Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހީރައިތް

Regnarts1221
Regnarts1221 Level 1
December 23, 2025 6 Mins Read
1 Comment

ޔިން ގެލެކްސީ ޓަވަރުގެ ރިހިކުލައިގެ ލިފްޓްތައް މައްޗަށް އަރަމުންދިޔައީ އެއްވެސް އަޑެއްނެތި، ސިއްރިއްޔާތެއްގައެވެ. ސަތޭކަ ވަނަ ފަންގިފިލާއަށް ލިފްޓް ހުޅުވާލުމާއެކު، ފިނި ވަޔާއެކު އޯޒޯން އާއި ވައިޓް ޓީގެ މީރުވަސް މަރުހަބާ ކިޔެވެ. އޮފީސްތެރެ ފެންނަނީ ތަނަވަސްކޮށެވެ. ބިއްލޫރި ދޮރުތަކުން ބެއިޖިންގެ މަންޒަރު ފެންނަނީ ބަލާ ފޫހިނުވާހާ ހިތްގައިމުކޮށެވެ.

ތިރީގައިވާ ސިޓީ ފެންނަނީ ދަގަނޑާއި އަލިން ގަތާލެވިފައިވާ ފުރޭމެއް ފަދައިންނެވެ. މިހާ އުސްމިނުން ބަލާއިރު މީހެއްގެ ހިލަމެއްނުވެއެވެ. ސާފު ހުދު ވިލާތައް ވެސް ދަތުރުކުރަމުންދަނީ ބެލްކަނީގެ ތިިރިންނެވެ. އެ މަންޒަރުތަކުން އެ އޮފީސް ސިފަވަނީ އުޑުގައި ބިނާކޮށްފައިވާ މަހަލެއް ފަދައިންނެވެ. އެ ތަނަވަސް އޮފީހުގެ މެދުގައި ރަސްކަން ކުރަމުންދަނީ، ކަޅުކަންގަދަ އޮބްސިޑިއަން ހިލައިން ކަނޑާ ނަގައި ފަރުމާކުރެވިފައިވާ މޭޒެކެވެ. އޭގެ އޮމާންކަމުން، ހަމަހިމޭން ކަޅު ކަނޑެއްގެ ލޯގަނޑެއް ފަދައިން، މުޅި ކޮޓަރީގެ މަންޒަރު ވަނީ އޭގެ ފުންކަމުގެ ތެރެއަށް ގަންބާލެވިފައެވެ.

ކުޑަދޮރު ކައިރީގައި، އެއްވެސް ހަރަކާތެއް ނެތި މީހަކު ހުއްޓެވެ. އިސްކޮޅުން ދިގު، އިޓަލީގެ އެންމެ ފެންވަރު ރަނގަޅު ކޯޓު ފަޓުލޫނުގައި ހުރި އެ މީހާގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމާއި ނުފޫޒެވެ. ސިޓީގެ ފިނި އައްޔާ އެކުވެގެން އޭނާގެ ސޫރަ ފެންނަނީ ނިކަން ހިތްގައިމުކޮށެވެ. ފަހަތަށް ފުނާ އަޅާލެވިފައިވާ ކަޅު ދިގު އިސްތަށިގަނޑާއި، ފިނި ނަމަވެސް ހައިބަތު ހުރި މޫނަކީ ރީތިކަމުގެ ނަމޫނާއެކެވެ.

ބޭރުން ވާރޭގެ ތިކިތައް އޮހެން ފެށުމާއެކު، އޭނާގެ ލޮލުގެ ކުރިމަތީގައި މުޅިން އެހެން ސޫރައެއް ކުރެހިގެން ދިޔައެވެ. އޭނާގެ ދިގު، ރީތި އަތް އުފުލާލައި، ފިނި ބިއްލޫރިގަނޑުގައި އަތްތިލަ ޖައްސާލީ ހަނދާންތަކުގައި ފިރުމާލާ ފަދަޔަކުންނެވެ. އެ ހިނދު، ބެއިޖިންގެ އަޅިކުލައިގެ ފިނި ވާރޭ، ރާއްޖޭގެ ކަނޑުގެ އޮމާން ބާނީތަކަށް ބަދަލުވެއްޖެއެވެ. ވައިގެ ތެރޭގައި ހިފާލާފައިވާ އޯޒޯންގެ ތާޒާކަން، ކަނޑުގެ ލޮނުގަނޑުން އުފެދޭ ހިތްގައިމު ވަހާ އެކުވެގެން ދިޔައެވެ. އޭނާގެ ހިތުގެ ލޯގަނޑުން އެވަގުތު ފެންނަމުންދިޔައީ، ކަޅު ބުރުގާއެއްގެ ނިވާކަމުގައި ހުރި ޅަ އަންހެން ކުއްޖެއްގެ ފަނޑުނުވާ ތަސްވީރެވެ.

އެސިސްޓެންޓްގެ މަޑުމައިތިރި އަޑާއެކު، ކޮޓަރިތެރޭގައި ރަސްކަންކުރަމުންދިޔަ ހަމަހިމޭންކަން ބިއްލޫރިގަނޑެއް ފަދައިން މުގުރިގެން ދިޔައެވެ. “ސަރ، ޝަންހާއީ މާޖަރއާ ބެހޭ ބޯޑު

ބައްދަލުވުމުގެ ހުރިހާ އިންތިޒާމެއް މިހާރު ވަނީ ނިމިފަ”

ކެންސަލް ކުރޭ ” އޭނާގެ ދުލުން ބޭރުވި ބަސްތައް މަޑުމައިތިރި ނަމަވެސް، އެ އަޑުގައި ހުރި ފިރިހެންވަންތަ ގުގުމުމާއި ހައިބަތުން މުޅި މާހައުލު ގުޑުވާލިއެވެ.

“ސަރ؟” ހައިރާންކަމާއެކު އެސިސްޓެންޓަށް އަހާލެވުނެވެ.

“ހުރިހާ ކަމެއް ކެންސަލް ކުރޭ،” އޭނާ ތަކުރާރުކޮށްލިއެވެ.

އެވަގުތު އޭނާގެ ދެލޮލުގެ ކަޅިން ފާޅުވި ތޫނު ވިދުމުން ސިފަވަނީ، އަނދަމުންދާ އަލިފާންގަނޑެއްގެ ސާބިތުކަމާއެކު އިއްވި ފަހުގެ ހުކުމެއް ފަދައިންނެވެ.

“ޕްރައިވެޓް ޖެޓް ތައްޔާރުކުރޭ. އަހަރެން މިދަނީ އެނބުރި ވަޒަނަށް.”

އޮފީސް ތެރެއަށް ދިގު ހަމަހިމޭން ކަމެއް ވެރިވިއެވެ. އިރުކޮޅެއްގެ ހިމޭން ކަމަކަށްފަހު، އެންމެ ފަހުން އޭނާގެ ލީޑް އެސިސްޓެންޓް ޗެން، ވާހަކަ ދެއްކި އެވެ.

“ސަރ، ‘ގެއަށް؟’ ތިޔަ މާނަކުރެއްވީ ހާންގްޒޯގައިވާ އެސްޓޭޓް؟ ނުވަތަ ފަހަރެއްގައި ވިލާ…” އެސިސްޓެންޓަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ.

‘ދި މޯލްޑިވްސް،’ އޭނާގެ ދުލުން ބޭރުވީ ކުރު ޖަވާބެކެވެ. ފަހަތަށް އެނބުރިލުމުގެ އެއްވެސް ޚިޔާލެއް ނެތި، އޭނާ ހުރީ ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައެވެ. އޭނާގެ ފުން ނަޒަރު ހުއްޓިފައިވަނީ، ވާރޭގެ ތިކިތައް ކަރުނައިގެ ސޫރައިގައި ފައިބަމުންދިޔަ ފިނި ބިއްލޫރިގަނޑަށެވެ.

“ދި… މޯލްޑިވްސް؟” ޗެންގެ އަޑު ހައިރާން ކަމާއި އެކު ބެދޭގޮތްވިއެވެ. “ސަރ، ހުރިހާ އިހުތިރާމާއެކު ދަންނަވަމެވެ، ޝަންހާއީ މާޖަރ ބައްދަލުވުން އޮތީ މިރެއަށް ތާވަލުކުރެވިފައި، ނިއުޔޯކްގެ ބޯޑު މީޓިން އޮތީ ބުރާސްފަތި ދުވަހަށް ކަނޑައެޅިފައި، މޯލްޑިވްސްގައި ތިޔަބޭފުޅާ ވަޑައިގަންނަވަން ޖެހޭ އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެންގެ އެއްވެސް ސިނާއީ މަސްލަހަތެއް އެތަނުގައި ނެތް.”

“މަޝްރޫޢެއް އެބައޮތް،” ކަނޑިއެއްގެ މިޔަ ފަދަ ތޫނު އަޑަކުން އޭނާ އިއްވާލިއެވެ. “ގޮނޑުދޮށުގެ ބިނާވެށި ތަރައްޤީކުރުމުގެ މަސައްކަތެއް. ޗެން، މިދިޔަ ކުއާޓަރުގެ ބްރީފިންގައި ތިބާ ފާހަގަކުރި މަޝްރޫޢެއް އެއީ.”

ޑިޖިޓަލް ފައިލްތައް ހާވާލި އަޑު، އޮފީހުގެ ހަމަހިމޭންކަން މުގުރާލިއެވެ. ޗެންގެ ހަރަކާތްތަކުން ހީވަނީ އޭނާ ހޯދަމުން އެދަނީ ‘މިނަރ އިންޓަނޭޝަނަލް ޕްރޮޖެކްޓްސް’ ފޯލްޑަރެއްހެންނެއެވެ. ” ވަން މޮމެންޓް ސަރ… އޮހ. އައި ސީ އިޓް. ‘ދަ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް-ދަ ބްރިޖް އެންޑް ލޭންޑް ރިކްލެމޭޝަން ފޭސް.’ ބަޓް ސަރ، އެއީ ކުޑަކުޑަ ސަބްކޮންޓްރެކްޓެއް. އަޅުގަނޑުމެން އެ މަސައްކަތް ބެލެހެއްޓުމަށް ފޮނުވީ މިޑް ލެވެލް މެނޭޖަރެއް. ޑިރެކްޓަރަކު ދާންޖެހޭ ފަދަ މުހިންމު ކަމަކަށް އެކަން ނުވާއިރު، ތިޔަ ބޭފުޅާ ފަދަ މަތީ ފަންތީގެ ބޭފުޅަކު ވަޑައިގަތުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ތިޔަބޭފުޅާ ރާއްޖެ ވަޑައިގަންނަވާ ޚަބަރު ކަމާބެހޭ މިނިސްޓްރީއަށް އަޅުގަނޑު އަރުވަންވީތޯ؟ ޝައްކެއްވެސް ނެތް ގޮތުގައި، އެބޭފުޅުން ބޭނުންފުޅުވާނީ ދައުލަތުގެ ފެންވަރުގެ ހައިބަތު ހުރި މަރުހަބާއެއް ދަންނަވަން….”

“ނޫނެކެވެ.” އެންމެ ފަހުން އޭނާ އެނބުރިލިއެވެ. އޭނާގެ ހަރަކާތްތައް ލަސްވެފައި މަޑުމައިތިރިއެވެ. އޭނާގެ މޫނަކީ ފިނިކަމާއި ސާބިތުކަމުގެ ހިތްގައިމު ނަމޫނާއެކެވެ.

“މިއީ ޕްރައިވެޓް އޮޑިޓެއް. އަހަރެން މިވަގުތު ކަމެއްގައި މަޝްޣޫލުވެ އުޅޭތީ ބައްދަލުވުންތަކަށް ހާޒިރުނުވެވޭނެ ކަމަށް ޔިން ގެލެކްސީއަށް އަންގާލާ. އަދި މި ދަތުރުގެ އެއްވެސް މަޢުލޫމާތެއް އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވާނެ!”

“ބަޓް ސަރ—”

“ފްލައިޓް ޕްލޭން ތައްޔާރުކޮއް ބަލަ، ޗެން.” އޭނާ ވާހަކަ މެދުކަނޑާލީ އޭނާގެ ކަޅުކަންގަދަ ދެލޯ ހަނި ކުރަމުންނެވެ. “ހަތަރު ގަޑިއިރު ތެރޭގައި އަހަރެމެން ފުރަންވާނެ.”

“ލައްބަ، ސަރ.” ޗެން މަޑުމަޑުން ބުނީ މާޔޫސްވެފައިވާ ފަދައިންނެވެ.

ޗެން އޮފީހުން ނުކުތުމާއެކު، މުޅި މާހައުލަށް ވެރިވީ ބަރުދަންހުރި ހައިބަތު ހުރި ހަމަހިމޭންކަމެކެވެ. އޭނާ އޮބްސިޑިއަން މޭޒުގެ ފަހަތުގައި އިށީނެވެ. އޭނާގެ ކަޅުކަންގަދަ ކަޅި ހުއްޓިފައިވަނީ އެތައް ހާސް މޭލެއްގެ ދުރުގައިވާ އުދަރެހަށެވެ.

———————

ބްރިޖުގެ ދަގަނޑުތަކާއި ސިޓީގެ ހަލަބޮލިކަމާ ކުޑަ ތަންކޮޅެއް ދުރުގައި އޮތް މި ސަރަހައްދުން ގެނެސްދެނީ ތަފާތު އިހުސާސެކެވެ. މާލޭގެ އެހެން ހިސާބުތަކަށްވުރެ ފިނި، ފެހިކަންގަދަ ލޮނުޒިޔާރަތް ޕާކުގެ ކައިރީގައި ހުރި ދިހަ ބުރީގެ އިމާރާތެއްގެ ތިންވަނަ ފަންގިފިލާއަށް ހެނދުނުގެ އިރުގެ ރަން އަލިކަން ވަނީ ކުޑަދޮރުން ފޭދިގެން، ސިޓިންރޫމްގެ ތަޅުންގަނޑުމަތީގައި ރީތި ކުރެހުމެއް ފަދައިން އެޅިފައެވެ.

އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގެ ތެރޭގައި، މުސައްލައެއްގެ މަތީގައި ނުހަނު ފުރިހަމަ، އުޖާލާ އަންހެން ކުއްޖަކު އިށީނދެގެން އިނެވެ. އޭނާ ސިފަވަމުން ދިޔައީ މަޑު ފިޔާތޮށިކުލައިގެ ނަމާދު ދޮޅިއެއްގެ ތެރޭގައި އިން، ނުހަނު މަޑުމައިތިރި، ހިތްގައިމު ސޫރައެއްގެ ގޮތުގައެވެ. އޭނާގެ ދެލޮލުން ފެންނަނީ ގުދުރަތީ އުޖާލާކަމާއި އަމާންކަމެވެ. އެ ދެލޮލުގެ ކަޅި ނިވާކޮށްލާފައިވާ ދިގު އެސްފިޔަތަކުގެ ހިޔަނި، އޭނާގެ އޮމާން ކޯތާފަތަށް އެޅިފައި ވަނީ ފަރުމާކޮށްފައިވާ ކުރެހުމެއް ފަދައިންނެވެ. ފިނިފެންމަލެއްގެ ފިޔަފަދަ އޭނާގެ ނާޒުކު ތުންފަތް ހަރަކާތްތެރިވަމުން ދިޔައީ، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން މުޅި މާހައުލު އުޖާލާކުރަމުންނެވެ. އެ ހިތްގައިމު ރާގުގެ ފޮނިކަމުން މުޅި ކޮޓަރީގެ ތެރެއަށް ވެރިވެފައިވަނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

ދަރިފުޅާ އާލިޔާ، ކިޔަވައި ނިމުނީތަ؟” ބަދިގެ ތެރެއިން އޭނާގެ މަންމަ މަރިޔަމްގެ އޯގާތެރި އަޑު އިވުނެވެ.

ލައްބަ މަންމާ. މިދަނީ،” މަޑުމައިތިރިކަމާއެކު އާލިޔާ ޖަވާބު ދިނެވެ.

އޭނާ ނުހަނު އިހުތިރާމާއެކު މުޞްޙަފު ލައްޕާލުމަށްފަހު، ނިތްކުރީގައި ޖައްސާލައި، މުސައްލަ މަތިން ތެދުވިއެވެ. މުސައްލަ ރީތިކޮށް ފަތްޖަހާލުމަށްފަހު، އޭނާ ބަދިގެއަށް ދިޔައެވެ. ބަދިގެ ތެރެއަށް ހެނދުނުގެ އިރުގެ ރަންދޯދިތައް އެޅިފައިވާއިރު، އެ އަލީގެ ތެރޭގައި މުދާކުޅެމުންދާ ރަންކުޑިތަކެއް ފަދަ އާވިތައް ފެންނަނީ ހުވަފެނި މަންޒަރެއް ފަދައިންނެވެ.

ސިޓިންގރޫމްގެ ތެރެއިން އޭނާގެ ބައްޕަ، އަލީގެ މަޑުމައިތިރި އަޑު އިވެމުންދިޔައެވެ. އޭނާ އިނީ ސޯފާގައި އޭނާގެ ހަ އަހަރުގެ ކާފަދަރިފުޅު، އަޔާޒް ގޮވައިގެންނެވެ. ދެމީހުންގެ އުނގުމަތީގައި ބޮޑު މުޞްޙަފެއް އޮތެވެ. “އާނ، އެހެން،” އަލީ ކެތްތެރިކަމާއެކު ބުންޏެވެ. އޭނާގެ އިނގިލިން ފޮތުގެ އަކުރުތަކަށް އިޝާރާތްކުރަމުން ދިޔައެވެ. އަޔާޒުގެ ޅަ އަޑުން، އޭނާގެ ކާފަ ކިޔައިދޭ ގޮތަށް ފަރުވާތެރިކަމާއެކު އަކުރުތައް ކިޔަމުން ދިޔައެވެ.

އާލިޔާ ބަދިގެއަށް ވަދެ، އެންމެ ފުރަތަމަވެސް ދިޔައީ އަތް ދޮވުމަށް ސިންކު ކައިރިއަށެވެ. އޭނާގެ މަންމަ، މަރިޔަމް، އުނދުންމަތިން ނަޒަރު ވަކިނުކޮށް، މަސްހުނި މޮޑެން ތައްޔާރުކޮށްފައި ހުރި ތަކެތި އާލިޔާގެ ގާތަށް ޖައްސާލިއެވެ.

“ރޮށިތައް މިހިރަ ނިމެނީ،” ތަވާއަށް ބަލަހައްޓައިގެން ހުރެ މަރިޔަމް ބުންޏެވެ. “އަވަހަށް މަސްހުނިކޮޅު މޮޑެލާ. ބައްޕަ އާއި ކޮއްކޮ ކިޔަވައި ނިމޭއިރަށް ވަރަށް ބަނޑުހައިވާނެ.”

އާލިޔާ ބޯޖަހާލުމަށްފަހު، ހަލުވިކަމާއެކު މަސައްކަތް ފެށިއެވެ. އޭނާގެ ދޮންބެއަށް އެކަށީގެންވާ ވަރަށް ވަކި ތަށްޓަކަށް މަސްހުނި އެޅުމަށްފަހު، މަސްހުނި ކޮޅުގެ ބާކީ ބެހެއްޓިއެވެ.

ދޮންބެގެ މިރުސްކޮޅު ހަނދާން ނައްތާނުލައްޗޭ،” ތާޒާ މިރުސްތައް ހުރި ވަށިގަނޑަށް ބަލައިލަމުން މަންމަ ބުންޏެވެ. “އިއްޔެގެ ހެނދުނުގެ ސައިގެ ރަހަ މަޑުކަމަށް ބުނެ އާއިޒް ޝަކުވާކުރި.”

އާލިޔާ ގިތެޔޮ މިރުސްތައް ނެގިއިރު، އޭނާގެ ފިޔާތޮށިކުލައިގެ ނާޒުކު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދޮންބެގެ ގަދަ ކުޅި ރަހައަށް އިންސާފުކޮށްދިނުމުގެ ނިޔަތުގައި، އޭނާ ނުހަނު ފަރުވާތެރިކަމާއެކު އެ ބަޔަށް މިރުސް ކޮށަން ފެށިއެވެ.

“އަޅުގަނޑު މިފަހަރު މިއުޅެނީ އިތުރަށް މިރުސް އަޅައިގެން ވަރަށް ކުޅިގަދަކޮށްލާށޭ މަންމާ،” ލާނެތް ހިނިތުންވުމަކާއެކު އާލިޔާ ޖަވާބު ދިނެވެ.

ކިޔެވުމުގެ ހަމަހިމޭންކަން ނިމުމަކަށް އައީ މާ ގިނައިރެއް ނުވެ ދޮރެއް ހުޅުވިގެން ދިޔަ އަޑާއެކީގައެވެ. އާލިޔާގެ ދޮންބެ އާއިޒު ނިކުމެގެން އައީ އިސްތިރިކޮށްފައިވާ ގަމީހަކާއި ފަޓުލޫނެއް ލައިގެން އޮފީހަށް ދާން ތައްޔާރުވެގެންނެވެ.

“ކޮފީ ތައްޔާރުތަ؟” އަވަސްއަރުވާލަމުން، ނިދިމަރުވެފައިވާ އަޑަކުން އާއިޒް އެހިއެވެ.

“މިނެޓެއްގެ ތެރޭގައި ލިބޭނެ.” ރޮށި ދެފުށްޖަހަމުން މަރިޔަމް ޖަވާބު ދިނެވެ.

މަރިޔަމާއެކު އާއިޒްގެ އަންހެނުން ޔަސްމީން ވެސް މަސައްކަތުގައި އުޅެއެވެ. އޭނާ މީގެ ކުޑައިރުކޮޅެއް ކުރިން ބަދިގެއަށް އައިސް، ފުށްގަނޑު މޮޑެ ރޮށި ދަމަން ފަށައިފިއެވެ. އެ ދެ އަންހެނުން އެކަކު އަނެކަކަށް އެހީތެރިވަމުން ދިޔައީ ނުހަނު ފަރިތަކަމާއެކުއެވެ. އެކަކު ރޮށި ދަމާއިރު އަނެކަކު ރޮށި ފިހެނީއެވެ. އެވަގުތު އާލިޔާ މަސްހުނި މޮޑެ ނިންމާލިއެވެ.

“މިއަދު ދޮންބެގެ ބައި މި ހެދީ ވަރަށް ކުޅި ގަދަކޮށް، ދޮންބެ ބޭނުންވި ގޮތަށް،” މޭޒުމަތީގައި މަސްހުނި ތަށި ބަހައްޓަމުން އާލިޔާ ބުންޏެވެ.

އާއިޒް ބޯޖަހާލަމުން އެކަން ބަލައިގަތެވެ. “ރަނގަޅު. މިއަދު ބްރިޖުގެ ޓްރެފިކް ވަރަށް ގޯސްވާނެހެން ހީވޭ.”

ކިޔަވައި ނިމުމާއެކު، އަލީއާއި އަޔާޒް ނުހަނު އޯގާތެރިކަމާއެކު މުޞްޙަފު ލައްޕާލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި، އަޔާޒް ސޯފާއިން ފުންމާލައިގެން ބަދިގެއާ ދިމާލަށް ދުއްވައިގަތެވެ.

“މަންމާ! އަޅުގަނޑު ވަރަށް ބަނޑުހައި!” ޔާސްމީންގެ ކައިރިއަށް މަޑުކޮށްލަމުން އަޔާޒު ބުންޏެވެ.

“އެންމެ ފުރަތަމަ ޖެހޭނީ އަތް ދޮންނާށެއްނު ދަރިފުޅާ؟” އޯގާތެރި ހިނިތުންވުމަކާއެކު ޔަސްމީން ބުންޏެވެ. އެވަގުތު އާލިޔާ ނުހަނު ލޯތްބާއެކު އަޔާޒުގެ މަޑު އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގާލިއެވެ.

އެ ކުޑަ ބަދިގެ މިހާރު ފެންނަނީ ދިރުމުން ފުރިފައިވާ މަންޒަރެކެވެ. ތިން އަންހެނުންގެ މެދުގައި އޮތް އެކުވެރިކަމާއި ފަރިތަ މަސައްކަތްތަކުން މުޅި މާހައުލު ވަނީ އުޖާލާވެފައެވެ. އާއިޒް އޮފީހަށް ދާން ތައްޔާރުވަމުންދާއިރު، ކުޑަ އަޔާޒްގެ ޅަ ހަރަކާތްތަކާއި އުފާވެރިކަމުން އެ މާހައުލަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. ހެނދުނުގެ ރަންދޯދިތައް އެ އުފާވެރި ޢާއިލާގެ މައްޗަށް ބޮސްދެމުންދާއިރު، އެންމެ ފަހު ތަށި މޭޒުމަތީގައި ބަހައްޓާލި އާލިޔާގެ ފިޔާތޮށިކުލައިގެ ތުންފަތަށް ވެރިވެފައިވަނީ، ހިތުގެ ފުންމިނުން އައި ހިތްހަމަޖެހުމުގެ ފުރިހަމަ ހިނިތުންވުމެކެވެ.

———————

ހޭންގަރުގެ ބޮކިތަކުގެ އަލީގައި، ގަލްފްސްޓްރީމް G650 ފެންނަނީ ރިހިކުލައިގެ ހައިބަތު ބޮޑު ބާޒަކާ އެއްފަދައިންނެވެ.އިންޖީނުތަކުގެ އަޑު ގަދަވަމުން ގޮސް މުޅި ހޭންގަރުގެ ތެރޭގައި ގުގުމާލިއެވެ. އޭނާ ބޯޓަށް އެރިއިރު، އެ މޫރިތި ހައިބަތުގެ ސަބަބުން މުޅި މާހައުލަށް ހަމަހިމޭންކަން ވެރިވެފައި އޮތް ކަހަލައެވެ. ފްލައިޓް ކްރޫއިންނާ އެންމެ ބަހެއްވެސް ބަދަލުކުރުމެއް ނެތި، އޭނާ ގޮސް އޭނާގެ މަގާމުގައި އިށީނދެ ހަމަޖެހިލިއެވެ. ބީޖިންގެ ދުމުގެ ތެރެއިން ޖެޓް މައްޗަށް އުދުހިގަނެ، ވިލާތައް ފޫއަޅުވާލުމާއެކުހެން، ތިރީގައިވާ ސިޓީގެ ބޮކިތަކުގެ އަލި ފަނޑުވަމުން ގޮސް، ހަނދާނަކަށް ވެގެން ދިޔައެވެ. އޭނާ އިނީ އަނދިރިކަން ވެރިވެފައިވާ ކެބިންގެ ހިމޭންކަމުގެ ތެރޭގައެވެ. އޭރު މުޅި މާހައުލުންވެސް ފެންނަން އޮތް ހަމައެކަނި އަލިކަމަކީ، ބޯޓުގެ ފިޔަގަނޑަށް އެޅިފައިވާ ހަނދުގެ ރިހި ދޯދިތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ބޯޓުގެ ފުރޮޅުތައް ބީހިލީ، މެންދުރުގެ ގަދަ އަވީގެ ސަބަބުން މުޅި މާހައުލު ހުދުވެ، ލޯ ތަރަތަރުޖެހޭ ފަދަ ގަދަ އަލިކަމެއް ފެތުރިފައިވާ ވަގުތެއްގައެވެ. އެއާޕޯޓުގެ ހަލަބޮލިކަމުގެ ތެރެއިން ފެންނަނީ ކޮންކްރީޓުން އަރާ ހޫނު އާވީގެ ތެރޭގައި އިންޖީނުތަކުގެ ބާރުގަދަ ގުގުމުން މުޅި ފަޒާ ގުގުމާލާފައިވާ މަންޒަރެވެ. ބޯޓުގެ ދޮރު ހުޅުވާލުމާއެކު، އެއްވެސް ފިނިކަމެއް ނެތް، ހޫނު ދިލަ ވައިގެ ރާޅެއް އައިސް މުޅި ހަށިގަނޑު ވަށާލި ކަހަލައެވެ.

ޑްރައިވަރު ކާރުގެ ދޮރު ހުޅުވާލުމާއެކު، އެއްވެސް ބަހެއް ބުނުމެއް ނެތި އޭނާ ގޮސް ކާރަށް އެރިއެވެ. ޗެންވެސް އޭނާގެ ފަހަތުން ކާރަށް އަރާ ހަމަޖެހިލުމަށްފަހު، (އަތުގައި އޮތް) ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. “ރިސޯޓް އޮތީ ތައްޔާރަށް،” ތާވަލަށް ބަލާލަމުން ޗެން ބުންޏެވެ. “ޕްރޮޖެކްޓްގެ ބްރީފިން ބާއްވާނީ އެތަނުގައެވެ.”

ކާރުގެ ފުރޮޅުތައް ސިނަމާލެ ބްރިޖުގެ އޮމާން ތާރުގަނޑުގައި ބީހިލުމާއެކު، އިންޖީނުގެ އަޑު މަޑުވެ، ދުވެލި ހަލުވިވެއްޖެއެވެ. ބިއްލޫރިގަނޑުން ބޭރުން ފެންނަން އޮތީ މެންދުރުގެ އަވީގައި ރިހިކުލައިން ދިހުން އަރަމުންދިޔަ ފުން މާކަނޑެވެ. ކަނޑުގެ ރާޅުތައް ބްރިޖުގެ ތަނބުތަކުގައި ޖެހި ބިނދިގެންދާއިރު އުފެދޭ ކުދިކުދި ފޮނުތައް ބަލަން އިނދެ، އެއްވެސް ޖެހިލުމެއް ނެތް އަމުރުވެރި ރާގަކަށް އޭނާ ބުންޏެވެ.

“އެކަން މަޑުޖައްސާލާ. ދެން މިސްރާބު ޖަހަންވީ އަހަރެން ބުނި މަންޒިލަށް.”

އަތުގައި އޮތް ޗާޓަށް ނަޒަރު ހުއްޓާލަމުން ޗެންގެ މޫނުމަތިން ފަސްޖެހުމުގެ އަސަރު ފާޅުވިއެވެ. “މާލެއަށްތޯ؟ ސާރ، އެއީ ވަރަށް ކުދި ގޯޅިތަކުން ފުރިފައިވާ، ތޮއްޖެހުން ބޮޑު ސިޓީއެއް. އެ ހަނި ގޯޅިތަކުގެ ތެރެއަށް މިފަދަ ބޮޑު ކާރަކަށް ވަދެވުމަކީ މުސްތަހީލު ކަމަކަށް ވާނެ،” ނުތަނަވަސްކަމާއެކު އޭނާ ބުންޏެވެ.

“ޖަސްޓް ގޯ!” އެއްވެސް އިހުސާސެއް ނެތް ފިނި ރާގަކަށް އޭނާ ބުންޏެވެ.

ބްރިޖުގެ ހާމަކަން ފަހަނައަޅައި، މާލޭގެ ހަލަބޮލިކަމުގެ ތެރެއަށް ކާރު ވަދެގެން ދިޔުމާއެކު މުޅި މާހައުލުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ބްރިޖުމަތީގެ ތާޒާ ލޮނުވައިގެ ބަދަލުގައި، އިހުސާސްކުރެވެނީ ހޫނު ތާރުގެ ކުލަވަހާއި، އުޅަނދުތަކުގެ ދުމުން ބަރުވެފައިވާ ނުސާފު ވައިގެ އަސަރެވެ. އުޑުމަތި ފޮރުވާލާފައިވާ އުސް އިމާރާތްތަކުގެ ސަބަބުން، އިރުގެ ސީދާ އަލިކަން ނުލިބޭ އެ ހަނި މަގުތަކުގައި ފެތުރިފައިވަނީ ކޮންކްރީޓްގެ ދިލަ ހޫނު ހިފާފައިވާ އަޅިކުލައިގެ ފަނޑު އަލިކަމެކެވެ.

މާލޭގެ ހަނި މަގުތަކުގެ ތެރޭގައި ދުއްވަމުންދިޔަ އެސް.ޔޫ.ވީ ކާރު، އެންމެ ފަހުން މުދާ އުފުލާ ލޮރީއެއްގެ ފަހަތުގައި ތާށިވެ، ހުއްޓެން މަޖުބޫރުވިއެވެ.

“މިއީ ކާރުގައި އާދެވޭނެ އެންމެ ފަހު ހިސާބަކީ،” ވަށައިގެންވާ ތޮއްޖެހުމަށް ބަލާލަމުން، މާޔޫސްވެފައިވާ ރާގަކަށް ޗެން ބުންޏެވެ.

“މިތަނުގައި މަޑުކުރޭ،” ޗެން ކައިރީގައި ބުނުމަށްފަހު އޭނާ ކާރުން ފޭބިއެވެ.

ނުނިމޭ

Share Article

Regnarts1221
Follow Me Written By

Regnarts1221

Level 1

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (5)

Next

ހިތް އެދޭ މަންޒިލަކީ… 19

Next
December 23, 2025

ހިތް އެދޭ މަންޒިލަކީ… 19

Previews
December 23, 2025

އަބަދުވޭ ހިތުގާ މަގޭ 2 (5)

One Comment

  1. Lulu says:
    January 31, 2026 at 5:50 pm

    Waiting for the next part

Comments are closed.



All Right Reserved!