Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންސާފު – ފުރަތަމަ ބައި

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
March 25, 2026 4 Mins Read
10 Comments

އުދަރެސް ބައްދާލާފައިވަނީ ކަޅު ވިލާތަކުންނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ކޯޓު އިމާރާތުގެ ބޮޑު ބިއްލޫރިގަނޑުގައި ޖެހެމުންދިޔަ އަޑު އިވެމުންދިޔައީ، ހިމޭންވެފައިވާ އެ ކޮޓަރީގެ ތެރޭގައި ވަރަށް ބާރަށެވެ. ޤާނޫނީ ވަކީލު ޝާޔާ ވަޙީދު އިނީ އޭނާގެ މޭޒުދޮށުގައި ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ކުރިމަތީގައި އޮތީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ލިޔުންތެރިޔާ އަޙްމަދު އަމްރުގެ މައްސަލައެވެ. އޭނާގެ އަންހެނުން ރިޝްފާ މަރާލިކަމުގެ ތުހުމަތު އޮތީ އަމްރުގެ ބޮލުގައި އެޅިފައެވެ.

އަމްރުއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވާހަކަ ލިޔުންތެރިޔާއެވެ. އޭނާގެ ގަލަމުގެ ބާރުން އެތައް ސިޔާސީ މީހުންނެއް ސައިޒުކޮށްލާފައިވެއެވެ. އޭގެ އިތުރުން އޭނާގެ ގަލަމުން ލިޔެފައިވާ ވާހަކަތަކުގެ ޖާދޫގައި ޖެހިފައިވާ ކިޔުންތެރިންވެސް މަދެއް ނޫނެވެ. ހަމައެހެންމެ އޭނާއަކީ ނުފޫޒުގަދަވުމުގެ އިތުރަށް ރީތި އަޚުލާޤެއްގެ ވެރިއެއްގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ މީހެކެވެ. އަދި އޭނާގެ ދީލަތިކަމާއި މީހުންނަށް ހުންނަ އޯގާތެރިކަމަކީ އެންމެން ދަންނަ ކަމެކެވެ. ނަމަވެސް ފުލުހުންގެ ހެކިތަކުން ދައްކާގޮތުގައި ރިޝްފާ މަރާލި ރޭ ރާޔަން އިނީ ގޭގައެވެ. އަދި ރިޝްފާ މަރާލުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެންވެސް އެ ދެމަފިރިންގެ ދެމެދުގައި މައްސަލަތަކެއް އުޅޭކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

“ޝާޔާ. މި މައްސަލައަކީ ވަރަށް ނާޒުކު މައްސަލައެއް.” ޝާޔާގެ ސީނިއާ ވަކީލު އިލްޔާސް އިބްރާހީމް ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

“އަމްރުއަކީ މުޖުތަމަޢުގައި ޤަދަރުވެރި މީހެއް. އޭނާގެ މައުސޫމްކަން ސާބިތުކޮށްދިނުމަކީ ކަލޭގެ ކެރިއަރުގެ އެންމެ ބޮޑު އިމްތިހާނަށް ވާނެ.” އިލްޔާސް އިތުރުކޮށްލިއެވެ.

“އަޅުގަނޑަށް ޤަބޫލުކުރެވެނީ އޭނާ އެކަން ނުކުރާނެ ކަމަށް. އޭނާގެ ލޮލުން ފެންނަނީ ހަޤީޤީ ހިތާމަ. އެއީ މީހަކު މަރާލާފައި ހުރި މީހެއްގެ މޫނުމަތިން ފެންނާނެ ކުލަވަރެއް ނޫން.” ޝާޔާ އިސްއުފުލާލާފައި އިލްޔާސްއަށް ބުންޏެވެ.

ދެވެރިން އެތައް އިރަކު މަޝްވަރާކުރަން ތިއްބެވެ. ވެދާނެ އެތައް ގޮތަކާއި ބެހޭގޮތުން އެ ދެމީހުން މަޝްވަރާކުރިއެވެ. އަދި އަމްރުއާ ބައްދަލުކުރަން ދާން ގަޑިވެސް ހަމަޖެއްސިއެވެ.

ހެނދުނުގެ ދިހައެއް ޖެހިއިރެވެ. ޖަލުގެ ބައްދަލުކުރާ ކޮޓަރީގައި އަމްރު އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ ހުދު ގަމީހުގެ އަތުކުރި ވަނީ އޮޅާލެވިފައެވެ. ޝާޔާ އެތެރެއަށް ވަނުމާއެކު އަމްރު ބަލާލިއެވެ. އެ ދެލޮލުގައި ވަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. އިންތިހާ ދަރަޖައިގެ ހިތާމައެވެ.

“ޝާޔާ. އަޅުގަނޑު ރިޝްފާދެކެ އިންތިހާއަށް ލޯބިވިން.” އަމްރުގެ އަޑު މަޑެވެ. އެ އަޑުގައިވަނީ މޮޅިވެރިކަމެވެ.

“އަޅުގަނޑުމެންގެ ދެމެދުގައި ކުދިކުދި ދެބަސްވުންތައް ހިނގި. އެއީ ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް ވާނެ ކަންކަން. އެކަމަކު އޭނަ މަރާލުން. އެއީ އަޅުގަނޑަށް ހުވަފެނަކުންވެސް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު އޭނަދެކެ އެވަރަށް ލޯބިވިން. ލޯބިވަން.” އަމްރު އިތުރަށް ކިޔައިދިނެވެ.

“އަމްރު. އަޅުގަނޑަށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދީ. އެހެންނޫނީ އަޅުގަނޑަށް އަމްރު ސަލާމަތްކުރަން ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެރޭ ކިހިނެއްވީ؟ ފުލުހުން ބުނަނީ ގޭގެ ދޮރު ހުރީ އެތެރެއިން ތަޅުލާފައި ކަމަށް. އަދި ބޭރުން މީހަކު ވަންކަމުގެ ނިޝާނެއް ނެތްކަމަށް.” ޝާޔާ އޭނާގެ ނޯޓްބުކް ހުޅުވާލަމުން ވަރަށް ސީދާކޮށް ކުރަން ބޭނުންވި ސުވާލު ކުރިއެވެ.

“އަޅުގަނޑު އޭރު އިނީ ތިރީބައިގައި އޮފީހުގެ މަސައްކަތެއްގައި. ރިޝްފާ އިނީ ކޮޓަރީގައި. އަޅުގަނޑު މަސައްކަތް އެރެއަށް ނިންމާލާފައި ނިދަން ދިޔައީ. ދިޔައިރު އޭނާ އޮތީ.. ލެޔާއެކު އެނދުމަތީގައި. އެ މަންޒަރު ފެނުމުން އަޅުގަނޑުގެ ދުނިޔެ ހުއްޓުނު ކަހަލަ.” އިސްޖަހައިގެން އަސަރާއެކު އަމްރު ކިޔައިދެމުން ދިޔައެވެ.

ޝާޔާ އަމްރުގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު، އޭނާއަށް އިހުސާސްވަމުން ދިޔައީ އަމްރުގެ މައުސޫމްކަމެވެ. އޭނާގެ ހިތުގެ ކޮންމެވެސް ކަނަކުން އަމްރުއަށްޓަކައި ހަމްދަރުދީ އުފެދެން ފެށިއެވެ. ކުށެއްނެތް މީހަކު އެވަރުގެ ބޮޑު ކުށެއްގައި ބެދުނީތީ އެކަމުން އޭނާ ސަލާމަތްކުރުން ޝާޔާއަށް ހުރިހާ ކަމަކަށްވުރެ މުހިންމު ކަމަކަށްވިއެވެ.

ކޯޓުގެ މަރުހަލާ ފެށުނެވެ. ދައުލަތުގެ ވަކީލު ވަރަށް ވަރުގަދަކޮށް ވަކާލާތު ކުރަމުން ދިޔައީ އަމްރުއަކީ ރޭވުންތެރި ޤާތިލެއް ކަމަށެވެ. އެމީހުން ހެއްކެއްގެ ގޮތުގައި ދެއްކީ އަމްރުގެ އަވަށްޓެރިއެކެވެ. އޭނާ ބުނިގޮތުގައި އެރޭ އަމްރުގެ ގޭގެ ތެރެއިން ވަރަށް ބާރަށް ހަޅޭއްލަވާ އަޑު އިވުނެވެ.

“އިއްޒަތްތެރި ގާޒީ. އަޅުގަނޑުގެ އިދިކޮޅު ވަކީލު އެ ދައްކަވާ ވާހަކަ އެއްގޮތަކަށްވެސް ހަމައެއް ނުޖެހޭ އިނގޭތޯ. ނުލާހިކު ބޯކޮށް ވާރޭ ވެހި، ގުގުރަމުންދިޔަ ރެއެއްގައި އަވަށްޓެރިޔާގެ ގޭގައި ހުރެގެން އެހާ ސާފުކޮށް އަޑު އިވުމަކީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫން އިނގޭތޯ.” ޝާޔާ ވަރަށް ހުޝިޔާރުކަމާއެކު ދައުލަތުން ހުށަހެޅި ހެކި ބާތިލުކުރިއެވެ.

ދައުލަތުގެ ވަކީލަށް ޝާޔާގެ ކުރިމަތީގައި ކުރިހޯދޭނެ އެއްވެސް ގޮތެއް ނުވިއެވެ. ދައުލަތުން ހުށަހެޅި ކޮންމެ ހެއްކެއް ވަރަށް ސާބިތުކަމާއެކު އޭގައި ހުރި ހަމަނުޖެހޭ ކަންކަން ދައްކައި އެ ހެކި ބާތިލުކުރިއެވެ. ވަރުގަދަ ކުރިމަތިލުންތަކަކަށްފަހު ދެވަނަ އަޑުއެހުމަކަށް ތާރީޚު ކަނޑައެޅުމަށްފަހު އެދުވަހުގެ އަޑުއެހުން ނިންމާލިއެވެ.

މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔަވަރަކަށް ޝާޔާއާއި އަމްރުގެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ. ކޯޓުން ބޭރުގައި ކުރެވޭ ބައްދަލުވުންތަކުގައި އެދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި ވަކީލަކާއި މުވައްކިލެއްގެ ގުޅުމެއް ނޫނެވެ. އަމްރުގެ ހިތްގައިމު ވާހަކަދެއްކުމާއި އޭނާގެ އޯގާތެރިކަމުގެ ސަބަބުން ޝާޔާގެ ހިތް އޭނާއަށް ލެނބެން ފެށިއެވެ.

“ޝާޔާ. މި ހުރިހާ ކަމެއް ނިމުމުން، އަޅުގަނޑުގެ ދިރިއުޅުން އަލުން ފަށަން ބޭނުން. އަދި އެ ދިރިއުޅުމުގައި ޝިމާގެ އެހީތެރިކަން އަބަދުވެސް ބޭނުންވާނެ.” އެއްދުވަހަކު އަމްރު ބުންޏެވެ. ޝިމާ ލަދުން އިސްޖަހާލިއެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ މި އިހުސާސްތަކުގެ ސަބަބުން އޭނާގެ ޤާނޫނީ ވިސްނުމަށް ފަރުދާއެއް އެޅެމުން ދިޔަކަމެވެ.

ދައުލަތުގެ ފަރާތުން ފުލުހުންނަށް އަމްރުއާ ދެކޮޅަށް ސާބިތު ހިފޭވަރުގެ ހެއްކެއް ހުށަނޭޅި މައްސަލަ ނިމެން ގާތްވެފައިވަނިކޮށް، ފުލުހުންނަށް އާ މައުލޫމާތެއް ލިބުނެވެ. ރިޝްފާގެ ބޭންކް އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ މަދުވަމުން ދިޔަކަން އެނގުނެވެ. އަދި ރިޝްފާއަކީ ނަފްސާނީ ގޮތުން ބަލި މީހެއްކަމުގެ ލިޔުންތަކެއްވެސް ފެނުނެވެ.

“އިއްޒަތްތެރި ގާޒީ. އަޅުގަނޑުގެ މުވައްކިލް އަމްރު، އޭނަގެ އަނބިމީހާ ރިޝްފާ މަރާލަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް އިނގޭތޯ.” ޝާޔާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

“ސަބަބު ވަރަށް ސާފު. އަމްރު ރިޝްފާ މަރާލަފާނެ ހުރިހާ ސަބަބުތަކެއް ހުރީ ސާފުކޮށް ފެންނަން. މިހާރު އަމްރު މާ މަތީ ފެންވަރެއްގައި އެ ހުރި ވިޔަފާރިއަކީ އެއިން އޭނައަށް ބައި ސޫތެއްވެސް ލިބޭ އެއްޗެއް ނޫން. އަދި އަމްރުއަށް އެއިން ކުޑަކުޑަވެސް މިންވަރެއް ލިބޭނީ ރިޝްފާ ދުނިޔޭގައި ނެތް ދުވަހަކުންކަން އެނގޭ ލިޔުމެއް އަޅުގަނޑު ވާނީ ހުށަހަޅާފައި. އޭގައި ރިޝްފާގެ ސޮއި އަދި އިނގިލީގެ ނިޝާން އެބައޮތް.” ދައުލަތުގެ ވަކީލު ބުނެލިއެވެ.

“އިއްޒަތްތެރި ގާޒީ. އަމްރުއަށް ހުރިހާ ބާރަކާއި އިޚުތިޔާރެއް ދީފައި އޮތް ވިޔަފާރިއެއް އަމިއްލަ ކުރުމަށް ލޯބިވާ އަނބިމީހާ މަރައެއް ނުލާނެ.” ދިފާއުގައި ޝާޔާ ބުންޏެވެ.

“މިސް ޝާޔާ. އަމްރުގެ އަތުގައި ހަމައެކަނި ނަމެއްގައި ބާރު އޮތީ. އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހުރިހާ ނިންމުމެއްގެ ފަހުބަސް އިއްވުމުގެ ބާރު އޮތީ ރިޝްފާ އަތުގައި. ރިޝްފާގެ ސޮއި ނެތި އޮފީހުން ކަރުދާސްގަނޑެއްވެސް އެތަނުން ބޭރު ނުކުރެވޭނެ. އިއްޒަތްތެރި ގާޒީ. އަދި މި މައްސަލައިގެ ތެރެއިން ވަރަށް މުހިންމު އެހެން ނުކުތާއެއްވެސް ފާހަގަކޮށްލާނަން. އަމްރުއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް. ވަންނާނެ ގެދޮރެއްވެސް ނެތް. ވީއިރު ރިޝްފާ ކަހަލަ މުއްސަނދި އަނތްބެއްގެ މުދާގަނޑު ހިލޭ ލިބެން އޮއްވާ އޭނަ އެމަގު ޚިޔާރު ނުކުރާނެ ސަބަބެއްވެސް ނެތް.” ދައުލަތުގެ ވަކީލު ހާމަކުރި ބޮޑު ސިއްރުން ހީވީ ކޯޓުތެރޭގައި ބޮމެއް ގޮއްވާލިހެންނެވެ. ޝާޔާއަށްވެސް ސިހުން ލިބުނު ޚަބަރަކަށް އެކަން ވިއެވެ. އެއީ އަމްރު އޭނައާވެސް ހިއްސާނުކުރާ މަޢުލޫމާތެކެވެ.

“އިއްޒަތްތެރި ގާޒީ. އަޅުގަނޑުގެ އިދިކޮޅު ވަކީލު އިލްޒާމަކަށްފަހު އިލްޒާމެއް އަޅުގަނޑުގެ މުވައްކިލުގެ ބޮލުގައި އަޅުވަމުން ދިޔައިރު އެފަރާތުން ވަނީ ވަރަށް ބޮޑު ހަޤީޤަތެއް މި ކޯޓުގެ މަޖިލީހަށް ސިއްރުކޮށްފައި. އިދިކޮޅު ވަކީލު އެބަ ބުނޭ ފައިސާގެ ދަހިވެތިކަމުގައި އަމްރު ރިޝްފާ މަރާލީކަމަށް. އެކަމަކު އަޅުގަނޑު ވަރަށް ކެރިހުރެ މި ދަންނަވަނީ އެއީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށް. ރިޝްފާގެ މަރުގެ ރިޕޯޓުގައި އޮތީ އޭނާގެ ކަރުގައި ވަޅި އަޅާފައިވަނީ ވާތުން ކަމަށް. އަމްރުއަކީ ކަނާތްތެރިއެއް. ރިޝްފާއަކީ ވާތްތެރިއެއް. އަނެއްކޮޅުން ރިޝްފާއަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދިޔަ މީހެއް. ކިހިނެއްތޯ އެނގޭނީ އޭނާ އަމިއްލައަށް މަރުވީ ނޫންކަމެއް.”

ޝާޔާގެ ވަރުގަދަ ދިފާއީ ހުއްޖަތްތަކުގެ ސަބަބުން ފަނޑިޔާރުންގެ ހިތުގައި ޝައްކު އުފައްދައިފިއެވެ. އަދި އެ “ޝައްކު”ގެ ފައިދާ އަމްރުއަށް ލިބި އޭނާ މިނިވަންވިއެވެ.

އަމްރު މިނިވަންވުމުގެ އުފަލުގައި މާލޭގެ މުއްސަނދި ރެސްޓޯރެންޓެއްގައި ކުޑަ ހަފްލާއެއް ބޭއްވުނެވެ. ޝާޔާ ހުރީ ވަރަށް އުފަލުންނެވެ. ކުށެއްނެތް މައުސޫމް އިންސާނަކު ސަލާމަތް ކުރެވުނީތީއެވެ. އިންސާފު ހޯދައިދެވުނީތީއެވެ.

“ޝާޔާ. ޝާޔާއާ ނުލައި މިއަދު އަޅުގަނޑު މިތަނަކު ނުހުރީސް. ވަރަށް ބޮޑަށް ޝުކުރިއްޔާ. ތީ އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި ވަރަށް ބޮޑު ނަސީބެއް.” އަމްރު ޝިމާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

އަމްރުއާއި ޝާޔާގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުން ދިޔައެވެ. އަމްރުދެކެ ޝާޔާއަށް ހަމަ ހަޤީޤަތުގައިވެސް ލޯބި ވެވިއްޖެއެވެ. އޭނާ ބޭނުންވަނީ އަމްރުއާ ކައިވެނި ކުރާށެވެ. ލޯބިން އުފާވެރި ޙަޔާތެއް ވޭތުކުރާށެވެ. އަމްރުގެ ފަރާތުންވެސް އޭނައަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތިވާހާ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ދެމީހުންގެ ގުޅުން ކިތަންމެ ގާތްވި ނަމަވެސް ޝާޔާ އެ ދެމެދުގައި ދުރުމިނެއް ބެހެއްޓިއެވެ. ކައިވެނި ކުރެވެންދެން ފަހަނައަޅައި ގޮސްގެން ނުވާނެ އިމެއް ބޭއްވިއެވެ.

ވަރަށް ކުލަގަދަކޮށް އަމްރުއާ ޝާޔާގެ ކައިވެނި ކުރެވުނެވެ. ޝާޔާގެ ދިރިއުޅުން ބަދަލުކުރީ އަމްރުގެ ގެއަށެވެ. ދުވަސްތައް ކިތަންމެ އުފަލުގައި ދިޔަނަމަވެސް އަމްރުގެ ގެއަށް ބަދަލުކުރި ހިސާބުން އޭނައަށް ބުނަން ނޭނގޭ ކަހަލަ ނުތަނަވަސްކަމެއް ލިބެން ފެށިއެވެ. ރިޝްފާގެ ޤާތިލު އަދިވެސް ނުހޯދޭތީއެވެ. އެއީ ކާކުބާއޭ ހިތަށް އަރާވަރުންނެވެ.

ގޭތެރެ ސާފުކުރި ދުވަހެކެވެ. އަމްރު ވީ އޮފީހުގައެވެ. ގޭގެ އެކި ތަންތަން ސާފުކުރަމުން ގޮސް އެންމެ ފަހުން ވަނީ ގޭގެ ކުޑަ ގުދަން ކޮޓަރިއަށެވެ. އެތަނުގައި ހުރީ އަމްރުގެ ކުރީގެ ފޮތްތަކާއި ލިޔުންތަކެވެ. ކޮޓަރީގެ އެއް ކަނެއްގައި ހުރި ދަގަނޑު ފޮށްޓެއް ޝާޔާގެ ލޮލުގައި އަޅައިގަތެވެ. އެ ފޮށި ކުޑަކޮށް ހުޅުވިފައި ހުރުމުން އެ ބަލައިލުމުގެ ޝައުޤުވެރިކަން އުފެދުނީ ވަކި ސަބަބެއް އޮވެގެނެއް ނޫނެވެ. ފޮށީގެ އެތެރޭގައި އޮތީ ބާ ޓައިޕްރައިޓަރެކެވެ. އެއީ އަމްރު ކުރިން ލިޔަން ބޭނުންކުރި އެއްޗެކެވެ.

ޝާޔާ މަޖަލަކަށް އޭގައި އެއްޗެއް ލިޔެލަން އުޅުނެވެ. އެކަމަކު އޭނާއަށް ފާހަގަވީ އޭގެ ބައެއް އަކުރު ޖެހެނީ ވަރަށް ތަފާތު ގޮތަކަށް ކަމެވެ. ކުއްލިއަކަށް ޝާޔާގެ ހަނދާނަށް އައި ކަމަކުން އޭނާއަށް ވަރުގަދަ ސިހުމެއް ލިބިއްޖެއެވެ.

(ނުނިމޭ)

 

ނޯޓް: މިއީ ހިންދީ ފިލްމު “ކުސޫރް” އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް!

yaanaa 02
Next

ޔާނާ 2

Next
yaanaa 02
March 25, 2026

ޔާނާ 2

Previews
March 24, 2026

ކިޔުންތެރިންގެ ސަމާލުކަމަށް!

10 Comments!

  1. Alaika_22 says:
    March 25, 2026 at 12:28 pm

    Mi part vess vrh rythi MA! 💗
    Curiously waiting for next part!
    Whn next??????????

    1. Saandy says:
      March 26, 2026 at 1:14 pm

      Thank you. Mihaaru upload kollaafa vaany

  2. Un_known says:
    March 25, 2026 at 12:37 pm

    Vrh reethi first ep vx MA❤️
    Vrh kiyaa hiyvaa kahala gothakahh mi stry dhanii
    Curiously waiting for the next ep✨
    When is next?

    1. Saandy says:
      March 26, 2026 at 1:15 pm

      Thank you. Mihaaru upload kollaafa vaany

  3. Utxo says:
    March 25, 2026 at 1:15 pm

    Kusoor I othee balaafa! Hama seedhaa copy eh mee!!

  4. Shaba_73 says:
    March 25, 2026 at 1:53 pm

    Mi part ves vrh Reethi MA! ❤️
    Vrh interesting story eh!!! 💗🤗
    Curiously waiting for the next part When’s next???

    1. Saandy says:
      March 26, 2026 at 1:15 pm

      Thank you. Mihaaru upload kollaafa vaany

  5. Anonymous says:
    March 25, 2026 at 2:12 pm

    Saandy how old r u? Just asking
    Talented author eh veema

    1. Girrrl_ says:
      March 25, 2026 at 7:41 pm

      Wow,can’t wait for the next part!
      MashaAllah,u r soo good at writing dhivehi stories…gud gud

    2. Saandy says:
      March 26, 2026 at 1:15 pm

      I’m 29+

Comments are closed.

Next Episodeއިންސާފު – ފަހު ބައި←


All Right Reserved!