އެލޯބި ހަނދާންތައް
އެއީ ހަނދާނުން ނުފިލާނެ ހިތްގައިމު ލޯބި ދުވަސްތަކެކެވެ. ކޮންމެ ދިމާލަކުން ވެސް އެހަނދާންތައް އާލާވެއެވެ. އަހަންނަކީ އުމުރުން 19 އަހަރުގެ ދުވަސްތައް ގުނަމުންދާ އަންހެން ކުއްޖެކެވެ. އޯލެވެލް ނިންމާފައި އިތުރަށް ކިޔަވަން ބޭނުން ނުވާތީ ވަޒީފާއަކަށް ދާން ފެށީއެވެ. އެހެން މީހަކަށް ބަރޯސާނުވެ އުޅެވޭނެ ގޮތަކީ އެއީ ކަމުގައިވާތީއެވެ. އަހަރެން ދިރިއުޅެނީ މާލޭގައެވެ. އަހަރެންގެ ބައްޕައަކީ މާލޭ މީހެކެވެ. ނަމަވެސް މަންމައަކީ އައްޑޫ މީހެކެވެ. އަހަރެންގެ އުމުރުން 5 އަހަރުގައި މަންމަވަނީ ނިޔާވެފައެވެ. މަންމަ ނިޔާވި ފަހުން އަހަރެންގެ މަންމައަކަށްވީ މަންމަ ފަރާތު ހަމައެކަނި ހުރި ބޮޑުދައިތައެވެ. ބޮޑުދައިތައަކީ ދަރިން ލިބުމުގެ ނިޢުމަތުން މަޙްރޫމްވެފައިވާ އެކަނިވެރި އަންހެނެކެވެ. ދަރިން ނުލިބޭކަން ބޮޑުދައިތަގެ ފިރިމީހާއަށް އެނގުނު ދުވަހު ވަރިކޮށްލާފައި ދިޔައީ އެއްވެސް ރަހުމެއް ނެތިއެވެ. ބޮޑުދައިތަ އަހަރެންނާ ހަވާލުވީ ވަރަށް އުފަލުންހުރެއެވެ. ބަލަމުންގެންދިޔައީ އުފަންދަރިއެއްގެ ގޮތުގައެވެ. ނުހަނު ލޯބިންނެވެ. އަހަރެންވެސް ބޮޑުދައިތަ ދެކެ ވަރަށް ލޯބިވެއެވެ. ބޮޑުދައިގެ ބަހެއް ނުލިބެނީސް އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ. ހުރިހާ ކަމެއްގައިވެސް ބޮޑުދައިތަގެ މަޝްވަރާ ހޯދަމެވެ. އަހަރެން ބޮޑުދައިތައަށް ކިޔަނީ މަންމައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މަންމައެއް ފަދަ އަންހެނެކެވެ. ދެން އޮތީ އަހަރެންގެ ބައްޕަގެ ވާހަކައެވެ. މަންމަ ނިޔާވިތާ އަހަރެއްވީތަނާ ބައްޕަ މާލޭ މީހަކާ ކައިވެނިކުރިއެވެ. އެއީ ޒީލަގަދަ އަންހެނެކެވެ. އޭނަ ދެކެ ކިތަންމެ ފޫހިވިޔަސް އެއީ ބައްޕަގެ އަންހެނުންނަށް ވީތީ އަހަރެން އޭނާއަށް އިހުތިރާމް ކުރަމެވެ. ނަމަވެސް މަންމަ ކިޔުމުގެ ބަދަލުގައި އަހަރެން އޭނާއާ މުހާތަބު ކުރަނީ ދައްތަ ކިޔައިގެންނެވެ. ބައްޕަ އަހަރެންނާ ދުރުވާން ފެށީ ބައްޕަގެ އަންހެނުން ބަލިވެ އިން ދުވަހުން ފެށިގެންނެވެ. ބައްޕަގެ އެހެން ދަރިއެއް ހުންނަކަން ހަނދާން ނެތުނީއެވެ. ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އެއީ ކީއްވެގެންކަން އެނގޭދޯއެވެ. ބޮޑުދައިތަގެ ފަރާތުން މައެއްގެ ލޯބި ލިބޭތީއެވެ.
އަހަރެމެން ދިރިއުޅެނީ ކުއްޔަށް ހިފައިގެންނެވެ. ދޮން މަންމަ އަހަރެން ބަހައްޓަން ބޭނުންނުވީއެވެ. ބައްޕަ ކަންތައް ކުރަމުން ގެންދިޔައީ ދޮން މަންމަ ބޭނުންވާ ގޮތަށެވެ. އަހަރެން އެގެއިން ނިކުމެގެން އައީ އުފަލުންނެވެ. އެކަހަލަ ޒީލަގަދަ އަންހެނެއް ކައިރީ ހުންނަން ހިތް ނޭދޭތީއެވެ. ނަމަވެސް ދޭތެރެއަކުން އޮފީސް ނިންމާލާފައި އެގެއަށް ދަމެވެ. އެއްބަފާ ފިރިހެން ކޮއްކޮ ކައިރިއަށެވެ. ދޮންމަންމަ އަހަރެން ދެކެ ކިތަންމެ ފޫހިވިޔަސް ކޮއްކޮ އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. އެންމެ އުފާވަނީ އަހަންނަށް ދޮންތަ ކިޔާތީއެވެ. އަހަރެމެން ގޭގައި އުޅޭނީ އަހަންނާ ބޮޑުދައިތަގެ އިތުރަށް މާމަ އާއި ބޮޑުދައިތަގެ ކޮއްކޮ ރީޝާ އެވެ. އެއީ އަހަންނާ ދެބޭންގެ ދެދަރި ކުއްޖެކެވެ. އޭނާ މާލެ އައިސް އެހުންނަނީ ނަރުސް ކޯސް ކިޔަވާށެވެ. އަހަރެމެން ހަތަރު މީހުން އުޅެނީ ވަރަށް އުފަލުގައެވެ. ދެން އޮތީ އަހަރެންގެ ލޯބީގެ ވާހަކައެވެ.
އަހަރެން ފުރަތަމަ ކުއްޖަކާ ރައްޓެހިވީ އުމުރުން 17 ގައެވެ. ޝަބީންއާ ދިމާވީ ރީޝާ މެދުވެރިކޮށެވެ. ޝަބީން އަކީ ރީޝާގެ ލޯބިވެރިޔާ ޒައިދުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަބަދުވެސް އަހަރެމެން ހަތަރު މީހުން އުޅެނީ އެކުގައެވެ. ތަނަކަށް ކާން ދިޔަސް ދަނީ ހަތަރު މީހުން އެއްކޮށެވެ. ރީޝާއާ ބަދަލުކުރަން ޒައިދު އަންނައިރު އަންނަނީ ޝަބީންވެސް ގޮވައިގެންނެވެ. އެދެމީހުންނަށް ވަގުތު ދީފައި އަހަންނާ ޝަބީން ތިބެނީ ގޭ ސިންޓުރޫމްގައެވެ. އެކި ވާހަކަތަކުގައި އަހަރެމެން ދެމީހުން ފޯރި ނަގަމެވެ. ބައެއް ފަހަރު މަންމަ (ބޮޑުދައިތަ) އާއި މާމަވެސް ބައިވެރިވެއެވެ. ޝަބީން އަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ ފިރިހެނެކެވެ. ގިނަ ފަހަރު އޭނާއަށް ސީރިއަސް ވާކަށް ނޭނގެއެވެ. އޭނަގެ އުޅުމާއި އަޙްލާގު އަހަންނަށް ވަރަށް ކަމުދެއެވެ. ނަމަވެސް އެވާހަކަ އެއްވެސް މީހެއް ގާތު ނުބުނަމެވެ. އެއީ ދެމީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަން ގެއްލިދާނެތީއެވެ. އޭނަ އަހަންނާ ދޭތެރޭ ދެކެނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ދުވަސްތައް މިހެން ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. މަންމަގެ ވެސް ހުއްދައާއެކު އަހަރެން އޮފީހަށް ލައިދެނީ ޝަބީނެވެ. އޭގެން ދުވަހެކެވެ. އަހަރެން އޮފީހަށް ލައިދޭން ދިޔަ މަގުމަތީގައި ޝަބީން ބުނީ އޭނާއަށް ކުއްޖަކު ދެކެ ލޯބި ވެވިއްޖެ ކަމަށެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން އިހުސާސްވިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ހަމައަކަށް އެޅިލާފައި އެއީ ކޮން ކުޖެއްތޯ ސުވާލުކޮށްލީމެވެ. އޭނާ ބުނީ އަދި ފަހުން އެއީ ކާކުކަން އެނގޭނެ ކަމަށެވެ. އަހަންނަށް އެދުވަހު އޮފީހުގައި އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. ވިސްނެނީ ޝަބީން ދެއްކި ވާހަކައާ ދޭތެރޭގައެވެ. ޝަބީން ލޯބިވެރިއެއް ނަގައިފިއްޔާ އަހަންނާ އޮންނަ ގުޅުން ކުޑަވާނޭ ހިތަށް އެރުމުން ލޮލުން ކަރުނަ ނީރާލީއެވެ. އަނެއްކާ އަހަންނަށް ޝަބީންދެކެ ލޯބިވެވުނީ ބާއެވެ؟ ހިޔާލުތައް ގިނަވީ ވަރުން ބޮލުގައި ރިއްސަން ފެށިއެވެ. ބަލީކަމަށް ބުނެ ސޮއި ކޮށްލާފައި އަހަރެން ދިޔައީ ގެޔަށެވެ. ހިތަށް ހަމަޖެހުމެއް ނުލިބިގެން އެންމެ ފަހުން އަހަރެން އެވާކަހަތައް ރީޝާއާ ހިއްސާ ކުރީމެވެ. ރީޝާ ބުނީ ހަމަ އެންމެ ޖުމްލައެކެވެ. “ޝަހާއަށް ތިހުރީ ޝަބީންދެކެ ލޯބި ވެވިފަ”. މިނޫން އިތުރު އެއްވެސް އެއްޗެއް ރީޝާ ނުބުނެއެވެ. އެއްވެސް މީހެއް ގާތު މިވާހަކަ ނުބުނުމަށް އަހަރެން އެދުނީމެވެ. ނަމަވެސް އަހަރެންގެ އުފަލަށް ވިސްނާފައި ރީޝާ އެވާހަކަ ޒައިދުއަށް ކިޔައިދިނެވެ. ލަހެއް ފަހެއް ނެތި ޒައިދު އެވާހަކަ ބުނީ ޝަބީން ގާތުއެވެ. ޝަބީން އަހަންނަށް ގުޅާފައި ވަރަށް އަވަހަށް ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުންޏެވެ. ތެޅި ތެޅި އޮތް ހިތާއެކު އަހަންނަށް އަހާލެވުނީ ދާންވީ ކޮންތާކަށްތޯއެވެ. ޝަބީން ބުނީ ތައްޔާރުވެފައި ގުޅުމަށެވެ. އޭރުން އޭނާ އަހަރެން ބަލާ އަންނާނެ ކަމަށެވެ. އަހަރެން ލަސްކުރެމެއް ނެތި ތައްޔާރުވާން ފެށީމެވެ. އޭރު އެނދުގައި އޮށޯވެލައިގެން އޮތް ރީޝާގެ ހުރިހާ ނަޒަރެއް ހުއްޓިފައި ހުރީ އަހަރެންގެ އަވަސް ހަރާކަތަށެވެ. ތައްޔާރުވެލައިގެން ގޮސް މަންމަ ކައިރިން ހުއްދައަށް އެދުނީމެވެ. މަންމަ ބުނީ ލަސްނުވެ އަވަހަށް ގެއަށް އަންނަންވާނެ ކަމަށެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނުމަށްފަހު ގެއިން ނިކުތީމެވެ. ކޮޓަރިން ބޭރަށް ނިކުމެފައި ރީޝާ “ގުޑް ލަކް” އޭ ބުނެލިއެވެ. އޭރު ޝަބީން އަހަރެން ބަލައި އައިސް ހުއްޓެވެ. ލަސްވިހޭ ސުވާލުކޮށްލުމުން ބޮލުގެ އިޝާރާތުން ޝަބީން ނޫނެކޭ ބުނެލިއެވެ. އަހަރެން ސައިކަލު ފަހަތަށް އެރުމުން ޝަބީން ސްޓާޓްކޮށްލިއެވެ. އޭނަގެ މަންޒިލަކަށްވީ ބޭވޮޗް ރެސްޓޯރެންޓެވެ. ވަކިން ކަނެއްގައި ހުރި މޭޒެއްގައި ދެމީހުން މަޑުކޮށްލީމެވެ. މަޑު އޮރެންޖް ކުލައެއްގެ އަލިން އެތަނުގެ ހިތްގައިމުކަން އެތައް ގުނައެއް އިތުރެވެ. އެވަގުތު ދެމީހުން ފިޔަވާ އިތުރު ބައެއް އެތާނގައި ނެތުމުން މާޙައުލަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ކަޅިޖަހައި ނުލާ ޝަބީން އަހަންނަށް ބަލަމުން ގެންދިޔަކަން އަހަންނަށް ފާހަގަވިއެވެ. ވެއިޓަރ އޯޑަރ ނަގަން އައުމުން އަހަރެން ހަމައެކަނި އޯޑަރ ދިނީ ޗޮކްލެޓް މިލްކް ޝޭކަކަށެވެ. ވެއިޓަރ ދިޔުމުން ޝަބީން ވާހަކަ ދައްކަން ފެށިއެވެ.
“ޝަހާ.. އަހަރެން ޝަހާ މިތަނަށް މިގެނައީ ވަރަށް މުހިންމު ވާހަކައެއް ދައްކާލަން..” ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ޝަބީން ބުނެލިއެވެ. އެހެން ބަލާތީ އަހަންނަށް ކުޑަކޮށް އުނދަގޫވާ ގޮތްވިއެވެ. “ހޫމް ކިޔާބަލަ” އަހަރެންގެ ޖަވާބު ވަރަށް ކުރެވެ. ނަމަވެސް އަހަރެން އިނީ ފިނިވެފައެވެ. ޝަބީން ދައްކަން އެއުޅެނީ ކޮން ވާހަކައެއް ކަމެއްވެސް ނޭނގެއެވެ.
“ހަނދާން ވޭތަ..އަހަރެން ބުނީމެއްނު އަހަންނަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެއޭ.. ޝަހާ ވަރަށް ބޭނުންތަ އެއީ ކޮން ކުއްޖެއްތޯ ބަލާލަން؟” ޝަބީން ދައްކަން ފެށި ވާހަކައަކުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ދާހިއްލާ ގޮތްވިއެވެ. ނަމަވެސް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަމިއްލަ މީހާ ހަމައަކަށް އަޅުވާލީމެވެ. އަހަރެން ބޯޖަހާލާފައި އާއެކޭ ބުނެލީމެވެ. ޝަބީން ގޮނޑިން ތެދުވެގެން އައިސް އަހަރެން ކުރިމަތީގައި މަޑުކޮށްލީމެވެ. އަހަރެން އަތުގައި ހިފާލައި ތިއީ އެކުއްޖާއޭ ބުނެލިއެވެ. އަހަންނަށް ވީގޮތްވެސް ނޭނގުނެވެ. އުފަލުން ހަދާނިގޮތް ހުސްވެފައި ހުރެވުނީއެވެ. ދުލަށް އެންމެ ބަހެއް ވެސް ނުގެނެވުނެވެ. ޖީބުން ކުޑަ ވަރެއްގެ ފޮށްޓެއް ނެގުމަށްފަހު އޭގައި އޮތް ރިހި ކުލައިގެ އަނގޮޓި އަހަރެން ވާއަތުގެ ކަށިވާ އިނގިލީގައި އަޅުވާލަދިނެވެ. “ޔެސް ޝަހާ..ޔޫ އަރ ދަ ވަން. އައި ލަވް ޔޫ..ވިލް ޔޫ ބީ މައި ގާލް ފްރެންޑް؟” އަތުގައި ހިފަހައްޓައިގެން ހުރެ ޝަބީން ބުންޏެވެ. އަހަރެން އަވަސް އަވަހަށް އާއެކޭ ބުނެލީމެވެ. އެވަގުތު އެތަނަށް އައިސް ވަނީ ރީޝާއާ ޒައިދުއެވެ.
“ސަޕްރައިޒް ސަޕްރައިޒް..ކޮންގްރޭޓްސް ދެކުދިން..ސޯ ހެޕީ ފޯ ޔޫ ބޯތް..” ރީޝާ އަހަރެންގެ ގައިގައި ބައްދާލަމުން ބުންޏެވެ. “އަސްލު ހުރިހާ ތެންކްސް އެއް ލިބޭނި ރީޝާއަށް.. މީ ރީޝާގެ ޕްލޭން..އެންޑް ޒައިދު ޓޫ..ތެކްންސް މޭން” ޒައިދުގެ ގައިގައި ޖަހާލަމުން ޝަބީން ބުނެލިއެވެ. ރީޝާ ހުރިހާ ކަމެއް ރޭވި ގޮތް އަހަންނަށް ކިޔައިދިނެވެ. އުފާވެރި ވަގުތުކޮޅެއް ހަތަރު މީހުން ހޭދަކޮށްލުމަށްފަހު ގެއަށް ދިޔައީ އަށެއް ޖަހަން ކައިރިވަނިކޮށެވެ. އަހަރެން ގެއަށް ގޮސް މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. “މަންމަގެ އެއްވެސް މައްސަލައެއް ނެތް. އެކަމު ދެކުދިން ބައްދަލު ކުރަން ވާނީ ގޭގަ..ދަރިފުޅު ތީ އަންހެން ކުއްޖެއް..ވަރަށް ވިސްނައިގެން އުޅެންވާނީ..ޝަބީން އަކީ މަންމަ ވަރަށް ރުހޭ ރަނގަޅު ކުއްޖެއް..” މަންމަގެ ވާހަކަތަކުން އަހަރެން ވަރަށް އުފާވިއެވެ.
އެއީ އަހަރެންގެ ލޯބީގެ ހަޔާތް ފެށުނު ގޮތެވެ. މަންމަ ބުނިހެން ޝަބީންއަކީ ވަރަށް ރަނގަޅު ފިރިހެނެކެވެ. އަހަންނަށް އަޅާލަން އެނގޭ މަޑުމައިތިރި ފިރިހެނެކެވެ. އަހަރެން ޝަބީން ދެކެ ވަރަށް ލޯބިވެއެވެ. އެކަން އޭނައަށް ވެސް އެނގޭނެއެވެ. އޭނަ ހިތްހަމަ ނުޖެހޭ ނޫނީ ދެރަވާ ވަރުގެ ކަމެއް ކުރަން ހިތުވެސް ނުލަމެވެ. އެހާވެސް އަހަރެން އޭނަ ދެކެ ލޯބިވަމެވެ. އޭނަގެ ފަރާތުން އަހަރެން ހިތްހަމަ ނުޖެހޭ ކަމެއް ވިޔަސް އެކަމަކާ އަހަރެން ޝަކުވާއެއް ނުކުރަމެވެ. ބަދަލުގައި އަހަރެން އިހުތިޔާރު ކުރީ ކެތްތެރިކަމެވެ. ހުރިހާ މޮޅެއް ނުލިބޭނެކަން އަހަންނަށް އެނގެއެވެ. އަހަރެން ބުނާ ކޮންމެ ކަމެއްވެސް އޭނަ ކޮށްދެނީ އުފަލުންނެވެ. އޭނައަކީ ބިޒީ މީހެކެވެ. އޮފީހުގައި އަދި ގޭގައިވެސް ވަރަށް ބުރަކޮށް އުޅޭ މީހެކެވެ. ރައްޓެހިވެގެން އުޅުނު ފުރަތަމަ ހަމަހުގައި އޭނަގެ ހުރިހާ ވަގުތެއް އަހަންނަށް ހުސްކުރާ ކަހަލައެވެ. އޭރު އެވަރަށް ގުޅައި މެސްޖްކޮށް ހަދައެވެ. ވާހަކަ ދައްކަނީވެސް ނުހަނު ލޯބިންނެވެ. އަހަންނާ މުހާތަބު ކުރަނީވެސް އެހާ ލޯބިންނެވެ. އަހަންނަށް ހީވާ ކަހަލައެވެ. އަހަރެން މީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ އަންހެން ކުއްޖާއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެއެވެ. އެއްކަލަ ލޯބި ޝަބީން ކުޑަކޮށް ބަދަލުވާން ފެށީއެވެ. ގިނަ ފަހަރު އަހަރެން ގުޅާލުމުން ބިޒީ ކޮށްލާފައި ހަބަރެއް ނުވެއެވެ. މެސެޖެއް ކޮށްލިޔަސް ރިޕްލައި ކޮށްލެވޭ ވަރު ވެސް ނުވެއެވެ. ރޭގަނޑު ވާހަކައެއް ނުދެއްކެއެވެ. މާބޮޑަށް ވަރުބަލި ވީމާ ނިދި އަންނަނީ ކަމަށް ބުނެ ނިދަނީއެވެ. އަހަންނަށް ޝަކުވާ ކުރަން ފެށުނެވެ. ޝަކުވާ ކުރުމުން އެއްވެސް ކަމެއް ހައްލުވާ ގޮތެއް ނުވިއެވެ. އަހަރެން ޝަކުވާ ކުރަން ފެށުމުން ޝަބީން ހިތްހަމަ ނުޖެހުނެވެ. ޝަކުވާނުކޮށް ހުރެވޭ ހެއްޔެވެ؟ ކުޑަމިނުން އަހަރެން ދެކެ ލޯބިވޭ ބުނަންވެސް ޝަބީންއަށް ވީ ބޮޑު ކަމަކަށެވެ. މިބަދަލުތަކާއެކުވެސް ބަރާބަރަށް އަހަރެން އޮފީހަށް ލައިދީ ހަދައެވެ. އޭގެން އަހަރެންގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އޭނަ އަހަރެން ދެކެ ފޫހިވީހެން ހީވާން ފެށިއެވެ. ޝަބީން ބުނީ ފޫހި ވާނަމަ ރައްޓެހިވެގެން ނޫޅެނެ ކަމަށާއި ވާހަކަވެސް ނުދައްކާނެ ކަމަށެވެ. އޭނަ އަހަރެން ދެކެ ފޫހި ނުވާއިރު އަހަރެންނާ ލޯބިން ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. ލޯބިވާ ވާހަކަ ނުބުނަނީ ކީއްވެ ހެއްޔެވެ. އަހަރެންގެ ކަރުނުތަކުން ބާލީސް ތެމޭ ރޭތައް ގިނަ ވާން ފެށިއެވެ. ނަމަވެސް މީގެން އެއްވެސް ކަމެއް އެއްވެސް މީހަކަށް ނާންގަމެވެ. ކެތްކޮށްލީ ފަހުން ރަނގަޅުވާނެއޭ ކަމަށް ހިތް ބުނާތީއެވެ. މިހެން އުޅެތާ މިހާރު ދެއަހަރު ވަނީއެވެ. އަހަރެންވެސް ޝަބީން މަތިން ފޫހިވާން ފެށިއެވެ. ސަބަބަކީ ޝަބީންގެ ފަރާތުން އެއްވެސް ވަރަކަށް ލޯބި ނުލިބޭތީއެވެ. އަހަރެން ދެކެ ލޯބިވެއޭ ބުނާ އަޑު ނީވޭތާ އަހަންނާ ލޯބިން ވާހަކަ ދައްކާލި ދުވަހެއްވެސް ހަނދާނެއް ނެތެވެ. އެއަތް ތެޅިޔަސް އަޑު ނުކިޔާނެކަން އެނގެއެވެ. ނަމަވެސް ޝަބީން ދޫކޮށްލާފައި ދާނެ ހިތްވަރެއް ނެތެވެ. ދެންވެސް ކެތްކުރީމެވެ.
އެއްދުވަހެއްގެ ހަވީރު ވަގުތެވެ. އަހަރެން އޮފީސް ނިންމާލާފައި ގެއަށް އައިރު ގޭގައި ނުދަންނަ ފިރެހަނަކު ހުއްޓެވެ. މަންމަ ގާތު ސުވާލު ކޮށްލުމުން ބުނީ އެއީ މާމަގެ ވަރަށް ގާތް ރައްޓެސެއްގެ ދަރިއެއް ކަމަށެވެ. އެދުވަހުގެ ރޭ އަހަންނާ ރީޝާ ޓީވީ ބަލަން ތިއްބާ އެފިރިހެން ކުއްޖާ އައެވެ. “ހައި.. އަހަންނަށް ކިޔަނީ ޒައުލް..ފްރެންޑްސް ކިޔަނީ ޒަލް..” އޭނަ އަމިއްލައަށް ތައާރަފް ވިއެވެ. އަހަންނާ ރީޝާވެސް ނަން ބުނީމެވެ. ނިދި އަންނަނީ ކަމަށް ބުނެ ރީޝާ އެތަނުން ދިޔައެވެ. އަހަންނާ ޒައުލް އެކަނިވީއެވެ. އޭރު ޒައުލް އިނީ ފޭސްބުކަށް ވަދެވެ. ފޯނު ދިއްކޮށްލާފައި އަހަރެންގެ އެފްބީ އައިޑީ ޖަހައިދިނުމަށް އެދުނެވެ. އަހަރެން އައިޑީ ޖަހާފައި އޭނަ އަތަށް ފޯނު ދިނީމެވެ. މާދަމާ ހެނދުނު ހޭލަން ޖެހޭނެ ކަމަށް ބުނެ އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އަދި ޝަބީން އަށް ގުޅާލީމެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ޔަގީނެވެ. އޭނަ ނިދީއެވެ. އެއީ މިހާރު އޭނަގެ އާދައެވެ. އަހަރެން ވީ ކޮންތާކުތޯވެސް ކައިގެންތޯވެސް ބަލައި ނުލާ އޭނާއަށް ނިދުމަކީ އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. މާދަމާ ހޭލައިފައި ބުނާނީ މާބޮޑަށް ވަރުބަލިވެގެން ނިދުނީ ކަމަށެވެ.
އަނެއް ދުވަހު އޮފީހަށް ގޮސް މަސައްކަތްތައް ނިންމާލުމަށް ފަހު އެފްބީއަށް ވަދެލީމެވެ. ޒައުލްގެ ނަމުގައި އައިޑީއަކުން ފްރެންޑް ރިކުއެސްޓް ފޮނުވާފަ އިނެވެ. ރިކުއެސްޓް އެކްސެޕްޓް ކޮށްލީމެވެ. އޭރު ޒައުލް އިނީ އޮންލައިން ގައެވެ. އިރުކޮޅެއް ނުވެ އޭނާ ހައި ޖަހާލިއެވެ. ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު އަހަރެން އޮފްލައިން ވީމެވެ. އޭގެ ފަހުން އަހަރެމެން ދެމީހުން ވަހަކަ ދައްކާ ވަގުތު ގިނަވާން ފެށިއެވެ. އޭނާއަށް އަހަރެން ވަރަށް ރީތި ކަމަށާއި ވަރަށް ކަމުދާ ވާހަކަ ބުންޏެވެ. ފޯނު ނަމްބަރ ދޭން ބުނުމުން ފޯނު ނަމްބަރ ވެސް ދިނީމެވެ. އަހަރެންގެ ކަމަކީ މިހާރު އަބަދު އޭނައާ ވައިބަރ ކުރުމެވެ. ނަމަވެސް އިސްވެ އަހަރެން ވާހަކަ ދައްކާކަށް ނުފަށަމެވެ. އޭނަ ވާހަކަ ނުދައްކާ ވަގުތުތަކުގައި އޭނަ މަތިން ހަނދާން ވާން ފެށިއެވެ. ފަހުން ފަހުން އައިސް ދަންވަރު ސިންޓުރޫމުގައި ވާހަކަ ދައްކަން ތިބެމެވެ. އޭނައަށް ކޮފީ ގިރައިދީވެސް ހަދަމެވެ. އަހަންނަށް ލޯބިން އޭނަ ކިޔަނީ “ސްވިޓީ” އެވެ. އަހަރެން ބިޓެއް ހުންނަކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ތަކުރާރުކޮށް އެދުމުން ދިޔައީ ޒައުލްއާ ރައްޓެހި ވުމަށެވެ. މީހަކާ ރައްޓެހިވެ ހުރެ އެހެން މީހަކާ ރައްޓެހިވާ ހިތެއް ނުވެއެވެ. ޝަބީންއާ ރުޅިވާނެ ގޮތެއް އަދި ހިތްވަރެއްވެސް އަހަންނަކަށް ނުލިބުނެވެ. ޝަބީންގެ ފަރާތުން ނުލިބޭ ވަރަށް ޒައުލްގެ ފަރާތުން ލޯތްބާއި ވަގުތު ލިބުނެވެ. އަހަންނަށްވެސް ޒައުލް ކަމުގޮސްފިއެވެ. ނަމަވެސް އެވަހަކަ ޒައުލަށް ސިއްރު ކުރީމެވެ. މީހުން ބުނާތީ އަޑު އަހަމެވެ. ހިތް ލެނބޭނީ ލޯބި ލިބޭކޮޅަކަށެވެ. އަހަންނަށްވެސް ވީ އެހެންނެވެ. ޒައުލްއާއެކު ތިން ރުއް ޕާކު ބަލައިލާން ދިޔައީމެވެ. މަންމަ ގާތު އަހާފައެވެ. އެރޭ ފުރަތަމަ ފަހަރަށް ޒައުލް އަހަރެންގެ އަތުގައި ހިފިއެވެ. އަހަންނަށް ޒައުލްގެ އަތް ދޫކޮށްލަންވެސް ނޭނގުނެވެ. ތިން ރުއް ޕާކުގައި އަހަރެމެން މަޑުކޮށްލީމެވެ. މިހެން އެއްމަސް ފާއިވެގެން ހިނގައްޖެއެވެ. އަހަންނަށް ހަމަ ރަނގަޅަށް ވެސް ޒައުލް ދެކެ ލޯބިވެވިއްޖެއެވެ. އަހަރެން ޝަބީނަށް ބޭވަފާތެރިވީއޭ ބުނެވޭނެ ޖާގަ އެބަ އޮތް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ.
ރޭގަނޑުގެ ވަގުތެކެވެ. އަހަރެން ބެލްކަނީގައި ހުއްޓާ ފަހަތުން މީހަކު އައިސް ބައްދާލިއެވެ. އެއީ ޒައުލެވެ. އެއީ މިހާތަނަށް އަހަންނަށް ލިބުނު އެންމެ ލޯބި “ހަގް” އެވެ. ނަމަވެސް އަހަރެން ހުރި ގޮތަށް ހުރީއެވެ. އެރޭ ޒައުލްއަށް އެމަދު ދުވަސްކޮޅުގެތެރޭގައި އަހަރެން ދެކެ ލޯބި ވެވިއްޖެ ކަމަށް ބުންޏެވެ. ނަމަވެސް އެވާހަކަ އެހާ ފަސޭހައިން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އަހަރެން ޒައުލް ދެކެ ލޯބިވާ ވާހަކައެއް ނުބުނަމެވެ. އަދި ބުނަން މާއަވަހެވެ. ޒައުލް ބުނީ އަހަންނަށް އަބަދުވެސް އިންތިޒާރު ކުރާނެ ކަމަށާއި ދުވަހަކުވެސް އަހަރެން މަތިން ހަނދާން ނުނެތޭނެ ކަމަށެވެ. އަހަރެން އެއީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ބުނީ އޭނާއަށް އަހަރެންނަކީ ވަރަށް ހާއްސަ ކުއްޖެއް ކަމަށްވާތީއެވެ. ކޮޓަރި ތެރެއިން ރީޝާ ގޮވާ އަޑު އިވުމުން އަހަރެން ކޮޓަރިއަށް ދިޔައީއެވެ. އެރޭ ނިދަން އޮތް އިރުވެސް ވިސްނެނީ ޒައުލްއާ ދޭތެރޭގައެވެ. ފޯނު ވައިބްރޭޓް ވާހެން ހީވުމުން ބަލައިލިއިރު ޒައުލް ގުޅަނީއެވެ. އަހަރެން ފޯނު ކޯލަށް ޖަވާބު ދިނީމެވެ.
“ހަމަ މިސްވެގެން ގުޅާލި..އުނދަގޫވޭތަ އަހަރެން ގުޅާތީ..” ފޯނު ނެގުމާއެކު ޒައުލް ވާހަކަ ދެއްކިއެވެ. ޒައުލް ގުޅުމުން އަހަންނަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ؟ އެއަޑަކީ އަބަދުވެސް އަހަރެން އަޑު އަހަން ބޭނުންވާ އެއް އަޑެވެ.
“ނޫނޭ..މިއުޅެނީ ނިދި ނައިސްގެން” ޒައުލް ބުނާ އެއްޗެއް ބަލާލުމަށް އަހަރެން އެހެން ބުނެލީމެވެ.
“އެހެންތަ..ލަވައެއް ކިޔައިދެންވީ ދޯ..” އެހެން ބުނެފައި ޒައުލް ލަވަ ކިޔަން ފެށިއެވެ. އޭނަ ކިޔަން ފެށީ “ނޭނގޭ ގޮތެއްވޭ” އެ ލަވައެވެ. ޒައުލްގެ އަޑުން އެލަވަ ވަރަށް ހިތްގައިމެވެ. އަހަންނަށް އޮވެވުނީ ޝައުގުވެރިކަމާއެކު އަޑު އަހާށެވެ. ޒައުލް ފޯނު ބޭއްވުމުން އަހަންނަށް ޝަބީންއާ ދޭތެރޭ ވިސްނާލެވުނެވެ. އޭނަ ގާތު ލަވައެއް ކިޔައިދިނުމަށް އެދި އާދޭސް ކުރިޔަސް ލަވައެއް ނުކިޔައިދެއެވެ. އަބަދު ދެނީ އެއް ޖަވާބެކެވެ. ކައިރީގައި މީހުން އެބަތިބި ކަމަށާއި ނުކެރޭނެ ކަމަށެވެ. އަހަރެން އެއަށް ވަކި ބުނާނީ ކީކޭ ހެއްޔެވެ. އަޅާނުލައި ދޫކޮށްލަނީއެވެ. އަހަންނަށް ވިސްނުނީ އެންމެ އެއްޗެކެވެ. ކޮންމެ މީހަކުވެސް ރައްޓެހިވާ ފުރަތަމަ ދުވަސްކޮޅު ވަރަށް ލޯބިން އުޅޭނެ ކަމެވެ. ފަހުން މަޑު މަޑުން އެލޯބި ފަނޑުވާނެ ކަމެވެ. ޝަބީންއަށް ވެސްވީ އެހެންނެވެ. އަހަރެން އޭނާ ގޯހޭ ބުނާ ހިތެއް ނުވެއެވެ. ނަމަވެސް އަހަރެން ގަބޫލު ކުރާ ގޮތުގައި ލޯބިވާ ނަމަ ލޯބިވާ ވާހަކަ ބުނަންވާނެއެވެ. ވާހަކަ ދެއްކެންވާނެއެވެ. އެރޭ އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.
ހުކުރު ދުވަހެވެ. މެންދުރުގެ ކެއުން ތައްޔާރު ކުރުމަށް އަހަރެމެން ހަތަރު އަންހެނުން އުޅުނީ ވަރަށް އަވަދިނެތިއެވެ. އަހަރެން ހުރީ ކުކުޅު ތެލުލާށެވެ. ޖީބުގައި އޮތް ފޯނަށް ވައިބަރ އިން މެސެޖެއް އައެވެ. އެއީ ޒައުލްގެ މެސެޖެކެވެ. އަހަރެން އެމެސެޖް ހުޅުވާލީމެވެ. ޒައުލް އިނީ އޭނާގެ ފޮޓޯއެއް “ފްރައިޑީ ސެލްފީ” ޖަހާފައި ފޮނުވާފައެވެ. އަހަރެން ގާތަށް ހިނި އައެވެ. ފޮޓޯއަށް ރަނގަޅަށް ބަލާލީމެވެ. އެއީ ރީތި ފިރިހެނެކެވެ. “ޔޫ ލުކް ހޭންޑްސަމް” ޖަހާފައި ރިޕްލައި ފޮނުވާލީމެވެ. އަދި ހިތްތަކެއް ހުރި ސްޓިކާއެއްވެސް ފޮނުވާލީމެވެ. ދެން އަހަންނަށް ވިސްނާލެވުނީ ޝަބީންއާ ދޭތެރޭގައެވެ. ރައްޓެހިވެގެން އުޅޭތާ ދެއަހަރު ވާއިރުވެސް ޝަބީންގެ ފޮޓޯ ގަނޑެއްހާ ހިސާބުވެސް އަހަންނަށް ނުފޮނުވައެވެ. އާދޭސް ކުރިޔަސް ފޮވާނަމޭ ހިތަށް ނާރައެވެ. ފަހުން ފަހުން އައިސް އަހަރެންވެސް ނުކިޔަމެވެ. އަހަންނަށް ފަހުން ވިސްނުނީ އޭނަ ލައްވައި ގަދަކަމުން ކަމެއް ކުރުވުމަކީ ރަނގަޅު ގޮތެއް ނޫންކަމެވެ. އަމިއްލައަށް ފޮޓޯއެއް ފޮނުވާ ހިތުން ފޮނުވާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަމެވެ. އަހަރެން ގޮވައިގެން ދުއްވާލަން ދާން ޖެހިއްޖެނަމަ ޝަބީންގެ ޖަވާބަކީ “އައި އެމް ވެރީ ޓަޔާޑް..އެހެން ދުވަހަކުން” އެވެ. އެބުނާ “އެހެން ދުވަހެއް” ދުވަހަކުވެސް ނާންނާނެއެވެ. މައްސަލައެއް ނެތެވެ.
ޒައުލްގެ އެދުމުގެ މަތިން އެރޭ ކާން ދިޔައީމެވެ. އެއީ ހަނދާނުން ނުފިލާނެ ލޯބި “ޑިނާރ” އެކެވެ. އަހަންނާއެކު ހަނދާނަކަށް ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖަކު ސެލްފީ ނެގީ އެރޭއެވެ. އެއީ ވަރަށް ލޯބި ސެލްފީއެކެވެ. އަހަރެން ފޯނުގައި އެފޮޓޯ ރައްކާކޮށްލީމެވެ. ވަރަށް ލޯބިންނެވެ. ޒައުލް ދެކެ ލޯބިވޭ ނުބުނެވުނީ ކިރިޔާއެވެ. އެކަމު “ލައިކް” ވާ ވާހަކަ ހިތްވަރު ކޮށްފައި ބުނީމެވެ. އޭނަ ބުނީ އެއީވެސް އޭނައަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ކައިގެން ދެމީހުން ރަސްފަށްނަށް ހިނގާލަން ދިޔައީމެވެ.
ޒައުލް މާލެ އައިސް ހުރީ 2 މަސް ދުވަހުގެ ވޯކްޝޮޕަކަށެވެ. ދެމަސް ދުވަސް ހަމަވުމުން ޒައުލް ފުރައިގެން ދިޔައީ އަހަރެންގެ ހިތް ރޮއްވާލަމުންނެވެ. ދަމުން ޒައުލް ބުނީ އަބަދުވެސް އަހަންނަށް އިންތިޒާރު ކުރާނެ ކަމަށާއި ބިޓާއި ރުޅިވެގެން އައި ދުވަހަކުން ޒައުލް އަހަރެންގެ މީހަކަށްވާނެ ކަމަށެވެ. ނަމަވެސް ޝަބީންއާ ރުޅިވާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ޒައުލް ދިޔުމުން ހީވީ އަހަރެންގެ ހަށިގަނޑުން އެއްބައި މަދުވިހެންނެވެ. ގޭތެރެއިން ބަލާލި ކޮންމެ ދިމާލަކުން ޒައުލްގެ ހަނދާންތައް އާވެއެވެ. އޭނަ މަތިން ހަނދާންވުމުން ރޮވެއެވެ. ފުރައިގެން ދިޔަ ފަހުންވެސް ދެމީހުން ވާހަކަ ދައްކާ ހަދަމެވެ. ނަމަވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ހިތް އެދެނީ ޒައުލް ފެނިލުމަށެވެ. މިހާރު އަބަދު އަހަރެންގެ ކަމަކީ ޒައުލްގެ އަޑުން އަހަންނަށް ކިޔައިދިން އެރީތި ލަވަ އަޑުއެހުމެވެ. މިހާރު އަހަންނަށް ރަނގަޅަށް ކެވޭ ކަމަކަށް ނުވެއެވެ. އަބަދު އިނދެވެނީ “މޫޑީ” ގޮތަކަށެވެ. ބޭރަށް ދާހިތްވެސް ހަމަ ނުވަނީއެވެ. ޒައުލް ފުރައިގެން ދިޔަތާ ހަފްތާއެއްގެ ތެރޭގައި އަހަރެން ވަރަށް ބޮޑަށް ހިކުނެވެ. އެތައް ކިލޯއެއް ލުއިވިއެވެ. މިކަމާ އެންމެ ކަންތައް ބޮޑުވީ އަހަރެންގެ ލޯބިވާ މަންމައެވެ. އެމަންމަ ދެރަވެފައި ހުންނަތަން ބަލާކަށް އަހަންނަކަށް ކެތެއްނުވިއެވެ. އެހެންކަމުން ހިތްވަރުކޮށްލާފައި ގަވާއިދުން ކާން ފެށީމެވެ. ގަދަކަމުން އަރުތެރެއަށް އެއްޗެއް ދިރޭ ކަމެވެ. ކުރީގެ “ޝަހާ” އަށް ބަދަލުވާން މަސައްކަތް ކުރީމެވެ. ޒައުލްވެސް އަހަންނާ ދުރުވާން މަސައްކަތްކުރާކަށް އަހަންނަށް ފާހަގަވިއެވެ. ޒައުލް އެގޮތް ބޭނުންވާތީ އަހަރެން ވެސް އޭނާއަށް މެސެޖް ކުރުން ހުއްޓާލީމެވެ. ނަމަވެސް މިހިތަކުން އެނަމެއް ފުހެލައެއް ނުލެވޭނެވެ. މިހިތުގެ ރަސްކަން ކުރަނީ އަދިވެސް ޒައުލްގެ ހަނދާންތަކެވެ. އެލޯތްބަށް އަބަދުވެސް އަހަރެން އިހުތިރާމް ކުރާނަމެވެ. އެލޯބި އަބަދުވެސް މިހިތުގައި ލޯބިން ފޮރުވާލަދޭނަމެވެ. މިކަން އެއްވެސް މީހަކަށް ނާންގާނަމެވެ. އެލޯތްބަށް އަބަދުވެސް އެދެވެއެވެ. ނަމަވެސް މިއީ ޝަބީންގެ ޝަހާއެވެ. އެކަން އޮތީ އެހެންނެވެ. އަދިވެސް ކެތްތެރިކަމާއެކު ހިތްވަރުކުރާނަމެވެ.
10 Comments!
Comments are closed.

Nemuneetha v reethi vaahaka
Nyc
Nice
Nyc…shaha ah hus dhera goiyy tha vanii…hehe
Thedheh thee princess…
Maashaa allah… varah salhi… mi nimuneetha…
Varah reethi vaahaka eh. 🙂 mivaahaka nimunytha? sad story eh dhw. ekam ves i like it ^^
Rythi vaahaka eh… continue kuran veenu?? Fahun Shaha happy koh ulheythan balan beynunnn… Not with Shabyn.. with Zaul..
nimunu iru shabeen ah visnun nama v salhi vees. shabeen ge role eh koh delete vefa iny fahukolhu. ekam ves reethi mi vaahaka
Raajeyge emmenah kiyan engey bahakun liyanama dho. adduonline Ga hunna vaahaka ves hunnanee addu bahakun noon.