ބޮޑުދައިތަ
ނިމުން
އަކުރަމްގެލޮލަށް ނުފެންނައިރު ރަތްކުލައިގެ ހެދުމެއްލައިގެން އިން ސަންފާއްތަ އޭނާއަށް ފާހަގަކުރެވުނީ ކިހިނެތްބާއޭ ޒެއިބާގެ ހިތަށްއެރި އެވެ. އެހެންވެ މަޑުމަޑުން އެސުވާލުކޮށްލިއެވެ.
ޒެއިބާގެ ސުވާލަށް ޖަވާބުދިނުމުގެގޮތުން އަކުރަމް ބުނީ އޭނާއަށް މިހާރު ކޮންމެވެސްވަރަކަށް ފެންނަކަމަށާއި ސާފުނުވާ ކަމަށެވެ. އޭނާއަށް ޒެއިބާގެ ހެދުމުގެކުލަ އެނގޭކަމަށާއި އަޑުންނޫނީ ތިއީ ޒެއިބާކަން ނޭނގޭކަމަށެވެ.
އަކުރަމްގެ އެވާހަކަތައް ޒެއިބާ ގަބޫލުކުރީ، އަދި މިހާތަނަށް އަކުރަމްގެ ފަރާތުން ފެނިފައިވާ ތެދުވެރިކަމާއި ރަނގަޅު އަހުލާގުގެ ސަބަބުން ނެވެ. އެފަދަ އެތައްކަމެއްގެ ސަބަބުން އޭނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ވެސް މެއެވެ.
ފެރީ ގޮސް ވެރިކަންކުރާ ރަށަށް ލެފުމާއެކު މީހުންތައް ފައިބާން ފެށިއެވެ. އަކުރަމަށް އައިސްފައިވާ ބަދަލުގެ ވާހަކަ އޭނާގެ މަންމަ އާއި ބައްޕަގާތު ޒެއިބާ ބުންޏެވެ. އޭރު އަކުރަމާއި ޒެއިބާ ތިބީ ކޮންމެވެސްވަރަކަށް ހިތްހަމަޖެހިފަކަން އެދެކުދިންގެ މޫނުމަތިން އެނގެއެވެ.
އަތޮޅުހޮސްޕިޓަލްގެ ޑޮކްޓަރުން އަކުރަމްގެ ލޯ ބަލައި ޓެސްޓްކުރުމަށްފަހު ބުނީ، އަކުރަމްގެ ލޮލުގައި މާބޮޑުމައްސަލައެއް ނެތް ކަމަށާއި މާލެ ގޮސް ލޮލުގެ ޚާއްޞަޑޮކްޓަރަކަށް ދައްކައި އޭނާގެ މަޝްވަރާގެމަތިން ބޭސްކޮށްލަނިކޮށް ވަރަށް އަވަހަށް ރަނގަޅުވެދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ހަމައެހެންމެ އެކަން އަވަސްކުރުމަށް ވެސް ބުންޏެވެ.
ޑޮކްޓަރުގެ އެވާހަކަތަކުގެ ސަބަބުން އަކުރަމަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އެހެނަސް އެކަމާ ދެރަވެސް ވިއެވެ. އެހެނީ މިއަދަކު އޭނާއަށް އެވަރުގެކަމެއް ކޮށްލަދޭނެ މީހަކު ނެތެވެ. އޭނާއަށްޓަކައި އެވަރުގެބޮޑު ހަރަދެއް ކުރާނެ މީހަކު ވެސް ނެތެވެ.
އަކުރަމްމެނަށް ރަށަށް ދެވުނީ މެންދުރުފަހު ތިނެއްޖަހާކަން ހާއިރުއެވެ. ރަށުފަޅަށް ދޯނި ވަނުމާއެކުއަކުރަމްގެ ލޮލުގެފެނުން މުޅިން ގެއްލުނެވެ. ކުރިން ފެންނަމުންދިޔަ ފުސްކޮށް ފެނުން ވެސް މިހާރަކު ނުފެނެއެވެ.
އަކުރަމް ޒެއިބާގާތު އެވާހަކަ ބުންޏެވެ. އަދި އޭނާއަށް އެހީތެރިވެދީ އޭނާ ގެއަށް ގެންގޮސް ދިނުމަށް އެދުނެވެ. ހަމައެހެންމެ ޒެއިބާ އާއި ޒެއިބާގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުއަދާކުރާކަމަށާއި، އޭނާއަށް އެހީތެރިކަމެއް ވެދެވޭވަރު ވީ ދުވަހަކުން އެހީތެރިވެދޭނެކަމަށް ވެސް ބުންޏެވެ.
އަކުރަމްގެ ހާލަތު ޒެއިބާއަށް އެނގެއެވެ. އެހެންވެ ވާހަކަދައްކައި އޭނާ ހިތްހަމަޖެއްސައި ދިނެވެ.
އަކުރަމް ގޮވައިގެން އެގެއަށް ދިޔައީ ޒެއިބާއެވެ. ޒެއިބާގެ މަންމަ އާއި ބައްޕަ ކޮންމެވެސް މުހިންމު ވާހަކަތަކެއް ދައްކަމުން ގެއާދިމާއަށް ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ހަތަރުގަޑިތިރީސްކަން ހާއިރެވެ. ޒެއިބާގެ ބައްޕަ އާދަމް ބުނެގެން އަކުރަމް ބަލާ ޒެއިބާ އައެވެ. އެހެނަސް އެއީ ކީއްކުރާންކަމެއް ޒެއިބާއަކަށް ވެސް ނޭނގެއެވެ.
އަކުރަމް ގޮވައިގެން ޒެއިބާ ދިޔައީ ބަނދަރަށެވެ. އަކުރަމާއި ޒެއިބާއާ ވާހަކަދެއްކުމެއްނެތި އެދެކުދިން ގޮވައިގެން އާދަނު ފުރައިފިއެވެ. ވާނުވާ ނޭނގޭ އަކުރަމާއި ޒެއިބާ ހައިރާންވެފައި ތިއްބެވެ.
އަކުރަމާއި ޒެއިބާ އިށީނދެތިބީ އެކަކު އަނެކަކުގެ ކުރިމަތީގައި ކަހަލަގޮތަކަށެވެ.
” ޒެއިބާ! އަހަރެންނަށް އެބަ ފެނޭ…. އެކަމަކު ސާފެއްނުވޭ… ހުދުކުލައިގެ އެއްޗެއް ލައިގެން ދޯ ތިޔައިނީ.” ޒެއިބާއާ ދިމާއަށް އަތް ދިއްކޮށްލަމުން އުފަލާއި ހިތްހަމަޖެހުމާއެކު އަކުރަމް ވާހަކަދެއްކިއެވެ. އެއާއެކު ޒެއިބާއަށް ވެސް ހިނިތުން ވެލެވުނެވެ.
އޭނާގެ ބައްޕަ އާދަނަށް ގޮވާލުމަށްފަހު، އަކުރަމަށް މިހާރު ފެންނަކަމަށާއި އަކުރަމަށް ފެންނަގޮތުގެ ވާހަކަ ޒެއިބާ ބުންޏެވެ.
އާދަނު ދުއްވަމުންދިޔަ ދޯނީގެ މިސްރާބުބަދަލުކޮށް އަނެއްކާ ވެސް އައިސް ރަށުފަޅަށް ވަނެވެ. އެއާއެކުއަކުރަމްގެލޮލުގެ ފެނުންގެއްލި މުޅިން އަނދިރިވެއްޖެއެވެ.
ވާނުވާނޭނގޭ އަކުރަމް މާޔޫސްކަމާއި ހިތްދަތިކަމާއެކު އެވާހަކަ ބުންޏެވެ. ހަމައެހެންމެ އޭނާއަށް އެހީތެރިވުމަށާއި އޭނާގެ ލޮލަށް ފެނިއްޖެ ނަމަ އެކަމުގެ ބަދަލުދޭނެކަމަށް ބުނެ އާދަނާއި ޒެއިބާގާތު ރޮއި އާދޭސްކުރާންފެށިއެވެ.
ރަށު ފަޅަށްވައްދައި ދޯނި އެޅުމަށްފަހު ދޯނިންފައިބާގެން ތިންމީހުން އެކުގައި ކަހަލަގޮތަކަށް އެއްގަމާއި ދިމާއަށް ހިނގައިގަތެވެ.
” ކެތްތެރިވެ ހަމަޖެހޭ އަކުރަމް.. އިރާދަކުރެއްވިއްޔާ އަކުރަމްގެލޮލަށް އަދި ފެންނާނެ.” އަކުރަމަށް ހިތްވަރާއި ނަސޭހަތްދެމުން އާދަނު ބުންޏެވެ.
ކަންތައްވަމުންދިޔަ ގޮތާމެދު ފުންކޮށް ވިސްނާ ފިކުރުކުރަމުންދިޔަ އާދަނު އަކުރަމާއި ސުވާލުކުރަމުންދިޔައެވެ.
އާދަނުގެ ސުވާލުތަކަށް ޖަވާބުދެމުން އަކުރަމްބުނީ ދެރެއަކު މީދަލެއްގެއުނދަގޫ އޭނާއަށް ފޯރިކަމަށާއި އެމީދަލުގެނަގުލުން ތަވީދެއް ކަހަލަ އެއްޗެއް އޭނާއަށް ފެނުނުކަމަށެވެ. ހަމައެހެންމެ އެއީ އާދައިގެމީދަލަކަށްވުރެ ބިރުކުޑަ ހުސިޔާރު މީދަލެއްކަމަށާއި އޭގެފަރާތުން ރުޅިވެރިކަން ފެންނަމުންދިޔަ ކަމަށެވެ. އަދި އޭގެފަހުން ބޮޑުދައިތަ އާއި ބޮޑުދައިތަގެ ދެދަރިންގެ މިޒާޖާއި ބަސްމަގު ބަދަލުވެފައިވާ ކަމަށެވެ. އަކުރަމްގެ ލޮލުގެ ފެނުން ގެއްލުނުފަހުން އަކުރަމަށް ދެން އެއްވެސްކަމެއް ނުކުރެވޭނެކަމަށާއި ނުވެސްކިޔެވޭނެކަމަށް ބުނެ އަކުރަމްގެ މަންމަގާތަށް ދިއުމަށް ވާފިރާ އާއި އޭނާގެ ދެދަރިން ބުނަމުންދާ ކަމަށް ވެސް ބުންޏެވެ. އެހެނަސް އެރަށަށް ބޮޑުދައިތަގާތަށް އޭނާގެ މަންމަ އޭނާ ފޮނުވީ ދޮންބައްޕަގެ އެއްވެސް އެހީއެއް އަކުރަމަށް ނުލިބޭނެ ކަމަށްބުނެ މަޖުބޫރުކުރުމުން ކަމަށް ވެސް އަކުރަމް ބުންޏެވެ.
އަކުރަމްގެ ވާހަކަތަކުގެ ސަބަބުން ޒެއިބާ އާއި އާދަނު ވަރަށް ދެރަވިއެވެ. އޭރުވެސް އާދަނު ހުރީ ކޮންމެވެސް ކަމަކާމެދު ވިސްނާން ކަހަލަ ގޮތަކަށެވެ.
ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސި ރަށުތެރެއަށް ވެރިވި އަނދިރިކަމާ އެކުހެން ހަމަހިމޭންކަން ވެސް ވެރިވިއެވެ.
އަކުރަމް އޭނާގެ އާދައިގެމަތިން ފެންޑާތެރޭ ގޮނޑިސެޓްގައި އިށީނދެލައިގެން އިނެވެ. އޭރު އޭނާ އިނީ ކޮންމެވެސް ކަމަކާމެދު ވިސްނާ ފިކުރުކުރާންކަން އޭނާގެ މޫނުމަތިން ފާޅުވަމުންދާ ސުޢޫރުތަކުން އެނގެއެވެ.
މާލެދިއުމަށް ދަންވަރު ފުރި ދޯނިން އާދަނު މާލެ ދިޔައީ ކީއްކުރާންކަމެއް އެކަކަށް ވެސް ނޭނގެއެވެ.
އާދަނު މާލޭގައި ދެދުވަހަކު މަޑުކުރުމަށްފަހު ރަށަށް އައިއިރު މެދުއުމުރުގެ ފިރިހެނަކު ވެސް އޭނާއާއެކު އައެވެ.
ފަންޑިތަ އާއި ސިހުރު ހާހޫރައިގެ އެދުރެއްގެގޮތުގައި ރަށުމީހުން ލޭބަލް ކޮށްފައިވާ އަލިތުއްތައް ހަސަންދީ ފެނުނީ އިސާނަމާދުން ފައިބާގެން ދަނިކޮށެވެ. އެއާއެކު އޭނާގެ ފަހަތުން ގޮސް އޭނާއާ ވާހަކަދައްކާން ފެށިއެވެ. މީގެކުރިން ދުވަހަކު ވެސް ދެކެފައިނުވާ މީހަކު އައިސް އެގޮތަށް ވާހަކަދައްކާން ފެށުމާއި އުޅެންފެށި ގާތްގޮތުގެ ސަބަބުން ހަސަންދީ ކޮންމެވެސްވަރަކަށް ހިތްހަމަނުޖެހުނުކަން އޭނާގެ މޫނުމަތިން އެނގުނެވެ. އަލިތުއްތާއި ވާހަކަދައްކާކަށް ހަސަންދީ ބޭނުމެއް ނުވިއެވެ. އެހެނަސް ލޮލުގެ އިސާރާތުން އާދަނަށް ކޮންމެވެސް އެއްޗެއް އަންގާލިއެވެ.
ހަސަންދީ އާއި އާދަނުގެ ފަހަތުން ކަހަލަގޮތަކަށް އަލިތުއްތު އައިސް ހަސަންދީގެ ކޮޓަރިއަށް ވަނެވެ. އާދަނު މަޑުކުރީ ބޭރުގައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ދިހައެއް ޖަހަނީއެވެ.
ޒެއިބާ އާއި އާދަނު އަކުރަމްމެން ގެއަށް ގޮސް، އެމީހުންނާއެކު އެގެއަށް ދިއުމަށް އެދުމުން އަކުރަމް އެގެއަށް ދިޔައެވެ. އޭރު ވެސް އަކުރަމާއި ޒެއިބާއަކަށް ވާނުވާއެއް ނޭނގެއެވެ. ހަމައެހެންމެ އަކުރަމް ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.
ހަސަންދީ އެދުނުފަދައިން އަކުރަމް ގޮވައިގެން އާދަނު އެކޮޓަރިއަށްވަނެވެ. އެއާއެކު އާދަނަށް ބަލާލެވުނީ އަލިތުއްތަށެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދާ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތައް ފެނުމުން އާދަނު ކޮންމެވެސްވަރަކަށް ހައިރާންވިއެވެ. ހަމައެހެންމެ ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަމުންދިޔައެވެ.
އަކުރަމާއި އާދަނު ކޮޓަރިއަށްވަދެ ގޮނޑީގައި އިށީންދެ ހަމަޖެހިލުމާއެކު އަލިތުއްތު ވާހަކަދައްކާން ފެށިއެވެ.
އޭނާގެ ސަބަބުން އަކުރަމަށް ޖެހިފައިވާ ހާލާމެދު ދެރަވެ ހިތާމަކުރާކަމަށްބުނެ އޭނާއަށް މަޢާފްކުރުމަށް އަލިތުއްތު އެދުނެވެ. ހަމައެހެންމެ ދެން ދުވަހަކު ވެސް އޭނާގެ ފަރާތުން މިފަދަކަމެއް ނުފެންނާނެކަމަށާއި އަކުރަމް މިކަމުން ސަލާމަތްކުރުމަށް އޭނާއަށް ކުރެވުނު ހުރިހާކަމެއް ކޮށްދޭނެކަމަށް ބުންޏެވެ. އަދި އޭރު އެހެން ކަންތައްކުރެވުނީ ފައިސާގެ ދަހިވެތިކަމުގަ އާއި މިކަމުގަހުރި ނުބައިކަން އެންމެރަނގަޅަށް ނޭނގޭތީކަމަށް ވެސް ބުންޏެވެ. އެހެނަސް ހަސަންދީގެ ފަރާތުން އޭނާއަށް ގިނަކަންތައްތަކެއް އޮޅުންފިލައި ދީނީގޮތުން ވަރަށްގިނަ އެއްޗެތި އެނގިގެން ހިނގައްޖެކަމަށް ވެސް ބުންޏެވެ.
އަލިތުއްތު އިތުރަށް ވާހަކަދައްކަމުން ބުނި ގޮތުގައި އޭނާ އެކަންކުރީ އަކުރަމްގެ ބޮޑުދައިތަ ވާފިރާ ބުނެގެން ކަމަށާއި އޭނާގެ މަޤްސަދަކީ އަކުރަމް ނައްތާލުން ކަމަށް ބުންޏެވެ. އަދި އަކުރަމަށް ތަޢުލީމީގޮތުން ހިންދެމިލެވޭނެގޮތް ވިޔަ ނުދިނުމަކީ ވެސް އޭނާގެ މަޤްސަދުގެތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ބުންޏެވެ.
އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުން އަކުރަމްއިނީ ހައިރާންވެ ހުއްޓުން އަރާފައެވެ. ހަމައެހެންމެ ބުނާނެއެއްޗެއް ކުރާނެ ހަރަކާތެއް ނޭނގޭ ފަދައަކުން ނެވެ.
އަލިތުއްތު އިތުރަށް ބުނި ގޮތުގައި ވާފިރާ އެފަދައިން ކަންތައްކުރުމުގެ މަޤްސަދަކީ އަކުރަމާއި ވާފިރާގެ އާއިލާއިން މިހާރު ދިރިއުޅެމުންދާ ގެއާއި މުދާތައްހޯދުމެވެ. އެގެއަކީ ވާފިރާ އާއި އަލްހާންގެ މައިންބަފައިންގެ ގެކަމަށްވާތީ އެގޭގެއެއްބަޔާއި މުދަލުގެއެއްބައި އަކުރަމަށް ލިބޭނެކަން އެންމެނަށް ވެސް އެނގެއެވެ. އެހެންވެ އެބައި ނުދީވާނެހެން ހެދުމެވެ. އިތުރަށް އަލިތުއްތު ބުނިގޮތުގައި އެފަންޑިތަ ދެމިއޮތްހާހިނދަކު އަކުރަމަށް އެގެއެއް ނުފެންނާނެ އެވެ. އެއްވެސް ކުރިއެރުމެއް ވެސް ނުލިބޭނެއެވެ.
އަލިތުއްތު އޭނާގެ ވާހަކަތައް ނިންމާލިއިރު އަކުރަމް އިނީ މާޔޫސްވެ ފެންކަޅިވެފައެވެ. އޭނާގެ ބޮޑުދައިތަ އޭނާއާމެދު އެހާދުރަށް ވިސްނައި ރާވާލި ބޮޑުރޭވުމުގެ ސަބަބުން އޭނާއަށް ބުނާނެއެއްޗެއް ވެސް ނޭނގުނެވެ. ބުނާނެއެއްޗެއް ނުވެސް ވިސްނުނެވެ. މާޔޫސްވެ ދެރަވެގެން ގޮސް ރޮވުނެވެ.
ހަސަންދީގެ ބެލުމުގެދަށުން އަކުރަމަށް ފަރުވާކުރަމުންދިޔައިރު އޭނާއަށް އެހީތެރިވުމުގެ މަސައްކަތް އަލިތުއްތު ކުރަމުންދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ފަތިސް ނަމާދު ވަގުތުޖެހުމުން ހަސަންދީމެން މަސައްކަތް ހުއްޓާލިއެވެ.
އާދަނުމެން ގެއަށް އަކުރަމް ގެންގޮސްގެން ކީއްކުރަނީތޯ ބަލާކަށް ވާފިރާ އާއި އޭނާގެ ޢާއިލާއަކުން ނޫޅެއެވެ. އެމީހުންނަށް ރަނގަޅު ވާނީ އަކުރަމް އެގޭގައި ނޫޅޭންޏާކަން އަކުރަމަށް އެނގޭތީ އޭނާ ވެސް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
ތިންވަރަކަށް ދުވަހު ހަސަންދީމެން ކުރިމަސައްކަތުން އަކުރަމްގެ ލޯ މުޅިން ރަނގަޅުވެ ކުރިއެކޭއެއްފަދައިން ފެންނާންފެށިއެވެ. އެކަމުގެ ސަބަބުން އަކުރަމް ވަރަށް ހިތްހަމަޖެހި އުފާވިއެވެ. އެއާއެކު ޝުކުރުދަންނަވަންވީ ފަރާތަށް ޝުކުރުދަންނަވައި އޭނާއަށް އެހީތެރިވެދިން ފަރާތްތަކަށް ހިތުގެ އެންމެފުންމިނުން ޝުކުރުއަދާކުރިއެވެ.
ހޮނިހިރުދުވަހުގެ ހެނދުނު ނުވައެއްޖަހާކަން ހާއިރެވެ. އަކުރަމް ގެއަށް ދިޔައިރު ފެންޑާތެރޭ ގޮނޑިސެޓްގައި އިށީންދެލައިގެން ޓީވީ ބަލާން ވާފިރާ އާއި އޭނާގެ ދެދަރިން ތިއްބެވެ. އޭރު އެމީހުންގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އަކުރަމް ގޮސް ގޭތެރެއަށް ވަންނަމުން ވާފިރާއަށް ގޮވާލިއެވެ.
ވާފިރާގާތު އަކުރަމް ބުނީ އޭނާ އެގެއަށްއައި ދުވަހުންފެށިގެން ވާފިރާ ދެކެމުންއައީ އޭނާގެ މައިމީހާފަދައިން ކަމަށާއި އައިނާ އާއި ކާސިމަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ދެކުނުކަމަށެވެ. ހަމައެހެންމެ އޭނާގެފަރާތުން ވާފިރާ އާއި މިޢާއިލާއަށް އެއްވެސް ދެރައެއް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށާއި ކުރާން ވިސްނާފައި ވެސް ނުވާނެކަމަށެވެ. އެހެނަސް އޭނާއާމެދު ވާފިރާ ކަންތައްކުރިގޮތުގެ ސަބަބުން ދެރަވެ ހިތާމަކުރާ ކަމަށެވެ. ހަމައެހެންމެ އޭނާއަށް މިހާރު ހުރިހާކަމެއްވެސް އެނގިއްޖެކަމަށާއި، މިހާތަނަށް މިޢާއިލާގެފަރާތުން އޭނާއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުން ހެޔޮހިތުން ބަލައިގަނެ ހިތުގެ އެންމެފުންމިނުން ޝުކުރުއަދާކުރާ ކަމަށެވެ. އަދި މިގެއާއިމިގޯތިން އަދި ކާފަ އާއި މާމާގެ މުދަލުން އޭނާގެ ބައްޕަގެ ފަރާތުން އޭނާއަށް ވާރުތަވާބައި ހެޔޮހިތުން ވާފިރާއަށް ދީފިކަމަށެވެ. އަދި ގާޒީއެއްގެހާޒިރުގައި ދެހެކިން މެދުވެރިކޮށް އޭނާ ލިޔެ ސޮއިކޮށްފައިވާ ލިޔުން ވެސް ވާފިރާ އަތަށް ދިނެވެ.
ލިބުނު ފިލާވަޅުން އިބުރަތް ހާސިލުކޮށް މުސްތަޤުބަލް އުޖާލާކުރުމުގެ ހުވަފެންތައް ދެކެމުން، އަބަދުގެ އަބަދަށް އެރަށަށް އަލްވަދާއު ކިއުމަށްފަހު އަކުރަމް އެރަށުން ފުރައިގެން ދިޔައީ ބޮޑުދައިތަގެ ޢާއިލާއަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ހިތާހިތާ ދުޢާ ކުރަމުންނެވެ.
ނިމުނީ
7 Comments!
Comments are closed.



ނީރުގެ ވާހަކަތައް ހަމަ ހަބޭސް. ކުރުވާހަކަ މުބާރާތަށް ވާހަކައެއް ނުލިޔަންތ؟
ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި އެކަހަލަ ހިޔާލެއް ނެތް.
mivAahaka v reethi
މީދާ ވާހަކަ ވަރަށް ރީތި. ވަރަށް ސައުގުވެރިކަން ހިފަހައްޓާ މޮޅު ވާހަކައެއް.
varah reethi
adhi meehunnah hasadha laa meehunnah mi vaahakain ibratheh libijje kamah heekuran
v.reethi vaahakaeh
V iburaitheri vaahakaeh.. . aharen v Gina vaahaka kiyaifin.. Mi vaahaka aekkke v v faahaga kohlevy varuge vaahaka eh
. mihaaru aharen esfiya sitege 75% vaahaka kiyaifin. Mi vaahaka hama v v v v v furiham v iburaitheri