ދޫނި ރޯގާ
ރަށާއި ވަދާޢީ ސަލާމްކޮށްލުމަށްފަހު އަހަރެން މާލެއައީ ފޮނި އުއްމީދުތަކަކާއި އެކުގައެވެ. މާލެއިން ތަޢުލީމު ޙާސިލްކުރުމަށްފަހު ދިޔައީ ބޭރަށެވެ. މަތީ ތަޢުލީމު ޙާސިލްކުރުމަށްފަހު ރަށަށް، އަހުލުންގެ ގާތަށް އައީ އެތައް ހަނދާންތަކަކާއި އެކުގައެވެ. ލޯބިވާ މާމަގެ ހަނދާނެވެ. ބޮޑުދައިތައާއި އީސަ ކޮއްކޮގެ ހަނދާނެވެ. ޢާއިލާ އެއްބައި ކުުރުމުގެ މަޝްރޫޢުގެ ހަނދާނާއެކުއެވެ. މޫސުން ހެޔޮވަރު ރޭގަނޑެއްގެ ދަތުރަށްފަހު ދޯނި ރަށާއި ގާތްވަމުން ދެއެވެ. އަހަރެންގެ ހިތް އަވަސް ވަމުން ދިޔައެވެ. ބޭސް އަތްވަށްވުރެ ގަދަ އަވީގައި ހިޔާގަނޑުން ނުކުމެ ދިރުބާ ކޮޅުގައި ހުރީ އެހެންވެގެންނެވެ.
ކުއްލިއަކަށް ދޯނި ދިމާބޭރަށް ދަމައިގަތެވެ. ގޮނޑުދޮށުގައި ހުރި ހިރިއާއި މުރަކަތައް ތިލަވެ ބަރަހަނާވެއްޖެއެވެ. މާ ގިނައިރުތަކެއް ނުވަނީސް ދޯނި ފަޅުތެރެއަށް ވަދެގެންގޮސް ރަށުތެރެއަށް އަރައިފިއެވެ. ފަޅުތެރޭގައި އޮތިއްޔާ އޮތް އެއްޗެއް “ގޮވައިގެން” ނެވެ. މާސިންގާ ކަނޑާއި ގޮނޑު ދޮށުންވެސް ބައެެކެވެ. ގެތަކާއި ފާރުތައް ފާރޮށިތަކެއްހެން މުގުރަމުންނެވެ. މީހުންތައް ގަންބަމުންނެވެ. ދުވަހަކު ނަމާދު ނުކުރާ މީހުންގެ ދުލުންވެސް ތަކުބީރު ކިޔުއްވަމުންވެސްމެއެވެ. މުޅި ރަށްވަނީ ތިނަކަށީ ފެނުގެ އަޑީގައެވެ. އެހީއަށް އެދި ގޮވާ ކުޑަކުދިންނާއި މުސްކުޅިންނެވެ. އަހަރެމެން ދަތުރުކުރި ދޯނިވެސް އޮފީހުގެ ކުރިމަތީގައި ހުރި ދިރާގު އެންޓަނާގައި ޖެހިފައި އެނބުރިގޮސް ދެ ރުކު ދޭތެރޭ ތާށިވީއެވެ.
ރާޅު މައިތިރިވުމުން އެހެން މީހުންނެކޭ އެއްފަދައިން އަހަރެންވެސް ދޯނިން ފުންމާލީމެވެ. ކައްކާތެޔޮ ހުސްކުރި ހަމެއްގައި އެލިގެން ދިޔަ އަންހެނަކު ގަހެއްގެ ގޮފިގަނޑުގައި އޮތް ޒުވާނަކު ސަލާމަތް ކުރަނިކޮށް އަހަރެން ދުށީމެވެ. އެމީހާ ލައިގެން އޮތީ ރަތްކުލައިގެ ދިގެ ހެދުމެކެވެ.
“ހުމޭދޫ! ކިހާއިރެއް ވާނެބާ؟ ، މިހިރީ ސައިތައްޔާރުކޮށް ނިމިފައި ކޮޓަރިވެސް ހުންނާނީ ތައްޔާރުކޮށްފައި ، ގޯތި ތެރެ އެއޮތީ ދޮންވެލިލައި ކުނި ކަހާފައި.” ސިޓިންރޫމުގެ ކަނެއްގައި ހުރި ސޯފާއެއްގައި ބިތްޖެހިފައިކަހަލަ ގޮތަކަށް އިން ހުމައިދުގެ ޚިޔާލުގެ ވާފަށް ބުރިކޮށްލީ ބޮޑުދައިތަގެ އަޑެވެ. އޭނާ އިނީ ފާރުގައި ހުރި ކެނޑުމެއްގެ ތެރޭ ފޫނުވެއްޓޭ ގޮތަށް ހަރުކޮށްފައި އޮތް ހިރިގަލެއްގައި ތަތްކުރެވިފައިވާ ތަސްވީރުތަކަށް ބަލަމުން ޚިޔާލުގެ ތެރެއަށް ގެއްލި ހަފުސްވެފައެވެ. އެ ތަސްވީރުތަކަކީ އޭނާގެ ޙަޔާތުގެ ވަރަށް ބޮޑު ބައެކެވެ. އޭނާގެ ތުއްތު އިރުގެ ހަނދާނެވެ. “ އެހެންތަ! ދެންމެ އީސަކޮއްކޮ ގުޅާފައިބުނި ވަރަށް ރަށާއި ގާތްވެއްޖޭ” ބޮޑުދައިތަގެ ސުވާލަށް ހުމައިދު ޖަވާބު ދިނެވެ. އެއަށްފަހު އަނެއްކާވެސް ޚިޔާލުގެ ކަނޑުގެ ތެރެއަށް ފީނައިގަތެވެ.
“އަހާ! މަގޭ މާމަ “ މާމަ މަތިން ހަނދާންވީ ދެނެވެ. އެގޮތް މިގޮތުންގޮސް ގޭގެ ދޮރު ހުޅުވައިލީމެވެ. ގޭތެރޭގައިވެސް ކަކޫތާފެނަށް ފެން ހެދިފައި ހުއްޓެވެ. ގިފިލިވަޅު ގާ މަތީ ހުރެގެން ރޯން އެހެރަ އަންހެން މީހާގެ ޙާލު ފެނިފައި ބަލަހައްޓައިގެން ހުރެވޭނެ ހެއްޔެވެ؟“ދަރިފުޅާ… ހުމައިދު …ހުމައިދޫ.. ކޮން އިރަކުތަ ރަށަށް އައީ؟ ދުނިޔެ ޤިޔާމަތްވެއްޖެ!!!..މާމަ މުޅިން ހަފުސްވެއްޖެ.. ގެދޮރު ހަލާކުވެއްޖެ .. މާމަ މިނޫންތަނަކަށް ގެންގޮސްދީ!.” ވަޅުގާ މަތީހުރެ ހިކަނދިފަތް ގަހުގައި ހިފައްޓައިގެން ހުރި މާމަ އަހަރެން ފެނުމުން ރޮއެގެންފައި ބުންޏެވެ. އަހަރެން ހިތައް އެރިއެވެ. މިވެސް ދުވަހެކެވެ. އެެވެސް ދުވަހެކެވެ. ނޫނީ ދުވަސްތަކެކެވެ.
އެދުވަހުވެސް އަހަރެން ހޭލިއިރު މާމަ ޚަތިމު ހިފައިގެން ނިދިތާއްޔާ ޖެހިޖެހި އިނެވެ. އަހަރެން ތެދުވުމުން އަހަރެން ގޮވައިގެން ގޮސް ގިފިއްޔަށް ވައްދައިފިއެވެ. ގިފިއްޔަކީ ބޮޑު ގިފިއްޔެކެވެ. އަރިމައްޗެއްގައި ކުންނާރުގަހެއް ހެދިފައި ހުއްޓެވެ. ކަންކުއްޗަށް ދަމާލެވިފައިވާ ރޯނުގައި މާމަގެ ދަނބުކުލައިގެ ލިބާހެއް އަހަރެންނާއި ދިމާއަށް ހަނާއަޅައަޅާ އޮތެވެ. އޭނާ ގަޔަށް ދިހަބާރަ ދާނި ފެން އޮއްސާލާށޭ ގޮވާ ކަހަލައެވެ. ވަޅަކީ ހިރިގަލުން ހަދާފައިވާ ވަޅެކެވެ. ވަޅުގަލާއި މާދުރުނޫން ހިސާބެއްގައި މާމަގެ އިސްކޮޅާއި ހަމަވާވަރުގެ ހިކަނދިފަތް ގަހެއް ހުއްޓެވެ.
މިފިކުރުތެރޭގައި ހުއްޓާ ދަތް އުނގުޅުވާ ނިންމާލައިފިއެވެ. ފެންދާންޏެއް ނަގައި މޫނުގައި އަތްގޮށްޓެއްގެ ފެން އުނގުޅާލިއެވެ. ވީފިނިން ފެނެއް ނުވަރާނަމޭ ކިޔާ ރޮއެގަނެވުނެވެެ. “ ނުރޮއި މާމަ ދޫނީ . އެއޮށް އަންނަނީނު އީސަ ކޮއްކޮވެސް. އީސަ ކޮއްކޮވެސް ފެންވަރާނެ ދޯ؟ “. ތެދެކެވެ. ދެމިޔަކަނުގައި ހުރި ނިދި ކުޅުތަކާއެކު އައިސް އީސަވެސް ގިފިއްޔަށް ވަނެވެ. އައިގޮތަށް އައިސް އަހަރެން ވަޅުގާ މަތިން ކޮށްޕާލިއެވެ. މަޖަލަކަށް އަހަރެން ފެންޖެހީމެވެ. މާމަގެ ދެދޫނި ނުތޮޅޭށޭ ބުނުމަށްފަހު ފެންދާންޏެއް ނަގައި އީސަ ގަޔަށް އަޅާލިއެވެ. ރުޅިއައިސްފައި ހުއްޓާ ފިނި ދާންޏެއް އޮއްސާލުމުން ވީ ފިނިން އީސަ ހަޅޭއްލަވައިގަތެވެ.
“އިސާ ! ހަމަމިހާރު އާދޭ !!” އީސަގެ ހަޅޭކުގެ އަޑު ބޮޑުދައިތައަށް އިވުނީ ކަންނޭގެއެވެ. ބާރު އަޑަކުން އީސައަށް ގޮވާލިއެވެ. އީސަ ތެތާހުރެ ގެއާ ދިމާއަށް ހިނގައިގަތެވެ. އަހަރެންނާއި ދިމާއަށް ބަލަމުންނެވެ. މަންމަގެ ބަހަށް ކިޔަމަންތެރި ވުމުގެ ގޮތުންނެވެ. އަހަރެން އެއްފަހަރު މާމައަށް އަނެއްފަހަރު އީސައަށް ބަލާލަބަލާލާ ހުރީމެވެ. މުސްކުޅިވެ ކަފަމަލެއްހެން ބޯހުއްޓަކަސް މާމައަކީ މަސައްކަތަށް މަރެކެވެ. ފޫޅު މާމައެކެވެ. ރޯނު ވަށައެވެ. ފަންގި ވިނދެއެވެ. ގޭތެރެ ފޮޅާ ސާފުކުރެއެވެ. މާމަ ލޯ އަލި ނޫންކަންވެސް ނަސީބެކެވެ. އެހެންނޫންނަމަ އެފަކީރު އޮންނާނީ އަބަދު ގުދަށެވެ. ވާނީވެސް އެހެންތާއެވެ. ކިރިއާ ކުނިކޮޅެއް ފެނުނަސް ނަގާވިއްޔާއެވެ.
“މިހާރު މިފައިބަނީ ފާލަމަށް !! ބޭބެ ނާންނައްޗޭ މިތަނަށް. އޭރަކަށްނު ސަޕްރައިޒްވާނީ.” “އެހެންތަ! އާނ” އީސަ ކޮއްކޮ ގުޅާފައި މިހެންބުނުމުން ފުންމައިގެން ތެދުވެވުނެވެ. އީސަގެ ފޮޓޯއާއި މާމަގެ ފޮޓޯގައި އަތް ކާތާލެވުނެވެ. މާމަގެ ޒަމާނުގައި، މާމަ ބޭނުންވީ އާއިލާ އެއްކޮށް އެއްތާކު އެއްބައިވަންތަކަމާއެކު އުޅޭށެވެ. ނަމަވެސް މާމަގެ ނަސީބު ނެތީ ބާވައެވެ؟ އަހަރެންގެ ބައްޕައާއި ކާފަ ހައްޖަށްގޮސް ހިލައުކުމުގެ ތެރޭގައި މަރުވެފައިވާކަމަށް މާމަ ބުނެއެވެ. ބޮޑުދައިތަވެސް މާމަގެ ނުގަބޫލުގައި ރަށަށް އަރުވާލި ކުއްޖަކާ ކައިވަނިކޮށްގެން އުޅެނިކޮށް އޭނާވަނީ ބޮޑުދައިތަ ދޫކޮށް ގޮސްފައެވެ. ބޮޑުދައިތަ މާމަދެކެ އެހާ ރުޅިއަންނަނީ ކޮޅިގަނޑެއްގައި ޖެހިގެން ފަޅަށްވަންނަ ދޯނި ވިއްސާރަ އަލިވުމުން ފުރައިގެން ދާނެއޭ ބުނާތީއެވެ. އެހެންވީމަތާއެވެ. އަހަންނާއި އީސަ ތޮޅުން ދުވަސް ނޫން އަނެއްދުވަހު ގެއިން ނުކުމެގެން ދިޔައީވެސް އެހެންވެ ޔޯލައެވެ. އަހަރެންނާއި އީސައަށް އެއްގަލަކަށް އެރުނުކަން ނަސީބެކެވެ. އަހަރެން ބޭރުގައި ކިޔަވަން ހުރިއިރުވެސް އީސަ ހުންނަ ރިސޯޓުގެ ސައިބަރ މެދުވެރިކޮށް ޢާއިލީ ގުޅުން ބަދަހި ކުރީމެވެ. އީސަވެސް މިކަންކުރަނީ މާމަގެ އޯގާތެރިކަން ހަނދާންވާތީއެވެ. މަންމަގެ ރުންކުރުކަންވެސް ހަނދާންވާތީއެވެ.
އެދުވަހު އަހަރެން ސުކޫލު ދޮށަށް ދިޔައިރު ރަތްކުލައިގެ ދިގު ހެދުމެއް ލައިގެން ރޮއި ރޮއި ބޮޑުދައިތަ އިނެވެ. އަހަރެން ފެނުމުން ދިޔައީ ބަޑިފަޅައިގެންނެވެ. ފުސްމޫނެއް ނުދައްކައި، ލާނޭ ހިކިއެއްޗެއްދީ، އޮރެންޖު ކޮތަޅުން އޮރެންޖެއް މަށާހެދީމާ، އައިއިރަކާ މާމަގެ ހާލާއި ބެހޭގޮތުން ސުވާލުކުރަން ފެށިއެވެ. ބައެއް މީހުންގެ ހިތުގައި އެއްބައިވަންތަަކަން އުފެދެނީ މިކަހަލަ ކަންތައްތައް ދިމާވީމައެވެ. ކޮންމެއަކަސް މިއީ ޢާއިލާގެ ގުޅުމަށް ބަދަހިކަން އައުމުގެ ފެހި ސިގުނަލެވެ.
“އައްސަލާމު ޢަލައިކުމް “ ހުމައިދު ސިއްސައިގެން ދިޔައީ އީސަ ކޮއްކޮގެ އަޑަށެވެ. އީސަ ކޮއްކޮގެ ފަހަތުން އެވަންނަނީ ކާކު ހެއްޔެވެ؟ މާމައެވެ. މާމަގެ އިސްތިޤްބާލުގައި ބޮޑުދައިތަ ހުއްޓެވެ. ސުނާމީގައި ލިބުނު ގެއްލުމަށް ފަރުވާދޭންވެގެން އެހީ ހޯދައިދިނީ އީސަގެ ރިސޯޓުގެ މެނޭޖަރު މެދުވެރިކޮށް އީސައެވެ. މިހާ ދުވަހު މާމަ އެތާ ބެހެއްޓީ ކުއްލި ހައިރާންކަމެއް ދޭށެވެ. ސުނާމީގައި ހަލާކުވި ގެ އިމާރާތްކޮށް ނިމުން އިރު ދެ ޢާއިލާގެ ގުޅުންވެސް އޮތީ ޢިމާރާތްވެފައެވެ.
މާމައަށް ހީވީ ސުވަރުގެ ވަދެވުންހެންނެވެ. ބޮޑުދައިތާއެވެ. އީސަ އާއި އަހަންނެވެ. ރީތި ބޮޑު ގެއެކެވެ. ކުއްލިއަކަށް އެންމެންގެ ކަޅި ހުއްޓުނީ ފާރުގައި ކެނޑުމެއްގެ ތެރޭގައި އޮތް ތާރީޚީ ވަޅުގަލަށެވެ.
އާއެކެވެ! އެގަލުގައި އަހަރެމެން ތޮޅުނީމެވެ. އެކަކު އަނެއްކަކު ރޮއްވީމެވެ. މިއީ މާމަގެ ދެ “ދޫނި ރޯގަލޭ” މާމަ ކީވެސް އެހެންވެގެންނެވެ. ނަމަވަސް މިހާރު އެގާމަތީގައި މާމައާއި މާމަގެ ދެދޫނި އެތިބީ ހީލަ ހީލައެވެ. ބޮޑުދައިތައާއިވެސް އެކުގައެވެ. އަބަދުގެ އަބަދަށެވެ.
ނިމުނީ
One Comment
Comments are closed.

reethi vaahakaeh