
(ދިހަ ވަނަ ބައި)
ފޯނުން އައްސަދުގެ ނަމްބަރު މާނީ ހޯދާލިއެވެ. އެނަމްބަރަށް ބަލަން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. ގުޅަންވީކަމެއް ނުގުޅަންވީ ކަމެއް ނޭނގިފައެވެ. ނަމަވެސް ހިތްވަރުކޮށްފާ ގުޅަން އޭނާ ނިންމިއެވެ. އެނަމްބަރަށް ޑައިލް ކުރަން އޭނާގެ އަތް ހަރަކާތް ކުރި އިރު އޭނާގެ އަތް ތުރުތުރު އަޅައެވެ. ވަރަށް ހިތްވަރުން ޑައިލް ކޮށްލުމަށްފަހު އޭނާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. ފޯނު ރިންގްވާން ފެށުމުން އޭނާއަށް ހިންދިރުވާލެވުނެވެ. އިރުކޮޅަކު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ. މާނީގެ ކަންފަތުގައި ޖެހުނު އަޑުން އޭނާ ހައިރާންވެ ދެލޯ ބޮޑުވިއެވެ. އެއީ އައްސަދުގެ އަޑު ނޫން ނަމަވެސް އެއީ ކޮންއަޑެއްކަން އޭނާ ދެނެގަތެވެ.
“ތައުފީގު؟” މާނީއަށް އަހާލެވުނެވެ.
“ކޮން ކުއްޖެއް؟” ނަމަވެސް ތައުފީގަކަށް އެއީ ކާކު ކަމެއް ނޭނގުނެވެ. ވާނީވެސް އެހެންތާއެވެ. އިޔަންގެ ރަހުމްކުޑަ ހަމަލާތަކާއި ކުރަން ޖެހުނު ހިތާމައިގެ ސަބަބުން މާނީގެ އަޑަށްވެސް ގެންލުންވީއެވެ. ގެއްލުމެއް ނުވެ ހުރީ ހަމައެކަނި އޭނާގެ ފުރާނައަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މާނީއަށް ރޮވުނެވެ. އެފަދަ ހާލަތެއްގައި އެފަދަ ގޮތަކަށް ތައުފީގާއި ބައްދަލު ވެދާނެ ކަމަކަށް މާނީ ހިއެއް ނުކުރެއެވެ. ތައުފީގުވެސް އޭނާއަށް ވަފާތެރިވީ ހިނދު ބަދަލުގައި ކެހިވެރިކަމުގެ އަތުން އޭނާގެ ހިތަށް ފިތާލީއެވެ. ހިތްވަރުކޮށްފައި މަޢާފަށް އެދެމުން އެއީ ކާކުކަން މާނީ ތައުފީގަށް އޮޅުންފިލުވާދިނެވެ. ތައުފީގަށްވެސް ރޮވުނެވެ. މާނީ އާއި ބައްދަލުވީ ކަމަށްޓަކައި ތައުފީގު އުފާ ކުރިއެވެ. އަދި ކަންތައްތައް ހިނގާދިޔަ ގޮތް ތައުފީގު މާނީއަށް ކިޔާދިނެވެ.
ކަންތައް ހިނގާ ދިޔަ ގޮތް އެނގުމާއެކު މާނީ ބޭނުންވީ މާލެ ދިއުމަށެވެ. އައްސަދަށް އެހީތެރިކަން ބޭނުންވި ހިނދު އެ އެހީތެރިކަން ފޯރުކޮށްދޭން އޭނާ ބޭނުންވިއެވެ. އެހެންކަމުން މާނީ މަދަދަށް އެދުނީ ލާރާގެ ފަރާތުންނެވެ.
“މާނީ ތިކަން ކުރަން ބޭނުމިއްޔާ އަހަރެން ފަހަކަށް ނުޖެހޭނަން. މާލެ އެއް ނޫން ދުނިޔޭގެ ކޮންމެތާކަށް ދާން ބޭނުން ވިޔަސް އަހަރެން މިހިރީ ކޮންމެ ހާލެއްގައިވެސް މާނީ ފޮނުވަން ތައްޔާރަށް.” ލާރާގެ ފަރާތުން ލިބުނީ މާނީ އުންމީދު ކުރި ވަރަށްވުރެވެސް ފުރިހަމަ ޖަވާބެކެވެ.
މާނީ މާލެ ދާން ޖެހޭނީ އިޔަންއަށް ފިލައިގެންނެވެ. އިޔަން ގާތު ބުނެގެން އެކަން ނުވާނެކަން ދެމީހުންނަށްވެސް ޔަގީންވެއެވެ. އެހެންކަމުން އިޔަންއަށް ސިއްރުން ލާރާ ހުރިހާ ކަމެއް ހަމަޖެއްސަން ވަގުތު ނެގިއެވެ. މާނީއަށް މާލެ ދާން ފުރޭވަރުވީ އެ ހާދިސާ ހިނގިތާ ތިން ދުވަސް ފަހުންނެވެ.
މާލެއިން މާނީއަށް މަރުހަބާކީ ތައުފީގެވެ. މާނީގެ އިސްތިގުބާލުގައި އެއަރޕޯޓުގައި ހުރި ތައުފީގު ރަސްމީ ހެދުމުގައި ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. މިފަދަ ގޮތަކަށް ތައުފީގު ފެނިދާނެ ކަމަކަށް މާނީ ހީވެސް ނުކުރެއެވެ. ތައުފީގަށްވެސް ވީ އެފަދަ ގޮތެކެވެ. މީހުންގެ ހިތްތައް ކަތިލާހާ ފުރިހަމަކޮށް ހެދިފައި ހުރި މާނީއަށް އެފަދަ ބަދަލެއް އައިސްފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެތާޒާ މާ އެހާ އަވަހަށް މިލާ މޯޅިވީތީ އޭނާގެ ހިތުގައި ޖެހުނެވެ. ގުޅެވުނު ބައިވެރިއެއްގެ ފަރާތުން އަނިޔާ ލިބުނު ކަމަށް މާނީ ކިޔާދީފައިވީ ނަމަވެސް މިވަރު ވެދާނެ ކަމަކަށް ހީވެސް ނުކުރެވެއެވެ. އާއެކެވެ. ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އެންމެންގެ ދިރިއުޅުމަށްވެސް ބަދަލުތަކެއް އައެވެ. ބޮޑެތި ބަދަލު ތަކެކެވެ.
ފަސް އަހަރު ކުރި
ޓެކްސީއެއްގެ އިންތިޒާރުގައި ދުވާރުމަތީގައި މާރިޔާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މިހާރު ދެތިން ޓެކްސީއަށް އަތް ނެގިއްޖެއެވެ. ނަމަވެސް ހުސް އެއްޗަކާ ދިމާލެއް ނުވެއެވެ. އެވަގުތު މާރިޔާގެ ފުރަގަހުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އައްސަދު ކަމަށް ހީކޮށް މާރިޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހިނިތުމަކާއެކު ފުގަހަށް އެނބުރިލުމާއެކު އޭނާގެ ދެލޯ ބޮޑުވެ ސިހުންލިބުނެވެ. އެއުފާވެރިކަން ބަދަލުވީ ބިރަށެވެ. އެއީ ތައުފީގެވެ. މާރިޔާއަށް ފަހަތަށް ޖެހިލެވުނެވެ. އެވަގުތު އެދެމީހުންގެ ދެމެދަށް ވަނީ އައްސަދެވެ. އައްސަދު ހުރީ މާރިޔާއަށް ފުރަގަސްވާ ގޮތަށް ތައުފީގަށް ކުރިމަތިލައިގެންނެވެ. ބިރުގެންފާ ހުރި މާރިޔާއަށް އައްސަދުގެ އަތުގައި ހިފާލެވުނެވެ. އެވަގުތު ތައުފީގުގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އޭނާ ގިސްލަ ގިސްލާފައި ރޯން ފެށުމުން މާރިޔާއާއި އައްސަދުވެސް ހައިރާންވިއެވެ.
ބޮޑު ފިރިހެނަކު މަގުމަތީ ހުރެ ރޮމުން ދިއުމުން ހިނގާ މީހުންގެ ނަޒަރު އެތިން މީހުންނަށް ހުއްޓެން ފެށިއެވެ. އެހެންކަމުން އައްސަދު، ތައުފީގު އެތެރެއަށް ވެއްދިއެވެ. މާރިޔާވެސް ވެއްދިއެވެ. ވީކަމެއް ތައުފީގު ކުރެން އެހުމުން ހިތްވަރުކޮށްފާ އޭނާ ކިޔާދިނެވެ. މާނީއާއި ތައުފީގުގެ ދެމެދުގައި އޮތް މުޑުދާރު ގުޅުން އެނގުމުން އައްސަދާއި މާރިޔާވެސް ހައިރާންވިއެވެ. މާނީއާއި އިތުރު މީހަކާ ގުޅުން އޮތް ކަމަށް އައްސަދަށް ކުރިންވެސް ޝައްކެވެ. ނަމަވެސް އެހާ ހަމައަށް ކަންތައް ހިނގައިދާނެ ކަމަކަށް ހީކުރެވިފައެއްނެތެވެ. އޭނާއަށް މާ ބޮޑަށް މާނީއަށް އިތުބާރު ކުރެވުނީއެވެ. އޭނާގެ ކަށީގައި ހިފާފައިވި މުޑުދާރު ޢަމަލާއި އޭނާ ދުރަށް ގޮސްފި ކަމަށް ގަބޫލު ކުރެވުނީއެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. މާނީ މަތިން އައްސަދު މުޅިން ފޫހިވިއެވެ. މާނީ ހޯދަން މަސައްކަތް ކުރުމަށް އޭނާގެ ސިނކުޑީގައިވި ޚިޔާލުވެސް ބަދަލު ކުރިއެވެ. ދެން ދުވަހަކުވެސް އެ ސުންޕާ މޫނު ނުދެކެން އޭނާ ނިންމިއެވެ.
ތައުފީގު ތަކުރާރުކޮށް މާފަށް އެދުމުން އައްސަދު އޭނާއަށް މާފު ކުރީ ހެޔޮ ހިތުންނެވެ. އެކަމުގައި ތައުފީގުގެ ކުށަށްވުރެ ބޮޑީ މާނީގެ ކުށް ކަމުގައި ގަބޫލު ކުރެވުނީތީއެވެ. އަދި މިއަދު އެދެމީހުންނަށް ޖެހިފައިވާ ހާލަކީ އެއް ހާލެއް ކަމަށްވެފައި އެއަޅާ ވޭން އައްސަދަށްވެސް އިހުސާސް ކުރެވޭތީއެވެ. އައްސަދުގެ މާފު ލިބުމާއެކު ތައުފީގު ނިންމީ އެނބުރި ރަށަށް ދާށެވެ. މާރިޔާވެސް އިތުރަށް އެތާ ހުރުމުގެ ބޭނުމެއް ނެތުމުން ތައުފީގާއެކު ރަށަށް ދާން ނިންމިއެވެ. މާނީގެ ފަރާތުން މާރިޔާއަށް ކެހި ލިބުނުކަން އެނގުނު ހިސާބުން ތައުފީގުގެ ހިތުގައި މާރިޔާއަށްވަނީ ހަމްދަރުދީއެވެ. އެހެންނަމަވެސް އެމީހުންގެ ރަށަށް ދަތުރު ކުރާ ބޯޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ކަމުން އައްސަދުގެ އެދުމަށް އެދެމީހުންވެސް އެރޭ އެގޭގައި މަޑުކުރިއެވެ.
މާރިޔާ ފުރާ ވަގުތު ގާތްވީ ވަރަކަށް އައްސަދުގެ ހިތް ތެޅެމުން ދިޔައެވެ. އޭނާއަށް މާރިޔާދެކެ ވެވިފާ މިވަނީ ހަގީގީ ލޯބި ކަމަށް އޭނާއަށް ގަބޫލު ކުރެވެއެވެ. ނަމަވެސް ދުލާ ހަމައަށް އެ އިހުސާސްތައް ގެންނަން ނުކެރެނީ މާރިޔާގެ ހިތުގައިވާ އެއްޗެއް ނޭނގޭތީއެވެ. މާރިޔާވެސް އޭނާދެކެ އިންތިހާއަށް ނަފުރަތު ކުރާނެ ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ. ނަމަވެސް މާރިޔާގެ ހިތުގައި އައްސަދަށް އެއްވެސް ބުރަ ކަމެއް ނެތެވެ. އަދިވެސް އޮތީ ހަމަ ލޯތްބެވެ. ކުރިންވެސް އޮތް ތާޒާ ކަންމަތީގައެވެ. ނަމަވެސް މާނީ އައްސަދު ދޫކޮށްލާފައި ދިއުމުން އައްސަދަށް ލިބުނު ހިތްދަތިކަން ފެނުނު ހިނދު މާނީދެކެ އައްސަދުވާ ލޯބީގެ ބާރުގަދަކަން މާރިޔާއަށް އިހުސާސް ކުރެވުނެވެ. އެހެންކަމުން އޭނާގެ އިހުސާސްތައް ހިތުތެރޭގައި ވަޅު ލީއެވެ.
މާރިޔާ ފަސްއެނބުރު ވަގުތު، މާރިޔާއާއި ތައުފީގުގެ ދަތުރު އެރެހައްޓަން ގޮސް ހުރި އައްސަދަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އަހަރެން ދޫކޮށްފައި ނުދާށޭ ބުނެވުނީ، އޭނާގެ ފިނޑިކަމުން އޭނާގެ ލޯބި އަތުން ބީވެދަނީކަމަށް ހިތް ވިސްނައިދިން ހިނދުގައެވެ. މާރިޔާއަށް ސިހުންލިބި އައްސަދުގެ މޫނަށް ބަލާލެވުނީ ފެންކަޅިވެފައިވީ ނަޒަރަކުންނެވެ. ތައުފީގަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. މާރިޔާވެސް އައްސަދުދެކެ އިންތިހާއަށް ލޯބި ވާކަން އައްސަދަށް އެނގުނީ، ރޮއެގެންފާ އައްސަދު ގައިގާ ބައްދައިގަންނަމުން މާރިޔާ ދެއްކި ވާހަކަތަކުންނެވެ. އައްސަދަށް ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ދައްޗެވެ. ތައުފީގުވެސް އުފަލުންހުރެ އެކަމަށް މަރުހަބާކިއެވެ. އެކަމާ ހައިރާންވީ މާރިޔާއެވެ. އައްސަދު މާރިޔާއާއި ކައިވެނި ކުރަން ބޭނުން ވުމުން އެމީހުންގެ ކައިވެނީގައި ބައިވެރިވުމަށް ދުވަސްކޮޅަކު މަޑު ކުރުމަށް ތައުފީގު ކުރެން އައްސަދު އެދުމުން ތައުފީގު އެކަންވެސް ގަބޫލު ކުރިއެވެ.
ކަންބޮޑުވެފައިވީ މާރިޔާއަށް އެރެއަކު ނުނިދުނެވެ. ތައުފީގަކީ މާރިޔާއާއި ހެދި މޮޔަ ވެގެން އުޅުނު މީހެކެވެ. ނަމަވެސް މިއަދު އޭނާގެ ލޯބި އެހެން މީހެއްގެ ހައްގެއް ކަމަށް ވެގެން ދާއިރު އެހުރީ ހެވިފައި ބަލަހައްޓައިގެންނެވެ. އެއީ އޭނާ ދަންނަ ތައުފީގެއް ނޫނެވެ. ތައުފީގު މިއަދު އޭނާގެ ހައްގު ހޯދަން ވަކާލާތު ނުކުރުމުން މާރިޔާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އޭގެ ޖަވާބު ހޯދަން މާރިޔާ ތައުފީގާއި ބައްދަލު ކުރިއެވެ.
މާރިޔާދެކެ ވެވުނީ ހަގީގީ ލޯބި ކަމަށް ގަބޫލު ކުރެވުނު ދުވަސްވަރެއް ދިޔަ ކަމަށާއި ނަމަވެސް އެއީ އޭނާއަށް ކުރެވުނު ކުށްހީއެއް ކަމަށް ތައުފީގު ބުންޏެވެ. އޭނާއަށް މާނީ ދެކެ ވެވުނު ލޯތްބާއި ގާތްކުރާ މިންވަރަކަށްވެސް މާރިޔާދެކެ ލޯބި ނުވެވޭ ކަމަށްވެސް ބުންޏެވެ. އެދުވަހު އޭނާގެ ހުށަހެޅުމަށް މާރިޔާ ފުރަގަސް ދިނުމުން ލިބުނު ހިތްދަތިކަމާއި، މާނީ އޭނާއަށް ފިލައިގެން ދިއުމުން ލިބުނު ހިތްދަތިކަން އަޅާކިޔާވެސް ނުލެވޭނަކަމަށް ތައުފީގު ބުންޏެވެ. އެލިބުނު ހިތްދަތިކަމުގެ ސަބަބުން ތައުފީގު ދުނިޔެމަތިން ފޫހިވި ކަހަލައެވެ. ހިތާމަޔާ ވޭނުގައި އެކުލެވިގެންވާ ރިހުމާ ކެކުޅުން އޭނާއަށް މިއަދު މިވަނީ އިހުސާސްވެފައެވެ. މީހުންނަށް ކުރެވިފައިވާ ގޯނާތަކާއި ދެވިފައިވާ ލަނޑުތަކާމެދު މިއަދު އޭނާ ހިތާމަކުރެއެވެ. އެކަންކަމާމެދު ލަދުވެތިވެއެވެ. އެހެންކަމުން އޭނާގެ ޙަޔާތުގެ ބާކީ އޮތް ތާންގާ އޭނާ ބޭނުންވަނީ މީހުން އުފާކޮށްދޭށެވެ. މީހަކަށް ދެރައެއް ދެވޭނެ ވަރުގެ ހިތްވަރެއްވެސް މިއަދަކު އޭނާގެ ކިބައަކު ނެތެވެ. އޭނައަށް، މާރިޔާއަށްވެސް ކުރެވުނު އެކިވަރުގެ ގޯނާތަކަށް މާރިޔާ ކުރެން މާފަށް އެދުނެވެ. ތައުފީގަށް ވިސްނުނީތީ އެކަމާ އުފާކުރި މާރިޔާ ހިތް ސާފު ކުރުމަށްފަހު ތައުފީގަށް މާފު ކުރިއެވެ.
ކައިވެނި ކުރުމުގެ ކުރިން މާރިޔާގެ މައިންބަފައިންގެ ހިތް ހަލާލުވެސް ހޯދަން ޖެހެއެވެ. ނަމަވެސް ކަންތައް ހިނގާދިޔަ ގޮތުން މާރިޔާއަކަށްވެސް އަދި އައްސަދަކަށްވެސް އެމީހުންނަށް ގުޅާކަށް ނުކެރުނެވެ. އެހެންކަމުން އެކަންތައްކޮށްދިނީ، އަބަދުވެސް އައްސަދުގެ އުފާތަކަށް މަރުހަބާ ކިޔަމުންދާ އޭނާގެ ބައްޕަ އަބޫބަކުރެވެ. އަބޫބަކުރު، ހުސޭނަށް ގުޅާ ހުރިހާ ވާހަކައެއް ކިޔާ ދިނުމުން ފުރަތަމަ ހުސޭނު ގާތަށް އައީ ރުޅިއެވެ. ނަމަވެސް ވާހަކަ ދައްކައިގެން ހުސޭނު ހަމައަކަށް އެޅުމުން އެދެމީހުންގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އާއިލީ ގުޅުމަކަށް ބަދަލުކޮށްލުމަށް އެދުމުން، ޒާހިރާއާއި މަޝްވަރާ ކުރުމަށްފަހު މާ ބޮޑު ދެބަސްވުންތަކެއް ނެތި ހުސޭނު އެކަމަށް އެއްބަސްވިއެވެ.
ކައިވެންޏަށްފަހު އައްސަދާއެކު މާރިޔާވެސް ދިރިއުޅެމުން ދިޔައީ މާނީވެސް ދިރިއުޅުނު އެޕާޓްމަންޓުގައެވެ. ތައުފީގުވެސް ދެން އެނބުރި ރަށަށް ދާކަށް ގަސްތެއް ނުކުރިއެވެ. އޭނާ ބޭނުންވީ މާލެއިން ކޮންމެވެސް ކަހަލަ މަސައްކަތެއް ހޯދައިގެން މާލޭގައި ދިރިއުޅުމަށެވެ. ތައުފީގުގެ ވިސްނުން ހުރި ގޮތް އައްސަދަށް އެނގުމާއެކު އެކަމުގައި ތައުފީގަށް އެހީތެރިވުމަށް އައްސަދު ނިންމިއެވެ. އެގޮތުން އައްސަދު މަސައްކަތް ކުރާ އޮފީހުން ތައުފީގަށް އެކަށިގެންވާ ވަޒީފާއެއް އޭނާ ހޯދައިދިނެވެ. އަދި ކުލި ދައްކަން ނުޖެހޭ ގޮތަށް އެގޭގައި ހުރުމުގެ ފުރުސަތުވެސް އައްސަދު ތައުފީގަށް ދިނެވެ. ތައުފީގު އެކަމާ ވަރަށް ބޮޑަށް އުފާކޮށް އައްސަދަށް ވަރަށް ޝުކުރު ކުރިއެވެ.
އޭގެ ދުވަސްކޮޅެއްފަހުން އައްސަދުގެ ކިޔެވުންވެސް ނިމުނެވެ. ކިޔެވުން ނިމުމާއެކު އޭނާ ގަސްތުކުރީ ވިޔަފާރިއެއް ފެށުމަށެވެ. ކާމިޔާބު ވިޔަފާރިވެރިއަކަށްވުމަކީ އައްސަދުގެ އަބަދުގެވެސް ހުވަފެނެކެވެ. އޭނާގެ ހުވަފެނުގައި ކުލަ ޖެއްސުމަށް ފުރަތަމަވެސް މަދަދަށް އެދުނީ ތައުފީގުގެ ފަރާތުންނެވެ. ނަމަވެސް ތައުފީގު އިސްޖަހާލިއެވެ. އޭނާއަކީ އެހާ ވަރަށް ކިޔަވައިގެން ހުރި މީހަކަށް ނުވުމުން އެކަމުގައި އޭނައަށް ކުރެވޭނެ ކަމެއް ނެތް ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް އައްސަދު ބޭނުންވީ ތައުފީގަށް ކިޔަވާދީގެން ނަމަވެސް އޭނާގެ ވިޔަފާރީގައި ޝާމިލް ކުރުމަށެވެ. ވޭތުވެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި އައްސަދާއި ތައުފީގާއި ދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެކެވެ. އައްސަދު، ތައުފީގު ދެކެނީ އޭނާގެ ކޮއްކޮއެއްގެ ގޮތުގައެވެ. އެހެންކަމުން އެކަމުގައި ތައުފީގަށްވުރެ އިތުބާރު ކުރެވޭ މީހަކު އޭނާއަކަށް ނެތެވެ.
ތައުފީގުގެ ކިޔެވުން ފެށުނީ އެހިސާބުންނެވެ. އޭނާ އޯލެވެލް އާއި ހަމައަށް ކިޔަވާފައި ހުރި ނަމަވެސް ނަތީޖާ ރަނގަޅެއް ނޫނެވެ. އެހެންކަމުން އޭނާ ގަސްތުކުރީ އަލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާށެވެ. އެކަމަށް އޭނާ ގަދައަޅާ މަސައްކަތް ކުރިއެވެ. ރޭގަނޑުގެ ކުލާސްތަކަށް ގޮސްގެން ފޫހިކަމެއްނެތި ކިޔަވަމުން ގެންދިޔައެވެ. ގޭގައިވެސް ހުއްޓާނުލާ ކިޔެވުމުގައި މަސްޢޫލުވެ އުޅުނެވެ. މާރިޔާއާއި އައްސަދުވެސް ތައުފީގަށް ވަރަށް އެހީތެރިވިއެވެ. ކެނޑިނޭޅީ ގަދައަޅާ ކުރި މަސައްކަތުން ތައުފީގަށް ކާމިޔާބު ލިބުނެވެ. އޭނާއަށް އިތުރު ކޯހެއްގައި ބައިވެރިވެ ތަޢުލީމީ ގޮތުން ކުރިއަށް ދެވޭނެވަރުގެ ނަތީޖާއެއް އޯލެވެލް އިމްތިހާނުން ލިބުނެވެ. އޭރު އައްސަދުވެސް އޭނާގެ ވިޔަފާރީގެ ބިންގާ އަޅައިފިއެވެ. އޯލެވެލް ނިމުމުންވެސް ތައުފީގު ކިޔެވުން ހުއްޓައެއް ނުލައެވެ. ވިޔަފާރީގެ ތެރޭގައި އުޅެމުންވެސް އޭނާ ކިޔަވަމުން ގެންދިޔައެވެ. އެކަމުގައި އައްސަދާއި މާރިޔާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. ހަމައެފަދައިން ތައުފީގުވެސް އައްސަދަށް އެއްބާރުލުން ދެމުން ގެންދިޔައީ އެއީ އޭނާގެވެސް ކަމެއް ކަމަށް ދެކިގެންނެވެ.
އޭގެ އެއް އަހަރު ފަހުން އެމީހުންނަށް އުފާވެރި ޚަބަރެއް ލިބުނެވެ. އެ ޚަބަރު ލިބުނީ މާރިޔާގެ ފަރާތުންނެވެ. މާރިޔާއާއި އައްސަދުގެ ދިރިއުޅުމަށް އިތުރު އުފާތަކަކައިގެން އުފަންވި ތުއްތު ތުއްތު އަންހެން ކުއްޖާއަށް ދެމީހުންވެސް މަރުހަބާކީ އުފަލުން ބަންޑުންވަމުންދިޔަ ހިތްތަކަކުންނެވެ. އެކުއްޖާގެ ނަމަކަށް މާރިޔާ ކިޔަން ބޭނުންވީ މާނީއެވެ. އެއީ އެލިބުނު އުފާތަކާއެކު އެމީހުންގެ ހިތް މާނީއަށްޓަކައި ސާފު ކުރިކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. އެއުފާވެރި ދުވަހު ކޮށްދެވޭ ޞަދަޤާތެއްގެ ގޮތުންނެވެ. ނަމަވެސް އައްސަދަކަށް އެކަމާ އެއްބަހެއް ނުވެވުނެވެ. މާނީއަށް ޞަދަގާތެއް ކީއްކުރަން ހެއްޔެވެ، ހެޔޮ ދުޢާއެއްކޮށްލުމަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ކުޑަކުއްޖަކު ފަދައިން ބޮޑާހާކަމުން ދިޔަ އައްސަދަށް ވިސްނައިދިނީ މާރިޔާއެވެ. މާފު ދިނުމުގެ މުހިއްމު ކަމާއި އެކަމުގެ މާތްކަމުގެ މައްޗަށް ޤުރުޢާނާއި ސުންނަތުން ދަލީލު ދައްކައިގެންނެވެ. އެންމެފަހުން ހަތިޔާރު ބަހައްޓާފައި އައްސަދު އެކަމަށް އެއްބަސްވިއެވެ. އެނަމުގެ ސަބަބުން އައްސަދު އޭނާގެ ދަރިފުޅަށް ދޭންވާ ލޯބިން ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުކުރެއެވެ. އެއީ އެދެމަފިރިންގެ މާނީއެވެ. އޭނާއަށް ކެހިދީފައި ފިލި ސުންޕާ އަންހެނާއެއް ނޫން ވިއްޔާއެވެ.
އައްސަދުގެ ވިޔަފާރި ފަތުއަޑު ކިޔާފައި ވައިގާ ހިފަމުން ދިޔައެވެ. ދުވަހެއް ދުވަހަކައް ވިޔަފާރި ދިޔައީ ކުރިއަރަމުންނެވެ. އެއާއެކު އެމީހުންގެ ދިރިއުޅުމުގެ ފެންވަރުވެސް އެތައް ގުނައެއް ކުރިއަށް ޖެހިލިއެވެ. އެގޮތުން ވިޔަފާރިއަށް ދެއަހަރުވީއިރު އެމީހުންގެ އެޕާޓްމަންޓްވެސް ގަނޑުވަރެއް ފަދައިން ބިނާކޮށްލާފައިވެއެވެ. އިތުރު ދެއަހަރު ފާއިތުވެ ދިޔައިރު ކަސްޓަމަރުންގެ މެދުގައި އެމީހުންގެ ވިޔަފާރި ވަރަށް މަގުބޫލުވިއެވެ. އެގޮތުން އެއަހަރުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް އައްސަދަށް ލިބިގެން ދިޔައެވެ. އެދުވަހު އައްސަދު މީޑިޔާތަކާއި ހިއްސާކުރި ވާހަކައިގައި މާރިޔާއާއި ތައުފީގުގެ ނަން ފާހަގަކޮށް އެދެމީހުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވިއެވެ. މާރިޔާގެ މައިންބަފައިން މާރިޔާއާއިމެދު ފަޚުރުވެރިވިއެވެ. އަދި އޭނާއަށް އައްސަދު ފަދަ ފިރިއަކު ލިބުނީތީ އެކަމާ އިންތިހާއަށް އުފާކުރިއެވެ.
އޭގެ އެއް އަހަރު ފަހުން އައްސަދާއި މާރިޔާގެ ކައިވެންނަށް ފަސް އަހަރު ފުރުނީއެވެ. އެ އުފާވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކައިރި ރިސޯޓެއްގައި ހަމައެކަނި އެދެމީހުންނަށް ރޮމޭންޓިކް ޑިނަރ އެއް އެރޭންޖު ކުރުމަށްފަހު އައްސަދު ބޭނުންވީ މާރިޔާ ގޮވައިގެން އެރޭ އެތަނަށް ގޮސް އޭނާއަށް ސަޕްރައިޒެއް ދިނުމަށެވެ. ނަމަވެސް ނަސީބު ދެރަކަމުން މަންޒިލަށް ވާސިލް ނުވެވެނީސް އެމީހުންގެ ރާސްތާއަށް ތަގުދީރު ހުރަސް އެޅީއެވެ.
އެކްސިޑެންޓުގައި ލިބުނު ގެއްލުމުގެ ސަބަބުން ހާލު ދެރަވެގެން އައި.ސީ.ޔޫ. ގައި ފަރުވާ ދެމުން ދިޔަ މާރިޔާގެ ފުރާނަ ސަލާމަތްނުވެ އޭނާ މި ދުނިޔެއަށް އަލްވަދާއުކިއެވެ. ލިބުނު ހިތާމަވެރި ޚަބަރުން ގިސްލަމުންނާއި އަޑުން އަޑު ނަގާފައި ރޮމުން ދިޔަ މީހުންގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނެވެ. އައްސަދުގެ ފުރާނަ ސަލާމަތްވީ ނަމަވެސް އޭނާގެ ލޮލުގެ ފެނުންވަނީ ގޮސްފައެވެ. ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން އުންމީދު ކަނޑާލީއެވެ.(ނުނިމޭ)
7 Comments!
Comments are closed.
Wat the **** omg omg haadha sad stry ehkey …… 🙁 🙁 :'(
What.. cheedi dhen..
Keitheri vey emmehaa kiyun therin ves.. vaahakaiga ves dhera goii thah vegen e dhany … Story kiyaafa varah dhera vejjje. . Aneh bayah inthixaaaru kuran.varah reethi mirey ge bai ves..
Varah varah reeeeeeeeeeeeeeeethi mi bai vx.. Wen nxt prt?????
Haadha dhera gothekey a v dhw….v nyc
kihineh mi vee.. dhn maanee noon ñame eh dhey neygunuth… dhn dhe maanee ulheyn jeheynee ehkoh kanneyge dhw enme fahun…
kihinethi haedhi.. but nice mi story dhagoi I love it