ގޮތް ހުސްވެފައި ހުރީމޭ… 2
ކޮންމެ ދުވަހަކު ވަޒީފާއަށް ދަމުން އިޔާން އެގެއަށް ގެންނަނީ އަހަންނަށް އެހެން ގޮތެއް ނެތީމައެވެ. ހަގީގަތުގައި އިޔާން ބެލުމުގެ ޒިންމާ އަދާކުރާ މީހަކީ އަހަރެން އެކަންޏެވެ. އިޔާޝްގެ ފަރާތުން އިޔާނަށް ލޯތްބާ އަޅާލުމެއް ނުލިބެއެވެ.
“މަންމާ..! އިޔާން ވަރަށް ބަނޑުހައި.. މިއަދު ވެސް މާމަ ކާކަށް ނުދޭ..” އިޔާން ވަރަށް ބާރަށް ދުވެފައި އައިސް އަހަރެން ގައިގާ ބައްދާލަމުން އެހެން ބުނިއިރު ކުރިމަތީގައި ޔުސްރާ ހުއްޓެވެ.
އެވަގުތު އަހަންނަށް ބަލައިލެވުނީ ޔުސްރާގެ މޫނަށެވެ. އޭރު ހިތްހަމަ ނުޖެހިފައި ހުރި ޔުސްރާ އަހަންނާއި ދިމާލަށް ކޯ އަނބުރާލަމުން އެތެރެއަށް ހިނގައިގަތެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ އިޔާން އާއި އެއްވަރަށް ތިރިވެލީމެވެ. އިޔާން އަޅައިން ހުރި ދަބަހުގައިވާ ކޯޓު ނެގުމަށްފަހު އިޔާނަށް ލައްވާލަމުން އެ ދޮންދޮން ކޮލަށް ބޮސްދިނީމެވެ.
“ހިނގާ ދާން.” ހިނިތުން ވަމުން އަހަރެން އަތުގެ ކުޑަވާ އިނގިލި އިޔާނަށް ދިއްކޮށް ލަމުން ތެދުވެގެން ހިނގައިގަތީމެވެ.
އިޔާން ގޮވައިން އަހަރެން ނުކުތީމެވެ. މަގު ތަކުން ކުރިޔަށް ހިނގަމުން ދިޔައިރު، އަހަރެންގެ ކަންފަތުގައި ގުގުމަނީ ޔުސްރާގެ އަޑެވެ. ބަނޑުހައި ވެފައިވާ އިޔާނަށް ކާންދޭން ޖެހޭތީ އަހަރެން ކަންތައް ކުރީ އެހެންޏާ ވެސް ކަންތައް ކުރާ ގޮތަށެވެ. މަގުތައް ހުރަސް ކުރަމުން އިޔާން ގޮވައިން ގެއަށް ދިއުމަށްޓަކައި ކުޑަ ނަގައިން ހިނގައިގަތީމެވެ.
“ހަލޯ..! އިނާން… މާދަމާއިން ފެށިގެން އާއިލީ ޒިންމާ ނަގާފަ އިންނާނީ.. އެހެންވީމަ އަހަރެންގެ މަސައްކަތްތައް އެބަ ޖެހޭ އެހެން މީހަކާ ހަވާލު ކުރަން.. ބޮސް ދެންނެވީ ވަރަށް އަވަހަށް ނިންމަންޖެހޭ މަސައްކަތްތަކެކޭ… ސޯ އަހަރެން ފައިލުތައް ހަވާލު ކުރާނަން ލީންއަށް.” އިނާން އަށް ގުޅާފައި ލަމްހާ ބުނެލިއެވެ.
“އެންމެ ރަނގަޅު.. އެކަމު ލީންއަށް ތި މަސައްކަތް ރަނގަޅަށް ކުރެވެންޏާ އިނގޭ ހަވާލު ކުރާނީ.. އޭނަ ގާތު އަހާލާފަ، އަވަހަށް މަސައްކަތް ނިންމެންޏާ ހަވާލު ކުރިޔަސް އެންމެ ރަނގަޅު.” އިނާން ބުނެލިއެވެ.
“ކިހިނެއްތަ ވީ؟ އެހެން މީހުންވެސް ހަމަ އުޅެނީ އެމީހަކަށް ޖެހޭ މަސައްކަތްތައް ކޮށްގެން.. އެހެން ވިއްޔާ ލީން ވެސް ޖެހޭނީ ކުރަން. މައްސަލަ އަކީ ބައެއް މީހުން ރުފިޔާގެ ބޭނުމުގަ އޮފީހަށް ވަދެ އުޅުނަސް، މަސައްކަތްތައް ފުނި ޖައްސާފަ ހުންނާތީ.. ދެ މަސައްކަތް ކުރަން ޖެހުނީމަ ތަންކޮޅެއް ހަރަކާތްތެރި ވެދާނެ. އޭނައަށް އަބަދު ދެން އެހެން އިނދެވޭތަ؟” ރުންކުރު ގޮތަކަށް ވާހަކަ ދައްކަމުން ލަމްހާ ބުނެލިއެވެ.
“ލަމްހާ! ފުރަތަމަ ލަމްހާ ހަމަޖެހިބަލަ… އަހަންނަށް ހިއެއް ނުވޭ ލީންއަށް ނުކުރެވޭ ވަރު މަސައްކަތެއްގަ ހިފާނެހެން. އެހެން މީހުންވެސް މަސައްކަތް ކުރާގޮތަށް އޭނަވެސް މަސައްކަތް ކުރާނެ. ދެން އެހެން މީހުންނާ ދިމާލަށް އެއްޗިހި ނުކިޔާ ލީވްގަ ހުރޭ. އިތުރު ކަމެއް އިނިއްޔާ އަހަރެން ގުޅާނަން.” ދެފަރާތަށް ބޯ ހޫރާލަމުން އިނާން ފޯނު ބޭއްވިއެވެ.
ގެއަށް ވަނުމާއިއެކު އިޔާން ކޯޓު ބޭލިއެވެ. އެއަށްފަހު ސިޓިންގް ރޫމް ސޯފާގައި އޮށޯއްވެލައިން ފޯނާ ކުޅެން އޮތް އިޔާޝް ގާތަށް ގޮސް ވަރަށް ބާރަށް ބައްދާލިއެވެ.
“ޕިސް.. އިޔާން! ދުރުގަ ހުރެބަލަ… މި ގޭމް އޯވަރ ވަނީއޭ..” އިޔާން ކޮއްޕާ ދުރު ކޮށްލަމުން އިޔާޝް ބުންޏެވެ.
“އާދެ.! މަންމަ ބައްދާލަފާނަމޭ… އަވަހަށް އާދޭ..” މައުސޫމް ގޮތަކަށް އަހަންނާއި ދިމާލަށް އިޔާން އެ ބަލައިލުމުން އަހަރެން ބުނީމެވެ.
“ބައްޕީ.. އިޔާން ވަރަށް ބަނޑުހައި… އިޔާން ބޭނުން ވަރަށް މީރު އެއްޗެއް ކާން. ގަނެދެވޭނެތަ؟” ލޯބި ގޮތަކަށް އިޔާން ޝަކުވާ ކޮށްލިއެވެ.
“އުނހޫ އުނހޫ… ނުގަނެވޭނެ އެކައްޗެއް ވެސް. ބަނޑުހައި ވިއްޔާ މަންމަ ކާންދޭނެ” އިޔާޝްގެ ރުންކުރު ޖަވާބު އަހަންނަށް ކަމަކު ނުދިޔައެވެ.
“އިޔާން! ހިނގާ ކޮންމެސް މީރު އެއްޗެއް ހަދާލަމާ.. ބިސްގަނޑު އަޅާނީ ދޯ.. އާދޭ ބިސް ތަޅައިދޭން.” އިޔާޝް ގާތުން އިޔާން ދުރު ކޮށްލުމުގެ ނިޔަތުގައި އަހަރެން ބުނެލީމެވެ.
އެރޭ އިޔާންއަށް ކާން ދިނުމަށްފަހު އަހަރެން ވަނީ އިޔާން ނިންދަވާށެވެ. އިޔާން ނިދަނީ ވަކި ކޮޓަރިއެއްގައި ނަމަވެސް, އޭނައަށް ނިދެންދެން ކޮންމެ ރެއަކުވެސް އަހަރެން އޮންނަމެވެ.
“އިޔާން!.. މަންމަ ވާހަކައެއް އަހާލީމަ ރަނގަޅަށް ބުނައްޗެ އިނގޭ…” ނިދި އައިސްފައިވާ އިޔާން ގާތު އަހަރެން ބުނެލީމެވެ. އެޔާއި އެކު އިޔާން ވަރަށް އަވަހަށް ބޯ ޖަހައިލިއެވެ.
“ދަރިފުޅާ!… މަންމަ އޮފީހަށް ދިޔައިމަ މާމަ ގޭގަ ކޯއްޗެއް ކަނީ؟..” އަހަރެން އަހާލީމެވެ.
“އިޔާން ވަރަށް ގިނައިން ނުކައި އުޅެނީ.. މާމަ އަދި ނުވެސް ބުނާނެ ކާންވެސް. އެކަމު ތުއްތަ ހުންނަ ދުވަހަކު ވިއްޔާ ކާން ދޭނެ. އިނގޭތަ ތުއްތަ އަންނަނީ މާ މަދުން އެގެއަށް.” އިޔާން ކިޔައިދިނެވެ.
“އެހެންތަ.. އެހެންވެ ދޯ ކޮންމެ ދުވަހަކު އެހާ ބަނޑުހައިވެފަ ހުންނަނީ؟ ދެން މާމަ އިޔާން ދެކެ ވަރަށް ލޯބި ވޭތަ؟” އަނެއްކާވެސް އަހަރެން އަހައިލީމެވެ.
“ޕިސް… މާމަ އާއި ބައްޕަ އަކީ ވޭސްޓެއް.. އިޔާން ލައިކެއް ނުވޭ މާމަ އަކަށް. އެކަމު އަނެއް ހުރިހާ ކުދިންނާ ވަރަށް ލޯބި ވެގެން މާމަ އުޅެނީ.. ބައްޕި ވެސް އިޔާން ދެކެ ލޯތްބެއް ނުވޭނު. މުޅި މި ވޯލްޑުން ވެސް މަންމަ އެކަނި އިޔާން ދެކެ ލޯބި ވަނީ.” އިޔާންގެ ފެންކަޅި ވެފައިވާ ދެ ލޮލުން ބަބުޅަމުން ދަނީ ހިތާމައިގެ ކަރުނަ ތިކިތަކެއް.
“އިޔާން!… މަންމައަށް ހީވަނީ ދަރިފުޅު ވެސް މާމަ މެން ބުނާގޮތަށް އުޅެންޏާ އެކުދިން އެންމެ ލޯބިވާނީ ދަރިފުޅު ދެކެހެން.. މިސާލަކަށް މާމަމެން ބުނާ ކަމެއް ކޮށްދޭނީ.. ދެން ނުކުރާށޭ ބުނާ ކަމެއް ނުކުރާނީ.. ދެން… ބަލަންވާނެ ތަންކޮޅެއް މަޑުމައިތިރި ވެގެން އުޅެވޭތޯ ވެސް އިނގޭ..” އަހަރެން ވަރަށް ލޯބިން ނަސޭހަތް ދިނީމެވެ.
“އިޔާނަށް ހިއެއް ނުވޭ ދުވަހަކު ވެސް މާމަ އާއި ބައްޕަ އިޔާން ދެކެ ލޯބި ވާނެހެން. މަންމައަށް ތި ނޭނގެނީއޭ.. އެގޭގަ އުޅޭ ހުރިހާ ކުދިންގެ ބައްޕަމެން އައިސް އެކުދިންނާ މަޖާ ވެސް ކުރޭ.. އައިސް ކްރީމް ވެސް، ހަދިޔާ ވެސް ދޭ.. ބައްޕަ ނާންއިޔާން އެކަނި ހުންނަން ޖެހެނީ ދެރަވެފަ. އިޔާން ބޭނުމެއް ނޫން މި ވާހަކަ ދައްކާކަށް.. އިޔާން މި ނިދަނީ…” ދެ ލޯ ފުހެލާފަ އަނެއް ފަޅިއަށް އެނބުރެމުން އިޔާން ބުނެލިއެވެ.
އަހަރެން ވަރަށް ލޯބިން އިޔާންގެ ބޮލުގައި ފިރުމާލަ ފިރުމާލައި އިނީމެވެ. އެކި ޚިޔާލުތަކުގެ ތެރޭގައި އެހެން އިން އިރު އަހަރެން އިނީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ކޮންމެ ގޮތެއްގައި ވިޔަސް އޮފީހުން ކެނޑިގެން އިޔާން ގާތު ގޭގައި މަޑު ކުރެވޭކަށް ވެސް ނެތެވެ. ވަޒީފާއަށް ދިޔުމަކީ އަހަންނަށް މަޖުބޫރު ކަމެކޭ ބުނެވެނީ އެހެންވީމައެވެ.
އިޔާނަށް ނިދުމާއި އެކު އަހަރެން އިޔާޝްގެ ގާތަށް ދިޔައިމެވެ. އޭރު އިޔާޝް އޮތީ ސިޓިންގް ރޫމް ސޯފާގައި ޓީވީ ބަލާށެވެ. ބަލަމުން ދަނީ ނެޓްފްލިކްސްގެ އިނގިރޭސި ފިލްމެކެވެ. އަހަރެން ގޮސް އިޔާޝް ގާތުގައި އިށީނދެ ލީމެވެ. އެހެނަސް އަހަރެން އިށީންދެ އިންކަން އެނގޭ ކަމަށްވެސް ހަދައި ނުލާ އިޔާޝް އޮތީ ޓީވީ އަށް ގެއްލިފަ އެވެ.
“އިޔާޝް!” އަހަރެން ދެތިން ފަހަރު ގޮވާލީ އިޔާޝްގެ ސަމާލުކަން އަހަންނަށް ނުލިބުމުންނެވެ.
“އޫނ… ކިހިނެއްތަ ވަނީ ލީން..؟ އިރުކޮޅަކާ ގޮވާތީ ވަރަށް އުނދަގޫވޭ. މަޑުން އިނދެބަލަ..” ހިތްހަމަ ނުޖެހިފައި އިޔާޝް ބުނެލިއެވެ.
“އިޔާޝް.!.. އަހަންނާ ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދީބަލަ. އަހަންނަށް ދެވޭނެ އެއްވެސް ވަގުތެއް އިޔާޝަށް ހަމަ ނެތީތަ؟ އިޔާޝް.. ހެޔޮނުވާނެ. އެއްފަހަރު ނަމަވެސް އަޑު އަހާބަލަ.” ވަރަށް އާދޭހާއި އެކު އަހަރެން ބުނީމެވެ.
“ހޫމް… ކިޔާބަލަ..” ހިތްހަމަ ނުޖެހިފައި އިށީންނަމުން އިޔާޝް ޓީވީ ނިވާލިއެވެ.
“އިޔާޝަށް އިނގޭތަ؟ ދުވާލުދާ ހަތަރު ދަމު އަހަރުމެންގެ އިޔާން ކައިގެން ހުންނަނީ ކޯއްޗެއްކަން؟ މަންމަ މެން ގޭގަ އިޔާން އުޅެނީ ކޮން ހާލެއްގަ ކަން؟ އަހަރެންގެ އޮފީސް ގަޑީގަ.. އިޔާޝް އެއް ފަހަރުވެސް އެސޮރު ގާތަށް އެގެއަށް ގޮސްލީންތަ؟ ބުނަންތަ؟.. އަހަންނަށް އިނގޭ މަ މިކަހަލަ ވާހަކަ ދައްކާތީ އިޔާޝަށް ކަމަކު ނުދޭ ކަން… އެކަމު އަހަންނަށް އެހެން ގޮތެއް ނެތީމަ މިހެން މި އުޅެނީ.. އެހެންވީމަ، ދެން މި ނޫން ގޮތެއް އިޔާޝް ހޯދަން ވީނު… ވަޒީފާއަށް ދާން ވީނު؟” ޝަކުވާގެ އެތައް ބާބެއް ހުޅުވާލަމުން އަހަރެން އިޔާޝްގެ ކަންފަތަށް އަޑު އިއްވީމެވެ.
“މަ…؟ ޕިސް… މަ ނޫޅެން ވަޒީފާއަށް ދާކަށް… އެއީ މަ އެހާ ކުރާ ހިތްވާ ކަމެއް ނޫން.. ދެން ތިބުނީ މަންމަގެ ވާހަކަ. މަންމަ އަހަރެންގެ ދަރިއަށް ވުރެ ބޮޑަށް އެހެން ކުއްޖަކަށް ބަލާނެތަ؟ އަބަދު އޮފީހުގަ އުޅޭތީ، ލީންއަށް އެކައްޗެއް ވެސް ނޭނގޭނެ. ދެން އިތުރަށް ބޭކާރު ވާހަކަ ނުދައްކާ..” އަހަރެންގެ ޝަކުވާތަކަށް ކެތް ނުކުރެވިގެން އިޔާޝް ބުންޏެވެ.
“އިޔާޝް!… އަހަންނަކަށް ހިއެއް ނުވޭ އިޔާޝަށް އަހަންނާ އެކީ ވަގުތު ހޭދަ ކުރެވޭ ހެން. އިޔާންއާ އެކީ ވެސް ކޮންއިރަކު އިޔާޝް ވަގުތު ހޭދަކޮށްލީ؟. މިއަދު ވެސް އެސޮރު ވާހަކަ ދައްކާލީމަ ތިހުރީ އިޔާޝް ހެދިގޮތް. އަހަންނާ އިޔާނަށް ވަގުތު ދިނުމަށް ވުރެ ބޮޑަށް އިޔާޝްގެ ވަގުތުތައް ތިދަނީ ހުސް ބޭކާރު ކަންކަމުގަ.. ރައްޓެހިންނާ އެކީ، ނޫނީ ކޮންމެސް ގޭމެއް ކުޅެން.. ދެން ނޫނީ ކޮންމެސް ފިލްމެއް ބަލަން… އަޅެ ތި އުޅުން ދޫކޮށްލަފާނަންތަ؟” އަހަރެން އަނެއްކާ ވެސް އާދޭސް ކުރަން ފެށީމެވެ.
“ތިއޭ ލީންގެ މައްސަލައަކީ… ވާހަކަ ދައްކާލަން ވަގުތު ދޭނީ ކިހިނެއް؟ އަބަދުވެސް ކޮންމެސް ޝަކުވާއެއް ކުރާނީ… ދެން ނޫނީ ކޮންމެސް މައްސަލައެއް ހައްލުކުރުން އޮންނާނީ… ވާހަކަ ދެއްކިއްޔާ މަށަށް ހީވަނީ އަދި އިތުރަށް މަގޭ ބޯ ގޮވާހެން.” އިޔާޝް ދެ އަތުން ބޮލުގައި ހިފައްޓާލަމުން ބުންޏެވެ.
އެވަގުތު ސޯފާ މަތީގައި އޮތް އިޔާޝްގެ ފޯނު ރިންގް ވިއެވެ. ގުޅަމުން ދަނީ ސޭވް ނުކޮށް އިން ނަމްބަރަކުންނެވެ. ސައިލެންޓަށް ލަމުން އިޔާޝް ފޯނު އަނެއް ފުށަށް ޖަހާލިއެވެ. އަހަރެން އިނީ އިޔާޝްގެ އެ ހަރަކާތަށް ބަލާށެވެ. އަނެއްކާ ވެސް ހަމަ އެ ނަންބަރުން ގުޅަން ފެށިއެވެ.
“ހަލޯ… އާނ… މިގަޑީގަ؟… ވިއްސާރައެއް ނޫންތަ؟….. އެހެންވިއްޔާ ދެވިދާނެ.. ކޮން ކެފޭއަކަށް ދާންވީ؟….. އޯކޭ.. މި ކައިރި ކުރަނީ..” ސޯފާއިން ތެދުވެ އިޔާޝްގެ ފޯނު ޖީބަށް ޖަހައިލިއެވެ.
“ދަނީތަ؟ އަހަރެން އަދި ވާހަކަ ދައްކާ ނުނިމެ..” އިޔާޝް ހިނގައިގަތުމުން އަހަރެން ބުނީމެވެ.
“ދެން ފަހުން ދޯ..؟ މިހާރު ބޭނުން ވަނީ ބޯ ހަމަ ޖައްސާލަން.. އަހަންނަށް އާދެވޭނީ ވަރަށް ލަހުން ކަންނޭނގެ. މިރޭ ގެއަކުން ނުކާނަން.” އިޔާޝް ބޭރަށް ނުކުމެ ދޮރު ލައްޕާލަމުން ބުންޏެވެ.
އިސް ޖަހާލައިން އިނދެ އެއް އަތުން ނިއްކުރި މަތީގައި ފިރުމާލެވުނެވެ. ވިސްނުން ތަކުގެ ހާއްޔެއްގައި އުފަންވަމުން ދަނީ ކުދިކުދި މައްސަލަތަކެވެ. އެ މައްސަލަތައް ބޮޑެތި ވަމުން ދާއިރު ކަން ނިމޭނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. ކުރި މަގުގައި ވެސް އަހަރެނަށް އޮތީ ކަށި ކުނބުރު ޖަންގައްޔެއް ކަންނޭނގެއެވެ.
އަމިއްލައަށް ހިންގަމުންދާ ފިހާރައިގެ ވިކުރާ ނިންމާ ލުމަށްފަހު އިނާން ގެއަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވައި ލުމާއި އެކު ފެނުނީ ރަޖާ އަޅައިން ނިދިފައި އޮތް ލައިޝާއެވެ. ލައިޝާއަކީ އިނާންގެ އަންހެނުންނެވެ. އާދައިގެ މަތިން މިރޭވެސް އިނާން ގޮސް ލައިޝާގެ ނޭފަތުގައި ހިފާލިއެވެ.
“ހޫމްމްް… އިނާން… ޕްލީޒް ވަރަށް ނިދި އައިސްފަ މިއޮތީ..” ކުކުރާ ލަމުން ލައިޝާ ބުނެލިއެވެ.
“ދެން ތެދުވެބާ ލައީ… ކޯއްޗެއް ކާން ހުރީ؟” ލައިޝާގެ ދެ ކޮލުގައި ހިފާ ފިތާލަމުން އިނާން ބުނެލިއެވެ.
“ނެތް އެއްވެސް އެއްޗެއް.. މާ ބޮޑަށް ބަނޑުހައި ވީތަ؟” ރަޖާ ދުރުކޮށްލާފަ އިށީންނަމުން ލައިޝާ ބުނެލިއެވެ.
“ހޫމް.. އޯކޭ.. ރެޑީ ވެބާ.. ހިނގާ ބޭރަށް ކާން ދާން.” ލައިޝާގެ ފައި ތިލައިގައި ކޮއްޓާލަމުން އިނާން ބުނެލިއެވެ.
“އިނާން..! އަޅެ ފައިގަ ނުކޮއްޓަބަލަ..” ލައިޝާ ހިނިގަނޑެއް ޖަހާލަމުން އިނާންގެ ގައިގައި ބާލީހަކުން ޖަހާލިއެވެ.
“އޯކޭ! ދެން އަވަހަށް ރެޑީވޭ..” ލައިޝާގެ ގައި މަތީގައި އަޅާފައިވާ ރަޖާގައި ހިފާ ލައިޝާގެ ބޯމައްޗަށް އެއްލައިލަމުން ހިނިއައިސްފާ ހުރެ އިނާން ނުކުތެވެ.
ތިރީސް މިނެޓެއް ހާއިރު ފަހެވެ. އިނާން އާއި ލައިޝާ ކެފޭއަށް ވަނުމަށް ފަހު އިށީންނާނެ މޭޒެއް ހޯދަމުން ދިޔައެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި މޭޒަކުން ދެމީހުން ނުކުންނަން އަންނާތީ ފެނުނެވެ. އިނާން އާއި ލައިޝާ ދިޔައީ އެ މޭޒަށެވެ. މޭޒުމަތީގައި އޮތް ކޭޝް ކާޑް ނަގާ އިނާން އެ ކާޑަށް ބަލައިލިއެވެ.
“ހާޖަރު ލީން” ކާރޑްގައިވާ ނަމަށް ބަލައިލުމަށް ފަހު ނިއްކުރިޔަށް ރޫ އަރުވައި ލަމުން އިނާން ކުޑަކޮށް ވިސްނާލިއެވެ.
“ލައީ..! މިތާ މަޑުކޮއްލައްޗެ. މި އަންނަނީ ދެންމެ މިތަނުން ދިޔަ މީހާއާ ކާރޑް ހަވާލު ކޮށްފަ.” އިނާންގެ ހަރަކާތްތައް އަވަސް ކޮއްލަމުން ބުނެލިއެވެ.
“ކިހިނެއް އިނގެނީ ތީ އެ މީހާގެ ކާރޑެއް ކަން.؟” އިނާން ދާން ފެށުމުން ލައިޝާ ބުނެލިއެވެ.
-ނުނިމެ-
މި ބައިވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަމުން 3 ވަނަ ބަޔަށް އިންތިޒާރު ކުރުމަށް އެދި ދަޢުވަތު އަރުވަން. ✍️✍️✍️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







މި ވާހަކައިގެ ފުރަތަމަ ބަޔާ ގުޅިގެން ކުއްޖަކު ފައުޅުކޮށްފައިވާ ޚިޔާލާކާ ހަވާލާދީ ލިޔުންތެރިޔާއަށް ދޭން އޮތް ލަފަޔަކީ ކަނޑައަޅައިފައިވާ ގޮތަށް “ޕްރޯ” ވާހަކައެއްގެ ގޮތުގައި ކުރިޔަށް ގެންދިއުން.ލިޔުންތެރީންގެ ލެޔާއި ދަލުގެ އަގު ވަޒަންނުކޮށް ހުރިހާ ވާހަކައެއް ހިލޭ ކިޔަން ބޭނުންވާ އަމިއްލަ އެދުން ބޮޑު ކުދީންނަށް ރަނގަޅުވާނީ ބީރު ކަންފަތެއް ދިނިއްޔާ
ތިޔަ ކޮމެންޓް ލިބުނީތީ ވަރަށް އުފާކޮށްފީމެވެ
ހަގީގަތުގައި ވެސް މިފަދަ ދިގު ވާހަކަތައް ލިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ އަދި އެކަމަށް ހޭދަ ކުރެވޭ ވަގުތަކީ ލިޔުންތެރިޔާ ވެސް ވަރަށް ގިނަ ކަންކަން ހުއްޓާލުމަށް ފަހު އެކަމަށް ހޭދަކުރާ ވަގުތުތަކެވެ. އަދި އެސްފިޔައިގެ ފަރާތުން މިފަދަ ފުރުސަތެއް މަގުފަހި ކޮށްދީފައި ވަނީ ލިޔުންތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމުގައި ދެކެމެވެ. ތިޔަ ދެއްވި ޚިޔާލު އުފަލާއެކީ ބަލައިގަންނަން. އަދި ތިޔައީ ވާހަކަ ލިޔުމުގައި ކުރިޔަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމުގައި ދެކެފީމެވެ.
ހިތުގެ އިޚްލާޞްތެރި ޝުކުރު އަރިސް ކުރަން🙂
Ehenveema rf dhw Mi muhinmu V? Aslu mahsala eh neh pro koh liunas but Dhigu vhk eh liyanya abadhuves shaleen pro koh liyany! Shaleen vhk liyegen vrh rf libeytha?
Alhugandu vaahaka liyumuge kurinves nimmaafa innaanee mi vaahaka ves pro kuran. Thibunaahen thedhei … Hageegathu ves dhigu vaahaka pro kuran nimmanee ekamah varah vaguthu heydha kureveytheeve.
Ehenviyas adhi part 4 ga buneladheynan vaahaka pro kuriyas nukuriyas ingey. 😊
Goy nimmaanee alhugandu.. hehe
Dhen shaleen Alah liyunu “saara” vaahaka pro koggen 300/- ves nulibey.
Ekam ves alhamdh lillah…
Shaleen Akah nengey ehen liyuntherinnah libey manfaa eh vaahaka pro koggen.
Ekamaku e vaahaka pro kuree Hama experience Kollan.
Varah Gina RF libeytho evves noon pro kuraneekeeves
Hageegathuga RF ah vure bodah ufaavaane v Ginain comment libenynama…
Ekam kuriyaa balaafa comment ves Hama hurihaa vaahakaigaves Madhu kamah faahaga vey.
Dhen hingaabala dho balamaa part 4 ah