Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 1،2،3،4 (އިސްލާޙުކުރެވިފައި)

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
October 11, 2025 24 Mins Read
6 Comments

މި ވާހަކައިގެ ފުރަތަމަ ބައިތަކުގައި އިސްލާޙުކުރަން ޖެހިފައިވާ މުހިންމު ކަންތައްތަކެއް ހުރުމުން އަޅުގަނޑު އެ ބައިތައް އަލުން ލިޔުނީއެވެ. ކުރީގެ ބައިތަކަށް ނުވިސްނާ މި ބައިން ފެށިގެން ވާހަކަ ކުރިއަށް ގެންދިޔުން އެދެމެވެ.

އެޕިސޯޑް 1

ކޮޓަރި ތެރެއަށް ފެތުރިފައިވަނީ ދިއްލައިފައިވާ ދަނބުކުލައިގެ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. އެ ތަނުގައި ހިފާލައިފައި ވަނީ ސްވީޓް މެލަންގެ ހިތްގައިމު ވަހެވެ. ހުދު ކުލައިގެ ބެޑްރޫމް ސެޓެއް ހުރި އެ ކޮޓަރިން ފެންނަނީ ތަރުތީބު ކަމެވެ. ފާރުގައި ލެވިފައި ވަނީ ހުދުކުލައެވެ. އޭސީ ހަތާވީހަށް ލައިފައި ވެސް މުޅި ގައިމަތީގައި ބޯ ރަޖައެއް އަޅާލައިގެން އަރީން އޮތީ ފުން ނިންޖެއްގައެވެ. އޭނާ އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލީ ބެޑް ސައިޑް ޓޭބަލް މަތީގައި ހުރި އެލާމު ގަޑިން ސޯނާވާ ފެށުމުންނެވެ. ކަންނެތް ގޮތަކަށް ތެދުވެފައި އަރީން ވަދެލީ ފާޚާނާ އަށެވެ.

ފަތިސް ނަމާދަށް ފަހު އަރީން ސްޓަޑީ ޓޭބަލް ކައިރީ އިށީނީ ހިސާބު ވޯކްޝީޓެއް ހަދާ ފަރިތަކުރާށެވެ. މިއަދު އޮތީ ކްލާސް ޓެސްޓަކަސް ވީ އެންމެ ފުރިހަމައަށް ތައްޔާރު ވުމަކީ އަރީންގެ ގޮތެވެ. ކިޔެވުމަށް އިންތިހާ އަށް ލޯބި ކުރާ މި އަންހެން ކުއްޖާ އަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. މި ކުއްޖާގެ ކިޔަމަންތެރިކަމުގެ ސިފަ ފެނި އާޝޯހުނުވާ މީހަކު މަދުވާނެއެވެ. އިސްލާމީ ތަރަހައިގެ ތެރޭގައި ވާނަމަ މައިންބަފައިންނާއި ބޮޑެތި މީހުން ކުރަން އަންގާ ކޮންމެ ކަމެއް އޭނާ ކުރާނެއެވެ. އެއީ ޚުދު އޭނާ ކުރަން ބޭނުންނުވާ ކަމަކަށް ވިޔަސް ހެވެވެ.

މަސައްކަތުގައި އިންދާ ވަގުތު ދިޔަ ގޮތް ވެސް އަރީނަކަށް ނޭނގުނެވެ. އޭނާ އެ ތަނުން ފުންމައިގެން ތެދުވީ މަންމަ ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން ދާ ގަޑި ޖެހެން ގާތް ވެއްޖޭ ބުނުމުންނެވެ. އަވަސް އަރުވާލަމުން އަރީން މަދަރުސާ އަށް ދާން ތައްޔާރު ވާން ފެށިއެވެ.

“މަންމާ! މިއަދު އަޅުގަނޑަށް ގެއަށް އާދެވޭނީ ލަހުން. ޕްރޮޖެކްޓެއް ހަދަން ސުކޫލުގަ މަޑުކުރަން ޖެހޭ.” ކޮޓަރިން ނުކުންނަމުން އަރީން ބުނެލިއެވެ. އެއަށްފަހު މޭޒު މަތީގައި ހުރި ކިރު ތަށީގައި ތުން ޖަހާ އެއް ނޭވާއިން ދަމާލައިފިއެވެ. ނިމިގެން އަނގަޔަށް ޖައްސާލި ވައްތަރުން ވެސް އޭނާއަށް އެ ބުއިން ކަމުނުދާ ކަން އެނގޭނެއެވެ. އެހެނަސް މަންމަ ކޮންމެ ދުވަހަކު ކިރު ތަށި ގިރާފަ ދޭތީ ބޮނީ އެވެ. ބޫޓު ހަރުން ބޫޓު ނަގައި އެއަށް އަރަމުން އަރީން ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އެއަށްފަހު އެޕާޓްމަންޓުން ނިކުމެގެން ގޮސް ލިފްޓަށް އަރައިފިއެވެ. މިއީ ގިނަ ކުދިން ސުކޫލަށް ދާ ވަގުތުކަމުން ލިފްޓުތެރެ އޮތީ ފުރި ބާރުވެފައެވެ.

ލިފްޓުން ސަލާމަތްވެވުމުން އެ އަންހެން ކުއްޖާ ފުން ނޭވާއެއް ލައިފައި އެ އިމާރާތުން ނުކުތެވެ. ނަސީބު ރަނގަޅު ކަމުން އަރީނަށް ނުކުމެވުނީ އިމާރާތުގެ ކައިރީގައި ހުރި ބަސް ސްޓޮޕަށް ބަސް ހުއްޓާލި ވަގުތަށެވެ. ރަނގަޅު ވަގުތަށް އާދެވުމުން އޭނާގެ މޫނުމަތީގައި ދުވެލީ ހިތްގައިމު ހިނިތުންވުމެކެވެ. ބަހަށް އަރާ އޭނާ ހުސް ގޮނޑިއެއްގައި އިށީނެވެ. އެއަށްފަހު އަތުގައި އޮތް ހިސާބު ލޮގުފޮތް ހުޅުވާ އަނެއްކާ ވެސް ފޯމިޔުލާތައް ކިޔަން ފަށައިފިއެވެ.

ހުރަވީ ސުކޫލު ކައިރިއަށް ބަސް ހުއްޓާލުމުން އެހެން މީހުންގެ ތެރެއިން ފުރޭނިގެން އެންމެ ފުރަތަމަ ވެސް އެއިން ފޭބީ އަރީނެވެ. މަދަރުސާގެ ތެރެއަށް ވަދެގެން ދިޔައީ ވެސް ނިކަން ހަލުވިކޮށެވެ. ސިޑިގޮޅިއާއި ހަމައަށް ގޮސް ހުއްޓާލައިފައި މޫނު ހަދާލި ގޮތުން ވެސް އެ ގިރާކޮށްފައި އަރަން ބޭނުންނުވާ ކަން އެނގެއެވެ. ކަންނެތް ގޮތަކަށް އޭގެ ހަރުފަތްތައް ގިރާކުރަމުން އަރީން އަރަންފެށީ އެ ނޫން އެހެން ގޮތެއް ނެތިގެންނެވެ. ގުރޭޑު ދިހައެއްގެ އަހަރު އެންމެ މަތިން ފަސްވަނަ ބުރިން ކުލާސް ލިބުމުން އަރީން އެންމެ ހިތްހަމަނުޖެހުނީ މި ސަބަބާއި ހުރެއެވެ. ނޭވާ ހިއްލާތީ އަރީނަށް މައްޗަށް އެރޭނީ ދެމެދުން ވަރުބަލިފިލުވަން ވަގުތު ހުސްކޮށްގެންނެވެ.

“ރީން. އަވަހަށް އާދެބަލަ. މި ސުވާލަށް ޖަވާބު ދެނީ ކިހިނެތްތަ؟ ނޭނގިގެން ބުއްދިގޯސް ނުވެ މި އިނީ ކިރިޔާ!” ކުލާހުގެ ދޮރުމައްޗަށް އަރީން އެރުމާއި އެކުހެން ސުމައްޔާ ގޮވަން ފެށިއެވެ. އަރީން ސަލާންގޮވާ އެތެރެއަށް ވަނުމަށް ފަހު ސުމައްޔާގެ ގާތުގައި އިށީނެވެ. އަދި މޭޒުމަތީގައި އޮތް ޕާހުން ގަލަމެއް ނަގައިފައި ކިޔައިދޭން ފެށިއެވެ.

“މީސް! އަދި އެންމެ މިނެޓެއް. ޕްލީޒް!” އަކުރުތަކަށް ދަމާލަމުން ސުމައްޔާ އެދުނެވެ. ޕޭޕަރުތައް ހިފައިގެން ހުރި އަންހެން މުދައްރިސާ ބޯހޫރާލިއެވެ. “ނޫނޭ. އެހެން ކުދިން ވެސް އެތިބީ ޕޭޕަރު ނުލިބި ލަސްވެފަ. މިހާރު ފަށައިގެން ވަގުތަށް ޕޭޕަރު ނިންމޭނީ. އަރީނާއި ދުރަށް މޭޒު ޖައްސާލާފަ ދެން ތައްޔާރުވޭ.” ފާޚިރާ މިސް ރައްދުގައި ބުނެލިއެވެ. ތުންދަމާލައިފައި ސުމައްޔާ ތެދުވެ މުދައްރިސާގެ އަމުރަށް ބޯލަނބަމުން ތެދުވެ މޭޒު ދުރުކޮށްލިއެވެ.

ފާޚިރާ މިސް ޕޭޕަރުތައް ބަހާލުމުން ކުދިން އެ ހަދަން ފެށިއެވެ. މާޙައުލަށް ވެރިވެފައިވަނީ މަރުގެ ހަމަހިމޭން ކަމެވެ. އެއްބަޔަކު ފަރިތަކަމާއި އެކު ނަންބަރުތައް ހަދަމުން ދިޔައިރު އަނެއް ބަޔަކު ތިބީ ވާނުވާގައެވެ. އެކަކު ޕޭޕަރުގައި ނަން ވެސް ނުލިޔެ މޭޒުގައި ބޯއަޅާލައިގެން އޮތީ ނިދަން ތޯއްޗެވެ. ގަޑި ޖެހެން ގާތް ވުމުން އެއްބަޔަކު ފަޔަށް ހިނިއަރައިގެން އުޅޭހެން ތެޅެން ފެށިއެވެ. އެއިން އެކަކަށް ސުމައްޔާ ވިއެވެ. ސުމައްޔާގެ ޙަރަކާތްތަކަށް ބަލަން ހީނލަހީނލާ އަރީން އިނެވެ. އެ ދޮން މޫނުގައި ކުޅެލައިފައިވީ ހިނިތުންވުމުން މޫނަށް އިތުރު ބެބުޅުމެއް ގެނެސްދީފައި ވާ ކަހަލައެވެ.

އަރީނަކީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ލޫޅާފަތި ހަށިގަނޑަކާއި ރޫފަ ރަނގަޅު އިސްކޮޅެކެވެ. ރީތި ވަށް މޫނެކެވެ. ކަޅުކަންގަދަ ބޯ އެސްފިޔަތަކުގެ ނިވަލުގައިވީ ހޭޒަލް ކުލައިގެ ދެލޯ އަދި މާ ޗާލެވެ. ފިޔާތޮށި ކުލައިގެ ބޯ ތުންފަތަކާއި ރީތި ވަރެއްގެ ނޭފަތެކެވެ. ބަލާބެލުމަށް ދުނިޔެމަތީގައިވީހާ ރީތިކަމެއް ހުސްކޮށްލައިގެން އިން ހޫރެކެވެ. އޭނާގެ ޙަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިން ނާއިލްގެ މޫނު މަތީގައި ވެސް ހިނިތުންވުމެއް ވިއެވެ. އެ ތޫނު ނަޒަރު އޮޅިގެން ވެސް އެހެން ދިމާލަކަށް ދަތުރު ނުކޮށްލައެވެ.

ވަގުތު ހަމަވުމާއި އެކު ފާޚިރާ މިސް ޕޭޕަރުތައް ނަގަން ފެށިއެވެ. ކަން ދިމާކުރިގޮތުން އެންމެ ފަހުން އާދެވުނީ ސުމައްޔާގެ ގާތަށެވެ. އޭރުވެސް އޭނާ އިނީ ސުވާލެއް ހަދާށެވެ. ޕޭޕަރުގެ އެންމެ ފަހު ސުވާލެވެ. ފާޚިރާ މިސް ޕޭޕަރު ދޭން ބުނުމުން ވެސް ހިފަހައްޓާލައިގެން އިނީއެވެ. “މީސް ދެން ކުޑަ އިރުކޮޅަކަށޭ. ލަހުންނެއްނު އަޅުގަނޑަށް ޕޭޕަރު ދިނީ ވެސް.” ސުމައްޔާ އިނީ އެ ގަނޑު ދޭ ގޮތަކަށް ނޫނެވެ.

“ސުމީ! ދެން ތި ޕޭޕަރު މިސް އަތަށް ދީބަލަ. އޯލެވެލް އިމްތިހާނުގައި ވެސް ތިހެން އިންވިޖިލޭޓަރާ ހަނގުރާމަ ކުރާނީތަ؟” ސުމައްޔާގެ އެކުވެރިއެއް ކަމަށްވާ އަޒާޔާ ބުނެލިއެވެ. “އަހަންނަށް ހީވަނީ މިކުއްޖާ އެ ދުވަހަކަހުން އިމްތިހާނު ހޯލުން ނުކުންނާނީ ތިންވަނަ ބޮޑު ހަނގުރާމަ ނިންމާލާފަ ހެން.” ހިނިގަނޑެއް ޖަހާލަމުން އަރީން ބުނެލިއެވެ. “ހޫން. ދެން ތިހާ ވަރަށް އަހަރެންނަށް ނުބެހިބަލަ. މަދު ފަހަރަކު ދޯ މިހެން އުޅެނީ.”  ސުމައްޔާ އޭނާގެ އަމިއްލަ ނަފުސު ދިފާޢުކުރުމުގެ ގޮތުން ބުނެލިއެވެ.

ދުވަހުގެ ސެޝަން ނިމުނު ވަގުތެވެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން އަޒާޔާ އާއި އަރީންގެ އިތުރުން ސުމައްޔާ ދިޔައީ ސުކޫލުގެ ކުތުބުޚާނާއަށެވެ. ކުތުބުޚާނާގެ އެންމެ އެތެރެއިން މޭޒެއް ހޯދާލައިފައި ތިން ކުދިން އިށީނެވެ. ދެން ގެނައި ބްރިސިލް ބޯޑު އޭގެ މަތީ ފަތުރާލިއެވެ. ދަބަހުން މާކަރު ސެޓާއި އެހެނިހެން މުހިންމު ސާމާނު ނަގައިފައި އެމީހުންގެ މަސައްކަތް ފެށިއެވެ.

ހުރަވީ ސުކޫލުގެ ކޮންޕިއުޓަރު ލެބުގައި އައިޓީ މަސައްކަތެއް ހަދަން ޒަވިއަނާއި އިޙުސާނުގެ އިތުރުން ލީވާން އިނެވެ. ގްރޭޑު ބާރައިގައި ކިޔަވަމުން އަންނަ އެ ތިން ފިރިހެނުންނަކީ ވަރަށް ގާތް އެކުވެރީންނެވެ. ތިން މީހުން ވެސް ކިޔަވަނީ ބިޒްނަސް ސްޓްރީމްއެވެ. އައިޓީ ނަގައިގެން އުޅެނީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައެވެ.

ޒަވިއަން އަކީ އަޒާޔާގެ ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެއެވެ. އެއީ މިއަދު ދިވެހިރާއްޖޭގައި މަޤުބޫލު ވިޔަފާރިވެރިއެއް ކަމަށްވާ ޒިޔާދުގެ ދެ ދަރިންނެވެ. އަޒާޔާގެ ހިތްހެޔޮ މަޖާ މިޒާޖާއި ޒަވިއަންގެ މިޒާޖު ހާސްބައި ތަފާތު ވާނެއެވެ. ޒަވިއަން އަކީ ފަސޭހައިން ރުޅިގަދަވާ ބަސްމަދު މީހެކެވެ. އެހެނެއް ކަމަކު ހުރަވީ ސުކޫލުގެ އެންމެހާ ފުރާވަރު އަންހެން ކުދިންގެ ހިތްތަކާއި ކުޅެލި އާދަޔާޚިލާފަށް ރީތި ޒުވާނެކެވެ. އެހެނަސް އޭނާގެ ރުޅިގަދަ މިޒާޖާއި ހެދި ބިރުކަނޑާލައިފައި އޭނާއާއި ކުރިމަތިލާން ކެރޭނީ ދެ ތިން ކުއްޖަކަށެވެ.

“އޭތް ބްރޯ! މިއޮއް ކަމެއް ބަލާބަލަ.” އިޙުސާނު އޭނާގެ ފޯނު ސްކްރީން ޒަވިއަނަށް ދައްކާލިއެވެ. އެ އިންސްޓާގްރާމްގެ ޕޯސްޓް ތަކުގައިވީ ފޮޓޯތަކާއި ލިޔެފައިވާ ޖުމްލަތައް ފެނި ޒަވިއަންގެ ލޭ ކެކިގަތެވެ. މުށް ބާރުކޮށްލި ކޮށްލީނުން އޭނާގެ އަތުގައި އޮތް މައުސް ހަލާކުނުވެ އޮތް ކަމެވެ. “ޝައުލާ” ދަތްކުނޑި ވިކާލަމުން އޭނާ އެ ނަން ކިޔާލިގޮތުން ވެސް މީހަކު ނުސިހި ނުހުންނާނެއެވެ. ތެދުވިގޮތުން އިށީނދެ އިން ގޮނޑި ވެސް ދިޔައީ ވިއްސައިގެންނެވެ.

އެ ވަގުތު ކޮންޕިއުޓަރު ލެބުގައި ޝައުލާ ވެސް އިނެވެ. އޭނާ އާއި ދިމާއަށް ޒަވިއަން ދިޔަ ގޮތުން ހީވަނީ ސިންގާއެއް ޝިކާރަ ކުރަން ދިޔަ ހެނެވެ. އެކަން ރެއަކާ ނުލާ ޙާލު ޝައުލާ އޭނާގެ ފޯނުން އެކުވެރިންނާއި ވާހަކަ ދައްކަމުން ދިޔައެވެ. އެއަށް ގޮސް ގެއްލި ހުސްވެފައި އިން ވަރުން ޒަވިއަން އަައި ކަން ވެސް ނޭނގެއެވެ.

“ކަލޭ ކީކޭ ހިތަށް އަރައިގެން ތަ މަށާ ބެހޭގޮތުން ފާޑުފާޑުގެ ޕޯސްޓްތައް ހަދާފާ ވައިރަލް ކުރަނީ. އެންމެންނަށް ވެސް އެނގޭނެ އަހަރެން ތި ފާޑުގެ އަންހެނުންނަށް ނަފުރަތު ކުރާ ވަރު. ޖާސޫސް ކުރާ މީހެއް ހެން މަ ފަސްފަހަތުން ގޮސް ފޮޓޯ ނަގާފަ، އެ އެޑިޓުކޮށްފަ އަޕްލޯޑުކޮށްފަ. ހަމަ މިހާރު އެ ހުރިހާ އެއްޗެއް ޑިލީޓުކުރޭ.” ޝައުލާ އިށީނދެ އިން ގޮނޑީގައި ހިފާ އަނބުރާލަމުން ޒަވިއަން އެއްޗެހި ކިޔައިގަތެވެ.

ޝައުލާގެ ޙާލަކީ ތޯއެވެ. ފޮނި ދައްކަމުން ފެތުރި ދޮގު ވާހަކަތައް ޒަވިއަނަށް ފަޅާއެރުމުން ފާޑަކަށް ބިރުގަތެވެ. ހަދާނެ ގޮތް ހުސްވެފައި ހުރެ އޭނާގެ އެންމެ ގާތް އެކުވެރީންނަށް މެސެޖެއް ފޮނުވާލިއެވެ. “ބަލަ ކަލޭ އާއި އޭ އަހަރެން މި ވާހަކަ ދައްކަނީ. އެ ހުރިހާ އެއްޗެއް މި ސިކުންތުން ސިކުންތަށް ފުހެލާ. އަހަރެންގެ އަތުން ފައިން ގޯހެއް ނުހަދަނީސް އެކަން ކުރޭ.” ޒަވިއަންގެ ކަތުރުކަށިގަނޑަށް ވާން ވަމުން ދިޔަ ޙާލު ބުނެލިއެވެ.

ސުމައްޔާ ކުތުބުޚާނާގައި ހުރި ފޮތް ހަރުތަކުން ޕްރޮޖެކްޓާއި ގުޅުން ހުރި ފޮތްތަކެއް ނަގައިގެން އައެވެ. އަރީން އޭގެ އެންމެ މައްޗަށް އޮތް ފޮތް ނަގައި ހުޅުވާލިއެވެ. އެ ވަގުތު އަޒާޔާ އިނީ ގަނޑުގައި ބޯޑަރެއް އަޅާށެވެ. ސުމައްޔާ ސުރުޚީ އަޅަން ކަޅުކުލައިގެ މާކަރެއް ނެގިއެވެ. މަސައްކަތަށް ވިސްނުން އެކަށް ހުސްކޮށްލައިގެން އެ ތިން ކުދިން ފަރުވާތެރިކަމާއެކު ވަގުތު ހޭދަކުރަމުން ދިޔައެވެ. އެއީ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް ވީމައެވެ.

“ރީނޫ! އަހަރެން މަޢުލޫމާތު ނެގި ޕެންޑްރައިވް އޮންނާނެ ކްލާސް ލޮކަރަށް ލައިފައި. އެ ގެނެސްދެވިދާނެތަ؟ އަން މި އޮތީ އޭގެ ތަޅުދަނޑި.” އަޒާޔާ އޭނާގެ ދަބަހުން ތަޅުދަނޑިއެއް ނަގައިފައި ދިނެވެ. އަރީން އާއެކޭ ބުނެ ތަޅުދަނޑި ނަގައިފައި ތެދުވިއެވެ. ދެން ކުތުބުޚާނާއިން ނުކުމެ މިސްރާބު ޖެހީ އަލުން ފަސްވަނަ ބުރިއަށް އަރާށެވެ. އާންމު ސެޝަން ނިމިފައި ވުމުން އޭނާ މައްޗަށް ދިޔައީ ލިފްޓުންނެވެ.

ނަސީބު ރަނގަޅު ކަމުން އެ ވަގުތު ކުލާހުގައި މުދައްރިސަކު ކުއްޖަކަށް އިތުރު ގަޑިއެއް ނަގައިދޭން އިނެވެ. އެއީ ނިމިދިޔަ ދެ ހަފުތާ ބަލިވެގެން ސުކޫލަށް ނައިސް ހުރި ކުއްޖެކެވެ. އެހެންކަމުން މި ހަފުތާގެ ކޮންމެ ދުވަހަކު ހެން އޭނާއަށް މިގޮތަށް މަޑުކުރަން ޖެހެއެވެ. ދިހައެއްގެ އަހަރުކަމުން އެންމެ ގަޑިއެއް ގެއްލުނަސް އަލުން ނަގަން މުހިންމު ވާނެތާއެވެ.

ހުއްދަ ހޯދައިފައި ކުލާހަށް ވަދެ އަރީން އަޒާޔާގެ ލޮކަރު ހުޅުވާލިއެވެ. ޙާލަކުން އެ ތަރުތީބެއް ނެތް ތަނުން ޕެންޑްރައިވް ހޯދައިފައި ލައްޕާ ތަޅުލިއެވެ. ނުކުންނަން ދިޔަ ވަގުތު އެ މުދައްރިސާ އޭނާއަށް ގޮވާލިއެވެ. “އަރީން. މި އިންސްޓްރަކްޝަން ޝީޓްތައް އަރޫޝާ މިސް އަށް ޙަވާލުކޮށްލެވިދާނެތަ؟ މިހާރު ކްލާސް ނަގައިދޭން ކޮންޕް ލެބުގައި ވީ.” އެ މުދައްރިސާ ފައިލުން ގަނޑުތަކެއް ނެގިއެވެ. އަރީން އޭގައި ހިފިއެވެ. ދެން އަނެއްކާވެސް ދިޔައީ ލިފްޓަށް އަރާށެވެ. ދެވަނަ ފުލޯ އާއި ހަމައަށް އާދެވުމުން އެންމެ ފުރަތަމަ ވެސް އޭނާ ވަނީ ކުތުބުޚާނާއަށެވެ.

“ދެން އެއީ އެހާ ވަރުގެ ކަމެއް ތަ؟ އަހަރެން ޒެވް އާ ރައްޓެހިވާން ބޭނުމޭ ކިޔާފަ ލޯބި ހުށަހެޅީމަ ބޮލާލާ ޖަހާކަށް ނުޖެހެއްނު.” ޝައުލާ އެންމެ ފަހުން ބިރުކަނޑާލައިފައި ރައްދެއް ދިނެވެ. ޒަވިއަންގެ އަލިފާން ރުޅިގަނޑަށް ޕެޓްރޯލް އެޅުނު ކަހަލައެވެ. މޭޒަށް ހޫނު އެތިފަހަރެއް ވީއްލާލަމުން އޭނާ އަމުރުކޮށްލީ އެ ފޯނު ދިނުމަށެވެ. އެހެނަސް ޝައުލާ އެ ފޯނަށް ގޮތެއް ވިޔަކަ ނުދޭން ބޭނުން ވުމުން ތެދުވެ ދުއްވައިގަތީ ލެބުން ބޭރަށް ނުކުންނާށެވެ.

އެ ޕޯސްޓްތައް ޒަވިއަން އަށް ދެއްކުނު މޮޔައިގައި އިޙުސާނު ހުއްޓެވެ. “ޒެވް އޭތް. ދެން މައިތިރި ވެބަލަ. އޭނާގެ ފަހަތުން ދާނެ ކަމެއް ނެތް. އަނެއް ފަހަރު ސަސްޕެންޑް ވެދާނެ.” ލީވާން ގޮސް ޒަވިއަންގެ ކުރިމައްޗަށް އެރިއެވެ. އެހެނެއް ކަމަކު ޒަވިއަން އަކީ ގޮތް ދޫނުކުރާ މީހެކެވެ. ނުރައްކާތެރި ސިނގު ރުޅިއެއް ގެންގުޅޭ މީހެކެވެ.

“އަޒާ! އެބަ އަންނަން މި ގަނޑުތައް އަރޫޝާ މިސް އާއި ޙަވާލުކޮށްލާފަ. މި އޮތީ ޕެންޑްރައިވް.” އަރީން މޭޒުމަތީގައި ތަޅުދަނޑި އާއި އެކު ޕެންޑްރައިވް އެއް ބާއްވާލިއެވެ. ދެން އަތުގައި ހުރި ގަނޑުތައް ހިފައިގެން ދެން މިސްރާބު ޖެހީ ކޮންޕިއުޓަރު ލެބަށް ދާށެވެ. އެތަން ވެސް ހުންނަނީ ހަމަ ދެވަނަ ފުލޯގައެވެ. ސުކޫލު ހޯލާއި އެހެނިހެން ލެބުތައް ވެސް ހުންނަ ފުލޯ އަކީ މިއެވެ. މި ބައިގައި ކުލާސްރޫމުތައް މަދުވާނެއެވެ.

ލެބަށް ވަންނަން ދިޔަ ވަގުތު އެތަނުން ނުކުތް އަންހެން ކުއްޖަކަށް އަރީންގެ ސަމާލުކަން ހުއްޓުނެވެ. އެއީ ބާރައިގައި އުޅޭ ޝައުލާކަން އެނގުމުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ވާނީ ވެސް އެހެންތާއެވެ. އެއީ ހުރަވީ ސުކޫލުގެ ‘ކުއީން ބީ’ އެވެ. ނުފޫޒު ފޯރުވުމާއި ކުދިންނަށް ބެހި ގަނާކުރުމުގެ އެއްވަނައެވެ. ޝައުލާ އަކީ އޭނާ އެ ކަމެއް ކުރަން އަޒުމް ކަނޑައަޅައިފިނަމަ ނުކޮށް ހުއްޓާލާނޭ މީހެއް ނޫނެވެ. ސުކޫލުގެ ގިނަ ކުދިން އޭނާއަށް ނަފުރަތު ކުރާނެއެވެ. އެހެނަސް އެއްވެސް އަންހެން ކުއްޖަކަށް އޭނާ އާއި ކުރިމަތިލާކަށް ނުކެރޭނެއެވެ.

ޝައުލާގެ ކިބައިން ނަޒަރު ވަކިކޮށްލުމަށް ފަހު އަރީން ހިނގައިގަތީ ލެބަށް ވަންނާށެވެ. އެހެނަސް އެ ވަގުތު އެ ދިމާލަށް ދުވެފައި އައި ފިރިހެން ކުއްޖެއްގެ ގައިގައި ލައިގަނެފައި އަރީން ވެއްޓުނީ ބިންމައްޗަށް. ވެއްޓި ފައި ޖެހުނު ގޮތަކުން ވީ ތަދުން އަރީނަށް ދެލޯ މަރާލެވުނެވެ.

 

އެޕިސޯޑް 2

ޝައުލާގެ ކިބައިން ނަޒަރު ވަކިކޮށްލުމަށް ފަހު އަރީން ހިނގައިގަތީ ލެބަށް ވަންނާށެވެ. އެހެނަސް އެ ވަގުތު އެ ދިމާލަށް ދުވެފައި އައި ފިރިހެން ކުއްޖެއްގެ ގައިގައި ލައިގަނެފައި އަރީން ވެއްޓުނީ ބިންމައްޗަށް. ވެއްޓި ފައި ޖެހުނު ގޮތަކުން ވީ ތަދުން އަރީނަށް ދެލޯ މަރާލެވުނެވެ.

ޝައުލާގެ ފޯނު އަތުލެވޭތޯ ޒަވިއަން ދުވެފައި ދިޔައީ އެހެން ކަމަކަށް ސަމާލުކަން ނުދީއެވެ. ލެބުން ނުކުތް ވަގުތު އަންހެން ކުއްޖެއްގެ ގައިގައި ލައިގަތުމުން ޒަވިއަނަށް ހުއްޓާލެވުނެވެ. އެނބުރި ބަލައިލިއިރު އެ އަންހެން ކުއްޖާ އިނީ ލަސްލަހުން ފައިގައި ފިރުމާށެވެ. އަމިއްލަ މޮޔަކަމަށް މަލާމާތް ކުރަމުން ޒަވިއަން އެ ކުއްޖާގެ އަތުގައި ހިފާ ކޮޅަށް ތެދުވަންނަން އެހީވިއެވެ.

ފައިގައި ފިރުމަމުން އިސް އުފުލާ ބަލައިލި އަރީނަށް ނޭވާ ލާން ވެސް ހަނދާން ނެތުނު ކަހަލައެވެ. ޒަވިއަންގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައިވުމުން އެ ހިތުގެ ތެޅުން ދެގުނަވިއެވެ. އެހެން ހުއްޓާ ޒަވިއަން އަރީންގެ އަތުގައި ހިފާލުމުން ހީވީ ހަށީގައި ކަރަންޓްގެ އޮއެވަރެއް ދަތުރު ކޮށްލިހެންނެވެ.

“އައިމް ސޮރީ. ގަސްތަކު ނޫން ވައްޓާލެވުނީ. ފަޔަށް ގޮތެއް ވީތަ؟ ހިނގަން އުނދަގުލީތަ؟” ޒަވިއަން އަރީންގެ އަތުން ދޫކޮށްނުލާ ހުރެ އެއްސެވެ. “ފަޔަށް ވަރަށް ތަދުވޭއެބަ. ހީވަނީ… ހީވަނީ ވެއްޓުނު ގޮތަކުން ސްޕްރެއިން ވީހެން.” އަރީން ތުންފަތުގައި ދަތް އަޅާލަމުން ބުނެލިއެވެ. ޒަވިއަން އަރީނަށް އެހީވަމުން ދެން މިސްރާބު ޖެހީ ހެލްތު ރޫމަށް ދާށެވެ.

އަރީނާއި ޒަވިއަން އުޅެމުން ދިޔަ ގޮތް ފެނި ޝައުލާގެ ލޭ ކެކިގަތެވެ. އޭނާ އަރީނަށް ނަފުރަތުގެ ކަޅިއެއް އެއްލިއެވެ. އެ ނަޒަރުން ވެސް ހީވަނީ އަރީން އަންދާ އަޅިޔަށް ހަދާލަފާނެހެންނެވެ. ޒަވިއަން އެ އަންހެން ކުއްޖާއަށް އެހީވަމުން ހިނގައިފައި ދާން ފެށުމުން އޭނާ ވެސް ފަހަތުން ހަރުފިޔަވަޅުތަކެއްގައި ދާން ފެށިއެވެ. “އަދިވެސް ވީ ވަރު ކުޑައީތަ. ތިޔަހެން ގަޓުވެލާފަ ޒަވިއަނާއި ދެކޮޅަށް ކަންކަން ކުރަންޏާ އޭނާ ރުޅިއަންނާނެކަން އެނގެއެއްނު. އޭނާ ރުޅިއައިއްޔާ ދެން ނުކުންނަ ނަތީޖާ މާކަ ރީއްޗެއް ނުވާނެ.” އިޙުސާނު ޝައުލާގެ އަތުގައި ހިފާ ދަމައިގަންނަމުން އެއްޗެހި ކިޔައިގަތެވެ.

ލީވާން ބިންމަތީގައި ހުރި ގަނޑުތައް އެއްކޮށްލަމުން ނެގިއެވެ. އަރީން ހިފައިގެން އައި އެއްޗަކަށް ވުމުން ފުރަތަމަ އޭނާ އޭގައި ހުރި އެއްޗެއް ކިޔާލިއެވެ. އެއީ މިއަދު އައިޓީ މުދައްރިސް ދޭން ބުނި އިންސްޓްރަކްޝަން ޝީޓްތައް ކަން އެނގުމުން އޭނާ އެ ހިފައިގެން އަނބުރާ ގޮސް ލެބަށް ވަނެވެ.

ނަރުސް ކުއްޖާ އައިސްޕެކް ޖައްސަމުން ދިޔަ ވަގުތު އަރީނަށް އިނދެވުނީ ގޮނޑީގައި އިން ޒަވިއަނަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ހިތުގައި ޒަވިއަނަށް ޓަކައި ތަފާތު ވިންދެއް ޖަހަމުން ދާތާ ކިތަންމެ ދުވަހެކެވެ. އެހެނަސް ޒަވިއަން އަންހެނުންނަށް ނަފުރަތު ކުރާ މިންވަރު އެނގޭތީ އެ އިހުސާސް ފާޅުކުރަން އޭނާ އަށް ނުކެރެނީއެވެ.

ކަޅުކަން ގަދަ ފަން އިސްތަށިގަނޑަކާއި ފުން ދެލޮލެވެ. ވަރުގަދަ ކަސްރަތީ ހަށިގަނޑަކާއި ދިގު އިސްކޮޅެކެވެ. އޮމާން އަލި ހަންގަނޑެކެވެ. ކިޔެވުމަށް ބަލާނަމަ ހިތް އަލި ދަރިވަރެކެވެ. އޯލެވެލްގެ ނަތީޖާ ގަދަ ތިނަކަށް އަރުވާލާ ބިޒްނަސް އާއި އެކައުންޓުން ވޯލްޑް ރޭންކް އެއް ވަނަ ހޯދިއެވެ. މީގެއިތުރުން ޒަވިއަނަކީ ހުށަހެޅުމުގެ ހަރަކާތްތަކުގައި ވިދާ ޒުވާނެކެވެ. ކުޅިވަރުތަކުގައި ކުޅަދާނަ ފަންނާނެކެވެ. ‘މިސްޓަ ޕާފެކްޓް’ އޭ ވެސް ކިއިދާނެއެވެ. މި ސަބަބު ތަކާއި ހުރެ އޭނާއަށް ނުލެނބޭ ކުއްޖަކު މަދުވާނެއެވެ.

“މައިލްޑް ސްޕްރެއިންއެއް. ދެތިން ދުވަހު އޮއިންމެންޓް އުނގުޅާލައިގެން ރަނގަޅުވާނެ.” ސުކޫލުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ ޝަފްނާ ބުނެލިއެވެ. އަރީން އިސްޓާކީނު އަތަށް ނަގައިފައި ތެދުވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަން ވާއިރަށް ޒަވިއަން އައިސް އޭނާގެ އަތުގައި ހިފާލިއެވެ. “ކޮން ތަނަކަށް ތަ ގެންގޮސްދޭންވީ.” ޒަވިއަން އެހިއެވެ. އަރީން ބަނޑަށް އިވޭ ވަރަށް ބުނެލީ ކުތުބުޚާނާގެ ވާހަކައެވެ.

ޒަވިއަން އަރީންގެ އަތުން ދޫކޮށްލީ ކުތުބުޚާނާ އާއި އަރާ ހަމަވުމުންނެވެ. އަރީން ޝުކުރު އަދާކޮށްފައި ގޮސް އެތެރެއަށް ވަނެވެ. ޒަވިއަން އަނބުރާ ގޮސް ވަނީ ކޮންޕިޔުޓަރ ލެބަށެވެ. ޒަވިއަން ލެބަށް ވަދެގެން އައި މަންޒަރު ބަލަން ޝައުލާ ކަޅި އަޅާލައިގެން އިނެވެ. އަނެއްކޮޅުން އިޙުސާނާއި ލީވާން ހުރީ ނުސިޔާނު ގޮތަކަށް ހީނލައިގެންނެވެ.

“ކަލޭ މެން ދެމީހުން ކޮލްގެޓް އިސްތިހާރެއް ކުޅެން ހިފާލައިގެންތަ ތި ތިބީ. ކީއްވެގެންތަ މާ ފާޑަކަށް ތި ބަލަނީ؟” ޒަވިއަން ދެލޯ ހަނިކޮށްލަމުން އެއްސެވެ. “އަންހެނުންނަށް ނަފުރަތު ކުރާ ކުއްޖަކު އަންހެން ކުއްޖަކަށް އެހީވީމަ އަޖައިބުވެފައޭ މި ތިބީ. މި ސޮރު ކުއްޖަކަށް ހިތް ކީ އަޑު އެހިން. އަދި އެ ވެސް މި ސުކޫލުގަ ހުރި އެންމެ ރީތި މަޑުމައިތިރި ކުއްޖާއަށް.” އިޙުސާނު ގޮސް ޒަވިއަންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ.

“ބްރޯ އަށް އުނދަގުލެއް ނުވާނެ ވަލީ ހޯދާކަށް. އަފްޒަލްބޭ އަކީ ޒެވް ބައްޕަގެ ބެސްޓީ ވިއްޔާ. އަފޫ އަންކަލް އޭ ކިޔާފަ ގޮވާލީމަ ވީ.” ލީވާން ވެސް އިޙުސާނާއި އެއްބައިވަމުން ޒަވިއަނާއި ދިމާކޮށްލިއެވެ. “އޭ މައިތިރިވެގެން ތިބޭ. ޒައްކޮގެ ގާތް އެކުވެރިއަކަށް ވީމައޭ ހެލްޕް ވީ. އެހެން ނޫންނަމަ މަ އޭނައަށް ބަލައިވެސް ނުލާނަން. މަ ނޫޅެމޭ އިޝްގުގައި ޖެހިގެނެއް. މައި ފިއުޗަރ ކެރިއަރ އިޒް މޯ އިމްޕޯޓެންޓް ދެން އޭން އިންސިގްނިފިކެންޓް ލަވް ލައިފް. އެނގިއްޖޭ!” ޒަވިއަން ތޫނު ނަޒަރެއް ދެމުން ބުނެލިއެވެ.

“އަޅޭ! ރީނޫ. ފަޔަށް ކީއްކުރީ. ހާދަ ފާޑަކަށް ތި ހިނގަނީ.” އަރީން ހިނގަމުން ދިޔަ ގޮތް ފެނި އަޒާޔާ އެ ދިމާލަށް ދިޔައީ ވައި ރޯޅި އެއްހާ ހަލުވިކޮށެވެ. “ކަމެއް ނުވޭ.” އަރީން ތެދުތެދަކަށް ނުބުންޏެވެ. އަޒާޔާ ދެލޯ ހަނިކޮށްލިއެވެ. ދެން ބަލައިލި ގޮތުން ހީވީ ފުލުހަކު އިންޓަގިރޭޓު ކުރަން އަތުކުރި އޮޅާލިހެންނެވެ. އަރީން ތުން ފިތާލިއެވެ. ގޮނޑީގައި ހިނިގަނޑެއް މަތަކޮށްގެން އިން ސުމައްޔާ އަށް ކަޅިއެއް އެއްލިއެވެ. އަރީނަށް ވަގުތުން ދެނެގަނެވުނެވެ. ނޫސްވެރިއެއް ފަދައިން ސުމައްޔާ އެ ވީގޮތް ހޯދާލައިފިއެވެ.

ސުމައްޔާ އިންތިޒާރު ކުރީ އަރީން އެއްޗެއް ބުނަން ދެނެވެ. އޭނާ ނުބުނިއްޔާ ހުރިހާ ތަފްސީލެއް ދޭށެވެ. ކިރިޔާ ކަމެއް އެ ތިން މީހުންގެ ތެރޭއިން އެކަކު ސިއްރު ކޮށްލިޔަސް އެންމެ ނުރުހޭނީ އަޒާޔާއެވެ. އެހެންމީހެއްގެ ދުލުން އަޒާޔާއަށް އެ ޚަބަރު ފޯރައިފިނަމަ ދެން ނަތީޖާ މާކަ ރަނގަޅެއް ނުވާނެއެވެ.

“ކަމެއް ނުވެޔޭ ބުނީމަ ހަމަ ޤަބޫލުނުކުރަނީތަ؟” ވަރަށް ޙާލުން ރީއްޗަށް ހިނގާލައިފައި ގޮސް އަރީން ގޮނޑީގައި އިށީނެވެ. އެ ވަގުތު އެ ހިނގުމުގައި ހުރި އުނދަގޫކަން ނަގައިގަންނާން އަޒާޔާގެ ވިސްނުން ތޫނު ސިކުނޑިއަށް މާ ގިނަ ވަގުތެއް ނުނަގައެވެ. އަރީނަށް އެންމެފަހުން ޖެހުނީ ވީގޮތް ކިޔައިދޭށެވެ. އަރީންގެ ވާހަކައިން ލާނެތް ގޮތަކަށް ހީނލައިގެން އިން ސުމައްޔާގެ ހިނިތުންވުން ފުޅާވިއެވެ.

“ދެޓް ޑެވިލް. އައިމް ގޮނަ ކިލް ހިމް ފޯރ ސްޕްރެއިނިން މައި އައިރީނީސް އެންކަލް.” ދަތްކުނޑި ވިކާލަމުން އަޒާޔާ ބުނެލިއެވެ. “ދެން އަޒާ. އޭނަ ގަސްތުގަ އަހަރެން ކޮށްޕާލީއެއް ނޫނޭ. ނުބަލަ ދުވެފައި އައިލެއް ބާރުކަމުން ޖެހިފަ ވެއްޓުނީއޭ. މަޢާފަށް ވެސް އެދުނު. އެވަރުން ނުވެގެން އަހަރެން ހެލްތު ރޫމަށް ވެސް ގެންގޮސްދިން.” އަރީން އަޒާޔާގެ އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ.

“އޯހ ގޯޑް އަޒާއީލް. އަދިވެސް ނުވިސްނޭތަ؟ ރީންގެ މޫނުމަތިން އެހާ ފުރިހަމައަށް އިސްތިހާރުކުރަމުން ދާއިރު ވެސް ހަމަ ގެޓު ނުވަނީތަ؟ ޝީ އިޒް އިން ލަވް. އެހެންނޫންނަމަ ފައި ސްޕްރެއިން ވެގެން އުޅޭ އިރު ވެސް ދަތްޕިލަ އިސްތިހާރު ކޮށްލައިގެން އިންނާނެތަ؟ ޒަވިއަންގެ ނަން ކިޔާ އިރު ބްލަޝް ވެދާނެތަ؟ ގުރޫޕް ސްޓަޑީ ހަދަން ތި ގެއަށް ދާއިރު ވެސް އަރީންގެ އުޅުން ތަފާތުވާ ގޮތް އަޒާ އަށް ނުފެނޭތަ؟” ސުމައްޔާގެ ވާހަކަތަކުން ރަކިވެފައި އިން އަރީންގެ ދޮން މޫނު އިތުރަށް ރަތް ވިއެވެ. ސުމައްޔާ އަށް މިކަންތައް އެނގިފައި އޮންނާނެކަން ވިސްނޭނީ ކިހިނަކުން ހެއްޔެވެ؟

“ބަލާބަލަ. އެ ހުރީ މިހާރު ވެސް ލަދުން މޫނު ރަތް ޖަންބަކަށް ވެފައި. ދެން ޢާފިޔައްތަ ގާތު ބުނަންވީތަ އަޒާއަށް އައިނެއް ހައްދާލަދޭން.” ސުމައްޔާ ހުރީ ރަނގަޅަށް ވެސް ފޯރި އަރައިފައެވެ. “ވާވާ. އަހަރެންގެ ގާތް އެކުވެރިއަކުން ފަހަރިއަކަށް ވާން ރާވައިގެން ދޯ މި އުޅެނީ. ރީން ވާ ގަދައޭ. ސިއްރުނުކޮށް އުޅުނިއްޔާ ދޯ އަހަރެންނަށް އެނގޭނީ ސެޓު ކޮށްލަދޭން.” އެންމެ ފަހުން އަޒާޔާ ވެސް ސުމައްޔާ އާއި ބައިވެރިވެގެން ދިމާކުރަން ފަށައިފިއެވެ. މޫނު ހަދާލައިގެން އިން އަރީންގެ ލަދުރަކި ޙަރަކާތްތަކަށް ބަލަން ފޮތް ހަރެއްގެ ފަހަތުގައި ހުރި ފިރިހެން ކުއްޖާގެ ދެއަތް މުށްކެވުނެވެ.

ޕްރޮޖެކްޓު ހަދާ ނިންމައިފައި އަރީނަށް ގެއަށް ދެވޭ ވަރުވީ ދޭއް ޖަހާ ބޮޑުވެގެން ދިޔަ ފަހުންނެވެ. ކިތަންމެ ކަންނެތް ވެފައި ހުރި ނަމަވެސް އޭނާ އެނދުމައްޗަށް ދެމިލީ ފެންވަރާ ނަމާދުކުރުމަށް ފަހުގައެވެ. ވަރުބަލިވެފައި ހުރި ވަރުން ކާން ވެސް ދާން ބޭނުން ނުވެފައި އޭނާ އޮތީއެވެ. ދެލޯ މަރާލައިފައި ހިނިތުންވެލި އަރީންގެ ހިތުގައި ކުރެހުނީ ޒަވިއަންގެ ތަސްވީރެވެ.

ހަވީރުގެ ވަގުތެވެ. ޒަވިއަން އުޅުނީ ބައްޕަގެ ހޮޓެލަށް ދާށެވެ. ގޭގައި ހުންނަން ފޫހިވުމުން އަޒާޔާ ވެސް ފަހަތު އަޅުވާލިއެވެ. ދެމީހުން އެ ހޮޓެލަށް ދިޔައީ ޒަވިއަންގެ ކާރުގައެވެ.

ޑައިމަންޑް ސްކައި ހޮޓެލަށް ޒަވިއަންމެން ވަނުމާއި އެކު އެތަނުގެ މުވައްޒަފުން އިޙުތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. އަޒާޔާ އެމީހުންނަށް ހައި ޖަހަމުން ދިޔައިރު ޒަވިއަން ހިނގައިފައި ދިޔައީ އެއްވެސް އެއްޗެއް ނުބުނެއެވެ. ދެމީހުން ގޮސް ލިފްޓަށް އަރާ މައްޗަށް ދާން ފިތަށް އޮބާލައިފިއެވެ.

“ދޮންބެ ކިހިނެއްތަ ބޭރުތެރޭގައި އަބަދު ތިޔަހެން މޫނު މައްޗަށް ސީރިޔަސް ކަން ގެނެސްގެން ހުންނަނީ. ބޭރުން ފެންނަ މީހަކު ވާހަކަ ދައްކަން ވެސް ބިރުގަންނާނެ.” އަޒާޔާ ޒަވިއަންގެ ކޮނޑުގައި އެލިގަންނަމުން ބުނެލިއެވެ. ޒަވިއަން ހީނލަމުން އަޒާޔާގެ ކޮލުގައި ހިފާލިއެވެ. “ދޮންބެގެ މަޖާ މިޒާޖު އެއީ ހަމައެކަނި ފެމެލީ އާއި ފްރެންޑްސް އަށް ޚާއްޞަ އެއްޗަކަށް ވީމައޭ.” ޒަވިއަން އަޒާޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

ލިފްޓު ހުއްޓުމުން ދެމީހުން ވެސް އެއިން ފައިބައިގެން ގޮސް ވަނީ ޒިޔާދުގެ ކެބިނަށެވެ. ޒަވިއަން ގޮސް މޭޒު ކައިރީގައި އިށީނދެ ވިޔަފާރި ކަންކަމުގައި ޒިޔާދަށް އެހީވަމުން ދިޔައެވެ. އަޒާޔާ ގޮސް ވެއްޓިގަތީ އެއްފަރާތުގައި ހުރި ސޯފާ މައްޗަށެވެ. އެހެން އޮވެ ކެބިނުގެ އެކި ފަރާތް ފަރާތަށް ކަޅި އުކަމުން ދިޔައީ އެ ތަން ދިރާސާ ކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ކަބަޑުތަކުގެ އެއްފަރާތުގައި ހުރި ބޮޑު ފޮށިގަނޑެއް ކަހަލަ އެއްޗެކެވެ. ކޮން އެއްޗެއްތޯ ބަލައިލުމުގެ ނިޔަތުގައި އޭނާ ތެދުވެގެން ގޮސް އޭގެ ކުރިމަތީގައި ހުއްޓުނެވެ.

“ވާހް. ހާދަ ބޮޑު ސޭފްއެކޭ. މީގަ ކޯއްޗެއްތަ ހުރީ؟” އަޒާޔާ އެއާއި ކުޅެލުމުން ކޯޑެއް ޖަހަން އެރިތަން ފެނިގެން އެހިއެވެ. “ތީގަ ހުންނާނީ ވިޔަފާރިއާއި ގުޅުން ހުރި އެންމެ މުހިންމު އެއްޗެހި.” ޒިޔާދު ރައްދުގައި ބުނެލިއެވެ. އަޒާޔާ އޭގެ އެތެރެ ބަލަން ބޭނުންވެފައި ހުރުމުން ޒިޔާދު ގާތު އެ ހުޅުވާލަދޭން އެދުނެވެ. އަޒާޔާގެ އެދުމާއި ދެކޮޅު ހަދަން ބޭނުންނުވުމުން ޒިޔާދު ގޮސް އޭގައި ކޯޑު ޖަހާލިއެވެ. އެ ކޯޑު ފެނި އަޒާޔާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ. “ހެހެހެ. ދޮންބެ އަށް ވުރެ އަހަރެން މުހިންމޯ. ބަލާބަލަ. ބައްޕަ އޭގަ ޖެހި ކޯޑު. އަހަރެންގެ އުފަންދުވަސް.” ޒަވިއަނަށް މަލާމާތުގެ ކަޅިއެއް އެއްލަމުން އަޒާޔާ ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. އަރީންމެން ހުރަވީ ސުކޫލަށް އިތުރު ގަޑިއަށް އަންނަ ވަގުތެވެ. ކުލާހުގައި މުދައްރިސް އެކައުންޓުން ފިލާވަޅެއް ނަގައިދެމުން ދިޔައެވެ. އެކައުންޓަކީ އަރީން އެންމެ ގަޔާވާ އެއް މާއްދާއެވެ. މުދައްރިސް ކިޔައިދެމުން ދިޔައީ އިންކަމް ސްޓޭޓްމަންޓެއް ހަދާނެ ގޮތެވެ. ފިލާވަޅުގެ ތެރެއަށް ގޮސް ގެއްލި ހުސްވެފައިވާ ވަރުން ވަށައިގެންވާ ކަންކަމުގެ ހިލަމެއް ވެސް އޭނާއަށް ނުވާ ކަހަލައެވެ. ޕާސްޕޭޕަރުން އޭގެ ސުވާލެއް ދިނުމާއި އެކުހެން އެ ހަދާ ނިންމާލައިފިއެވެ.

އަރީނާއި ދިމާލަށް ބަލަން އިން ސުމައްޔާގެ އަނގަ ހުޅުވުނީ އެންމެ ހައެއްކަ މިނެޓުން އަރީން އެ ބޮޑު ސުވާލު ހަދާ ނިންމާލުމުންނެވެ. އެސްފިޔަ ޖަހާލައިފައި އޭނާ އަމިއްލަ ފޮތަށް ބަލައިލިއެވެ. އަދި އެ އުޅެނީ ކޯސްޓް އޮފް ސޭލްސް ވެސް ނުހޯދިގެންނެވެ.

“ރީނޫ. އަހަރެންނަށް ތި ސިކުނޑިން ބައެއް ހަދިޔާ ކުރަންވީނުން. ކިހިނެއްތަ އެހާ ފަސޭހައިން ތި ނިންމާލީ. އަދި އެ ވެސް ކަލްގަ އަތް ނުލާ. މި ގަޑީގައި ކަމަކު ގޮވާ ގޮވާ ކަރުގަ ލޭރަހަ ލިޔަސް އިވޭ ކަމަކަށް ނުވާނެ. އަހަރެން މިއުޅެނީ މެއްސެއް އުދުހެލިޔަސް އުނދަގޫވެގެން.” ސުމައްޔާ ފައްޗަކަށް ބަސްތައް އަމުނާލިއެވެ. އަރީން ހިނިގަނޑެއް ޖަހާލަމުން އެ ދިމާލަށް އެނބުރުނެވެ. ސުމައްޔާ ރުއްސަން މަސައްކަތް ކުރަމުން އެ ހަދާނެ ގޮތް ކިޔައިދޭން ފެށިއެވެ. މި ދެމީހުންގެ ސަކަރާތް ފެނި އަޒާޔާއަށް ނުހެވި އިނދެވެނީ ކިރިޔާއެވެ.

“ޝައު ބަލާބަލަ. އެ ސުންޕާ ރިނދަލި ބުރި އެ އުޅެނީ ޔޫ ގެ ސޯލްމޭޓާއި އަޅައިގަނެގެން. މި ގޮލާ މަޑުމަޑުން ހުއްޓަސް ހީލަތްތެރިއެއްނު.” ޔޫލީން އޭނާގެ ފޯނުން ވީޑިއޯ ކޮޅެއް ދައްކާލަމުން ބުނެލިއެވެ. އެއިން ފެނުނު މަންޒަރަކުން ޝައުލާ ކެކިއެރިއެވެ. ހަޅޭއްލަވައިގަނެފައި ފޯނުން އެއްލާލަން ބޭނުންވި ނަމަވެސް ދަތްކުނޑި ވިކާލައިގެން އިނީ އެއީ ކުލާސްރޫމް ތެރެ ކަމަށް ވާތީއެވެ. “ހުރެބަލަ ނިކަން. ފުރުސަތެއް ލިބުނިއްޔާ އެ ރިނދަލި ބުރި ރޮއްވާލާނަން. ބިރު ދައްކާލީމާ ސައިޒަށް ވެއްޓިދާނެއްނު. ލާހިކެއްނޫން ނޫން އޭއްޗަށް އަހަރެންގެ ޒެވް ހެއްލޭކަށް.” ޒަވިއަނާއި ދިމާލަށް ދަހިކަޅިއެއް އެއްލަމުން ޝައުލާ ބުނެލިއެވެ.

ޝައުލާގެ ބެލުންތައް އަމާޒުވަމުން ދިޔަ ވަރަކަށް ޒަވިއަންގެ ލޭ ހޫނުވަމުން ދިޔައެވެ. އެހެނަސް އެކަން ފާޅުނުކޮށް އެތެރެއަށް ހިންދާލައިގެން އިނީއެވެ. ހުރިހާ ބާރެއް ކުރީ އަތުގައި އޮތް ދަގަނޑު ފަތިގަނޑަށެވެ. ފިތަމުން ގޮސް އެ ވެސް ބަނޑިކޮށްލައިފިއެވެ. އެކުވެރިޔާގެ ޙާލަތު ފެނުމުން ލީވާން ޝައުލާ އަށް ނުރުހުމުގެ ނަޒަރެއް ދިނެވެ. އޭނާ ދެން ކަންބޮޑުވީ އަރީނާއި މެދުގައެވެ. ޒަވިއަން އާއި ދިމާލަށް އޮޅިގެން ވިޔަސް އެހެން އަންހެން ކުއްޖަކު ބަލާލައިފިނަމަ ދެން އެ ނިމުނީއެވެ. އެކަމެއް ހެޔޮ ގޮތަކަށް ނުނިމޭނެއެވެ. ޝައުލާ ޒަވިއަނާއި ހެދި މޮޔަވެފައި ހުންނަނީ އާދައިގެ މިންވަރަކަށް ނޫނެވެ. ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަން ވެސް އޭނާ ފަހެއް ނުޖެހޭނެއެވެ.

“ފައިނަލީ! ނެޓް ޕްރޮފިޓްގަނޑު ދިމާވެއްޖެ.” އަޒާޔާ ހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. ގާތުގައި އިން ސުމައްޔާ އަށް އަދިވެސް އެ ޖަވާބެއް ނުނިންމެއެވެ. އަނެއް ފަރާތުގައި އިނދެގެން އަރީން ސުމައްޔާ އަށް ކިޔައިދޭން ކުރަމުން ދިޔަ މަސައްކަތުން ހީވަނީ ޙަޤީޤީ މުދައްރިސެއް ހެންނެވެ. އެ ހަދަން ޖެހޭ ގޮތް ސުމައްޔާ އަށް ދެނެގަނެވުނު އިރު ގަޑި ޖެހެން ފަސް މިނެޓަށް ވެއްޖެއެވެ.

“މިސް! އަޅުގަނޑު ބޭނުން ފާޚާނާ އަށް ދާން.” އަތްހިއްލާލަމުން އަރީން ހުއްދައަށް އެދުނެވެ. ޝަފީނާޒް ގަޑި ބަލާލުމަށްފަހު ހުއްދަ ދިނީ އަވަހަށް އައުމަށް ޝަރުތު ކޮށްފައެވެ. އަރީން ތެދުވެގެން ގޮސް ކުލާހުން ނުކުތެވެ. ކޮރިޑޯގެ އެންމެ ކޮޅުގައި ހުރި ވޮޝްރޫމަށް ގޮސް ވަދެލިއެވެ.

ފާޚާނާކޮށްގެން އަތް ދޮންނަ ބަޔަށް ނުކުތް އަރީން ސިހުނީ އެ ތަނުގައި ޝައުލާ ހުރުމުންނެވެ. އަވަސް އަވަހަށް އޭނާ އެ ތަނުން ނުކުތުމަށް ފިޔަވަޅު އަޅަން ފެށިއެވެ. މިއަދުގެ ހާދިސާއަށް ފަހު ޝައުލާގެ ނަފުރަތުގެ ކަޅި އޭނާއަށް އަމާޒުވާނެކަން މިއީ ރޭގަނޑު ފަދައިން އަރީނަށް އެނގެއެވެ.

“މަކަރުވެރި ***! ކީކޭ ހިތަށް އަރައިގެން ތަ އަހަރެންގެ ޙައްޤަކަށް އަރައިގަތީ؟” ޝައުލާ އައިސް އަރީންގެ ބުރުގަލުގައި ހިފިއެވެ. އަރީން މަސައްކަތް ކުރީ ޝައުލާ އާއި ދުރަށް ޖެހޭށެވެ. “އަހަރެން ކީއްތަ ކުރީ؟” ބިރުގެންފައި ހުއްޓެއް ކަމަކު ހިތްވަރު ކޮށްފައި އަރީން އެހިއެވެ. “ކޮންމެހެން ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް. މިއަދު ލެބަށް ދިޔައީ ޒަވިއަން ހޯދާކައްނު. ދުވަހުގެ ކޮޅުން ވެސް ކަލެއަކަށް ޒެވް އެއް ނުލިބޭނެ.” ޝައުލާ ހަޅޭއްލަވައިގަތެވެ. އަރީން ގަންނާކުރެއްވި ބިރުން ފަހަތަށް ޖެހުނެވެ. އަދި ލަސް ނުކޮށް ވޮޝްރޫމުން ނުކުންނަން ދިޔައެވެ. އަރީންގެ އެ ޢަމަލުން ޝައުލާގެ ހިތްހަމަނުޖެހުން ވީ އިތުރެވެ. ފަޔަށް ބާރުލައިފައި އޭނާ ދުއްވައިގަތީ އަރީންގެ ކިބައިން ބަދަލު ހިފަން ކަމަށް ވެދާނެއެވެ. އެހެނަސް ކަންވީ އޭނާ ބޭނުންވި ކަހަލަ ގޮތަކަށް ނޫނެވެ. މުށިގަނޑު މަތީގައި ހުރި ފެންގަނޑަކަށް އެރި ކައްސާލައިގެން ވެއްޓުނީއެވެ.

ހިތް އަވަސް ވެފައި ހުރެ އަރީން އޭނާގެ ކުލާހަށް ދިޔައެވެ. އޭރު ކުލާހުގެ ބޮކިތައް ނިވާ ދޮރު ވަނީ ލައްޕާލާފައެވެ. ވަގުތު ހަމަވެފައި ވުމުން ކައިރީގައި ހުރި އެހެން ކުލާސްތަކުގެ ކުދިން ވެސް ގޮސްފިއެވެ. ދެފިކުރެއްގައި ހުރެ އަރީން ގޮސް ތަޅުގައި ހިފާ އަނބުރާލިއެވެ. އޭނާގެ ހައިރާންކަން ދެގުނަ ވީ ދޮރު ހުޅުވުމުންނެވެ. އެހެނަސް އެއިން އެއްވެސް ކަމަކާއި މެދު ވިސްނާލުމުގެ ކުރިން މީހަކު އަރީންގެ އަތުގައި ހިފާ އެ އަނދިރި ކުލާސްރޫމް ތެރެއަށް ވައްދާ ދޮރު ލައްޕާލިއެވެ.

 

އެޕިސޯޑް 3

ހިތް އަވަސް ވެފައި ހުރެ އަރީން އޭނާގެ ކުލާހަށް ދިޔައެވެ. އޭރު ކުލާހުގެ ބޮކިތައް ނިވާ ދޮރު ވަނީ ލައްޕާލާފައެވެ. ވަގުތު ހަމަވެފައި ވުމުން ކައިރީގައި ހުރި އެހެން ކުލާސްތަކުގެ ކުދިން ވެސް ގޮސްފިއެވެ. ދެފިކުރެއްގައި ހުރެ އަރީން ގޮސް ތަޅުގައި ހިފާ އަނބުރާލިއެވެ. އޭނާގެ ހައިރާންކަން ދެގުނަ ވީ ދޮރު ހުޅުވުމުންނެވެ. އެހެނަސް އެއިން އެއްވެސް ކަމަކާއި މެދު ވިސްނާލުމުގެ ކުރިން މީހަކު އަރީންގެ އަތުގައި ހިފާ އެ އަނދިރި ކުލާސްރޫމް ތެރެއަށް ވައްދާ ދޮރު ލައްޕާލިއެވެ.

ސިހުނުވަރުން އަރީން ހަޅޭއްލަވައި ގަންނަން ވެސް ހަނދާން ނެތުނު ކަހަލައެވެ. އެ މީހަކު ހިފަހައްޓައިގެން ހުރީ ނުހަނު ބާރަށެވެ. އަރީނަށް ކިރިޔާ ހިރިވެސް ނުލެވޭނެ ފަދައަކުންނެވެ. ކުލާސްރޫމް ތެރެ އަނދިރި ކަމުން އެ މީހެއްގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ބޭރު ކޮރިޑޯގެ ފަނޑުއަލި ބިއްލޫރި ގަނޑުން ފޭދިގެން އަރީންގެ މޫނަށް އެޅިފައި ވިއެއްކަމަކު އެ އަލިކަން އަނދިރި ކަމަށް ވުރެ ގަދައެއް ނުވެއެވެ.

އަނދިރީގެ ތެރެއިން އެ ފިރިހެން ކުއްޖާ އެއް އަތް އަރީންގެ އަނގަމަތީ އަޅާ އަނެއް އަތް އެ ހިމަ އުނަގަނޑުގައި ވަށާލިއެވެ. “އަރީ! އައި ލަވް ޔޫ. އަޅެ އަހަރެންގެ ޙައްޤަކަށް ވެދީބަލަ” އަރީންގެ ކަންފަތަށް އިވިގެން ދިޔަ ލަފުޒުތަކުން ހީވީ އޭނާގެ ހަށިގަނޑަށް ފަސްސަތޭކަ ކަރަންޓް ވޯލްޓޭޖުގެ ޝޮކެއް ދިން ހެނެވެ. އޭނާއަށް ނާއިލްގެ އަޑު އެ އިވުނީ ހަމަ ރަނގަޅަށް ބާއޭ ހިތަށް އެރިއެވެ.

“ޕްލީޒް މިއަދު އަހަރެންނަށް ޖަވާބެއް ދީ” އަރީން އަނގައިން ނުބުނެ ހުއްޓުން އަރާފައި ހުރުމުން ނާއިލް އެދުނެވެ. “އައިމް ސޮރީ” އިސްޖަހާލަމުން އަރީން ބުނެލީ އެހެންނެވެ. “ކީ…އްވެ. އެހާ އަވަހަށް އެ ޒަވިއަން ދެކެ އަރީން ލޯބިވީތަ؟ އެއީ ކިހާ ވަރެއްގެ ކާކު ކަން އެނގޭތަ؟” ނާއިލްގެ ސުވާލުން އަރީނަށް ހިންދިރުވާލެވުނެވެ. ދެން ހުރެފައި ނާއިލް އަރީންގެ މޫނުގައި ހިފާ ގާތްކޮށްލިއެވެ. އޭނާގެ ހޫނު ނޭވާ އަރީންގެ މޫނަށް އެޅުމުން ނާއިލްގެ މަޤްޞަދު އެ ތޫނު ސިކުނޑިއަށް ދެނެގަނެވިއްޖެއެވެ. އޭނާ ތެޅިގަނެފައި ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. އެހެނަސް މި ވަގުތު އެ އަޑު ފޯރާނީ ވެސް ވަކި ކާކުގެ ކަންފަތަކަށް ހެއްޔެވެ؟ މި ވަގުތު އެ ފުލޯގައި އިތުރު މީހަކަށް ހުރީ ވެސް ޝައުލާ އެވެ. އޭނާ ވަކި އަންނާނެ ހެއްޔެވެ؟

ނާއިލްގެ ގަދަކަމުން އަރީންގެ ތުންފަތުގައި ބޮސްދޭން އުޅުނު ވަގުތު އެ ކުލާހަށް އައިސް ވަނީ ޒަވިއަން އެވެ. އޭނާ ކޯރިޑޯގެ އެއްފަރާތުގައި ނުގޮސް މަޑުކޮށްގެން ހުރީ ޝައުލާ ދިމާކޮށްލަފާނެތީއެވެ. ޒަވިއަން އަވަހަށް ކުލާހަށް އައީ ކުއްޖަކު ހަޅޭއްލަވައިގަތް އަޑު އިވުމުންނެވެ. އެހެނަސް އެއީ ކާކުގެ ހަޅޭކެއް ކަމެއް އޭނާ އަކަށް ނޭނގެއެވެ.

“ކައެ ކީއްވެގެންތަ ތި އުޅެނީ؟” ޒަވިއަން ނާއިލްގެ ޔުނީފޯމްގެ ގިރުވާނުގައި ހިފައި ދަމައިގަތެވެ. ބިރުން ގޮސް ހިތް ހަލާކުވެފައިވާ ހާލު އަރީން އެ ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފާ ދުވެފައި ކުލާހުން ނުކުމެގެން ދިޔައީ ސަލާމަތްތެރިކަން ހޯދުމަށެވެ. ސިޑީގެ ހަރުފަތްތަކުން ތިރިއަށް ފައިބަމުން ދިޔައިރު އެ ނިކަމެތި ހިތް މޭފަޅައިފައި ނުކުމެދާނެހެން ހީވެއެވެ. އެންމެ ތިރީގައި ފައިޖައްސާލެވުނީ ކިރިޔާއެވެ. ހީވީ ނޭވާ އުފުރިގެން ދިޔަ ހެންނެވެ. އަރީން ހިތްވަރުކޮށްފައި ޓްރެކްޝޫޓުގެ ޖީބު ހާވާލިއެވެ. އަތުގައި އިންހޭލަރ ފުޅި ޖެހުމުން އެ ނަގައި ޖަހާލިއެވެ.

މީހާ ހަމައަކަށް އަޅުވާލައިފައި އަރީނަށް ގޭޓާއި ހަމައަށް އާދެވުނީ އިރުކޮޅެއް ފަހުންނެވެ. އޭރު އެ ތަނުގައި ސުމައްޔާ ހުއްޓެވެ. “އަހަރެންގެ ދަބަސް ކޮބާ؟” އަރީން އެއްސެވެ. “ކުލާހުގައިއެއްނު. ރީން ނާދޭ ވިއްޔާ ގަޑި ޖެހުނު އިރުވެސް. ޝަފީ މިސް ވަރަށް މުހިންމު ކޯލެއް އައިސްގެން ދާން ޖެހުނީމަ ނާއީ އަތަށް ތަޅުދަނޑި ދީފަ އައީ” ސުމައްޔާ ރައްދުގައި ބުނެލިއެވެ. “އޮހް. އަހަރެންގެ ދަބަސް ބަލައި އެކުގައި އެރިދާނެތަ؟” އަހަން ނާހަން ހުރެފައި ވެސް އަރީން ބުނެލިއެވެ.

“ކަލޭ ވަކި ތީ ކާކު އަހަރެން ކުރާ ކަންކަމުގެ ތެރެއަށް ބޯ ގަޅަން.” ނާއިލްގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. “ކަލޭ އަންހެން ކުދިންނަށް ނުބެހި ސައިޒުގައި ނުފުއްޕަ މައިތިރިވެގެން ހުންނާނީ” ޒަވިއަން ރައްދުގައި ބުނެލީ ނާއިލްގެ މޫނު މައްޗަށް ވަރުގަދަ އެތިފަހަރެއް ވީއްލާލަމުންނެވެ. އެވަގުތު އެރި ތޫނު ތަދުން ނާއިލަށް ކަޅިއަޅާލެވުނެވެ.

“މަށަށް އަނިޔާ ކުރަން ކަލޭ ތީ އަރީގެ ލޯބިވެރިޔާތަ؟” ދަތްކުނޑި ވިކާލަމުން ނާއިލް ވާހަކަ ދެއްކި އިރު މުޅި މީހާ ތުރުތުރު އަޅައެވެ. “މީގެ ފަހުން ކުލާސް ރޫމު ތެރޭގަ ހުރެގެން އެހެން ކުދިންގެ ގަޔަށް ބޮލަށް އަރަން މަސައްކަތް ނުކުރާތި؟ އަރީންގެ ކިބައިން ގަދަކަމުން އުފަލެއް ހޯދަން އުޅުނިއްޔާ ދެން މަންޒަރު މާކަ ރީއްޗެއް ނުވާނެ. އަހަރެންގެ ކޮއްކޮގެ ގާތް އެކުވެރިއަކަށް ގޮތެއް ވެގެން އަޒާ ދެރަވެއްޖެނަމަ ކަލޭ ނަޅާލާނަން.” ޒަވިއަން ނާއިލް ދުރަށް ކޮށްޕާލައިފައި އެ ތަނުން ނުކުމެގެން ދިޔައެވެ. ނާއިލް މޭޒުގައި ޖެހިފައި ވެއްޓުނީ ބިންމައްޗަށެވެ. މި އަމަލުން ނާއިލްގެ އަލިފާން ރުޅިގަނޑަށް ދަރު އަޅާލެވުނު ކަހަލައެވެ.  ޒަވިއަންގެ ފަހަތުން އޭނާ ވެސް ދުން ޖަހައިފައި ދިޔައެވެ.

ސުމައްޔާ އާއި އެކު އަރީން ގޮސް އެ ފުލޯގެ މައްޗަށް އެރި އިރު ވެސް އެ ޅަހިތް ބިރުން ވިރެމުން ދިޔައެވެ. ލަސްލަހުން ގޮސް ދޮރު ހުޅުވާ އަޅައިފައި ހުރި ކުލާހުގެ ތެރެއަށް ވަނެވެ. އެތަނުގައި އިތުރު މީހަކު ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ލައިފައި ގޮސް އަރީން އޭނާގެ ދަބަސް ނެގިއެވެ. ސުމައްޔާ އަށް މޭޒުމަތީގައި އޮތް ތަޅުދަނޑި ފެނުމުން ގޮސް އެ ނެގިއެވެ. ދެ ކުދިން އެކުގައި ގޮސް ކުލާސް ތަޅުލައިފައި ދެމީހުން މިފަހަރު އެރީ ލިފްޓަށެވެ.

އެ މީހުންނަށް މަދަރުސާގެ ގޭޓާއި ހަމައަށް އާދެވުނު އިރު އަރީންގެ ބައްޕަ އޭނާ ނައިސް ލަސްވެފައި ހުއްޓެވެ. ސުމައްޔާ އަކީ އެކަނި ހިނގާފައި ދާ ކުއްޖެއް ކަމުން އޭނާ މިރޭ ވެސް ލަސްނުކޮށް ގެއަށް ދާން މިސްރާބު ޖެއްސެވެ. އަފްޒަލްގެ ކާރަށް އެރި އިރު ވެސް އަރީން އިނީ ނެގިމަޑުވެފައެވެ.

ކޮޓަރިއަށް ވަދެވުމާއި އެކުހެން އަރީން އެނދުމައްޗަށް ދަބަސް އެއްލާލާފައި ގޮސް ފާޚާނާ އަށް ވަނެވެ. މޫނު ދޮންނަ ތަށި ކައިރީ ހުރެ އޭނާ އެތައް ފަހަރަކު އެ މޫނު ދޮވުނެވެ. ހީވަނީ އެ ހިސާބުން ޖަރާސީމެއް ފިލުވަން މަސައްކަތް ކުރާ ހެންނެވެ. އެއަށްފަހު ނިދަން ތައްޔާރުވެލައިގެން ގޮސް އޭނާގެ އެނދުގައި އޮށޯތެވެ. މުޅި މޫނުގައި ރަޖާ އަޅާލައިފައި އޭނާ ދެލޯ މަރާލިއެވެ. ބޭރުފުށުން ފާހަގަ ނުވިއެއް ކަމަކު އެ ސިކުނޑި ތެރޭގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ އުނދަގުލެކެވެ.

އަނެއް ދުވަހެވެ. ބެލް ނުޖައްސަނީސް އެރުމުން އަރީނަށް ކުލާހަށް ދެވުނީ އެހެން ކުދިންނަށް ވުރެ އަވަހަށެވެ. އެ ދުވަހު ނިންމާ ޙަވާލު ކުރަން ޖެހޭ މަސައްކަތެއް އޮތުމުން އޭނާ އިނީ އެ ނަގައިގެން ހަދާށެވެ. އަރީނަކީ ދުވާލު ގަޑީގައި ބަހުގައި ދަތުރު ކުރާ ކުއްޖަކަށް ވުމުން ބައެއް ފަހަރު މާ ކުރިން އަނެއް ބައި ފަހަރު ތަންކޮޅެއް ލަހުން އާދެވެއެވެ. މާ ގިނަ އިރެއް ނުވެ އެހެން ކުދިން ވެސް ކުލާހަށް އައިސްފިއެވެ.

“މިއަދު ބިޒްނަސް ޓީޗަރު ނާންނާތީ މިސް ބަދަލުގާ މި ގަޑި ނަގާނީ. ތިކުދިން ނުހެދި ފިލާވަޅެއް އޮތް ނަމަ ނަގާފަ ހަދަން ފަށާ!” ޝަފީނާޒް ބުނެލިއެވެ. އެކައުންޓިން ކިޔަވައިދިނުމުގެ އިތުރުން ދިހައެއް ބީ ތްރީގެ ކުލާސް ޓީޗަރަކީ ވެސް އެއީއެވެ. އެ ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާ އަރީން އޭނާގެ އިނގިރޭސި ފޮތް ނެގިއެވެ.

“މީސް. އަޅުގަނޑު ހުރިހާ މަސައްކަތެއް ނިންމައިފީމޭ. އަޅެ ހިނގާބަލަ ގޭމެއް ކުޅެލަން.” ސުމައްޔާ ފޯރިއާއެކު ބުނެލިއެވެ. މިހެން ލިބޭ ހުސް ގަޑި ތަކުގައި އޭނާ ބޭނުން ވާނީ ކޮންމެވެސް ސަކަރާތެއް ޖަހާށެވެ. އޭނާގެ ފަހަތުން އަރީން ފިޔަވައި އެހެން ހުރިހާ ކުދިން ތާއީދުކޮށް ވާހަކަ ދައްކަން ފެށި އެވެ.

“ދިހަޔަކަށް ދިޔައިމަ ވެސް ގޭމު ކުޅެންތަ ބޭނުންވަނީ؟ އަދި ތިއެއް ނޫނޭ. ވަރަށް ދުވަސް ވެއްޖެއެއްނު ސީޓިން އެރޭންޖްމަންޓް ބަދަލުކޮށް ނުލާތާ! މި ގަޑީގައި އެ ކަން ކުރެވިދާނެއްނު.” ޝަފީނާޒް ބުނެލިއެވެ. އެއާއެކު އެންމެން އެކަމާއި ބެހޭ ގޮތުން ނުރުހުން ފައުޅުކުރުމަށް ބަސްކިޔަން ފެށިގޮތުން ހީވީ މުބާރާތަކަށް އެރި ހެންނެވެ. ކުލާސްތެރެ އަޑުގަދަ ވާން ފެށުމުން ޝަފީނާޒް އިންޒާރެއް ދިނެވެ. ގުޅުވައިފައި ހުރި ޑެސްކު ތައް ދުރުކުރާނެ ކަމަށް ބުނުމުން އެންމެން ހަމަހިމޭން ވިއެވެ. ދެން ޝަފީނާޒް އަންގަމުން ދިޔަ ވަރަކަށް ބަދަލުވަމުން ދިޔައެވެ.

އަރީނަށް ޖެހުނީ އެންމެ ކުރީ ބަރިއަށް އަރާށެވެ. ލިބުނީ އެއް ފަރާތުގައި ކުޑަދޮރާއި ދިމާއަށް ހުރި ސީޓެކެވެ. ހަމަ ސީދާ އޭސީ ބުޑުގައެވެ. ފިންޏަށް ބަލިވިޔަސް އޭނާ ޝަކުވާއެއް ނުކުރެއެވެ. އެއީ ކިޔަމަންތެރިކަމުގައި އެފަދަ ދެވަނައެއް ނުވާ ލާމަސީލު މިސާލެއް ވިއްޔާއެވެ. ދެން ސުމައްޔާ އާއި އަޒާޔާގެ ނަސީބު ގަދައީ އެވެ. އެ ދެމީހުންނަށް ލިބުނީ ތިންވަނަ ބަރިން ޖެހިޖެހިގެން އިށީންނާށެވެ.

”ނާއިލް ދޭ އަރީނާއި ޖެހިގެން ހުރި ހުސް ގޮނޑިއަށް. ދެން މި ވަރު ރަނގަޅެއްނު.” ޝަފީނާޒްގެ ޖުމްލަ އިވިފައި އަރީންގެ ދެލޯ މުދުނަށް އެރިއެވެ. އެ މޫނުމަތިން އެކަނި ވެސް އޭނާ އެކަމާ ނުރުހޭ މިންވަރު ދެނެގަނެވޭނެއެވެ. އެހެނަސް އަރީން ހަމައެކަނި ތުންފަތުގައި ދައިގަނެފައި މޫނު އަނެއް ފަރާތަށް ޖެހީއެވެ. ނާއިލްގެ ޙާލަކީ ތޯއެވެ. އޭނާ އަށް ހީވީ ދުނިޔޭގައި ވީހާ އުފަލެއް އޭނާގެ ފަސްބަޔަށް އެޅުނު ހެންނެވެ. ފުޅާ ހިނިތުންވުމަކާއި އެކު އައިސް ގޮނޑި ދަމާލައިފައި އިށީނެވެ.

“ހެއި އަރީ” ނާއިލް އަރީނާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަރީން އިން ގޮތަށް އިނީއެވެ. ނާއިލް އަރީންގެ ފުށްކޮޅެއްހާ މަޑު އަތްތިލައިގައި ހިފާލިއެވެ. ބިޗުލެއް ކަށިޖެހުމުން ސިހިގެން ދާ ފަދައިން އަރީން އަތް ދަމައިގަތެވެ. އެ ދޮން މޫނުގައި ވަނީ ހާސްކަމުގެ ކުލަވަރެވެ. “އަރީ ކީއްވެގެންތަ އަހަރެންނާއި މެދު ތި ގޮތަށް ކަންތައް ކުރަނީ؟ އަހަރެންގެ ކިބައިން ކޮން ސިފައެއްތަ އުނިވީ؟” ނާއިލް މޮޅިވެރި ރާގެއްގައި ބުނެލި އެވެ. އެހެނަސް އަރީނަށް ނާއިލްގެ ކިބައިން އެހެން ކުލަތަކެއް ފެނިފައިވުމުން މިހާރު އެ ދައްކާ ވާހަކައަށް ރައްދެއް ދޭން ވެސް ނުކެރުނެވެ.

“އަހަރެން… ލޯބިވާ އެހެން މީހަކު….. އެބަހުރި” ވައި އަޑުން އަރީން އެހެން ބުނެލީ އެގޮތަށް އެއްޗެކޭ ބުނެގެން ނާއިލްގެ އުނދަގޫތަކުން ސަލާމަތްވެދާނެ ކަމަށެވެ. އެހެނަސް އެއީ ކިހާ ބޮޑު ކުށްހީ އެއް ކަން އަރީނަށް އެނގޭނެ ނަމައެވެ. އަރީން ޙާޞިލްކުރުމަށް ބޭޤަރާރުވެފައި ހުރި ފިރިހެނަކަށް ދިމާލަށް އެފަދަ އެއްޗެކޭ ބުނުމުން ނުކުންނާނެ ނަތީޖާ ހިތިވާނެކަން އެނގޭނެ ނަމައެވެ. އެހެނަސް…….

އަރީންގެ ވާހަކައިން ނާއިލްގެ ހިތުގައި ހަސަދައާއި ރުޅީގެ ހުޅުކޮޅެއް ރޯވިއެވެ. ދަތްކުނޑި ވިކާލިގޮތުން ވެސް ހީވަނީ ތަނެއް ފުނޑާލަފާނެހެންނެވެ. ދެއަތް މުށްކަވާލައިފައި އޭނާ އަރީނަށް ބަލައިލިއެވެ. އެ ނުރައްކާތެރި ނަޒަރު އަރީނަށް އަމާޒުވުމުން އޭނާ ބިރުން ވިރިގެން ދިޔައެވެ. އެ ވާހަކަ ބުނެވުނު މޮޔަ ހިތަށް އަރައިފިއެވެ. ނޭވާ ހާސްވެ އެސްތްމާ އެޓޭކެއް ޖެހިދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. އަރީން މިސް އަށް ގޮވާލާ ހުއްދަ ހޯދުމަށް ފަހު ފާޚާނާ އަށް ދިއުމުގެ ނަމުގައި ކުލާހުން ބޭރަށް ނުކުތީ ދެނެވެ.

ކުލާހުން ނުކުމެފައި އެކީ އަރީން ދިޔައީ ކޯރިޑޯގެ އެންމެ ކޮޅަށެވެ. ގޮސް ފުންކޮށް ނޭވާލާން މަސައްކަތް ކުރިއެވެ. މޭގައި އަތް އަޅާލައިގެން ހުރެ އުނދަގޫ ގޮތަކަށް ނޭވާ ލަމުން ދިޔަ ގޮތުން ވެސް އެ ވަގުތު އެސްތްމާ އެޓޭކެއްގެ ޝިކާރަ އަކަށް އަރީން ވެއްޖެކަން އެނގެއެވެ. އޭނާ ދެން ޖީބަށް ލައިފައި އޮންނަ އިންހޭލާރ ފުޅި ނަގައި ދެތިން ފަހަރަކު ޖަހާލިއެވެ. ހަމައަކަށް އެޅުނީ އެ ތަނުގައި ހުންނަތާ ފަސް މިނެޓް ވީ ފަހުންނެވެ.

އަރީން އަނބުރާ ކުލާހަށް ދިޔައީ މާ ލަސްވެއްޖެކަމަށް ގަބޫލުކުރެވުމުންނެވެ. އަނބުރާ ގޮނޑީގައި އިށީނީ އެހެން ގޮތެއް ނެތިގެންނެވެ. ކުރިއަށް ހުރި ދުވަސްތަކުގައި އޭނާ އުޅެން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ. އެ ދުވަހުގެ ކިޔެވުން ނިމުނީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުން ހެން ވެސް އަރީނަށް އިހުސާސް ކުރެވުނެވެ. ކުލާހުން ނުކުމެވުމުން އަރީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ސުމައްޔާމެންނާއި އެކު ސިޑި ބަރިން ތިރިއަށް ފައިބައިގެން ދިޔައިރު ދެއްކީ މިއަދު ގުރޫޕް ސްޓަޑީ ހަދާ ވާހަކައެވެ. އެކައުންޓިން އިންނެވެ. ރިވިޝަން ބުރުގައި ކިޔައިދޭ ބައިތައް އަދިވެސް އަޒާޔާ މެންނަށް ރަނގަޅަށް ނޭނގޭތީއެވެ. ހަވީރު ހަތަރެއް ޖެހުމަށް އަޒާޔާގެ ގެއިން ބައްދަލުކުރުމަށް އެއްބަސްވަމުން އެ މީހުން ވަކިވެލީ ގޭޓާއި ހަމައިންނެވެ.

ހަވީރުގެ ވަގުތެވެ. ދަނބުކުލައިގެ ކުރުތާއަކާއި ފުޅާ ޖިންސެއްލައިގެން ހުރެ އަރީން ޝޯލް އަޅަމުން ދިޔައެވެ. ރީތިގޮތްތަކަށް އަޅާލެވުމުން ސެންޓު ޖަހާލައިފައި ދަބަސް އަޅުވާލައިގެން އޭނާ ނުކުތީ ސިޓިންރޫމަށެވެ. ބަދިގެ ތެރޭގައި އުޅުނު މަންމައަށް ދާ ވާހަކަ އަންގާލައިފައި އޭނާ ގެއިން ނުކުތެވެ. އަރައިގެން ހުރި ހުދު ސްނީކާސްގެ ވާކޮޅު އައްސާލުމަށް ފަހު އަރީން ގޮސް ލިފްޓަށް އަރައިފިއެވެ. ތިރިއަށް އެ ހުއްޓުމާއި އެކުހެން އޭނާ އެއިން ފައިބައިގެން ދިޔައެވެ.

ބަހަށް އަރާ ހަމަޖެހިލުމަށް ފަހު އަރީން އޭނާގެ ދަބަހުން ވާހަކަ ފޮތެއް ނަގައި ހުޅުވާލިއެވެ. އެ ފޮތުގެ ތެރެއަށް އޭނާ ގެނބިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެއަށް ގޮސް ގެއްލި ހުސްވެފައި އިން ވަރުން ވަށައިގެންވާ މާހައުލުގައި ހިނގަމުން ދިޔަ މަންޒަރުތައް ފުސްވެގެން ދިޔަ ކަހަލައެވެ.

ގޭގައި ކިޔެވުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި ޒަވިއަނާއި އޭނާގެ އެންމެ ގާތް މިތުރުން ތިބި ކޮންމެވެސް އެސައިންމެންޓެއް ހަދާށެވެ. އެ މަސައްކަތުގައި ތިއްބާ އަޒާޔާ އައިސް ކޮޓަރިއަށް ވަނެވެ. “އަޅޭ! ދޮންބެ މިއަދުތަ އެސައިންމެންޓް ހަދަނީ؟” އަޒާޔާ އަށް އެ ތަނުގައި ތިބި ގުރޫޕް ފެނުމުން އަނގަހަދާލެވުނެވެ. “އާނ. އަނެއްކާ ޒައްކޮ މިތަން ބޭނުންވީތަ؟” ޒަވިއަން އެހިއެވެ.

“ބްރޯ! މިހިރަ ޝޯރޓްކޭކް ބުނިއްޔޭ ކިޔާފައި މިތަން ދޫކޮށްލަން ޖެހޭތަ؟ ޔޫ އިޑިއޮޓް ޕްލީޒް ލީވް.” ލީވާން ގޮސް އަޒާޔާގެ ނިތްކުރީގައި ފުއްޓައްކެއް ޖަހާލިއެވެ. “ލިޒާޑްގަނޑާ! ނުބެހޭ ކަންކަމާ ނުބެހި މައިތިރިވެގެން ހުރެބަލަ. މިއީ އަހަރެންގެ ވެސް ގެއެކޭ.” ލީވާންގެ އަތުގައި ދަތް އަޅައިފައި އަޒާޔާ އެތެރެއަށް ދެމިގަތެވެ. ލީވާން އޭނާގެ އަމިއްލަ އަތުގައި ފިރުމާލުމަށް ފަހު އަޒާޔާގެ އަތުގައި ހިފާ ދަމައިގަތެވެ. އަޒާޔާ ކޮޓަރިން ވެސް ނެރެފައި ދިމާކޮށްލިއެވެ. އަޒާޔާގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެ ނަޒަރުން ހީވަނީ ލީވާން ކޮށާ ކުދިކުދި ކޮށްލަފާނެހެންނެވެ.

“ބޮޑާހާކަން ތިއީ ތުއްތު ތުއްތު ބޭބީއެއް ނޫނެއްނު. ދެން ވެސް ބޮޑެތި މީހުންގެ ކަންކަމަށް ބޯ ނުކޮށްޕާ މަޑުން ހުންނާނީ.” ތޫނު ނަޒަރެއް ދެމުން ލީވާން ބުނެލިއެވެ. އެއަށްފަހު އަނބުރާ އެ ކިޔަވާ ކޮޓަރިއަށް ވަދެ ދޮރު ޖަހާ ތަޅުލިއެވެ. އަޒާޔާ ބަލި ޤަބޫލުކޮށްފައި އޭނާގެ އަމިއްލަ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ މޭޒުމަތީ ތަރުތީބު ކުރުމުގެ މަސައްކަތް ފެށީ އެ ތަން ސާފުކޮށްފައި ނޫނީ ކިޔަވަން އިށީންނަން ބޭނުން ނުވާތީއެވެ.

ވާހަކައިގެ ދުނިޔެއަކަށް ޣަރަޤުވެފައި އިން އަރީން ސިހުނީ ކުއްލިއަކަށް ބަސް ހުއްޓާލުމުންނެވެ. ތިރިއަށް ވެއްޓުނު ފޮތް ނަގައިފައި ހަށިގަނޑު ސީދާކޮށްލި ވަގުތު ބަހުގެ ކުރިމަތީ ބިއްލޫރިގަނޑުން ފެނުނު މަންޒަރަކުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދެން އިވުނީ ބަހުގައި ތިބިހާ ފަސިންޖަރުން ކަރު ބުޑުން ހަޅޭއްލަވައިގަތް އަޑެވެ. ފުލު ސްޕީޑުގައި ދުއްވައިފައި އައި ބޮޑު ލޮރީގެ ޝިކާރައަކަށް އެ ބަސް ވެގެން ދިޔައީ އެވެ. އިވިގެންދިޔަ ބާރު އަޑުފަށްގަނޑާއި އެކު ދެން ފެނުނީ ބަހުގައި އަލިފާން ރޯވި މަންޒަރެވެ.

 

އެޕިސޯޑް 4

ވާހަކައިގެ ދުނިޔެއަކަށް ޣަރަޤުވެފައި އިން އަރީން ސިހުނީ ކުއްލިއަކަށް ބަސް ހުއްޓާލުމުންނެވެ. ތިރިއަށް ވެއްޓުނު ފޮތް ނަގައިފައި ހަށިގަނޑު ސީދާކޮށްލި ވަގުތު ބަހުގެ ކުރިމަތީ ބިއްލޫރިގަނޑުން ފެނުނު މަންޒަރަކުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދެން އިވުނީ ބަހުގައި ތިބިހާ ފަސިންޖަރުން ކަރު ބުޑުން ހަޅޭއްލަވައިގަތް އަޑެވެ. އެންމެން ތެޅިގަނެފައި ދުއްވައިގަތީ އެމަޖެންސީ އެގްޒިޓާއި ދިމާލަށެވެ. އެ ދޮރު ތަޅާލައިފައި ބަހުން ފޭބުނީ އެންމެ ދިހަ މީހުންނަށެވެ. ފުލު ސްޕީޑުގައި ދުއްވައިފައި އައި ބޮޑު ލޮރީގެ ޝިކާރައަކަށް އެ ބަސް ވެގެން ދިޔައީ އެވެ. އިވިގެންދިޔަ ބާރު އަޑުފަށްގަނޑާއި އެކު ދެން ފެނުނީ ބަހުގައި އަލިފާން ރޯވި މަންޒަރެވެ.

އެ އެކްސިޑެންޓުން މަގަށް ސަމާލުކަން ގެނުވިއެވެ. ބަހާއި ދުރަށް އެހެން އުޅަނދުތައް ޖެހެން މަސައްކަތް ކުރި ނަމަވެސް އެކަން ފަސޭހައެއް ނުވިއެވެ. ބަސް ގޮވުމުގެ ކުރިން މީހުންނާއި އުޅަނދުތައް އެއްފަރާތް ކުރުންވީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ. ގިނަ މީހުން ސައިކަލަކާއި ސައިކަލެއް ނުވަތަ ކާރަކާއި ކާރެއް ދޫކޮށްލާފައި އަމިއްލަ ނަފްސުގެ ސަލާމަތްތެރިކަން ހޯދުމަށް ދުއްވައިގަތެވެ. އެ އެންމެންގެ މޫނުމަތީގައިވާ ބިރުވެރިކަމުން ވެސް ޙާލަތު ގޯސްވެފައިވާ މިންވަރު ހާމަވެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހިސާބަށް ފުލުހުންގެ ޓީމެއް އައެވެ.

ރޯޝަނީ ގޭގެ ބޮޑު ގޭޓުން ލޯވްން ތެރެއަށް ވަދެގެން ދިޔަ ސުމައްޔާގެ އަތުގައި ޕާސްޕޭޕަރު ބަރިއެއް ހުއްޓެވެ. ހިނގައިފައި ގޮސް ބޮޑު ދޮރުގައި ޓަކި ޖަހާލުމުން އެތެރެއިން ދޮރު ހުޅުވާލީ އާފިޔާއެވެ. ހިނިތުންވުމެއް ހަދިޔާކޮށްލައިފައި ސުމައްޔާ ދިޔައީ ސިޓިންރޫމުގެ އެއްފަރާތުގައި ހުރި ސިޑި ބަރިއާއި ދިމާލަށެވެ. އާފިޔާ ބުނި ބުނުމަށް އޭނާ ގޮސް ޓަކި ޖަހާލާފައި ވަނީ އަޒާޔާގެ ކޮޓަރިއަށެވެ.

“އޯހް ސުމީ އައީ ދޯ! ބަރާބަރު ގަޑިއަށް އާދެވުނީ ކީހިނެއްތަ؟ މިއަދު ކޮން ފަރާތަކުން އިރު އެރި ދުވަހެއްތަ؟” އަޒާޔާ ބުނެލިއެވެ. “ހޫން. އަހަރެންނަށް ވެސް އިރުމަތީ ފަރާތުންނޭ އިރު އެރީ. ރީން ކޮބާތަ؟ އެހެންޏާ އެކޮއި އަންނާނެ އަވަހަށް. އެ ގޮލާ ނާންނަނީހެން ނުފެށޭނެއްނު.” ސުމައްޔާ ގޮސް ގޮނޑިއެއްގައި އިށީނެވެ.

“ވެދާނެ ކަމެއްގަ ތާށިވީ ކަމަށް. އެ ކުއްޖާ ފުޅު ދެން ގެއަށް ގޮސްފައި ވެސް ލައްކަ މަސައްކަތް ކުރޭ ވިއްޔާ. ޓޮޕް ޓެނުން އެއްވަނަ ހޯދާފަ ނޫނީ ހުއްޓާލާނެހެން ހީނުވޭ. ނެޓުން ވެސް އެހާ ވަރަށް މަޢުލޫމާތު ނަގާނެ.” އަޒާޔާ ރައްދުގައި ބުނެލިއެވެ. ސުމައްޔާ ހިނިގަނޑެއް ޖަހާލައިފައި ދަބަހުން ކަލްކިއުލޭޓަރާއި އެހެނިހެން ތަކެތި ނަގަން ފެށިއެވެ.

މަގުމަތީގެ ހަލަބޮލިކަން އިތުރުވެފައިވި ނަމަވެސް އަރީންގެ ނަޒަރު ހުއްޓިފައި ހުރީ ލޮރީ ދުއްވަން އިން ފިރިހެނާއަށެވެ. އޭނާގެ ނުރައްކާތެރި ނަޒަރުން އަރީނަށް އިންޒާރެއް ދޭ ކަހަލައެވެ. ތުންފަތް ހަފާލަހަފާލާ އެ ކުއްޖާ އިނީ ގަބުވެފައެވެ. އޭނާއަށް ހަމަ ބިމަށް އާދެވުނީ ފަހަތުން މީހަކު ކޮނޑުގައި ހިފާލުމުންނެވެ. އަނެއް ފަރާތަށް އެނބުރެލި އިރު ކުރިމަތީގައި ހުރި ސޫރައެއްގެ ސަބަބުން އެ ހިތުގެ ތެޅުން ދެގުނަވިއެވެ.

“އަރީ. އާރ ޔޫ އޯކޭ؟” އިސްވެ ވާހަކަ ދެއްކީ ނާއިލެވެ. އަރީން ހަމައެކަނި ބޯ ޖަހާލާފައި އެ ހިސާބުން ދުރަށް ދާން ހިނގައިގަތެވެ. އަރީނަށް ޔަގީންކުރެވުނީ މި ހިނގައިދިޔައީ އާދައިގެ އެކްސިޑެންޓެއް ނޫން ކަމެވެ. ރަނގަޅު ދުވެއްޔެއްގައި އައި ބަހަކަށް އެހާ ބާރަށް އައިސް ލޮރީއެއް އަރަންވީ ކީއްވެގެން ހެއްޔެވެ؟ ނުވީތާކަށް ބޮމެއް ގޮވިހެން އެތެރެބައިން ބަސް ގޮވަންވީ ކީއްވެގެން ހެއްޔެވެ؟ ސިކުނޑިއަށް ބާރުކުރާ ކަހަލަ ގޮތެއް ވުމުން އޭނާއަށް ބޮލުގައި އަތް އަޅާ ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ. ދެން ފެނުނީ ފަޔަށް ބާރުލައިފައި އޭނާ ދުއްވައިގަތް މަންޒަރެވެ. އެކި ހިސާބުތަކުގައި ވަރުބަލިކަން ފިލުވާލުމުގެ ގޮތުން މަޑުކޮށްލިއެއް ކަމަކު އޭނާ ރޯޝަނީ ގެއަށް ދިޔައީ ދުވެފައެވެ.

އެ ގޭގެ ގޭޓުން އެތެރެއަށް ވަދެފައި އޭނާ އެންމެ ފުރަތަމަ ވެސް ގޮސް ބޮޑު ދޮރުގައި ޓަކި ޖަހާލަމުން ސަލާމް ގޮވިއެވެ. އެތެރެއިން ސަލާމް ބަލައިގަތީ އެ ގޭގައި މަސައްކަތް ކުރާ މީހެއް ކަމަށްވާ ފާތުމައެވެ. މަތީ ބަޔަށް އަރަން މިސްރާބު ޖެހި އިރު އަރީން ހުރީ ފާޑަކަށެވެ. އޭނާ އެންމެ ފުރަތަމަ ވެސް ގޮސް އެ ކުދިން އާންމުކޮށް ގުރޫޕް ސްޓަޑީ ހަދާ ކޮޓަރީގައި ޓަކި ދިނެވެ.

“އަނެއްކާވެސް އެއްކަލަ ޝޯރޓްކޭކް އައީ ތޯއްޗެ. ހަމަ ޖެއްސުންކުރުމުގެ މާހިރެއް.” ލީވާން ބޯ ހޫރާލަމުން ބުނެލިއެވެ. “ޕިސްޕިސް. އިލެވެން މަގޭ ކޮއްކޮއަށް އެހާ ވަރަށް ބެހެންޖެހޭތަ؟” ޒަވިއަން ލީވާނަށް ނުރުހުމުގެ ކަޅިއެއް އެއްލައިފައި ގޮސް ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އަޒާޔާ އަށް އޭނާ އާންމުކޮށް ހަދިޔާކޮށްލާ ފަދަ ހިތްގައިމު ހިނިތުންވުމެއް އެ މޫނުމަތީގައި ކުޅެލެވިފައި ވެއެވެ. އެހެނަސް ޒަވިއަނަށް ދެ ބުމަ ގާތް ކޮށްލެވުނީ އެ ތަނުން އަރީން ފެނުމުންނެވެ. އަޒާޔާ ވީ ކޮޓަރީގައި ކަމަށް ބުނެފައި އޭނާ ދޮރު ލައްޕާލިއެވެ. ދެން އަނބުރާ ގޮސް ލެޕްޓޮޕް ދޮށުގައި އިށީނީ އެސައިންމެންޓް ހެދުމައިގެން ކުރިއަށް ދިއުމަށެވެ.

ޓަކި ޖަހާ ލުމަށްފަހު އަޒާޔާގެ ކޮޓަރިއަށް އަރީން ވަނެވެ. އެތެރޭގައި އަރީންގެ އިންތިޒާރުގައި ތިބި އޭނާގެ އެންމެ ގާތް މިތުރުންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަން ވެސް އޭނާ އަކަށް ނޭނގުނެވެ. އޭނާގެ ވިސްނުމުގައި އަދިވެސް ރަސްކަން ކުރަމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ހިނގައިދިޔަ އެކްސިޑެންޓެވެ. އިމަޖެންސީ އެގްޒިޓް ކައިރީ ނީނދެވުނު ނަމަ މިއަދު އޭނާގެ ފުރާނަ ވަކިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގޮނޑީގައި އިށީން އިރު ވެސް އަރީން ހުރީ އެހެން ދުނިޔެއެއް ގައެވެ. އެއްފަރާތަކަށް ބަލަން ހުއްޓުން އަރާފައެވެ.

“ރީން. ކިހިނެއްވީ؟ ހާދަ ހާސްވެފަ.” ސުމައްޔާ އަރީންގެ ކޮނޑުގައި ހިފާލަމުން އެހިއެވެ. އެސްފިޔަ ތަޅުވާލަމުން އަރީން ސުމައްޔާ އަށް އަވަސް ނަޒަރެއް ދިނެވެ. “އައި މަގުމަތީ… ބަހުގައި…” އަރީނަށް އެ ވާހަކަ ހިއްސާ ކުރަން ވެސް އުނދަގޫ ވިއެވެ. “މީހަކު ކަމެއް ކުރީތަ؟” އަޒާޔާ ކަންބޮޑުވެފައި އެއްސެވެ. “އެކްސިޑެންޓްވީ.” އަރީން ބުނެލިއެވެ. އެއާއެކު އަނެއް ދެމީހުންގެ ލޯ މުދުނަށް އަރައިފިއެވެ. އަރީންގެ ހަށިގަނޑު ސްކޭންކުރަމުން ދިޔައީ ގެއްލުމެއް ލިބިފަ ހުރިތޯ ބަލާށެވެ. އެއަށްފަހު އަޒާޔާ އަރީންގެ ގައިގައި ބައްދާލިއެވެ.

ސުމައްޔާ އޭނާގެ ފޯނު ނަގާ ފުރަތަމަ ވަދެލީ ފޭސްބުކަށެވެ. ކަމެއް ވިއްޔާ އެންމެ ފުރަތަމަ ވެސް ޚަބަރު އަރަނީ އެޔަށް ކަމަށް ވާތީއެވެ. އަނިޔާ ލިބޭ މީހުންނަށް އެހީވުމަށް ވުރެ ކުރިން އެއްބަޔަކު އެޔަށް ވީޑިއޯތަކާއި ފޮޓޯތައް އަޅާނެއެވެ. ވަކި ވަރަކަށް ސްކްރޯލް ކޮށްލުމާއި އެކު އެކްސިޑެންޓާއި ގުޅުން ހުރި ކްލިޕްތައް ސުމައްޔާ އަށް ފެނުނެވެ. އޭނާ އަނގަމަތީގައި އަތް އަޅާލަމުން އަޒާޔާ އަށް އެ އެއްޗެހި ދައްކާލިއެވެ. ބަސް ގޮވި އަޑަށް އެ ދެމީހުން ވެސް ދިޔައީ ސިއްސައިގެންނެވެ.

“މިއަށް އެކްސިޑެންޓޭ ކިޔޭނެތަ؟ ގަސްތުގަ ގޮސްފަ ބަހަށް އަރުވާލީއެއްނު. ބަސް ތެރޭގައި ބޮމެއް ވެސް ހަރުކޮށްފަ. މިހާ ވަރަކުން އެތައް ބަޔަކު ދަތުރު ކުރާ ބަހެއް ގޮއްވާލަން ޖެހޭތަ؟” ސުމައްޔާ ނުރުހުންތެރިކަމާއި އެކު ބުނެލިއެވެ. “ނަސީބެއްނު ރީނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ވެވުނުކަން. އަލްޙަމްދުލިއްލާހި.” އަޒާޔާ އަރީންގެ އަތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ.

“ޚަބަރެއްގަ ނެތްތަ އިތުރު ތަފްސީލެއް؟” އަޒާޔާ އެހިއެވެ. “އާނ އަދި ނެތް. ވަރަށް އަވަހަށް އެ ވާހަކަ ޚަބަރަށް އަރާނެ ކަންނެ.” ސުމައްޔާ ރައްދުގައި ބުނެލިއެވެ. “ދެން ހިނގާ ދޯ ޕާސްޓްޕޭޕަރު ހަދަން.” އަރީން ނުތަނަވަސްކަން ކަނޑުވާލުމުގެ ގޮތުން ބުނެލިއެވެ. އެހެނަސް އެ ހަދަމުން ދިޔައިރު ވެސް އަރީނަށް މިއަދު ރަނގަޅަށް ޖަވާބެއް ނުހޯދެއެވެ. އެހެންޏާ އަނެއް ދެމީހުންނަށް އެހީވާ އަރީނަށް މިއަދު އެންމެ ފަސޭހަ ސުވާލުތައް ވެސް ހެދެނީ ސުމައްޔާމެން ކިޔައިދިނުމުންނެވެ.

ތިން އަންހެން ކުދިން ޕާސްޓްޕޭޕަރުން އަތް ދޫކޮށްލީ އިރު އޮއްސުނު ފަހުންނެވެ. އެއަށްފަހު އަޒާޔާ އޭނާގެ ލެޕުން ވަދެލީ ޚަބަރު ސައިޓަކަށެވެ. އެކްސިޑެންޓްގެ އިތުރު އުސްއަލިތައް ބަލާލުމުގެ ނިޔަތުގައެވެ. ފެނުމުން ލަސްނުކޮށް އެ ހުޅުވާލީ ކިޔާލަން ބޭނުންވެފައިވާ ވަރުންނެވެ. ޚަބަރުގައި ވާ ގޮތުން ބަހުގައި ތިބި ފަސިންޖަރުންގެ ތެރެއިން ސަލާމަތުން ފޭބުނީ އެންމެ ފަނަރަ މީހުންނަށެވެ. ދެން ތިބި ވިހި މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވި އިރު އަނެއް ދިހަ މީހުންނަށް ފޫނުބެއްދޭ ވަރުގައި ޒަޚަމުތައް ލިބިފައި ހުއްޓެވެ. މި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާ ކަން ވެސް ބަޔާންކޮށްފައިވެއެވެ.

“އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. މިއީ ހާދަ އަނިޔާވެރި ކަންތައްގަނޑެކޭ. ކިހާ ގިނަ ބަޔަކަށް ގެއްލުން މި ލިބުނީ. ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގޮސް މަރާ ނުލިއެއް ކަމަކު އެ ވާނީ ހަމަ ޤާތިލަކަށް.” ސުމައްޔާ ބުނެލިއެވެ.

“ހަމަ ޙަޤީޤަތުގައި ވެސް. މިއީ ދޯ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓަކީ. ބަލާބަލަ. ބަސް ގޮވީމަ ކައިރީގައި ހުރި ތިން ސައިކަލަކާއި ދެ ކާރެއްވެސް ހަލާކުވެ މަސްހުނިވީ ވިއްޔާ.” އަޒާޔާ އިތުރަށް ބުނެލިއެވެ. ދެން އެ ދެމެދުގައި ދެކެވުނީ އެ އެކްސިޑެންޓުގެ ވާހަކައެވެ. މަޣުރިބު ނަމާދަށް ގޮވުމުން ތިން މީހުން ދެން އަވަސްވެގަތީ ނަމާދަށް އަރާށެވެ. އެއަށްފަހު ޤުރުއާން ކިޔަވަން ތިބީ އާންމުކޮށް އެއީ އެކުދިން ޤުރުއާން ކިޔަވާ ވަގުތަށް ވާތީއެވެ.

ތިން ކުދިން އެ ކޮޓަރިން ނުކުތީ އިޝާ ނަމާދު ވެސް ކުރުމަށް ފަހުގައެވެ. ގެއަށް ދާން ނުކުންނަން ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެނީއެވެ. އަރީން މޫނު ކުނިކޮށްލި ނަމަވެސް ސުމައްޔާގެ ހިނިތުންވުން ފުޅާވިއެވެ. ހީވީ ދެންމެ ދެންމެ ވާރެއާ ތެމެން ނުކުމެދާނެހެންނެވެ. އަޒާޔާ އެ ދެމީހުން ގޮވައިގެން ގޮސް ސިޓިންރޫމުގައި ހުރި ބޮޑު ސޯފާގައި އިށީނެވެ.

“ސުމީމެން އާދޭ ކާން. ތިކުދިންނަށާ އެއްކޮށް މިއަދު މިހުރީ ކާން ހަދާފައި.” ކާގެއިން ބޭރަށް ބޯ ދިއްކޮށްލަމުން އާފިޔާ ގޮވާލިއެވެ. އެ ގޮވުމަށް އިޖާބަ ދެމުން ތިން ކުދިން ހިނގައިގަތީ ކާ ކޮޓަރިއަށް ވަންނާށެވެ. ސުފުރާ މަތީގައި ކާތަކެތި ނަން ހުސްކޮށް ހުއްޓެވެ. އަރާ މީރު ވަހުން ކުޅުދިޔާވާހާ ވެއެވެ. އެ ކުދިން ކާން އަޅައިފައި އަވަހަށް ކާން ފެށީ ހައިކަން ފިލުވާލުމަށް ބޭނުންވެފައިވާ ވަރުންނެވެ. ކައި ނިމުމާއި އެކުހެން ސުމައްޔާ ބަލައި އޭނާގެ ބައްޕަ އަތުވެއްޖެއެވެ.

“ރީން ބައްޕަ ނުނަގާ ފޯނެއް. ޔަޒާންބެއަށް ގުޅަންވީތަ؟” އަޒާޔާ ބުނެލިއެވެ. “ނޫން. ވާރޭ ތުނިކޮށްލީމަ ބަހުގައި ދެވޭނެއްނު.” އަރީން ވަގުތުން ދެކޮޅު ހެދިއެވެ. އަޒާޔާ ތުންފިއްތާލިއެވެ. އެ ދެބޭންގެ މެދުގައި ޖެހިފައިވާ ވަރުގަދަ މައްސަލަގަނޑާއި ހެދި އޭނާ ހުންނަނީ އަޖައިބުވެ އަންތަރީސް ވެފައެވެ. އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކައެވެ. އެ ފުރާޅެއްގެ ދަށުގައި އުޅޭ ދެ ބީރައްޓެހިން ކަހަލައެވެ. “ރީންގެ ބައްޕަ ބުނެފައެއްނު އޮންނަނީ ރޭގަނޑު އެކަނި ބަހުގައި ދަތުރު ނުކުރާށޭ. މަޑުކުރޭ. ދޮންބެ ގާތު މި ބުނަނީ ގެއަށް ލައިދޭން.” އަޒާޔާ ކޮޅަށް ތެދުވިއެވެ. “ދެން އަޒާ!” އަރީން އަޒާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“އެކަމަކު ރީނޫ. ރީން ބައްޕަ ފޯނު ނުނަގަންޏާ އެހެން މީހަކާ އެކު ދެވިދާނެއްނު. މިއޮއް މޫސުން ގޯސް ރޭގައި ރީން އެކަނި ފޮނުވާލެވޭތަ؟ އަދި ނުވީތާކަށް ތިއީ ފިންޏަށް ބަލި މީހެއް. ބޭނުން ވިޔަސް ނުވިއަސް ހެޔޮ. ޔަޒާންބެއާ އެކު ނުދެވެންޏާ ދޮންބެ އާ އެކު ދާން ޖެހޭނީ.” އުކުޅުގައި އަތް ވިއްދާލަމުން އަޒާޔާ ވާހަކަ ދެއްކި ގޮތުން ހީވީ މަންމަ އަކު ރުޅިގަދަވެގެން ލެކްޗަރެއް އަޅާލިހެންނެވެ. އަރީން އެންމެ ފަހުން ހަތިޔާރު ބެހެއްޓިއެވެ. ޔަޒާނާއި އެކުގައި ދާން ބޭނުންނުވާތީއެވެ.

އަޒާޔާ ޒަވިއަންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލުމާއި އެކު އެތެރެއިން ދޮރު ހުޅުވާލައިފިއެވެ. އަޒާޔާ އޭނާގެ ބޭނުން ބުނެލުމުން ޒަވިއަން އެއްބަސްވީ ލޯބިވާ ކޮއްކޮގެ އެދުމަކާއި ދެކޮޅު ހަދަން ބޭނުން ނުވާތީއެވެ. އޭނާ މޭޒުމަތީގައި އޮތް ކާރު ތަޅުދަނޑި ނަގައިފައި ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ކިރިޔާ އަށާރަ އަހަރު ވިއެއްކަމަކު އޭނާގެ އަތުގައި ކަޅުކުލައިގެ ބީއެމްޑަބްލިއު އެއް އޮވެއެވެ. އެއީ އޭނާ އަށް އަށާރަ އަހަރު ފުރުނު ދުވަހު ޒިޔާދު ހަދިޔާ ކުރި އެއްޗެކެވެ.

ޒަވިއަން ސިޓިންރޫމަށް ނުކުމެލީ ކަޅުކުލައިގެ ރޭބަން އައިނަކުން އެ އަސަރުގަދަ ދެލޯ ފޮރުވާލަމުންނެވެ. ދުވާލަކަސް ރޭގަނޑަކަސް އޭނާ އެ އައިނު ނާޅާ މަދު ފަހަރަކު ނޫނީ ނޫޅޭނެއެވެ. ސުކޫލު ވަގުތުތަކުގައި އެ ނާޅަނީ މަނާ ވީމައެވެ. ޒަވިއަން ގޮވާލުމުން އަރީން އޭނަގެ ފަހަތުން ހިނގައިގަތެވެ.

ބޮޑު ކުޑައެއް ނަގައިގެން ދެމީހުން އެކުގައި ދިޔައީ ގޭގެ ގަރާޖަށެވެ. ކުޑަ ލައްޕާލުމަށް ފަހު ގަރާޖުގައި ބާއްވާފައި ޒަވިއަން ގޮސް ކާރަށް އެރިއެވެ. އަރީން ގޮސް އެ ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ކާރު އިސްޓާޓް ކޮށްލައިފައި ގަރާޖުން ކާރު ނެރެ ދުއްވާލައިފިއެވެ.

ކާރު ދުއްވަމުން ދިޔައިރު އެ ދެމެދުގައި ވަނީ މަރުގެ ހަމަހިމޭން ކަމެކެވެ. ފިނިވެފައި އިން ވަރުން އަރީން ދެއަތް ދެއަތާ މޮޑެލަމޮޑެލާ އިނެވެ. މިއިން އެއްވެސް ކަމެއް ރެއަކާ ނުލާ ޙާލު ޒަވިއަން ކާރު ދުއްވަމުން ދިޔައީ އޭސީގެ ފިނިކަން އެންމެ މަތި ކޮށްލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަގުމައްޗަށެވެ. އަނެއް ކޮޅުން އަރީން ހީގަނެގެން ގޮސް ހަލާކު ވަނީއެވެ.

“އަރީން އެސްތްމާ ހުރޭތަ؟” ކާރުތެރޭގައިވީ ހަމަހިމޭންކަމަށް ނިމުމެއް ގެނައީ ޒަވިއަނެވެ. “ލައްބަ. ކި…ހިނެއް އެނގުނީ؟” ރައްދުގައި އަރީން ބުނެލިއެވެ. “މިއަދު ސްކޫލުން ދެކުނިން ނޭވާ ހިއްލައިގެން އުޅެނިކޮށް.” ޒަވިއަން ބުނެލިއެވެ. އަރީން އޯހް އޭ ބުނެލީ ހަމައެކަނި ބަނޑަށް އިވޭ ވަރަށެވެ. އޭގެފަހުން އެ ދަތުރު ނިމޭންދެން އެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ.

“ކުޑަ ބާއްވާފައި ދޯ މި އާދެވުނީ. ރަނގަޅުވާނެ. މި ހިސާބުން ދުވެލައިފައި އެތެރެއަށް ވަދެވޭނެއްނު.” ޒަވިއަން ކާރުން ނުކުތެވެ. އަރީން ނުކުތުމުން އޭނާގެ ގަނޑުފެން ކޮޅެއްހާ ފިނި އަތްތިލައިގައި ހިފާލަމުން ދުއްވައިގަތެވެ. އެހެނަސް ޢިމާރާތުގައި ހިޔާ ކުރެވިފައި ހުރި ހިސާބަށް ދެވުނު ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. އެހާ ވެސް ބޯކޮށް އެބަ ވާރޭ ވެހެއެވެ. ޒަވިއަން އަރީންގެ އަތުން ދޫކޮށްލުމުން ޝުކުރު އަދާކޮށްފައި ގޮސް އެތެރެއަށް ވަދެގެން ދިޔައެވެ. ޒަވިއަން އަނެއްކާ ވެސް ދުވެފައި ގޮސް އޭނާގެ ކާރަށް އަރައިފިއެވެ.

“ކީއްވެބާ އަރީންގެ އަތްތިލަ އެހާ ފިނީ! ހީވަނީ އައިސްކިއުބު ކޮޅެއްގައި އަތްލެވުނު ހެން. ހަމަ އެހާ ސެންސިޓިވް ތަ؟” ޒަވިއަން އަމިއްލަ ނަފްސަށް ބުނެލިއެވެ. ކާރުގެ އޭސީ ފިނިކަން އިތުރު ކުރެވިފައިވާ މިންވަރު އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ނިތްކުރީގައި މަޑުމަޑުން ޖަހާލެވުނީ އެހެން ވެގެންނެވެ. އެ އަންހެން ކުއްޖާ ޒަވިއަން ގާތުގައި އެ ވާހަކަ ނުބުނުމުން އަޖައިބު ވިއެވެ. އެ އަންހެން ކުއްޖާގެ މޮޔަކަމަށް މަލާމާތް ކޮށްލަމުން ޒަވިއަން ކާރު ދުއްވާލިއެވެ.

އަރީން އެޕާޓްމަންޓަށް ވަނުމާއި އެކު ފެނުނީ ސޯފާ ގޮނޑީގައި އިށީނދެ އިން ބައްޕައެވެ. އަފްޒަލްގެ މޫނުމަތިން ފައުޅުވާން ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އަރީން ފެނުމާއި އެކު އެ ހަށީގައި ހިފާ އޮޅުލައިގަތެވެ. ވާނުވާ ނޭނގިފައި އަރީން ހުރީ ބައްޕަގެ ފަރާތުން މި ފެންނަ އާދަޔާ ޚިލާފު ޙަރަކާތްތަކުގެ ސަބަބުން ފާޑަކަށް ބިރުގަނެފައެވެ. އަނެއްކާ މަންމައަށް ނޫނީ ދޮންބެއަށް ކަމެއް ވީ ހެއްޔެވެ؟ މިފަދަ ތަފާތު ސުވާލުތައް އަރީންގެ ހިތަށް އަރަމުން ދިޔައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ތިޔައީ މަގޭ މިތުރާއޭ 6

Next

ކިއުންތެރިންގެ ސަމާލުކަމަށް!!

Next
October 11, 2025

ކިއުންތެރިންގެ ސަމާލުކަމަށް!!

Previews
October 11, 2025

ތިޔައީ މަގޭ މިތުރާއޭ 6

6 Comments!

  1. nasira says:
    October 11, 2025 at 8:24 pm

    i like this version much better then the last one anyways keep up the work

    1. White rose White rose says:
      October 11, 2025 at 8:27 pm

      Shukran nasira ✨✨

  2. Anonymous says:
    October 12, 2025 at 7:42 pm

    When next?

    1. White rose White rose says:
      October 12, 2025 at 8:44 pm

      IA monday ga.
      Shukran Anonymous ✨✨

  3. urfavgirl says:
    October 12, 2025 at 11:55 pm

    v reethi next part avahah genesdhechey

    1. White rose White rose says:
      October 13, 2025 at 6:51 am

      IA miadhu submit kohlaanan
      Shukran urfavgirl ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 5←


All Right Reserved!