Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

އަހަރެންގެ މުޅި ދުނިޔެ

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
February 12, 2026 6 Mins Read
4 Comments

އަހަރެންގެ ފިރިމީހާއާއި ލޯބި ލޯބި ދެކުދިންނަކީ އަހަރެންގެ މުޅި ދުނިޔެއެވެ.އަހަންނަކީ ވެސް ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއަށް ވުމުން އަހަރެންވެސް އުޅެ ބޮޑުވީ ވަރަށް ލޯބި ލިބިގެން އެހާމެ އުފަލުގައެވެ.އަހަރެންގެ އަޒުމަކަށްވެފައި އޮތީ އަހަރެންގެ ދެކުދިންނަށްވެސް ހަމަ އެހާ އުފާވެރި ޙަޔާތެއް ހޯދައި ދިނުމެވެ.އުފާވެރި ޢާއިލާއެއް ދެއްވިކަމަށްޓަކައި އަހަރެން އަބަދުވެސް ﷲ އަށް ޙަމްދުކުރަމެވެ.
އަހަރެންގެ ފިރިމީހާ ޒައިނަކީ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ.އަހަންނަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރެކެވެ.އެހެންކަމުން އާންމުކޮށް ދުވަސްތައް ހޭދަވެގެންދަނީ ވަރަށް ބިޒީކޮށެވެ.އަހަންނާއި ޒައިން ވަޒީފާގައި އުޅޭ ވަގުތުތަކުގައި އަހަރެމެންގެ ދަރިން ބަލައިދެނީ އަހަރެންގެ މަންމައެވެ.ބައެއް ފަހަރު ޒައިންގެ މަންމަވެސް އެކުދިން ގެންދެއެވެ.އެމީހުންވެސް އެދެކުދިން ދެކެވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

ޒައިނަކީ ވަރަށް ހަރުދަނާ ފިރިއެކެވެ.އެހާ ހެވެވެ. އެފަދަ ފިރިއެއް ލިބޭނީ ނަސީބުވެރިއަކަށެވެ.އޭނާއަކީވެސް އަހަރެން ފަދައިން ޢާއިލާއެއްގައި ހުރި ހަމައެކަނި ދަރިއެވެ.އެހެންކަމުން ޒައިންގެ މައިންބަފައިންވެސް އަހަރެންދެކެ ލޯބިވަނީ އެމީހުންގެ އަމިއްލަ އަންހެން ދަރިއަކު ފަދައިންނެވެ.އެމީހުންނަށް ނުލިބުނު އަންހެން ދަރިފުޅުކަމުގައި އަަބަދުވެސް ބުނެ އެވެ.އަހަރެންގެ ނަސީބު ރަނގަޅުކަމާއި މެދު ބައެއްފަހަރު އަމިއްލައަށް ފަޚުރުވެރިވެސް ވެވެއެވެ.

މިއަދަކީ އަހަރެންގެ އަންހެން ދަރިފުޅު ލައިބާގެ ފަސްވަނަ އުފަންދުވަހެވެ.މި ޚާއްސަ ދުވަހަށްޓަކައި އަހަރެމެންގެ ކުޑަ ކުޑަ އާއިލާ ތައްޔާރުވާތާ މިހާރު ދެހަފްތާއާއި ގާތްކުރަނީއެވެ.

ޕާޓީއަށް ގޭތެރެ ތައްޔާރުކުރަންވެގެން ޒައިނާއި އެކުގައި ވަރަށް ހެނދުނާ ލައިބާ ބޭރަށް ފޮނުވާލައިފީމެވެ.އެކުއްޖާ އަހަންނާއި އެކުގައި ދާން ބޭނުން ނުވީއެވެ.ޒައިންހެން އޭނާ ބުނާހާ ކަމެއް އަހަރެން ނުކޮށްދޭތީ ކަންނޭނގެއެވެ.އެހެން ނޫނަސް ލައިބާ އަކީ އަަބަދުވެސް އޭނާގެ ބައްޕަ ދެކެ މާ ބޮޑަށް ލޯބިވާ ކުއްްޖެކެވެ.ބޭރަށް ދާނީ ޒައިނާއި އެކުގައި ކަމަށް ނިންމީވެސް ލައިބާ އަމިއްލައަށެވެ.އެމީހުން ދިޔުމުން އަހަންނާއި އަހަރެންގެ މަންމައާއި ދިހަ އަހަރުގެ ފިރިހެން ދަރިފުޅު ޢަދަން، އުފަންދުވަހުގެ ޕާޓީއަށް ސިޓިންރޫމް ތައްޔާރުކުރުމަށް މަސައްކަތް ފަށައިގަތީމެވެ.ނަސީބަކުން އަހަންނަކީ ވަރަށް ޑެކަރޭޓް ކުރާހިތްވާ އަދި އެކަމުގެ ތަޖުރިބާވެސް ކޮންމެވެސް ވަރަަކަށް ލިބިފައި ހުރި މީހެކެވެ.އެހެންކަމުން އެތަން ތައްޔާރުކޮށް ނިމުމުން ހުންނާނެ ގޮތް އަހަންނަށް ވަރަށް ފަސޭހައިން ކުލަކޮށް ލެވުނެވެ.

ޢަދަންއަށް ފުއްޕާހަންތައް ފުއްޕަން ހަވާލުކުރުމަށްފަހު، އަހަންނާއި މަންމަ ފެށީ ބެކްޑުރޮޕް ރޭވުމުގެ މަސައްކަތެވެ. ޕާޓީގެ ތީމް ކުލައަކަށް އަހަރެމެން ޚިޔާރުކުރީ ލައިބާއަށް އެންމެ ރީތި ކުލަކަމަށްވާ ”ހޮޓް ޕިންކު“ ކުލައެވެ.
އެޕާޓުމަންޓުގެ ބެލް އަޅާލި އަޑަށް އަހަރެން ދުވަމުންކަހަލަ ގޮތަކަށް ގޮސް، ދޮރު ހުޅުވާލީމެވެ.

ކަރުދާސް ފޮށިގަނޑެއް ހިފައިގެން ދޮރުމަތީގައި ހުރީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޢައިންތެވެ.ލައިބާގެ ޕާޓީއަށް އެޅުވި ކޭކު ހިފައިގެން އައިހެވެ.
އައިންތަކީ ކޭކުއަޅައި ޑެކަރޭޓްކުރުމުގައި ރާއްޖޭގައި ނަން ހޮވާލެވޭ ކުޅަދާނަ ކޭކު އެޅުންތެރިއެކެވެ. އޭނާގެ ކޭކުތަކުގެ ރަހަ މީރުވެފައި ޑިޒައިންތައްވެސް އެހާމެ ނަލައެވެ.
”ކޮބާތަ އައިންދައްތަގެ ލޯބި ލޯބި ލައި ޕްރިންސެސް؟“ އައިންތު ފޮށިގަނޑު ހިފައިގެން އެތެރެއަށް ވަންނަމުން އަހައިލިއެވެ.އޭނާ ހީކުރީ ލައިބާ ގޭގައި އުޅޭ ކަމަށެވެ.ލައިބާވެސް އައިންތަށް ހަމަ އެހާ ވަރު ހުންނާނެއެވެ.

”އަނހާ އައިންތު…އަވަހަށް ހިނގާ ސައިބޯން…“ އަހަރެން ބުނެލީމެވެ.

”ރަންކޮޅާ މިގަޑީ ސައިބޯން އިނދެވޭކަށް ނެތޭ…ޝާއިން ނިންދާވާފަ މިއައީ…ހޭލައިފިއްޔާ އެކަކަށްވެސް މަތައެއް ނުވާނެ މިއަދަކު…ވަރަށް ރޮއެ ރޮއެފަ ނިދުނީވެސް. ވެކްސިން ޖަހައިގެން ވަރަށް ބޮޑަށް ހުން އައިސްގެން މިއުޅެނީ…މަންމަ ކޮޓަރީގަ ބައިންދާފަ މި ވައްޓާލާފަ އެބަ އަންނަމޭ ކިޔާފަ މިއައީވެސް…“އައިންތު ބުނެލިއެވެ.

”އަޅޭ ބުނެލިނަމަ…އަހަރެން ދިޔައިމުހޭ ބަލައި.މިހާރު ޝައިކޮ ހުންގަނޑު ކިހިނެއް؟އިރާދަކުރެއްވިޔާ ރަނގަޅުވާނެ…ލައިވެސް ނެތް ގެޔަކު މިގަޑީ.ޒައިންއާއިއެކު އޭނަ މަންމަމެން ގެއަށް ފޮނުވާލައިގެން މިއުޅެނީ. އެ މަންޖެ ކޮންމެވެސް ތާކަށް ފޮނުވައިގެންނު އަހަންނަށް މިކަމާ އުޅެވޭނީ…މިހާރުވެސް ޝައްކުވެފަ ކަންނޭނގެ އެހުންނަނީ.ބުއްދިވެސް ހުރެޔޭ ނިކަން. ދަމުން އަދި ބުނެލިޔޭ މިފަހަރު ބާތުޑޭގަ ލައިި ބޭނުމީ ވަރަށް ބޮޑު ޕްރެޒެންޓެކޭ.ނަސީބެއް ދެން ވީކެންޑަކާ ދިމާވިކަންވެސް. އެހެން ނޫންނަމަ މޮޔަވާވަރުވެފަ ހުރީހީ…ދުލުން ކިޔާލިޔަކަސް ކުރަންވީމަ މި އިނގެނީ މިވެސް ކިހާ ވަރެއްގެ ކަމެއްކަން…“އަހަރެން އެ ފޮށިގަނޑުގައި ހިފަމުން ބުނެލީމެވެ.

”ހައްގު ތެދެއް ތީ… ޒޫ…އަހަންނަށް އާދެވުނިއްޔާ އަންނާނަން..ޝާއިންގެ ހާލަތު ހުރި ގޮތުން ޔަގީންކަން ދޭކަށް ނުކެރޭނެ. ބޭސް ދީފަ ހުންގަނޑު މަޑުވެލީމަ އެ ނިދުނީވެސް އެފަކީރަށް. ޒޫ އަހަންނަށް ހިތްބުރަ ނުކުރާތި އިނގޭ ނާދެވުނަސް.“ އައިންތު ދެރަވެލާފައި ބުނެލިއެވެ.

”އޭ ސާބަސް… އަހަންނަށް އަންޑަސްޓޭންޑް ވެޔޭ… އައިންތު ނައިއްޔާ ޓޭކް އަވޭ ހަދާފަވެސް ގެންގޮސްދޭނަން“ އަހަރެން ބުނެލީމެވެ.

”ހޫނ ސާބަހޭ… އޭ ދެން ދަނީ އިނގޭ…ބުނައްޗޭ ލައި ކައިރީ އައިންދައްތަ ބުންޏޭ ހެޕީ ބާތުޑޭއޭ…“ އައިންތު ނުކުންނަން ދަމުން ބުނެލިއެވެ.

އަހަރެން ފޮށިގަނޑު ކަނޑާލީމެވެ.ކޭކު ފެނިފައި ދަރިފުޅު އުފާވާނެވަރު ހިތަށް އަރާފައި އަހަންނަށްވެސް ހިނިތުން ވެވުނެވެ.ކޭކު ވަރަށްވެސް ރީއްޗެވެ.ފުރިހަމައެވެ.ކޮންމެ ދިމާލަކުންވެސް އައިންތުގެ ފާޑުވެރިކަން ފެންނާން ހުއްޓެވެ.މިފަހަރު އެޅީ ’ބާބީ ތީމުގެ‘ ކޭކެކެވެ.އެއީ ލައިބާއަށް އެންމެ ކަމުދާ ކާޓޫނު ޝަޚުޞިއްޔަތަށް ވާތީއެވެ.

ތިނެއް ޖަހަން ވާއިރަށް ތަން ތައްޔާރުކޮށް އެއްކޮށް ނިންމައިލެވުނެވެ.އަހަރެންގެ މަންމަވެސް އަވަހަށް ގެއަށް ދާން ތައްޔާރުވެލިއެވެ.ހަތަރުގަޑި ބަޔަކީ ޕާޓީ ފެށުމަށް ހަމަޖެހިފައި އޮތް ގަޑިއެވެ.

”ދަރިފުޅާ ޢަދަން…މާމަވެސް ގެއަށް ދާން އެދަނީ… ދަރިފުޅުވެސް ދޭ ފެންވަރައިގެން ރެޑީވާން.މަންމިވެސް މިދަނީ ރެޑީވާން…ހުންނާނެ ދަރިފުޅުގެ އެއްޗެހި އިސްތިރިކޮށްފަ ރޫމަށް ލާފަ.ބައްޕި އަންނާނެ އެކޮޅުން ކޮއްކޮ ރެޑީކޮށްގެން.ވަރަށް ފޮނިވެފަ ހުންނާނީ އިނގޭ…“ އަހަރެން ހިނިއައިސްފައި ބުނެލީމެވެ.

”އޯކޭ…މަންމި.. ކޮއްކޮގެ ޕްރެޒެންޓްތައް؟!“ ޢަދަން ކުއްލިއަކަށް ހަނދާން ވެގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.

”ރޭގަ ބައްޕިއާ ދެކުދިން ވެގެން ޕެކް ކޮށްލާފަ ކޮއްކޮއަށް ފޮރުވަން ކަބަޑުގެ އެންމެ މައްޗަށް ލާފައި އޮންނާނީ.“ އަހަރެން ބުނެލީމެވެ.

ފެންވަރައި ރީތިވެލައިގެން އަހަރެން ނުކުތްއިރު ޢަދަންވެސް ތައްޔާރުވެގެން ނުކުމެ ސޯފާގައި ޓެބްލެޓް ހިފައިގެން އެޔާ ކުޅެން އިނެވެ.

”ދަރިފުޅޫ އެއްވެސް ކުއްޖެއް ނާދޭތަ…؟“ އަހަރެންގެ އެ ސުވާލަށް އާއެކޭ ބުނުމުގެ ގޮތުން ޢަދަން ބޯޖަހާލިއެވެ.ހަމަ އެވަގުތު އެޕާޓްމަންޓްގެ ބެލް އަޅާލި އަޑު އިވުނެވެ.

އަހަރެން ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ތިބީ އަހަރެންގެ މައިންބަފައިންނެވެ.ބޮޑު ދެ ޕާރުސަލް ހިފައިގެން ވަަރަށް ހިނިއައިސްފައެވެ.

އެމީހުން އައިތާ އިރުކޮޅެއް ނުވެ އެ ފުލު ފުލުގައި ދަޢުވަތު ދެވިފައިވާ މީހުންތައްވެސް އައިސް ހަމަވެއްޖެއެވެ.ޢާއިލާގެ މީހުންނާއި ގާތް ރައްޓެހިންނެވެ. ލައިބާގެ ކުލާސް ކުދިންނެވެ. އެންމެންވެސް ތިބީ ލައިބާ އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

ޒައިން ކިހާ ހިސާބެއްގައިތޯ ބަލަން އަހަރެން އޭނާއަށް ގުޅުމުން ނަންބަރު ބިޒީކޮށްލާފައި ކާރުގައި ކަމަށް ބުނެ މެސެޖެއް ކުރިއެވެ.ޒައިން ދުއްވަން އިންނާނެތީވެ އިތުރަށް އުނދަގޫ ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ގަޑިން ހަތަރުގަޑި ބައިވެއްޖެއެވެ.ސާޅީސް ފަހެއްވެސް ހިނގައި ގޮސްފިއެވެ.މިހާރު އެއޮއްގެން ފަހެއް ޖަހަނީއެވެ. އަހަރެން ފަހުން ކުރި އެއްވެސް މެސެޖަކަށް ޒައިން ޖަވާބެއް ދިނީއެއް ނޫނެވެ.ގުޅަންވެސް ގުޅިއްޖެއެވެ. ފޯނު ނުނެގިތާގައި ބިޒީވެސް ކޮށް ނުލިއެވެ.އަހަރެން ހާސްވާން ފެށީ ދެނެވެ.ޒައިނަކީ ދުވަހަކުވެސް އެގޮތަށް ކަންތައް ކުރާ މީހެއް ނޫނެވެ.ޓުރެފިކުގަ ޖެހުނަސް މިހާރު އާދެވޭހާއިރު ވެއްޖެއެވެ.ދެގެ މާކަ ދުރީކީވެސް ނޫނެވެ.

”އަޅެ ޒައިން ފޯނެއްވެސް ނުނަގާ..މެސެޖަކަށް ރިޕްލައިވެސް ނުދޭ… އަނެއްކާ ކަމެއް ވީބާ…؟ އަހަރެން އެބަ ބިރުގަނޭ…“ ހާސްވެގެން އަހަންނަށް ދެފަރާތަށް ހިނގަން ފެށުނެވެ.

”އެބުނާހެން…ހާދަ ލަސްވެއްޖޭ ދޯ…ޒަމީރު… ދާންވީނުން ދެ ބަފައިން އެމީހުން ކޮބައިތޯ ބަލައިލަން…“ ޒައިންގެ މަންމަވެސް އިނީ ހާސްވެފައެވެ.

ބަފައިބެގެ ފޯނަށް ކޯލެއް އަންނަން ފެށީ އެ ވަގުތުއެވެ. އެމީހާ ފޯނު ނަގާފައި ކަންފަތުގައި ޖެހިގޮތަށް ހަމަ މިހާރު މިދަނީ އޭ ބުނެފައި ބާރަކަށް ދޮރާއި ދިމާލަށް ހިނގައިގަތެވެ.އެހިސާބުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެންމެނަށްވެސް ޔަގީންވިއެވެ.  އަހަރެންވެސް ދުވަމުން ކަހަލަ ގޮތަކަށް ބަފައިބެ  ފަހަތުން ނުކުންނަން ދިޔައީމެވެ.ފަހަތުން ބައްޕައާއި މަންމަ އަދި މައިދައިތަވެސް ނުކުތެވެ.މެހުމާނުންތައްވެސް ވީ ގޮތެއް ނޭނގިގެން ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ.

ބަފައިބެ ދިން ޚަބަރަކުން އަހަރެންގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.ޒައިންގެ ކާރު އެކްސިޑެންޓްވެ ދެ ބަފައިން ވަރަށް ބޮޑަށް ޒަޚަމްވެ، ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެލުމުން އަހަންނަށް އެހެނެއް ނުވާނޭ ކިޔާ އަޑުގެ ކޮޅަށް ރޮއެގަނެވިއްޖެއެވެ.

ލިފްޓަށް އިންތިޒާރުކުރުމެއްނެތި އަހަންނަށް ދުއްވައިގަނެވުނީ ސިޑިއާ ދިމާލަށެވެ.އަހަރެންގެ ހާލު ހުންނާނެ ގޮތް ވިސްނޭތީ ފަހަތުން އަހަންނަށް ގޮވަމުން އެ އެންމެންވެސް އައެވެ.އެހެނަސް އެފަދަ ނާޒުކު ދަނޑިވަޅެއްގައި އެންމެ ފަޅި ސިކުންތެއްވެސް ނަގާލާކަށް އަހަރެން ބޭނުމެއްނުވިއެވެ.އެ އިމާރާތުގައި އުޅޭ މީހުން ގިނަކަމުން ލިފްޓަށް އެހާ ބާރުބޮޑެވެ.

ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފޭބިއިރު ފަހަތުން އެމީހުންވެސް އަހަންނަށް ގޮވަމުން ފައިބާ އަޑު އިވެއެވެ.

އެހެން އެއްވެސް ކަމަކާ ވިސްނޭ ވަރަށްވުރެ އަހަރެންގެ ސިކުނޑިއަށް ލިބިފައިވާ ހާސްކަމާއި ބިރުވެރިކަން މާ ބޮޑެވެ.މަގުމައްޗަށް ނުކުމެވުނީވެސް ދެފައިގައި ހުރި ބާރެއްލައި ދުވެފައެވެ.އެވަގުތު ބާރު ސްޕީޑުގައި އައި ކާރެއްގެ ފުރޮޅުތައް ކެހިގެން ދިޔަ އަޑަށް ސިހިފައި އެދިމާލަށް އަހަންނަށް ބަލައިލެވުނެވެ.އެހެނަސް އޭރު މާ ލަސްވެއްޖެއެވެ.ބުރެކި ޖެއްސި ނަމަވެސް އަހަރެން ކުއްލިއަކަށް ނުކުތުމުން ޑުރައިވަރަށް ލިބުނު ސިހުމުގައި ބުރަކި ޖެއްސުނުލެއް ތަންކޮޅެއް ލަސްވީ އެވެ.ކާރުގައި ޖެހުނު ގޮތަށް އަހަރެން ވިއްސައިގެން ގޮސް މާ ދުރަށް ޖެހުނެވެ.އަހަރެންގެ ބޮލަށް ވަަރަށް ތަދުވިކަން އިހުސާސްވިއެވެ.ދެން ވީ ގޮތައް އަހަންނަކަށް ނޭނގެއެވެ.

މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ވަރުބަލި ގޮތަކަށް އަހަންނަށް ދެލޯ ހުޅުވައިލެވުނެވެ.އޭރު ބޮލުގައި ގަދަ ރިހުމެއް އުފެދިފައި ހުއްޓެވެ.ވަށައިގެންވީ މަންޒަރުތައް ރަނގަޅަށް ކުލަވީ ހިނދު އޮވެވުނީ ކޮންތާކުކަން އަހަންނަށް ވިސްނުނެވެ.ތެދުވަން މަސައްކަތް ކޮށްލީމެވެ. އެހެނަސް އަހަރެންގެ ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި،ގުޅާފައިވާ އެއްޗެހީގެ ސަބަބުން އެކަމަށް ހުރަސް އެޅުނެވެ.ކައިރީގައި ތިބި މަންމައާއި ބައްޕަ ސިހިފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ގައިގައި ހިފެހެއްޓިއެވެ.

”ދަރިފުޅާ ޒޫއާ…ހުމާމު އަވަހަށް ޑޮކްޓަރަށް ގޮވާބަލަ..“ މަންމަ ރޯން ފެށިތަން ފެނިފައި އަހަރެންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އަހަރެންގެ ގައިން ދޫކުރުން ބޭނުން ނުވެފައި ހުރި ފަދައަކުން ބައްޕަ ލަސް ލަހުން އަހަރެންގެ ގައިން ދޫކޮށްލިއިރު އެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ.

”އަވަހަށް ދޭބަލަ“ މަންމަ ތަކުރާރުކޮށްލިއެވެ.ބައްޕަ ދުވެފައި ކަހަލަގޮތަކަށް އެތަނުން ނުކުތެވެ.

”މަންމާ…ލައިބާ ކޮބާ؟ ޒައިން ކޮބާ؟ އެމީހުން ގާތަށް ދާން އަހަރެން ބޭނުމީ ހަމަ މިހާރު. މިވަގުތު.ކީއްކުރަންތަ މި އެއްޗެހިތައް ގުޅާފަ މިހުރީ…؟ކޮން އިރަކު އަހަރެން މިތާ އެޑުމިޓުކުރީ…؟ ހެޔޮނުވާނެ… އަހަރެންގެ ދަރިފުޅާ ފިރިމީހާ ކައިރިއަށް ގެންގޮސްދީ…“ އަނގަޔަށް ގުޅާފައިވާ ހޮޅީގެ ސަބަބުން އެ ބަސްތައް ދުލާ ހަމައަކަށް ނުގެނެވުނެވެ.އަހަރެން އޮތް ހާލު އިހުސާސްވުމުން އަހަންނަށް ރޮވެން ފެށުނެވެ.އޭރު ލައިބާ އާއި ޒައިންގެ ހާލު ނޭނގިގެން އަހަރެންގެ ހިތް ކުދި ކުދިވަނީއެވެ.

އެވަގުތު ބައްޕައާއި އެކު ދިވެހި ޑޮކްޓަރަކާއި ނަރުސް ކުއްޖަކު އައިސް ވަނެވެ.ޑޮކްޓަރ އަހަރެންގެ ގާތަށް ލެފިލިއެވެ. ނަރުސް ކުއްޖާވެސް އައިސް އަހަރެންގެ ގަޔަށް ގުޅާފައިވާ ބައެއް އެއްޗެހި ނައްޓަން ފެށިއެވެ.އަނގަޔަށް ގުޅާފައިވާ ހޮޅި ނައްޓައިލުމުން ފުރަތަަމަވެސް އަހަރެން ތަކުރާރުކޮށްލީ ހިތާއި ހިތުން ބުނެލި ބަސްތަކެވެ.އަޑުވެސް ނުކުތީ ފާޑަކަށެވެ.އަނގައިގަވެސް އެހާ ވަރެއް ނެތެވެ.އެ ޖުމްލަތައް އިވިފައި މަންމައާއި ބައްޕަ ދެމީހުން ދެމީހުންގެ މޫނަށް ބަލައިލީ ދޭނޭ ޖަވާބެއް ނޭނގިގެން  ބަލައިލި ފަދަ ގޮތަކަށެވެ.

”ބައްޕާ..ކޮބާ ޢަދަން…؟ ޒައިން މަންމަ ގާތުގައިތަ؟ އަޅެ ލައިބާ ގާތަށް ގެންގޮސްދީބަލަ.“އަހަރެން ރޮމުން ބުނެލީމެވެ.އެއްޗެކޭ ބުނުމުގެ ބަދަލުގައި މަންމައާއި ބައްޕަގެ ނަޒަރު ސީދާކޮށްލީ ޑޮކްޓަރުގެ މޫނަށެވެ.އެވަގުތު ޑޮކްޓަރ ވެސް އެމީހުންނާ ދިމާލަށް ބަލާލާފައި ބޯ ޖަހާލައިފިއެވެ.އަދި އަހަރެންގެ ނަމުން ގޮވައިލިއެވެ.

”ޒޫއާ…ޒޫއާ އެންމެ ފަހުން ހަނދާން ހުރީ ކޮންކަމެއް…؟ޒޫއާއަށް ވީ ގޮތް ހަނދާން އެބަހުރިތަ؟“ ޑޮކްޓަރ އަހައިލިއެވެ.

”ލައިބާ…ޒައިން… އެކްސިޑެންޓް… އެކްސިޑެންޓް…“ އަހަންނަށް އެބަސްތައް ތަކުރާރުކޮށްލެވުނެވެ.ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް އެކްސިޑެންޓެއްގެ ފަނޑު ހަނދާނެއް އާކޮށް ދެމުން ދިޔައެވެ.

”ޒޫއާ އިޓްސް އަ މިރެކަލް ހަމަ ޒޫއާ ހޭއެރިކަން…އުންމީދު ވަރަށް ކުޑަވެފައިވަނިކޮށް އެނބުރި ތިއައީ…ޒޫއާއަށް އިނގޭތަ މި ކޮން ދުވަހެއްކަން..؟“ ޑޮކްޓަރ އަހައިލިއެވެ.

”އޮކްޓޫބަރ ބާވީސް ދެހާސް ބާވީސް…“އަހަރެންގެ ހަނދާނުގައި ހުރި ގޮތަށް ބުނެލީމެވެ.އެ ޖަވާބު އަހާފައި ޑޮކްޓަރ ދޫކޮށްލީ ފުން ނޭވާއެކެވެ.

”ޑޮކްޓަރ ކިހިނެއް ވެގެން ތޯ މިއުޅެނީ…؟ކީއްވެތޯ އަޅުގަނޑު އެޑްމިޓްކުރީ؟އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ ދަރިފުޅާ ފިރިމީހާއާ ގާތަށް ދާން… އެމީހުން ކާރު އެކްސިޑެންޓެއްވެގެން ވަރަށް ކްރިޓިކަލް… އަޅުގަނޑު ދޫކޮށްލައްވާ..އައި ރިއަލީ ނީޑް ޓު ސީ ދެމް“ އަހަރެން އަޑަށް ބާރުލާފައި ބުނެލީމެވެ. އަހަންނަކީ ބަލިމީހެއް ފަދައިން އެންމެން އަހަންނާ ދޭތެރޭ ކަންތައް ކުރަމުންދާތީ އަހަރެން ރުޅި ގަދަވިއެވެ.

”ޒޫއާ…ލިސަން…ވަރަށް ދެރަވޭ މިހެން ބުނަންވެސް.މީ ދެހާސް ފަންސަވީސް ވަނަ އަހަރު.ދެހާސް ބާވީސްވަނަ އަހަރު ޖުލައި މަހު ހިނގި ވަރަށް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޒޫއާގެ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން މިއަދާ ޖެހެންދެން ޒޫއާ ތިއޮތީ ކޯމާއެއްގައި. ޒޫއާ އަލުން ލޯ ހުޅުވާލާނެ ކަމުގެ އުންމީދު ވަރަށް ކުޑަވެފައިވަނިކޮށް ތިއައީ…މީ ހަމަ މިރެކަލްއެކޭ ބުނެވޭނީ…އަމް ސޯ ސޮރީ ބަޓް ދި ހަޒްބެންޑް އެންޑް ދި ކިޑްސް އެއީ އެއްވެސް ހަގީގަތެއް ނޫން…“ ޑޮކްޓަރ މާޔޫސީ ރާގަކަށް ބުނެލިއެވެ.

އެހެނެއް ނުވާނޭ ކިޔައި އަހަންނަށް ޑޮކްޓަރާ ދިމާލަށް ހަޅޭއްލަވައިގަނެވުނެވެ.އެއީ ހަގީގަތް ކަމުގައި ގަބޫލު ކުރަން އަހަންނަށް ދަތިވީއެވެ.މަންމައާއި ބައްޕަ އަހަރެން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.މެއާއި ދިމާއިން ދެއަތް ހުރަސްކޮށް އަޑުގެ ނެތްތަނަށް ރޮއެގަންނަމުން ޑޮކްޓަރު ދެއްކި ވާހަކަތައް ދޮގުކޮށް ދިނުމަށް މަންމައާއި ބައްޕަ ގާތުގައި އަހަރެން އާދޭސްކުރަން ފެށީމެވެ.

އަހަރެން މަސަލަސް ކުރަން ވަގުތު ދީގެން ޑޮކްޓަރު ހުއްޓެވެ. އަދި އިތުރު ޓެސްޓްތައް ހަދައި އިތުރަށް މޮނިޓަރ ކުރަން ޖެހޭކަމަށް ބުނެ ނަރުސް ކުއްޖާއަށް އިރުޝާދު ދެމުން ދިޔައެވެ.

”ދަރިފުޅުގެ ކޯސްވެސް ނުނިމޭ.ޔުނިވާރސިޓީގަ އޮތް އިވެންޓަކަށް ގޮސްފައި ގެއަށް އައި މަގުމަތީގައި ދަރިފުޅު އިން ޓެކްސީ އެކްސިޑެންޓްވީ… ޑުރައިވަރު ސަލާމަތެއް ނުކުރެވުނު.ދަރިފުޅަށްވެސް ވަރަށް އަނިޔާވެފައި އޮތީ…މަންމަ ހިއެއްވެސް ނުކުރަން އަނބުރާ ދެން މި އަތަށް އަންނާނޭ ކަމަކަށް.ސިކުނޑިއަށް ލޭ އެޅި އެތަން މިތަނުން ފަހަން ޖެހުނު. އަތާއި ފަޔާ މޭކަށިގަނޑުވެސް އެތައް ތަނަކުން ބިނދިފައި އޮތީ.. ދަރިފުޅަށް ހާދަ ވަރެއް ވިޔޭ..އެކަމަކު މާތް ކަލާނގެ ކުޅަދުންވަންތަކަން ދެކިބަލަ…“ މަންމަ ރޮމުން އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.

ހޮސްޕިޓަލުން އަހަރެން ދޫކޮށްލި ނަމަވެސް ބަރާބަރަށް ފިޒިއޮތެރަޕީ ހަދައި، ގަވާއިދުން ޑޮކްޓަރަށް ދައްކަން ޖެހުނެވެ.

ގެއަށް އާދެވުނު ފުރަތަަމަ ދުވަހުވެސް އަހަރެންގެ  ހަނދާނަށް އައީ އަހަރެންގެ އެ އުފާވެރި ޚިޔާލީ އާއިލާއެވެ.އަހަރެމެން ދިރިއުޅުނު ތަނަވަސް  އެޕާޓްމަންޓެވެ.ލައިބާއާއި ޢަދަންގެ އުފާވެރި ހުނުމުގެ އަޑު އަދިވެސް ކަންފަތް ކައިރީގައި ގުގުމާހެން ހީވެއެވެ.ޒައިންގެ ލޯބިވެތި ބީހުންތަކަކީ އުފާވެރި ބިލާހެއްކަން ހަނދާންވާ ކޮންމެ ފަހަރަކު ދެލޮލުން ކަރުނަ ހިލިގެން ދެއެވެ. އެމީހުން ނެތުމުގެ ފަޅުކަން އަހަރެންގެ ހިތުގައިވަނީ ފޫނުބެއްދޭނޭ ފަދަ ހުސްކަމެއް އުފައްދައިފައެވެ. އެހެނަސް ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށްޓަކައި އެއީ ހަގީގަތް ނޫންކަން ގަބޫލުކުރަން އަހަންނަށް މިއަދު މަޖުބޫރެވެ.

(ނިމުނީ)

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 41

Next

އަބަދުވޭ ހިތުގާ މަގޭ 2 (27)

Next
February 12, 2026

އަބަދުވޭ ހިތުގާ މަގޭ 2 (27)

Previews
February 12, 2026

އެދިގެން ކަލާ ލިބޭތޯ 41

4 Comments!

  1. Shira says:
    February 12, 2026 at 1:51 pm

    So heart touching.. Literally cryyinggg😭😭😭

    1. Lamtty Lamtty says:
      February 12, 2026 at 3:34 pm

      Thank you Shira ❤️

  2. Naureen says:
    February 12, 2026 at 7:30 pm

    I thought zain and laiba maru v kamah..
    Heart touching story..
    In irakun dhn dhigu vhk eh kiyaalan libeynee?

    1. Lamtty Lamtty says:
      February 13, 2026 at 8:41 am

      Eheh ehen dho
      Thank you Naureen ❤️
      Dhigu vaahaka genesdheynan Insha Allah complete kohlevuneema.❤️

Comments are closed.



All Right Reserved!