ހޮސްޕިޓަލުގެ ލިފްޓުން ނުކުމެގެން ދިޔައިރު، ދެންމެ ފަރުވާދިން ޕޭޝާންޓްގެ މަތިން ހަނދާންވިއެވެ. ފަހަތުން ބީޕް ކުރާ މޮނިޓަރުތަކުގެ އަޑު އަދިވެސް އިވޭ ކަހަލައެވެ. ކޮރިޑޯތަށް މިހާރު ހަލަބޮލިވެފައި އާދައިގެ ވަރަކަށް އަޑުގަދައެވެ. އެލައިރާގެ ސިކުނޑީގައި އަނެއްކާވެސް ދިރެމުން ދިިޔައީ ވެގެންދިޔަ ކަންތައްތަކެވެ.. ލިފްޓުން ބޭރަށް ނިކުމެ އެލައިރާ އެންމެ ފުރަތަމަ ކަމަކައް ފޯނު ނަގާ ބަލާލިއެވެ. އެއްވެސް މެއިލްއެއް ނުވަތަ މުހިއްމު މެސެޖެއް އައިއްސަ އިންތޯ ބެލުމަށެވެ. ފޯނު ޗެކް ކުރަމުން ދިޔައިރު ކުއްލިޔަކަށް ކައިލްގެ މެސެޖެއް އައެވެ.
ކައިލް: ލެޓްސް ގޯ ފޯ ލަންޗް؟ ޖަސްޓް އަސް.. ވެގެން ދިޔަ ކަންތައްތައް ކުޑަކޮއް ހަނދާން ނައްޓާލާ ބޯ ހަމަޖައްސާލަން..
ކުޑަ ނޭވާއެއް އެލައިރާޔައް ދޫކޮއްލެވުނެވެ. އާއިލާޔާއި ވަކިން ބައްދަލުކުރުމުގެ ފުރުސަތެއް ލިބުމުން ކުޑަކޮއް ހިތްހަމަޖެހުނެވެ. ގައިމުވެސް ދެން އެއްޗިހި ކިޔާނެ ބަޔަކު ނުތިބޭނެތާއެވެ.
“އޯކޭ… ދާންވިތަނެއް ބުނެ..އައި ވިލް ގޯ” ކައިލް ކެފޭގެ ނަން ބުނުމުން އަހަރެން ހިނގައިގަތި އެތަނަށް ދިއުމަށެވެ.. ހޮސްޕިޓަލާ މާ ދުރުނުވުމުގެ ސަބަބުން އަހަރެން ދިޔައީ ހިނގާފައެވެ. ކެފޭއަށް އާދެވުނު އިރު ކައިލް އިނީ ބައެއް ލިޔުންތަކެއް ކިޔަންށެވެ. އާދައިގެ މަތިން އެ މޫނުމަތިން ތޫނުކަމެއް ފެންނަން ހުއްޓެވެ. ނަމަވެސް އެއީ އަހަރެން ފެނުމުގެ ކުރިންނެވެ. ކައިލްއައް އަހަރެން ފެނުނު ހިސާބުން އެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ، ކުރަން ހުރި ކަންތައްތައްވެސް ހުއްޓާލިއެވެ.
“ގުޑް އާފްޓަރނޫން” މަޑު ހިނިތުންވުމެއް އެލައިރާޔައް ދެމުން ކައިލް އޭނާގެ އަތުގެ އިށާރާތުން ގޮނޑީގައި އިށިނުމައް އެންގިއެވެ.
“ގުޑް އާފްޓަރނޫން ” ކައިލްއާއި ދިމާލުގައި ހުރި ގޮނޑީގައި އިށީންނަމުން އެލައިރާ ބުނެލިއެވެ.
“އަހަރެން މިއުޅެނީ އަހަރެންގެ ވޯރކްގެ ބައެއް ޕްރޮޖެކްޓްތަކުގެ ވާހަކަ އެލައިއައް ކިޔައިދޭން..” ކައިލް އޭނާގެ ލިޔެކިޔުންތަކަށް އިޝާރާތް ކުރަމުން ވާހަކަ ފެށިއެވެ. “އެލައި ފޫހުކުރުވާކައް ނޫން އިނގޭ… މި.. އަހަރެންގެ ލައިފް ވެސް ކުޑަކޮއް އެލައި އައް އެނގެންވާނެތާ.. ދުވަސްކޮޅަކުން މެރީ ކުރާތީވެ.. އެލައިގެ ކަންތައްތައް އަހަންނައް އިނގޭ ހެން އެލައިއައްވެސް އަހަރެން ގެ ކަންތައްތައް ކިޔައިދޭން ބޭނުން…” ކައިލް ބުނެލިއެވެ.
“ކިހިނެތް ކައިލްއައް އަހަރެންގެ ކަންތައްތައް އިނގެނީ… ގައިމު އަހަރެން ކިޔައެއްވެސް ނުދެން…” އެލައިރާ ބުމަ އުފުލާލަމުން ބުނެލިއެވެ.
“އަހަރެން ހޯދަން ބޭނުންވިއްޔާ ނުހޯދޭނެ ކަމެއް ނޯންނާނެ..” ކުޑަކޮއް ހިނިތުންވެލަމުން ކައިލް ޖަވާބުދިނެވެ. އެލައިރާ އިނީ ހައިރާނެ ވެފައެވެ. ކައިލްއައް އޭނާގެ ކަންތައްތައް އެނގުނު ގޮތަކާމެދުއެވެ. ކައިލް ވާހަކަ ދައްކަމުން ދިޔައިރު، އެލައިރާ އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެއީ އެ ޕްރޮޖެކްޓްގެ ވާހަކަ ދައްކާތީއެއް ނޫނެކެވެ. އެކަމަކު ކައިލް ވާހަކަ ދެއްކި ގޮތުންނެވެ. އެ އަޑުގައި މަޑުމައިތިރިކަން ނޫން އެއްޗެއް ނެތެވެ. އަދި ވާހަކަ ދައްކަމުން ދިޔައިރުވެސް އިރުއިރުކޮޅުން އެލައިރާޔައް ވާނުވާ އިނގޭ ތޯ ވެސް ބަލައެވެ. ނޭނގޭހެން ހީވެއްޖިއްޔާ އަމިއްލަޔައް އަލުން ކިޔައިވެސް ދެއެވެ. ކައިލްގެ މި ހަރަކާތްތައް މިގޮތަކައް އެލައިރާޔައް ފާހަގާ ވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެ މަޑުމައިތިރިކަމާއި ، އެ އަޑުގައި ހުރި ކުލުނު އެލައިރާޔައް ފާހަގަވިއެވެ.
އިރުކޮޅެއްނުވެ އޯޑަރުކުރި އެއްޗިހި އަިސް މޭޒުމަތީގައި އަތުރާލުމުން ދެމީހުންވެސް ކާން ފެށިއެވެ. އެޔާއެކު ދެމީހުުންވެސް ދައްކަމުން ދިޔަ ވާހަކަތައް މަޑުމަޑުން އެހެން މައުލޫތަކައް ބަދަލުވެގެން ދިޔައެވެ.. ޑިއުޓީގެ ވާހަކަތަކުން ގޮސް އާއިލާގެ ވާހަކަތައް ވެސް ދެކެވެން ފެށުނެވެ. ބައެއްފަހަރު ކައިލް ކިޔާ އެއްޗިހީގެ ސަބަބުން އެލައިރާ އިންނަނީ ހީ ހީ ހަލާކުވެފައެވެ. ވަރައް ދުވަހައްފަހު މިއަދު އެލައިރާޔައް އަނެއްކާވެސް އުފާވެރިކަން އިހުސާސް ކުރެވުނެވެ. އެވެސް ކައިލްގެ ސަބަބުންނެވެ. ކައިލްގެ ހެއްވާ މިޒާޖު އެލައިރާޔައް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
އޮލަ ވާހަކައިގައި ތިބެ އިރުކޮޅަކުން ދެމީހުންވެސް ކައި ނިންމާލިއެވެ. ކެއި އެއްޗިހީގެ ބިލް ދައްކާލުމައްފަހު ދެމީހުންވެސް ހިނގައިގަތީ ކެފޭއިން ނިކުތުމަށެވެ. ހޫނުގަދަ ކަމުން ދެމީހުންގެ މޫނުމަތީން ވެސް އިރުގެ ހޫނުކަމުގެ އަސަރު ފެންނާން ހުއްޓެވެ. ކައިލްގޮސް އޭނާގެ ކާރުގެ ދޮރު ހުޅުވާލިއެވެ. އަދި އެލައިރާގެ ކައިރީގައި ކާރައް އެރުމައް ބުނެލިއެވެ. ހޮސްޕިޓަލް މާ ދުރު ނޫންނަމަވެސް ކައިލްގެ އެންގެވުމައް އެލައިރާ ދެކޮޅެއް ނުހަދައި ކާރުގައި އިށީންދެލިއެވެ.
“ޔޫ އާ ޝާޕް، އެލައި ” މަޑުމަޑުން ކައިލް ބުނެލިއެވެ. “އަހަންނައް މިހާރު އެނގޭ ހޮސްޕިޓަލުގައި މީހުން އެލައިޔައް އިތުބާރު ކުރަނީ ކީއްވެގެންކަން.”
“ތެންކް ޔޫ.” މަޑު ހިނިތުންވުމެއް ދެމުން އެލައިރާ ބުނެލިއެވެ.
އަހަރެން ކުޑަދޮތުން ބޭރައް ބަލަހައްޓައިގެން އިން އިރު ވިސްނެމުންދިޔައީ ކައިލްއާ ދޭތެރޭގައެވެ. އަނެއްކާވެސް ބުނެދޭން ނޭނގޭ ކަމެއް އަހަންނައް އިހުސާށްކުރެވޭން ފެށުނެވެ. އަދި ކައިލްއަށް ނަޒަރު ހިންގާލީމެވެ. އެއީ އެންމެ ސިކުންތުކޮޅަކަށެވެ. އޭނާގެ ސަމާލުކަން މަގުމައްޗަށް ހުއްޓެވެ. އެ މޫނުމަތީގައި އެއްވެސް ޓެންޝަނެއް ފެންނާކައް ނެތެވެ. ތޫނުކަމެއް ވެސް ނެތެވެ. “އަހަންނާއެކު އެކު އެހާ ހަމަޖެހިލައިގެން އެހުންނަނީ ކީއްވެ؟” އެ ޚިޔާލު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މީގެ ކުރިން ކައިލްއައް ބަލާލިޔަސް އަހަރެން ބިރުގަންނަ ގޮތެއް ފެންނާން ހުރެއެވެ. އެއީ ރުޅިވެރިކަންތޯ ނުނީ ބަދަލުހިފުން ކަމެއްވެސް ނޭނގޭ ވަރަށްށެވެ. އެކަމަކު މިހާރު ކައިލް އަބަދުވެސް ވާހަކަ ދައްކަނީ މަޑުންނެވެ،. އަހަރެން އޯކޭ ތޯ ވެސް ބަލައެވެ.، އަދި އަހަރެންގެ ސަމާލުކަން ގެއްލިފައިވާހެން ހީވާ ކޮންމެ ފަހަރަކު މަޑުވެސް ކުރެއެވެ. ” ކައިލް އެހާ އަދަބުވެރި ވެގެން އުޅެނީ ކީއްވެ ؟ އަހަންނައް އެހާ ފަރުވާ އެ ބަހައްޓަނި ކީއްވެތަ؟”
ވަރައް ގިނަ ދުވަސްތަކަކައްފަހު މީހަކު އޭނާޔާއި ދޭތެރޭ އެހާ ފަރުވާ ބަހައްޓާތީ އޭނާ އިނީ ހައިރާންވެފައެވެ. މީގެ ކުރިންވެސް ގައިމު ކުއްޖަކާ ރައްޓެހިވިއެވެ. އެކުއްޖާގެ ފަރާތުން ލިބުނީ އޯގާތެރިކަމުގެ ބަދަލުގައި އަބަދުވެސް ދެރައެވެ. ވޭނެވެ. ހިތާމައެވެ. ގިނަފަހަރު ރުހުމުގެ ބަހަކުން ވާހަކަވެސް ނުދައްކާނެއެވެ. އަބަދުވެސް ކޮންމެވެސް ކަމަކާ އެއްޗިހި ކިޔާނެއެވެ. ދެރަވާ ކިތަންމެ އެއްޗެއް ވެސް ދިމާލައް ބުނާނެއެވެ. މިހުރިހާ ކަމެއްގެ ސަބަބުން އަލުން ލޯބި ވާން އެލައިރާ އެހާ ބިރުގަނެއެވެ. އޭނާގެ ދިރިއުޅުމުގެ ފާރުތައް އެހާ މައްޗައް ޖެހުމުގެ މައިގަނޑު މަގްސަދަކީ ވެސް މިއެވެ. އަދި އޭނާގެ އަމިއްލަ ނަފްސައް ވިސްނައިދިނީ ދެވަނަފަހަރައް މީހަކާ ވައި ވެސް ނޭޅޭހާ ދުރުގައި ހުރުމަށެވެ. ދެވަނަފަހަރައް އަނެއްކާ ފިރިހެނެއްގެ ސަބަބުން އެހާ ދަށައް ވެއްޓޭކައް އޭނާ ބޭނުމެއްނުވެއެވެ.
ދެން އޮތީ ކައިލް… ކަައިލްގެ މިފަހަކައް އައިސަ ފެންނަމުންދާ ކަންތައްތަކެވެ.. އަހަރެންގެ ވާހަކަތައް އަޑުއަހާއިރު ހަމަޖެހިލައިގެން ހުންނަ ގޮތެވެ. އަހަންނައް ތައުރީފް ކުރާ ގޮތެވެ.. އަހަރެންގެ ދިފާއިގަ ދެއްކި ވާހަކަތަކެވެ. މީގެ އެއްވެސް ކަމެއް މަޖުބޫރުން ކުރުވާ ހެނެއް އިހުސާސެއް ނުކުރެވުނެވެ. ހީވީ… އަސްލައްވެސް އަމިއްލަޔައް ކައިލް އަހަރެން ބޭނުންވެގެން ކަންތައް ކުތާ ގޮތް ހެންނެވެ.
ކައިލްއާއި ދިމާއައް ބަލަން އިނުމައްފަހު އެލައިރާ އަވަހައް ކުޑަދޮރުން ބޭރައް ނަޒަރު ހިންގާލިއެވެ. މާ ގިނައިރު ކައިލްއާއި ދިމާއަށް ބަލަން އިންނަންޏާ ކައިލްއަށް އެކަން ފާހަގަވެދާނެތީއެވެ. އަދި މިހެން ކިތަންމެ އިހުސާސެއް ކުރެވުނަސް މިކަން ގަބޫލުކުރަން އެލައިރާގެ ބިރުގަނެއެވެ. އަދި އަމިއްލަ ނަފްސުވެސް މިކަން ގަބޫލުކުރާކައް ބޭނުމެއް ނުވެއެވެ. އަދިވެސް ކައިލްއަކީ ނުދަންނަ މީހެއް ކަމަށް އެލައިރާ ހަނދާންކޮށްދިނެވެ. “މީ އަދިވެސް މަޖުބޫރީ ކައިވެންޏެއް.” އެލައިރާ ހިތާއި ހިތުން ބުނެލިއެވެ.
އެކަމަކުވެސް މިރޭ އެލައިރާގެ ހިތެއް މިކަން ގަބޫލެއްނުކުރިއެވެ.
ކާރުގައި އެލައިރާ އިން އިރު ވަރައް މަޑުން އިން ކަން ކައިލްއަށް ފާހަގަވިއެވެ. ނަމަވެސް އެކަމާ މެދު ކައިލް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާގެ ކޮންމެ ހަރަކާތެއްވެސް ކައިލް ދިޔައީ ބަލަމުންނެވެ.. ލަމުންދިޔަ ކޮންމެ ނޭވާއެއްވެސް މެއެވެ. އަދި ކައިލްއާއި ދިމާއައް އެހާ އިރު ބަލަން އިން ތަންވެސް ފެނުނެވެ.
ކައިލް އެލައިރާޔާއި ދޭތެރޭގައި ކަންކުރަން ރާވާފައި ވަނީ މިހެނެއް ނޫނެވެ.. ފެށުނީއްސުރެއް ކައިލްގެ ބޭނުމަކައްވީ އެލައިރާޔާއި ވީހާވެސް ދުރުގައި އުޅުމަށެވެ. ކުޑަކޮއްވެސް ކައިރިނުވުމަށެވެ. މި ކައިވެންޏަކީ ދެފަރާތުގެ އާއިލާ ބޭނުންވާތީ ކުރާ ކައިވެންޏެއްކަމުން ރަނގަޅުވާނީ ވެސް އެގޮތެވެ. އެކަމަކު އެލައިރާޔާއި ދޭތެރޭ ވިސްނާލާ ކޮންމެ ފަހަރަކުވެސް ދުރުގައި ހުންނަން އުނދަގޫވެއެވެ. އޭނަގެ ކިބައިގައި ކޮންމެވެސް ކަމެއް ހުއްޓެވެ. މަޑުމައިތިރި ނަމަވެސް ވަރުގަދަކަމެކެވެ. އަމިއްލަ ދިރިއުޅުން އޮގޮތް މިގޮތައް ބިނާވާއިރުވެސް ބަދަލުގައި އެއްވެސް އެއްޗެކޭ ނުބުނެއެވެ. ކޮންމެކަމަކައްވެސް ކުރިމަތިލަނީ ހިނިތުންވެގެންނެވެ. ކެރިގެންނެވެ. ކިތެންމެ ބޮޑު ކަމެއް އޭނާގެ ބޮލުގައި އެޅުނަސް އެކަންވެސް ކުރާނެކަން ޔަގީނެވެ.
މަޑުމަޑުން އެލައިރާގެ ދިމާއައް ކައިލް ނަޒަރު ހިންގާލިއެވެ. އޭރު އެލައިރާ ހަމަޖެހިލައިގެން ކުޑަދޮރުން ބޭރައް ބަލަހައްޓައިގެން އިނެވެ. އެލައިރާޔައް ބަލަން އިން އިރު ކައިލްގެ މޭތެރެ ތެޅެމުންދިޔަ ކަހަލަގެ އިހުސާސެއް ކުރެވުނެވެ. މިއީ އެހާ މުހިއްމު ނޫން އިހުސާސެއްކަން ކައިލް އޭނާގެ ނަފްސައް ތަކުރާރުކޮއް ވިސްނައިދެމުން ދިޔައެވެ. ނަމަވެސް ކައިލްގެ ހިތް މިކަމައް ދެކޮޅުހަދަނީ ކީއްވެކަމެއެއް އޭނާއަކައްވެސް ނޭނގެއެވެ.
ސަލާމް.. މިވާހަކައިގެ ބައިތައް އަޕްލޯޑުވުން ލަސްވީތީ ވަރައް ބޮޑައް ސޮރީ.. އިންޝާﷲ ދެން ޑެއިލީކޮއް އަޕލޯޑްކޮއްދޭނަން..
2 Comments!
Comments are closed.


Mi part ves vrh reethi Masha Allah ✨
thank u . will upload next part soon . kudakoh busy v ma nukurevigen miulheny