މީހުން ބުނެ އެއުޅެނީ ތެދެކެވެ. އެއްޗެއް ލިބުމުން އޭގެ އަގެއް ނޯންނާނެއެވެ. އެކަމަކު ކައިވެނިކޮށްގެން މިހާ އަވަހަށް މީހަކު ބަދަލުވާނޭ ހީކުރާނީވެސް ވަކި ކާކު ހެއްޔެވެ. އެހާ ހިސާބުންފެށިގެން ނީލަމްގެ ޙަޔާތަށް އައީ ބަނަ އަނދިރި ދުވަސްތަކެކެވެ.
ކައިވެންޏަށް ދިޔަ ޚަރަދުގެ ސަބަބުން ޑެއިލީ ރޫމެއްގައި ތިބުންވީ ދަތި ކަމަކަށެވެ. ނީލަމްއަށް އެކަން ވިސްނޭތީ، ދެން އިތުރު ގޮތެއް ނެތުމުން އެގެޔަށް ދިޔައީ ހިތާ ދެކޮޅަށެވެ. ވަރަށް ހިތާމަކުރަމުންނެވެ.
ނީލަމް އޭގެ ފަހުން މުޅި ދިރިއުޅުންދެކެވެސް ހުރީ ފޫހިވެފައެވެ. އެހެނަސް ލޯބިވާތީ އުޅެވޭތޯވެސް ބެލިއެވެ. އަދި އަލަތު ކައިވެނިކަމުން ގުޅުން ރަނގަޅުކޮށް ކުރިޔަށްދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް، އެއް އަތް ހޫރުވިޔަސް އަޑެއް ކިޔާނެ ހެއްޔެވެ؟
ރާކިން ނީލަމަށް ދިން ހަދިޔާ ކުޑަކަމުން، އިތުރު އެތައް ތަކުލީފެއް އެފަކީރަށް ދިންމެއެވެ. އަންހެނެއްގެ ޙަޔާތުން ދެކެން ބޭނުންނުވާ އެފަދަ ކައިވެނީގެ ވޭނީ ދުވަސްތަކަކުން ނީލަމް ފުނޑާލިއެވެ. އެއްކަލަ ލޯބިން އުޅުނު ރާކިންތޯއެވެ؟ މީހަކު އަދި އެހެން ދައްކާލާ ދަޅައަކުން ޙަޤީޤަތެއް ނުފެންނާނެއެވެ.
ކޮންމެ ރެޔެއް ދޭއް ތިނެއް ޖަހަންދެން އަލަތު ފިރިމީހާއަށް އިންތިޒާރުކޮށްކޮށް ރޯލަރޯލާ ނީލަމް އޮންނަނީ ހިތުގައި އަތް އަޅައިގެންނެވެ. މިހާރަކު އެއްކަލަ ރާކިން ނީލަމްގެ އޮފީސް ގަޑިތަކަކު ލާންގޮސް ބަލާގޮސް ނުހަދައެވެ. މިއަދު ރާކިން ނީލަމަށްޓަކާ ވަރަށް “ބިޒީ” މީހަކަށް ވެއްޖެއެވެ. ހެނދުނުގަޑީ ނީލަމް އޮފީހަށްދާއިރު ނިދާފައި އޮންނަތަން ފެނެއެވެ. ދެން ފެންނަނީ ދަންވަރު ގެއަށް އައުމުންނެވެ. ގެއަށް އައިސްވެސް ނީލަމާ ވާހަކަދައްކާ، ލޯބިދީ ނުހަދައެވެ. ފޯނާ ކުޅެން އޮވެފައި ނިދާފާނެއެވެ. ނީލަމްގެ ގިސްލުމުގެއަޑާ، ކަރުނަތަކަށްވެސް ރާކިންގެ ހިއްސުތައް ވަނީ މަންމަންވެފައެވެ. އެކުވެރިންނާއެކު އެހޭދަ ކޮށްލަނީ ނީލަމަށް ދޭން ޖެހޭ ވަގުތުތަކެވެ. ދުވާލުގެ ވަގުތުތަކާއި މުޅި ދުވަހު، ނީލަމް ރާކިންއަށް ގުޅާ މެސެޖުކޮށްހަދައެވެ. ލޯބި ލިބޭތޯ ވަރަށް ބެލިއެވެ. އެހެނަސް ކުރިން ފަސްމިނެޓުން ގުޅަގުޅާ ހުރި ރާކިންއަށް މިއަދު ފަސް ސިކުންތުގެ މެސެޖެއްވެސް ޓައިޕުކޮށްލާނެ ވަގުތެއް ނުވެއެވެ. އެހިމޭން ދުނިޔޭގައި ނީލަމް އެކީ ބާކީވެ އެކަނިވެއްޖެއެވެ. މާޔޫސްވެއްޖެއެވެ. ކޮޓަރީގައި އެކަނި އޮވެ ހިތާމަ ކުރުމަކީ މިހާރު ނީލަމްގެ ދިރިއުޅުމެވެ. މުޅިން މީހާގެ އުފާވެރިކަން ގެއްލިއްޖެއެވެ. ނުވެސް އެނގި ހުއްޓާ ދިރިއުޅުން ބަދަލުވީ ކޮންފަދަ ހިތި ގޮތަކަށް ހެއްޔެވެ. ނީލަމްގެ ކުށަކީ ކޮބާ ހެއްޔެވެ؟ ލޯބި ވުންހެއްޔެވެ؟ މީހަކަށް އިތުބާރުކުރުން ހެއްޔެވެ؟ ކައިވެނި ކުރުން ހެއްޔެވެ؟ ވިސްނާވިސްނާ ނީލަމް ހަލާކުވެއްޖެއެވެ. ގައިގައި އިތުރަށްލާނެ ހިތްވަރެއް ދެން ނެތޭ ހީވެއެވެ. ރޮއެރޮއެ ވަރު ހުސްވިއެވެ. އެހެނަސް އެހިތާމަދެކި އަޅާލާނެ މީހަކު ނެތެވެ. ނީލަމް ވަރަށް އެކަނިވެރި ހިތްދަތި ދުވަސްތަކެއް ވޭތުކުރަމުން ދިޔައީ އެފަދަ ޙާލެއްގައެވެ. މީހާ މުޅިން ބަލިވެ ޑިޕްރެޝަނަށް ބޭސްކާން ޖެހުނެވެ. އެވަރުންވެސް ރާކިންގެ އަޅާލުމެއްވެސް ނުލިބުނެވެ. އޯގާތެރިކަމެއް ނެތެވެ. ނީލަމް ދުނިޔޭގައި ހުރިތޯވެސް، ވީކޮންޙާލެއްގައި ތޯވެސް ބަލާލުމަކީ މިއަދު ރާކިންއަށް ބޭކާރު ކަމެކެވެ.
” ރާކިން ދެން އަހަރެން ދޫކޮށްލަންވީނު؟ އަހަންނާ އިނދެގެންތި އުޅެނީ ކީއްކުރަން. ފިރިއެއްގެ ވާޖިބެއް އަދާކުރަނީކީ ނޫން..އަހަރެންނަށް އަޅާލަނީކީ ނޫން.. މިތާ އަބަދު އެކަނިވެފަ އަހަރެން މިހުންނަނީ؟” ރޮވިފައި އިން ނީލަމް ގިސްލުމުގެ ތެރެއިން އަހާލީ ވަދެގެން އައި ރާކިންގެ މޫނަށް ބަލާލަމުންނެވެ. އޭރު މެންދަމު ދެގަޑި ބައި ވީއެވެ.
” އަބަދު ބޭރުގަ ކޮންމެ ރެޔަކު ތިއަންނަނީ އެހާ ލަހުން. ހަނދާނެއް ނެތްތަ އިންތިޒާރު ކުރާނެ އަންތްބަކު އިންކަމެއް. މީހެއްގެ ފިރިއެއް ކަމެއް” ބަހެއް ނުބުނެ އައިސް އިށީން ރާކިންގެ އަމަލުތަކުން ނީލަމްގެ ހިތް އިތުރަށްވީ ހަލާކެވެ. މިފަދަ އަނިޔާއެއް ދޭން މީހުންގެ ދަރިންނާ މި އިންނަނީ ކީއްކުރަން ހެއްޔެވެ؟ ހިތް އެހާވެސް ހަރު އިންސާނުން ހަމަ އުޅެނީތާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



When’s next eppp 😭
Soon 😭❤️