ބޮޑީގާޑު 2
ފަތިހުގެ ފިނިރޯޅިތަކާއެކު މާލޭގެ އުދަރެހުން އިރުގެ އަލިކަން ފާޅުވާން ފެށިއިރުވެސް އިނާގެ ލޮލަކަށް ނިންޖެއްނައެވެ. އޭނާ އިނީ އެނދުގައި އިށީނދެލައިގެން ކޮޓަރީގެ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ރޭގައި އޭނާގެ ދިރިއުޅުމަށް އައި އެ ބިޔަ ހަށިގަނޑުގެ ވެރިޔާ ޒޭން މިހާރު ކުރަނީ ކީއްބާވައެވެ؟
އިނާ މަޑުމަޑުން އެނދުން ތެދުވެ ދޮރު ހުޅުވާލިއެވެ. ސިޓިންގްރޫމްގެ ތެރޭގައި ވަނީ ހަމޭންކަމެވެ. ނަމަވެސް ސޯފާގައި އިށީނދެލައިގެން އިން ޒޭން ފެނުމުން އިނާ ދިޔައީ ސިއްސައިގެންނެވެ. ޒޭން އިނީ އޭނާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަޑިއެއް ނަގައިގެން އެ ސާފުކުރާށެވެ. ބަޑީގެ ބައިތައް ވަކިވަކިން ހުރިއިރު އޭނާގެ ހަރަކާތްތަކުގައި ހުރީ ފަރިތަކަމެވެ.
“ނުނިދޭތަ؟” ޒޭންގެ ބަރު އަޑު އިވުނެވެ. އޭނާ އިނާގެ މޫނަށް ބަލައެއް ނުލައެވެ. އޭނާގެ ނަޒަރު ހުރީ ބަޑީގެ ވަޒަންތަކަށެވެ. “ނޫން… ކުޑަކޮށް” އިނާ މަޑުމަޑުން އައިސް ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. “ޒޭން.. ނުނިދަންތަ؟” ”އަހަރެންގެ ވަޒީފާއަކީ ނިދުމެއް ނޫން. އަދި ހަނދާންކުރާތި މި ގޭގެ ތެރޭގައި އުޅޭއިރު އަޑުގަދަ ނުކުރާތި. ކުޑަ ނަމަވެސް އަޑަކީ އަހަރެންގެ ސަމާލުކަން އެޔަށް ހުއްޓޭނެ ކަމެއް” ޒޭން ބުންޏެވެ.
އިނާ ކޮފީއެއް ހަދައިގެން އައިސް މޭޒު ކައިރީގައި އިށީނދެލިއެވެ. އޭނާގެ ހިތުގައި އުތުރިއަރަމުންދިޔަ ސުވާލުތައް ހުއްޓުވައެއް ނުލެވުނެވެ. “ޒޭން ކުރިން އުޅުނީ ކޮންތާކު؟ އަހަރެންގެ ކުރީގެ ބޮޑީގާޑުންނާ ޒޭން ވަރަށް ތަފާތު.” ޒޭން އިނާގެ ދެލޮލަށް ސީދާ ބަލާލިއެވެ. އެ ފުން ނަޒަރުން އިނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. “އަހަރެން އުޅުނު ތަނާކާއި އަހަރެން މީ ކާކުކަން އެއީ ކަލެއާ ބެހޭ ކަމެއް ނޫން. ކަލޭ ބެލެހެއްޓުމަށް އަހަރެންގެ އޭޖެންސީން އަހަރެން މިތަނަށް ފޮނުވީ، ތި ލިޔާ ވާހަކައަކާ ހެދި ކަލޭގެ ފުރާނަ އަށް ނުރައްކާވާނެ ކަމުގެ ޔަޤީންކަން އޮތީމަ.” ޒޭން ތެދުވެގެން އިނާގެ ގާތަށް އައެވެ. އޭނާގެ ބިޔަ ހަށިގަނޑުގެ ހިޔަނި އިނާގެ މައްޗަށް އެޅުނެވެ. “އިނާ ތި ލިޔަނީ ކޮން އެއްޗެއްކަން އަހަރެންނަށް އެނގޭ. ތި ޚިޔާނާތުގެ ފަހަތުގައި ތިބި މީހުންނަކީ ކޮންބައެއްކަންވެސް އަހަރެންނަށް އެނގޭ. އެކަމަކު ހަނދާންކުރާތި ހަޤީޤަތް ހޯދަން އުޅުމަކީ ބައެއްފަހަރު މަރުގެ ދަންތުރައަކަށް ވެދާނެ.” ޒޭން އެހެން ބުނެފައި ހިނގައިގަތީ ބެލްކަންޏާ ދިމާލަށެވެ. އިނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒޭންއަށް އެ ޚިޔާނާތުގެ ވާހަކަ އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އަޑުގައި އެހުރި ހިތްދަތިކަމާއި ނުރުހުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟
ކުއްލިއަކަށް އިނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އޭނާގެ އެޑިޓަރު ނިޒާރެވެ. އިނާ ފޯނު ނެގުމާއެކު އިވުނީ ނިޒާރުގެ ހާސްވެފައިވާ އަޑެވެ. “އިނާ… ކޮންތާކު ތި ހުރީ؟” ނިޒާރުގެ އަޑު އިވުނީ ވަރަށް ދުރުން ހަލަބޮލި މާހައުލެއްގެ ތެރެއިންނެވެ. “ވަގުތުން އޮފީހަށް އާދޭ. ރޭ ދަންވަރު ކޮންމެވެސް ބަޔަކު އޮފީހަށް ވަދެ މުޅި ތަން ސުންނާފަތިކޮށްލައިފި. އެމީހުން ބަލާފައި ހުރީ ހަމައެކަނި އިނާގެ ޑެސްކާ ފައިލްތައް ބަހައްޓާ ކެބިނެޓް” އިނާގެ ހިތް ހުއްޓުނު ކަހަލައެވެ. “ފައިލްތައް… ފައިލްތައް އެބަހުރިތަ؟” އިނާ އަހާލިއެވެ. “ނޭނގެ. ހުރިހާ އެއްޗެއް ހުރީ ތަޅުންގަނޑު މައްޗަށް އުކާލާފަ. ޕޮލިހުން އެބައުޅޭ މިތާ. އިނާ މިކަން މި ދަނީ ވަރަށް ސީރިއަސްކޮށް. ބަލައިގެން އުޅޭތި” ނިޒާރު ފޯނު ކަނޑާލިއެވެ.
އިނާގެ އަތުން ފޯނު ދޫވިއެވެ. އޭނާ ބިރުން ހުރެ ބެލްކަނީގައި ހުރި ޒޭންއަށް ބަލާލިއެވެ. ޒޭން ހުރީ ފުރަގަސްދީގެންނެވެ. އިނާގެ ހިތުގައި ޝައްކު އުފެދުނެވެ. އޮފީހަށް އެ ވަނީ ކާކު ހެއްޔެވެ؟ ޒޭން މުޅި ރޭ ހުރީ އިނާގެ ގޭގައި ހެއްޔެވެ؟ ނޫނީ އޭނާ ކުޑަކޮށް ވެސް ނިދިޖެހުނު ވަގުތު ޒޭން ބޭރަށް ދިޔައީ ހެއްޔެވެ؟
އިނާގެ ހިތުގައި އުފެދުނު ޝައްކުގެ އޮއިވަރު ބާރުވަމުން ދިޔައެވެ. އޭނާ މަޑުމަޑުން ތެދުވެ ބެލްކަނީގެ ދޮރުމަތީގައި ފުރަގަސްދީގެން ހުރި ޒޭންއާ ދިމާލަށް ހިނގައިގަތެވެ. ވާރޭ ހުއްޓާލާފައި އޮތް ނަމަވެސް ފަތިހުގެ ފިނި ވަޔާއެކު އިނާގެ ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ.
ޒޭން…” އިނާގެ އަޑު އިވުމާއެކު ޒޭން ފަސްއެނބުރި ބަލާލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. “އަހަރެންގެ އޮފީހަށް ބަޔަކު ވަދެއްޖެ. ރޭ ދަންވަރު.” ޒޭން އެއްވެސް ޖަވާބެއް ނުދިނެވެ. އެ ހުރި ގޮތަށް ހުރީއެވެ. “ޒޭންއަށް އެނގޭތަ އެއީ ކޮންބައެއްކަން؟ އަދި.. ޒޭން މުޅި ރޭގަ ހުރީ މިގޭގަތަ؟” ޒޭން އިނާ އާއި ކައިރިވެލިއެވެ. އޭނާގެ އިސްކޮޅާއި ބިޔަ ހަށިގަނޑުގެ ކުރިމަތީގައި އިނާ ހީވަނީ ކުޑަކުއްޖެއް ހެންނެވެ. “އަހަރެންގެ ވަޒީފާއަކީ އިނާ ބެލެހެއްޓުން. އޮފީސް ބެލެހެއްޓުމެއް ނޫން. އަދި އަހަރެން ތާކަށް ދާން ހުއްދަ ހޯދާކަށް ނުޖެހޭނެ. އެކަމަކު ވެސް ޔަގީންކޮށްދެން، އަހަރެން ހުރީ މިގޭގަ.” ޒޭންގެ ޖަވާބުން އިނާގެ ހިތް މުޅިން ހަމައެއް ނުޖެހުނެވެ. ނަމަވެސް އިތުރަށް ސުވާލުކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ. “އަހަރެން އޮފީހަށް ދާން ބޭނުން. މިހާރު.” “އޮފީހަށް ދިއުމުގެ ޚިޔާލު ދޫކޮށްލާ. މިވަގުތު މި އެޕާޓްމަންޓުން ބޭރަށް އެންމެ ފިޔަވަޅެއް އެޅުމަކީވެސް މަރަށް އަމިއްލައަށް ހުށަހެޅުން ކަހަލަ ކަމެއް.” ޒޭން ވަގުތުން ބުންޏެވެ. “އަހަރެންގެ ޑެސްކުގަ ހުރި ފައިލްތަކަކީ އަހަރެން ދެ އަހަރު ވަންދެން ހޯދި ހެކިތައް. އެ ފައިލްތައް ގެއްލިއްޖިއްޔާ…”
“އެމީހުން އޮފީހަށް ވަނީ ސައިބޯކަށް ނޫން. ހެކި ނައްތާލަން. އެތަނަށް ދާއިރު އެމީހުން ފާރަލައިގެން ތިބުން ވެސް ގާތް. މަޑުކުރޭ މިތާ. އަހަރެން ދާނަން”
ޒޭން އޭނާގެ ޖެކެޓް ނަގައިގެން ބޭރަށް ދާން ހިނގައިގަތެވެ. އިނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އޭނާގެ ހުރިހާ މަސައްކަތެއް ފެނަށް ވަނީ ހެއްޔެވެ؟
ގަޑިއެއްހާއިރު ފަހުން ޒޭން އެނބުރި އައީ ބައެއް ފައިލްތަކާއިއެކުގައެވެ. އޭގެތެރޭގައި ހުރި ގިނަ ކަރުދާސްތައް ވަނީ ވީދާ ކުދިކުދި ކޮށްލާފައެވެ. އިނާ އަވަސްއަވަހަށް އެ ކަރުދާސްތައް މޭޒުމަތީގައި ފަތުރާލިއެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. ގިނަ ލިޔުންތައް ހުރީ ކިޔަން ނޭނގޭ ވަރަށް ހަލާކުކޮށްލާފައެވެ. ބައެއް ސަފުހާތަކުގައި ރަތްކުލައިގެ މާކަރަކުން ބޮޑެތި ރޮނގު އަޅާފައި ހުއްޓެވެ. ހީވަނީ އެމީހުން އިނާއަށް މަލާމާތްކުރަނީ ހެންނެވެ. “މީގެ އެންމެ މުހިންމު ބައި.. އެ ފޮޓޯތަކާއި ބޭންކް ސްޓޭޓްމަންޓްތައް މަދު” އިނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “އެއީ އަހަރެން އެންމެ އުނދަގުލުން ހޯދި ހެކިތަކަކީ. ޒޭން.. އެތަނުން އިތުރު އެއްޗެއް ނުފެނޭތަ؟” ޒޭން އިނާއަށް ބަލަހައްޓައިގެން ހުރީ ފުން ނަޒަރަކުންނެވެ. އޭނާގެ ހިތުގެ އެންމެ ފުނުގައި ހިނގަމުންދާ އިހުސާސްތައް މޫނުމަތިން ފާޅުވިޔަ ނުދިނުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔައެވެ. “ނޫން” ޒޭން ވަރަށް ކުރުކޮށް ބުންޏެވެ. “އޮފީސް ތެރޭގައި ހުރި ގިނަ އެއްޗެހި ހުރީ ތަޅުންގަނޑު މައްޗަށް އުކާލާފައި. މިއީ އަހަރެންނަށް ފެނުނު އެއްޗެއް.” ޒޭން އޭނާގެ ޖީބުން ކުޑަ ރަތްކުލައިގެ ޕެންޑްރައިވްއެއް ނެގިއެވެ. “މޭޒުގެ ކަނެއްގައި ތަތްކޮށްފައި އިން މީތި ނަސީބަކުން އެމީހުންގެ ލޮލުގައި އަޅައެއް ނުގަތް.” އިނާ ހައިރާންވެފައި ޒޭންއަށް ބަލާލިއެވެ. އޭނާގެ އެ ޕެންޑްރައިވް އެތަނުގައި ފޮރުވިކަން ޒޭންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނާ މީގެ ދެދުވަސް ކުރިން ފޮރުވި އެއްޗެކެވެ. އެކަން އެނގޭނީ ހަމައެކަނި އޭނާއަށެވެ. “ޒޭންއަށް ކިހިނެއް އެނގުނީ އަހަރެން އެތާ އެ އެތި ފޮރުވިކަން؟” އިނާ ޝައްކުގެ ރާގަކަށް އަހާލިއެވެ. އިނާގެ އެ ސުވާލުން ޒޭންގެ މޫނުމައްޗަށް ކުޑަވެސް ބަދަލެއް ނައެވެ. “އަހަރެންނަކީ މީހަކު އެއްޗެއް ފޮރުވަން ވިސްނާނެ ގޮތްތައް ދަންނަ މީހެއް.” އޭނާ ހަމަޖެހިލާފައި ބުންޏެވެ. އޭނާގެ ހިތުގައި އުފެދުނު ޝައްކުތައް ދިޔައީ އިތުރުވަމުންނެވެ. ޒޭންގެ ހަރަކާތްތަކުގައި ހުރި ސިއްރުވެރިކަމާއި އޭނާއަށް ހުރިހާ ކަމެއް އެނގޭ ގޮތުން އިނާއަށް ނުތަނަވަސްކަން ވެރިވިއެވެ.
އިނާ އެ ޕެންޑްރައިވް އާއި ފައިލްތައް ހިފައިގެން ވަނީ އޭނާގެ ކޮޓަރިއަށެވެ. މަޑުމަޑުން ޕެންޑްރައިވް ލެޕްޓޮޕަށް ޖަހާލިއެވެ. ޕެންޑްރައިވް ހުޅުވާލުމާއެކު އޭނާގެ ހޯދުންތަކުގެ މުހިންމު ސަފުހާތައް ފެންނަން ފެށިއެވެ. އޭނާ މިހާރު އުޅެނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ނުފޫޒުގަދަ އެކަކު ކަމަށްވާ އަހުމަދު ޒިޔާދު ހިމެނޭ ކޮރަޕްޝަންގެ މައްސަލަ ބޭޒާރުކޮށްލާށެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް އޭނާ ސިއްސައިގެން ގޮސް ލެޕްޓޮޕްގެ ސްކްރީން ތިރިކޮށްލިއެވެ. ދޮރުމަތީގައި ހުރީ ޒޭންއެވެ. އޭނާ ލައިގެން ހުރި ޖެކެޓް ބާލާފައި އޮތް ނަމަވެސް އޭނާގެ އަމުރުވެރި ސިފައަށް ބަދަލެއް ނާދެއެވެ. “އަދިވެސް ތި މަސައްކަތް ހުއްޓައެއް ނުލަންތަ؟” ޒޭންގެ އަޑު އިވުނީ ހަރުކަށިކޮށް ނަމަވެސް އޭގައި އާދަޔާޚިލާފު ކަންބޮޑުވުމެއް ހުރިހެން އިނާއަށް ހީވިއެވެ. “މީ އަހަރެންގެ ވަޒީފާ” އިނާ ސާބިތުކަމާއެކު ބުންޏެވެ. ޒޭން އައިސް އިނާގެ މޭޒު ކައިރީގައި ހުއްޓުނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލެޕްޓޮޕަށެވެ. “ބައެއްފަހަރު ހަޤީޤަތަށްވުރެ އަމިއްލަ ފުރާނަ މުހިންމުވާނެ. ތި ކުރަނީ ކިހާ ނުރައްކާތެރި ކަމެއްކަން އަދިވެސް ނުވިސްނެނީތަ؟”
ޒޭންއަށް ކިހިނެއް އެނގެނީ އަހަރެން ކުރާ މަސައްކަތުގެ ނުރައްކާތެރިކަން؟” އިނާ ޝައްކުގެ ނަޒަރަކުން ޒޭންއަށް ބަލާލިއެވެ. “ޒޭން ތިހާ ބޮޑަށް މިކަމާ ވިސްނަނީ ކީއްވެ؟” ޒޭންގެ ދެލޮލުން ފެނުނު ކުލަވަރު ކުއްލިއަކަށް ބަދަލުވިއެވެ. އޭނާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު މޭޒުމަތީގައި އިން އިނާގެ ފޮޓޯއަކަށް ބަލާލިއެވެ. އެއީ އިނާ އޭނާގެ މައިންބަފައިންނާއެކު ރަށުގައި ހުރެ ނަގާފައިވާ ފޮޓޯއެކެވެ. “އިނާގެ މައިންބަފައިން ތިބީ ރަށުގަ. އެމީހުން އިންތިޒާރު ކުރާނެ. އިނާ އަށް ކަމެއް ވެއްޖެނަމަ އެމީހުންނަށް ވާނީ ކިހިނެއް؟” އިނާ ހައިރާންވިއެވެ. ޒޭންއަށް އޭނާގެ މައިންބަފައިން ރަށުގައި ތިބިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެ ވާހަކަ ޒޭން ކައިރީގައި ނުބުނެއެވެ. “ޒޭންއަށް ކިހިނެއް އެނގުނީ އަހަރެންގެ އާއިލާ ތިބީ ރަށުގަ ކަމެއް؟”
ޒޭން ކުޑަކޮށް ހިމޭންވިއެވެ. “އޭޖެންސީން އަހަރެން ފޮނުވާއިރު، އަހަރެން ހިމާޔަތްކުރަންޖެހޭ މީހާގެ ހުރިހާ މައުލޫމާތެއް ދޭނެ އަދި އަހަރެން ހޯދަން ވެސް ހޯދަން. އެއީ އަހަރެންގެ ވަޒީފާ.” ޒޭން އެހެން ބުނެފައި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ނަމަވެސް އިނާގެ ހިތުގައި އުފެދުނު ސުވާލުތައް މަދެއް ނުވިއެވެ. ޒޭން ބުނި ވާހަކަ ގަބޫލުކުރަން ކިތަންމެ ބޭނުންވިޔަސް އޭނާގެ އަމަލުތަކުގައި ފޮރުވިފައިވާ ސިއްރުތަކެއް ހުރިހެން އިނާއަށް ހީވަނީއެވެ.
އިނާ އަލުން ލެޕްޓޮޕް ހުޅުވާލިއެވެ. އޭނާ ބޭނުންވީ އޭނާގެ ތަހުގީގުގައި ހިމެނޭ މީހުންގެ ލިސްޓު ބަލާލާށެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ މީހެއް ކަމަށްވާ އަޙްމަދު ޒިޔާދެވެ. އޭނާ ޒިޔާދު އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ.
ހަމަ އެ ވަގުތު ކޮޓަރީގެ ބޭރުން ޒޭން މީހަކާ ފޯނުން ވާހަކަދައްކާ އަޑު އިނާއަށް އިވުނެވެ. އިނާ މަޑުމަޑުން ތެދުވެ ފިޔަވަޅެއްގެ އަޑު ވެސް ނީވޭނޭހެން ގޮސް ދޮރުގައި ކަންފަތް ޖައްސާލިއެވެ. “އަދި ކެތްކުރޭ.. ވަގުތު ޖެހުމުން ހުރިހާ ކަމެއް ނިމޭނެ.” ޒޭންގެ އަޑު އިވުނީ ވަރަށް މަޑުން ނަމަވެސް އެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. “އަހަރެން މިތާ މިހުރީ އެކަމަށްޓަކައި. އޭނައަށް އެއްވެސް ކަމެއް ފަޅައެއް ނާރާނެ.” އިނާގެ ހިތް ތެޅިގަތެވެ. ޒޭން އެ ވާހަކަދައްކަނީ ކާކާ ހެއްޔެވެ؟ “އޭނާ” އޭ އެ ބުނީ އިނާގެ ވާހަކަ ހެއްޔެވެ؟ ނަމަވެސް ޒޭން އެހާ ބޮޑު ނުރައްކަލަކުން އޭނާ ސަލާމަތްކުރީ ކީއްވެ ހެއްޔެވެ؟ އަދި އެ ޕެންޑްރައިވް އޭނާއަށް ގެނެސްދިނީ ކީއްވެ ހެއްޔެވެ؟ އިނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާއަށް ޔަޤީންވާ އެއް ކަމަކީ އޭނާގެ ވަށައިގެންވާ ނުރައްކާ އޮތީ ހަމައެކަނި އޮފީހަށް ވަދެގަތް މީހެއްގެ ފަރާތަކުން ނޫން ކަމެވެ. އޭނާގެ ގޭގެ ތެރޭގައި އޭނާއަށް ފާރަވެރިވާން ހުރި ހިޔަންޏަކީ ވެސް އެ ނުރައްކަލުގެ ބޮޑު ބައެއް ކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Ohh no! Anehkaa mi Zeyn akee kaakubaa? Vrh Salhi mibaives. Neyva hifahattalaigen innan mijehenee…
Thank you 😊🫶🏻
ވާހަކަ ކުރިއަށްދާ ގޮތް ވަރަށް ސްމޫތް. ބޭކާރު ވާހަކަތަކުގެ ބަދަލުގައި ކޮންމެ މަންޒަރަކުން ވެސް އާ މައުލޫމާތެއް ނުވަތަ އާ ސުވާލެއް އުފެދޭ. ކިޔުންތެރިޔާގެ ސަމާލުކަން ފުރަތަމަ ޖުމްލައިން ފެށިގެން އެންމެ ފަހު ޖުމްލައާ ހަމައަށް ހިފަހައްޓާލުމުގެ ގާބިލުކަން މި ވާހަކައިގައި އެބަހުރި. ދެން އޮތް ބަޔަށް ވަރަށް އިންތިޒާރު ކުރެވޭ.
ޝުކުރިއްޔާ 🥰🫶🏻
varah kiyaalaa hithun indha mi bai ves nimunee.. waiting for next part
Thank you 😊🫶🏻
Vaahaka v v v salhi
Anekkaa aee kaaku baa??
When is next
Thank you 😊🫶🏻 Let’s see dhw next part tomorrow 😊