ލޯބިން އަރިހުގާ..
ކޮންމެ ފިޔަވަޅަކާއިއެކުގައި ފިސްވަމުންދިޔަ، ހިކި ފަތްތަކުގެ މުރަނަ އަޑުން ތަނުގެ ހިމޭންކަން ނަގާލަމުން ދިޔައެވެ. އަރާފައިވާ ހަތަރު އިންޗީގެ އުސްފައިވާނުން ފަތްތަކަށް ލިބެމުންދިޔަ ގޯނާއަށްވުރެ ބޮޑަށް ނައިރާގެ ހިތަށް ވަމުން ދިޔަ ގޯނާ ބޮޑުހެން ހީވެއެވެ. މީހަކަށް އަޑު އިވިދާނެތީ، ނުވަތަ ފެނިދާނެތީ ނައިރާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
ގަޔަށް ހިފާލައިފައިވާ ގަދަ ނޫކުލާގެ މަތިކޮޅަކާއި، ކަޅު ކުލާގެ ބާރު ޖީންސުގައި ހާމަވަމުންދިޔައީ ނައިރާގެ ފުރިހަމަ ބަށްޓަމެވެ. ކުރު އިސްކޮޅާއި ނުހަނު ގުޅޭ ރޫފައެކެވެ. ފުރިހަމަކަން އިތުރު ކުރުވަނީ އެ އައިބެއް ނެތް ރީތި މޫނާއި، ލޮލުގެ ތޫނު ކަޅިރަވައެވެ. ގަދަފެހިކުލަޔަކަށްދާ އެ ރީތި ކަޅިރަވައަކީ މަދުން ނޫނީ ރާއްޖެއިން ފެންނަފަދަ ރީތިކަމެއް ނޫނެވެ. ރޭގަނޑެއްފަދަ ފަންރީތި އިސްތަށިގަނޑެކެވެ. ފުރިހަމަ ތުންފަތެކެވެ. އެ ހިތްގައިމު ސޫރައަކީ ފަތްމިނިންގެ ލިސްޓުގެވެސް އެއްވަނަކަން ޔަޤީނެވެ.
“ޕިސް..ކޮބާތަ މައީ؟” ހާސްވެފައި ހުރި ނައިރާ އަނެއްކާވެސް އަތުގައި އޮތް ފޯނުން ގަޑި ބަލައިލިއެވެ. މިހާރު މެންދަންވަނީއެވެ. ތުނޑީކޮޅުގެ ހޭޅިފަށުގައި މިފަދަ ވަގުތެއްގައި ހުންނަން ނައިރާ ވަރަށް ޖެހިލުންވެސް ވެއެވެ. އެހެނަސް ނައިރާގެ އެކުވެރިޔާގެ ލޯބިވެރިޔާއާ ބައްދަލުކުރަން އިތުރުގޮތެއް ނެތްކަމަށް ބުނެ އާދޭސް ކުރުމުން، ހަތިޔާރު ބަހަށްޓައިފައި އެތަނަށް ދިޔައީއެވެ.
މަންމަވެސް މިހާރު ގޭގައި ނެތި މާލަސްވިކަން އެނގި ރުޅިއަންނާނޭ ނައިރާގެ ހިތަށް އެރިއެވެ. މައިލާއަށް ގުޅުމަށްޓަކައި ނައިރާ ފޯނުނެގި ވަގުތުގައި ނޭފަތުގައި ޖެހުނީ ސިނގިރޭޓު ދުމުގެ ވަހެވެ. ދާދި ގާތުގައި މީހަކު ހުރެ ސިނގިރޭޓު ބޯކަހަލަ އިޙުސާސެއް ކުރެވުނެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނެތެވެ. ނައިރާގެ ހިތް ތެޅިލިއެވެ. ލޯވެސް ފެންކަޅިވާން ފަށައިފިއެވެ.
“ދެން ހައިޝަމް.. މިހާރު ނައީ ހުންނާނި އަހަރެން ނުގޮސްގެން ލަސްވެފައޭ.. އެކަނި ބަހަށްޓާފަ މިއައީވެސް. މާދަންރޭ އަންނާނަމޭ..” މައިލާގެ އަތުގައި ބާރަށް ހިފަހައްޓައިގެންހުރި ހައިޝަމްގެ މޫނަށް ބަލައިލަމުން މައިލާ ވާހަކަދެއްކިއެވެ.
“ދެން މަންމަމެން ކާރީގަ ބުނެބަލަ.. އަބަދު ކިހިނެއްތަ މިހެން ފިލައިގެން އުޅޭނީ..” ހައިޝަމް ޝަކުވާކޮށްލިއެވެ.
“އޯކޭ..އޯކޭ..ބުނާނަމޭ ދެން ދޫކޮށްބަލަ. ދަނީ..ލަސްވެއްޖޭ..” މައިލާ ހައިޝަމްގެ އަތުން ރެކެމުން ބުނެލިއެވެ.
ހާސްކަން އިތުރުވަމުން ދިޔަ ނައިރާއަށް ބޭއިޚުތިޔާރުގައި ދުއްވައިގަނެވުނެވެ. ގަނެފައިހުރި ބިރެއްގެ ސަބަބުންނެވެ. ދުވަމުންގޮސް ފަހަތަށް ބަލަމުން ދަނިކޮށް އެއްޗެއްގައި ލައިގަނެ މީހާ ވެއްޓެން ދިޔައެވެ. އެވަގުތު ބާރުގަދަ އަތަކުން ނައިރާގެ އުނަގަނޑުގައި ހިފައި އޭނާގެ ގާތަށް ދަމާލިއެވެ. ނުވިސްނާހުރި ނައިރާ ގޮސްޖެހުނީ އެމީހެއްގެ މޭމަތީގައެވެ. އެއަނދިރިކަމުގެ ތެރޭގައި އެޒުވާނާގެ މޫނެއް ނުފެނުނެވެ. ރީއްޗަށް ބަލައިވެސް ނުލެވެނީސް އެޒުވާނާ، ނައިރާގެ ހާލާއިގެން ނައިރާ ދޫކޮށްލުމަށްފަހުގައި ދުރަށްގޮސް ގެއްލިއްޖެއެވެ. އެހެނަސް ހިތްގައިމު ސެންޓެއްގެ ވަސް ނައިރާގެ ނޭފަތުގައި ހަރުލާފައިހުއްޓެވެ.
“ސާބަސް… އަހަރެން ކިރިޔާ ބިރުން ހަލާކުނުވީ. ނައީ ގެއްލުނީ ކަމަށް..” ދުވަމުން އައި މައިލާ ނައިރާގެ އަތުގައި ހިފާލިއެވެ.
“ދެންވެސް ހިނގާބަލަ ދާން އަވަހަށް. މިހާރު މަންމަވެސް ހުންނާނީ ރުޅިއައިސް ކަންނޭނގެ.. ދެން ނޭނގެ ރަށަށް ގެންނާނެ ކަމެއްވެސް މިހެން އުޅެންޏާ..” ސައިކަލާ ދިމާއަށް ހިނގަމުން ނައިރާ ވާހަކަދެއްކިއެވެ.
“ނައީއަށްވެސް ލޯބިވެވުނީމައޭ އެނގޭނީ..” ސައިލަކު ދުއްވާލަމުން މައިލާ ހޭންފެށީ އެހެން ބުނެފައެވެ.
“ސާބަހޭ.. އަހަރެން ނޫޅެން ތިވަރުވާކަށް. އެވަރުގެ މީހެއް ނޫޅޭނެ..” މައިލާގެ ކޮނޑުގައި ޖަހާލަމުން ނައިރާ ބުންޏެވެ.
“ނައީ… ހާދަ ލަސްވީ. ކިރިޔާ ޕޮލިހަށް ނުގުޅުނީ..” ބޭރު ޖޯލީގައި ނައުފަލް އޮތީ ސީދާ އެކަމަށް ތައްޔާރުވެގެންނެވެ.
“ދެން ގުޅިނަމަ. އޭރުން އެމީހުން އައިސް ދޮންބެ ގެންދާނި..” މޫނަށް ވަށްތަރު ޖައްސާލަމުން ނައިރާވެސް ޖޯއްޔެއްގައި ޖައްސާލިއެވެ.
“ހޫން…މަދޯ ދަންވަރު ދަޅާގަ ބިޓު ހިއްލަން ފުއްޓަށަށް ވަދެ..” ނައުފަލްގެ ޖުމުލަ ފުރިހަމަނުވަނީސް ނައިރާ ނައުފަލްގެ އަނގަމަތީގައި އަތް އެޅިއެވެ.
“ދެން ޝްޝް… ސިއްރެކޭ… މަންމަމެންނަށް އަޑު އިވިދާނެ..” ނައިރާ ކަޅިއަޅާލުމުން ނައުފަލް ނުލަފާގޮތަކަށް ހީލިއެވެ.
“އަހަންނަށް ކީއް.. އެ މައިސަރާގަނޑު ބަސްޓު ކޮށްލާނަން މާދަން. ޒުބޭދާއްތައަށް ހުރިހާ އެއްޗެއް ކިޔާދޭނަން..” ނުލަފާ ހިނިގަނޑެއް ޖަހާލަމުން ނައުފަލް ޖޯލިން ތެދުވެ ގޭތެރެއަށް ވަނީ ނިދިއައިސް ހުރުމުންނެވެ. ނައިރާވެސް އިތުރަށް ބަހުސްނުކޮށް ދިޔައީ ކޮޓައިރަށެވެ. މިރޭ ދިމާވި ކަންތައްވެސް މިހާރު ނައިރާގެ ހަނދާނުގައި މާބޮޑަކަށް ނެތެވެ.
ފަތިސް ނަމާދަށް ބަންގި ގޮވުމާއި އެކީގައި ނައުފަލް ނައިރާގެ ކޮޓަރި ދޮރުގައި ތަޅަންފެށިއެވެ. އެއީ ނައުފަލްގެ އާދައެވެ. މިސްކިތަށް ދަމުން އަބަދުވެސް ނައިރާ ހޭލަށްވާނެއެވެ.
“ހޫން..ދެން ހޭލައޭ.. ދާންއުޅޭ މުދިން ތައްޚާނު” ނައިރާ ހަޅޭލަވައިގަތެވެ. ކާމިޔާބީގެ ހިނިތުންވުމަކާއިއެކުގައި ނައުފަލް ގެއިން ނިކުތީ ހެމުންނެވެ. އޭރު އެމަންޒަރު ބަލަން ހެވިފައި ހާމިދާ ހުއްޓެވެ.
އާއިލާއާއިއެކުގައި ހާމިދާގެ އުފަން ރަށަށް އައިސް އެއުޅެނީ ނައިރާގެ ކޮލެޖު ބަންދުގައެވެ. ހާމިދާ ދިރިއުޅެނީ ނައިރާއަށް ކިޔަވާދިނުމަށް މެލޭޝިޔާގައެވެ. ބައްޕަ ފައިސަލްއާއެކު ވިޔަފާރި ހިންގުމަށް ނައުފަލް ހުންނަނީ މާލޭގައެވެ. މިދަތުރުގައިވެސް އަދި ފައިސަލަށް ބައިވެރިވެވޭގޮތެއް ނުވެއެވެ. ފައިސަލްގެ ވިޔަފާރި ޕާޓުނަރު އަދި ޒަމާންވީ އެކުވެރިޔާ މިވަތުގު ރާއްޖޭގައި ނެތުމުން ފައިސަލް އުޅެނީ ވަރަށް އަވަދިނެތިއެވެ.
“ހޭލެވިއްޖެދޯ؟ ދައިތަގަނޑު… މިހާރު ހުރިހާ އެއްޗެއް ހުސްކޮށްލައިފިން” ހެނދުނުގެ ސަޔަށް އިންސާފުކުރަން އިން ނައުފަލް ވާހަކަދެއްކީ އާފުރެމުން، ލޯއުނގުޅަމުން އައިސް އިށީން ނައިރާއާއެވެ.
“ހޫން..އެންމެ ދުވަހަކު މާ އަވަހަށް ހޭލެވިގެން ކޮން ފޮންޏެއްތަ ތިދައްކަނީ ކޭމާޓު. ނައިރާ ނޫޅެމޭ ބަނޑަށް ޖެހިގެންނެއް” ކޮފީތަށީގައި ތުންޖަހާލަމުން ނައިރާ ރައްދުދިނެވެ.
“އިރުއެރުންދޯ ތި ދެބެއިންނަށް ލަސްވަނީ” ނައިރާއަށް އެޅި ބިސްގަނޑު ހިފައިގެން އައި ހާމިދާ ބުނެލިއެވެ.
“އިރު ނާރަނީސް ފަށައޭނު މަންމަގެ ރަންދަރި” ނައިރާ ތުންކޮޅު ހަދައިލިއެވެ.
“ބައްޕަގެ ޕްރިންސަސް ދެން ބައްޕަ ނެތީމަ ޖޭނުވޭ..” ނައުފަލް ޕާންފޮތި އޮތްގޮތަށް އަނގައަށް ކޮށްޕާލިއެވެ. ނުހޭން ހުރި ނަމަވެސް ހާމިދާއަށް ހެވިއްޖެއެވެ.
“މަންމީ..އޯކޭތަ މިއަދު މައީމެންނާ އެކީގަ މޫދަށް ގޮސްލިޔަސް؟” ނައިރާ ހާމިދާގެ އަތުގައި ބައްދާލަމުން އަހާލިއެވެ.
“ކިހާ އިރަކު ރޭގަ ގެއަށް އައީ؟” ހާމިދާ އެއްސެވެ.
“ދެން މަންމާ..” ނައިރާ ބޮޑާހާކާލިއެވެ.
“ދަރިފުޅު ތިހެން ލަސްވަންދެން އުޅެންޏާ ބައްޕަ ވަރަށް ރުޅި ދުރުވާނެ… ދޮންބެ ގޮވައިގެން ދަންޏާ ދޭ” ހާމިދާ ބުންޏެވެ. ނައިރާ އެގޮތަށް ވިޔަސް ދާން ބޭނުންވާތީ އެއްބަސްވިއެވެ.
އެއީ ހިތްގައިމު ބޮޑު ރަށެކެވެ. ރީތި ސާފު މޫދެއް އޮވެއެވެ. މޫދަށް އެރޭ ހިސާބުގައި ހަޓުތައްވެސް ހަދާފައިހުރެއެވެ. އަދި ބާބަކިއު އޭރިއާތަކާއި ޕިކްނިކް އޭރިއާތައް ހުރެއެވެ. ހުދު ދޮންވެލީގެ ސާލެއްފަދަ ގޮނޑުދޮށެކެވެ.
ހުދާއި ފިޔާތޮށި ކުލާގެ މޫދު ހެދުމުގައި ނައިރާ ފެންނަނީ މޮޑަށްލެއްފަދައިންނެވެ.
“މާދުރަށް ނޭރޭތި..ގެނބިއްޖާ ނަގާކަށް ނުދެވޭނެ..” ސައިކަލުން ފައިބަމުން ނައުފަލް ނައިރާގެ ކޮނޑަށް އަތްވައްޓާލިއެވެ.
“ހެވޭ..ދޮންބެ ނަޔަސް..ނައިރާގެ ޕްރިސް އަންނާނު ޓު ދަ ރެސްކިއު..” ސަކަ ހިނިތުންވުމަކާއިއެކުގައި ނައިރާ ބުނެލިއެވެ.
“ޗެ..ކީޕް ޑިރީމިންގ..” ނައުފަލް އަނގައަށް ވަށްތަރު ޖައްސައިލިއެވެ. ނައުފަލްގެ ދެތިން ރައްޓެއްސަކުވެސް އެތަނަށް އައިސް ތިއްބެވެ. އެކަނި ނުވުމަށްޓަކައި ދަޢުވަތުދިނީކަމަށް ވެދާނެއެވެ.
“އޭ މައިސަރާ…ކޮބާތަ ވަގު ބިޓު…ނާދޭތަ؟” މައިލާ ފެނުމުން އަޑުގެ ނެތްކޮޅަށް ނައުފަލް ގޮވާލިއެވެ.
” ބޭގަނޑާ…ކީކޭ؟” މައިލާގެ ފައިވާން ކިބަ ނައުފަލްއާ ދިމާއަށް ހޫރާލިއެވެ.
“ހޫން.. ވާހަކަދެއްކީމަ ދައްކާމީހާ މި ގޯސްވަނީ..ދަންވަރު ވަލަށް ވަދެ ބޮނދައިގެން ތިބޭމީހުން އޯކޭ ދޯ…” ނައުފަލް އެވަރުންވެސް ހުއްޓާކަށް ނުވިސްނިއެވެ.
“ދެން ބަލާބަ..ނައީ…” މައިލާ ގޮވާލިއެވެ.
“އަހަންނަށް ވާވަރު ވެއްޖެ..ދެން ޔޫއާ ތީނަ ހަވާލު” ދުވެފައި މޫދާ ދިމާއަށް ދިޔަ ނައިރާ ފަހަތަށް ބަލަމުން ގޮވާލިއެވެ. އެވަގުތު ކޮންމެވެސް މީހެންގެ ގައިގައި ޖެހިފައި ނުވެއްޓުނީ ކިރިޔާއެވެ. އެމީހަކު ނައިރާގެ ކޮނޑުގައި ހިފާ މަތަކޮށްލުމަށް ފަހުގައި ކުރިއަރައިގެން ގޮސްފިއެވެ. ސޮރީއޭ ބުނެފައި އެނބުރެވުނީ މާފަހުންކަމުން އެންމެންގެ ތެރެއިން އެއީ ކާކުކަމެއް ނޭނގުނެވެ. އެހެނަސް ރޭގައި ދުވި ހިތްގައިމު ސެންޓުގެ ވަސް އަނެއްކާވެސް ނައިރާގެ ހަނދާން އާކުރުވައިފިއެވެ. ނައިރާ އަވަސްއަވަހަށް ވަށައިގެން ހޯދަންފެށިއެވެ. އެ ސިއްރު ޒުވާނާއަކީ ކާކު ހެއްޔެވެ؟ ނޫނީ މިއީ ހަމަ އިއްތިފާޤެއްބާއެވެ؟ ނައިރާގެ ހިތް ނޭނގޭ ބާރު މިނަކުން ތެޅެމުން ދިޔައެވެ. ގަންނަނީ ބިރުކަމެއް، ކުރެވެނީ އިންތިޒާރެއްކަމެއް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



nice❤️❤️
😘😘