Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަޢުދެކޭ މީ ކުރާ

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 22, 2026 12 Mins Read
11 Comments

ފަތިހުގެ ވަގުތެވެ. އާދައިގެ މަތިން ހަތަރުގަޑިބައި ވުމުން ފޯނުގެ އެލާމްގެ އަޑަށް ހޭލެވުނު ނަމަވެސް އެ ވަގުތުގެ ނިދީގެ އަރާމުގެ ތެރެއަށް ގެނބިގެން ދާން ބޭނުންވެފައި ހުރި ވަރުން އެލާމް ކަނޑާލާފައި އަހަރެންނަށް އޮވެވުނީއެވެ. ލޯ މަރާލެވުނު ކަމެއް ނޭނގި އަހަރެންގެ ނަމުން ބާރަށް ގޮވާލި އަޑަށް ފުންމައިގެން ތެދުވެ ލޯ އުނގުޅާލާފައި ބަލާލެވުނެވެ.

“ނަމާދަށް ހޭލެވުނީއެއް ނޫން، އަނެއްކާ އަހަރެން ފުރަން އޮތް ދުވަހުތަ ޝަފާއަށްވެސް ހޭނުލެވުނީ؟” ޒައިދާން ހުރީ ރުޅިއައިސްފައެވެ.

“ނިދި ގަދަވެފަ ހުރި ވަރުން އެލާމް ކަނޑާލާފަ އޮވެވުނީ. ސޮރީ!” އެނދުން ފައިބަމުން އަހަރެން ބުނީމެވެ.

“އަހަންނަށް ގޮވާލާފަ އޮތްނަމަ” ފާހާނާއަށް ވަނުމުގެ ކުރިން ޒައިދާން ބުންޏެވެ.

ޒައިދާންއަށް ގޮވި ނަމަ ވަކި ވާނީ ކީއް ހެއްޔެވެ؟ އަހަރެން ތެދުނުވަނީސް ޒައިދާންގެ ލޯ ހުޅުވޭނެ ހެއްޔެވެ؟ އަހަރެން ނެތި ޒައިދާންއަށް އެއްވެސް ކަމެއް ކުރެވިދާނެ ހެއްޔެވެ؟

އެއްވެސް އެއްޗެއް ދުލުން ބުނުމުގެ ބޭނުމެއް ނެތް ކަން އެނގޭތީ އަހަރެން ހުރިހާ އެއްޗެއް ކިޔަމުން ދިޔައީ ހިތުންނެވެ.

އަހަންނާ ޒައިދާންގެ ކައިވެންޏަށް މިހާރު ސައުވީސް އަހަރު ވެއްޖެއެވެ. ދެ މީހުން ކައިވެނި ކުރީ ލޯބިންނެވެ. އަހަރުމެންނަށް ތިން ކުދިން ލިބި ކައިވެންޏަށް އެހާ ދުވަސް ވީ އިރު އެ ލޯބި ވީ ތަނެއް ނޭނގުނެވެ. ކައިވެނީގެ ކުރިންނާ، ކައިވެނި ކުރި ފަހުން ދެތިން އަހަރު ވަންދެން ޒައިދާން އަހަރެން ދެކެ ލޯބި ވާކަން އަހަންނަށް ޔަގީންވިއެވެ. ކުދިން ލިބި، ކުދިންނާ އާއިލާގެ ކަންތައްތަކުގައި ބިޒީވަމުން ދިޔަ ވަރަކަށް އަހަރުމެންގެ މެދުގައި އޮތް ލޯބި ގެއްލެމުން ދިޔައެވެ. އެ ކަންތައްތަކުގައި އަހަރެންގެ ވަގުތުތައް ފުރެމުން ދިޔަ އިރު އެހެން ކަންކަމުގައި ޒައިދާންވެސް އަވަދިނެތި އުޅެމުން ދިޔައެވެ. އެކަމާ އަހަރެންގެ ޝަކުވާ ގިނަވި ވަރަކަށް އަހަރުމެންގެ ގުޅުން ބަދަލުވަމުން ދިޔައެވެ.

އަހަރެންގެ ހުވަފެނަކީ ހަމައެކަނި އާއިލާއެއް ހޯދުމެއް ނޫނެވެ. އާއިލާއާ އެކު “ކެރިއަރ” އަކީވެސް ކުރީގައި އަހަންނަށް މުހިންމު އެއްޗެކެވެ. ނަމަވެސް އުމުރާއެކު އެ ހުވަފެން ބަދަލު ކުރަން ޖެހުނީއެވެ. އަހަރެން އޯލެވެލްއަށް ފަހު ސަރުކާރު އޮފީހެއްގައި ވަޒީފާ އަދާކުރީމެވެ. ޒައިދާންއާ ދިމާވީ އުމުރުން އަށާރަ އަހަރުގައެވެ. ކައިވެނި ކުރީ ނަވާރަ އަހަރުގައެވެ. ޒައިދާންއާ އަހަރެންގެ އުމުރުގައި ހުރީ ފަސް އަހަރުގެ ތަފާތެވެ. ލަންކާއިން ބިޒްނެސް މެނޭޖްމެންޓް އިން މާސްޓާރސް ޑިގްރީއަކާއަކު އައިސް ރާއްޖޭގައި އަމިއްލަ ކުންފުންޏެއްގައި ޒައިދާން މަސައްކަތް ކުރާތާ އޭރު އަހަރެއް ވެއްޖެއެވެ. އަހަރުމެންގެ ކައިވެނި ކުރެވުނީ ދެ އާއިލާއިންވެސް ގަބޫލު ވެގެންނެވެ.

އަހަރެންގެ އާއިލާގައި އޭރު ތިބީ ބައްޕައާ ދޮންމަންމައާ ކާފައާ މާމައާ ބޭބެއަކާ އަންހެން ކޮއްކޮއެކެވެ. އަހަރެންގެ ދެވަނަ ދަރިފުޅު ލިބުނުތާ ގިނަ ދުވަހެއް ނުވެ ކާފަ ނިޔާވީއެވެ. މާމަ ނިޔާވީ ވަރަށް ފަހުންނެވެ. އަހަރެން ވަރަށް ކުޑަ އިރު މަންމަ ނިޔާވީއެވެ. ކޮއްކޮއަކީ ދޮންމަންމައާ ބައްޕަގެ ކުއްޖެކެވެ. ދޮންމަންމައެއް ކަމަކު އެއީ އުފަން މަންމަހާ ހެޔޮ މީހެކެވެ.

ޒައިދާންއަކީ އާއިލާގެ ދޮށި ދަރިފުޅެވެ. މަންމައާ ބައްޕަގެ އިތުރުން ދެ އަންހެން ކޮއްކޮއާ ފިރިހެން ކޮއްކޮއެއް ހުރެއެވެ. ކައިވެނި ކޮށްގެން ދިޔަ ފަހުންވެސް އަހަރެން ވަޒީފާއަށް ދިޔައީމެވެ. ވަޒީފާ ދޫކޮށްލީ ފުރަތަމަ ދަރިފުޅު ލިބުމުންނެވެ. ޝަމްނާ ލިބުނީ ކައިވެންޏަށް ދޮޅު އަހަރުގައެވެ. ހަތަރު އަހަރު ފަހުން އަހަރުމެންގެ އާއިލާއަށް ޝައިމަން އައެވެ. އޭގެ ހަތް އަހަރު ފަހުން އަހަރެން ބަލިވެ އިނީ ހީވެސް ނުކޮށް ހުއްޓައެވެ.

ޝަމްނާ ވިހައިގެން އުޅުނު އިރު ޒައިދާންގެ ހުރިހާ ވަގުތެއް ހެން އަހަރުމެން ދެމައިންނަށް ހުސްކޮށްދިނެވެ. އަހަންނަށް ކަމެއް ބޭނުންވޭތޯ ޒައިދާން ބަލަނީ އަހަރެން ބުނެގެންނެއް ނޫނެވެ. ދަރިފުޅު ގޮވައިގެން އަހަންނަށް އެކަނި ތެދުވެ އުޅެވޭ ވަރު ވަންދެން އޮފީހުން ޗުއްޓީ ނަގައިގެން ޒައިދާން ހުއްޓެވެ. އަހަރެންގެ ނަސީބު ރަނގަޅު ވާހަކަ އަހަރެންގެ މަންމައާ ރައްޓެހިންވެސް އޭރު ދައްކައެވެ. ޒައިދާން ފަދަ ރަނގަޅު ފިރިއަކު ލިބުނީތީއެވެ.

ދެވަނަ ދަރިފުޅު ލިބުނު އިރު ޒައިދާންއަށް ޗުއްޓީއެއް ނުލިބުނެވެ. އޮފީހުން ގެއަށް އަންނަ އިރު ޒައިދާން ހުންނަނީ ވަރުބަލިވެފައެވެ. އެހެން ކަމުން އަހަންނަށް އެހީ ވެދޭނެހާ ހިތްވަރެއް ޒައިދާންގެ ކިބަޔަކު ނުހުރެއެވެ. ޒައިދާންއަށް އޮފީހުން ޕްރޮމޯޝަންއެއް ލިބުނީ އަހަރެން ވިހައިގެން ދެމަހެއްހާ ދުވަސް ވީތަނާއެވެ. އޭގެ ފަހުން ދޭތެރެއަކުން އެކިއެކި ދަތުރުތަކުގައި ޒައިދާން ރާއްޖެއިން ބޭރަށް ދާން ޖެހެއެވެ.

އަހަރެން ޝާނާ ވިހޭ އިރު ޒައިދާން ހުރީ ރާއްޖެއިން ބޭރުގައެވެ. ޒައިދާންއަށް އާދެވުނީ ޝާނާއަށް ހަފްތާއެއް ވީ ފަހުންނެވެ. ދެންވެސް ޒައިދާންއަށް އަހަރެން ކައިރީ ހޭދަ ކުރާނެ ގިނަ ވަގުތެއް ނުވެއެވެ. އެ ގޮތަށް ދަތުރެއްގައި ގޮސްފައި އަންނަ ކޮންމެ ފަހަރަކުވެސް ދެތިން ދުވަސް ވަންދެން ޒައިދާން އުޅޭނީ ވަރަށް ބުރަކޮށެވެ. އެ ފަހަރުވެސް ތަފާތެއް ނާދެއެވެ. އަންހެނުން ވިހައިގެން އުޅުނޭ ކިޔާފައި އޮފީހުން ޒައިދާންއަށް ލުޔެއް ނުލިބެއެވެ.

އަހަރެން ޝަކުވާއެއް ނުކުރަމެވެ. ކޮންމެ ފަހަރަކުވެސް އަހަންނަށް ތެދުވެ އުޅެވެން ދެން ޒައިދާންގެ މަންމަ އެހީވެއެވެ. އެ ފަހަރުވެސް ދެމަހެއްހާ ދުވަސް ވަންދެން އަހަންނަށް ގޭތެރޭގެ އެއްވެސް ކަމެއް މަންމަ ނުޖައްސައެވެ. އޭރު ޒައިދާން ދެ އަންހެން ކޮއްކޮވެސް ކައިވެނި ކޮށްފިއެވެ.

އަހަރެން ފުރަތަމަ ފަހަރަށް ޒައިދާން ދެކެ ރުޅިއައިސްގެން ވާހަކަ ނުދައްކާ ހުރީ ޝާނާ ވިހައިގެން އުޅުނު އިރުއެވެ. އަހަރެން ވިހާ ދުވަސް އެހާ ކައިރިވެފައި އޮތް އިރު ޒައިދާން އޮފީސް ދަތުރުގައި ދާން ޖެހުމުން އަހަރެން ހިތްހަމަނުޖެހުނީއެވެ. ވިހަންވާ އިރަށް އާދެވޭނެ ކަމަށާ، އެ ދަތުރު ނުގޮސް ވާން ނެތް ކަމުގައި ޒައިދާން ބުނި ނަމަވެސް އަހަރެން އެ ވާހަކަ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ވީވެސް އެހެންނެވެ. ކުރަން ދިޔަ މަސައްކަތް ނުނިމުމުން އެކޮޅުގައި ގިނަ ދުވަހު މަޑުކުރަން ޖެހުނީއެވެ.

ރުޅި އައިސްފައި ހުރި ނަމަވެސް ޒައިދާން އައުމުން އަހަންނަށް ގިނަ ދުވަހަކު ނުހުރެވުނެވެ. ނަމަވެސް އޭގެ ފަހުން އެ ގޮތަށް ރުޅިއައިސްފައި ހުންނަން ޖެހޭ ދުވަސްތައް ގިނަވާން ފެށިއެވެ.

ޒައިދާންގެ ކޮއްކޮމެން ކައިވެނިކޮށް ދިރިއުޅުން ފެށުމުން އެންމެންނަށް އެއްތަނެއްގައި އުޅެން ދަތިވެ، ވަކިވަކި ދިރިއުޅުން ފެށީ ޝާނާ ލިބުނު ފަހުންނެވެ. ހަތަރު ކުދިން ހަތަރު ތަނަށް ބަދަލުވީ ކުއްޔަށް އުޅޭށެވެ. މަންމައާ ބައްޕަ އައީ އަހަންނާ ޒައިދާންއާ އެކީއެވެ. އެކަމާ އަހަރެން މައްސަލަ ނުޖެއްސި ނަމަވެސް ހިތްހަމައެއް ނުޖެހުނެވެ. ތިން ކުދިން ގޮވައިގެން އުޅޭ އިރު މަންމައާ ބައްޕަގެ ކަންތައް ބަލަހައްޓަން ޖެހުމުން އަހަންނަށް އިތުރަށް ބުރަވުމުން އަހަރެން ހިތްހަމަނުޖެހުނީއެވެ. ނަމަވެސް ހަ އަހަރު ވަންދެން ޝަކުވާއެއް ނުކޮށް ހުރީމެވެ. ހަ އަހަރު ވީ އިރު ޒައިދާންމެންގެ ގެ ހަދާ ނިމިގެން ކޮންމެ ކުއްޖަކު ވަކި އެޕާޓްމެންޓަކަށް ބަދަލު ވީ އިރު ދެންވެސް މަންމައާ ބައްޕަ އައީ އަހަންނާ ޒައިދާންއާ އެކުގައެވެ.

އެކަމާ ޒައިދާންއާ ވާހަކަ ދެއްކުމުން މަންމައާ ބައްޕަ ބެލުން އެއީ ޒައިދާންގެ ޒިންމާއެއް ކަމުގައި ގަބޫލު ކުރާ ކަމަށާ، އެކަމާ އަހަރެން ހިތްހަމަނުޖެހެންވީ ސަބަބެއް ނެތް ކަމުގައި ޒައިދާން ވިސްނައިދިނުމުން އަހަރެން ގަބޫލު ކުރީމެވެ.

ދިރިއުޅުން ކުރިއަށް ދިޔައެވެ. ކުދިންގެ ކަންތަކާ، ޒައިދާންގެ ކަންތަކާ، މައިދައިތައާ ބަފައިބެގެ ކަންތައް ކުރުމުގައި އަހަރެންގެ ހުރިހާ ވަގުތެއް ހޭދަވަމުން ދިޔައެވެ. ޒައިދާން އުޅެނީ މަސައްކަތުގައެވެ. ގޭގައި ހޭދަވާ ވަގުތު ބެހެނީ މަންމައާ ބައްޕައާ ކުދިންނަށެވެ. ދެން ލިބޭ ވަގުތަކީ މަސައްކަތުގެ ވަރުބަލިކަން ފިލުވާ ވަގުތެވެ. އެކުގައި އެއް އެނދެއްގައި ނިދާ ވަގުތު ފިޔަވާ ޒައިދާންގެ ދިރިއުޅުމުން އަހަރެންނަށް ވަގުތެއް ނެތެވެ. އަހަންނާ ވާހަކަ ދައްކާލާނެ ވަގުތެއް، އަހަރެންގެ ހާލު އަހާލާނެ ވަގުތެއް، އަހަރެން ހުރީ އުފަލުންތޯ ނުވަތަ ހިތްހަމަޖެހިގެންތޯ އަހާނުލެވޭ ތަނުގައި އެ ފަދަ ސުވާލެއް ހިތަށް އަރުވާނެ ވަގުތެއްވެސް ޒައިދާންއަކަށް ނުވެއެވެ.

އަހަރެން ގަބޫލު ކުރަމެވެ. ޒައިދާން މަސައްކަތް ކުރަނީ އާމްދަނީ ހޯދާށެވެ. އެއީ އަހަންނާ އަހަރެންގެ ދަރިންނަށް ޓަކައެވެ. އަހަރުމެންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައެވެ. ދުވާލުގެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އިރު ވަރުބަލިވެސް ވާނެއެވެ. އެ ވަރުބަލިކަން ފިލުވާ ތާޒާވެލުމަށް ވަގުތު ބޭނުން ވާނެއެވެ.

އެހެން ނަމަވެސް ޒައިދާންއާ އެކީ ވަގުތު ހޭދަކޮށްލަން އަހަރެންގެ ހިތް އެދެއެވެ. އެހެން މީހުންނާ ވަކިން  ދެ މީހުން އެކަނިވެލާ ވާހަކަ ދައްކާލާނެ ވަގުތުކޮޅެކެވެ. ދެ މީހުންވެސް ހަމައެކަނި އެކަކު އަނެކަކަށް ހުސްކޮށްލާ ވަގުތުކޮޅެކެވެ. ހިތުގައި ވާ އެއްޗެއް އަނެކާއާ ހިއްސާ ކޮށްލުމަށެވެ. ނޫން ނަމަ ވާހަކަތަކެއް ނުދައްކާ ހިމޭން ކަމުގައި އެކަކު އަނެކަކުގެ ގާތުގައި ތިބެލުމަށެވެ.

ނަމަވެސް އެއީ އަހަރެންނަށް ފެނުނު ސީދާ ނުވާނެ ހުވަފެނެއް ފަދައެވެ. އެ ފަދަ ވަގުތެއް ޒައިދާންއަކަށް ނުލިބެއެވެ. އަހަރެންނަށް ޓަކާ ހުސްކުރާނެ ވަގުތެއް ޒައިދާންގެ ދިރިއުޅުމުގައި ނެތީއެވެ. ނޫން ނަމަ އަހަރެންނަކީ އެހާ މުހިންމު މީހަކަށް ނުވަނީއެވެ. އެހެން ވިޔަސް އަހަންނަށް އިންތިޒާރު ކުރެވެއެވެ. ކުރިން އުޅުނު ހެން ލޯބިން އުޅެން ބޭނުން ވަނީއެވެ. އަހަންނަކީވެސް ޒައިދާންގެ ހަޔާތުގައި ޚާއްސަ މީހެއް ކަމުގެ އިހުސާސް ކުރެވެން އެދެވެނީއެވެ.

އަހަރުތަކެއް ވަންދެން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ޒައިދާން އޮފީހުން އަންނަން ވާ އިރަށް އަހަރެން މަސައްކަތްތައް ނިންމާ، ރީތިވެލައިގެން ހުންނަމެވެ. ކޮންމެ ރެއެއްގެ ކެއުމުގައި ޒައިދާންއަށް ކަމުދާ ކޮންމެވެސް އެއްޗެއް ތައްޔާރު ކުރީމެވެ. އަހަރެން ހިތްހަމަނުޖެހޭ ކަމެއް އޮތް ނަމަ މަސައްކަތުގައި އުޅެފައި އަންނަ ވަގުތު ޝަކުވާ ކުރުމުގެ ބަދަލުގައި ޒައިދާން ހަމަޖެހިފައި ހުންނަ ވަގުތެއްގައި ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. ކުރީކޮޅުގައި ޒައިދާން އަހަރެންގެ ވާހަކަތައް އަޑުއެހި ނަމަވެސް، ފަހުން އަހަރެންނަށް ކުރެވެން ފެށީ ބޭކާރު ޝަކުވާތަކަކަށް ވާން ފެށިއެވެ. އެހެންވެ ހިތުގައި ވާ އެއްޗެއް ޒައިދާންއާ ހިއްސާ ކުރުން ހުއްޓާލީމެވެ. ލޯތްބާއެކު އަހަރެން ޒައިދާންއަށް ކޮށްދޭ ކަންތައްތަކަށް އެއްވެސް ކަހަލަ ތަޢުރީފެއް ނުވަތަ ޝުކުރުގެ ބަހެއްވެސް ނުލިބި އާދަވުމުން އެފަދަ ކަންތައް ކުރަން ފޫހިވާން ފެށިއެވެ. ގެއަށް ވަންނަ އިރު ޒީނަތްތެރިވެގެން ފިރިމީހާގެ އިންތިޒާރުގައި ހުންނަ އަނބިމީހާއަށް ހިނިތުންވުމެއް ވަރުގެ ހަދިޔާއެއްވެސް ނުލިބުމުން އަހަރެންގެ އެ އާދަވެސް ބަދަލުވިއެވެ.

 

ކޮންމެއަކަސް އެ ދުވަހުވެސް ޒައިދާންއަށް ގަޑި ނުޖެހި އެއަރޕޯޓަށް ދެވުނީ އަހަރެން އެހީވުމުންނެވެ. ނަމަވެސް ދަމުން މަންމަމެންނާ ކުދިން ގާތު ބުނެލި ފަދައިން އަހަރެން ގާތު “ދަނީ” އޭވެސް ޒައިދާންއަށް ބުނެނުލެވުނެވެ.

ދެ ހަފްތާ ފަހުން ޒައިދާން އައެވެ. އޭގެ އަނެއް ދުވަހަކީ އަހަރުމެންގެ ކައިވެންޏަށް 25 އަހަރު ފުރޭ ދުވަހެވެ. އެ ދުވަހަކީ އާންމުކޮށްވެސް އަހަރެން ޒައިދާންއަށް ހަނދާން ކޮށްދޭން ޖެހޭ ދުވަހެކެވެ. އެހެން ނަމަވެސް އެއީ ފަންސަވީސް ވަނަ އަހަރީ ދުވަހަށް ވުމުން އަހަރެން އުންމީދު ކުރީ ޒައިދާންއަށްވެސް އެ ދުވަސް ޚާއްސަ ވާނެ ކަމަށެވެ. އެ ދަތުރަކީ ފުރަތަމަ ފަހަރަށް އެހާ ގިނަ ދުވަސް ވީ ދަތުރެވެ. އާންމުކޮށް އެފަދަ ދަތުރުތަކުގައި ވާނީ ތިނެއް ނޫނީ ހަތަރު ދުވަހެވެ. ގިނަ ވެގެން ހަފްތާއެވެ. އެހެން ކަމުން އެހާ ދުވަސް ކޮށްފައި އަންނަ އިރު ޒައިދާން އަހަރެން “މިސް” ވާނެ ކަމުގައި އުންމީދު ކުރެވުނެވެ. އަދި އަމްދުން އަހަރީ ދުވަސް އެހާ ކައިރިވެފައި ވީ އިރު ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ އިރު އެހެން ފަހަރުތަކާ ޚިލާފަށް ރަނގަޅު ހަދިޔާއެއް ލިބޭނެ ކަމުގައި ހީކުރެވުނެވެ.

ނަމަވެސް އަހަންނަށް ކުރެވުނީ ބޭކާރު އުންމީދެކެވެ. އެންމެންނަށް ހަދިޔާ ދިން އިރު އަހަންނަށްވެސް ސެންޓުފުޅިއެއް ލިބުނެވެ. ޒައިދާން ކޮޓަރިއަށް ވަދެ ފެން ވަރައިގެން އެންމެން އެކީ ކާން ނިކުމެފައި އެކިއެކި ވާހަކަ ދެކެވުނެވެ. އަހަރެންގެ އެދުމަށް ކައިވެނީގެ އަހަރީ ދުވަހުގެ ވާހަކައެއް އެއްވެސް ކުއްޖަކު ނުދައްކައެވެ. ނަމަވެސް ތޭވީސް އަހަރުގެ ޝަމްނާ ހިތްހަމަ ނުޖެހިފައި އިނދެ އިރުއިރުކޮޅާ ޒައިދާންއާ ދިމާއަށް ބަލާލައެވެ.

އެރޭ ނިދަން އޮވެފައި ޒައިދާން ބޭނުން ވުމުން އަހަރެންނަކީ އަންހެނުން ކަން ހަނދާންވިއެވެ. އެ ނޫނީ އެރޭވެސް ވަކި ޚާއްސަ ރެއަކަށް ނުވިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ޝަކުވާއެއް ކުރަން ބޭނުން ނުވީއެވެ. އެހެން ނަމަވެސް ދުވަހަކުވެސް ނުކުރާ ކަމެއް ކުރަން އަހަރެންގެ ވިސްނުމަށް އައީ އެރެއެވެ.

އަނެއް ދުވަހު ފަތިހު ހޭލި ގޮތަށް އަހަރެން ގުޅީ އަހަރެންގެ އަންހެން ކޮއްކޮ ރިފާއަށާ ފަހަރި ޒީނާއަށެވެ. އެއީ އަހަރެންގެ އެންމެ ގާތް ދެ ރައްޓެހިންނެވެ. އަހަރެންގެ ދިރިއުޅުމުގެ ކަންތައް އެންމެ ބޮޑަށް އެނގޭ ދެ މީހުންނެވެ. ދެރަވެފައި ހުރެ ވީ ގޮތް ކިޔާދިނުމުން ދެ މީހުން ވަގުތުން ޕްލޭން ހަދާލިއެވެ.

ހެނދުނު ދިހައެއް ޖަހަން ވީ އިރަށް އަހަރެން ތައްޔާރު ވީމެވެ. ތަނަކަށް ދާން އުޅޭ ވާހަކަ ބުނީ ޝަމްނާ ގާތު އެކަންޏެވެ. ގޭތެރޭގެ ކަންތައް ވީ ވަރަކުން ހަމަޖައްސާފައި ދެން ހުރި ކަންތައް ޝަމްނާއާ ހަވާލު ކޮށްފައި އަހަރެން ތައްޔާރު ވެގެން ނިކުތީ ޒައިދާން ގާތު ބުނުމެއް ނެތިއެވެ.

ރިފާއާ ޒީނާގެ ޕްލޭންއެއް އަހަރެންނަކަށް ނޭނގެއެވެ. ގެއިން ނިކުތް އިރު ދެ މީހުން ތިބީ ޓެކްސީއެއްގައި އަހަރެން ބަލާ އައިހެވެ އެ މީހުންނާއެކު އެ މީހުން ގެންދިޔަ ތަނަކަށް ދާން ރުހިގެން އަހަރެން އެއްޗެއް ނުބުނެ އިނީއެވެ. އޭރުވެސް ޒައިދާންގެ އެ ދުރުކަމާ، އަޅާލުން ކުޑަ ކަން ހިތަށް އަރަމުން ދިޔައެވެ.

“ދެން ނުވިސްނަބަލަ! ދޮންތަގެ ވެޑިންގް އެނިވަރސަރީ މި ފަހަރު އަހަރުމެންނާ އެކީ ފާހަގަ ކުރާނީ. ޒައިދާން މަތިން ހަނދާން ނައްތާލާ” އަހަރެންގެ އަތުގައި ހިފާ ތަޅުވާލަމުން ބުންޏެވެ.

“ތެދެކޭ. މި ފަހަރު ޒައިދާންއަށް ދައްކާލަން ވާނެ އޭނައާ ނުލާވެސް ޝަފާއަށް ކަންތައްތައް ކުރެވިދާނެ ކަން” ޒީނާވެސް ރިފާއާ ބައިވެރިވަމުން ބުންޏެވެ.

މަޖީދީ މަގުގެ އެކި ފިހާރަތަކަށް ވަދެ ޒީނާއާ ރިފާ އަހަންނަށް ބޭނުން ވާނެ ހެން ހީވާ އެކިއެކި އެއްޗެހި ގަތެވެ. އަހަރެންވެސް ބައެއް އެއްޗެހި ގަތީމެވެ. ގިނަ އިރެއް ނުވެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތަކުން ނިކުމެ އެ ދެމީހުންގެ ސަކަރާތުގައި އަހަންނަށްވެސް ބައިވެރި ވެވުނެވެ. މެންދުރު ވުމުން ގެއަށް ދިޔުމުގެ ބަދަލުގައި ދިޔައީ ހުޅުމާލޭގައި ހުންނަ ޒީނާގެ މަންމަމެން ގެއަށެވެ. ނަމާދު ކޮށްގެން ދެން ދިޔައީ ކާށެވެ. އަހަރެން އެންމެ ދާ ހިތްވާ ރެސްޓޯރެންޓަށެވެ.

އެ ވަރުން ނިމުނީއެއް ނޫނެވެ. ހަވީރު މުޅި ހުޅުމާލޭގައި ހިނގީއެވެ. ބީޗަށް ގޮސް ކޮފީ ބޮއެ، މަޖާ ކެއީއެވެ. ޒައިދާން ގުޅީ އެ ގަޑީގައެވެ. އަހަރެން އެ ކޯލަށް ޖަވާބު ދޭން އުޅުމުން ރިފާ ފޯން އަތުލިއެވެ. ޒައިދާންއާ ވާހަކަ ދެއްކުން މަނާ ކަމުގައި ބުނެ ދެން ފޯނެއް ނުދިނެވެ. ޒައިދާން ދެކެ ހިތްހަމަ ނުޖެހިފައި ހުރި ވަރުން އަހަރެންވެސް މާ ބޮޑަކަށް އަޅައެއް ނުލަމެވެ.

އިރުއޮއްސުމުގެ ކުރިން ޒީނާމެން ގެއަށް ގޮސް ނަމާދު ކޮށްފައި އަނެއްކާވެސް ބޭރަށް ނިކުތީ އަށެއް ޖެހުމުންނެވެ. ދެން އޮތީ ސެލޯންއަށް ދިޔުމެވެ. ފައި މަސާޖް ކުރުމާ އެފަދަ ކަންތަކެވެ. އެރޭވެސް ކެއީ ބޭރުންނެވެ. އޭރު ޒައިދާން ހަ ފަހަރަށް ގުޅަފައި އޮތެވެ. ދިހައެއް ޖަހަން އުޅެނިކޮށް އަހަރެން ޒައިދާންއަށް މެސެޖް ކޮށްލީމެވެ. ހަމައެކަނި ބުނީ ޒީނާއާ ރިފާއާ އެކު ބޭރުގައި އުޅޭ ކަމަށެވެ. އޭގެ ފަހުން ޒައިދާން ނުގުޅައެވެ. ބައެއް ދުވަސް ދުވަހު އަހަރެން އެ ދެ މީހުންނާ އެކު ބޭރަށް ދަމެވެ. ނަމަވެސް އެ ދުވަހު ނޫނިއްޔާ އެހާ ގިނަ އިރު ވަންދެން، އަދި އެހާ ލަސްވަންދެން ބޭރުގައެއް ނޫޅެމެވެ.

އަހަރެން ގެއަށް ދިޔައީ އެކެއް ޖަހަން އުޅެނިކޮށެވެ. އޭރު ޒައިދާން ފޯން ހިފައިގެން އެނދުގައި އިނެވެ. އަހަރެން ފެނުމުން ބަލާލި ނަމަވެސް ޒައިދާން އެއްޗެއް ނުބުނެއެވެ. އަހަރެން އުޅުނީ ގަނެގެން ގެނައި އެއްޗެހިތައް އަލަމާރިއަށް ލާށެވެ. އެއަށް ފަހު ފެންވަރައިގެން އައިސް އޮށޯތީއެވެ.

“ހާދަ ވަރަކަށް ޝޮޕިންގް ކޮށްލައިގެން ތިއައީ؟ އެހެންވެ ވަރުބަލި ވީތަ؟” ޒައިދާންވެސް އޮށޯވެފައި އަހާލިއެވެ.

“ހްމްމް..” ވާހަކަ ދައްކަން ބޭނުން ނުވެ އަހަރެން ލޯ މަރާލީމެވެ. ޒައިދާން އިތުރު އެއްޗެއް ނުބުނެއެވެ.

 

އަނެއް ދުވަހު އާދައިގެ މަތިން ޒައިދާންއަށް ވުރެ ކުރިން އަހަރެން ހޭލީމެވެ. ނަމާދު ކުރަން އެޅުނު ހުރަހާ އެކު އަހަރެން އަނެއްކާވެސް އޮށޯތީ ޒައިދާންއަށް ނުގޮވައެވެ. ދެން ހޭލެވުނީ ޒައިދާން ތެދުވެގެން ގޮވުމުންނެވެ.

“ފަތިހު ނުތެދުވަންތަ؟” ޒައިދާން އަހާލިއެވެ.

“ހޭލިން، އެކަމަކު އޮވެވުނީ” ފަރުވާ ކުޑަ ގޮތަކަށް ބުނެފައި އަހަރެން ފާހާނާއަށް ވަން އިރު ޒައިދާން އަހަންނާ ދިމާއަށް ބަލަން ހުއްޓެވެ.

އެއީ އޭގެ ކުރިން އަހަރެން ކަންތައް ކުރި ގޮތެއް ނޫނެވެ. އެ ގޮތަށް ކަންތައް ކުރަން އަހަރެންނަށް ޖެހުނީ ޒައިދާންގެ ސަބަބުންނެވެ. އަހަރެންނަކީ ޒައިދާންއަށް މުހިންމު މީހެއް ކަމުގައި ނުވާ އިރު، އެއީ އަހަންނަށްވެސް މުހިންމު މީހެއް ނޫން ކަމުގެ އިހުސާސް ކުރެވެން އެދެވުނީއެވެ. އަހަރެންގެ ކަންތައްތަކާ ޒައިދާން ފަރުވާކުޑަ ކުރާ އިރު އަހަރެން އެ ގޮތަށް ކަންތައް ކުރުމުން އެ އިހުސާސް ޒައިދާންއަށްވެސް ކުރެވެން ބޭނުންވީއެވެ. އަހަރެން ކޮށްދޭ ކަންތައްތަކަކީ އާދައިގެ ކަންތައް ނޫން ކަން ބުނެދޭން ބޭނުން ވީއެވެ.

އެ ދުވަހުގެ ފަހުން އަހަރެން ފަތިހު ޒައިދާންއަކަށް ނުގޮވަމެވެ. މަންމައާ ބައްޕަ ފަތިހު ބޯނީ ކޮފީއެވެ. ކުދިންވެސް ބޮނީ މައިލޯއާ ކޯން ފްލޭކްސްއެވެ. ޒައިދާންވެސް ހެނދުނު ބޭނުން ވާނީ ކޮފީއެއް އެކަންޏެވެ. އެ ވަރު ޒައިދާން އަމިއްލައަށްވެސް ކުރެވެން ވާނެއެވެ. ކުދިންނާ މަންމަމެންވެސް އަހަރެންނާ ނުލާ ހެނދުނުގެ ކަންތައް ނިންމާ އިރު ޒައިދާންއަށްވެސް އަހަންނާ ނުލާ ކޮފީއެއް ބޯލެވިދާނެއެވެ.

ހަފްތާއެއް ވީ އިރު ކޮންމެ ދުވަހަކުވެސް ޒައިދާން ހޭލާފައި އަހަންނަށް ގޮވައެވެ. ނަމަވެސް އަހަރެން ނުތެދުވެ އޮންނަނީއެވެ. އަށްވަނަ ދުވަހު އަހަރެން ފަތިހު ތެދުވީމެވެ. ނަމަވެސް ނަމާދު ކޮށްގެން އަނެއްކާވެސް އޮށޯތީއެވެ. އެ ދުވަހު ޒައިދާން އަހަންނަކަށް ނުގޮވައެވެ.

ފާއިތުވި ހަފްތާގައި ދެ ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް އަހަރެން ބޭރަށް ދަމެވެ. އެ ދުވަހުވެސް އަހަރެން ހަވީރު ބޭރަށް ދިޔައީމެވެ. ފުރަތަމަ ދުވަހު ނޫނީ އެހާ ލަސްވަންދެން ބޭރުގައެއް ނޫޅެމެވެ. އިރު އޮއްސެން ވާއިރަށް އަންނަމެވެ. ނަމަވެސް އެހެން ދުވަސް ދުވަހާ ޚިލާފަށް އެރޭ ރިފާއާ ޒީނާއާ އެކު ގޭގައި އިނދެފައި އަހަރެން ގެއަށް އައީ އެގާރަ ޖެހި ފަހުންނެވެ. ޒައިދާން ޓީވީ ހުޅުވައިގެން އިނެވެ. އަހަރެން ތާޒާ ވެލައިގެން ނިކުމެ އެނދުގައި އަހަރެން އޮންނަ ފަރާތުގައި އޮށޯތީމެވެ. ދިހަ ވަރަކަށް މިނަޓް ފަހުން ޒައިދާން ޓީވީ ނިއްވާލާފައި އޮށޯވެ އަހަރެން ގައިގައި ބައްދާލިއެވެ.

“ވަރަށް ވަރުބަލި.. ނިދިވެސް އައިއްސި..” ހިތް ނޭދުނު ނަމަވެސް ޒައިދާންއާ ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ. އެއީ ޒައިދާންގެ ފަރާތުން އެތައް ފަހަރަކު އަހަންނަށްވެސް ލިބިފައި ވާ ޖަވާބެކެވެ. ޒައިދާން އެއްވެސް އެއްޗެއް ނުބުނެ ދުރަށް ޖެހިލިއެވެ.

އެ ގޮތުގައި މަހެއްހާ ދުވަސް ފާއިތުވިއެވެ. ޒައިދާން އެއްޗެއް ނުބުނި ނަމަވެސް އަހަރެން ދެކެ ހިތްހަމަނުޖެހި ރުޅި އައިސްފައި ހުރި ކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ އުޅުމަށް އައި ބަދަލު ކުދިންނާ މަންމަމެންނަށްވެސް ފާހަގަ ނުވެ ނުދާނެއެވެ. ނަމަވެސް އެކަކުވެސް އެއްޗެއް ނުބުނެއެވެ. ޒައިދާންއަށް ނުވިސްނޭ ކަންތައް އެ މީހުންނަށް ވިސްނޭތީއެވެ. އަހަރެންނާ ސުވާލެއް ނުކުރާތީ އަހަރެން ކަންތައް ކުރަމުން އަންނަ ގޮތާ އެ މީހުން ރުހޭ ކަން އަހަންނަށް އެނގެއެވެ.

އެ ހަފްތާގެ ހުކުރު ދުވަހުގެ ރެއެވެ. ޒައިދާންއާ އެކީ މަސައްކަތް ކުރާ ރައްޓެއްސެއްގެ ދަރިއެއްގެ ކައިވެނި ޕާޓީއަށް ދައުވަތު ލިބިފައި އޮތް ކަން އޭގެ ކުރީ ދުވަހު އޮފީހުން އައިސްފައި ޒައިދާން ބުންޏެވެ. ހުކުރު ދުވަހު މެންދުރު ޒައިދާންގެ އާއިލާ އެކީ އަހަރުމެން ގެއަށް ކެއުމަށް އައީ އަހަރެންގެ އެދުމަށް މަންމަ އެ މީހުންނަށް ދިން ދައުވަތަކަށެވެ. އެހެންވެ އެ ދުވަހު އަހަރެން އުޅުނީ ވަރަށް ބުރަކޮށެވެ. ޒައިދާން އިޝާ ނަމާދުން އައި އިރު އަހަރެން އެނދުގައި އޮށޯވެލައިގެން އޮތީމެވެ.

“ޝަފާ، ނުވައެއް ޖަހާއިރަށް ރެޑީ ވައްޗޭ” ޒައިދާން ބުންޏެވެ.

“މިއަދު މެންދުރު ކުރި އެކީ ބަދިގޭގަ އުޅެއުޅެ ވަރަށް ވަރުބަލި. ޒައިދާން އެކަނި ދާންވީނު؟ ނޫނީ ކުދިން ގޮވައިގެން ދާންވީނު؟” އަހަރެންގެ އެކުވެރިންގެ އެފަދަ ދައުވަތުތަކަށް ޒައިދާން އާންމުކޮށް ދޭ ޖަވާބު އަހަރެންވެސް ދިނީމެވެ. އެ ނޫނީ ޒައިދާންއަށް ލިބޭ ދައުވަތަކަށް ޒައިދާންއާ އެކު ދިޔުމަށް އަހަރެން ދެކޮޅެއް ނުހަދަމެވެ.

“ޝަފާއަށް ކިހިނެއްތަ ވެގެން ތި އުޅެނީ؟ ފަހަކަށް އައިސް ކިހިނެއްތަ ތި އުޅެނީ؟ އަހަރެން އެއްޗެއް ނުބުނަނީ އަހަންނަށް ނުފެންނާތީ ނޫނީ ފާހަގަ ނުކުރެވޭތީއެއް ނޫނޭ” އަހަންނާ ދިމާއަށް އެނބުރިފައި ޒައިދާން ބުންޏެވެ.

“ކޮން ކަމެއް ފާހަގަ ކުރެވުނީ؟ އަހަރެން ކޮން ގޮތަކަށް އުޅުނީ؟” އަހަރެން އެހީމެވެ.

“ހަމަ ނޭނގޭތީތަ ތި އެހީ؟ ނޫނީ ޒުވާބު ކުރާނެ ބަހަނާ ހޯދަނީތަ؟ މި ދިރިއުޅުން ދެކެ ފޫހި ވީތަ؟ ވަކިވާން ބޭނުން ވަނީތަ؟” ކުރަމުން ދިޔަ ކޮންމެ ސުވާލަކާ އެކު ޒައިދާންގެ ރުޅިވެސް ގަދަވަމުން ދިޔައެވެ.

“ވަކިވާން ބޭނުން ވެގެން އަހަރެން އެއްޗެއް ބުނިންތަ؟” އަހަރެން އެހީމެވެ.

“ނުބުނިއްޔާ ނޭނގޭނެ ކަމަށްތަ ހީކުރީ؟ ޝަފާއަށް އައިސްގެން ތި އުޅޭ ބަދަލު އަހަންނަށް ފެނެޔޭ. އެއްޗެއް ނުބުނެ ހުންނަނީ ނުފެންނާތީއެއް ނޫން” ޒައިދާން އެނދު ކައިރިއަށް އައިސް އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“އަހަރެންވެސް އެއްޗެއް ނުބުނެ ހުންނަނީ ނޭނގޭތީއެއް ނޫން، ނުފެންނާތީއެއްވެސް ނޫން. އެތައް އަހަރެއް ވަންދެން އަހަރެން އެއްޗެއް ނުބުނެ ކެތް ކުރި އިރު ޒައިދާންއަށް މަހެއް ވަންދެން ކެތެއް ނުކުރެވުނު. ދެން ފާހަގަ ކުރެވިގެން، ފެނިގެން، އެނގިގެން ތި އުޅޭ ކަންތައް ކިޔާބަލަ!” ޒައިދާންގެ އަތް ފޮޅުވާލާ ފަހަތަށް ޖެހިލަމުން އަހަރެންވެސް ރައްދު ދިނީމެވެ.

“އަހަރެންގެ ފަރާތުން ޝަފާއަށް ކޮން ކަމެއް ފެނުނީ؟ ކޮން ކަމަކާ އަހަރުތަކެއް ވަންދެން ޝަފާ ކެތްކޮށްގެން ތި ހުންނަނީ؟” އަހަރެން ބުނި އެއްޗެއް ޒައިދާންއަކަށް ނުވިސްނުނެވެ. ވާނީ އެހެންކަން އަހަންނަށް އެނގެއެވެ. ޒައިދާންއަށް ގޯސްކޮށް ކަމެއް ކުރެވެމުން ދާ ކަމެއް އިހުސާސެއް ނުކުރެވެއެވެ. ނަމަވެސް އަހަރެންގެ ފަރާތުން އެކަން ފެނުމާއެކު ޒައިދާންއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

“ޒައިދާން ބުނަން ބޭނުންވެގެން ތިއުޅޭ އެއްޗެއް އިހަށް ބުނެބަލަ. ތި ވާހަކަ ފެށީވެސް ޒައިދާންއެއްނު؟” ހިތްހަމަނުޖެހިފައި ހުރެ އަހަރެން ބުނީމެވެ.

ޒައިދާން އެއްޗެއް ނުބުނެ އަހަންނާ ދުރަށް އެނބުރިލަމުން އެއްއަތުން އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. އެރޭ އެ ޒުވާބު ކުރަން ޒައިދާން ބޭނުން ނުވާ ކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް ހިތުގައިވާ އެއްޗެއް ބޭރު ނުކޮށް ހުންނަން ޒައިދާންއަށް އުނދަގޫ ވަމުން ދާކަންވެސް އަހަންނަށް އެނގުނެވެ.

“ކީއްވެތަ ނުބުނެވިގެން ތިއުޅެނީ؟ ކިޔަން ތި އުޅޭ އެއްޗެއް ކިޔާބަލަ!” އަހަރެން ބުނީމެވެ.

“އަހަރެން ދެކެ ފޫހިވީތަ؟ އަހަންނާ އެކީ އުޅެން ބޭނުން ނުވަނީތަ؟” ކައިރިއަށް އައިސް އަހަރެންގެ ދެ ކޮނޑާ ހަމައިން ހިފަހައްޓާލާފައި ޒައިދާން އެހިއެވެ.

“އަހަރެން ފޫހި ވީހެން ހީވީތަ؟ އެކީ އުޅެން ބޭނުން ނުވާހެން ހީވީތަ؟” ޒައިދާންއާ ހަތަރުކަޅި ހަމަކޮށްގެން ހުރެ އަހަރެން ސުވާލު ކުރީމެވެ.

“އެހެން ނޫނީ ކީއްވެ ޝަފާ ތިހާ ވަރަށް ބަދަލުވީ؟ ކުރިން އަހަރެންގެ ހުރިހާ ކަމެއް ޝަފާ ކޮށްދިނީ ކިހާ ލޯބިން؟ އަހަރެން ގެއަށް އަންނަ އިރު އަހަރެންގެ އިންތިޒާރުގަ ހުންނަހެން މިހާރަކު ނުހުންނަމެއްނު؟ އެހެން ނުހުރެވޭ އިރު އަހަރެން ގެއަށް އަންނަ އިރު ގިނަ ދުވަސްދުވަހު ޝަފާ ގޭގަވެސް ނޫޅޭ. އަހަރެން ހެނދުނު އޮފީހަށް ދަނީ ސައި ބޮއެގެން ތޯ ބަލާނުލެވޭ. ނަމާދަށް ދާންވެސް ޝަފާ އަހަންނަށް ނުގޮވާތާ ކިހާ ދުވަހެއް ވެއްޖެ؟ އަހަރެންނާ ކައިރިވާން ޝަފާއަކަށް ނުރުހެވޭ. އެއްވެސް ކަމަކަށް އަހަރެންގެ ހުއްދައެއް ބޭނުމެއް ނުވޭ. ތަނަކަށް ދިޔުމުގެ ކުރިން އަހާނުލެވޭ އިރު ބުނެވެސް ނުލެވޭ. މިހާ ވަރުގެ ބަދަލެއް ޝަފާއަށް އަންނަންވީ ކީއްވެ؟” ޒައިދާން ހިތުގައި ވީ ޝަކުވާތައް އިއްވަމުން ދިޔައެވެ.

“ޒައިދާންއަށްވެސް ހީވެއްޖެ ދޯ ކަންތައްތަކެއް މަދު ވާހެން؟ އަހަރެން އަޅާނުލާން ފެށީމަ އެކަން ފާހަގަ ވެއްޖެ. ޝަކުވާވެސް ކުރެވިއްޖެ. އެކަމަކު ޒައިދާންގެ ފަރާތުން ތި ބަދަލުތައް ފެނިގެން އަހަރެން އެއްޗެއް ބުނީމަ ވީ ބޭކާރު ޝަކުވާއަށް؟ އެއީ ކީއްވެ؟” އަހަރެންނަށް ފާޑަކަށް ހީލެވުނެވެ.

“ކީކޭ ތި ކިޔަނީ؟” އަހަރެން ބުނަން އުޅޭ އެއްޗެއް ޒައިދާންއަކަށް ނުވިސްނުނެވެ.

“އަހަރެންގެ ފަރާތުން ކަމެއް އުނި ވެގެން ޒައިދާންއަށް މަހެއް ވަންދެން ކެތްކޮށް ނުލެވުނު. އެކަމަކު ޒައިދާންގެ ޝަކުވާއެއް ނުކޮށް އަހަރެން ކެތް ކުރާތާ ކިތައް އަހަރު މި ވަނީ؟ އަހަރެން ހުރީ ކައިގެންތޯ ޒައިދާން އެންމެ ފަހުން ބަލާލީ ކޮން ދުވަހަކު؟ އަހަރެން ބުނެގެން އަހަންނާ އެކީ އެންމެ ފަހުން ބޭރަށް ދިޔައީ ކޮން ދުވަހަކު؟ ދެތިން ގަޑި އިރަށް ގެއިން ބޭރަށް ދިޔުމުގެ ކުރިން އަހަރެން ޒައިދާން ކައިރީ ނުބުނާ ވާހަކަ ބުނެލި އިރު ރާއްޖެއިން ބޭރަށް ދަމުން ޒައިދާންއަށް އަހަރެން ކައިރީ ދަނީއޭ ބުނެވޭތަ؟ ކުދިން ކައިރީގަޔާ މަންމަމެން ކައިރީ ބުނެ ސަލާން ކޮށްފަ ނިކުންނަ އިރު ޒައިދާންއަށް އަހަންނާ ދިމާއަށް އެނބުރި ބަލާލެވޭތަ؟ އެހާ ދުރުގަ ހުރެފަ އަހަންނަށް ގުޅާނުލެވޭ އިރު ކުދިން ކައިރީ އަހަރެންގެ ހާލު އަހާލެވޭތަ؟ ކޮންމެ ކަމެއްގަ ޒައިދާންއާ އެކީ އެއް ހަމައެއްގަ ހުންނަތާ ކިތައް އަހަރު ވެއްޖެ؟ އެކަމަކު އަހަންނަށް ކަމެއް ޖެހިގެން ބުނާ އިރު ޒައިދާންއަށް ވަގުތު ވޭތަ؟ ދިހަ ބާރަ އަހަރު ވަންދެން ކޮންމެ ދުވަހަކު ޒައިދާން އޮފީހުން އަންނަ އިރު އިންތިޒާރުގަ ހުރި ދުވަސްތަކުގަ އެކަން ޒައިދާންއަށް ފާހަގަ ކުރެވުނުތަ؟ ލޯބިން ކަންތައް ކޮށްދިން އިރު އެކަން ބަލައިގަތިންތަ؟ ޒައިދާންއާ ކައިރިވާން ބޭނުން ނުވެޔޭ ބުނާ އިރު އެއީތަ އަހަރެން މަތިން ޒައިދާން ހަނދާންވާ ހަމައެކަނި ވަގުތަކީ؟ އަނތްބަކަށް ވީތީ ޒައިދާން ބޭނުން ވީމަ އެކަން ހަނދާން ވެފަ އެހެން ހުރިހާ ވަގުތެއްގަ އަހަންނަކީ ގޭތެރެގަ ހުންނަ ގޮނޑި މޭޒު ކަހަލަ ދިރުން ނެތް އެއްޗެއްތަ؟

އެއްޗެއް ބުނެފިއްޔާ އަހަރެން ޝަކުވާ ކުރަނީ، ޒައިދާންއަށް އަހަރެންގެ ކޫސަނި ޝަކުވާ އަޑު އަހަން ވަގުތު ނުވަނީ؟ ޒައިދާން އެއްޗެއް ބުނީމަ އަހަރެން އަޑު އަހަންވީ ކީއްކުރަން؟ މަސައްކަތް ކުރަނީ ޒައިދާން އެކަނިތަ؟ އަހަރެން ގޭތެރޭގަ ކުރަނީ މަސައްކަތެއް ނޫންތަ؟ ޒައިދާންއާ ޒައިދާންގެ މައިން ބަފައިންނާ ޒައިދާންގެ ކުދިންގެ ހުރިހާ ކަމެއް ވީ އެންމެ ފުރިހަމައަށް އަހަރެން ނުކުރަންތަ؟ މަސައްކަތް ނިންމާފަ ލިބޭ ވަގުތުގަ ޒައިދާން ބޯ ހަމަޖައްސާލަން ބޭރަށް ނުދަންތަ؟ އެހެން ވިއްޔާ އަހަރެން ގޮސްގެން މައްސަލައަކަށް ވަނީ ކީއްވެ؟

އަހަންނަށް މުހިންމު ވާ ކަންތައްތަކަކީ ޒައިދާންއަށް މުހިންމު ކަންކަމެއް ނޫން. އަހަރުމެންގެ ކައިވެންޏަށް ފަންސަވީސް އަހަރު ފުރުނު އިރު ޒައިދާން އެކަމެއް ހަނދާނެއް ނެތް. ޒައިދާންގެ ހަޔާތުން ޚާއްސަ ވަގުތުކޮޅަކަށް އަހަރެން އެދޭ ހަމައެކަނި ދުވަހަކީ އެއީ. އެކަމަކު އާދޭސް ކޮށްގެން ނޫނީ އެ ވަގުތުކޮޅުވެސް އަހަރެންގެ ފިރިމީހާގެ ދިރިއުޅުމުން އަހަންނަށް ނުލިބޭ. ދެން އަހަރެން ފޫހި ނުވާންވީ ކީއްވެ؟ އަހަރެންގެ ފަރާތުން ޒައިދާން އެދޭ ކަންތައްތަކަށް އަހަރެން އެހާ ފަރުވާކުޑަ ކުރާ ނަމަ ޒައިދާން ވަކި ފޫހި ނުވާނެތަ؟

އަހަރުމެން ކައިވެނި ކުރީ ލޯބިން. މަހެއްހާ ދުވަސް ކުރިއާ ހަމައަށް އަހަރެން ޒައިދާންއަށް އެ ލޯބި ދިނިން. ހަމަ އެހެން އެ ލޯބި އަހަރެންވެސް ބޭނުން. އެ ކަމެއް ނުވާނެ ކަން މިހާރު ވިސްނިއްޖެ. އުންމީދު ކުރުން ހުއްޓާލަން އަހަންނަށް މިހާރު ދަސްވެއްޖެ. އެހެން ވީމަ ޒައިދާންވެސް ޝަކުވާ ނުކުރޭ. އަހަރެންވެސް އަޑުއަހާ ހިތެއް ނުވޭ. އަހަރެން މިހެން އުޅެން އާދަ ކުރިހެން ޒައިދާންވެސް އާދަކުރޭ” އަހަރުތަކެއް ވަންދެން ހިތުގައި ހުރި ޝަކުވާތައް ބޭރު ކޮށްލެވުމުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް އިހުސާސް ކުރެވުނެވެ. ނަމަވެސް ހަމަޖެހުމެއް ނުލިބުނެވެ.

އަހަރެން ވާހަކަ ދެއްކުން ހުއްޓާލުމުންވެސް ޒައިދާން އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮޓަރީގެ ދޮރާ ހަމައަށް ދެވުނު އިރު އަހަންނަށް ރޮވިއްޖެއެވެ. އެ ގޮތަށް ހުރެ ކުދިން ނުވަތަ މަންމަމެން ކުރިމައްޗަށް ދާން ބޭނުން ނުވާތީ އެނބުރިފައި ގޮސް ފާހާނާއަށް ވަނީމެވެ.

ފަނަރަ ވަރަކަށް މިނަޓް ފަހުން އަހަރެން ނިކުތް އިރު ޒައިދާން އެނދުގައި އިނެވެ. ކަކުލުގައި އުޅަނބޮށި ޖައްސާލައިގެން ދެ އަތްތިލައިން މޫނު ފޮރުވައިގެން އިނދެފައި އަހަރެން ނިކުތުމުން ޒައިދާން އަތް ތިރިކޮށްލާފައި ބަލާލިއެވެ. އަހަރެން ތުވާލި ނަގާ މޫނު ހިއްކާލާފައި އުޅުނީ ކޮޓަރިން ނިކުންނާށެވެ. ނަމަވެސް ހުއްޓުނީ ޒައިދާން ގޮވާލުމުންނެވެ. ޒައިދާން އައިސް އަހަރެންގެ މޫނުގައި ދެ އަތުން ހިފާ އިސް އުފުލާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“އައިމް ސޮރީ، އަހަންނަށް މާފު ކޮށްދީ ޝަފާ. ގަސްތުގަ އެއްވެސް ކަމެއް ކުރީކީ ނޫން. ޝަފާ ދެރަ ކުރުން ނޫނީ ހިތުގަ ޖެއްސުން އެއީ ދުވަހަކުވެސް އަހަރެން ބޭނުންވި ގޮތެއް ނޫން.. އަހަންނަށް ފަރުވާކުޑަ ކޮށްލެވުނީ. ޝަފާއަށްވެސް އަހަރެންގެ ލޯތްބާ އަޅާލުމާ ވަގުތު ދޭން ޖެހޭ ކަން ވިސްނާނުލެވުނީ، އެހެން މީހުންގެ ކަންތައް ކުރަމުން އައި އިރު ޝަފާއާ އަޅާލަން ޖެހޭނީ އަހަރެން ކަން ހަނދާން ނައްތާލެވުނީ. ދެން ނުވާނެ އެހެންނެއް. އައިމް ވެރީ ސޮރީ! އަހަރެން އަދިވެސް ޝަފާ ދެކެ ވަރަށް ލޯބިވޭ” އެވަރަށް ބުނެފައި ޒައިދާން އަހަރެންގެ ނިތްކުރިއަށް ބޮސްދިނެވެ.

އެއީ އަހަންނާ ޒައިދާންގެ އާ ދިރިއުޅުމެއްގެ ފެށުމެވެ. އެ ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި ޝަކުވާއެއް އުފެދޭނެ ފުރުސަތެއް ޒައިދާން ނުދެއެވެ. ދެ މީހުން އެކުގައި ވަގުތު ހޭދަ ކުރަމެވެ. ކައިވެނީގެ ކުރީކޮޅެކޭ އެއްފަދައިން ލޯބިވާކަން ހާމަ ކުރަމެވެ. ހަދިޔާ ބަދަލު ކުރަމެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަން އިހުސާސް ކޮށްދެމެވެ.

ކައިވެންޏަށް ފަހުވެސް ދެމަފިރިން އެކަކު އަނެކަކު ދެކެ ވާ ލޯބި ފާޅު ކުރުމަކީ މުހިންމު ކަމެކެވެ. ހަދިޔާ ބަދަލު ކުރުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަކު އަނެކަކުގެ މަސައްކަތުގައި އެހީވެދިނުމަކީވެސް އެފަދަ ކަމެކެވެ. އެ ގުޅުން ރީތި ގޮތުގައި ތާޒާކަންމަތީ ދެމިއޮންނާނީ އޭރުންނެވެ. ދެ މީހުންވެސް އެކަކު އަނެކަކާ އަޅާލަން ވާނެއެވެ. އެކަކު އެކަނި ހުރިހާ ކަމެއް ކުރުމަކީ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމެކެވެ. ދެމަފިރިން އެކުގައި އެއްވަރަށް މަސައްކަތް ކޮށްގެން ނޫނީ ކައިވެނީގެ ގުޅުން ފުރިހަމައެއް ނުވާނެއެވެ. ކައިވެންޏަކީ ދެ މީހުން އެކުގައި، އެއްވަރަށް މަސައްކަތް ކޮށްގެން ދަމަހައްޓަން ޖެހޭ ގުޅުމެކެވެ. އެންމެ ރީތި ނަމޫނާ ދެއްކޭނީ އެ ގޮތުންނެވެ.

ނިމުނީ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ(12)

Next

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 17

Next
March 23, 2026

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 17

Previews
March 21, 2026

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ(12)

11 Comments!

  1. Mar Sha Mar Sha says:
    March 22, 2026 at 3:10 pm

    ސަލާމް، މީ މާޝާ ލިޔުނު ކުރު ވާހަކައެއް، މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން. ކިޔާލާފަ އަންގާލައްޗޭ

  2. Aishath says:
    March 22, 2026 at 4:08 pm

    MA vrh vrh reethi adhi iburaiy theri vaahaka eh…
    Aslu kanvaa goiy eii hama…

  3. Anonymous says:
    March 22, 2026 at 8:26 pm

    Marsha preg tha? Just asking ingey 🙂

  4. Mar Sha Mar Sha says:
    March 23, 2026 at 12:11 am

    thank u Aishath, yes mee aanmu kameh hama dho

  5. Mar Sha Mar Sha says:
    March 23, 2026 at 12:13 am

    hehe, no i m not pregnant dear

  6. Anthony says:
    March 23, 2026 at 3:39 am

    Mar Sha ❤️
    Kn rasheh thw?? U liyaa stories Vrh Vrh furihama ingeyy…just wanna be frnds with u!!
    So asking ingeyy!!
    mA..Thiya gothuga kuriyah dhaane gothah Uhmeedhu kuran…❤️❤️

    1. Mar Sha Mar Sha says:
      March 23, 2026 at 4:09 pm

      thank u, Anthony, my parents are from south and norrh, i was born and raised in Male’,
      very happy that you like my writing.
      instagram in follow kolla

  7. Yash💛 says:
    March 23, 2026 at 11:15 am

    vv reethi iburaitheri vhk eh
    married kudhinnah v important kankan faahaga kofa ebahuri. Evryone should remember these pointers for a healthy marriage
    Keep it up marsha💛💛

    1. Mar Sha Mar Sha says:
      March 23, 2026 at 4:10 pm

      thank you ❤️

  8. ކިއުންތެރިއެއް says:
    March 24, 2026 at 2:57 pm

    މާޝާއަކީ މި ސައިޓަށް ލިޔުމުގައި އެންމެ ގިނަދުވަސްވަންދެން ދެމިހުރި އަދި ކުށްނެތް ނުވަތަ ކުށް މަދު ރީތި ދިވެހިބަހުން ލިޔާ ލިޔުންތެރިއެކޭ މީހަކު ބުނި ނަމަ އެއީ ހައްގު ނޫން ދޮގު ތާރީފަކަށް ނުވާނެކަން ކަށަވަރެވެ.މާޝާގެ މި ކުރުވާހަކައަކީ ވަރަށް ކިޔާލާ ހިތުން ކިޔައިލެވުނު ވާހަކައެކެވެ. އަޅައިލުން ކުޑަ ފިރިއެއްގެ ފުށުން އަނތްބަކަށް ތަހައްމަލުކުރަން ޖެހޭ އިހުސާސްތައް އަންހެނަކަށް ނޫނީ ކިޔައިނުދެވޭނެހައި ވެސް ފުރިހަމަޔަށް ރީއްޗަށް ކިޔައިދީފައިވާ ވާހަކައެކެވެ. ނަމަވެސް ވާހަކަ ނިންމައިލައިފައި އެ ވަނީ މަޒުމޫނުގެ ގޮތްގަނޑު ހިތަށް ގެނެވޭ ގޮތެއް ހުރި ޕެރެގްރާފަކުންނެވެ. އޭގެ ބަދަލުގައި މުޅި އެ ޕެރެގްރާފު އެއީ ޒައިދާންގެ ދުލުން ބުނާ ވާހަކައަކަށް ހެދި ނަމަ އެ ގޮތްގަނޑު ނެތުނީސްކަން ނޭނެގެއެވެ
    މިސާލަކަށް “އާނއެކެވެ. އަހަރެން ގަބޫލުކުރަމެވެ.ކައިވެންޏަށް ފަހު ވެސް ދެމަފިރިން އެަކަކު އަނެކަކު ދެކެ ވާ ލޯބި ފާޅުކުރުމަކީ މުހިއްމު
    ކަމެކެވެ…. . ދެން ވާހަކަ ނިންމައިލަމުން އޭގެ ކުރީ ޕެރެގްރާފުގެ ފުރަތަމަ ފޮޅުވަތް”އެއީ އަހަންނާ ޒައިދާންގެ އާ ދިރިއުޅުމެއްގެފެށުމެވެ.”އިތުރު އެއްވެސް އެއްޗެއް ނުލިޔެ މިހިސާބުން ވާހަކަ ނިންމައިލި ނަމަ މިހާރަށްވުރެ ބާރާއި އަސަރުވެސް ގަދަވީހެވެ. މިއީ ހަމަ އެކަނި މިފަރާތުގެ ޚިޔާލެވެ

  9. Mar Sha Mar Sha says:
    March 24, 2026 at 6:58 pm

    varah bodah shukuriyya! dhevvi khiyaalu ufalaa eky balaigannan. ninmaalaafa e paragraph ithuru kolly kiyuntherinnah naseyhatheh ge gothuga, ehen vyma kanneynge mazumoonehge ninmaalun hen hyvy. InshaAllah dhen liyaa iru thi faahaga kolladhin point aa medhu visnaanan. dhen genesdhey vaahaka thakunves thi faraathuge comment fennaane kamah ummeedhu kuran

Comments are closed.



All Right Reserved!