ވަކިވެ ދިޔުމުން …..
އޮފީހުގެ ފިނި ކޮޓަރިތެރޭގައި އަހަރެން ގެއްލިފައި އިނީ ކުރިމަތީގައި އިން ލެޕްޓޮޕަށްށެވެ. އަވަދިނެތި އޭގައިވާ ފައިލުތައް ޗެކުކުރުމުން ދިޔައީމެވެ. ފައިލުތަކުން ބޭނުންވާ މައުލޫމާތުތައް ދިޔައީ ކުރިމަތީގައި ހުޅުވާލެވިފައިވާ ނޯޓު ފޮތުގައި ލިޔަމުންނެވެ.
ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށްށެވެ. އަވަސް ނަޒަރަކުން ފޯނާ ދިމާލައް ބަލައިލީމެވެ. ގުޅަނީ އަންހެނުން ޝާއިރާއެވެ. މޫނު ފުސްކޮށްލަމުން ފޯނު ކަނޑާލީމައެވެ. އެއަށްފަހު ލެޕްޓޯޕާއި ދިމާލަށް ނަޒަރު ހުއްޓާލީމެވެ. ހަމަ އެއާއެކު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. “އަޅެ ޝާއިރާ! ފޯނު ބިޒީކޮށްލީމަވެސް ނޭންގޭތަ ބިޒީކަމެއް!” މިހެން ހިތާއި ހިތުން ބުނެލުމަށްފަހު އަނެއްކާވެސް ފޯނު ކަނޑާލުމާއެކު މަސައްކަތްތާއެކު ކުރިއަށް ދިޔައީމެވެ.
އޭގެ 10 ވަރަކަށް މިނެޓުފަހުން އަނެއްކާވެސް ޝާއިރާ ގުޅިއެވެ. އަޅޭ ޝައިރާ! މިހެން ގޮވާލަމުން ހިތްހަމަ ނުޖެހުމާއެކު ފޯނުނަގައި ކަންފަތުގައި ޖައްސާލީމެވެ. އަދި ވަރަށް ހަރުކަށިކަމާއެކު ވާހަކަ ދެއްކީމެވެ. ” އަހަރެން މިއިނީ އޮފީހުގައި ކަމެއް ނޭންގޭތަ! ކީއްކުރަންތައް……!” މިހިސާބަށް ބުނެފައި އަހަރެން ހުއްޓުން އެރީއެވެ. އަދި ފޯނު ކަނޑާލުމަށްފަހު ޖީބަށްލީމެވެ. އެއަށްފަހު ފަޔައް ލެވުނުހާ ބާރެއް ލައިފައި ކެބިންނުން ނިކުމެ ބޭރަށް ދުއްވައި ގަތީމެވެ. މިމަންޒަރު ބަލަން ހައިރާން ކަމާއެކު އެންމެން ތިއްބެވެ. މީއީ ދުވަހަކުވެސް މިވީހާ ތަނަކަށް އަހަރެން ކޮށްފައިވާ ކަމެއް ނޫނެވެ. އަހަރެން އަބަދުވެސް އޮފީހުން ނިކުމެގެން ދަނީ އެންމެނާއި ބައްދަލުކޮށް ހިނިތުންވުމާއި އެކުގައެވެ.
އަހަރެން އެދިޔަ ބާރު މިނުގައި ގޮސްއެރީ އޮފީސް ކުރިމަތީގައި ޕާރކު ކޮށްފައި ހުރި ސައިކަލަށްށެވެ. ސައިކަލަށް އެރުމާއެކު ދުމެއް ޖަހާފައި ދާންހެން ދުއްވާލީމެވެ. އެއްވެސް ބެލުމެއްނެތިއެވެ. އަވަސް ދުވެލީގައި ގޮސް ސައިކަލު ހުއްޓުނީ ހޮސްޕިޓާ ދޮރުމައްޗައްށެވެ. ސައިކަލު ޕާރކު ކުރުމަށްފަހު އަވަހަށް އެތެރެއަށް ދުއްވައި ގަތީމެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. “ދެންމެ އެކްސިޑެންޓް ވެގެން ގެނެވުނު މީހާ ކޮބައިތޯ؟” ނިތްކުރިން ދާ ފޮހެލަމުން ރިޝެޕްޝަނިސްޓް ކައިރީ އަހަރެން ސުވާލުކޮށްލީމެވެ. އެތާގައި އިން ކުއްޖާ އިނގިލިން އިޝާރާތްކޮށްލަމުން ބުންޏެވެ. “އޮފަރޭޝަން ތިއޭޓަރުގައި! ތިއޭޓަރު އެހުރީ ކުރިމަތިން ލާފައި ދާއިރި އެންމެ ފުރަތަމް ޖޭހޭ ގޯޅީ…..” މިހިސާބާށް އަހަރެން އެތެރެއަށް ދުއްވައިގަތީމެވެ.
އަހަރެން ގޮސް އޮޕަރޭޝަން ތިއޭޓަރު ކުރިމަތީގައި ހުއްޓުނީމެވެ. އޭރު އޮޕަރޭޝަން ދިޔައީ ކުރިއަށްށެވެ. އަހަރެން ކެތްތެރިކަމާއެކު ޝާއިރާ ނެރޭނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައީމެވެ.
އިމާދު! އިމާދު! މިއަދު ކޯއްޗެއް ހަދަންވީ ސައިބޯން؟ އަހަރެން ބޭނުން އެއްޗެއް ތައްޔާރުކޮށްފިއްޔާ ކަމަކުނުދާނެ! ކާން ބޭނުންވާ އެއްޗެއް ބުނީމަ ތައްޔާރު ކުރެވޭނީ! އިމާދު! ފާހާނާގައި އިނަސް ޖަވާބު ދެވިދާނެ ދޯ! އިމާދު! އިމާދު!………” އަހަރެން ސިހިފައި ފަހަތް ބަލާލީމެވެ. ފަހަތުގައި ހުރީ ނަރުހެކެވެ. ޝައިރާއެއް ނޫނެވެ. ހަނދާނަން އައީ މިއަދު ހެނދުނުގެ އެންމެ ހަފުގެ ހަނދާންތަކެކެވެ.
ނަރުސް މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. އެއީ އަހަރެން ދަންނަ ނަރުހެއްކަމުން ވާހަކަ ދެއްކީ ވަރަށް ގާތްކޮށްށެވެ. “އިމާދު! ޝާއިރާއަށް ވަނީ އެކްސިޑެންޓްގައި ވަރަށް އަނިޔާ ވެފަ! ވެއްޓި ޖެހުނުލެއް ބާރުކަމުން ސިކުޑިއަށް ވަނީ ލޭއެޅިފައި. ޑޮކްޓަރުން ވަރަށް މަސައްކަތްކުރި އެކަމަކު ޝައިރާ ސަލާމަތެއް ނުކުރެވުން!” މި އަޑުއިވުމާއެކު އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭންގި މުޅިމީހާ ގަނޑުވެގެން ދިޔައެވެ. ލޮލުން ފައިބަން ތައްޔާރުވި ކަރުނަތައްވެސް ގަނޑުވި ކަހަލައެވެ. ކަކުލު ހުޅުން ވާގި ދޫވެ ފަހަތުގައި އިން ގޮނޑިއަށް އަހަރެން ތިރިވިއެވެ. އިވިގެން ދިޔަ އަޑު އަހަރެންނަށް ގަބޫލުކުރަން ދަތިވިއެވެ. މުޅި ސިނކުޑިވަށާ އެނބުރެމުން ދިޔައީ ނަރުސް ބުނެފައި ދިޔަ ޖުމްލަތަކެވެ. އެއާއެކު މޫނުމަތީ ގައި އަތްއަޅާ ރޯން ފެށުނެވެ. އަދި އަޑުން އަޑުނަގާ ޝާއިރާއަށް ގޮވާލީމެވެ.
އަހަރެން ހަމަ އެއިންތާ ގަބުވެފައި އިނީމެވެ. ދެން ހަދަންވީ ކިހިނެއް ކަމެއް އަހަރެންގެ ސިނކުޑިއަކަށް ނަގައިއެއް ނުގަނެވުނެވެ. ހޭވަރިކަމެއްވީ ޝާއިރާގެ ފުރާނަ ނެތް މަސްގަނޑު ތިއޭޓަރުން ނެރިގެން ވޯރޑަށް ގެންދަންތަން ފެނުމުންނެވެ. އަހަރެން ޝާއިރާ ފުރާނަ ނެތް ހަށިގަނޑު ބައްވައިގެން ގެންދިޔަ އެނދުގެ ފަހަތުން ހިނގައިގަތީމެވެ. އެނދު ގެނައި މީހުން އެނދު ވޯރޑްގެ އެއްއަރިމަތީގައި ބެހެއްޓުމާއެކު އެތަނުން ހިނގައިގަތެވެ. އޭރު ޝާއިރާގެ މުޅި ހަށިގަނޑުވަނީ ހުދު ފޮތިން ނިވާކުރެވިފައެވެ. ތުރުތުރު އަޅާމުންދާ އަހަރެންގެ އަތުން ޝާއިރާގެ މޫނު ފެންނަވަރަށް ފޮތިގަނޑު ތިރިކޮށްލީމެވެ. ޝާއިރާ އޮތީ ނިދާހެން ދެލޯ މަރާލައިގެންނެވެ. މުޅި ބޮލުގައި ވަނީ ހުނދުކުލައި ބެންޑޭޖު އޮޅާފައެވެ. ބެންޑޭޖުމަތިން ކޮންމެވެސް ވަރަކަށް ލޭގެ ކުލަ ފާޅުވާން ހުއްޓެވެ. އަހަރެންގެ ނަޒަރު ސީދާ ޝާއިރާގެ މޫނަށް ހުއްޓުނެވެ. އެމޫނުގައި ވަރަށް ލޯބިން ފިރުމާލުން ވަރަށް ފަރުވާތެރިކަމާއެކު ބަލާލީމެވެ. މިހާ ކައިރިން މިހާ ސަމާލުކަންދީގެން ޝާއިރާ އާއި ދިމާލަށް މިބަލާލެވުނީ އެތައް އަހަރު ތަކެއް ފަހުންނެވެ. ކައިވެނި ކުރެވުނުތާ ކައިރީގައި ވަރަށް ގިނައިން ޝާއިރާ މޫނުގައި އެހެން ފިރިމީމެވެ. ނަމަވެސް އެކަމުން މަޑުމަޑުން ދުރުވަމުން ގޮސް ކައިވެންޏަށް 25 އަހަރު ވެފައިވާއިރު އެކަން ކުރުމުކަށް މިހާރު އެއްވެސް އަހުމިއްޔަތުކަމެއް ދެވިފައެއް ނުވެއެވެ.
އެދެލޮލަށް ވަނީ މަދުން ނަމަވެސް ރޫޖެހިފައެވެ. އެހެން ނަމަވެސް އެބޮޑު ދެލޮލަށް އެއްވެސް ބަދަލެއް ނާދެއެވެ. މަޑުމަޑުން ޝާއިރާ ގެ މޫނު އަހަރެންގެ މޫނާ ކައިރިކޮށްލީމެވެ. އަދި މޫނަށް ފުމެލީމެވެ. ކައިވެނީގެ ކުރީކޮޅު އަހަރެން މުޅިންހެން ޝާއިރާއަށް ގޮވަމުން އައީ އެހެންނެވެ. އަހަރެން ފުމެލާއިރަށް ޝާއިރާ ދެލޯ ހުޅުވާލާނެއެވެ. އަދި ވަރަށް ލޯބިން ބައްދާލާނެއެވެ. އެހެން ނަމަވެސް މިފަހަރު ޝާއިރާ ލޯ ހުޅުވާލާފިއި ބައްދައެއް ނުލިއެވެ. އަނެއްކާ ހަނދާން ނެތުނީ ބާއެވެ. އެހެންކަމުން އަނެއްކާވެސް އެމޫނަށް ފުމެލީމެވެ. ނަމަވެސް ޝާއިރާ ލޮލެއް ނުހުޅުވިއެވެ. އެއާއެކު އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ. ކަރުނައިން ފޯވެފައިވާ ހާލު އަހަރެން ޝައިރާ އާއި ވާހަކަ ދެއްކީމެވެ. އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވާލާނެ ކަމުގެ ފޮނި އުއްމީދުގައެވެ. “ޝާއިރާ އަބަދުވެސް މިހާރު ބުނަމެއްނު ކުރިން ގޮވާހެން ލޯބިން ގޮވާލަން! މިހާރު މިގޮވަނީ އޭ! އާދެސްކޮށްފައި ބުނަން ތި ދެލޯ ހުޅުވާލަބަ! ޝާއިރާ!” ޝާއިރާ މެއާއި ބޮނޑިކޮށްލަމުން އަހަރެން ގޮވާލީމެވެ.
“އަޅެ ޝާއިރާ! ދެން ތިކޮންކަމެއް! ގެއަށް ވަނުމާއެކު ޝަކުވާކުރަން ފަށާނެ! ތިނޫން ކަމެއް ކުރަން ޝާއިރާއަށް ނޭންގެނީތާ! ހިވަނީ ޓޭޕް ރިކޯޑަރެއްހެން! ހުއްޓާލާކަށް ނޭންގޭނެ! އަހަރެން މިހެން ބުނުމާއެކު އުނދޯލީގައި އިން ޝާއިރާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. އެއާއެކު މުޅިތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެވެ. އެހަމަ ހިމޭންކަމުން އަހަރެންނަށް އުނދަގޫވަމުން ދިޔައެވެ. އެހެންކަމުން އަތްމަތީއޮށް ޝާއިރާ ގައިގައި ފިރުމަމުން އާދޭސް ކުރަމުން ދިޔައީމެވެ. “ޝާއިރާ ތިހެން ހަނު ނޯވެބަލަ! އަނގައިން ބުނެބަލަ! ދެން ކިތައްމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަހަރެން ނުހުއްޓުވާނަން! ތިހަމަ ހިމޭންކަމުން އަހަރެންގެ މުޅި ހިތް އެބަ ކަތިލާ! ޝާއިރާ! އަނެއްކާވެސް އަހަރެން ޝާއިރާގަގައި އޮޅުލައި ގަތީމެވެ. އެއްވެސް ބަހެއް ޝާއިރާ އަނގައިން ބޭރެއް ނުވިއެވެ.
“މިހާ ދަންވަރު މިހާރު ތިކުރަނީ ކޮން އުނދަގުލެއް! ތަންކޮޅެއް ދުރުގައި އޮވެބަލަ! ތިހާ ކައިރި ނުވިޔަސް ޝައިރާ އަށްވެސް އޮވެވިދާނެ އެއްނު! ނުލާހިކު ހޫނު ވޭ އެބަ! މިހެން ބުނުމާއެކު ޝާއިރާ އެއްވެސް ދެކޮޅު ހެދުމެއްނެތި އެނދުން ތެދުވެގެން އަހަރެންނާއި ދުރަށްދާން ފެށިއެވެ. އެއާއެކު ޝާއިރާ ހަށިގަނޑުގެ ހޫނުކަންވެސް އަހަރެންނާއި ވަކިވެގެންދާން ފެށިއެވެ. “ނޫން ޝާއިރާ! އަހަރެން ގައިގައި ބާރަށް ބައްދާލާ! ތިހެން ދުރަށް ނުދޭ! އަހަރެންނަށް އެއްވެސް އުނދަގުލެއް ނުވޭ! ޝާއިރާ !” ނަމަވެސް ޝާއިރާގެ އަތް އެއްވެސް ހިފެހެއްޓުމެއް ނެތި ވާގި ދޫވެގެން އައިސް އެނދުމަށްޗަށް ވެއްޓުނެވެ. އަހަރެން އަތްނަގައި އަހަރެން ގައިގައި ވަށާލަން މަސައްކަތްކޮށްވެސް އެކަމެއް ނުވިއެވެ. މިހާ ހިސާބުން އަހަރެން މޮޔަވިކަހަލައެވެ. ޝާއިރާ ހަމަ ޔަގީންނުންވެސް އެވަނީ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އަހަރެން ރޮމުން ހަޅޭއްލަވުމުން މުޅި އެތަނުގައި ދުވަން ފެށީމެވެ. މިތަންފެނި 2 ނަރުހުން އައިސް އަހަރެން ހިފަހައްޓައި ވަރަށް މަސައްކަތްތުން ހަމަޔަކަށް އެޅުވިއެވެ.
ހަމަޔަކަށް އެޅުމުން އަހަރެންގެ 3 ދަރިންނަށް ގުޅައި މިހަބަރު ދިނީމެވެ. ލަސްތަކެއް ނުވެ 3 ކުދިންވެސް އަތުވެއްޖެއެވެ. އަހަރެންނަށް ހިތްވަރު ދިނުމަށް އެންމެ ގާތުގައި ހުރީ ދޮށީ ދަރިފުޅު އަހުސަންއެވެ. އަނެއް ދެމީހުންތެރޭ އެކަކު އުޅުނީ ހޮސްޕިޓަލުގެ ލިޔެކިޔުންތައް ނިންމާލެވޭތޯއެވެ. އަނެކަކު ދިޔައީ އާއިލާ މީހުންނަށް މި ހަބަރު ދެމުންނެވެ.
ހޮސްޕިޓަލުގެ ބައި ނިންމާލުމަށްފަހު ޝައިރާގެ ހަށިގަނޑު ގެންދެވުނީ ސަހަރާއަށްށެވެ. އެތަނުގައި ޝާއިރާގެ ހިނެވުމުގެ ކަންތައްތައް ކުރިއަށް ގެންދެވުނެވެ. އަހަރެން ގަބުވެފައި ހަމަ އިނީއެވެ. ކައިރީގައި ވަމުންދާ އެއްވެސް ކަމެއްގެ އިހްސާސް އެވަގުތު އަހަރެންނަށް ނުކުރެވެއެވެ. ލަސްތަކެއް ނުވެ ޝައިރާ ހިނަވާފައި މޫނު ބަލަން ބޭރަށް ނެރެވުނެވެ. އަހަރެން ގޮސް ޝާއިރާ ކައިރީގައި މަޑުކޮށްގެން ހުރީމެވެ. މަޑުމަޑުން މީހުންތައް ޝާއިރާގެ މޫނު ބަލަން ވަންނަމުން ދިޔައެވެ.
“ޝާއިރާ ތިހެން ނުހަދަބަލަ! ވަރަށް އުނދަގޫވޭ އެބަ! ތިހެން ފައިން ކޮށްޓީމައި ވަރަށް ހީބިހި ނަގާ އެބަ! ތިހެން ނުހަދަބަލަ! ބައެއްފަހުރ އުޅޭނެ ކުޑަކުއްޖަކު އުޅޭހެން!” މިހެން ބުނުމާއެކު ޝާއިރާ ތުން އަނބުރާލަމުން ޖަވާބު ދިނެވެ. ” އަހަރެން ނެތް ދުވަހަކުން މިހެން ފައިކޮށްޓާ އުނދަގޫ ކުރާ ހަނދާންވާނެ މިހާރު ކިތައްމެ ރުޅިއަޔަސް! ދެން އެކަމަކު ދުވަހަކުވެސް ނުކޮށްޓާނަން!” މިހެން ބުނުމާއެކު ޝާއިރާ ކުއްލިއަކަށް ގެއްލުނެވެ. އަހަރެން ވަށައި ހޯދާލިމެވެ. ހުރެވުނީ ކޮޓާރިއެއްގައެއް ނޫނެވެ. ހުރެވުނީ ޝާއިރާ މޫނު ބަލަން ބާއްވާފައި އަށި ކައިރީގައެވެ. އަހަރެންގެ އަތް އޮތީ ޝާއިރާ ފައިމަތީގަ ބާއްވާލެވިފައެވެ. ޝާއިރާ އެބުނީ ކިހާ ބޮޑު ތެދެއްކަން އަހަރެންނަށް އިހުސާސްވުމާއެކު އަނެއްކާވެސް ލޯ ކަރުނައިން ފޯވެގެން ދިޔައެވެ.
މޫނު ބަލަން ހަމަ ޖެހިފައިވާ ގަޑި ހަމަވުމާއެކު ޝާއިރާގެ މޫނު އެޅުމަށް ތައްޔާރުވިއެވެ. އަހަރެން އަތުގެ އިޝާރާތުން މަޑުކޮށްލަން ބުނީމެވެ. އަދި އަނެއްކާވެސް ޝާއިރާގެ މޫނަށް ބަލާލީމެވެ. އެންމެ ފަހުފަހަރަށްށެވެ. ދެން ހަމަ ޔަގީނުންވެސް މޫނު އެޅުމަށްފަހު އެމޫނެއް ދުވަހަކުވެސް ނުފެންނާނެއެވެ. އަހަރެން މޫނު ޝާއިރާގެ މޫނާއި ގާތްކޮށްލަމުން އެމޫނަށް ހިތް ފުރެންދެން ބަލާލަން މަޑުކޮށްލީމެވެ.
“އަހަރެންގެ މޫނަށް ވަރަށް ރޫ ޖެހިއްޖެދޯ އިމާދު!” “މުސްކުޅިވީމާ ރޫޖެހޭނެ!” ހެމުން ހެމުން އަހަރެން ބުނީމެވެ. “މަލާމަތް ނުކުރިޔަސް ތިކަން އެނގޭ!” ހިތް ހަމަ ނުޖެހުމާއެކު ޝައިރާ ޖަވާބު ދިނެވެ. އަހަރެން މޫނުގައި ނިކަން އަތް ޖައްސާލަބަލަ! މިތަން ވަރަށް ހަރު! ޝާއިރާ މޫނުގައި އަތް ހާކަމުން ބުނެލިއެވެ. “ދެން މޫނުގައި އަތް ނުހޭކިޔަސް އެބަފެނޭ!” ފަރުވާ ކުޑަގޮތްތަކަށް އަހަރެން ބުނެލީމެވެ. “ނޫނޭ ޝާއިރާ! އަހަރެން މުޅި އުމުރަށް ތިކަންކުރާނަން!” މިހެން ބުނެވުނުއިރު އަރެންގެ ލޮލުން ފޭބި ކަރުނަތައް ޝާއިރާގެ މޫނު ތެތްމަމުން ދިޔައެވެ. އަހަރެންނަށް ކެތް ނުކުރެވިގެން އަނެއްކާވެސް ރޯން ފެށުނެވެ. އެއާއެކު އަހުސަން އަހަރެން އެތަނުން ދުރަށްލާ ޝާއިރާގެ މޫނު އެޅުމަށް އެދުނެވެ.
ކަށު ނަމާދަށްފަހު ޝާއިރާ ވަޅުލުމަށް ސަހަރައަށް ގެންދެވުނެވެ. ވަޅުގެ އެންމެ ކައިރީގައި ހުރީ އަހަރެންނެވެ. ޝާއިރާގެ ސަންދޯ މަޑުމަޑުން ވަޅަށް ބާލަމުންދިޔައެވެ. ސަންދޯ ބާލަމުން ދިޔަވަރަކަށް އަހަރެންގައި އެއްބައި އުނިވަމުން ދިޔަކަހަލައެވެ. ސަންދޯ ބާލައި ފަސްއަޅާ ނިމުންއިރު ހަމަޔަށް ބޭރުފުށުން ފެންނަން ހުރި ނަމަވެސް އަހަރެންގެ އެއްފަޅިވީ ޝާއިރާ އާއި އެކު ވަޅުލެވިފައެވެ. ހަމަ ޔަގީންނުންވެސް ދެން އެބައި އެއްކޮށް ފުރިހަމައެއް ނުވާނެއެވެ.
ޝާއިރާ ވަޅުލުމަށްފަހު އަހަރެން ބޭނުންވީ ގެއަށް ދިޔުމަށްށެވެ. އެހެންކަމުން ކާރެއްގައި ގެއަށް އައީމެވެ. ގޭގެ ދޮރުމަތީގައި ހުއްޓުމަށްފަހު އާދަވެގެން ކޮންމެ ދުވަހަކުވެސް ބެލް އަޅާހެން ބޭރުގައި އިން ބެލް އަޅާލީމެވެ. ނަމަވެސް ދޮރެއް ނުހުޅުވައެވެ. ޝާއިރާ ނެތްކަން އެހިސާބުން އަނެއްކާވެސް އިހުސާސްވިއެވެ. އެހެން ނަމަވެސް އަމިއްލަ ހިތްހަމަ ޖެހުމަށް ދެތިން ފަހަރަކު ބެލު އަޅާލުމަށްފަހު ޖީބުގައިވާ ދަޅުދަނޑިނަގައި ދޮރު ހުޅުވާލީމެވެ. މުޅިގެ ގެ އޮތީ އަނދިރިކޮށް މުޅިން ހިމޭންވެފައެވެ. ގޭގެ ދިރުމާއި އާރޯކަންވަނީ އެއްކޮށް ގޮސްފައެވެ. އަހަރެން މަޑުމަޑުން ގެއަށްވަނީމެވެ. ފުރަތަމެވެސް ފެނުނީ ގެއަށް ވަންނައިރު ހުންނަ ޝާއިރާގެ އުނދޯޔެވެ. އުނދޯލި އިނީ ފަޅަށްށެވެ. އުނދޯލި ކުރިމަތިން އަނެއް ފަރާތުގައި ހުރީ ބަދިގެއެވެ. ޝާއިރާގެ މުޅި ދުވަހުގެ ބޮޑުބައި ހޭދަވާތަން މިރޭ ހުރީ ފަޅަށްށެވެ. އެތަނުން އަބަދުވެސް އިވެމުން އަންނަ ތަށިތެލި އަޑާއި ކައްކާ އަޑު އެއްކޮށްވަނީ ހުއްޓިފައެވެ. އަހަރެން ބަދިގެ ދިއްލާލުމަށްފަހު ދޮރުމަތީގައި މަޑުކޮށްލީމެވެ. “އިމާދު އާދޭ ކާން! ކޯއްޗެއް މިއަދު ތައްޔާރުކޮށް ދޭންވީ!” ތިޔަ އަތުން ތައްޔާރު ކުރާ އެއްވެސް ކާނައެއް ދެން ކާކަށް ނުލިބޭނެ!” އަހަރެން ޝާއިރާ އާއި ދިމާލަށް ބަލާލަމުން ބުނީމެވެ. އެއާއެކު ޝާއިރާ އެތަނުން ގެއްލިގެން ދިޔައެވެ. އަހަރެން ދޮރު ލައްޕާލުމަށްފަހު އެތެރެއަށް ވަނުމަށް ހިނގައިގަތީމެވެ. ހިނގަމުން ދިޔައިރު ބޮލުގައި ހިއްކަން އަޅާފައިވާ އެއްވެސް އަންނައުނެއް ނުޖެހެއެވެ. އެކަމުގެ ޝަކުވާ ކުރާކަށް ނުޖެހުނެވެ.
އަހަރެންގެ ފިޔަވަޅު ގޮސް ހުއްޓުނީ ސިޓިން ރޫމު ދޮރުމަތީގައެވެ. އެތަނުގައިވެސް އެއްވެސް އަލިކަމެއް ނެތެވެ. އެހެން ކަމުން އެންމެ ފުރަތަމަވެސް ބޮކި ދިއްލާލީމެވެ. “ޝާއިރާ ޑްރާމާ ބަލާ ނުނިމޭތަ! ތިނޫން ކަމެއް ކުރާކަށް ނޯވޭތަ! މިހެން ބުނުމާއެކު ޝައިރާ ކުރިމަތީގައި ހުރި މޭޒުމަތީ އޮތް ރިމޯޓް ނަގައި ޓީވީ ނިންވާލަން ތައްޔާރުވިއެވެ. އަހަރެން ހަމަ އެވަގުތު އެކަން ހުއްޓުވުމަށް ޝާއިރާ އަތުގައި ހިފާލަން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންނަށް ޝާއިރާ އަތުގައި އަތްޖެހޭގޮތްތެއް ނުވިއެވެ. އަތް ދިއްކޮށްލުމާއެކު ޝާއިރާ ދުންކޮޅެއްހެން މައްޗައް އަރައިގެން ދިޔައެވެ.
ހިތްދަތިކަމާއި ވަރުބަލިކަމާއެކު އަހަރެން ދެން ގޮސް ވަނީ ކޮޓަރިއަށްށެވެ. އެއާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަޑު އަލިތެރޭން ފެންނަން ހުރީ ޝާއިރާއެވެ. “އެއްޗެހި ބަދަލުކޮށްގެން ނިދަން އާދޭ! ފާހާނާއިން ނިކުމެ ތުވާލި އެނދުމައްޗަށް އެއްލާ ނުލާތި! އެހެން ނުނިއްޔާ މުޅި އެނދު ތެމޭނެ. އަދި އިސްޓާކީނު ޓައިލްސް މައްޗައް އެއްލައި ނުލައި ވަށިގަނޑަށް ލާތި!” މިހެން ބުނުމަށްފަހު އަލަމަރީ ކުރިމަތީ ހުއްޓި ހުރި ޝާއިރާ އަހަރެންނާއި ދިމާލަށް ހިނިތުންވުމާއެކު އެނބުރިލިއެވެ. އަހަރެން ފަޔައް ލެވުނުހާ ބާރެއް ލައިފައި ޝާއިރާ ގާތައް ދިޔައީމެވެ. އަދި ޝާއިރާ ގައިގައި ބައްދާލުމަށް މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންނަށް ޝައިރާއާއި ހަމަޔައް ނުދެވެނީސް ޝާއިރާ އެސްފިޔަ ޖަހާލާ ހާ އަވަހަށް ގެއްލިއްޖެއެވެ. އެއާއި އެކު އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އަހަރެންފައިން ވާގި ދޫވެ އެނދުމައްޗައް ވެއްޓުނެވެ. ވެއްޓުމާއެކު އަޑުގެ ކޮޅަށް “ޝާއިރާ” އަށް ގޮވާލީމެވެ. ދެން ހަމަ ޔަގީންނުންވެސް ޝާއިރާ ޖަވާބެއް ނުދޭނެއެވެ. އަހަރެންގެ މުޅި ދިރިއުޅުން ފަޅުވެގެން ދިޔައީއެވެ.
ހެނދުނު އަހަރެން ގެއިން ނިކުތީ ޝާއިރާ ހެޔޮހާލުގައި ހުއްޓައެވެ. ނަމަވެސް އޭގެ 2 ގަޑިއިރު ފަހުން ހަބަރު ލިބުނީ ޝާއިރާ މަގު ހުރަސްކުރަނިކޮށް ބާރ ސްޕީޑުގައި އައި ކާރެއް ޝާއިރާ ގައިގައި ޖެހި އެކްސްޑެންޓްވި ހަބަރެވެ. ދެން މުޅި ދުވަސް މިހޭދަވީ ހޮސްޕިޓަލުގައި އާއި އަދި ސަހަރާގައެވެ. ގެއަށް މިއައީ ޝާއިރާ ވަޅުލާފައި އޭނަގަ ހަނދާންތަކާއި އެކުގައެވެ. ކުޑަ ސިކުންތުކޮޅެއް ގެ ތެރޭގައި އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔައީއެވެ. އެހާ ދުވަސްވަންދެން އެކުގައި އުޅު ބައިވެރިޔާ އަބަދުގެ އަބަދަށް ގެއްލުނީއެވެ.
ހިތާމައަކީ އަހަރެންގެ ޝާއިރާ މިދުނިޔެ ދޫކޮށްފައި ދިޔައިރު އޭނާއަށް ލިބެން ޖެހޭ ލޯތްބާއި ގަދާރުވަނީ ވަރަށް ބޮޑަށް އުނިވެފައެވެ. އޭނާގެ ކަންކަން ކަމަށް އަހަރެންނަށް ވަނީ ފަރުވާ ކުޑަކުރެވިފައެވެ. އޭނާގެ ވާހަކަތައް އަޑުއަހަން ވަގުތު ނުދެވި ބިޒީވެފައެވެ. އެއްކޮށް އުޅުނު ނަމަވެސް ދެމީހުން ދޭތެރޭގައި ވަނީ ނޭންގޭ ދުރުކަމެކެވެ. އެހުރިހާ ކަމެއް އިހުސާސް މި ކުރެވުނީ ޝާއިރާ އުމުރަށް ލޯމަރާލުމުންނެވެ. ދެން އެކަންކަން ރަނގަޅުކޮށް އުނިވި ކަންތައްތައް ކޮށެއް ނުދެވޭނެއެވެ. ދެން އޮތީ ހަމަ އެކަނި ޝާއިރާގެ މައްޗައް ހެޔޮ ދުއާކުރުމެވެ.
—— ނިމުނީ ——–
3 Comments!
Comments are closed.

Ibraihtheri waahaka eh. Shukuriyyaa liyutheriyaa.
Varah furihama vaahaka eh varah reethi
Varah reethi vaahaka eh.
Vaahaka keema ihusaas vee baiveriya ah dheynvaa alhulumaa loabi nudheyvi huhtaa vaguthu faaithu veekan.