Skip to content
އެސްފިޔަ

އިހުސާސުގެ ގަލަން

ޝަބާ ޢަލީއަކީ އޮންލައިން ދުނިޔޭގައި ވަރަށް މަޝްހޫރު، އެތައް ބައެއްގެ ހިތްތައް އޭނާގެ ލިޔުންތަކުން ފަތަޙަކޮށްފައިވާ ވާހަކަ ލިޔުންތެރިއެކެވެ. އޭނާގެ ކޮންމެ ވާހަކައަކީ، ހިތްދަތިކަމާއި، ވަކިވުމުގެ ވޭނާއި، ލޯބީގެ ތެރޭގައި ގެއްލިފައިވާ ފަރާތްތަކުގެ އިހުސާސްތައް ދިރިހުރި ގޮތަކަށް ސިފަކޮށްދޭ އަސަރުގަދަ ލިޔުންތަކެކެވެ. މި ލިޔުންތަކުން އެތައް ހާސް ބަޔަކަށް އަސަރުކޮށްފައިވެއެވެ.

ޝަބާގެ ލިޔުންތައް ކިޔާ މީހުންނަށް، އޭނާއަކީ ހިތްވަރުގަދަ، ހިތްތިރި އަދި މީހުންގެ އިހުސާސްތައް ދަންނަ މީހެއްގެ ގޮތުގައި ފެނިގެންދެއެވެ. ނަމަވެސް، މި ހިތްގައިމު ލިޔުންތެރިޔާގެ ހަޔާތުގެ އަޑީގައިވަނީ، ކިޔުންތެރިންނަށް ސިއްރުކޮށްފައިވާ ބޮޑު ހިތާމައެކެވެ. “މޭޖަރ ޑިޕްރެސިވް ޑިސްއޯޑަރ” ނުވަތަ ބޮޑު ހިތްދަތިކަމުގެ ބަލިމަޑުކަމަކީ، ޝަބާގެ ދިރިއުޅުމަށް އެތައް ގޮތަކުން ވޭންތަކެއް ގެނެސްދޭ ބައްޔެކެވެ.

ކިޔުންތެރިނަށް އޭނާ ފެންނަނީ ހިނިތުންވެ، އުފާވެރި މީހެއްގެ ގޮތުގައެވެ. ނަމަވެސް، އޭނާގެ ހަށިގަނޑާއި ހިތަށް ބޮޑު ވަރުބަލިކަމެއް ވެރިވެފައިވެއެވެ. ދުވާލުގެ ބޮޑުބައި އޭނާ ހޭދަކުރަނީ ހީލައި، އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެގެންނެވެ. އެކަމަކު، އިރުއޮއްސި، މީސްތަކުންގެ ހަލަބޮލިކަން މަޑުވެގެންދާއިރު، ޝަބާގެ ހިތުގެ އެތެރޭގައި ޖަހާފައިވާ ސިއްރު ދޮރެއް ހުޅުވޭ ކަހަލައެވެ. އެވަގުތު އޭނާއަށް ވަރުބަލިކަމާއި ފޫހިކަން އިހުސާސްވާން ފަށައެވެ. އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮށޯވެލާއިރު، މުޅި ދުވަހު އޭނާ އަޅުވާފައިވާ “މާސްކު” އަމިއްލައަށް ދަށަށް ވެއްޓިގެންދެއެވެ.

ލިޔަން ޖެހޭ ކޮންމެ ފަހަރަކު، އެ ހިތްދަތި ވާހަކަތައް ލިޔުމަށްޓަކައި އޭނާގެ ހިތާއި ސިކުނޑި ހޭލައްވަން ޖެހެއެވެ. އެއީ އޭނާގެ ކިޔުންތެރިން ރުއްސުމަށްޓަކައި، އެމީހުންގެ އުފާވެރިކަމަށްޓަކައި އޭނާ އަމިއްލައަށް ކުރާ ގުރުބާނީއެކެވެ. އޭނާގެ ހިތުގައި ހުންނަ ހިތްދަތިކަން ލިޔުންތަކުގެ ތެރެއިން ބޭރުކުރަނީ، އެހެން މީހުންނަށް އުންމީދު ދިނުމަށްޓަކައެވެ. އެހެން މީހުންނަށް ހިތްހަމަޖެހުން ދިނުމަށްޓަކައެވެ. ނަމަވެސް، އޭނާ އަމިއްލަ ހިތްވަނީ ވަނީ ހީނަރުވެ، ހުސްވެފައެވެ.

އެއްރެއަކު، މެންދަމުގެ ވަގުތުގައި ޝަބާ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އިށީނދެލައިގެން އިނެވެ. ބޭރުގައި ހިމޭންކަން ވެރިވެފައިވާއިރު، އޭނާގެ ހިތުގައި ހާސްކަމާއި ފިކުރުތަކައް ތޫފާނެއް އައިސްފައިވާ ކަހަލައެވެ. އާދައިގެ މަތިން، އޭނާގެ އޮންލައިން ޕްލެޓްފޯމަށް އައިސްފައިވާ މެސެޖުތައް ބަލައިލިއެވެ. އެތައް ސަތޭކަ މެސެޖުތައް އޭނާއަށް އައިސްފައިވެއެވެ. ގިނަ މެސެޖުތަކަކީ އޭނާގެ ލިޔުންތަކަށް ތަޢުރީފުކޮށް، އިތުރު ލިޔުންތަކަށް އެދޭ މެސެޖުތަކެވެ. އެހެންނަމަވެސް، އޭނާގެ ލޮލުގައި އަޅައިގަތީ ނަން ނުޖެހޭ ކިޔުންތެރިއެއްގެ ފަރާތުން އައިސްފައިވާ މެސެޖެކެވެ.

“ޝަބާ… ޝަބާގެ ލިޔުންތަކުގައި ހިތާމައިގެ ބަސްތައް ގިނަ ނަމަވެސް، އެއިން އުންމީދުގެ އަލިކަމެއް ފެނޭ. ކޮންމެ ދުވަހަކު ކިޔުންތެރިންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދިނުމަށް ތަފާތު ވާހަކަތައް ގެނެސްދޭ. ނަމަވެސް ޝަބާގެ ހިތްހަމަޖެހުން ކޮބާތަ؟ ޝަބާއަށް ހިތްހަމަޖެހުމެއް ލިބޭތަ؟”

ޝަބާއަށް ހައިރާންކަމެއް ލިބުނެވެ. އެއީ އޭނާއަށް ކުރިން ލިބިފައިވާ މެސެޖުތަކާ ތަފާތު މެސެޖެކެވެ. އާދަޔާ ޚިލާފު މެސެޖެކެވެ. ދެވަނަ މެސެޖެއް ވެސް އިނެވެ. “ޝަބާގެ ކޮންމެ ލިޔުމަކުން ވެސް ޝަބާގެ ހިތުގެ އެތެރޭގައި ހިފާލާފައިވާ ވޭނުގެ އަޑު އިވޭ. އެހެން މީހުންނަށްޓަކައި ތިބާ އަމިއްލަ ނަފްސު ގުރުބާންކުރަން ނުޖެހޭނެއްނުން؟ އެހެން ހަދަން ހެޔޮނުވާނެ”

މި ބަސްތަކުން ޝަބާގެ ހިތުގައި ބޮޑު ގުޑުންގަނޑެއް އުފެދުނެވެ. އޭނާގެ ސިއްރު ހާލަތު އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނާގެ ހިތުގައި ފޮރުވައިގެން އުޅޭ ބައްޔަކީ، އެއްވެސް މީހަކާ ހިއްސާކޮށްފައިވާ ކަމެއް ނޫނެވެ. ނަމަވެސް، މި ނޭނގޭ ކިޔުންތެރިޔާއަށް އޭނާގެ ހާލު އެނގޭ ކަހަލައެވެ. މި މެސެޖުތަކުން ޝަބާއަށް ވިސްނުނީ، އޭނާ އެހެން މީހުންނަށްޓަކައި އަމިއްލައަށް ގުރުބާންވާން ނުޖެހޭ ކަމެވެ. މި ވާހަކަތަކުން އޭނާގެ ހިތަށް ބޮޑު ހިތްވަރެއް ލިބުނެވެ.

އެ ދުވަހުން ފެށިގެން، އެ ނަން ނުޖެހޭ ކިޔުންތެރިޔާއާ ދެމެދު ސިއްރު ގުޅުމެއް ބަދަހިވެގެން ދިޔައެވެ. ދުވާލަކު އެތައް މެސެޖެއް ބަދަލުކުރެވެއެވެ. އެ ކިޔުންތެރިޔާ ޝަބާއަށް އޭނާގެ ހިތްދަތިކަން ހިއްސާކުރަން ހިތްވަރުދިނެވެ. އަދި އޭނާގެ ލިޔުންތައް ހަމައެކަނި އެހެން މީހުންނަށްޓަކައި ލިޔުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށްޓަކައި ލިޔެން ފަށަން ނަސޭހަތްތެރިވިއެވެ. އެ ނޭނގޭ މީހާ ބުނަމުންދިޔައީ، ޝަބާގެ ހަގީގީ އަޑު އެންމެ ރީތިވާނީ، އޭނާގެ ހިތުގައި ފޮރުވާފައިވާ އިޙްސާސްތައް އެއްވެސް ބިރެއް ނެތި، ހުރަހެއްނެތި، ބޭރުކުރީމާ ކަމަށެވެ.

ޝަބާ ކުރިން ގަބޫލު ކުރިގޮތުގައި ލިޔުންތެރިކަމަކީ އޭނާގެ ހިތްދަތިކަން ފޮރުވުމަށް ބޭނުންކުރާ ވަސީލަތެކެވެ. ނަމަވެސް، މިހާރު އެއީ އޭނާ އަމިއްލައަށް ދިރިހުރުމަށްޓަކައި، އޭނާގެ ހިތުގެ އެތެރޭގައިވާ ބުރަތައް ލުއިކުރުމަށްޓަކައި ބޭނުންކުރަންވީ ވަސީލަތެކެވެ.

ޝަބާ އަދިވެސް ވާހަކަ ލިޔެއެވެ. ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން ލިޔަން އިށީނދެއެވެ. އެކަމަކު މިފަހަރު، އޭނާގެ ކިޔުންތެރިން ރުއްސުމަށްޓަކައި ނޫނެވެ. އަމިއްލަ ނަފްސު ރުއްސުމަށްޓަކައެވެ. އޭނާގެ ހިތުގައި ފޮރުވާފައި ހުރި ބިރުވެރިކަމާއި، ހާސްކަމާއި، ވަރުބަލިކަމުގެ ވާހަކަތައް ލިޔަން ފެށިއެވެ. އޭނާގެ ލިޔުންތައް ދުވަހެއް ދުވަހަކަށް ބަދަލުވަމުން ދިޔައެވެ. ހިތާމައިގެ ބަސްތަކުގެ ތެރޭގައި އުންމީދުގެ އަލިކަން ދިއްލާލަން ފެށިއެވެ.

ޝަބާގެ މި ބަދަލުތައް އޭނާގެ ކިޔުންތެރިންނަށްވެސް ފާހަގަވިއެވެ. އެއްބަޔަކު ބުނަމުންދިޔައީ، ޝަބާގެ ލިޔުންތަކުގެ ތެރެއިން އެމީހުން ކުރިން ދެކެން އުޅުނު “ހިތާމައިގެ ރަހަ” މިހާރު ނުފެންނަ ކަމަށެވެ. އެކަމަކު އަނެއްބަޔަކު، ޝަބާގެ އާ ލިޔުންތަކަށް ތަޢުރީފުކޮށް، އެއިން އެމީހުންނަށް އުންމީދާއި ހިތްވަރު ލިބޭ ކަމަށް ބުނަމުންދިޔައެވެ. ޝަބާއަށް ކުރިން ކިޔުންތެރިންގެ ނުރުހުން ލިބިދާނެ ކަމަށް ހީވެ، ބިރުގަންނަމުންދިޔަ ނަމަވެސް، އޭނާގެ ހިތުގައި މިހާރު އޮތީ ހަމަޖެހުމެވެ. އޭނާގެ އަމިއްލަ އަޑު ހޯދިއްޖެއެވެ. އޭނާގެ ލިޔުންތައް މިހާރުވަނީ އޭނާގެ ހިތުގެ ތެރޭގައިވާ ހަގީގީ އިޙްސާސްތަކުގެ ތަރުޖަމާއަކަށެވެ.

ލިޔުމުގެ އިތުރުން، ޝަބާ އޭނާގެ ދިރިއުޅުމަށްވެސް ބަދަލުތައް ގެންނަން ފެށިއެވެ. އޭނާގެ ސިއްރު ބަލިމަޑުކަމާއިމެދު ސައިކޭޓްރިސްޓްއަކާއި މަޝްވަރާކުރިއެވެ. އަދި އޭނާގެ ހަޔާތަށް އިތުރު އަލިކަމެއް ގެނައުމަށްޓަކައި، ކުދިކުދި ކަންތައްތަކުން އުފާ ހޯދަން މަސައްކަތްކުރިއެވެ. ހެނދުނު އިރުއަރާތަން ބެލުން، ގަސްތަކަށް ފެންދިނުން، ނުވަތަ ރައްޓެހިންނާއެކު ހިނގާލަން ދިއުން ފަދަ ކުދިކުދި ކަންކަމުންވެސް އޭނާއަށް އާ އުފާތަކެއް ލިބެން ފެށިއެވެ.

އެ ދުވަހުން ފެށިގެން ޝަބާގެ ލިޔުންތައް ހަމައެކަނި ހިތާމަވެރި ވާހަކަތަކުން ފުރިގެން ނުދެއެވެ. އޭނާގެ ލިޔުންތަކުގެ ތެރެއިން ދިރިއުޅުމުގެ ރީތިކަމާއި، އުންމީދުގެ އަލިކަމާއި، އަމިއްލަ ނަފްސަށް ލޯބިކުރުމުގެ މުހިންމުކަން ހާމަވާން ފެށިއެވެ. އޭނާ އެނބުރި އައީ އާ ލިޔުންތެރިއެއްގެ ގޮތުގައެވެ. ހަމައެކަނި އެހެން މީހުން ރުއްސުމަށް މަސައްކަތްކުރާ މީހެއްގެ ބަދަލުގައި، އޭނާގެ އަމިއްލަ ނަފްސަށް އުފާވެރިކަން ހޯދައިދީ، އެ އުފާވެރިކަން އެހެން މީހުންނާ ހިއްސާކުރާ މީހެއްގެ ގޮތުގައެވެ.

ޝަބާގެ ދިރިއުޅުމުގައި އާ ފެށުމެއް އައެވެ. އޭނާގެ ހިތަށް ލިބުނު ޝިފާއާއެކު، އޭނާގެ ލިޔުންތަކަށް ވެސް އާ ރޫހެއް ވެރިވިއެވެ. އޭނާއަށް އެނގުނީ، ހަގީގީ ބާރު އޮންނަނީ އަޅުގަނޑުމެންގެ ހަގީގީ އަޑު ހިއްސާކުރުމުން ކަމެވެ. އަދި ހިތްދަތިކަން ފޮރުވުމުގެ ބަދަލުގައި، އެއާ ކުރިމަތިލައި، އެއިން އުނގަންނައިގެން ދިރިއުޅުމަށް ބަދަލުތައް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމެވެ. ޝަބާ ޢަލީގެ ވާހަކައަކީ، ހިތްދަތިކަމުގެ ތެރެއިންވެސް އުންމީދާއި ޝިފާ ހޯދިދާނެކަމުގެ ހެއްކެކެވެ.

(ނިމުނީ)

Comments (12)

  1. Aanaa

    Masha allah mi vhk vrh vrh reethi..Vrh asar gadha..rohvaala kahla😭❤️
    Sifa kohdheefa hurileh hama💯
    baeh fahar hiivey ehn shihaa ehhn thy…vrh thafaathu e break ge fahun liyefa huhna vhk thah.hama vrh reethi..Shihaa thy vrh hihvarugadha author ehhh…abdhuvs shihaa ah kaamiyaaby ah edhen..aana ge suport shihaa ah libeyne🫶🏻…ekm mi vhk kiyaafa vrh bodu suvaal eh ebh…n I’ve a gudddd neewwss…IA mail kohlaanan…
    BTW faharehga hurihaa vhk thakakah cmnt nukurevi dhaane…miadhu exams fashaifi..
    Lyyy🫶🏻🫶🏻🫶🏻

    1. shihaamaa ali
      Aanaa

      Awwwww jazaakallah khairan dearr😭❤️ haha it’s hama the sameee shihaa lol😂😂😂
      Jazaakallah khairan may allah blesss you🥹
      Labba.. yes mail kolla..
      Ya its okay.. all the best for exams..
      Lyyt🫶🏻

  2. human

    Wooow rovijje hama… vrh vrh reethi Masha Allahhh❤️

    1. shihaamaa ali
      human

      awwww jazaakallah khairan sorry rovvalevunyma hehe❤️😭

  3. linn💙

    v.nice

    1. shihaamaa ali
      linn💙

      jazaakallah khairan dear 🫶🏻

  4. Name

    Shabaa? Or Shihaa? Mi dheythere akun mi dhiya break ge real reason akee meetha?

    1. shihaamaa ali
      Name

      some of these are true but the whole story isn’t 🫶🏻

  5. 💜💜

    Maasha Allah ❤️🫴
    Very very beautiful Story as You’re story goes
    Is it you ? or Shabaa..I have a request Could you include “Alooka ” in another story you write ✍️ It’s just my request 💜🔥 If you want you can!! Anyways,My Exam ended Today feeling out of Anxiety & Stress
    Bye ,Tc Lyssmm 💜💜✨

    1. shihaamaa ali
      💜💜

      Jazaakallah khairan dear.. hehe no no its fictional… ya, Alooka eh ulheyne mihr mi liyaa dhigu vaahaka “vaathy hithaku loabi manmanvefaa” ga..
      In sha allah u did well hehe.. tc ly🫶🏻

  6. 🤎🤎

    Which part she’s in ??? I wanna read Sis,🤎🤎

    1. shihaamaa ali
      🤎🤎

      Adhi she hasn’t come yet… in sha allah annaane adhi fahun.. hope you love the story

Comments are closed.