެވެ.

“ދެން އެހެނެއް ނޫނޭ މިބުނީ. ފަހަރެއްގައި ބުނަން ބޭނުން ނުވެދާނެއެއްނު.” އިޝާން ވަރަށް ލޯބިން ބުނެލިއެވެ.

“އަސްލު ކީއްވެ ތި ރޮނީ؟ މެހެކްއަށް އެނގެއެއްނު ތިހެން ރޯތަން ފެނުނީމަ އަހަރެން ދެރަވާވަރު.” އިޝާން ވަރަށް ސާފުކޮށް އެހިއެވެ.

“އެއީ އެހެނެއް ނޫނޭ. އެއީ އުފަލުން. އިޝާން އަޔާލްއާއެކު ހުންނަ ވަގުތުތަކުގައި އަޔާލްގެ އުފާވެރިކަން ފެނިފައި ހަމަ އުފަލުން ރޮވުނީ.” މެހެކް ބުނެލިއެވެ.

“ޔަޤީން ދޯ އިތުރު ކަމެއް ނޫޅޭކަން؟” އިޝާން އެހިއެވެ.

އަދިވެސް ބައެއް ވަގުތުތަކުގައި މެހެކް މާޒީއާ ދޭތެރޭ ވިސްނާފައި ރޯކަން އިޝާންއަށް އެނގެއެވެ. އޭނައަށް ބައެއްފަހަރު ފެނިގެން އެހުމުން މެހެކް އޭނައަށް އޮޅުވާލާފައި އެބަހުއްޓެވެ. އޭނައަށް ހީވީ މިފަހަރު ވެސް މެހެކްއަށް އެ ރޮވުނީ މާޒީގެ ހިތި ހަނދާންތައް ދަރިފުޅާއި ގުޅުވާލެވުމުން ކަމަށެވެ.

“އާނ. އިޝާން އަހަންނަށް ޝައްކު ކުރަނީތަ؟” މެހެކް އެހިއެވެ.

“ނޫނޭ. މެހެކް އަދިވެސް ބައެއް ވާހަކަތައް އެހާ އޯޕަންކޮށް ކިޔައެއްނުދޭ. އަހަންނަށް ފެނޭ އަދިވެސް މެހެކް ބައެއްފަހަރު މާޒީއާ ދޭތެރޭ ވިސްނާފައި ރޯތަން. އެހީމަވެސް ކިޔައެއް ނުދޭ. ކޮންމެވެސް ވާހަކައެއް ދައްކާފައި ވާހަކަ އޮއްބާލަނީ. އެހެންވެ އަހަރެން ހިތަށް އެރީ މިފަހަރު ވެސް އެކަހަލަ ކަމެކޭ ވީ.” އިޝާން އޭނާގެ ހިތުގައި އޮތްގޮތަށް އެއްވެސް ފޮރުވުމެއްނެތި ބުންޏެވެ.

“އެކަމު މިފަހަރު އެކަހަލަ އެއްވެސް ކަމެއް ނެތް.” މެހެކް އިޝާންގެ މޫނަށް ބަލައިލަމުން ހިނިތުންވެލާފައި ބުނެލިއެވެ.

ދެމީހުން ވާހަކަދައްކަން ތިބިއިރު އަޔާލްގެ ހަރަކާތްތަކަށްވެސް ބަލައެވެ. މެހެކް އިޝާންއަށް ބަލައިލިއިރު އިޝާން އިނީ ކަޅިވެސް ޖަހާނުލާ ވަރަށް ލޯބިން މެހެކްއަށް ބަލާށެވެ. މެހެކް ބަލައިލުމުން އަވަހަށް ނޫންކަމަށް ހެދިފައި އަޔާލް އުޅުނު ދިމާލަށް ބަލައިލިއެވެ.

“އިޝާން.” އިޝާންގެ އަތުގައި ހިފާލަމުން މެހެކް ގޮވާލިއެވެ. އިޝާން ބަލައިލިއެވެ.

“މިއަދު އަހަރެން މިތަނަށް މި އައީ ވަކި ބޭނުމެއްގައި. އިޝާން މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ގާތު ކައިވެންޏަށް އެދުނީމެއްނު. އަހަރެން އެކަމާ ވަރަށް ވިސްނައިފިން. އަދި ގޮތެއްވެސް ނިންމައިފިން.” މެހެކް ބުނެލިއެވެ.

އިޝާންގެ ހިތް ތަފާތު ގޮތަކަށް ތެޅިގަތެވެ. މެހެކް ދޭނީ ކޮން ޖަވާބެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. ރަނގަޅު ގޮތެއް ވާނެކަމަށް އޭނާ އުންމީދުކުރެއެވެ.

“މިހާރު ވެސް ވަރަށް ގިނަ ދުވަހު އަހަންނަށް އިޝާން އިންތިޒާރުގައި ބެހެއްޓިއްޖެ. އެހެންވެ އަހަރެން ހިތަށްއެރީ އުންމީދެއް ދީފައި އިތުރަކަށް ނުބަހައްޓާނަމޭ. މިއަދު ޖަވާބެއް ދޭނަމޭ.” މެހެކް ބުނެލިއެވެ.

އިޝާންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. މެހެކްއެވެ. އަހަންނަށް ތިހެން ނުހަދާށެވެ. ތިހާވަރަށް އަހަރެން ނުތަޅުވާށެވެ. ކޮންމެވެސް ޖަވާބެއް ދޭށެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ.

“އިޝާން. ވަރަށް ބޮޑަށް ސޮރީ.”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 24

Next

ހަގީގަތަކީ ކޮބައިހޭ؟…10

Next
April 9, 2026

ހަގީގަތަކީ ކޮބައިހޭ؟…10

Previews
April 8, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 24

10 Comments!

  1. Vaahaka kiyaa kujja says:
    April 9, 2026 at 8:16 am

    Kiyakiyaa indhaa thi ninmaalee ennme salhi hisaabun.thankolhe dhigukko genes dheebala.varra salhi vaahaka

    1. Saandy says:
      April 10, 2026 at 2:49 am

      Thank you

  2. Sheex says:
    April 9, 2026 at 12:50 pm

    Alhey v interesting part ekun thi ninmaalee
    BTW mi part ves v v v reethi MA
    Cw4thenextp
    Tc

    1. Saandy says:
      April 10, 2026 at 2:50 am

      Thank you

  3. Shaba_73 says:
    April 9, 2026 at 1:46 pm

    This part is Amazing 💗 !
    I’m so curious for the next part!

    1. Saandy says:
      April 10, 2026 at 2:50 am

      Thank you

  4. Alaika_22 says:
    April 9, 2026 at 1:48 pm

    Vrh rythi MA mi part vess ✨💗
    Curiously waiting for the next part….. when’s nxt?

    1. Saandy says:
      April 10, 2026 at 2:50 am

      Thank you. Insha Allah! Miadhu

  5. Mehek says:
    April 9, 2026 at 10:15 pm

    Very nice story and v madukohhlevey eba next part ah😇

    1. Saandy says:
      April 10, 2026 at 2:51 am

      Thank you

Comments are closed.

Next Episodeމެހެކް – ނުވަވަނަ ބައި←


All Right Reserved!