ދެވުނީ ވޭނޭ 55
ރޭގަނޑުގެ ވަގުތެވެ. އޮފީސް ނިންމާފައި އަރީން މިސްރާބު ޖެހީ ރޯޝަނީ ގެއަށް ދާށެވެ. ފުވައްމުލަކަށް ދިޔަ ފަހުން އަދި ޒައިލީނާއި ބައްދަލެއް ނުވެއެވެ. ގުޅާ ކޮންމެ ފަހަރަކު ވެސް ޒައިލީން އަރީން ގާތު އަންނާށޭ ބުނެ ރޯނެއެވެ. އެހެނަސް އަރީން އެހެން ވާހަކައެއް އަޅުވާލައިގެން ރުއްސާލާނެއެވެ.
އެ ހިސާބަށް އާދެވުމުން އަރީން ކާރުން ފޭބިއެވެ. ޖަންނަތު ދިޔައީ ކާރު ޕާކިން ޒޯނަށް ލާށެވެ. އަރީން ގޮސް ގޭޓުގައި ކޯޑު ޖަހަން ވާއިރަށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ. ގަހެއްގެ ފަހަތަށް އަރީން ގެނެސްފައި އެ މީހަކު އަރީންގެ ކަރުގައި ހިފާ ފާރުގައި ޖައްސާލިއެވެ. އަރީން ފާޑަކަށް ހަޅޭއްލަވައިގަތެވެ. އެ ވަގުތު އެ މޫނު ނިވާ ކޮށްގެން ހުރި މީހާގެ އިތުރުން އެހެން މީހަކު އައިސް އަރީންގެ އަނގަމަތީގައި އަތް އެޅިއެވެ. އެއަށްފަހު އޭނާ މިޔަ ތޫނު ވަޅި އެއް ނަގާ އަމާޒުކޮށްލީ އަރީންގެ މެޔަށް ހަރާލާށެވެ.
ޖަންނަތު ކާރުު ޕާކު ކޮށްލުމަށް ފަހު އެއިން ފޭބިއެވެ. ތަޅުދަނޑި ޖީބަށް ލައިފައި އެނބުރެލި ވަގުތު އޭނާ އަށް އިވުނީ އަރީން ހަޅޭއްލަވައިގަތް އަޑެވެ. ދުވެފައި ގޮސް އަރީނާއި އަރާ ހަމަކުރި ވަގުތު ފެނުނު މަންޒަރަކުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަވަސް ޙަރަކާތާއި އެކު ވަޅި ހިފައިގެން ހުރި މީހާ ދުރަށް ކޮށްޕާލައިފައި އަނެއް މީހާގެ ކަނދުރާ ދަށުގެ ވައިޓަލް ޕޮއިންޓެއްގައި ޖެހި ޖެހީނުން ނޮކްއައުޓް ކޮށްލައިފިއެވެ. އަނެއް މީހާ ގޮސް ދުރުގައި އޮތް ވަޅި ހިފައިގެން އައިސް ޖަންނަތުގެ ވައަތުގައި އަޅާ ދަމާލީ އެ ވަގުތެވެ. ތަދުވި ނަމަވެސް އޭނާ ތުންފަތުގައި ދަތް އަޅާލަމުން އެ ސޮރު އަތުން ވަޅި އަތުލައިފައި ކާނުގަނޑު ތެރެއަށް އެއްލާލިއެވެ. އަރީން ބިރުން ފުލުހުންނަށް ގުޅިއެވެ. ޖަންނަތުގެ އަތުން އޮހޮރެމުން ދިޔަ ލޭ ފެނި އޭނާގެ މޫނު ހުދުވިއެވެ. ޖަންނަތު އަނެއް މީހާ ތިރިކޮށްލައިފައި މޫނުގައި ތިން ހަތަރު ފަހަރު ގޮށްމުއްކަވައިފައި ކަނައަތުން ޖެއްސެވެ. ޖަންނަތު ތެދުވީ އޭނާގެ ކަނދުރާ ދަށުގައި ވެސް ޖަހާ ނޮކްއައުޓް ކޮށްލައިފައެވެ.
“ރީން. ކަމެއް ވިތަ؟ ދައްކަ ބަލައިލަން.” ޖަންނަތު އަރީންގެ ކޮނޑުގައި ހިފާލަމުން އަރީނަށް ގޮތެއް ވެފައި ހުރިތޯ ބަލާ ފާސްކޮށްލިއެވެ. “އަހަރެންގެ ގައިގައި ކޫރުމެއް ވެސް ނޭޅޭ. އެކަމު ޖަންނާ. މިއޮއް އަތް ކަނޑައިގެން ގޮސް ލޭ އަންނަނީނުން. ހިނގާ ހަސްފަތާލަށް ދާން.” އަރީން ޖަންނަތުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ސައިރެން އަޅުވަމުން ފުލުސް ޖިޕެއް ވެސް އައީ އެ ވަގުތެވެ. ކަން ދިމާކުރި ގޮތުން އެ ތަނަށް އާދެވުނީ ސުމައްޔާ މެންނަށެވެ.
“ރީން.” ސުމައްޔާ އައިސް އަރީންގެ މެދު ހަށީގައި ބައްދާލިއެވެ. އިޙުސާނާއި ޒައިން ވެއްޓި ހޭނެތިފައި އޮތް ދެ ސޮރު ގޮވައިގެން ގޮސް ފުލުސް ޖިޕަށް އެރިއެވެ. “ސުމީ. ފަހުން ވާހަކަ ދެއްކޭނީ” އަރީން ސުމައްޔާ ދުރަށް ޖައްސާލައިފައި ޖަންނަތު ގޮވައިގެން މައި މަގަށް ނުކުތެވެ. އެއީ އާފިޔާ އަށް ފުލުސް ސައިރެން އަޑު އިވިގެން ބޭރަށް ނުކުމެވުނު ވަގުތެވެ. ވީ ގޮތުގެ ތަފްސީލެއް ނުލިބެނީސް އަރީން ޓެކްސީ އަކަށް އަރައިގެން ގޮސްފިއެވެ.
“ސުމީ. ކިހިނެއް ވެގެންތަ މި އުޅެނީ. ރީއްކޮ އަށް ކަމެއް ވީތަ؟ ޖަންނަތަށް ހާނީއްކައެއް ވީތަ؟ ކޮން ބަޔަކު ތަ އައިސް އެ ހަމަލާ ދިނީ؟” އާފިޔާ ސުމައްޔާ އަށް ގޮވާލަމުން އޭނާގެ ސުވާލު ގޯނީގެ ތުން މޮހާލިއެވެ. “ހީވަނީ ރީން އަށް ގެއްލުމެއް ދޭން އައި ދެމީހުން ހެން. ޖަންނަތުގެ އަތުގައި ވަޅި އަޅައިފައި ހުރި ކަމުގެ ޒަޚަމެއް ފެނުނު. އެ ދިޔައީ ހަސްފަތާލަށް. އިތުރު މަޢުލޫމާތެއް ލިބޭނީ އަރީނާއި ޖަންނަތު އެ ކަން ހިއްސާކުރީމަ. ދެން ދަނީއޭ.” ސުމައްޔާ އޭނާ އަށް ވީ ވަރަކުން ސުވާލުތަކަށް ޖަވާބު ދީފައި ގޮސް ފުލުސް ޖިޕަށް އެރިއެވެ.
އަރީން ލައިގެން ހުރި ހެދުމުގެ ފަސްބައި އިރާލަމުން ފޮތިގަނޑެއް ނަގާ ޖަންނަތުގެ އަތުގައި އޮޅާލީ ލޭ އައުން މަނާ ކުރެވޭތޯއެވެ. ޖަންނަތު ހަމަޖެހިލައިގެން އިން އިރު އަރީން ހުއްޓުމެއް ނެތި ރޮމުން ދިޔައެވެ. ޑްރައިވަރު ވެސް ތަންކޮޅެއް ބާރަށް ކާރު ދުއްވަމުން ދިޔައީ އަވަހަށް ހަސްފަތާލަށް ދާށެވެ. “ރީން. ދެން ހުއްޓާލަބަލަ. މިހެން ވެސް ވެދާނޭ. އެހާވަރުގެ ކަމެއް ނޫނެއްނު.” ޖަންނަތު އޭނާގެ ކަނައަތުން އަރީންގެ ކަރުނަތައް ފުހެދިނެވެ. “ރޮވޭނެއްނު. އަހަރެންނާއި ހެދި… އޭ ޖަންނާ އަށް މިހެން މިވީ. އަބަދުހެން އަހަ…ރެން މަރާލަން މަސައްކަތް ކުރާ މީހުން މި ކަހަލަ ކަންކަން ކުރާނެ. އަހަރެން…ނަށް އަނިޔާ ވުމުގެ ބަދަލު އެހެން މީހުންނަށް އަ… އަނިޔާ ވާތީ ހާދަ ދެރަވެއޭ.” އަރީން ރުއިމުގެ ތެރެއިން ބުނެލިއެވެ.
ހަސްފަތާލަށް އާދެވުމުން އަރީން ޖަންނަތު ގޮވައިގެން ދިޔައީ އެ އަތް ފަހާ ބޭސް އަޅާށެވެ. ޑަކުޓަރަކާއި ދެ ނަރުހުން ވެގެން ކުރަމުން ދިޔަ މަސައްކަތް ބަލަން އަރީން އިނީ ނޭފަތް ދަމާލަ ދަމާލައެވެ. ޒަވިއަން އެ ތަނަށް ތެޅި ފޮޅެމުން އައީ ޖަންނަތުގެ އަތުގައި ބޭސް އެޅި ފަހުންނެވެ.
“ޖަންނަތު ރެސްޓްކޮށްލަން ދުވަސްތަކެއް ނަގަން ވީނުން. އަހަރެން ބަލާނަން އިތުރު ވަގުތީ ބޮޑީގާޑުންތަކެއް ލިބޭތޯ.” ޒަވިއަން ހަސްފަތާލުން ނުކުންނަމުން ބުނެލިއެވެ. “ނޫން. އަނެއްކާ އެހެން މީހަކަށް އަނިޔާވާން އަހަރެން ރައްކާތެރިކުރަން މީހަކު ހޯދާނެ ކަމެއް ނެތް.” އަރީން ފާޅުގައި ކުރީ އިންކާރެވެ. “ރީން. މިކަހަލަ ކަމެއް ދެވަނަ ފަހަރަށް ވެދާނޭ. މިއަދު ޖަންނަތު ނެތް ނަމަ ރީންގެ ފުރާނަނެތް މަސްގަނޑު ކަން ނޭނގެ އެ މަގުން ލައިފައި ދާ މީހަކަށް ފެންނާނީ.” ޒަވިއަން ކާރަށް އަރައިފައި ދުއްވާލަމުން އަރީންގެ ޚިޔާލު ބަދަލު ކުރުމަށް އެއްޗެއް ބުންޏެވެ.
“ޒެވް އެހެން މީހަކު ހޯދިޔަސް އެ މީހަކާއި ދުރުދުރުން އަހަރެން އުޅޭނީ.” އަރީން ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. “ރީން. މިހާރު ހާލަތު އޮތް ގޮތުން އެންމެ ބުއްދިވެރި ގޮތަކީ ޒަވިއަން ބުނިހެން އިތުރު ބަޔަކު މި މަސައްކަތަށް އައްޔަނު ކުރުން. އަހަރެން ރަނގަޅުވާންދެން ރީން ރައްކާތެރިކުރަން ކުޅަދާނަ ހަށިފާރަވެރިއަކު ހޯދަން ޖެހޭނެއްނު. އެކަމަކު އަހަރެން ވެސް ހުންނާނަން ގާތުގައި ވީ ވަރަކުން އެހީވާން.” ޖަންނަތު ބުނެލިއެވެ.
“ނޫން. އަހަރެންގެ ސަބަބުން ޖަންނާ އަށް އިތުރު އަނިޔާއެއް ލިބޭކަށް ނޭދެން. އަހަރެންނަށް ގޮތެއް ވީމަ އެ ބަޔަކު ހުއްޓާލާނެއްނު. އޭރުން އިތުރު މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތް ވެވޭނެ.” އަރީން އިންކާރު ކުރަމުން ބުނެލިއިރު ހުރީ ފެންކަޅި ވެފައެވެ. ޒަވިއަން ކާރު ހޮޓެލް ކުރިމައްޗަށް ހުއްޓާލީ އެ ވަގުތެވެ. އެ މީހުން އިތުރު އެއްޗެއް ބުނަން ވާ އިރަށް އަރީން އެއިން ފައިބައިގެން ދިޔައީ ދުވެފައެވެ. އަނެއް ދެމީހުން ކާރުން ފައިބަންނަމުން އަރީންގެ ފަހަތުން ދިޔައެވެ. އެހެނަސް އަރީނާއި އަރާ ހަމަކުރެވުމުގެ ކުރިން އޭނާ އެރި ލިފްޓުގެ ދޮރު ލެއްޕުނެވެ. ޒަވިއަން އެހެން ލިފްޓަކަށް އެރީ ޖަންނަތާއި އެކުގައެވެ. “ޖަންނަތު ދޭ އަމިއްލަ ރޫމަށް ރެސްޓް ކޮށްލަން. އަހަރެން ގޮސް ރީން އާއި ވާހަކަ ދައްކައިފައި ވަކި ޖަވާބެއް ދޭނަން.” ޒަވިއަން ބުނެލިއެވެ.
އަރީން ހޮޓެލް ރޫމަށް ވަދެ ދޮރު ލޮކް ކޮށްލައިފައި ވަނީ ފެންވަރާށެވެ. މާގަނޑު ދަށުގައި ހުރެގެން ވެސް އަރީން ވަރަށް ރުޔެވެ. ފެންވަރާލުމަށް ފަހު ބޯ ހިއްކާލައިފައި އޭނާ ތުވާލި ހަރުގައި އަޅުވާލިއެވެ. އިސްތަށިގަނޑު ރޫޅާލުމަށް ފަހު ބޭލި އަންނައުނުތައް ދާވަށިގަނޑަށް ލައިފައި ކޮޓަރިއަށް ނުކުތީ ދެނެވެ.
“ޒެވް؟” އަރީން ފަހަތަށް ފިޔަވަޅެއް އަޅާލަމުން ދެލޯ ބޮޑުކޮށްލީ ސޯފާގައި އިން ޒަވިއަން ފެނިފައެވެ. އަނެއްކޮޅުން ޒަވިއަންގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ އަރީންގެ ދޮން މޫނަށެވެ. އެ ރީތި ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ރޫޅާލައިފައި ވުމުން އިތުރަށް ރީތި ކަމަށް ދައްކައެވެ. އަރީންގެ ހާމަވެފައިވާ ދޮން ކަނދުރާގެ ތިރިން އޭނާގެ ލަފާކަށި ފާހަގަވާން ހުރީ އާދަޔާޚިލާފަށްް ރީތި ގޮތަކަށެވެ. އަރީންގެ އެ ނާޒުކު ފުރިހަމަކަމަށް ގެއްލިފައި ހުރި ޒަވިއަންގެ ދެލޮލުން ފެންނަނީ އާވާރާވެފައިވާ ކުލަވަރެކެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ ނޭވާލާން ވެސް ހަނދާންނެތުނު ކަހަލައެވެ. ޒަވިއަނަށް ހަމަ ބިމަށް އާދެވުނީ އަރީން ދުވެފައި ގޮސް ވޯޑްރޯބަށް ވަނުމުންނެވެ.
ވޯޑްރޯބުގެ ދޮރު ޖަހާލަމުން ދޮރުގައި ލައްގަނެފައި އަރީން އޭނާގެ މޭގައި އަތް އަޅާލިއެވެ. އެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔައީ ރަކިވެ ހާސްވެފައި ހުރުމުންނެވެ. ނަފްސް ހަމައަކަށް އަޅުވާލުމަށް ފަހު އަރީން ބުރުގަލެއް އަޅާލައިގެން ނުކުތީ ފަސް ވަރަކަށް މިނެޓް ފަހުންނެވެ.
“ކީއް ކުރަން ތި އައީ.” ޑްރެސިން ޓޭބަލް ކުރިމަތީގައި ހުއްޓެމުން އޭނާ އެކި ފަރާތް ފަރާތަށް ކަޅި ހިންގަމުން ދިޔައީ އަދިވެސް ލަދުގަނެފައި ހުރުމުންނެވެ. “އަހަރެން ދައްކަން ހުރި ވާހަކަތައް ދައްކައެއް ނުނިމެޔޭ. ރީން ރައްކާތެރިކުރަން ބޮޑީގާޑެއް ގެންނަން އެއްބަސް ނުވެވެންޏާ. ރީން ބަލަން އަންނާނީ އަހަރެން. އެ ވާހަކަ ބުނެލަން މި އައީ.” ޒަވިއަން ބުނެލިއެވެ. އަރީނަށް ޒަވިއަނާއި ދިމާލަށް ބަލައިލެވުނީ ތަފާތު ގޮތަކަށެވެ.
“ޒެވް ގާތު އަހަރެން ތަކުރާރުކޮށް ބުނެފީމެއްނު އަހަރެން ރައްކާތެރިކުރަން މީހަކު ނުގެންނާށޭ. އޭގެ މާނައަކީ އެކަކު ވެސް އައިސްގެން ނުވާނޭ. އަހަރެންގެ ހިތަކަށް ފަސޭހައެއް ނޫނޭ ލޯބިވާ ފަރާތަކަށް އަހަރެންގެ ސަބަބުން ގެއްލުމެއް ލިބޭ މަންޒަރު ދެކޭކަށް. ދަ ޓާރގެޓް އިޒް މީ. އައި ޝުޑް ބީ ދަ ވަން ޓު ގެޓް ހާރޓް. ޒެވް ތިއީ ބޮޑު ވިޔަފާރިއެއް ހިންގާ މީހެއް. ވަކި އަހަރެން ކަހަލަ މީހަކަށް ވަގުތު ހުސްކުރާނެ ކަމެއް ނެތް. ޒެވް އަށް ގޮތެއް ވިއްޔާ އާފިޔައްތަ މެން ކިހާ ދެރަ ވާނެ. ތިއީ އެމީހުންގެ ހުރި ހަމައެކަނި ދަރިއޭ.” އަރީން ގޮސް ޒަވިއަން ކުރިމަތީގައި ހުއްޓިލަމުން އަސަރާއި އެކު ބުނެލިއެވެ. އަރީންގެ ވާހަކަތައް އިވިފައި ޒަވިއަން ހިތްހަމަނުޖެހުނެވެ.
“ރީން! ތިޔަހެން ބުނާއިރު ވިސްނާލިންތަ ރީން އަށް ގޮތެއް ވިއްޔާ އަހަރެން ދެރަވެ ހިތުގައި ޖެހޭނެ ވަރު. ތިއީ ޒައިލީންގެ މަންމައޭ. ޔަނާއްތަ އާއި އަފްޒަލް ބޭބެގެ ހުރި ދެލޮލުގެ ނޫރު ފަދަ އަންހެން ދަރިއޭ. ނުވީތާކަށް އަހަރެންގެ އަންހެނުންނޭ. އަހަރެންގެ އަންހެނުން ނުރައްކަލެއްގައި ވާއިރު ކީއްކުރާ ވިޔަފާރިއެއްތަ؟ އަހަރެންނަށް އެންމެ މުހިންމީ ޒެލީ އާއި ރީން ރައްކާތެރިކުރުން. ވަރިހަމަ އެ ކަމުގައި އުޅެމުން ދުނިޔެ އަޅައި ދާން ޖެހުނަސް. ރީން ރައްކާތެރިކުރެވިއްޖެ ނަމަ އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނެ.” ޒަވިއަން ތެދުވެ އަރީންގެ ކޮނޑުގައި ހިފާ ބާރަށް ތަޅުވާލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަރީންގެ ދެލޮލަށެވެ. އެ ނަޒަރުގައި ހުރީ ބަޔާންކުރަންދަތި ހާސްކަމެކެވެ.
“ކީއްވެގެންތަ އަހަރެން ލޯބިވާ މީހުން އަހަރެން ރައްކާތެރިކުރަން ފުރާނަ ނުރައްކަލަކަށް ވައްޓާލަނީ. ޒެވް އަށް ގޮތެއް ވިއްޔާ އަހަރެން މޮޔަ ވެދާނެ. އަހަރެންގެ ހިތުން ޖާގައެއް ދެވުނު ހަމައެކަނި ފަރާތަކީ ތިއޭ.” އަރީންގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައިރު، އޭނާގެ އަޑުގައިވަނީ ހިތްދަތި އާދޭހެކެވެ.
“އަހަރެންނަށް ގޮތެއް ވިއްޔާ ރީން ހިތުގަ ޖެހޭ ގޮތަށް ރީންއަށް ގޮތެއް ވިއްޔާ އަހަރެންގެ ހިތް ފޮތިފޮތިވާނެ. މިހާރު އަހަރެންގެ ހިތުގައި މި ތަފާތު ވިންދު ޖަހަމުން ދަނީ ރީނަށް ޓަކައި. ކިތަންމެ ޤަބޫލުކުރަން ދަތިވިޔަސް އަހަރެންނަށް ރީން ދެކެ ލޯބިވެވިއްޖެ. ދުވަސްވީ ވީހެން އަހަރެންގެ ހިތުގައި މި އިހުސާސް މޫލައި ހެދިގަނެއްޖެ. އާދޭސް ކޮށްފަ މި ބުނީ. ރީން ރައްކާތެރި ކުރަން އަހަރެންނަށް ފުރުސަތެއް ދީ.” އަރީންގެ އަތުގައި ހިފާ މޭ މަތީ ބާއްވާލަމުން ޒަވިއަން އޭނާގެ ހިތުގައިވީ އިހުސާސްތައް ބޭރުކޮށްލިއެވެ. އަރީން ބަސް ހުއްޓިފައި ޒަވިއަންގެ ލޮލަށް ގެއްލިފައި އޮވެވުނީއެވެ. އެ ހިތް އުފަލުން ނަށަމުން ދިޔައީ ރުހެވޭ ފަރާތުގެ ލޯބި މިލްކުވެއްޖެކަން އިޙުސާސް ވުމުންނެވެ. ޒަވިއަން އޭނާގެ އިހުސާސްތައް ދުލުން ބޭރުކޮށްލި ފުރަތަމަ ފަހަރަކީ މިއެވެ.
“އައިމް ސޮރީ.” އަރީން އިސްޖަހާލަމުން ބުނެލިއެވެ. ޒަވިއަން ހުރީ އަރީން މަޢާފަށް އެދުނީ ކީއްވެގެން ކަމެއް ވިސްނައިނުގަނެވިފައެވެ. “ޒެވް މަސައްކަތް ދޫކޮށްލާފައި ނާންނާތި. އައިސްފިނަމަ އަހަރެން އަމިއްލައަށް ޝައުލާ އާއި ދިމާލަށް ދާނީ. ޖަންނަތު އެ ބުނީނުން އެހާ ވަރެއް ނުވެޔޭ. އަންނާނަމޭ.” އަރީން އެހެން ބުނެލީ ޒަވިއަންގެ އަތުން ވީއްލިގެން ގޮސް ފުރަގަސް ދެމުންނެވެ. ޒަވިއަން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ޖަންނަތަށް އިންޖަރީއެއް ލިބިފަ ހުރިއްޔާ އަހަރެންނަށް އަންނަ އެޓޭކްތައް ފަސޭހަޔަކުން ބްލޮކެއް ނުކުރެވޭނެ. މި ފަހަރު އަހަރެން މަސައްކަތް ކުރާނީ ޖަންނަތަށް ގޮތެއް ވިޔަކަ ނުދޭން. ޒެވް އައިއްޔާ އެހެންނެއް ނުހެދޭނެ. މިހާރު ވާވަރަށް އަހަރެންނަށް މަރުގެ އެތިފަހަރުތަކުން ސަލާމަތްވެވިއްޖެ. ދެން ކަމެއް ކުރަން އުޅުނިއްޔާ ފިލާކަށް ނުދާނަން. އެ ހިސާބުން މި ކުޅިގަނޑަށް ނިމުމެއް ގެންނާނަން.” އަރީން ހިތާހިތުން ބުނެލިއެވެ.
ޒަވިއަން އިތުރު އެއްޗެއް ނުބުނެ ކޮޓަރިން ނުކުތެވެ. އެއީ ޒައިލީން ގޮވައިގެން ފަލަކް އައިސް އެ ޔުނިޓަށް ވަތް ވަގުތެވެ. ފަލަކްގެ ކޮނޑުމަތީގައި ނިދިފައި އޮތް ޒައިލީނަށް އަވަސް ނަޒަރެއް ދީފައި އޭނާ މިސްރާބު ޖެހީ ލީވާންގެ ގެއަށް ދާށެވެ.
ފަލަކް ކޮޓަރިއަށް ވަތް އަޑު އިވިފައި އަރީން އިސް އުފުލާލާ ބަލައިލިއެވެ. އެއަށްފަހު ތެދުވެގެން ގޮސް ޒައިލީން ނަގައި އެނދުމައްޗަށް ލިއެވެ. ފަލަކަށް އަރީންގެ ރަތް ވެފައި ދެލޯ ފެނި ޒަވިއަނާއި ދެމެދު ކަމެއް ހިނގައިފިކަން އެނގުނެވެ. އެހެނަސް އޭނާ ސުވާލެއް ނުކޮށް ކޮޓަރިން ނުކުތީއެވެ.
އެޕާޓްމަންޓު ދޮރުގައި ބެލް އަޅާލަމުން ކެތްތެރިކަމެއް ނެތި ޒަވިއަން އިންތިޒާރު ކުރަމުން ދިޔައީ ލީވާން ދޮރު ހުޅުވާނެ އިރަކަށެވެ. “އިލެވެން އަށް ހަމަ އެއްވެސް ލީޑެއް ނުލިބޭތަ މިރޭ އަރީނަށް މަރުގެ ހަމަލާއެއް ދޭން މަސައްކަތް ކުރިކަމުގެ؟” ޒަވިއަން އެހިއެވެ. “ކީކޭ؟ އެހެންވެގެންތަ މިއަދު އެހާ އަވަސް އަރުވާލައިގެން ދިޔައީ؟ އާނ. އެމީހުން ނޫޅޭ ރީނަށް ކަމެއް ކުރާކަށް. އިންޒާރުގެ މެސެޖު ފޮނުވާ ބަޔަކު ނުހޯދިގެން ބޯ ގޮވާފަ ތިބީ. ޖަލުން ނުކުތަސް ނާއިލް ރީނަށް މަރުގެ ހަމަލާއެއް ދީފާނެތަ؟ އެ ސޮރު ހުންނަނީ އެ މަންޖެއާ ހެދި އާވާރާވެފައި ވިއްޔާ. ރީނަށް އެފަދަ ހަމަލާއެއް ދޭނެ މީހަކަށް ހުންނާނީ ޝައުލާއެއްނު.” އެތެރެއަށް ވަދެ ހަމަޖެހިލަމުން ލީވާން ބުނެލިއެވެ. ޒަވިއަނަށް އެ ވާހަކަތައް ވަރަށް ފަސޭހައިން ޤަބޫލުކުރެވުނެވެ. އެހެނަސް އެ ހިތުގައި އަނދަމުން ދިޔަ އަނގުރު އަލިފާނަށް ކުޑަވެސް މަޑުޖެހުމެއް ނާދެއެވެ.
“އެ ޝައުލާގެ ލޮކޭޝަން ހޯދޭނެތަ؟ މިރޭ އެކަން ކޮށްދީ. އެ ނުލަފާ އަންހެނާގެ ކިބައިން ރީން ރައްކާތެރިކުރެވޭނީ މަ ގޮސް އިތުރު އިންޒާރެއް ދީގެން. ރީން ހިލާ އެއްބަހެއް ނުވި އިތުރު ހަށިފާރަވެރިއެއް ހޯދާކަށް. އަހަރެން އަންނަން އެދުނީމަވެސް ފާޅުގައި ކުރީ އިންކާރު. ބުނީ… ބުނީ.. ރީން ލޯބިވާ ފަރާ…ފަރާތަކަށް އިތުރު ގެއްލ.. ގެއްލުމެއް ލިބޭ މަންޒަރު ދެކޭކަށް ނު… ނުހުންނާނަމޯ. އެ ސުންޕާ އަންހެނާއާ އަމިއްލަ އަށް ގޮސް ބައްދަލުކުރާނަމޯ.” ހިތްހަމަނުޖެހިފައި ވާހަކަ ދައްކަމުން ދިޔަ ޒަވިއަންގެ އަރުބެދޭ ގޮތްވީ މިރޭ އަރީން ދެއްކި ވާހަކަތައް ހަނދާންވެފައެވެ. އަމިއްލަ އެދުމުގެ ޛައްރެއްގެ މިންވަރުވެސް އެ މައުސޫމް އަންހެންކުއްޖާގެ ކިބައިގައި ނެތެވެ.
ލީވާން ލަސްނުކޮށް އެ މަސައްކަތް ފެށީ ޒަވިއަންގެ މޫނުމަތީގައިވީ މޮޅިވެރިކަން ފެނި ހިތަށް އުނދަގޫ ވުމުންނެވެ. ލީވާން އެ މަސައްކަތް ކޮށް ނިމުނު އިރު ވެސް ޒަވިއަން އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ.
“ބަލާ. ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓްގެ ޔުނިޓް 01-08 ގައި އޭނާ އުޅެނީ. މި ވަގުތަށް އެކަނި. ސްމާޓް ލޮކެއް އިނީ ވެސް. ކޯޑަކަށް ބްރޯގެ އުފަންދުވަސް. ޕިސްޕިސް. މި އަންހެނާ އަދިވެސް މިކަން ހުއްޓާކަށް ނޫޅޭތަ؟ ޒެވްގެ ރީތިކަމާއި މުއްސަނދިކަމަށް ލެނބިގެން ގޮސް މީހާ ކަނުވެފަ.” ލީވާން ލެޕު ސްކްރީން ދައްކާލަމުން ބުނެލިއެވެ. ޒަވިއަން އޭގެ ފޮޓޯއެއް ނަގާލުމަށް ފަހު ނުކުމެގެން ދިޔައީ ޝައުލާއަށް ރަނގަޅު ފިލާވަޅެއް ދޭން އަޒުމް ކަނޑައަޅައިގެންނެވެ.
ޝައުލާ އުޅޭ އެޕާޓްމަންޓު ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އިރު ޒަވިއަން ދިޔައީ ރުޅިން ތުރުތުރު އަޅަމުންނެވެ. ދޮރު ލައްޕާލުމަށް ފަހު އޭނާ ޝައުލާގެ ނަމުން ހަރު އަޑުން ގޮވަމުން ކޮޓަރިތަކުގެ ދޮރުގައި ޓަކި ޖަހަން ފެއްޓެވެ.
ލެޕްޓޮޮޕުން ހަޑިހުތުރު މަންޒަރެއް ބަލަން އިން ޝައުލާ ކައްޓެއް ޖެހުނު ފަދައިން ފުންމައިގެން ތެދުވީ ޒަވިއަންގެ ހަރު އަޑު އިވުމުންނެވެ. ހިންދިރުވާލަމުން އޭނާ ކޮޓަރިން ނުކުތެވެ. އެއާއިކު ޝިކާރަކުރަން އައި ސިންގާ އެއް ފަދައިން ޒަވިއަން އައިސް އޭނާ އާއި އަރާ ހަމަކުރިއެވެ.
“ސުންޕާ އަންހެނާ! ކަލެއަށް އަދިވެސް މަ ފަހަތުން ނެއްޓިގަންނަން ނޭނގިގެން އުޅެނީ ކީއްވެގެންތަ؟ އޭން. ދެން މަގޭ އަންހެނުން ގައިގައި އިނގިލި ކުރި ޖައްސާލިޔަސް މަށަށް ވުރެ ނުބައި މީހަކު ނުހުންނާނެ.” ޝައުލާގެ ކަރުގައި ހިފާ ފާރާއި ދިމާލަށް ކޮއްޕާލަމުން ޒަވިއަން އޭނާގެ ރުޅިގަނޑު ބޭރުކޮށްލިއެވެ. ނޭވާ އަށް ދަތިވެ ޝައުލާ ތެޅިފޮޅެމުން ދިޔައެވެ. ޒަވިއަން އޭނާ ދޫކޮށްލީ ކަންކަށިމައްޗަށް ތޫނު އެތިފަހަރެއް ވީއްލާލުމަށް ފަހުއެވެ. އަރުތެރޭގައި ލޭ ރަޙަ ލުމާއި އެކު ޝައުލާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅެއް ދުވެލައިފިއެވެ.
“އަހަރެންނަށް ނުލިބުނު އުފަލެއް އެ **ށް ލިބުނުކަ ނުދޭނަން. ތި މުއްސަނދި ކަމާއި ލޯތްބަކީ އަހަރެންގެ ޙައްޤެއް.” އެވަރުން ވެސް ޝައުލާ ގޮތްދޫކުރާކަށް ނޫޅުނެވެ. މިއާއި އެކު ޒަވިއަންގެ ލޭ ހޫނުވެ ރުޅިވެރިކަން ފާލުން ނެއްޓިއެވެ. އޭނާ ޝައުލާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ވީތަދުން ޝައުލާ ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ.
“އަދިވެސް އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަނީތަ؟ ރީނަށް އިތުރު ގެއްލުމެއް ދޭން މަސައްކަތް ކުރިޔަސް ކަލޭ މަރާލާނަން. އަނިޔާވެރިވާން އެނގެނީ ކަލެއަށް އެކަންޏެއް ނޫނޭ. ތި އަންހެނާ އަށް ދެގުނަ ތިންގުނަ ގެއްލުން ދިނުމަކީ އަހަރެންނަށް މާކަ އުނދަގޫ ކަމެއް ނޫން.” ބަރު އަޑަކުން ޒަވިއަން މިފަހަރު ދިނީ މާ ނުރައްކާތެރި އިންޒާރެކެވެ. މިއާއި އެކު ޝައުލާ އެކަށް މައިތިރިވެއްޖެއެވެ. “ދޫކޮށްލާ. މަ… މަ ހުއްޓައިފިން.” ބިރުން ފިއްކަނޑައިގެން ގޮސްފައި ހުރެ ޝައުލާ އެހެން ބުނެލީ އެ ނޫން ގޮތެއް ނެތިގެންނެވެ. ޒަވިއަން ނުކުމެގެން ދިޔުމުން ވެސް އެ ނަފްސަށް ހަމަޖެހުން ލިބޭ ގޮތެއް ނުވިއެވެ.
“އަރީން… އަދި މަޑުކުރޭ. ޒަވިއަން… ޒަވިއަނަށް ނޭނގި ކަލެއަށް ގެއްލުމެއް ދެވޭނެ ގޮތެއް ހޯދާނަން. ތި އުފާވެރިކަމަށް ކޮންމެވެސް ދުވަހަކުން ނިމުމެއް ގެންނާނަން.” ހިތާހިތުން އެހެން ބުނެލި ނަމަވެސް ޝައުލާއަކަށް އެ މަޤްސަދު ހާސިލުކުރާނެ ގޮތެއް ޚިޔާލަކަށް ނައެވެ. ވަގުތީ ގޮތުން އަމިއްލަ ސަލާމަތަށް އަރީން ދޫކޮށްލާން ނިންމީ އެހެންވެގެންނެވެ.
ދެ ހަފްތާ ފަހެވެ. ޝައުލާ ދެ މީހަކު ލައްވާ އަރީނަށް ގެއްލުމެއް ދޭން މަސައްކަތް ކުރި ފަހުން އިތުރު ޚަބަރެއް ނުވެއެވެ. ވީ ގޮތެއް އަރީނަށް ނޭނގުނަސް މިހާރު އޭނާ ހުރީ ހަމައަކަށް އެޅިފައެވެ. އަޒާޔާގެ މަރުގެ މައްސަލައިގެ ފަހަތުގައިވީ ގިނަ ކަންތައްތަކެއް ހޯދިފައިވުމުން އަރީންމެން ބޭނުންވީ ރަސްމީ ކޮށް އެ ކޭސް ނަގައިގެން މަސައްކަތް ކުރާށެވެ. ސުމައްޔާ އާއި ދެމީހުން ވެގެން އަޒާޔާގެ ކޭސް އޯޕަން ކުރަން ރިކުއެސްޓް ކުރާނެ ދުވަހަކީ މިއެވެ.
ލޯވް ފާރމަށް ގޮސްފައި އަރީން ފުރަތަމަ އުޅުނީ އޭނާ އަށް ހަވާލުކުރެވިފައި އޮތް ކޯޕަރޭޓް ކޭހެއްގެ މުހިންމު މަސައްކަތްތައް ނިންމާށެވެ. ޖަންނަތު އަރީންގެ މަސައްކަތް ބަލަން އިނެވެ. އަރީންގެ ފަރިތަކަމާއި މަސައްކަތް ކުރާލެއް ފުރިހަމަ ކަމުންނާއި ކޯޓު ރޫމުގައި އެ ދައްކާލާ ކުޅަދާނަ ކަން ފެނި އޭނާ އަބަދުވެސް ހުންނަނީ އަރީނަށް ތަޢުރީފު ކޮށްލަކޮށްލައެވެ.
އަރީން އޭނާގެ މަސައްކަތް ނިންމާލައިފައި ގޮނޑިން ތެދުވީ ނިކަން އުންމީދާއި އެކުގައެވެ. ހުއްދަ ހޯދައިފައި ރޫހާންގެ ކެބިނަށް ވަތް އިރު އޭނާ ހުރީ ކުޑަކޮށް ހާސްވެފައެވެ.
“ކިހިނެއްވީ. އިތުރު ކޭހަކާއި ޙަވާލުވާން ބޭނުންވީތަ؟” ރޫހާން އެހިއެވެ. “2025 ވަނަ އަހަރުގެ ފަހުކޮޅު ހިނގިއެއްނު މަރުގެ މައްސަލައެއް. އަޒާޔާ ޒިޔާދު މަރާލައިފައި އޮއްވާ ފެނުނު މައްސަލަ. އެ ކޭސް ނެގުމުގެ ހުއްދައަށް އެދެން ކަމަށް.” އަރީން ބުނެލިއެވެ.
“އަޒާޔާ ޒިޔާދު މަރުވި މައްސަލަ އަކީ ކަމުގެ ޙަޤީޤަތް ނުހޯދަ ދޫކޮށްލެވުނު މައްސަލަ އެކެއްނު. އަޅުގަނޑު ބޭނުން އެ ކޭސް އަލުން އޯޕެން ކުރަން” ސުމައްޔާ ހެޑް އިންސްޕެކްޓަރާއި ބައްދަލުކޮށްފައި އެދުނެވެ. “އަޒާޔާ ޒިޔާދު މަރުވި މައްސަލަ ދޯ. ތި ކޭސް އަލުން އޯޕެން ކުރާކަށް ފުރުސަތެއް ނުދެވޭނެ. އެ ކޭސް ކްލޯޒް ކުރަން ނިންމީ އެ އާއިލާ އިން އެދުމުން. އާއިލާގެ މެންބަރެއްގެ ހުއްދަ އެއް ނުލިބެނީސް ތި ކޭސް އޯޕަންއެއް ނުކުރެވޭނެއެވެ.” ހަމްޒަތު އަލީގެ ޖަވާބު އިވިފައި ސުމައްޔާގެ ހިތް މިލައިގެން ދިޔައެވެ.
“ތިއީ ފެމިލީ އިން ފައިލް ކޮށްފައި އިން މައްސަލައެއް ނޫން. އަރީން އަށް އެނގެއެއްނު ލޯވް ފާރމްތަކުގައި ހަވާލުކުރެވޭ ކޭސްތަކަކީ އެ ބައެއްގެ އާއިލާ އިން ނުވަތަ އެ ކަހަލަ ގާތް ގުޅުމެއް އޮންނަ ބަޔަކަށް ލާރި ދެއްކީމަ ހަވާލުކުރެވޭ ކޭސް ތަކެއް ކަން.” ރޫހާން ރައްދުގައި ބުނެލިއެވެ. އަރީންގެ ހިތް މާޔޫސްކަމުން ފުރިގެން ދިޔަ ވަގުތު، އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ނުކުރެވިގެން އޭނާއަށް އިސްޖަހާލެވުނެވެ. އަޒާޔާގެ މަރުގެ މައްސަލައިގެ ގިނަ ކަންތައްތަކެއް އެނގުނެއް ކަމަކު އެ ކޭހާއި ހަވާލު ނުވެވެންޏާ ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ހެކި ހުއްޓަސް އެ މައްސަލައިގެ ކުއްވެރިންނާއި ދެކޮޅަށް ކޭސް ފައިލް ނުކުރެވެންޏާ އަޒާޔާ އަށް އިންސާފު ހޯދޭނެ ހެއްޔެވެ؟
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







E shaula witch dhw reen ah hamalaa dheyn ulhunee.😤 Naseebeh reen salaamai vi kan
Xev reen ah confess kuree tha OMG!😮 Vrh unexpected
Emme fahun shaula biru gathee dhw
Azaa ge case open kuran Xev ge help hoadhaa nama
Whn nxt??????
Luv u 💗
Hmm, Shaula planned the attack
Hehe, yea he did confess 😅😅
Dhw, family member akah veema zev ge help dhen enme muhinmee
IA next Thursday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Mi part ves varah reethi. Konkameh dhen shaula! Zavian ge fahathun netten vejjenu mihaaru. Geyga code akah bes zavian ge birthday. Reem pls dont do something stupid . curiously waiting for next part???
Ehenney, Shaula is a psycho 😒😒
Let’s hope she’s doesn’t 🫠🫠
Shukran Miss rose ✨✨
This episode was insane fr!!! Zev confessed!!🙊💗
Janna really nailed it!!! Zev was so right to hire her👏
Shaula biru ganejje ey👀… cool! Then balamaa ath fai madun laigen e fakeeru fulhah hureveynee kitheh dhuvahah kan!
Norrr!!😭😭😭 sumy n reen worked so hard!! They don’t deserve this!! Reen now cooperate with zev eyrun case reopen kohffa kaamiyaabu vaan maa faseyha vaane!
When next?
Lysssm✨
Glad to hear that 😄😄
Frr, Jannath is the best
Let’s see how long she’s gonna have peace 😒😒
Let’s hope she talks to him abt the case
IA next Thursday
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
omg omg vrh reethi.
U ge masakkathah assari bahaa saabas.
whn next 8
So happy to know 😄😄
IA next Thursday
Shukran xxx ✨✨
biology chemistry physics
and ur story was great keep it up
Glad to know 😄😄
Shukran izzathu ✨✨
bro the cover the looks like RIHAANAAAAAAAAAA OMG!!!!!
Who’s that 👀👀
Shukran GYMTOK ✨✨
Rihana ey?? Konthaaku!
Hey there!
Submitted??
Yes, Shukran 🥀 ✨✨
Rihana is a five nights at freddy
Rihana the cleleb????
Kobaa
Pending ga 🥀🥀