Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޙަޤީޤަތް ކަޝްފުވުމުން…. 1

Sha Her
Sha Her Level 1
December 12, 2025 6 Mins Read
2 Comments

ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑުން މުޅި ފަޒާ ގުގުމާލާފައިވިއެވެ. މާޙައުލުގައި ހިފާލާފައިވީ ތެތްފިނިކަމެވެ. ފަތިހުގެ އެވަގުތު ރަޖާގެ ނިވަލުގައި ނިދީގެ ފޮނި މީރުކަން ޙާޞިލްކުރަމުން ދިޔަ ތުކްލާންއަށް ހޭލެވުނީ ގަޑި ސޯނާވި އަޑަށެވެ. އެ އަރާމު ތަންމަތި ދޫކޮށްފައި ދާން ކިތަންމެ ބޭނުންނުވިޔަސް އޭނާ ތެދުވީ އިތުރަށް ނުތެދުވެ އޮވެއްޖެނަމަ އަނެއްކާވެސް ނިދިދާނެތީއެވެ.

އެންމެ ސިކުންތެއްވެސް މަޑުނުކޮށް ތުވާލި ހިފައިގެން އޭނާ ފާޚާނާއަށް ވަނީ ހީކަރުވައިގެންފައި ހުއްޓަސް ފެންވަރާލުމުގެ ނިޔަތުގައެވެ. ދިހަ މިނެޓް ފާހާނާގައި ހޭދަކޮށްލުމަށްފަހު އޭނާ ނުކުތީ އުނަގަނޑުގައި ތުވާލި އޮޅާލައިގެންނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި އެ ރީތި ފަން އިސްތަށިގަނޑުން ފެން ފޮޅައިލިއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން އޭނާ އަލަމާރި ކައިރިއަށް ޖެހިލިއެވެ. އަލަމާރީގެ ދޮރުފަތް ހުޅުވާލާފައި އޭނާ ނެގީ ސްވެޓް ޕޭންޓަކާއި ޓީޝާޓެކެވެ. އަވަސް ގޮތަކަށް އެ ގަޔަށް މަހާލާފައި ސެންޓުކޮޅެއް ބުރުވާލިއެވެ. އެއަށްފަހު އޭނާ އެރީ ނަމާދަށެވެ.

ނަމާދުކޮށް އަވަދިވެގެން ތެދުވި ތަނާ ކޮޓަރި ދޮރު ހުޅުވާލި އަޑު އިވުނެވެ. ތުކްލާން އިސްއުފުލައި ބަލައިލި އިރު ޔުނީފޯމް ހިފައިގެން ދޮރުން ވަދެގެން އައީ ސާލިފާއެވެ. ތުކްލާން އަތަށް ޔުނީފޯމް ދީފައި އޭނާ ނުކުމެގެން ދިޔައީ ތުކްލާންއަށް ހިނިތުންވުމެއް ރައްދުކޮށްލައިފައެވެ. ރައްދުގައި ތުކްލާން ވެސް ހިނިތުންވެލިއެވެ.

ދެން އޭނާ އަވަސްވެގަތީ ޔުނީފޯމް ލުމަށެވެ. ފަޓުލޫނު ދަށަށް ގަމީސް ޖަހާލުމަށްފަހު ފަޓުލޫނު ދޫވިޔަ ނުދިނުމުގެ ގޮތުން އުނަގަނޑުގައި ކަޅުކުލައިގެ ބެލްޓެއް އަޅައިލިއެވެ. އެއަށްފަހު ނޫކުލައިގެ ޓައި ކަރުގައި އަޅާލުމަށްފަހު ގަޔަށް ސެންޓުކޮޅެއް ބުރުވާލިއެވެ. ސްކޫލަށް ގެންދަން
ބޭނުންވާ އެއްޗެހި ދަބަހަށް އަޅާ ހަމަކޮށްލިއެވެ. މިއަދު މީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސްކަމުން ސްކޫލަށް ގެންދަން ޖެހޭ އެއްޗެއްސެއް މާކަ ގިނައެއް ނޫނެވެ.

ދަބަސް ނެރެ ސިޓިންރޫމް ސޯފާ މަތީ ބެހެއްޓުމަށްފަހު އޭނާ މިސްރާބު ޖެހީ ކާގެއަށެވެ. އޭރު އޭނާ ނޫން އެންމެން ހަމަވެއްޖެއެވެ. ސުފުރާމަތި ފުރާލާފައިވީ އޭނާއަށް އެންމެ ކަމުދާ ސޭންޑްވިޗް އިންނެވެ. ލަހެއް ފަހެއް ނުކޮށް އޭނާ އަތްދޮވެލައިގެން އިށީނެވެ.

“ދަރިފުޅާ ތުކްލާން. މިއަދު ނަމާދު ކުރިންތަ؟” ޖަލީލު އަހައިލީ އޭނާ ކޮންމެހެންވެސް އެނގެން ބޭނުންވާތީއެވެ.

“އެއްކަލަ ޖަލީލު. އެ ސޮރު އަދިވެސް ބޮޑެއް ނުވޭތަ؟” ސާލިފާގެ ނަޒަރުގައި މައިންބަފައިން އަބަދު ކަންކަން ހަނދާންކޮށްދޭކަށް ނުޖެހެއެވެ. ތުކްލާންއަކީ މިހާރު ކުޑަކުއްޖެއް ނޫނެވެ. އޭނާއަށް ވެސް މިހާރު ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އެނގޭނެއެވެ. އަބަދު ނަމާދުކުރާށޭ ނުކިޔަސް ބަންގި ގޮވީމާ ދެން އެ ވީ ނަމާދުކުރަންކަން މިހާރު އޭނާއަށް އެނގޭނެއެވެ. ސާލިފާގެ ވިސްނުން މިހެން ހުރި ކަމުގައިވިޔަސް އޭނާ އަބަދުވެސް ދަރިން އުޅެނޫޅޭ ގޮތް ބަލައެވެ.

“ދަރިފުޅާ ނަޖާތު. ބަސްއަހައިގެން ކިޔަވާތި. އޭރުން ރަނގަޅު ވަޒީފާއެއް ލިބޭނީ.” ޖަލީލު ބުނެލީ ނަޖާތަކީ ކިޔެވުމާ ދުރުން އުޅޭ ކުއްޖަކަށް ވާތީއެވެ.

“ބައްޕަ ނުބުންޏަސް ނަޖޫ ކިޔަވާނަމޭ. ނަޖޫ ބޮޑުވެގެން ވާނީ ނަރުހަކަށް. ހުރެބަލަ ދޮންބެއަށް ވުރެ މޮޅަށް ކިޔަވާނަމޭ.” ނަޖާތު ބުނެލީ ތުކްލާންއާ ދިމާލަށް ވައްކަޅިން ބަލައިލަމުންނެވެ.

“ދެން އެނގިދާނެތާ ކާކުތޯ މޮޅަށް ކިޔަވަނީ.” ސާލިފާ ބުނެލުމާއިއެކު އެންމެންގެ މޫނުމަތީގައިވެސް ވީ ހިނިތުންވުމެކެވެ.

ސައިބޮއެ ނިމިގެން ތުކްލާން ގޮސް ސިޓިންރޫމް ސޯފާގައި އޮތް އޭނާގެ ދަބަސް ހިފައިގެން ބޫޓު ހަރާ ކައިރިއަށް ޖެހިލިއެވެ. ކަޅުކުލައިގެ އޮފް ބޫޓަށް އަރައިގެން ގޭގެ ދޮރާށިން ބޭރަށް ނުކުތް ތުކްލާންއަށް ޖެހުނީ އަނެއްކާވެސް އެތެރެއަށް ވަންނާށެވެ.

“ޕޮއް.” ކުޑަ ހިފައިގެން ގޭގެ ދޮރާށިން ބޭރަށް ނިކުމެ ނިކުމެ ހުއްޓާ ހަޅޭއްލަވައިގަނެފައި މީހަކު އައިސް ކުރިމައްޗަށް ޖެހިގަތެވެ. ދެ ވަނަ ސިކުންތުގައި ތުކްލާން ތެޅިގަތް ގޮތުން އޭނާ ފެށީ ހޭށެވެ.

“އަނިފް!” ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ތުކްލާން ބުނެލިއެވެ. އަދިވެސް އަނިފް ހުނުން ހުއްޓާކަށެއް ނޫޅެއެވެ. “އަނިފް. މަޖަލެއް ނޫން އިނގޭ. ދެންމެ ތުކް މިތާ މިއޮތް ޗަކަގަނޑަށް ވެއްޓުން ނަމައޯ.” ތުކްލާން ޝަކުވާކޮށްލިއެވެ. “އަދިވެސް ހެނީ ދޯ!” އަނިފް އެތާ ހޭން ބަހައްޓާފައި އޭނާ މިސްރާބު ޖެހީ ސްކޫލާ ދިމާލަށެވެ.

“ނުހީ ހުރެވޭނެތަ؟ ތުކް ވަކި އަންހެނަކަށް ވުރެ ދެރަތަ؟ ނިފް ހަމަ އައިސް ޕޮއް ކީ ތަނާ ތުކްއަށް ކީއްތަ އެ ވީ؟” އަނިފް ފަހަތުން އައިސް ތުކްލާންއާ އެއްވަރުކޮށްލާފައި ހެމުން ހެމުން ބުނެލިއެވެ.

“ދެން ހެވޭ. ނިފް ކޮންއިރަކުތަ އައީ؟ ކޮބާ ތުކްއަށް ވީ ހަދިޔާ؟” ތުކްލާން ވާހަކަ އޮޅުވައިލީ އަނިފްގެ އެ އަނގައިން ސަލާމަތްވުމަށެވެ.

“ކޮންއިރަކުހޭ އައީ! މަ މިހާރު އައިސް އުޅޭތާ މިހާރު ހަފްތާ އެއް ވަނީ. މީހަކު އަޅެ ތުކްއަށް ހަދިޔާއެއް ގެންނާނެ ތަ؟ މަ ފެނުނީމަވެސް ތި ހުންނަނީ ރުޅި އައިއްސަ. ކުޑަމިނުން ހާލުވެސް އަހައި ނުލާ.” އަނިފް ރުޅި އައިއްސާ ކަމަށް ހެދުނެވެ.

“ނިފް އައި ގޮތަށް ތި އޮންނަނީ ގޭގަ. ދެން މަށަށް އެނގޭނެތަ އައި ކަމެއްވެސް؟” ތުކްލާން ބުނެލިއެވެ.

“ހޫނނ.. ދެން ހެވޭ. މިހާރު އެޔޮއް ގަޑި ޖެހެނީ.” އަނިފް ބުނެލީ އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުންނެވެ.

ތުކްލާންމެންނަށް ސްކޫލާ ހަމައަށް ފޯރި އިރު ގަޑި ޖެހެން ހުރީ އެންމެ މިނެޓެކެވެ. އޭރު އެމީހުންނެކޭ އެއްފަދައިން ކިޔަވަން އައިސް ތިބި ކުދީންނެއް ވަކި މަދެއް ނޫނެވެ. އެމީހުންނަށް އެތާކުން އާ މޫނެއް ނުފެނުނެވެ. އެމީހުންނަށް އެނގިފައިވާ ގޮތުން އެމީހުންގެ ކުލާހަށް އިތުރު ކުއްޖަކު އަންނާނެއެވެ.

ބެލް ޖެހި އަޑާއެކު ކުޑަކުދިންތައް ސްކޫލަށް ވަންނަން ދުއްވައިގަތެވެ. އެކުދިންގެ ފަހަތުން ދެން ތިބި ކުދިންވެސް ވަންނަން ދިޔައެވެ. ކުލާހަށް ވަދެ ދަބަސްތައް ބަހައްޓާފައި ހުރިހާ ކުދިންވެސް މިސްރާބު ޖެހީ އެސެމްބްލީ އޭރިއާއަށް ދިއުމަށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ކުދިން އެތަނަށް އެއްވިއެވެ. އެސެމްބްލީގައި މައިގަނޑު ގޮތެއްގައި ދެއްކިީ އާ އަހަރު ފެށުމާއިއެކު އާ ޢަޒުމަކާއިއެކު ގަދައަޅައި ކިޔަވަން މަސައްކަތްކުރަން ފެށުމުގެ ވާހަކައެވެ. އެނބުރި ކުލާހަށް އައި މަގުމަތީގައިވެސް އަނިފްގެ ދެ ލޯ ދިޔައީ އެތަން މިތަން ހޯދަމުންނެވެ. ނަމަވެސް އޭނާއަކަށް އުޅެ އުޅެ އެތާކުން އާ މޫނެއް ނުފެނުނެވެ.

ތުކްލާންއާ އަނިފް އެކުއެކީ ކަހަލަ ގޮތަކަށް ކުލާހަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެވެ. އެވަގުތު ކުލާހަށް ވަދެގެން އައި ކުއްޖާ ފެނި ލިބުނު ސިހުމުންނާއި ވީ އުފަލުން އަނިފްއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. އޭނާ ގޮނޑިން ތެދުވަން އުޅުމުން ތުކްލާން ހިފެހެއްޓިއެވެ. ކުލާހަށް ވަދެގެން އައި ޓީޗަރު ފެނުމުން މުޅި ކުލާސް ތެރެ ހަމަހިމޭންވިއެވެ.

“މިސްއަށް ކިޔަނީ ޙުމައިރާ. ދެން ތިކުދިން ބޭނުމިއްޔާ ހުމޭ މިސް ކިޔަސް އޯކޭ. މިސްއަކީ ތިކުދިންގެ ކުލާސް ޓީޗަރު. ދެން ތިކުދިން އެހާ އަލެއް ނުވާނެ ދޯ! ޒާމިލްވެސް މިކުދިންނާއިއެކު އުޅުނު ދޯ ކުރިން!” ޙުމައިރާ އޭނާގެ ކުޑަ ތަޢާރަފެއް ދިނެވެ.

ފުރަތަމަ ދުވަސްކަމުން ކިޔެވުމެއް އެހާ ބޮޑަކަށް ކުރިޔަކަށް ނުގެންދެއެވެ. މިއަދު ހުރިހާ ކުދިންވެސް ޙާޞިލްކުރާނެ ލަނޑުދަނޑިތަކެއް ކަނޑައެޅީއެވެ. އަނެއްހެން ކިޔެވުމުގެ މަސައްކަތެއް ނުގެންދާތީ ތަންކޮޅެއް އަވަހަށް ސްކޫލް ނިމުނެވެ.

އެއޮށް ހުރިހާ އިރު ނުވެހި އޮވެފައި ތުކްލާންމެން ސްކޫލް ނިމޭ ގަޑިއަށް ވާރެ އޮއްސާލިއެވެ. ކުޑައެއް ހިފައިގެން އާދެވުނު ކަމީ ނަސީބެކޭ ތުކްލާން ހިތަށް އެރިއެވެ. އެހެންނަމަވެސް އަނިފް އައީ ކުޑައެއް އެއްޗެއް ހިފައިގެނެއް ނޫނެވެ. އެހެންވެ ދެމީހުން ސްކޫލުން ނިކުންނަން މިސްރާބު ޖެހީ ތުކްލާންގެ ކުޑައިގެ ހިޔަލުގައެވެ.

“ޒާމިލް!” ޒާމިލް ފެނުމާއިއެކު ވާރެއެކޭ ވާރެއެއް ކިޔާފައި އަނިފް ދުއްވައިގަތެވެ. ދިޔަ ގޮތަށް ގޮސް ޒާމިލްގެ ގައިގާ އޮޅުލައިގަތެވެ. އަނިފް އުޅެމުން ދިޔަ ގޮތުން ތުކްލާން ދެކޮޅަށް ބޯ ހޫރާލިއެވެ.

“ނިފް ވެސް އުޅޭ ގޮތެއް ދޯ ދެން.” ތުކްލާން އެމީހުން ކައިރިއަށް ގޮސް ބުނެލިއެވެ.

“އަޅެ ތުކް އުފަލެއް ނުވޭތަ ޒާމް އައިމަކާ އެއް؟ އިޓްސް ބީން ފޯ އިޔާޒް އަހަރެމެން ދިމާނުވާތާ.” އަނިފް އަދިވެސް ޒާމިލްގެ ގައިން ދޫކުރާކަށް ނޫޅެއެވެ.

“ތުކް ވެސް އުފާވެޔޭ. އެކަމް ނިފް ހީވަނީ ކުޑަކުއްޖެއް ހެން ވިއްޔަ.” ތުކްލާން އެހެން ބުނެލި ވަގުތު އަނިފް ޒާމިލްގެ ގައިން ދޫކޮށްލިއެވެ.

“ދެން ހިނގާ ދާން ވާރޭ ބޯކޮށް ނުލަނީސް ގެއަށް ދެވޭތޯ.” ޒާމިލް އެހެން ބުނެލުމާއިއެކު ތިން އެކުވެރިންވެސް ހިނގައިގަތީ ގެއަށް ދިއުމަށެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް އަނިފްއަކަށް މަޑުން ހުރެވުނު ކަމަކަށް ނުވިއެވެ. އިރުއިރުކޮޅާ ޒާމިލް ކައިރީ ވަރު ވަރު އަހައެވެ. ތިން އެކުވެރިން ވަކިވީ ތުކްލާންމެންގެ ގެއާ ހިސާބުންނެވެ. އަނިފްއާއި ޒާމިލްވެސް ވަކިވީ ދެމީހުންގެ ގެ ހުންނަނީ ދެ މިސްރާބެއްގައި ކަމުންނެވެ. އޭރު ވާރޭ ތުނިކޮށްލައިފިއެވެ.

ގެއަށް ވަދެ ތުކްލާން ފުރަތަމަވެސް ވަނީ ބަދިގެއަށެވެ. ސާލިފާ ވާނީ އެތާގައިކަން އެނގޭތީއެވެ. އެހެންޏާވެސް އޭނާ ސްކޫލުން އަންނަ ގޮތަށް ދާނީ ސާލިފާ ކައިރިއަށެވެ. އެއީ އޭނާ ގެއަށް އައިކަން ސާލިފާއަށް އެންގުމަށެވެ.

މަންމަ ގާތު ގެއަށް އައި ވާހަކަ ބުނެފައި ތުކްލާން ގޮސް ވަނީ ކޮޓަރިއަށެވެ. ކިޔަވާ މޭޒުދޮށުގައި ހުރި ގޮނޑީގައި ދަބަސް ބަހައްޓާލިއެވެ. މިއަދު ފަތިހު ނަމާދުކުރަން ލީ ޓީޝާޓާއި ސްވެޓް ޕޭންޓް ނަގާ އެނދުމަތީ ބާއްވާފައި ތުވާލި ހިފައިގެން އޭނާ ވަނީ ފާހާނާއަށެވެ. ފެންވަރައިގެން ނިކުމެ ގަޔަށް ބޮޑީ ސްޕްރޭކޮޅެއް ބުރުވާލިއެވެ. އެއަށްފަހު އޭނާ ލާންވެގެން އެނދުމަތީ ބެހެއްޓި އެއްޗެހި ލުމަށްފަހު ގަޔަށް ސެންޓުކޮޅެއް ބުރުވާލިއެވެ. އެވަގުތު މުޅި ކޮޓަރި އެއްވަސް ވީ އެ ސެންޓުގެ ލުއިލުއި މީރު ވަހުންނެވެ. މެންދުރު ބަންގި ގޮވަން އަދި ގަޑިއެއްހާއިރު އޮތުމުން ކޮޓަރިން ނިކުމެ އަނެއްކާވެސް ދިޔައީ ބަދިގެއަށެވެ. ކިރުތައްޓެއް ގިރާލައިގެން މޭޒުދޮށުގައި ހުރި ގޮނޑިތަކުން ގޮނޑިއެއް ދުރުކޮށްލާފައި އިށީނެވެ. އޭނާގެ ވިސްނުން ގުޅިފައިވީ ކިޔެވުމަށެވެ.

“އަދިވެސް ކިރުތަށިތަ ބޮނީ؟” ފަހަތުން މީހަކު ވާހަކަ ދެއްކި އަޑަށް ތުކްލާން ދިޔައީ ސިހިގެންނެވެ. ސިހިގެން ދިޔަވަރުން އޭނާއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ.

“އަނެއްކާ!” ފަސް އެނބުރި ބަލާލިއިރު ދޮރުމަތީ ބަނޑުގައި އަތް އަޅައިގެން ހޭން ހުރި އަނިފް ފެނިފައި ތުކްލާން ނޭވާ ހަމައަކަށް އެޅުވުމަށް ފަހު ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އޭނާ ހުރީ ދޮރަށް ފުރަގަސްދީގެން ކަމުންނާއި އެހެން ހިޔާލެއްގައި ކަމުން މީހަކު އައިކަން އޭނާއަށް ނޭނގުނީއެވެ.

“ތުކް ހާދަ ވަރަކަށް ސިހުނީ؟ ކޮން ހިޔާލެއްގަ ތަ ތިހުރީ؟ މަ މިހާރު މިތާ ހުންނަތާ ކޮންއިރެއް؟” އަނިފް ބުނެލީ ހިނިގަނޑު މަތަކުރަމުންނެވެ. އޭނާ ގޮސް ތުކްލާން ކައިރީ ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

“ނިފްއަށް ހަމަ ތުކް ސިއްސުވައިނުލާ ނުހުރެވެނީތަ؟” ތުކްލާންގެ ދެބުމަ އަދިވެސް ވީ ގޮށްޖެހިފައެވެ.

“މަ ކީއް ކުރީ؟” އަނިފް އެހެން އެހުމުން ތުކްލާންގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ. ކިރުތަށި ތުމުގައި ޖެހި ގޮތަށް އެއްފަހަރުން ދަމާލައިފިއެވެ. “އޭ ނިފް މި އައީ ކަމަކު އޭ. މިރޭ ހިނގައިބާ ޒާމްމެން ގެއަށް މޫވީ ނައިޓަކަށް.” އަނިފް ބުނެލީ ތުކްލާންގެ އެ ރުޅިގަނޑު ފިލާތޯއެވެ. ކަންވީ ވެސް އޭނާ ބޭނުންވި ގޮތަށެވެ. އެމޫނުން ރުޅިވެރިކަން ފިލަން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭނާ އެ ގެއަށް އައީ ވެސް އެވާހަކަ ބުނާށެވެ.

“އަޅެ ނިފް މާދަމާ އަކީ ސްކޫލް ދުވަހެކޭ. ކިހިނެއްތަ ހޭލާ ފިލްމު ބަލަން ހުންނާނީ؟ އަނެއްކޮޅުން މީ ނުވައެއްގެ އަހަރު. ހިތަށް އެރިޔަސް ބިރުގަނޭ އެބަ މިހާރު.” ތުކްލާން ހުރީ ހަމަ ހަގީގަތުގައިވެސް މީ އޭނާގެ ނުވައެއްގެ އަހަރުކަމުން ބިރުގަނެފައެވެ.

“އެއީ ތުކް އަބަދު ޓެސްޓާ ދޭތެރޭ ވިސްނާތީއޭ. ތުކް އޯކޭ ވެއްޖެއްޔާ ހުކުރު ދުވަހުގެ ރެއަށް ބަދަލުކޮށްފާނަމޭ. އަސްލު ފޯ އިޔާޒް ފަހުން ޒާމްއާ ދިމާވީމަ އެކަން ސެލެބްރޭޓް ކުރަންވެގެންނޭ މިއުޅެނީ.” އަނިފް އާދޭސްކުރަން ފެށިއެވެ.

“އޯކޭ މަންމަ ކައިރީ އަހާލާފައި ޖަވާބެއް ދޭނަން.” ތުކްލާން އެންމެފަހުން ބުނެލިއެވެ. “އާދޭ ނަމާދަށް ދާން.” ބަންގީގެ އަޑު ކަންފަތުގައި ޖެހުމުން ކޮޅަށް ތެދުވަމުން ތުކްލާން ބުނެލިއެވެ. އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ފަހަތުން އަނިފްވެސް ދިޔައެވެ. ތުކްލާން ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނިކުތުމުން އަނިފްވެސް އެގޮތަށް ކަންތައް ކުރިއެވެ. ދެމީހުން އެކުގައި މިސްކިތަށް ދިއުމަށް ހިނގައިގަތެވެ.

ނަމާދުކޮށް ނިމިގެން އެންމެން މިސްކިތުން ފައިބަން ދިޔައެވެ. މިސްކިތުން ފައިބަނިކޮށް ޒާމިލްއަށް ތުކްލާންމެން ފެނުމުން އެމީހުން ކައިރިއަށް ދިޔައެވެ. ތިން މީހުން އެކީ މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. އެވަގުތު އެ ތިން މީހުންގެ މެދުގައިވެސް ދެކެވެމުން ދިޔައީ މޫވީ ނައިޓްގެ ވާހަކައެވެ. ތުކްލާންއަށް ކަމުނުގޮސްގެން ހުކުރު ދުވަހުގެ ރެއަށް ބަދަލުކުރި ވާހަކަ އަނިފް ބުނުމުން ތުކްލާން ރުޅި އަންނަ ގޮތްވިއެވެ. އެންމެންވެސް ހުރީ ބަނޑުހައިވެފައި ކަމުން އަވަހަށް ގެއަށް ދެވޭތޯ ބެލިއެވެ. ތުކްލާން ރުޅި އަންނަ ގޮތްވީ އެހެންވެ ކަމަށްވެދާނެއެވެ.

ތުކްލާން ގޮސް ގެއަށް ވަތް އިރު ޖަލީލުވެސް ނަމާދުން ފައިބައިގެން އައިސް ގެއަށް ވަންނަނީއެވެ. ދެ ބަފައިން އެކުގައި މިސްރާބު ޖެހީ ކާގެއަށެވެ. އޭރު ސާލިފާއާއި އެކު ނަޖާތުވެސް ތަށިތައް މޭޒުމައްޗަށް ނެގުމުގައި އުޅެއެވެ. ތުކްލާން ގޮސް އަތްދޮވެލައިގެން މޭޒުދޮށުގައި އިށީނެވެ. ޖަލީލުވެސް އަތްދޮވެގެން އައިސް ތުކްލާންއާ ޖެހިގެން އިށީނެވެ. އިރުކޮޅެއްނުވެ ސާލިފާއާއި ނަޖާތުވެސް އިށީންދެއްޖެއެވެ.

ސުފުރާމަތީ އަތުރާފައި ހުރި އެއްޗެހި ފެނިފައި ތުކްލާން އިތުރަށް ކާހިތްވިއެވެ. ތަށި ފުރޭންދެން ބަތް އަޅާފައި ގަރުދިޔަ ކޮޅެއް އަޅާލިއެވެ. ތެލުލި ފަތްދަޅު ފެނިގެން އޭގެން ފަތްކޮޅެއް އަޅާފައި މޮޑެން ފެށިއެވެ. މަސް މިރުސް ފުޅިން އެތިކޮޅެއް އަޅާލާފައި ތެލުލި މަސް ބުރިއެއްވެސް ތައްޓަށްލިއެވެ. ބަލައިލި މީހަކަށް ހީވާނީ ދުވަހަކު ކާ އެއްޗެއް ނުލިބި ހުރި މީހަކަށް ކާ އެއްޗެއް ފެނިގެން އުޅޭހެންނެވެ. ތުކްލާން ކަމުން ދިޔައީ ވެސް އެހާ އަވަހަށެވެ.

“ދަރިފުޅާ! ތިހާ އަވަހަށް ކާކަށް ނުވާނެ.” ޖަލީލު ބަލަހައްޓައިގެން ހުރެފައި އެންމެފަހުން ބުންޏެވެ. އޭނާ އެހެން ބުނުމުން ތުކްލާން ކެއުން ލަސްކޮށްލިއެވެ.

“ބައްޕާ! ނާހާނަންތަ ސްކޫލް ކިހިނެއްތޯ އެއް؟” ނަޖާތު ހުރީ ޖަލީލު އެހެން އަހާތޯ ކެތްމަދުވެފައެވެ. އެންމެފަހުން އޭނާއަށް ނުހުރެވިގެން އަހާލިއެވެ.

“ދަރިފުޅުމެން އަމިއްލައަށް ފެނިގެން ކިޔައިދޭ ތޯ އޭ ބައްޕަ މި ހުންނަނީ. ދެން އަބަދު ބައްޕަ އަހާކަށްވެސް ނުވާނެއްނު. އަނެއްކާ ދަރިފުޅުމެންގެ މަންމަ އަބަދު ބައްޕަ ކައިރީ އެ ކިޔަނީ ނާހާށޭ.” ޖަލީލު އެހެން ބުނުމުން ސާލިފާ ދެކޮޅަށް ބޯ ހޫރާލީ އެވާހަކަ އިތުރަށް ކުރިއަށް ނުގެންދާށޭ ބުނާ ފަދައިންނެވެ. އޭގެން އެހެން މާނައެއް އެކުދިންނަށް ނެގިދާނެތީ ސާލިފާ ނުހަނު ކަންބޮޑުވިއެވެ. ބޮޑުވީމާ އެކުދިންގެ ކަންކަން ކޮންމެހެން ސާލިފާއަށް އެނގުން މުހިންމެއް ނޫނޭ އެކުދިން ހީކޮށްފާނެތީއެވެ. މައިންބަފައިންގެ އަޅާލުން ކުޑަވެގެން ކިތައް ކުދިންނަށް މަގު އޮޅިފައި ވޭ ހެއްޔެވެ؟

ހަމަގައިމުވެސް އޭނާގެ ދަރިއަކަށް އެހެން ވާކަށް އޭނާ ނޭދެއެވެ. ބުނެވޭ އެއްޗެއްގެ ސަބަބުން އެކުދިންނަށް އޭނާ އަޅާނުލާކަމުގެ އެއްވެސް އިހުސާސެއް ކުރެވޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވިޔަސް ފުރާވަރަށް އެރުމުން ކުދިންނަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ބޭނުންވާނެކަން އޭނާ ދަނެއެވެ.

“ހުމމ. ދެން ކިޔައިދީބަލަ. ބައްޕަ މި ހުރީ އަޑުއަހަން.” ސާލިފާގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނުމުން ޖަލީލު ބުނެލިއެވެ.

“މިއަދު ނަޖޫމެން ކުލާހަށް އައީ އާ މިސް އެއް. ނަޖޫ ގޯލްސްތައް ހެދިއިރު އެންމެ ފުރަތަމަ ގޯލްއަކަށް ހެދީ ހުރިހާ މާއްދާއަކުން ފާސްވުން. ދެން ފަސޭހައިއްޔާ އޭ ސްޓާ ހޯދުން. އެކަމް އަދި ނޭނގެ އެ ގޯލްއަށް ރީޗްވެވޭނެ ކަމެއް.” އެހާ ފޯރީގައި ފެށި ވާހަކައެއް ނިމުނުއިރު ނަޖާތުގެ މޫނުގައިވީ މާޔޫސްކަމެވެ.

“ދަރިފުޅާ މަސައްކަތް ކުރީމައެއްނު އެނގޭނީ. ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ނުވާނެ އެއްވެސް ކަމެއް ނޯންނާނެ.” ޖަލީލުގެ ވާހަކަ އިވިފައި ނަޖާތުގެ މޫނު އުޖާލާވެގެން ދިޔައެވެ. ދެން ޖަލީލު ބަލައިލީ ތުކްލާންއަށެވެ.

“ތުކްމެން ކުލާސް ޓީޗަރަކީ ޙުމައިރާ މިސް. ތުކްގެ އެންމެ ބޮޑު ގޯލްއަކީ ހުރިހާ މާއްދާއަކުން ފާސްވުން. އަދި އެނގޭތަ ތުކްމެން ކުލާހަށް ޒާމިލް އައިއްސި.” ތުކްލާންގެ އަޑުގައިވީ އުފާވެރިކަމެވެ.

“އެހެންތަ! ދަރިފުޅާ! އެކަމަކު ކީއްވެ ހަމައެކަނި ފާސްވާން. ދަރިފުޅު ތީ ނުލާހިކު ކިޔަވާ ކުއްޖެއްނު. އޭ ސްޓާއަކަށް އަމާޒު ނުހިފިޔަކަސް ކުޑަމިނުން އޭ ރިޕޯޓަކަށް ވެސް މަސައްކަތް ކުރެވިދާނެ އެއްނު.” ތުކްލާންގެ ވާހަކައިން ޖަލީލު ހައިރާންވިއެވެ.

Share Article

Sha Her
Follow Me Written By

Sha Her

Level 1

Other Articles

Previous

ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަން ހޯދަން އެދޭނަމަ..

Next

އެކުގައިވާނަން-18

Next
December 12, 2025

އެކުގައިވާނަން-18

Previews
December 12, 2025

ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަން ހޯދަން އެދޭނަމަ..

2 Comments!

  1. Anonymous says:
    December 12, 2025 at 2:00 pm

    Kudhin ge nan thah vrh kada badhalu kohlaba dhen in episode ga story hama perfect vaane eyrun take this positively ingey 😊

  2. lily says:
    December 13, 2025 at 4:18 am

    the starting is pretty good i think the names are quite unique i don’t mind them personally i think they add something extra to the story its your own story you decide what names will be there

Comments are closed.



All Right Reserved!