ވިހަ ލޯބި 13
“ޒިޒީ…” ނުހައިކް މަޑުމަޑުން ޒީކް އާއި ދިމާލަށް ފިޔަވަޅު އަޅައިލިއެވެ.
“ނޫން ނުހައިކް. ކިހާ ދުވަހެއް ވަންދެން ތިކަން ކުރިއަށް ގެންދަން ހިތާ ތި އުޅުނީ؟” ދަތްކުނޑި ވިކަމުން ޒީކް އެހެން ބުނިއިރު އޭނާގެ އަޑުގައި ވީ ވޭނާއި ޝަކުވާއެވެ.
“ނޫން، އަހަރެން ބޭނުމެއް ނޫން ނުހައިކްގެ އެއްވެސް ވާހަކައެއް އަޑު އަހާކަށް.” ދެފަރާތަށް ބޯހޫރައިލަމުން އެހެން ބުނެ، ޒީކް ދޮރުން ނިކުމެ ދިޔަ މަންޒަރު ބަލަން ނުހައިކް ހުރީ ގަނޑުވެފައެވެ.
ޒީކްއަށް އެގޭ ދޮރާއްޓާއި ހަމައަށް ނުދެވެނިސް، ވަރުގަދަ އަތަކުން އަނގައިގައި އަތް އަޅައި އެތާ ހުރި އެހެން ކޮޓަރިއަކަށް ވެއްދުނެވެ. ބިރުން ޒީކްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެ މީހަކު ގޮސް ޒީކް ދަމާހަލައިފައި އެނދު މައްޗަށް ވައްޓައިލިއެވެ. ދޮރު ތަޅުލައިފައި އެނބުރުނު އެ މީހާގެ މޫނު ފެނިފައި ޒީކްގެ މޫނުގެ ކުލަ އެއްކޮށް އޮއްސުނެވެ.
“ނިޔަލް….” ޒީކްއަށް ވައި އަޑުން އެހެން ބުނެވުނުއިރު ދިޔައީ މުޅި މީހާ ތުރުތުރު އަޅަމުންނެވެ.
އެ ރޭ އޭނާ ގޮސް ގެއަށް ވަތްއިރު މުޅި މީހާ ހުރީ ތުރުތުރު އަޅައަޅައެވެ. އެ ނުލަފާ މީހާ އޭނާގެ ގަޔަށް ވެރިވެގަނެ، އިތްފަތްތެރިކަން ފޭރިނުގަނެވެނިސް ތެޅިފޮޅެމުން ސަލާމަތްވެވުނީ ކިރިޔާއެވެ. އޭނާ ލައިގެން ހުރި ޓީޝާޓު ވީދިފައި ވީ އިރު މަގުމަތީގައި މީހުން މަދުކަންވެސް ނަސީބެކޭ އޭނާ ހިތަށް އެރިއެވެ.
ހަމަ ކޮޓަރިއަށް ވަނެވުމާއިއެކު އޭނާގެ ލޮލަށް އެއްވިފައިވި ހޫނު ކަރުނަތައް ބަންޑުންވިއެވެ. ގިސްލަ ގިސްލައިފައި ރޯން ފެށިއިރު، އެ ޅަހިތުގައި ވީ މޮޅިވެރިކަމާއި ނަފްރަތެވެ. ނުހައިކްގެ ކަންތައްގަނޑު ދިމާވުމަށްފަހު އަނެއްކާ މާ ބިރުވެރިކަމެއް އެރޭ ދިމާވިއިރު ޒީކްއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ނަމަވެސް ނިޔަލްގެ ވާހަކައެއް އެހެން އެއްވެސް މީހެއްގެ ގާތުގައި އޭނާއަށް ބުނާކަށް ނުކެރުނެވެ.
އެއް ހަފްތާވެގެން ދިޔައިރު އޭނާ ސްކޫލަކަށް ނުދެއެވެ. މާ ބޮޑަށް ބިރުގަނެފައި ވުމުގެ ސަބަބުން ހުން އައީއެވެ. ހަސްފަތާލުގައި އެޑްމިޓުވެސް ކުރެވުނެވެ. ހުންމަޑު ވާން ފެށީ ބޭއްވުނުތާ ފަސް ދުވަސް ފަހުންނެވެ. އެ ފަސް ދުވަސްތެރޭގައި އޭނާ މީހަކާއި ބުނެލަނީ ވަރަށް މަދުންނެވެ. ހަމައެކަނި ވާހަކަވެސް ދެއްކީ ޒޫނާއަށެވެ. ކާ ގަޑިތަކުގައި ކަނީވެސް ވަރަށް މަދުންނެވެ. ގިނަ ފަހަރުތަކުގައި ނުވެސް ކައެވެ. އޭނާގެ އެކުވެރިން އޭނާއަށް ގޮވައިލަން އަންނަ ވަގުތުތަކުގައި އޭނާ ނިދިފައި ކަމަށް ހެދިގެން އޮންނަނީއެވެ. ޒޫނާއަށް ނުހަނު އަވަހަށް ޒީކްގެ ބަސްމަދުކަމާއި މޫނު މަތީގެ މަޑުމޮޅިކަން ފާހަގަވިއެވެ.
ޒޫނާ މި ވާހަކަ ހިއްސާކުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނާއިމާ އާއިއެވެ. އެ ދުވަހު ނާއިމާ އާއިއެކު ނުހައިކްވެސް އައެވެ. އާދައިގެ މަތިން ޒީކް އޮތީ ލޯ މަރައިގެންނެވެ. ކެއުން މަދުވުމުގެ ސަބަބުން ޒީކްގެ ކުޑަކޮށް ‘ޗަބީކޮށް’ ހުންނަ ހަށިގަނޑު ވަނީ ހިކެން ފަށައިފައެވެ. ޒޫނާގެ ވާހަކަތައް އަޑުއަހަމުން ޒީކްއަށް ބަލަހައްޓައިގެން ހުރި ނުހައިކްގެ ހިތުގައި ރިއްސައިލިއެވެ. އެންމެ ފަހުން ކެތްވާވަރުނުވެގެން އޭނާ ވޯޑުން ނިކުތީއެވެ. ހަސްފަތާލުން ބޭރަށް އެރި ފިޔަވަޅާއިއެކު އޭނާގެ ކުރިމައްޗަށް ޖެހުނީ ލިޝާއެވެ.
“ނުހައިކް ކީތް ތި ކުރަނީ މިތާ؟” ލިޝާ ލޯ އަޅައިލަމުން އެއްސެވެ.
“ލުކް، ލިޝް. ދިސް އިޒް އަ މިސްއަންޑަރސްޓޭންޑިންގ. އަހަރެން ދައްކާ ވާހަކަ އެންމެ ފަހަރަކު އަޑު އަހާލިއްޔާ ވާނީ ކީތް ތަ؟” ނުހައިކްގެ އަޑުގައިވި މޮޅުވެރިކަމުގެ ސަބަބުން ލިޝާއަށް އެކަމަށް އިންކާރުކުރާކަށް ނުކެރުނެވެ.
ދެކުދިންވެސް އެ ވާހަކައެއް ދެއްކުމަށް މިސްރާބު ޖެހީ އެ ރަށު ތުނޑިއަށެވެ. ތުނޑިއަށް ގޮސް ދެ ކުދިންވެސް އިށީނީ ގާގަނޑެއްގައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނުހައިކް އިސް ޖަހައިލިއެވެ.
“ލިޝް، އިޓްސް ނޮޓް ވަޓް ޔޫ ތިންކް އިޓް އިޒް. އަހަރެންނާއި ރައުނާ އާއި ދެމެދު އެކުވެރިކަން ނޫން އެހެން އެއްވެސް ގުޅުމެއް ނޯންނާނެ.” ނުހައިކް ވާހަކަދެއްކިއެވެ.
“ޗީޓް ކުރާ ކޮންމެ މީހަކުވެސް ބުނާނީ ތި ހެންނޭ.” ލިޝާ ބުނެލިއެވެ.
“ނޫނޭ، އަހަރެން ހަމަ ހުވާ ކޮށްފާނަން. އަހަރެން ދޮގެއް ނުހަދަން. ރައުނާ އަހަރެންގެ ގައިގައި އެ ރޭ ބެއްދީ. އަހަރެންނެއް ނޫން. އަހަރެން ހުރީ ޔާން އާއިއެކު ޔާން ބުނެގެން އެ ގެއަށް ގޮސް. އެހެން ނޫނަސް ރައުނާ އެއީ ޔާން ގެ މީހެއް. ލިޝް ބުނެބަލަ، އަހަރެން އެންމެ ގާތް އެކުވެރިޔާގެ ރިލޭޝަންޝިޕް ހަލާކުކޮށްލަން އުޅޭނެ ތަ؟” ނުހައިކް އެއް ފައްޗަކަށް އެ ހުރިހާ ވާހަކައެއް އަމުނައިލިއެވެ.
“އަހަރެން ޑްރައިކޮށް ވާހަކަ ދެއްކުމާއި ޒިޒީއަށް ރަނގަޅަށް ޓައިމް ނުދެވުން އަދި އެއީ އެހެން ކަމެއް. އެ ކަމަކީ ރައުނާ އާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން.” ނުހައިކް އިތުރުކޮށްލިއެވެ.
ނުހައިކްގެ އެ ހުރިހާ ވާހަކައެއް ލިޝާއަށް ޤަބޫލުކުރެވެން ފެށިއެވެ. ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ޝައްކު އޮތެވެ.
“އެންމެ ރަނގަޅު ނުހައިކް. އަހަރެން ޤަބޫލުކުރީ ކަމަށް ބަލަމާ.” ބޯ ޖަހައިލަމުން ލިޝާ ބުނެލިއެވެ.
“ލިޝް، ޒިޒީ އާ ވާހަކަ ދައްކާލެވިދާނެ ތަ؟ މި ވަގުތު އަހަރެން ދައްކާ އެއްވެސް ވާހަކައެއް ޒިޒީ ޤަބޫލުކުރާނެ ހެނެއް ހިޔެއް ނުވޭ.” ނުހައިކް ނުކެރިފައި ހުރެ މަޑުމަޑުން އެއްސެވެ.
މަޑުމަޑުން ލިޝާ ބޯ ޖަހައިލިއެވެ. ނުހައިކް ކުޑަ ހިނިތުންވުމެއް ދެމުން ޝުކުރު އަދާކޮށްލިއެވެ. އަދި މަޑުމަޑުން ލިޝާގެ އަތުގައި ހިފައި ފިއްތައިލުމަށްފަހު ތެދުވެގެން ދިޔައީއެވެ. ނުހައިކް ދިއުމާއިއެކު ހިފަހައްޓައިގެން ހުރި ނޭވާ ލިޝާ ދޫކޮށްލިއެވެ. އަދި މަޑުމަޑުން ހިތާއި ވީ ފަޅީގައި އަތް އަޅައިލީ ހިތުގެ ތެޅުން ގަދަވެފައި ވީތީއެވެ.
އެއީ އޭނާގެ ސިއްރެކެވެ. އެހެން އެއްވެސް މީހަކަށް ނޭނގުނަސް މީގެ އަހަރެއްހާ ދުވަސް ކުރިން ނުހައިކްއަށް އެ ހިތުގައި އައު ވިންދެއް ޖަހަން ފަށައިފިއެވެ. އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔާ ކަމަށް ވުމުން އޭނާ ދެރަވެސް ވިއެވެ. ނަމަވެސް އެ ލޯތްބަކީ އޭނާ ގަސްތުގައި ވީ އެއްޗެއް ނޫންކަން އިނގޭނީ ހަމައެކަނި ހެއްދެވި ފަރާތަށެވެ. އޭނާ ދާން ގަސްދުކުރީ އެހެން އިންނަތާ އިރުކޮޅެއް ފަހުންނެވެ.
ޒީކް ހަމަ ގެއަށް ދޫކޮށްލުމާއިއެކު ލިޝާ ގޮސް ޒީކްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒީކްގެ ހިތުން މުޅިއެކުން ޝައްކު ފިލައި ނުދިޔަ ނަމަވެސް ހިނިތުންވެފައި އެ ވާހަކަ ޤަބޫލުކޮށްފި ކަމުގައި ބުންޏެވެ. ނިޔަލްގެ އަމަލުތަކުގެ ސަބަބުން މުޅިއެކުން އޭނާ ރަނގަޅު ނުވި ކަމުގައި ވިޔަސް، ދިހައެއްގެ އަހަރު ކަމުން އޭނާ ސްކޫލަށް ދާން ފެށިއެވެ. އަލުން ނުހައިކް އާއި ޒީކްގެ ވެސް ގުޅުން ބަދަހިވެގެން ދިޔަ ނަމަވެސް ނުހައިކްގެ އަނގައަކުން އެއިރުގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ.
ނަމަވެސް މި ފަހަރު ޒީކްއަށް ތަފާތުކަމެއް ފާހަގަވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ އަންހެން އެކުވެރިން ގިނަވަމުން ދިޔައިރު އޭނާ އަނެއްކާވެސް ވާހަކަ ދެއްކުން މަދުވަން ފަށައިފިއެވެ. ކިތަންމެ ދުވަހަކު އެވާހަކަ ފެށިއަސް ނިމިގެން ދަނީ ބޮޑު ޒުވާބަކުންނެވެ. ގިނަ ދުވަސްދުވަހު ވާހަކަ ނުދައްކާ ހުރެފައި އަނެއްކާވެސް ވާހަކަ ދައްކަން ފެށެއެވެ.
އެ ދުވަހުގެ ފަހުން ނިޔަލްގެ އުނދަގުލެއް ވެސް ޒީކްއަށް ނުޖެހެއެވެ. އޭނާ ޓިއުޝަނަށް އެ ގެއަށް ދާ ގިނަ ދުވަސްދުވަހު އޭނާ ގެއަކު ނުވެސް އުޅެއެވެ.
އެއީ އޯލެވެލްގެ ދުވަސްވަރެވެ. ޓެސްޓުތަކާއި ހެދި ނުހަނު ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ޒީކްމެންނަކަށް އެހެން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ގަދައަޅައި މަސައްކަތްކުރީ އަމިއްލަ ހުވަފެންތަކުގައި ކުލަޖައްސައި، މައިންބަފައިން އުފާވާނޭފަދަ ރަނގަޅު ނަތީޖާއެއް ނެރެވޭތޯއެވެ. އޭނާގެ އެ ހިމޭން ދިރިއުޅުމަށް އަންނަން އުޅޭ ބޮޑު ތޫފާނުގެ އެއްވެސް ހިލަމެއް ޒީކްއަށް ނުވާ ކަހަލައެވެ.
އެއީ ވެސް ހަމަ ރީތި ދުވަހެކެވެ. އެކައުންޓިންގ ޕޭޕަރ 1 ނިންމައިގެން ސްކޫލުން ނިކުމެ ޒީކް ހުރީ ލިޝާގެ އިންތިޒާރުގައެވެ.
“ޒީ؟” ޒީކް ސިހުނީ ފަހަތުން ގޮވައިލި އޭނާގެ އެކުވެރި އުލާ ފެނުމާއިއެކުއެވެ.
“އުލާ. ކޮބާ ލިޝް؟” ހީލަމުން ޒީކް އުލާ އާއި ސުވާލުކޮށްލިއެވެ.
“ލިޝް ހަމަ ދެންމެ އެ ދިޔައީ ސައިކަލުގަ ގެއަށް.” އުލާ ބުނެލިއެވެ.
އެއާއިއެކު ދެކުދިންވެސް އެކުއެކީގައި ގެއަށް ދިއުމަށް ހިނގައިގަތެވެ. ދެކުދިންގެ ވާހަކައިގެ މެދުތެރެއިން އުލާ ކުއްލިއަކަށް ފަށައިގަތީ ނުހައިކްގެ ވާހަކައެވެ.
“އަޅެ، ޒީ އިނގޭތަ؟ ލިޝް އަހަރެންގެ ގާތުގައި ބުނި ވާހަކައެއް؟” އުލާ ހެވިލައިފައި އެއްސެވެ.
ޒީކް ހީލަމުން ބޯ ހޫރުވައިލިއެވެ.
“ޒީ އާއި ނުހައިކްގެ ވާހަކަ އަހަރެންނަށް އިނގޭ. ލިޝް އިޒް ސަޗް އަ ބޭޑް ފްރެންޑް. ޒީ ނުހައިކް އާއި ރައްޓެހިވެގެންކަން އުޅެނީ އިނގިހުރެ ލިޝް އޭނަ ދެކެ ލައިކް ވޭ.” އުލާގެ އަނގައިން ދެން ބޭރުވި ވާހަކަ އާއިއެކު ޒީކް ހޭން ފެށިއެވެ.
“އުލާ، ޕްލީޒް. ލިޝް ލައިކްއެއް ނުވޭ އޭނަ ދެކެއެއް. ކޮބާ ޕްރޫފް؟” ޒީކް ހެމުން އެއްސެވެ.
އުލާ ކިޔައިދިނެވެ. ލިޝާ އާއި ނުހައިކް ގިނައިން ވަގުތު ހޭދަ ކުރާ ވާހަކައެވެ. އަދި ދެކުދިން މެސެޖު ކުރާ ވާހަކައެވެ. އުލާ ޒީކްގެ ގާތުގައި އަމިއްލައަށް އެކަން ފާހަގަ ނުވޭތޯ އެއްސެވެ. ޒީކް ހިތް ބިރުގަންނަން ފެށިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި ލޯބިވެރިޔާ ގެއްލި ދިއުމަކަށް އޭނާ ނޭދެއެވެ. އެހެންކަމުން ގެއަށް ދިޔަ ގޮތަށް ޔުނީފޯމް ބަދަލުކޮށްގެން އޭނާ ދިޔައީ ލިޝާގެ ގެއަށެވެ. ދިޔަ ގޮތަށް ގޮސް ލިޝާގެ ކޮޓަރިއަށް ވަނެވެ.
“ލިޝް ދޮގުނުހަދާ ބުނޭ. ނުހައިކް ދެކެ ލިޝް ލައިކްވޭ ތަ؟” އައި ގޮތަށް އައިސް ޒީކް އަހައިލި ސުވާލުން ލިޝާއަށް ތެދުވެވުނެވެ.
“ޒީ.. އަހަރެން ގަސް..” ލިޝާ ބުނަން އުޅުނު ވާހަކަ ހުއްޓަލަން ޖެހުނީ އަނެއްކާވެސް ޒީކް ވާހަކަދައްކަން ފެށުމުންނެވެ.
“ނުހައިކްއަށް އިނގޭތަ؟” ޒީކް އަހައިލިއެވެ.
“ޒީ…” ލިޝާއަށް ބުނެވުނެވެ.
“ދަ ޓްރުތް، ލިޝާ.” ޒީކްގެ އަޑުގައި ވީ ހަރުކަށިކަމެވެ.
“އާނ.. އަހަރެމެން ދެމީހުން ވާހަކަވެސް ދައްކަން.” ލިޝާގެ ބަޑި ފަޅައިގެން ދިޔަ ކަހަލައެވެ.
“ކީތްވެ ތަ ޒީކްއަށް ހުރިހާ ކަމެއް ފުރިހަމަ ވަނީ.؟ ޒީކް ދެކެ އެންމެން ލޯބި ވަނީ؟ ޔޫ އަރ ސްމަރޓް. ހުރިހާ މުދައްރިސުންވެސް ހުންނަނީ ޒީކް ދެކެ މޮޔަވެފަ. އެންޑް އެ ޔާނިއު ގަނޑެއްވެސް. އައި ޑޮންޓް އަންޑަރ ސްޓޭންޑް. ޒީކް ރީއްޗެއްވެސް ނޫން. އަހަރެންނާއި އަޅާ ކިޔާއިރު. ކީތްވެތަ ނުހައިކްއަށް ޒީކް ދޫކޮށްނުލެވެނީ. އައިމް އަ ހަންޑްރެޑް ޓައިމްސް ބެޓަރ ދެން ޔޫ…!” ލިޝާ އެ ހުރިހާ ވާހަކައެއް އަމުނައިލިއިރު މާނޭވައިލެވެއެވެ.
ޒީކް ހުރީ ބަސްހުއްޓިފައެވެ. ބުނާނެ އެއްވެސް އެއްޗެއް ދުލަކަށް ނާދެއެވެ. އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކެވުނު ލިޝާ އޭނާއަށް ކެހި ދިނީއެވެ. އައި ރުޅި އާއި ވީ ދެރައާއިއެކު އޭނާ ނިކުމެގެން ދިޔައީއެވެ. އެ ދުވަހު އޭނާ މުޅިންހެން ނުހައިކް އާއި ވާހަކައެއް ނުދައްކައެވެ.
އޭގެ އަނެއް ދުވަހެވެ. އެންމެ ފަހު ޓެސްޓު ހަދައިގެން ގެއަށް އައިސް ވަތް ޒީކްގެ ކޮލަށް އެރީ ޒޫނާގެ އަތުގެ ހޫނު ހަމަލާއެކެވެ. ހައިރާންވެފައި ކޮލުގައި އަތް އަޅައިލަމުން ޒޫނާ އާއި ދިމާއަށް ބަލައިލި ޒީކްގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ޒޫނާގެ މޫނު މަތިން މިއިން ދުވަހަކު ނުފެންނަ ރުޅިވެރިކަމާއި ނަފްރަތު ފެންނަން ހުރި އިރު ސޯފާގައި އިށީނދެއިން އޭނާގެ ބައްޕަ، ޒާހިރުވެސް އިނީ އެ ހާލުގައެވެ.
“މަންމާ…؟” ޒީކްއަށް ރޮވުނެވެ.
“ކޮން މަންމާއެކޭ ކިޔާކަށްތަ އޭނ؟ މުޅި ރަށަށް ބަނދުނާމަ ވެގެން އެބަ ކެރެއެއްނު މުޅި ރަށުގަ ހިނގަން.” ޒޫނާ ލަވައިގަތީ ހަޅޭކެވެ.
“މަންމާ، ކީކޭ ތި ކިޔަނީ؟ ކިހިނެތް ވީ؟” ޒީކްއަށް ގިސްލެވެން ފަށައިފިއެވެ.
“ކަލޭގެ އުރިޔާން ފޮޓޯތައް މުޅި ރަށަށް ލީކް ވެގެން އެ އުޅެނީ. އަދިވެސް ނޭނގިގެން ތަ ތި އަހަނީ؟ މުޑުދާރުކަން. އަހަންނަށް މި ބަލާ ބޮޑުކުރެވުނީ ކޮން ފަދަ ދަރިއެއް؟ އަހަރެމެން މުޅި ދުނިޔެއަށް ބޭޒާރުވެއްޖެ. އަހަރެމެންގެ އަގު ވެއްޓިއްޖެ.” ޒޫނާ އެހެން ބުނިއިރު އޭނާގެ ދެލޮލުންވެސް ކަރުނަތައް އޮހެން ފެށިއެވެ.
ޒީކްއަށް އަދި ބާރަށް ރޮވެން ފެށިއެވެ. އޭނާއަށް އިނގެއެވެ. އޭނާ ދުވަހަކު މީހަކަށް އެ ކަހަލަ އެއްވެސް ފޮޓޯއެއް ނުފޮނުވައެވެ. އޭނާއަކީ އެކަހަލަ ކަންކަން ކުރާ ކުއްޖެއްވެސް ނޫނެވެ. ކުއްލިއަކަށް އިވުނު ބާރު އަޑަކާއިއެކު ޒީކް އިސްހިއްލައި ބަލައިލިއެވެ. ފެނުނީ ޒޫނާ ހޭނެތިގެން ވެއްޓިފައި އޮތް ތަނެވެ. ބާރު ހަޅޭކަކާއިއެކު ޒީކް އާއި ޒާހިރު ޒޫނާ އެ ދިމާލަށް ދުއްވައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Hey 👋🏻 vrh reethi vrh interesting when’s next???lysm ❤️ tc
heyy. i think ill be able to upload it tmr. thank you sm, lym, u too tc 🫶🏼
When next mi vhk assu vrh reethi 🥹 esfiyaiga mhr faahaga kohlevey vhk eh mee ehaa ves salhi ❤️🥰 Masha Allah 😍
alheyyy thank you soooo muhchh, that means a lot to mee 🫶🏼