ނޭނގިކޮށްލީ ހިތް ދިވާނާ
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ތަރިތައް އުޑުގައި ފިޔަޖަހަމުން ދިޔައީ ކުދިކުދި ޖަވާހިރުތަކެއް ފަދައިންނެވެ. އެ އަނދިރިކަމުގައި ރޭގަނޑުގެ ރާނީ ފަދައިން ގޮނޑުދޮށުގެ ދޮންވެލިގަނޑުގެ ތެރެއަށް ފައިކޮށްޕާލައިގެން އެ އަންހެންކުއްޖާ އިނީ ކަކުލުގައި ބޯއަޅައިލައިގެންނެވެ. އެކުއްޖާގެ އަޅިކުލައިގެ ވަރަ ދިޔައީ ދަންވަރުގެ އެ އަނދިރީގައި ވިދަމުންނެވެ. އުޑުގައިވާ ތަރިތައް ވަރައިގައި ތަތްކޮށްފައިވާހެން ހީވެއެވެ. އާދަޔާ ހިލާފު ރީތި ކަމެއް އެކުއްޖާއަށް ލިބިފައިވެއެވެ. ހަނދެއް ފަދަ ވަށްވަށް މޫނުކޮޅަކާއި ހިތިފަތު ބުމައެކެވެ. ބޮޑު ދެލޮލާއި ކުޑަކުޑަ ނޭފަތެކެވެ. ރަތް ފިނިފެންމަލެއް ފަދަ ރަތް ތުންފަތެކެވެ. ކަކުލާއި ހަމައަށް އަރާ ދިގު ސިލްކުކޮޅެއްފަދަ އިސްތަށިގަނޑެކެވެ. އެކުއްޖާގެ ދެލޮލުގައި ދިޔައީ ޖަވާހިރުތަކެއް ފަދައިން ކަރުނައިގެ މުތީތަށް ބަބުޅަމުންނެވެ.
ކުއްލިއަކަށް ވައި ގަދަވެގެން ދިޔައެވެ. އެކުއްޖާ ހަރަކާތެއްކޮށްލުމެއް ނެތި އިން ގޮތަށް އިނެވެ. އަންނަނީ ކާކުކަން އޭނައަށް އެނގެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކުއްޖާގެ ފަހަތުގައި ކަޅުކުލައިގެ ބޮޑު ވަރައެއްލާފައި ހުރި ފިރިހެނެއް ހުއްޓެވެ. “ޒެލާ ތިހެން ފިލައިގެން އިންސާނުންގެ ދުނިޔެއަށް އައުމަކީ އަހަރުމެންގެ ނަސްލަށް ނުރައްކާތެރިކަމެއްކަން އެނގެއެއްނުން.. ހިނގާ ދާން.. ޒެލާ މަންމަމެން އެބަ ހޯދާ..” އެ ޒުވާނާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. “ކީއްކުރަން ދާންވީ؟؟ ކަލެޔާ ކައިވެނި ކުރަން؟ ނުދާނަން..” ޒެލާޔާ ރުޅިވެރިކަމާއެކު ބުނެލިއެވެ. އެ ޒުވާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. “ޒެލާގެ އޮޕީނިއަން އެހި ހަނދާނެއް ނުވޭ.. އަހަރެން މިއައީ ޒެލާގެ ޕޭރެންޓްސް ފޮނުވާގެން..” ޒެލާޔާގެ ކޮނޑުގައި ހިފައި ނަގަމުން އެ ޒުވާނާ ބުންޏެވެ.
ޒެލާޔާ ކުއްލިއެއް ޖެހުމަށްފަހު އެ ޒުވާނާގެ އަތްދޮށުން ސަލާމަތްވިއެވެ. “އަހަރެން ގައިގަ އަތްނުލާތި.. އަހަރެން މީ ލަކްޔަން ބޭނުން ކަމެއް ކުރަން ހުރި ކުޅޭ ކުޅޭ ބުދެއް ނޫން.. ދެވަނަ ފަހަރަށް އަތްލާފިއްޔާ ވަރަ ބިންދާލާނަން..” ޒެލާޔާ ބުނެލިއެވެ. ލަކްޔަން ހައިރާންވެފައިވާ ފަދަ ގޮތަކަށް ދެލޯ ބޮޑުކޮށްލިއެވެ. “ވާން އުޅޭ ފިރިމީހާއަށް އިންޒާރު ތިދެނީ ޒެލާ..” ހިނިއައިސްފައިހުރެ ލަކްޔަން ބުނެލިއެވެ. “އަހަރެން ދުވަހަކު ވެސް ކަލެޔަކާ ނީންނާނަން.. ލަކްޔަންގެ އަމިއްލަ އެދުން ބޮޑު ކަމުން އަހަރެމެންގެ ކުޑައިރުގެ އެކުވެރިކަން ވެސް ތި ނަގާލަނީ.. ދާންއުޅޭ..” ލަކްޔަންގެ ކޮނޑުގައި އަޅައިކޮށްޕައިލަމުން ޒެލާޔާ ބުންޏެވެ. “އަހަރެން އޭރު ވެސް ޒެލާދެކެ ލޯބިވީން..” ޒެލާޔާގެ ދެއަތް އޭނަގެ އަތުގެ ތެރޭގައި ހައްޔަރުކޮށްލަމުން ލަކްޔަން ބުންޏެވެ.
ޒެލާޔާ ދަތްކުނޑިވިކައިލިއެވެ. އޭނަގެ ލޮލުގެ ކަޅި ރުޅިއައިސްފައި ހުރިވަމުން ދިއްލެމުން ދިޔައެވެ. “ޔޫ އޯލްވޭސް ހޭޑް އަ ބޭޑް ޓެމްޕާރ..” ދިމާކޮށްލުމުގެ ގޮތުން ލަކްޔަން ލާނެތް ގޮތަކަށް ބުނެލިއެވެ. ޒެލާޔާ އޭނަގެ ފޭރާ ދެ ދަތް ލަކްޔަންގެ އަތަށް ހަރައިލިއެވެ. ލަކްޔަން އަވަސް އަވަހަށް އޭނަގެ އަތް ދަމައިގަތެވެ. ކުޑަކުޑަ ލޭކޮޅެއް އައި ނަމަވެސް އެތަންކޮޅު ނުލާހިކު އަވަހަށް ބެދިގެން ދިޔައެވެ. ޒެލާޔާ އަވަސް އަވަހަށް އުދުއްސައިގަތެވެ. ލަކްޔަން ފުންނޭވާއެއްލުމަށްފަހު އެމީހުންގެ ނަސްލުގެ މީހުން ގާތަށް ދިޔައެވެ. ޒެލާޔާ ގޮތްދޫނުކުރާނެކަން އޭނައަށް ޔަގީންވެއެވެ.
ލަކްޔަން އޭނަގެ ފަހަތުން ނާންނާނެކަން ޔަގީންވުމުން ތިރިކުރާނެ ރަށެއް ފެނޭތޯ ޒެލާޔާ އުދުހެމުން ދިޔައެވެ. އިރުގެ ރަން އަލިން ދުނިޔެމަތި އަލިކުރަމުން ދިޔައެވެ. ގަސް ގިނަ ރަށްތަކުގެ މަލަމަތިތައް ފެންނަމުން ދިޔައީ ފެހިކަން ގަދަ ޖަންގަލިތަކެއް ފަދައިންނެވެ. ކަނޑު ނޫ ކުލައިގެ ކަނޑުގައި ހީވަނީ ސަތަރިގަނޑެއް ދަމާލާފައިވާހެންނެވެ. އުދުހެމުން ގޮސް ވަރުބަލިވުމުން ގަސްގިނަ ރަށެއްގެ ދޮންވެލި ތުނޑިއަކަށް ތިރިކޮށްލުމަށްފަހު ވަރަ ގެއްލުވައިލިއެވެ. މިހާރު ޒެލާޔާ ހީވަނީ ހަމަ އަސްލު އިންސާނެއް ހެންނެވެ. އެހެންނަމަވެސް އޭނަގެ އާދަޔާ ހިލާފު ރީތި ކަމަކީ ކޮންމެ މީހެއްގެ ލޮލުގައި ވެސް އަޅައިގަންނާނެ ސިފައެއްކަން ޔަގީނެވެ.
އިރުއަރައި މަންޒަރު ބަލައި ނިމިގެން އެ ރަށު ޒުވާންފުރައި މީހުން މޫދަށް އެރެމުން ދިޔައެވެ. ޒެލާޔާ ދޮންވެލިގަނޑުގައި އިށީނދެލީ އެ މަންޒަރު ބަލާށެވެ. އެވަގުތު މޫދުން އަރައިގެން ނޫކުލައިގެ ސޯޓުކޮޅެއްލައިގެން ޒެލާޔާއާއި ދިމާލަށް އަންނަމުން ދިޔަ ޒުވާނާ އޭނަގެ ލޮލުގައި އަޅައިގަތެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އައިރްގެ ތުވާލި ކައިރީގައި އިށީނދެގެން އިން ފަތްމިންޏެއް ފަދަ ރީތި އަންހެންކުއްޖާ ފެނި އޭނަގެ ތަލިން ކުޅި ހިކުނެވެ. ޒެލާޔާއަށް އިނދެވުނީ އެ ޒުވާނާއާއި ދިމާލަށް ކަޅި ޖަހައިނުލާ ބަލާށެވެ. އައިރްގެ ޖާދޫގައި ޖެހިފައި އިން ޒެލާޔާ ފެނި، އައިރްއަށް އެއްމިޔަކަނުން ހީލެވުނެވެ.
ޒެލާޔާގެ ގާތަށް އައިސް ގޮޑިމަތީގައި އޮތް ތުވާއްޔައް އިޝާރާތްކޮށްލިއެވެ. “އެހެމް.. ތުވާލި ދެވިދާނެތަ؟” އައިރް އަހައިލިއެވެ. އޭނަގެ ފަންފަންކޮށް އޮތް ކަޅުކަންގަދަ ކުރު އިސްތަށިކޮޅު ތެމިފައި ހުރުމުން އިތުރަށް ރީތި ކަމަށް ދައްކައެވެ. “ސޮރީ..” ތުންފަތުގައި ދައިގަންނަމުން އަވަސް އަވަހަށް ބުނެލުމަށްފަހު ޒެލާޔާ އޭނަ ކައިރީ އޮތް ތުވާލި ނަގައި އައިރް އަތަށް ދިނެވެ. ޒެލާޔާގެ އަތާއި އެއްކޮށް ތުވާލީގައި އައިރް ހިފައިލުމުން ޒެލާޔާއަށް ނޭވާ ހިފައްޓާލެވުނެވެ. “މި ރަށު ކުއްޖެއް ނޫން ދޯ ތިއީ؟ ކޮން ނަމެއް ކިޔަނީ؟ އަހަރެންނަށް އަދިކިރިޔާ ތިކަހަލަ ޗާލު ފަތްމިންޏެއް މި ފެނުނީ…” އައިރް އޭނަގެ ފިރެހެންވަންތަ ބަރު އަޑުން ވާހަކަ ދެއްކިއެވެ. އައިރްގެ ތައުރީފާއިއެކު ޒެލާޔާގެ ދޮން މޫނަށް ރަތް ކުލަ ފާއްދައިލިއެވެ. “ޒެލާޔާ ކިޔަނީ.. އަމް ތެންކްސް.. ކޮން ނަމެއް ތި މީހާއަށް ކިޔަނީ؟” ޒެލާޔާ ލަދުން ހުރެ އަހައިލިއެވެ. “އައިރް.. ކުއްޖާއާ އެއްވަރަށް ނަން ވެސް ރީތި މާޝާﷲ..” އައިރް ބުނެލިއެވެ.
ޒެލާޔާ ލަދުން އިސްޖަހައިިލިއެވެ. އެދުވަސް ވެގެން ދިޔައީ ޒެލާޔާގެ ހިތުގައި އައިރްއާއި މެދު އައު އިހްސާސްތަކެއް އުފެދުނު ދުވަހަކަށްށެވެ. އޭގެ ފަހުން ކޮންމެ ދުވަހެއްގެ ހެނދުނާއި ދަންވަރުގެ ވަގުތު ވެގެން ދަނީ ދެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބައްދަލު ކުރާ ވަގުތުތަކަށްށެވެ. އެއްރެޔަކު އައިރްގެ އިންތިޒާރުގައި ތުނޑީގައި ޒެލާޔާ އިންދައި ލަކްޔަންއައެވެ. ޒެލާޔާގެ މޫނު މަތިން ފެނުނީ ފޫހިކަމެވެ. “ޒެލާއަށް ހީވޭތަ ޒެލާގެ އަސްލު އެނގުނީމަ އަދިވެސް އޭނަ ޒެލާއާ ބައްދަލު ކުރަން އަންނާނެހެން؟ އެއީ އިންސާނެއް.. ތިއީ ޖިންނިއެއް.. އަހަރުމެންގެ ނަސްލު އުޑާއި ބިމާހާ ތަފާތު..” ޒެލާޔާއަށް ވިސްނައިދޭ ފަދަ ގޮތަކަށް ލަކްޔަން ބުންޏެވެ. “ކެތްނުވީ ދޯ އަހަރެން އުފަލުގަ އުޅޭ ތަން ފެނުނީމަ.. ތިއީ ލަކްޔަންގެ ގޮތެއްނުން ކުރިން ވެސް..” ދަތްކުނޑިވިކައިލަމުން ޒެލާޔާ ބުންޏެވެ.
ލަކްޔަން ހިތި ގޮތަކަށް ހީލިއެވެ. “ޒެލާ އުފަލުގަ ހުންނާތީ އަހަރެން ދުރުގަ މިހުންނަނީ ވެސް.. ޒެލާގެ އުފަލަށްޓަކައި އަހަރެންވެފަ ހުރި ގުރުބާނީތަކެއް ޒެލާއަކަށް ނޭނގޭނެ..” ލަކްޔަންގެ އަޑުގައި ގޮތް ނޭނގޭ އަސަރެއްވިއެވެ. “މިހާރު ވެސް އަހަރެންގެ އުފަލަށް ހުރަސްއަޅަނީ ތި ލަކްޔަން.. އަހަރެންނާ ދުރުގަ ހުންނާށޭ ކިތަށް ފަހަރު ބުނަން ޖެހެނީ..” ލަކްޔަންގެ މޭގައި އަތް އަޅައި ކޮށްޕައިލަމުން ޒެލާޔާ ބުންޏެވެ. “މައްސަލައެއް ނެތް އަހަރެން ހުންނާނީ ޒެލާއާ ދުރުގަ.. އެކަމަކު އަހަރެންގެ އެހީއެއް ޒެލާ ބޭނުންވެއްޖެ ހިނދެއްގަ އަހަރެން އަބަދު ވެސް ހުންނާނީ ޒެލާއާ ކައިރީގަ..” ޒެލާޔާގެ އަތުގައި ހިފައި އެ މޫނަށް ނަޒަރު ހިންގާލަމުން ލަކްޔަން ބުނެލިއެވެ.
ލަކްޔަންގެ މޫނުން ފެނިގެންދަނީ ފުން ލޯތްބެވެ. “ލަކްޔަންއަށް އަހަރެން ނޫން އެހެންމީހުންވާނެ.. ޕްލީޒް ލީވް..” މޫނު އަނބުރައިލަމުން ޒެލާޔާ ބުނެލިއެވެ. އިސްޖަހައިގެން ހުރެ ލަކްޔަން ދުރުވެލިއެވެ. “ޒެލާގެ ޕޭރެންޓްސް އޯކޭއެއް ނޫން ތި ކަމަށް އެއްގޮތަކަށް ވެސް..” ލަކްޔަން ބުންޏެވެ. “އެމީހުންނަށް އެނގެން ޖެހޭނެ އަހަރެން އަބަދު ކޮށީގަ ބަންދުވެގެން ނުހުންނާނެކަން..” ލަކްޔަންއާއި ފުރަގަސްދެމުން ހަށަން ބަނދެލަމުން ޒެލާޔާ ބުނެލިއެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު، ވަރަ ހުޅުވައިލައި ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ލަކްޔަން އުދުއްސައިގަތެވެ.
ކަޅުކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން ދެ ޖީބަށް އަތް ޖަހައިލައިގެން ހުރެ މަޑު ހިނގުމެއްގައި އައިރް އައިސް ޒެލާޔާގެ ފުރަގަހުން ބައްދައިލިއެވެ. “މްމްމް ހާދަ ހާސްވެފަ ލަވް.. ކިހިނެތް ވީ؟” ޒެލާޔާގެ ކޮލުގައި ތުންފަތް ޖައްސައިލަމުން އައިރް އަހައިލިއެވެ. “ކަމެއް ނުވެ.. ހަމަ ވިސްނައިލީ..” ޒެލާޔާ ހީލަމުން ބުނެލިއެވެ. “އައި ހޭވް އަ ސަޕްރައިޒް.. ހިނގާބަ އަހަންނާއެކު..” ޒެލާޔާގެ ދެލޮލުގައި ފޮތިކޮޅެއް އައްސައިލަމުން އޭނަގެ ކޮނޑުގައި ހިފައިގެން ހުރެ އައިރް ހިނގައިގަތެވެ. “ކޮންތާކަށް މި ދަނީ؟” ޒެލާޔާ ހިނިއައިސްފައި ހުރެ އަހައިލިއެވެ.
“ކެތްތެރިވޭ ދޫންޏާ..” ހެމުން އައިރް ބުނެލިއެވެ. ކުއްލިއަކަށް ފުން ވަޅުގަނޑެއް ފަދަ އެއްޗަކަށް ޒެލާޔާ ވެއްޓުނެވެ. ހަށިގަނޑަށް ވައިގެ އަސަރު ކުރުމުން އަމިއްލަ ސަލާމަތައްޓަކައި ޒެލާޔާ އޭނަގެ ވަރަ ހުޅުވައިލިއެވެ. އެވަގުތު ބައިވަރު މީހުންގެ އަތްތަކެއް އޭނަގެ ހަށިގަނޑުގަޔާއި ވަރާގައި އިހްސާސްކުރެވުނެވެ. ހާސްވެގެން ޒެލާޔާއަށް ތެޅިގަނެވުނެވެ. “އައިރް.. އައިރް..” ޒެލާޔާއަށް ގޮވައިލެވުނެވެ. “ހެހެ މޮޔަ ކުއްޖާ.. ކަލޭ ހީކުރީ މަ ކަލެޔާ އަޅާއިގަނެގެން މި އުޅުނީ ކަލޭދެކެ ލޯބީވާތީ ކަމަށްތަ؟ ހަހަ ނޫނޭ ކަލޭގެ މައިންބަފައިންގެ ފަރާތުން ބަދަލު ހިފަން އަހަރެން މިއުޅެނީ.. މަށަށް ކަލޭ ފެނުނު ފުރަތަމަ ދުވަހު ވެސް އެނގުން ތިއީ އިންސިއެއް ނޫންކަން..” ނުލަފާ ވައްތަރަކަށް ހިނިއައިސްފައި ހުރެ އައިރް ބުނެލިއެވެ.
ޒެލާޔާގެ ލޮލުގައި އޮތް ފޮތިކޮޅު އައިރް ނެގިއެވެ. އެވަގުތު ޒެލާޔާއަށް އޭނަ ވަށައިގެން އޭނަގެ ހަށިގަނޑުގައި ހިފައްޓައިގެން ހުރި މީހުންތައް އޭނައަށް ފެނުނެވެ. ކުރިމަތީގައި ދެފައި ވަށްކޮށްލައިގެން ހުދު ކުލައިގެ ތާކިހަލެއް އަޅައިގެން ހުރި މީހާ ފެނި ޒެލާޔާގެ މެއަށް ހޫނު ފެން އެއްޗެއް އޮއްސައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “އަހަރެން ނުކުރަން އެއްވެސް ކަމެއް.. އަހަރެން ދޫކޮށްލާ.. އާދޭސް ކުރަން.. ” ޒެލާޔާ ކިޔަން ފެށިއެވެ. އެހެންނަމަވެސް އެމީހުންނަށް އެ އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ.
“ކަލޭގެ ބައްޕަ މަގޭ މަންމައަށް ދަޅަ ދައްކައިގެން މަގޭ މަންމަ މޮޔަކުރީ.. މަގޭ މަންމައަކީ މިރަށު މީހުންގެ ކުރިމަތީގަ މޮޮޔައަކަށް ހަދައިފި..” ދަތްކުނޑިވިކައިލަމުން އައިރް ބުންޏެވެ. ޒެލާޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ތިއީ؟” ހާސްވެފައި ހުރެ ޒެލާޔާ ސުވާލުގެ ރާގަކަށް އަހައިލިއެވެ. “ހެހެ މަށަކީ ކަލޭމެންގެ ނަސްލުގެ މީހެއްނޫން.. އަދި ކަލޭގެ އާއިލާ މީހަކަށް ވެސް ނުވާނެ.. ކަލޭ ބައްޕަ އެކަމެއް ކުރިއިރު މަގޭ އުމުރުން އެންމެ ފަސް އަހަރު..” ޒެލާޔާގެ ބޮލުގައިވި ސުވާލު އެނގުމުން ދަތްކުނޑިވިކައިލަމުން އައިރް ބުންޏެވެ. “އަހަރެންގެ ބައްޕަގެ ފަރާތުން އައިރްއަށް ގެއްލުމެއް ލިބިފަ އޮތިއްޔާ މާފު ކުރޭ.. އަހަރެން ތި މީހުންނަށް އުނދަގުލެއް ނުކުރާނަން.. އާދޭސްކޮށްފަ މިބުނަނީ އަހަރެން ދޫކޮށްލާ..” ޒެލާޔާ ރޯން ފެށިއެވެ. އޭނަގެ ބޮޑު ދެލޮލުން ކަރުނައިގެ މުތީތައް ކޯރު ހަދާފައި ފައިބަމުން ދިޔައެވެ. އައިރްގެ ކުއްލި ހަރަކާތާއިއެކު ޒެލާޔާގެ ކަޅި މައްޗަށް އަރައިގެން ދިޔައެވެ. އަޅަމުން ދިޔަ ވޭނަށް ކެތްނުވެގެން ކަރު ފަޅައިގެންދާހައި ބާރަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ޒެލާޔާ ހިތާއި ހިތުން ލަކްޔަންއަށް ގޮވައިލިއެވެ.
ކޯރެއް ފަދަ ތަނެއްގައި މަސްތަކަށް ބަލަން ހުރި ލަކްޔަންގެ ކަންފަތުގައި ޒެލާޔާގެ ވޭނީ އަޑު ގުގުމައިލިއެވެ. ހާސްވެފައި އޭނަ ދެލޯ މަރައިލުމަށްފަހު ޒެލާޔާ ހުރި ތަން، ބާރުގެ ބޭނުން ކުރަމުން ހޯދައިލިއެވެ. ފެނުނު މަންޒަރުން އޭނަގެ ދެލޮލުގެ ހުދުބައި ކަޅުކުލަޔަށް ބަދަލުވިއެވެ. ވަރަ ހުޅުވައިލުމަށްފަހު ވޫސްލާފައި އުދުހެމުން ދިޔައިރު، އޭނަގެ މިސްރާބު ހުރީ ޒެލާޔާ ހުރި ތަނަށްށެވެ. ކުޑަކުޑަ ހޮހަޅައެއްފަދަ ތަނަށް ވަދަގެން އައި ވަގުތު، އެތާތެރޭގައި ނަގޫރޯޅިއެއް އަރައިގެން ދިޔަ ފަދައިން ވައިބާރުވިއެވެ. “ހަމަ މިހާރު އޭނަ ދޫކޮށްލާ.. އޭނަ ކަލޭމެންނަށް ގެއްލުމެއް ދީފައެއް ނޯންނާނެ..” ބިރުވެރި ފާޑަކަށް ލަކްޔަން ބުނެލިއެވެ.
އޭނަގެ ލޯ ވަށައިގެން ކަޅުކުލައިގެ ނާރުތަށް ވަނީ ފުއްޕައިލާފައެވެ. ފަންކޮށް އޮތް ކަޅުކުލައިގެ އިސްތަށިކޮޅު ކޮނޑާއި ހަމައަށް އަރައެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ފަޓުލޫނެކެވެ. ބުރަކަށީން ފަޅާފައިވާ ދެ ވަރަ މީހާގެ އިސްކޮޅާ އެއްވަރަށް ބޮޑެވެ. ލަކްޔަންގެ ލޮލުގައި އަޅައިގަތީ އައިރް ބިންދައިލި ޒެލާޔާގެ ވަރައިގެ އެއްބައެވެ. އެއަށް ބަލައިލުމަށްފަހު ބިރުވެރި ގޮތަކަށް އައިރް އާއި ދިމާލަށް ކަޅިއަޅައިލިއެވެ. އައިރް ހާސްވެފައި ހުރެ ޒެލާޔާއާއި ދުރުވެލިއެވެ. ދެން ތިބި މީހުން ވެސް ކަންތައް ކުރީ އެހެންނެވެ. ކުއްލިއަކަށް އިވިގެން ދިޔައީ އައިރްގެ ވޭނީ ހަޅޭކުގެ އަޑެވެ. އައިރްގެ ދެއަތުގެ ކޮނޑު ހުޅާއި ހިސާބުން ލަކްޔަން ބިންދައިލިއެވެ. އެއަށްފަހު ވެއްޓިފައި އޮތް ޒެލާޔާގެ ހަށިގަނޑު އުފުލާލައިގެން އޭނަ އުދުއްސައިގަތެވެ.
ލަކްޔަންގެ ކޮނޑުގައި ބޯއަޅައިގެން އޮތް ޒެލާޔާގެ ދެލޮލުން ފައިބާފައިވާ ކަރުނަތައް ވަނީ ހިކިފައެވެ. އޭނަ އޮތީ ލަކްޔަންގެ އަތުތެރެއަށް ހަށިގަނޑު ދޫކޮށްލައިގެންނެވެ. “އައިމް ސޮރީ..” ނޭފަތް ދަމައިލަމުން ޒެލާޔާ ބުނެލިއެވެ. ލަކްޔަން ފުންނޭވާއެއް ދޫކޮށްލިއެވެ. “އިޓްސް ނޮޓް ޔުއާ ފޯލްޓް.. ޒެލާ ކިޔުރިއަސްވެފަ ހުރިވަރުން ވީ ކަމެއް އެއީ..” ލަކްޔަން މަޑުމަޑުން ބުންޏެވެ. ލަކްޔަން އޭނަ ގެންދިޔައީ ލަކްޔަންގެ މާމަގެ ކައިރިއަށްށެވެ. ލަކްޔަންގެ މާމައަކީ އެ ނަސްލުގެ މީހުންގެ ބޭސްވެރިކަމަށް އެންމެ މޮޅު މީހާއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒެލާޔާއާއި ލަކްޔަންގެ ގުޅުން ވަރުގަދަވަމުން ދިޔައެވެ. ޒެލާޔާގެ ވަރަ ރަނގަޅުވުމުން އޭނަ ދިޔައީ އޭނަގެ މައިންބަފައިންގެ ގާތަށްށެވެ. އައިރްގެ ވާހަކައިގެ ތެދު ދޮގު އެނގެން ޒެލާޔާ ބޭނުންވިއެވެ. ޒެލާޔާ ގެއަަށް ވަނުމުން އޭނަގެ މައިންބަފައިން، ޒެރާޝް އަދި ހިޒްޔާ އައިސް އޭނަގެ ހަށިގަނޑުގައި ބައްދާލިއެވެ. ޒެލާޔާ އޭނައަށް ދިމާވި ހުރިހާ ކަމެއް އެމީހުންނަށް ކިޔައިދިނެވެ. ޒެރާޝްގެ މޫނުން ކުށްވެރިކަމުގެ އިހްސާސް ފެންނަމުން ދިޔައެވެ. “އެއީ ބައްޕަގެ ޒުވާން ދުވަސް ވަރު ކުރި މޮޔަ ކަމެއް.. އައިރްގެ ކާފައަކީ ސިހުރު ހަދާ މީހެއް.. އޭނަގެ ހައްޔަރުގަ ދަރިފުޅުގެ މަންމަ ހުރީ.. އަހަރެންނަށް ހިޒްޔާ ސަލާމަތް ކުރެވުނީ އެ އަހަންމައިދީގެ ތަވީދުތަކުގެ ބާރު ދިޔަ ރެއެއްގަ.. އެރޭ ބަދަލު ހިފުމުގެ ރޫހުގަ އައިރްގެ މަންމަ މޮޔަކުރީ.. އެކަމަކު މިހާރު އަހަރެންނަށް ވިސްނިއްޖެ އެއީ ރަނގަޅު ކަމެއް ނޫންކަން.. ބަދަލު ހިފުމުގެ ސަބަބުން ކުށެއް ނެތް އެތައް މީހުންނަށް އަނިޔާވީ.. ދަރިފުޅާ ބައްޕައަށް މާފު ކުރޭ..” ޒެރާޝް ދެރަވެފައި ހުރެ ބުނެލިއެވެ
ޒެލާޔާ ބޯހޫރުވައިލިއެވެ. “ބައްޕަ މާފަށް ނޭދޭ.. އަޅުގަނޑު ބައްޕަމެންނާ ފިލައިގެން އިންސާނުންގެ ދުނިޔެއަށް ނުދިޔަ ނަމަ މި ހުރިހާ ކަމެއް ނުވީސް.” ޒެލާޔާ ދެރަވެފައި އިސްޖަހައިގެން ހުރެ ބުނެލިއެވެ. “ދެން މިތާ މާ އިމޯޝަނަލް ވާން އުޅޭނެ ކަމެއް ނެތް.. ވީ ކަމެއް ވީ.. ދެން އިތުރަށް ކުރާނެ ކަމެއް ނެތް.. އެހެންނޫނަސް މަންމަމެނަށް އުފާވެރި ހަބަރެއް ހިފައިގެންނޭ މިއައީ..” ލާނެތް ހިނިތުންވުމެއްގައި ހުރެ ލަކްޔަން ބުނެލިއެވެ. ޒެލާޔާގެ މައިންބަފައިންނަށް ލަކްޔަން ‘މަންމަމެން’ ކިޔުމުން ޒެލާޔާގެ ކޯތާފަތް ރަތްވިއެވެ. “އަނެއްކާ ކޮން ހަބަރެއް؟” ޝައުގުވެރިކަމާއެކު ހިޒްޔާ އަހައިލިއެވެ.
“ޒެލާ އަހަރެންނާ ކައިވެނި ކުރަން އާ ބަސް ދީފި..” ފުޅާ ހިނިތުންވުމަކާއިއެކު ޒެލާޔާގެ އުނަގަނޑުގައި ހިފައިލާފައި ކައިރިކޮށްލުމަށްފަހު، ޒެލާޔާގެ އަތުގައި އިން ޖަވާހިރު ލީ އަނގޮއްޓި ދައްކައިލަމުން ލަކްޔަން ބުނެލިއެވެ. ޒެލާޔާ ލަދުން އިސްޖަހައިލިއެވެ. “އަލްހަމްދުލިﷲ..” ޒެރާޝްއަށްށާއި ހިޒްޔާއަށް ބުނެވުނެވެ.
އެއްމަސްފަހުން ޒެލާޔާއާއި ލަކްޔަންގެ ކައިވެނި ކުރެވުނެވެ. އަޅިކުލައިން ވިދަވިދާ ހުރި ކައިވެނީގެ ހެދުމުގައި ޒެލާޔާ ހީވަނީ އުޑުގައި ރަސްކަން ކުރަމުން ދިޔަ ސާދަވިލޭރޭގެ ހަނދު ބިމަށް ފައިބާފައިވާ ހެންނެވެ. ދޮންވެލި ތުނޑީގެ ވެލިގަނޑު މަތީގައި އެ ހެދުމުގެ ފަސްބައި ބީހެމުން ދިޔައިރު އޭނަގެ ވަރަ ވެސް ހުރީ ހާމައަށްށެވެ. އަޅިކުލައިގެ ވަރަ ވިދަމުން ދިޔަ ގޮތުން ހީވަނީ އޭގައި އުޑުގައި ވާހައި ތަރިއެއް ތަތްކޮށްލާފައިވާ ހެންނެވެ. ރިހި ކުލައިގެ ތާޖު ޒެލާޔާގެ ރީތި ދިގު އިސްތަށިގަނޑަށް ތައުރީފު ކުރާ ފަދައެވެ. ޒެލާޔާ ހީވަނީ ރީތިކަން ހުސްކޮށްގެން ހުރި ރާނީއެއް ހެންނެވެ.
ލަކްޔަން ވެސް ޒެލާޔާއަކަށް ދޫނުކުރެއެވެ. ކަޅުކުލައިގެ ފަންފަންކޮށް ބޯކޮށް ހުންނަ އިސްތަށިގަނޑު ކޮނޑާ ހަމައަށް ހުރި އިރު، މޫދުން އަންނަ ވައިރޯޅިތަކުގެ ސަބަބުން ކުދިކުދި އިސްތަށިކޮޅު ދިޔައީ އޭނަގެ ލޮލަށް އުނދަގޫކުރަމުންނެވެ. ފިރެހެންވަންތަ ބުމައަކާއި ރަތް ލޭ ކޮޅެއް ފަދަ ތުންފަތެކެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުލާފައި ހުރި އިރު، އެތެރެއިން ލައިގެން ހުރި އަޅިކުލައިގެ ގަމީސް ހުރީ ފެންނާށެވެ. ޒެލާޔާ ފެނުމުން ލަކްޔަންގެ ދެލޯ ޒެލާޔާގެ މޫނުގައި ތަތްލެވި ފަދައެވެ. “މިރޭ ހަނދު ވެސް ޒެލާގެ ރީތިކަމާ ހެދި ލަދުން ފިލައިފި..” ހީލަމުން އުޑު މައްޗަށް އިޝާރާތް ކުރަމުން ލަކްޔަން ބުނެލިއެވެ. ޒެލާޔާ ލަދުން އިސްޖަހައިލިއެވެ.
ގެއަށް ވަދެވުމާއެކު ލަކްޔަން އޭނަގެ އަތްދަނޑި މައްޗަށް ޒެލާޔާ އުފުލައިލިއެވެ. “އަހަރެންގެ ވަރަ ބިންދާލަން އިންޒާރު ދީފަ، ނުވިތާކަށް އަހަރެންގެ ގައިގަ ދަތްއަޅާފަ ތިހުރީ.. މި ދުވަހަށް އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ..” ލާނެތް ފާޑަކަށް ހީލަމުން ލަކްޔަން ބުނެލިއެވެ. “އެ ދެން.. އަމްމް..” ލަދުން ހުރެ ޒެލާޔާ ދިޔައީ ކިޔާނެ ބަހަނާއަކާ މެދު ވިސްނަމުންނެވެ. ލަކްޔަން ހޭން ފެށިއެވެ. ލަކްޔަންގެ ހުނުމުގެ ސަބަބުން ޒެލާޔާ ރަކިވިއެވެ. މިހެން ވެދާނެ ކަމަކަށް އޭނަ އިރެއްގައި ވެސް ހިއެއް ނުކުރެއެވެ. “ރިގްރެޓް ކުރަނީ ދޯ މިހާރު މެރީ ކުރެވުނީމަ.. ދެން ނުދެވޭނެ ދުރަކަށް ޔޫ އާރ އޯލް މައިން..” ޒެލާޔާ އެނދުގައި ބައިންދަމުން ލަކްޔަން ބުންޏެވެ.
“އަހަރެން ހިޔެއް ނުކުރަން ޒެލާ އަހަރެން ދެކެ އެހާ ރުޅި އައިސް އުޅެ އުޅެފަ ފަހުން ލޯބިވެދާނެ ކަމަށް..” ލަކްޔަން އެނދުގައި އިށީންނަމުން ބުންޏެވެ. “ސޮރީ.. ޔަން ވަރަށް ދެރަކޮށްލެވުން ދޯ ޒެލާއަށް..” ޒެލާޔާ އިސްޖަހައިލަމުން ބުންޏެވެ. “އަހަރެން އެހުރިހާ ކަމެއް އަލުން ތަހައްމަލް ކުރަން ތައްޔާރަށް މިހުރީ ޒެލާގެ ލޯބި ފަހުން ހާސިލްވަންޏާ..” ޒެލާޔާގެ މޫނުކޮޅުގައި ހިފައިލަމުން ލަކްޔަން ބުންޏެވެ. “އަހަރެންނަކަށް ނޭނގެ ޒެލާ އަހަރެންގެ މި ހިތް ދިވާނާކޮށްލީ ކޮންއިރަކު ކަމެއް ވެސް.. އަހަރެންނަށް އެނގޭ ކަމަކީ އަހަރެންނަށް ޒެލާއާ ނުލާ ނޫޅެވޭނެކަން..” ލަކްޔަންގެ ބަސްތަކުން ޒެލާޔާގެ ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހްސާސެއް ކުރެވުނެވެ. ލުއި ހިނިތުންވުމަކާއިއެކު ލަކްޔަންގެ މޭގެ ތެރޭގައި ޒެލާޔާ ބޮޑިވެލިއެވެ.
(ނިމުނީ)
6 Comments!
Comments are closed.







Maasha allah mi vhkvs vrhhhhhhh reethiiiii
Furathama hykury dhigu vhk eh kmh, vrh dhera vefa hury pro ah liyaa vhk eh kmh hykohfa
Hyvy vhkge thereyga ulhevunuhn
Ehaavs bodah sifa kohdhyfa hury
Maash ge ehn kuru vhk akh inthizaar kureven fashaifi mihaaruvs
Kon irkn S3 ge 2nd ep???Curiously waiting
Lyyssmm🫶🏻
Thankyou soo muchh darll.. I’m happy U liked itt.. hehe short story eh hama.. thankss.. s2 ge 2nd ep Insha Allah this weekend ga.. this week too busy v ma vaguthu nuv sorry for that😔
When is the 2nd ep of loehbeh ma neydhen yaaru noon
Insha Allah this weekend ga.. this week too busy v ma vaguthu nuv sorry for that😔
Heyyy maashhh
As usual hama mi vaahaka vess varah varah reethi.. heevee hama vaahakaige thereyga ulhevun hen.. allahumma baarik😍 Zelaya e name vess varahhhh loabiiiiiiii.. this story vess hama varahhhh furihama.. maash ge ehn kuruvaahaka akah inthizaaru kuran feshymi.. i rllyyyy cant waittsss..
Ilyyyyyyyssssmmmmmm love 🥹🫶🏻
Hey darlll..
Thankyou soo muchhh.. I’m happy U liked itt.. hehe I love zeleya name too.. thankss.. love you moree darll💜🦋