Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އެ ހަނދާންތައް ފިލާ ދިޔަޔަސް

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 29, 2026 4 Mins Read
0 Comments

ފަތިހުގެ ފަނޑު އަލިކަން ދުނިޔެމައްޗަށް ފެތުރެން ފެށީ، ރޭގަނޑުގެ ކަނު އަނދިރިކަން މަޑުމަޑުން ފިލުވައިލަމުންނެވެ. އިރުމަތީ ފަރާތު އުދަރެސް ރަން އަލިކަމުން ފުރި، އުޖާލާވަމުން އައީ މުޅި ފަޒާގައި އާރޯކަމާއި ދިރުން އުފައްދަމުންނެވެ. ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުތަކުން މާހައުލު ގުގުމާލިއިރު، ޖެހެމުންދިޔަ ފިނިރޯޅިތައް ގައިގައި ބީހިލަނީ އައު އުންމީދުތަކަކަށް ދައުވަތު ދެމުންނެވެ. ކަނޑުގެ ނޫކުލައިގެ ރާޅުތަކުގެ ތެރެއިން އިރު މައްޗަށް އަރައިގެން އައި ރީތި މަންޒަރަކީ ކޮންމެ މީހެއްގެ ހިތަށް ވެސް ތަސައްލީއެއް ގެނެސްދޭނެ ފަދަ ހިތްގައިމު މަންޒަރެކެވެ. ނަމަވެސް، މި ފެށުނު އައު ދުވަހާއެކު އެހެން މީހުންގެ ހަޔާތަށް އައު އުންމީދުތަކެއް ލިބުނު ކަމުގައި ވިޔަސް، އަހަރެންގެ ހާލަތު މުޅިން ތަފާތެވެ. އަހަރެންގެ މުޅި ހަޔާތް ވަނީ ބަރުބާދުވެފައެވެ. ދުނިޔެއަށް ކިތަންމެ އުޖާލާ އިރެއް އެރި ކަމުގައި ވިޔަސް، އަހަރެންގެ ހަޔާތަކަށް ދެން އައު ފެށުމެއް ނެތެވެ.

ކޮޓަރި ޖާލި ދޮރުން ބޭރު ބަލަން އިން އަހަރެންނަށް އެކި ކާޅާއި ކޮވެލިތައް ފެންނަމުން ދިޔައެވެ. އެސޮރުމެން އެ އުދުހެނީ ކިހާ އުފަލާއި އެކު ހެއްޔެވެ؟ އަހަރެންނަށްވެސް އެކަހަލަ އުފަލެއް ލިބޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟ ނަމަވެސް އެއީ އަހަރެންގެ ނަސީބުގައި ނެތް އެއްޗަކީ ކަންނޭނގެއެވެ. އަހަރެންނަކީ އެކަނިވެރިއެކެވެ.

އެވަގުތު، މި އެކަނިވެރި ކަމަކީ ވަގުތީ އެއްޗެކޭ އަހަރެންގެ ހިތް ބުނެލި ފަދައެވެ. އަހަރެން މަޑުމަޑުން އަހަރެންގެ 7 މަހުގެ ބަނޑާއި ދިމާލަށް ބަލައިލީމެވެ. ހަމަ އެވަގުތު އަހަރެންގެ ހަށިގަނޑުގައި ބޮޑުވަމުން ދާ މި ފުރާނަ ތޮޅިލިއެވެ. އަހަރެންގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ކުރެހުނެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލީމެވެ.

ކުއްލިއަކަށް މީހަކު އައިސް ދޮރުގައި ތަޅައިގަން އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. މޭގައި އަތް ޖައްސާލަމުން އަހަރެން ހަމަ ޖެހިލީމެވެ. އަދި ލަސް ހިނގުމުގައި ގޮސް ދޮރުހުޅުވާލީމެވެ. ކުރިމަތީގައި ރުޅި މޫނު ހަދައިގެން އެހުރީ ޒުހުރާ ކަން އަހަރެންނަށް ކުރިންވެސް އެނގެޔެވެ. ރުޅި އައިސް ރަތްވެފައި ޒުހުރާ ހުރި އިރު މޫނުމަތީގައިވެސް ރަތް ކަމެއް ވިއެވެ. އެއީ އަހަރެންގެ މައިދައިތައެވެ.

“ބަލާބަލަ މިހާރު ގަޑި. އެޔޮށް 30 6 ވަނީ. މަ ނުބުނަންތަ 7 ޖަހަންވާ އިރަށް ސައިހަދަން ޖެހޭނެޔެކޭ؟” ދަތްކުނޑިވިކައިލަމުން ޒުހުރާ ވާހަކަ ދެއްކިއެވެ. ތެދެކެވެ. ޒުހުރާ އެހެން ބުންޏެވެ. އެކަން އަހަރެންގެ ހަނދާނުން ކައްސާލީއެވެ. “މަންމާ. މަޢާފް ކުރޭ. ހަނދާނުން ކައްސާލީ…” އަހަރެން އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.

“މިއީ ދެން ކިހާ ބޮޑު މުސީބާތެއްތަ އޭނ؟ ކަލޭގެ ބަނޑުގަ ތިއޮތް ދަރީގެ ސަބަބުންނޭ މަގޭ ދަރި މަރުވެގެން ދިޔައީ! ކަލޭ ސަލާމަތްވެފަ މަގޭ ދަރިއޭ މަރުވެ ދިޔައީ. މަގޭ ދަރި މަރާލާފައި އަދި ކަމަކު ކިޔާ އިރަށް އެބަ ކިޔައޭ ހަނދާނުން ކައްސާލީއޭ!” ޒުހުރާގެ ރުޅިގަނޑު ހައްތަހާ ގަދަ ވަމުން ދިޔައެވެ.

އަހަރެން އިސްޖަހާލީމެވެ. ތިރީ ތުންފަތުގައި ދަތް އަޅާލީމެވެ. ބާރަށެވެ. ލޭނާރާ ކަމެއްވެސް ނޭނގެއެވެ. ޒުހުރާ ރުޅިއަންނަ ކޮންމެ ފަހަރަކު އެހެން ބުނަން ޖެހޭ ހެއްޔެވެ؟ އަހަރެންގެ ފިރިމީހާގެ މަރުގެ ވާހަކައިން އަހަރެންގެ ކޯތާފަތުގައި ވިހެލަން ޖެހޭ ހެއްޔެވެ؟ އަހަރެންނާއި ދިމާލަށް ކިޔާ އެއްޗެއް ކިޔާފައި ލިބެން މިއުޅޭ އަހަރެންގެ ދަރިފުޅަށް އެއްޗެހި ނުކިޔާ ނަމަވެސް ރަނގަޅެވެ.

އަހަރެންނާއި ދިމާލަށް ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަމުން ޒުހުރާ ހިނގައިގަތެވެ. އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ. މަރު މައްޔިތެއްހެން ގޮސް އެނދުގައި އޮށޯވެލީމެވެ. “ޒަކޫ… ކީއްވެ އަހަރެން ދޫކޮށްލާފަ ދިޔައީ؟ ކުރިން މަންމަވެސް ކިހާ ރަނގަޅު؟ އެކަމަކު… މިހާރު… ޒަކޫ… ޒަކޫ ދަމުން އަހަރެންވެސް ގޮވައިގެން ދިޔަ ނަމަ…؟”

މީގެ 9 މަސް ކުރިން ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި އަހަރެންގެ ފިރިމީހާ ޔަޒަކް ވަނީ ނިޔާވެފައެވެ. ބޯ ފަޅައިގެން ދިޔުން ނޫން އެހެން އަނިޔާއެއް އަހަރެންނަކަށް ނުލިބެޔެވެ. އޭރު ހޮސްޕިޓަލުގައި އޮއްވާ އަހަރެން ބަނޑުބޮޑު ކަމުގެ ޙަބަރު ލިބުނެވެ. އަހަރެން ހުރީ ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގިފައެވެ. ދެން އަހަރެން އުންމީދު ކުރީ މައިދައިތަގެ ލޯބި ލިބޭނެ ކަމަށެވެ. ނަމަވެސް…

އިރުކޮޅެއް ފަހުން އަހަރެންނަށް ނިދި ޖެހުނެވެ. ދެން ހޭލެވުނީ ބޮލަށް ތޫނު ތަދެއް އިހުސާސް ވެގެންނެވެ. އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކުދިކުދި އެތިކޯކޮޅަށް ވެގެން ބިންމައްޗައް ވެރުނު ބިއްލޫރި ކޮޅުކޮޅެވެ. ހަމަ އެވަގުތު ބޮލުގެ އިސްތަށިގަނޑު ތެމުން ކަހަލަ އިހުސާސެއްވެސް ކުރެވުނެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް އަހަރެން ބިރުގަތީ ޒުހުރާގެ ރުޅިވެރި މޫނު ފެނިފައެވެ.

“ދެންވެސް ސައިހަދަން އަންނާނެތީވެ ނިދަންތަވީ؟ ކަލޭ ހީކުރީ މިއީ ކަލޭގެ މަންމަގެ ގެ ކަމަށްތަ؟ ބޭނުންހާ ވައްތަރަކަށް ތެޅެން؟ އޭނ؟ ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ. މަށަށް މިއޮތީ ދުވަހެއް ދައްކަވާފަ” އެއްޗެހި ގޮވަމުން ޒުހުރާ ނިކުމެގެން ދިޔަ ވަގުތު ވެގެން ދިޔައީ އަހަރެންގެ ދޮންތަ ލާނާ ކޮޓަރިއަށް ވައިން ވަގުތަށެވެ. ލާނާ ދުވަމުން އަހަރެން ކައިރިއަށް އައިކަން އަހަރެންނަށް އެނގުނެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

މިފަހަރު އަހަރެންނަށް ދެލޯ ހުޅުވާލެވުނީ އަހަރެންގެ ހަށިގަނޑަށް ގުޅުވާފައި ހުރި މެޝިންތަކުގެ އަޑަށެވެ. އޭރު އަހަރެން ކައިރީގައި ލާނާ އިނެވެ. “ނީ. ކިހިނެތްވީ؟ އަނެއްކާ އެ ޒުހުރާ އެއްޗެހި ކީ ދޯ؟” ލާނާ އިނީ ހިތްހަމަ ނުޖެހިފައެވެ.

“އެ އޯކޭ ވާނޭ ދޮންތާ. މަންމަ ވެސް ކިހާ ދެރަވާނެ. ޒަކޫ އެއީ މަންމަގެ ހުރި ހަމަ އެކަނި ދަރިފުޅޭ…” އަހަރެން ޒުހުރާ ދިފާއު ކުރީމެވެ.

“ހާދަ ހެއްވައޭ ދޯ؟ ނީއަށް ވެސް އެގެއްލުނީ ނީގެ ފިރިމީހާއޭ. ނީގެ ހަމަަ އެކަނި ފިރިމީހާ ދޯ ހަމަ. ހެޔޮނުވާނެ. ދޮންތަ ގަބޫލު ކުރަމޭ ތިއީ ސައިކޮލޮޖިސްޓެއްކަން. އެކަމަކު ސައިކޮލެޖިސްޓެކޭ ކިޔާފަ ތިހާ އަންޑަސްޓޭންޑިން ވާކަށްވެސް ނުވާނެ ކަންނޭނގެ” އެއީ ލާނާ އަބަދުވެސް ކުރާ ޝަކުވާއެކެވެ.

އެވަގުތު އެތަނަށް ޑަކްޓަރު ވަނެވެ. ޑަކްޓަރުގެ މޫނު މަތީގައިވީ އަސަރު ތަކުންވެސް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އަހަރެންނަށް ދެނެގަނެވުނެވެ.

“ތިއީ ނީނާގެ ކޮން ބޭފުޅެއްތޯ؟” ޑަކްޓަރު ވާހަކަ ދެއްކީ ލާނާއަށެވެ. “މިއީ ނީނާގެ ބެލެނިވެރިޔާ. ޑަކްޓަރު. ކޮއްކޮގެ ހާލު ކިހިނެތްތަ؟” ލާނާ ހާސްކަމާއި އެކު އަހައިލިއެވެ. އަހަރެންވެސް އިނީ ހާސްވެފައެވެ.

“ނީނާގެ ބޮލަށް މީގެ ކުރިން އެއްވެސް ގެއްލުމެއް ލިބުންތަ؟” ޑަކްޓަރު މިފަހަރު ސުވާލު ކުރީ އަހަރެންނަށެވެ. “ލައްބަ. 5 މަސް ކުރިން އެކްސިޑެންޓެއްވި…” އަހަރެން ޖަވާބު ދާރީ ވީމެވެ. “ނީނާ… ފަހުން ފަހުން އައިސް ވަރަށް ހަނދާން ބަލިވޭކަން ފާހަގަ ވޭތަ؟…” ޑަކްޓަރު މިފަހަރުވެސް ސުވާލު ކުރީ އަހަރެންނަށެވެ. އަހަރެން ޖަވާބުގައި ބޯޖަހާލީމެވެ.

“ނީނާ… ޓެސްޓު ތަކުގެ ނަތީޖާ ލިބިއްޖެ… އިޓްސް… އަލްޒައިމާ…” ޑަކްޓަރުގެ ޖަވާބާއި އެކު ލާނާގެ ދެލޯ ކަރުނުން ފުރުނެވެ. ގިސްލަ ގިސްލާފައި ލާނާ ރޮމުން ދިޔައެވެ. ނަމަވެސް އަހަރެންނަކަށް މާބޮޑު ޝޮކެއް ނުލިބުނެވެ. އަހަރެންނަށް ކުރިމަތި ވަމުން ދިޔަ ކަންތައްތަކުން އެކަމަށް އަހަރެންނަށް މާކުރިންވެސް ވަނީ ޝައްކު ކުރެވިފައެވެ.

ޑަކްޓަރު އަހަރެމެންނަށް ވަގުތުކޮޅެއް ދީފައި ދިޔައެވެ. އަހަރެން ލާނާގެ އަތުގައި ހިފާލީމެވެ. “ނުރޮއެ…” އަހަރެން ބުނީމެވެ. “ނީއަށް އިނގޭ ދޯ މިކަން ކުރިންވެސް…؟” ލާނާ ބޭނުންވީ އޭނާއަށް ކުރެވުނު ކުންހީ ޔަގީން ކުރާށެވެ. ޖަވާބަކަށް އަހަރެން ބޯޖަހާލީމެވެ.

“އެވާހަކަ ދައްކަން ވެގެން އަހަރެން މިހުރީ ވެސް މިއަދު ދޮންތަ އައީމަ. ދޮންތާ… އަހަރެންގެ ހާލަތު ދުވަހެއް ދުވަހަކަށް ދާނީ ދަށްވަމުން. ބޭސް ބޭނުން ކުރި ނަމަވެސް… ދޮންތާ… އަހަރެންގެ… އަހަރެންނާއި ޒަކޫގެ މި އަމާނާތް އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިދީ… ލައިރާއާއި އެއްކޮށް މި ދަރިފުޅުވެސް ބަލާދީ…” ލައިރާއަކީ ލާނާގެ ދަރިފުޅެވެ. ލާނާ އަހަރެންގެ އަތުގައި ހިފާލަމުން ބޯޖަހާލިއެވެ. އަދި އަހަރެންގެ ހަށިގަނޑުގައި ވަރަށް ލޯބިން ބައްދާލިއެވެ.

އަހަރެންގެ ދަރިފުޅު ވިހާފައި އަހަރެން ދިޔައީ ނަފްސާނީ ބަލީގެ މީހުން ބަލަހައްޓާ ހަސްފަތާލަކަށެވެ. އަހަރެންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށް ވާކަން އަހަރެންނަށް އިނގެޔެވެ. ލޯގަނޑު ކުރިމަތިން ފެންނަ އަމިއްލަ ސޫރަ ނޭނގޭ ފަހަރުވެސް މަދެއް ނޫނެވެ. އަހަރެން ގެންގުޅޭ އަހަރެންގެ ދަރިފުޅު ޔަޒްކާންއާއި ލޯބިވާ ފިރިމީހާ ޔަޒަކްގެ ފޮޓޯ ގަނޑު ފެނި އެއީ ކާކުކަން ނޭނގިދާ ދުވަހެއްވެސް މިހާރު މަދެއް ނޫނެވެ. ނަމަވެސް އަހަރެން ކެއްކުރާނަމެވެ. އަހަރެން މަރުވެދާނީ އަހަރެންގެ ލޯބިވާ ފިރިމީހާ، ޔަޒަކް އަދި ޔަޒްކާންގެ ހަނދާނުގައެވެ. ސިކުނޑިން އެ ހަނދާންތައް ފިލާ ދިޔަޔަސް، ހިތުގައި އަބަދުވެސް އެހަނދާން ވާނެއެވެ.

(ނިމުނީ)

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މައެއްގެ ދުލުން…

Next

ދެ ޖިންސުގެ ޒުވާނުންނަށް ބުނެދެމެވެ!

Next
March 29, 2026

ދެ ޖިންސުގެ ޒުވާނުންނަށް ބުނެދެމެވެ!

Previews
March 29, 2026

މައެއްގެ ދުލުން…



All Right Reserved!