Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟… 3

Mysterious Woman Level 310 Stories100 Comments
March 28, 2026 3 Mins Read
0 Comments

ކާފަގެ އަތުގައި ހިފަހައްޓައިގެން ޝަދާން އިން ގޮތަށް އިނީ ހަރަކާތެއް ވެސް ގެންނަން ނޭނގިފައެވެ. ބަރާބަރު ފަސް އަހަރު ފަހުން އެ ނަން އިވުމުން އެ ކުރެވުނު އިހުސާސު މިއަދު ވެސް ކުރެވުނެވެ. މީގެ ފަސް އަހަރު ކުރިން އެހިތުގައި ފޮރުވައިގެން ހުރި ހުރިހާ އިހުސާސުތަކެއް މިއަދު ހޭލައިފިކަން ގައިމެވެ. ހަމައެކަނި އެންމެ ނަމެއްގެ ސަބަބުންނެވެ. އެންމެ މީހެއްގެ ސަބަބުންނެވެ. ނަމަވެސް މިއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.

އެންމެންގެ މޫނުތަކަށް އަރާ ކުލަވަރު ބަލަން ހުރި އާރާގެ މޫނުމަތިން ފެންނަނީ ނަފުރަތުގެ ދިލަ ހޫނެވެ. އެ ނަމުގެ ވެރިޔާ އަނދާ އަޅިއަށް ހަދާލަން ފަސްނުޖެހޭފަދަ ޝުޢޫރެކެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟

އެކަކު ވެސް އެއްޗެއް ނުބުނާތީ އަނެއްކާ ވެސް ވާހަކަދެއްކީ ޝިމާލެވެ. “ނާޒު….ވެދިޔަ ކަންތައްތައް ހަނދާން ނައްތާލާފައި ހުރިހާ ކުދިން ގުޅިގެން އުޅޭތަން ބަލަން ބައްޕަ ހާދަހާ ބޭނުންވޭ…..މީގެ ފަސް އަހަރު ކުރިންހެން…..” އެހިސާބަށް ބުނެވުމާއެކީ ކުއްލިއަކަށް މެޝިންތަކުގެ ބީޕް އަޑު ގަދަވާންފެށިއެވެ. އަވަސް އަވަހަށް ޝިމާލު ނޭވާލާތަން ފެނުމުން ޝެހެނާޒަށް ބާރަކަށް ރޮއެގަނެވުނެވެ. ކުއްލިއަކަށް މުޅިތަން އެލާތަށް އައެވެ. ހުރިހާ ޑަކުޓަރުން އާއިލާ އެންމެ ބޭރަށް ފޮނުވާލާފައި ޝިމާލު ވަށާލާ އޭނާއަށް ފަރުވާދޭންފެށިއެވެ.

ކޮރިޑޯ ތެރޭގައި ހުރި ގޮޑިބަރިތަކުގައި އާއިލާގެ ބޮޑެތިން އިޑީނދެ ތިބިއިރު ޅަ ގުރޫޕު ތިބީ ކޮޅަށްށެވެ. އެތަނުން ވެސް އެންމެ އަސަރުކޮށްފައިވަނީ ޝެހެނާޒަށްށެވެ. ޝަރުއާނާއި ޝުޢައިބާއި ޝަމާއިލާއި ޝަހުދާ އަދި މީކާއިލް ވެގެން ކޮއްކޮއަށާއި އަންހެނުންނަށް ހިތްވަރުދިނުމުގައި ދެމިތިއްބެވެ. މިއަދު ޝެހެނާޒުގެ ހުރިހާ ވެސް ބަޔަކީ އެއީވިއްޔާއެވެ. ލިބުނު ދެ ކުދިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ފުރާނަ ވަނީ އެ އެންމެންނާ މާ ދުރުގައިއެވެ. އެ ދަރިފުޅުމަތިން އޭނާ ހަނދާންނުކުރާ އެންމެ ދުވަހެއް ވެސްނުދާނެއެވެ.

މި މަންޒަރު ބަލަން އާލިޔާއަކަށް ކެތެއްނުވިއެވެ. އެއީ އޭނާގެ ފުރާނަފަދަ ލޯބިވާ އަންހެން ދަރިފުޅެވެ. އެ ދަރިފުޅުގެ ހުރިހާ އުފަލެއް ގުޅިފައިވަނީ މެހެކާކަން މިއީ ދުވާލު ފަދައިން އޭނާއަށް އެނގޭ ކަމެކެވެ. ނަމަވެސް އެ ދަރިފުޅު ދެކިލަން ޝެހެނާޒެއް ބޭނުމެއްނުވެއެވެ.

“މީކާއިލް މެހެކަށް ގުޅިންތަ؟…” އެންމެ ފަހުން އާލިޔާ އަހާލިއެވެ. “ލައްބަ މަންމާ…މަންމަ އެދިލެއްވިފަދައިން އަޅުގަނޑު މެހެކަށް ގުޅާފައި ބުނިން ކާފަ ވަރަށް ބަލި ވާހަކަ…ކާފަ ބޭނުންވަނީ މެހެކް ދެކިލަންކަން ވެސް ބުނިން…” މިއަޑަށް ރޯން އިން ޝެހެނާޒު ކުއްލިއަކަށް މީކާއިލްއާ ދިމާލަށް ބަލާލިއެވެ. މީކާއިލަށް އިސްޖަހާލެވުނީ ޝެހެނާޒަށް ނޭނގި އޭނާ މެހެކަށް ގުޅާފައި އަންނަން ބުނެވުނީމައެވެ. “މަންމަ ބުނީ މީކާއިލް ކައިރީ މެހެކަށް ގުޅާފައި ބުނަން…އެއީ ވެސް މި އާއިލާގެ ދަރިއެއް…ނާޒުގެ ދަރިފުޅު….މިތިބަ ކުދިންގެ ކޮއްކޮ އާއި އެންމެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޝިމާލު ޝާފިޒުގެ ކާފަ ދަރިފުޅު….ދަރިފުޅަށް ވެސް އެނގޭނެ ބައްޕަ އާއި މެހެކުގެ ގުޅުން…” އާލިޔާ ފައްޗަކަށް ހުރިހާ ވާހަކައެއް ދެއްކި އިރު ވެސް ޝެހެނާޒު އެއްވެސް އެއްޗެއް ނުބުންޏެވެ. ޖަވާބެއް ނަޔަސް ޝެހެނާޒުގެ ރުހުން ލިބިއްޖެކަން އާލިޔާއަށް އެނގިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސް ގޭޓިން ނިކުތް ހަމުގެ ކުލަ އަލި އިސްކޮޅުން ފުދޭ ވަރަކަށް ދިގު ލޫޅާފަތި އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެންމެ އަޅައިގަންނަ ސިފައަކީ އެ އަންހެން ކުއްޖާގެ ދިގުދިގު މަޑު މުށިކުލައެއް ޖައްސާފައިވާ ރާޅުބާނީ އިސްތަށިގަޑެވެ. އެ އިސްތަށިގަޑު އެ އަންހެންކުއްޖާގެ އުނަގަޑުން ތިރިއާ ހަމައަށް އަރައެވެ. ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ޑެނިމް ޖިންސެއް ލައިގެން ކަޅު އުސް ކެޝުއަލް ބޫޓަށް އަރައިގެން ފަރި ހިނގުމެއްގައި ހިނގާފައި އެ އަންނަނީ ޝިމާލު ޝާފިޒުގެ ކާފަ ދަރިފުޅު މެހެކް މީކާއިލެވެ. އެ ރީތި ދެލޯ މެހެކް ވަނީ ކަޅު ރޭބަން އައިނަކުން ފޮރުވާލާފައިއެވެ. އެހެނީ މެހެކްގެ ހޭޒަލް ކުލައިގެ ކަޅި ފެނިއްޖެ މީހަކު އެ ދެލޮލުގެ ސިހުރުގައި ނުޖެހިނުދާނެކަން އެއީ ކަށަވަރުކަމެކެވެ.

މީހުން ބަލާވަރުން މެހެކް ހުރީ ބޮލުން ދުން އަރައަރައެވެ. އެވަރަށް މީހުން އެބަލަނީ އޭނާއަކީ ޝިމާލު ޝާފިޒުގެ ކާފަ ދަރިފުޅަށް ވީމާ ނޫންކަން އެނގެއެވެ. އެހެނީ މެހެކް އަމިއްލަ ވަޒަނަށް އެއައީ ފަސް އަހަރު ފަހުންނެވެ. މެހެކް ވަށައިގެން ބަލާލިބަލާލުމުން ވެސް ލައްކަ ކަންކަން ބަދަލުވެފައި ހުރިވަރު ހަމަ ލޮލުން ފެނިއްޖެއެވެ. އުފަން ފަސްގަޑަށް އާދެވުމުން އެކުރެވޭ އިހުސާސު މެހެކަށް ނުކުރެވޭކަން އެ ޖާދުވީ މޫނަށް ވެރިވެފައިވާ މަޑުމައިތިރިކަމުން އެނގެއެވެ. އޭނާ އަމިއްލަ ވަޒަނަށް އެއައީ އެންމެ ބޭނުމަކުއެވެ. ހަމައެކަނި އޭނާގެ ލޯބިވާ ކާފަގެ އެދިލުމަކަށްށެވެ. ނޫންނަމަ މި ފަސްގަޑަކީ އޭނާއަށް ބީރައްޓެހި ތަނެކެވެ. ހަނދާން ކުރަން ބޭނުންނުވާ މާޒީ ވަނީ މި ފަސްގަޑުގައި ވަޅުލާފައެވެ.

ކާފަ ބަލި ޚަބަރު ލިބުމުން އޭނާ ދެރަވެ ހިތާމަކުރިވަރު ހެއްދެވި އިލާހު ނޫން އެހެން ފަރާތަކަށް ނޭނގޭނެއެވެ. ކާފައަށް ޓަކައި އޭނާ ލަންޑަނުގައި އަދާކުރަމުން އައި ވަޒީފާ އާއި ރައްޓެހިން އަދި އުޅެމުން އައި ވިލާ ދޫކޮށްލާފައި ރާއްޖެއަށް ބަދަލުވާން ނިންމީއެވެ.

އެރައިވަލްސް ގޭޓިން ނިކުތް މެހެކަށް އޭނާގެ ބައްޕަ ފޮނުވި ބީއެމްޑަބުލިއު ކާރު އައިސް އޮތްތަން ފެނުނެވެ. އޭނާގެ އިސްތިޤުބާލުގައި ކާރު ޑްރައިވަރު އިނގިރޭސިވިލާތުގެ އެލެކްސް ހަނާއަޅާލުމާއިއެކު މެހެކް މިސްރާބުޖެހީ ކާރާ ދިމާލަށްށެވެ. “ޔަންގް ލޭޑީ…ވެލް ކަމް ބެކު…. ޓު ދި މޭންޝަން އޯރ ޓު ދި ހޮސްޕިޓަލް؟؟” މެހެކަށް މަރުޚަބާ ކިޔާލުމަށްފަހު އެލެކްސް ކުރިމަތި ކުރުވީ ދެ ސުވާލެކެވެ. މެހެކް ހިނިތުންވެލާފައި “ޓު ދި ހޮސްޕިޓަލް” އޭ ބުނެލިއެވެ. އެއާއިއެކު އޭގެ އެންމެ ދުވެލި ބާރުމިނުގައި މިސްރާބު ޖެހީ އެމް.އެން.އެޗު ހޮސްޕިޓަލާ ދިމާލަށްށެވެ. އޭގެ ކުރިން މެހެކަށް ނޭނގޭނެހެން އެލެކްސް މީކާއިލަށް މެހެކް އައި ޚަބަރު ވަނީ ފޯރުކޮށްދީފައެވެ.

ޕްރައިވެޓު ރޫމުގެ ދޮރު ހުޅުވާލި އަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނީ ރޫމުގެ ދޮރުން ނިކުތް ޑރ.އެލްޒިންއަށްށެވެ. “އަލްޙަމްދުލިއްލާހި….ހީ އިޒް ސްޓޭބަލް ނައު….ބަޓް…..” “ބަޓް ވަޓް؟؟؟” ޑަކުޓަރުގެ ވާހަކަ ނުނިމެނީސް ޝެހެނާޒު އަހާލައިފިއެވެ. “ބަޓް…ބީ ޕްރިޕެއާޑޭ ބުނެވޭނީ….ކޮންމެ ވަގުތަކަށް ވެސް ތައްޔާރަށް ތިބޭށޭ….ހީ އިޒް ކައުންޓިން ހިޒް ލާސްޓު މިނަޓްސް…ދި އޮންލީ ތިންގ ހީ ވޯންޓްސް އިޒް ޓު މީޓް ހިޒް ގުރޭންޑު ޑޯޓާރ…” އެންމެ ފަހު ޖުމުލަ ބުނެލިއިރު އެލްޒިންގެ ނަޒަރު ހުރީ ޝަދާނަށް ހުއްޓިފައެވެ. އެ ނަޒަރުގައި އެ ބުނި ބަހުގެ މާނަ އޭނާއަށް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ.

އެލްޒިންއަކީ ޝަދާނާ އެއް ސްކޫލަކުން ތަޢުލީމު ހާސިލުކުރި އޭނާގެ ކުލާސްމެޓެކެވެ. އެނާގެ ވަރަށް ގާތް އެކުވެރިއެކެވެ. އެ އާއިލާ އާއި ވެސް ގުޅޭ މިތުރެކެވެ. ޑރ.އެލްޒިން ދަމުން ޝަދާންގެ ކޮނޑުގައި ޖަހާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އެމް.އެން.އެޗު ހޮސްޕިޓަލުގެ އެންމެ މަތީ ފަންގިފިލާއަށް ހުއްޓުނު ލިފްޓުން ފޭބީ މެހެކެވެ. ހަމަހިމޭން ކޮރިޑޯގެ ތެރެއިން އިވެނީ މެހެކް އަރައިގެން ހުރި ބޫޓުގެ ޓޮއްޓޮއް އަޑެވެ. އެކަކަށް ވެސް ނުގުޅާ މެހެކް މައްޗަށް އަރައިގެން އެއައީ އެލެކްސް ކިޔައިދިން ގޮތަށްށެވެ. ކުރިމަތިން ފެންނަން ހުރި ޕްރައިވެޓު ރޫމުގެ ދޮރު ކުރިމަތީ ހުރި މެހެކް ހުރީ ފިނިވެފައެވެ. ފަސް އަހަރު ފަހުން އާއިލާގެ އެންމެންނާ ވެސް ބައްދަލުކުރަން މިޖެހުނީ ހީވެސް ނުކުރާ ގޮތަކަށްށެވެ. އެކަމަށް ރަނގަޅަށް ތައްޔާރު ވެސް ނުވެއެވެ. ކާފަ އާއި މާމައާއި ބައްދަލުވެވޭތީ އުފާވިޔަސް މަންމަ ކުރިމައްޗަށް އަރަން ޖެހުމުން ޖެހިލުންވެއެވެ. އަދި “އޭނާ” ވެސް ހުންނާނެކަން އެނގޭތީ ވަކިން ފިނިވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ދޮރު ހުޅުވާލަން ތައްޔާރުވެލީ މީގެ ފަސް އަހަރު ކުރިން ނުވި ބަދަލެއް ދެން ވެސް ނުވާނެކަން އެނގޭތީއެވެ. އެންމެންގެ ނަޒަރުގައި އޭނާއަކީ ކުށްވެރިއެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟… 2

Next

ފޭރުނު އުފާ

Next
March 28, 2026

ފޭރުނު އުފާ

Previews
March 28, 2026

ހަގީގަތަކީ ކޮބައިހޭ؟… 2



All Right Reserved!