
“އެކީއްވެ؟” ކަމަކާ ދޭތެރޭ ވިސްނަން އިނދެފައި ފަޒާލް ފުރަތަމަވެސް ކުރީ ސުވާލެކެވެ.
“ކޮންކަމަކާ؟ ކޮން އެއްޗެއްތަ މައި ލަވް؟” ފަޒާލް ކުރި ސުވާލަށް ނިފޫއަށް ޖަވާބެއްދޭކަށެއް ނޭނގުނެވެ.
“މިބުނީ ކީއްވެހޭ؟ ކީއްވެހޭ އަހަރެންނަށް… މިހެން… މިވީގޮތް ނިފޫ ބަލަން ބޭނުން ނުވަނީ؟”
“ކޮން ހެނެއްތަ؟” ނިފޫ ހެދީ ނޭނގޭކަމަށެވެ.
ނިފޫ ފަޒާލްގެ ފަލަމަސްގަނޑުގައި ބުރަކަށި ވިއްދައިލާ ހަމަޖެހިލިއެވެ. އޭނާ ފަޒާލްގެ މޫނާ ދިމާއަށް ބަލައިލިއެވެ. ނިފޫ ފަޒާލްގެ ކަރުގައި އޮޅައިލާފައި އޮތް ގަދަ ނޫކުލައިގެ ސުކާރފްގައި ހިފައި ފަޒާލްގެ ތުންފަތާ އޭނާގެ ތުންފަތް ކައިރިކޮށްލިއެވެ. ފުރިގެންވާ ހިނިތުންވުމަކާއެކުގައެވެ. ފަޒާލް ނޫންކަމަށް ހެދިފައި މޫނު އެހެން ފަރާތަކަށް އަނބުރާލައި ދެއަތް ދޮންވެލިގަނޑު މަތީގައި ހައްޔަރުކޮށްލީ ފަހަތަށް ވާނެހެންނެވެ.
“ކިހިނެއްވީ؟” ނިފޫ ލައިގެން އިން ނޫކުލައިގެ ހެދުން ރަނގަޅުކޮށްލިއެވެ.
“އައި އެމް ސީރިއަސްއޭ ނިފޫ.” ފަޒާލް އިނީ ހަމައަސްލުގައިވެސް މަޖާކުރާ މޫޑެއްގައެއް ނޫނެވެ.
“ލޯބިވާތީ. އެނގިއްޖެތަ؟” ނިފޫ ފަޒާލްގެ މޭގައި އަތް މުއްކަވައިލާ މަޑުމަޑުން ޖަހައިލިއެވެ.
“ނޭނގެ. ތެދަށް ބުނެބަ ނިފޫ.” ނިފޫގެ ޖާވަބު ފަޒާލްއަކަށް ކަމަކުނުދިޔައެވެ.
“ވަރަށް ބޮޑަށް ލޯބިވާތީ. މިހާރު އޯކޭތަ؟”
“ހިއް. ނިފޫ ނުވާނެ ސީރިއަސްއެ.” ނިފޫގެ ޖަވާބުން ފަޒާލްގެ ގާތަށް ބޭއިޚްތިޔާރުގައި ހިނިއައެވެ.
“އަރ.” ފަޒާލްގެ ހިނިތުންވުން ކުއްލިއަކަށް ބަދަލުވެ ވޭނީ އާޙްގެ އަޑު އޭނާގެ އަނގައިން ބޭރުވިއެވެ.
“ކިހިނެއްވީ؟” ނިފޫ ދެލޯ ބޮޑުކޮށްލައި ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފަޒާލް ބަލައިލީ އޭނާގެ މެޔަށެވެ.
ފަޒާލްގެ އަނގައިންނާއި ނޭފަތުން ލޭތައް ފައިބަން ފެށިއެވެ. ނިފޫއަށް އަވަސްއަވަހަށް ފަޒާލްގެ މެޔަށް ބަލައިލެވުނެވެ. ފަޒާލް ލައިގެން އިން ހުދުކުލައިގެ ގަމީސް ލެއިން ފޯވެ ހުދުކުލައިގެ ޖިންސް ލެއިން ފޯކުރަމުން ދިޔައެވެ. ނިފޫއަށް ބޭއިޚްތިޔާރުގައި މޮޔައެއް ފަދައިން ލޭތައް މަނާ ކުރެވޭތޯ އުޅެން ފެށިއެވެ. ފަޒާލްގެ މެޔަށް ހެރިފައި ހުރި ވަޅިން އޭނާގެ ހިތުގެ ވިންދު ހުއްޓުނެވެ. އެޔާއެކު އޭނާ ބިންމައްޗަށް ވެއްޓުނެވެ. ނިފޫއަށް ބަލައިލެވުނީ ލެއިން ކަޅިވެފައިވާ އޭނާގެ ދެއަތްތިލައަށެވެ.
“ހިއްހިއް.”
ލާނެތްގޮތަކަށް މީހަކު ހޭން ފެށިއަޑަށް ނިފޫ ކުރިމައްޗަށް ބަލައިލީ ދެލޯ ބޮޑުކޮށްގެން އިނދެއެވެ. އޭރު ޒާން އޭނާގެ ކުރިމަތީގައި ހޭން ހުއްޓެވެ. ނިފޫގެ ލޮލުން ކަރުނަ ނީރައިލިއެވެ. ޒާން މަޑުމަޑުން ނިފޫއާ ދިމާއަށް ހިނގައިގަތެވެ. ޒާންގެ ކޮންމެ ފިޔަވަޅަކުން ޒާންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ހަށިގަނޑު ބިޔަވެ ގައިގާ ހުރި އަންނައުނު އިރައިރައިގެން ދާންފެށިއެވެ. މުޅި ގައިގާ ކެހެރި ފަޅައި ނިޔަފަތިތައް ދިގުވާން ފެށިއެވެ. ލޮލުގެ ރީނދޫކަން ގަދަވެ ނޭފަތާއި ދަތްތައް ދިގުވަމުން އައެވެ.
ޒާން ކުއްލިއަކަށް ގުން ކިޔައި ނިފޫއާ ދިމާއަށް ދުއްވައިގަތެވެ. ނިފޫއަށް ހަނދާނެ ގޮތް ހުސްވެފައި އިންތަނުގައި އިނދެވުނީއެވެ. ޒާން ދުވެފައި ދިޔަ ބާރުމިނުގައި އައިސް އޭނާގެ ބޮޑު އަނގަހުޅުވައި ނިފޫއާ ދިމާއަށް ފުންމައިލިއެވެ. ޒާންގެ އަނގަ ސީދާވެފައި ހުރީ ނިފޫގެ މޫނާ ދިމާއަށެވެ.
“މަންމާ!”
ނިފޫއަށް ހަލޭލަވައިގަނެވުނެވެ. ރަނގަޅަށް ވަށައި ހޯދައިލެވުނެވެ. އޭނާ އޮތީ ކޮޓަރި އެނދުމަތީގައެވެ. ފެނުނީ ހުވަފެނެކެވެ. އޭރުވެސް އޭނާގެ ހިތް ނެގިނެގިފައި މޭގައި ޖެހި ބާރުބާރަށް ތެޅެމުންދެއެވެ. ފުން ނޭވާއެއް ބޭރަށް ދޫކޮށްލުމަށްފަހު ހުވަފެނާއި ދޭތެރޭ ނިފޫ ވިސްނައިލިއެވެ.
ކަޅުފޮއި އަނދިރި ރެއެކެވެ. ކިތަންމެ އަނދިރި ކަޅުފޮއި ރެއަކަށްވީނަމަވެސް މުޅިގޮނޑުދޮށްވަނީ މޫދުގައި ލާފައިވާ ރެނދަނުން ދިއްލައި އަޅައިލާފައެވެ. ބަލައިލަން އެހޭ ހިތްގައިމް މަންޒަރެކެވެ. ދުނިޔެމަތީގައި އެއްވެސް ވަޔެއްގެ އަސަރެއް ނެތުމުން ގޮނޑުދޮށަށް ބީއްސައިލާ ރާޅުތައް އެއްވެސް އަޑެއްނުލައްވައި އައިސް ދޮންވެލިގަނޑުގައި ސުލްޙަވެރިކަމާއެކު ބޮސްދެމުން ދިޔައެވެ. ތަނުގައި ހުރި އަލިން އުޑުމަތީގައި މަޑުމައިތިރިކަމާއެކު މަޑުމަޑުން ދަތުރުކުރަމުން ދިޔަ ވިލާތައް ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ.
ނިފޫ އަތިރިމައްޗާ ދިމާއަށް މިސްރާބު ބަހައްޓައިފާ ހުރިއިރު ފަޒާލް ގޮނޑުދޮށުގައި ހުރީ ނިފޫގެ އިންތިޒާރުގައެވެ. މޫދުގެ ލޮނުގަނޑުން ފައިކުރި ތެމިދާނެތީ ފަޒާލް ލައިގެން ހުރި ހުދުކުލައިގެ ފަޓުލޫނުގެ ފައިކުރި ހުރީ އޮޅައިފައެވެ. މޫދުގައިވާ ފިނިކަން ފަޒާލްގެ ހަށިގަނޑުގައި އޮއިވަރެއްހެން ދައުރުވެ ދައުރާނަވެ ހުއްޓެވެ. ކަރުގައި އޮޅައިލާފައި އޮތް ގަދަ ނޫކުލައިގެ ސުކާރފުން އެފިނިކަން އެއް ހަމައެއްގައި ހިފަހައްޓައެވެ. ފަޒާލް ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ އަތްކުރި އުޅަބޮށްޓައި ހަމައަށް އޮޅައިފައި ހުރުމުން ފަޒާލްގެ ފިރިހެންވަންތަ އަތް އޮތީ ހާމައަށް ފެންނާށެވެ.
“ތިސް ޓައިމް ޔޫ އާރ ލޭޓް.” ނިފޫ އައިސް ފަޒާލްގެ ގައިގާ ފަހަތުން ބައްދައިލިއެވެ.
“އޭމް އައި؟ ކިހިނެއް އެނގުނީ އަހަރެންކަން.” ނިފޫ ވަރަށް ލޯބިކޮށް ފަޒާލްގެ ބުރަކަށީގައި ތުންފަތް ޖައްސައިލިއެވެ.
“ހުމް. އެނގޭ ތިހުރީ ހުދުކުލައިގެ ހެދުމެއްލައިގެން ކަން. އެންޑް ނޫޖިންސެއް. ފައިކުރި އޮޅައިފަ. އިސްތަށިގަނޑު ދޫކޮށްލައިފަ.” ފަޒާލް އެނބުރިނުލައި ހުރެ ނިފޫގެ ސިފަތައް ކިޔައިދޭން ފެށިއެވެ. “ބައި ދަ ވޭ ވަރަށް ލޯބި ބޭރުވެސް އެތެރެވެސް.”
“އެ. ކީކޭ؟ ނުލަފާކަން. ނޭނގޭނެ ކިތަންމެ މޮޅެތި ބާރުތަކެއް ހުއްޓަސް.” ނިފޫގެ ކޮޅަށް ގަދަކޮށްލިއެވެ.
“ހީވޭތަ. ކިޔައިދޭންތަ؟” ފަޒާލްވެސް ދުލެއް ނުކުރިއެވެ.
“ހުމް ކިޔައިދީބަ!”
“އެތެރެއިން.” ފަޒާލް ނިފޫއާ ކުރިމަތިވާނެހެން އެނބުރުނެވެ. “ބުނެދީ އޭރުން އެނގޭނެ.”
“ހައްހައްހާ! ނޭނގުނެއްނު. އާދޭ ކިޔައިދޭނަން.” ނިފޫ ކުއްލިއަކަށް ފަޒާލް ނުވިސްނައި ހުއްޓައި އަތުގައި ހިފައި ދުއްވައިގަތެވެ.
ފަޒާލްވެސް ނިފޫއެކޭ އެއްފަދައިން ހެމުން ހެމުން ދުއްވައިގަތެވެ. މޫދުގެ ލޮނުގަނޑުގައި ހުރި ރެދަންތައް ހުރީ އެމީހުންގެ ފައިތިލައިގައި ތަތްލަވާފައެވެ. އެ ދެލޯބިވެރިން ދުވަމުންދާ ކޮންމެ ތަނެއްގައި ރެދަންތަކުގެ ނިޝާންތައް ފިޔަވަޅުތަކެއް ހެން ހިފައިފާ ހުއްޓެވެ. ދުވަމުން ދުވަމުން ދަމުން ފަޒާލް ފަހަތް ބަލައިލީ އެތަނުގައި އެދެމީހުންގެ އިތުރުން އެހެން މީހަކު ހުރިހެން ހީވާތީވެއެވެ.
ދުރުނޫން ހިސާބެއްގައި ހުރި ރުކެއްގެ ދަށުގައި މީހަކު ހުރިކަން ފަޒާލްއަށް އެނގުނެވެ. ވަގުތުން މަޑު ނޫކުލައިގެ ދެލޯ ދިއްލައިލާ އެއީ ކާކުކަން ދެނެގަންނަން މަސައްކަތްކުރިއެވެ. އެމީހަކު ގައިގާ ހުރީ ކަޅުކުލައިގެ ފޮތިގަނޑެއް އޮޅައިލާފައެވެ. ދެލޯ ފެންނަން ނެތުމުން އެއީ ކާކުކަމެއް ނޭނގުނެވެ. އެހެނަސް ފެންނަން ހުރި ތުންފަތުން އެއީ އަންހެނެއްކަން ފަޒާލަށް އެނގުނެވެ.
“ފަޒާލް. ކިހިނެއްވީ ހުއްޓިފައި ތިހުރީ؟” ފަޒާލް ދުވުން ހުއްޓައިލީ ރުއް ކައިރި ބަލައިލާށެވެ.
“ކަމެއް ނުވޭ. މީހަކު ހުރިހެން ހީވީމަ ބަލައިލީ.” ފަޒާލް އެނެއްކާހެންވެސް ރުއް ކައިރިއަށް ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށެއް ނެތެވެ.
“ޒާންތަ؟” ނިފޫގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ.
“ނޫން. ޒާން ދެނެއް ނާންނާނެ.” ފަޒާލް ޔަޤީންކަމާއެކު ބުނެލިއެވެ. “ބިރުނުގަނޭ މައި ޑާރލިން.”
“ބިރުގަންނާނެދޯ. ކުރިން ރެއަކުވެސް ފެނުނީ ޒާން އައިސް ފަޒާލް މަރައިލާތަން.” ހަމައަސްލުވެސް ނިފޫ މިހާރު ބިރުގަނެއެވެ.
“އަކަމަކު އަހަރެން މިހުރީނުން.” ފަޒާލް ކޮށްލީ ސަމާސާއެކެވެ.
“އެއީ ހުވަފެނުގަ ވީކަމެކޭ. ފަޒާލް. މައި ލަވް އަހަރެން އަސްލުގަވެސް ބައެއް ފަހަރަށް ވަރަށް ބިރުގަނޭ.”
“ބިރުނުގަނޭ މަގޭ ދެލޯފުޅާ! އަހަރެން ހުރިހާ ދުވަހަކު ނިފޫއަށް ސަލާމަތްކަން އޮންނާނެ.” ފަޒާލް ދެއަތުން ނިފޫގެ މޫނުގައި ހިފައިލިއެވެ.
“އެކަމަކު ޒާން އައިސްދާނެ އެންނުން.” ނިފޫ ފަޒާލްގެ ބަނޑުގައި ދެއަތުން ބައްދައިލިއެވެ.
“އެހެންވޭ މިބުނީ އަހަރެންގެ ހަޤީޤަތް ކިޔައިދޭންހޭ؟ އެކަން އޮތްނެތް ގޮތް.” ފަޒާލް މަސައްކަތްކުރީ ނިފޫއަށް ހުރިހާ ވާހަކައެއް ތެދުވެރިކަމާއެކު ކިޔައިދޭށެވެ.
“އަހަރެން ލޯބިގަނޑަށް ވަރަށް އިތުބާރުކުރަން. ނުކިޔައި ދިނަސް އޯކޭ. އިތުރަށް ބިރުގަންނާކަށެއް އަހަރެން ބޭނުމެއްނޫން.” ނިފޫގެ ތުންފަތް ފަޒާލްގެ ތުންފަތާ ހަމައަށް މަޑުމަޑުން ގެންދަން ފެށިއެވެ.
ނިފޫގެ ދެލޯ ހުރީ މެރިފައެވެ. ފަޒާލްގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމަށްފަހު ނިފޫގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. ފަޒާލް ނިފޫގެ ތުންފަތުގައި ދަތްއަޅައިލާ ކޮންމެ ފަހަރަކު ނިފޫ ފަޒާލްގެ ގައިގާ ބާރަށް ބައްދައިލައެވެ. ލިބެމުންދިޔަ ހިތްހަމަޖެހުމާއެކު އިރުކޮޅެއްނުވެ ފަޒާލްގެ ދެލޯވެސް މަޑުމަޑުން މެރެމުންދިޔައެވެ. އެ ދެލޯބިވެރިން ހީވަނީ އެކަތިގަނޑެއްހެންނެވެ. އެކަކު އަނެއްކަކަށް އެކަމުގެ ސަބަބުން ނުހަނު އުފަލާއި ހިތްހަމަޖެހުން ލިބެމުންދިޔައެވެ.
ފަތިހުގެ ހިތްގައިމު ވަގުތެވެ. އިރު އޭގެ ވާޖިބާގެން ދުނިޔެއަށް އެރުމަށް ތައްޔާރުވަމުންދަނީއެވެ. ކަނބިލި ކޮވެލީގެ ގޮވުންތަކުން މުޅިތަނަށް ވެރިވެފައިވަނީ ހިތްގައިމް މުއިޒިކީ އަޑެކެވެ. މަގުމަތީގައި އެއްވެސް މީހަކު ނޫޅެއެވެ. ހީވަނީ މުޅިރަށް އަދިވެސް ނިދަނީހެންނެވެ. ނޫނީ ފަތިސް ނަމާދުކޮށްލައިގެން މުސްކުޅިވެރިންތައް އެކިއެކި ކަންކަމާގެން ރަށުން ބޭރަށް ފުރީހެންނެވެ. އެމީހެއްގެ މަސައްކަތުގައި ޝާމިލްވެގެން ދިޔައީހެންނެވެ.
ފަޒާތެރޭގައި އެކުލެވިފައިވާ ތެތްފިނިކަމުގެ ތެރޭގައި ނިފޫ އޮތީ ގޭދޮށް ކުނިކަހާށެވެ. އޭނާގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ކުރިން ރޭ ވެގެންދިޔަ ކަންކަން އޭނާގެ ލޯ މައްޗަށް ސިފަވަނީއެވެ. ބައެއް ފަހަރަށް ބޭއިޚްތިޔާރުގައި މޮޔައެއް ފަދައިން އެކަނިމާއެކަނި ހީލައި މަންޒަރުވެސް ފެނެއެވެ.
“ހެލޯ!”
ނިފޫގެ ފަހަތުން މީހަކު ގޮވައިލުމުން، އޭނާ ދިޔައީ ސިހިގެންނެވެ. އިލޮށިފަތިން ކެހުން ހުއްޓައިލާ އަވަސްއަވަހަށް އެދިމާއަށް ބަލައިލެވުނެވެ. އޭނާގެ ކުރިމަތީގައި އިސްކޮޅުން ދިގު އަންހެން ކުއްޖެއް ހުއްޓެވެ. އޭނާގެ ކަޅު އިސްތަށިގަނޑު ހުރީ ތިރިއަށް ދޫކޮށްލައިފައެވެ. އެ އަންހެން ކުއްޖާގެ ހަންގަނޑު ހުރީ ހިސާބަކަށް އަވިން އަނދައިފައެވެ. ލައިގެން ހުރި ކަޅު ހެދުމަކީ ޒަމާނަށް ފައްތައިފައިވާ ހެދުމެކެވެ.
“ކީއްކުރަންތޯ؟” ދުވަހަކުވެސް ރަށުން ނުފެންނަ ކުއްޖަކަށްވުމުން ނިފޫ ރީތިބަހުން ވާހަކަ ދެއްކީ ބީރަށްޓެއްސަކަށް ވެދާނެތީއެވެ.
“ހެއް. މަށަށް ކިޔަނީ އާނިޔާ. ފަޒާލްގެ ބިޓް.” އާނިޔާ މޫނަށް ފާޑުފާޑުގެ ވައްތަރުޖައްސަމުން ވާހަކަ ދެއްކިއެވެ.
ނިފޫ ހީކުރީ އޭނާ ފަޒާލްއާ ރަށްޓެހިވެގެން އުޅޭތީވެ ޖެއްސުންކުރަނީކަމަށެވެ. އެއީ ފަޒާލްވެސް އާނިޔާއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކައިފާ ނުވާތީވެއެވެ.
އާނިޔާ ތުންފަތަށް ފާޑެއްގެ ގޮތެއް ހަދައިލިއެވެ. “ހައިރާންވެއްޖެދޯ؟ އަދި އެނގޭނެ ބޮޑުވީމަ.” ނިފޫގެ ފައިބުޑަށް އާނިޔާ ކުޅެއްޖަހާފައި އެތަނުން ދުރަށް ހިނގައިގަތެވެ.
އަތިރިމައްޗަށް ޖެހެމުންދިޔަ ހިތްގައިމު ވައިން ކޮންމެ ހިތަކަށްމެ ފިނަކަމާއި ހިތްހަމަޖެހުން ގެނެސްދޭނެއެވެ. ފަންތަކުގައި ވައި އެޅި އިވެމުންދާ އަޑުގައި މިއުޒިކީ ރާގެއް ހުންނަކަން އެއީ އެންމެވެސް ދަންނަކަމެކެވެ. ހަމަހިމޭން ގޮނޑުދޮށަށް ވެރިވެފައިވާ މިލަ ހަނދުވަރުން ތަނަށް ވެރިވެފައިވަނީ ފަޑު އަލިކަމެކެވެ.
ފަޒާލްއާއި ނިފޫ ގޮނޑުދޮށުގައި ތިބިއިރު ތިބީ އެކަކު އަނެއްކެއްގެ ހޫނުން އެކަކު އަނެއްކަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާނެ ގޮތަށެވެ. ފަޒާލްގެ އުނގުގައި ނިފޫ އިނީ ފަޒާލްގެ މޭމަތީގައި ލެނގިލައިގެންނެވެ. ފަޒާލް ނިފޫ ލައިގެން އިން މެރޫން ކުލައިގެ ހެދުމުގެ ކޮނޑު އެއްފަރާތަކަށް ޖައްސައި ފަޒާލްގެ ތުންފަތުން ބޮސްދެމުންދިޔައެވެ. ފަޒާލްގެ ކުރުކުރު އިލި ތުބުޅި ނިފޫގެ ގައިގާ ޖެހެމުން ބުނަން ނޭނގޭ ހިތްހަމަޖެހުމެއް އޭނާއަށް ލިބެމުންދިޔައެވެ. ފަޒާލްގެ އަތް މަޑުމަޑުން ނިފޫގެ މޭމަތީގައި ހަރަކާތް ކުރަމުން އުނގާ ދިމާއަށް އަތް ދާން ފެށިއެވެ.
“ފަޒާލް…” ނިފޫ ލޯބިން ފުރިގެންވާ ގޮތަކަށް ފަޒާލްއަށް ގޮވައިލިއެވެ.
“ހުމް… އެނގޭ އަދި އެހިސާބަށް ދާން ނުޖެހޭކަން. މައި ލަވަރ އޮފް ދި ހޯލް ވާރލްޑް.”
“ތެންކިޔޫ ފޮރ ދި އަންޑަސްޓޭންޑިން.” ނިފޫ ވާހަކަ ދައްކަން ފެށީ ދުރުދުރުންނެވެ. “އެނގޭތަ އާނިޔާ؟”
“ވަޓް. ހޫ؟” ފަޒާލް ދިޔައީ ސިހިގެންނެވެ. “ކިހިނެއް ނިފޫއަށް އޭނާގެ ނަން އެނގުނީ؟ އޭނާ އެނެއްކާ ނިފޫއަށް ކަމެއް ކުރިތަ؟”
“އެހެންވީމަ އެނގޭދޯ؟ އޭނާ އަހަރެންގެ ގާތަށް އައިސް ފަޒާލް ތިއީ އޭނާގެ ބިޓޭ ކިޔައި ވާހަކަ ދެއްކި.” ކަންވީގޮތް ނިފޫ ފަޒާލްއަށް ޚުލާޞާކޮށްލިއެވެ.
“އަހަރެން ފުރަތަމަވެސް ބުނިން ލޯބިގަނޑު ގާތުގަ އަހަރެންގެ ވާހަކަ އަޑުއަހާށޭ!” ފަޒާލްގެ ދެފުށް ނިފޫއަށް އެނގުނު ދުވަހުންސުރެއް ފަޒާލް މަސައްކަތްކުރީ ނިފޫއަށް ހުރިހާ ހަޤީޤަތެއް ހާމަކުރާށެވެ. “އެކަމަކު ލޯބިގަނޑު އަހަރެންނަށް އެއްވެސް ފުރުޞަތެއް ނުދެމެންނުން.”
“އޯކޭ! މިހާރު މިދިނީ ފުރުޞަތު. އަވަހަށް ކިޔައިދީ.” ފަޒާލްއާ ކުރިމަތިވާނެހެން ނިފޫ ޝައުޤުވެރިކަމާއެކު އަޑުއަހާ ހިތުން އިށީނެވެ.
“އަހަރެން ކިޔައިދޭން މިއުޅެނީ އާދައިގެ ވާހަކައެއްނޫން. ޤަބޫލުކުރަން…”
“ޤަބޫލުކުރަންދަތި ކިތަންމެ ކަމެއް މީހަރުވެސް ޤަބޫލުކޮށްފިން. ފަޒާލްގެ ކޮންމެ ވާހަކައެއް އަހަރެން ހެޔޮހިތުން ޤަބޫލުކުރާނަން.” ނިފޫ ފަޒާލްގެ ޖުމުލަ ފުރިހަމަކޮށްލިއެވެ.
“މީގެ އެތަކެއް އަހަރެއް ކުރިން. އަހަރެމެންގެ މުނިމުނި ކާފަމެންގެވެސް ކުރީގައި. ހޫރުހޫރު ކާފަމެންގެވެސް ކުރީގައި. އަހަރެމެން އާއިލާގައި ޖިންނި މޮޔަވި ކުއްޖަކަށް ވަރަށް މޮޅު މީހަކު ލައްވާ ފަންޑިތައެއް ހެދި. އެ ފަންޑިތަ ހަދަން މަޖުބޫރުވީ އެތައް ބަޔަކު ލައްވާ ހެދި ހުރިހާ ފަންޑިތައަކުންވެސް ސިހުރު ބާތިލްނުވުމުން.” ފަޒާލް ހަނދާން ކުރަމުން ކުރަމުން އެވާހަކަ ފެށިގެން ކިޔައިދެމުންދިޔައެވެ.
“އެ ފަންޑިތާގައި ޖިންނިޝައިތޯނުންގެ ތެރެއިން އެންމެ ބާރުގަދަ ތިން ޖިންނިން ބޭނުން ކުރި. އެ އެއްޗެހިންގެ ޝަރުތަކަށްވީ ދަރިފަސްކޮޅުންކުރެއް ކޮންމެވެސް އެއް އަންއެހެން ކުއްޖަކު ނުވައަހަރުވުމުން އެމީހުންނާ ހަވާލުކުރުން. އެކަމަކު އެ ފަންޑިތަ ހަދާ މީހާ އެވާހަކައެއް އަހަރެމެންގެ އާއިލާ ގާތަކު ނުބުނެ.” ފަޒާލްއަށް ދަތްކުނޑި ވިކައިލާ ގޮށް މުއްކަވައިލެވުނެވެ.
“ނަތީޖާއެއްގެ ގޮތުން އަހަރެން މި ބަދަލުވާ ސިފައަށް އާއިލާގެ ކޮންމެވެސް އެކަކު ބަދަލުކުރޭ. އެއީ ކޮންމެ ދަރިފަސްކޮޅަކުން އެކަކު. އެކަން އެގޮތަށް ދިމާވުމުން އަހަރެން ކަހަލަ ބައެއް މަޚްލޫޤުންނަށް އެހެން މީހުން އެފަދަ މަޚްލޫޤުންނަށް ބަދަލުކުރުމުގެ ބާރުވެސް ލިބުނު. ޒާންއަކީ އޭގެ މިޘާލެއް. އެހެންވެގެން އެކަން އޮންނަނީ ސިއްރެއްގެ ގޮތަށް، މިހާރު އަހަރެން ކަހަލަ މީހުންގެ އަދަދަކީ ކިހާވަރެއް ކަމެއްވެސް ނޭނގެ.” ފަޒާލްގެ ލޯ ފެންކަޅިވަމުން ދިޔައެވެ.
“އަހަރެންމެންގެ ކާފަމެން އެކަން އެގޮތަށް ދިމާވަމުން ދާތީ، އެފަންޑިތަ ހެދި މީހާ ހޯދަން ދިޔަ. އެކަމަކު… އެކަމަކު އަދި އަދަށް ދާންދެއްވެސް އެމީހަކު މި ރާއްޖެއިން ފެނިފައެއް ނުވޭ. އޭނާ ނުފެނުނު ތަނުގައި އޭނާގެ ފުރާނަނެތް މަސްގަނޑެއްވެސް ފެނިފައެއްނުވޭ. އޭނާ ހީވީ ވައިގެ ތެރެއަށް ގެއްލުނުހެން.” ފަޒާލް މާޔޫސްކަމާއެކު އިސްދަށަށް ޖަހައިލިއެވެ. “މިއީ އާއިލާގެ ސިއްރުވެރި ވާހަކައެއް. ކޮންމެ ކޮންމެ މީހަކަށް މިވާހަކައެއް ނޭނގޭނެ. އެނގޭ މީހުންވެސް އެހެން މީހުންގެ ގާތަކު މިވާހަކައެއް ނުދައްކާނެ. މިއީ ވަރަށް ބޮޑު ސިއްރެއް. މިއީ އާއިލީ ސިއްރެއް.” ފަޒާލް ނޭފަތް އެތެރެއަށް ދަމައިލިއެވެ. “އާނިޔާއާ އަހަރެން ރަށްޓެހިވީ އޭނާ އަހަރެންގެ އެނެއް ސިފަ ހެޔޮހިތުން ޤަބޫލުކުރީތީވެ. އެކަމަކު އޭނާގެ އެދުމަކީ އެހެން އެދުމެއް. އޭނަ ދިޔައީ އަހަރެން ދިރާސާކުރަމުން. އެހެންވެގެން އަހަރެން އޭނާއާ ރުޅިވީ އެއީ އަހަރެންގެ ކިބައިން ލޯބީގެ ބަދަލުގައި އެހެން އެއްޗެހިތަކެއް ހޯދަން އުޅުމުން.”
“ސޮރީ. އެވާހަކަތައް ލަސްކުރެވުނީތީ. އަހަރެން އާނިޔާދެކެ އެއްވެސް ލޯތްބެއް ނުވަން. އޭނާއަށް ހެޔޮއެދުނަސް އޭނާ އެއީ މަކަރުވެރިއެއް. އަހަރެން ބޭނުން އަބަދުވެސް ކަލާގެ ހައްޤެއް ގޮތުގައި ހުންނަން. އަހަރެން ބޭނުންވޭ އަބަދުވެސް ލޯތްބަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން. އަހަރެން މިއީ އެހެން މަޚްލޫޤެއްކަން ހާމަކުރަން ޖެހިލުންވީވެސް ކަލާ އަހަރެންނަށް ގެއްލިދާނެތީވެ.” ފަޒާލް އެވާހަކަތައް ކިޔައިދީ ނިމުނުއިރު ލޯ ހުރީ ފެންކަޅިވެފައެވެ.
“ފަޒާލް މައި ވާރލްޑް. މައި ލަވް އެންޑް މައި ސޮއުލް. ދުވަހަކުވެސް އަހަރެންނެއް ފަޒާލަކަށް ނުގެއްލޭނެ.” ފަޒާލްގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ނިފޫ ފޮހެލަ ދިނެވެ.
ފަޒާލްގެ ތުންފަތާއި ނިފޫގެ ތުންފަތް ގުޅުވައިލީ ނިފޫ ފަޒާލްގެ ގައިގާ ބައްދައިލަމުންނެވެ. ނިފޫގެ ލޮލުން އޭރު ކަރުނައިގެ އަސަރު އައިސްފައި ހުއްޓެވެ. އެފަދަ ރަނގަޅު އިންސާނެއް ނޫނީ މަޚްލޫޤެއްވިއަސް އޭނާއަށް ލިބުނުކަމަށްޓަކައި އުފާކުރާ ހާލުގައެވެ. ފަޒާލްއާއެކު މުޅި އުމުރު އުޅެ ހުސްކުރުމުގެ އުއްމީދުގައެވެ.
“ހެއި މައި ޑާރލިން. ހަވް އާރ ޔޫ؟” ފަޒާލްމެންގެ ގެއަށް އާނިޔާ ވަދެގެން އާއިރު ފަޒާލް އިނީ ސިޓިން ރޫމްގައެވެ.
“ޑޯންޓް ކަމް ނިއަރ މީ!” ފަޒާލްގެ މޫނުމަތިން ފާޅުވަން ހުރީ ރުޅިވެރިކަމެވެ.
“އު…އޫ… ހާދަހާ ލޯތްބޭ ފަޒާލް ރުޅިއައީމަ.” އާނިޔާ އައިސް ފަޒާލްގެ ކައިރީގައި އިށީނެވެ.
“އަހަރެން މިބުނީނު އަހަރެންގެ ގާތަށް ނާންނާށޭ!” ފަޒާލް އިންތަނުން ދެތުވެގެން އެހެން ގޮނޑިއަކަށް ދިޔައެވެ.
ނިފޫ ހިނގަމުން ދިޔައީ މަޑުމައިތިރިކަމާއެކުގައެވެ. ރޭނގަޑުގެ އަނދިރިކަމުގެ ތެރޭގައި އެކަނިމާއެކަންޏެވެ. ފަޒާލްގެ ގާތުގައި ބުނިނަމަ އޭނާ ބަލައި އަންނާނެކަންވެސް އެނގިހުރެއެވެ. އެހެން ނަމަވެސް އެއީ ނިފޫ ބޭނުންވީ ގޮތެވެ. ހިނގައިލާފައި ފަޒާލްމެންގެ ގެއަށް ދިއުމުވެ.
“ތިއީ އަހަރެންގެ ލޯބިވެރިޔާއެއްނޫންތަ؟” އާނިޔާ ދޫނުކޮށް ފަޒާލް އިން ގޮނޑިއަށް ދިޔައެވެ.
“އައި އެމް ނޮޓް.” ފަޒާލް ވަގުތުން ބޯހޫރުވައިލިއެވެ.
“ޔޭސް ޔޫ އާރ މައި ލަވް.” އާނިޔާ ފަޒާލްގެ ގާތަށް ޖެހިލައި ފަޒާލްގެ ފަލަމަސްގަނޑަށް ފައި އެއްލިއެވެ.
ނިފޫއަށް ފަޒާލްމެންގެ ދޮރާ ހަމައަށް ދެވުނުއިރު ފަޒާލްއާއި އާނިޔާ އިނީ ސޯފާގައެވެ. އާނިޔާއާއި ފަޒާލް ތިބީ ޖެހިޖެހިގެނެވެ. ފެންނަ މީހަކަށް ހީވާނީ ދެލޯބިވެރިން ހެންނެވެ. ނިފޫއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ހޫނު އެތި ފަހަރެއް ޖެހިހެންނެވެ. އޭނާގެ ހިތަށް ގޮތްވިއެވެ. މެޔަށް ދިލަ އަރައިގެން ދިޔައެވެ.
“ނިފޫ!” ފަޒާލްގެ ދެލޯ ބޮޑުވެގެންދިޔައެވެ.
އެ މަންޒަރު ފެނުމުން ވަގުތުން ނިފޫގެ ދެ ލޯ ފެންކަޅިވެ ލޮލުން ކަރުނަ ނީރައިލިއެވެ. އަޑުން އަޑުލައި ރޮވިދާނެތީވެ އޭނާއަށް އަނގަމަތީގައި އަތްއެޅުނެވެ. ފަޒާލްއާއެކު ކުރެވުނު ހުވާތަކާއި ވަޢުދުތައް ވިއްސިވިހާލިވިހެން ހީވިއެވެ. ފަޒާލް ދެއްކި ހުރިހާ ވާހަކަތަކެއް ދަޅަމަތީގައި އެޅުނު ދަޅަތަކަކަށް ވިއެވެ.
“ނޫން. ތިސް އިސް ނޮޓް ވަޓް ޔޫ ތިންކް.” ފަޒާލް އަވަސްއަވަހަށް އާނިޔާގެ ފައި އުނގުމަތިން ހޫރުވައިލާ ކޮޅަށް ތެދުވިއެވެ.
ފެނުނު މަންޒަރުން ނިފޫ ގެއާ ދިމާއަށް ދުއްވައިގަތެވެ. އޭނާގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ވައިގެ ތެރެއަށް ދޫވަމުންދިޔައެވެ. ފަޒާލް ނިފޫގެ ފަހަތުން ގޮވަމުން ގޮވަމުން ދުވެފައި އައެވެ. ރޭނގަޑުގެ ވަގުތުކަމުން މަގުމަތީގައި އެއްވެސް މީހަކު ނެތެވެ. ދިޔަބާރުމިނުގައި ގޮސް ނިފޫ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އޭނާގެ ލޮލުން ކަރުނަ ނީރައިލާފައި ހުއްޓެވެ. އޭނާއަށް ފެނުނު މަންޒަރުން ހިތްދަތިވީއެވެ.
“ނިފޫ! ދެން ހުޅުވަބަ، ދޮރު!” ފަޒާލް ދޮރު ކައިރީގައި ހުރެ ޓަކިދޭން ފެށިއެވެ.
އެހެންނަމަވެސް ނިފޫ ކޮޓަރީގެ ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ކޮޓަރިތެރޭގައި އެކަނިމާ އެކަނި އިންނާށެވެ. ވަގުތުކޮޅަކަށް ނަމަވެސް ޤަބޫލުކުރަންދަތި މަންޒަރު ސިކުނޑިން ނެރެ އެއްލައިލާށެވެ. ފަޒާލްގެ ގޮވުންތަކުގެ އަޑު އޭނާއަށް ނީވޭކަހަލައެވެ.
އިރުތަކެއް ވަންދެއް ފަޒާލް ގޮވަގޮވާފައި ނިފޫގެ ޚަބަރެއްނުވުމުން ގެއަށް ދިޔައީ މޮޅިވެރިކަމާއެކުގައެވެ. ފަޒާލްގެ އަޑު މަޑުވުމުން ނިފޫ ގޮސް އެނދު މައްޗަށް އަރައި ބާލީހާއެކު ކަރުނަތައް ހިއްސާކުރަން ފެށިއެވެ. އޭނާގެ ހުރިހާކަމެއް ހިއްސާކުރާ ހަމައެކަނި މީހާ، ފަޒާލްގެ ފަރާތުން ފެންނަން ބޭނުންނުވާ މަންޒަރެއް ފެނުމުން ދެން އޭނާގެ އިތުރު ބައިވެރިއަކު ނެތަތީއެވެ.
މީހަކު އުޅޭ އަޑަށް ނިފޫއަށް ހޭލެވުނެވެ. އެނދުމަތީގައި އޮށްވައި ނިދުނީ ކޮން އިރަކުކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެއްވެސް މީހެއްގެ ހިލަންވޭތޯ އޮތުމަށްފަހު ނިފޫ ފޯނުން ގަޑި ބަލައިލިއެވެ. އޭރު ގަޑިން ބާރަޖަހަން ތިންމިނެޓް ހުއްޓެވެ. ފޯނުގެ ސްކްރީންގައި ފަޒާލްގެ ތޭރަ މިސްކޯލާއި ނަވާރަ މެސެޖް އައިސްފައި އިނެވެ.
ހުރިހާ މެސެޖެއްގައިވެސް ފަޒާލް ތަކުރާރުކޮށް އެއީ އާނިޔާ ގަސްތުގައި ކުރިކަމެއްކަން ބުނެފައިވެއެވެ. އެކަންވީ އެހާވެސް އަވަހަށްކަމަށާއި ނިފޫއަށް އާދެވުނީ ހަމަ އެތަންވަޅުކަމަށް ފަޒާލް ނިކަމެތި ބަސްތަކުން ބުނެފައިވެއެވެ. މެސްޖްތައް ކިޔައިލުމުން އެކަމުގެ ހަޤީޤަތް ނިފޫއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ފަޒާލްފަދަ ތެދުވެރިއަކާ ދޭތެރޭ އެފަދަ ގޯސް ކުށްހީއެއް ހީކުރެވުނުކަމަށްޓަކައި އޭނާގެ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.
ނިފޫ ކުއްލިއަކަށް ސިއްސައިގެން ދިޔައީ އެއްޗެއް ވެއްޓުނު އަޑަށެވެ.
“މަންމާ! މާންމާ! މަންމަތަ؟” ނިފޫ ދެތިން ފަހަރަކު މަންމައަށް ގޮވައިލުމުންވެސް އެއްވެސް ޚަބަރެއް ނުވިއެވެ.
“ކާކު؟” ދެތިން ފަހަރަކު ގޮވައިލާ ޚަބަރެއްނުވުމުން ނިފޫގެ ހިތުގައި ބިރުވެރިކަމުގެ ހުޅުކޮޅު ދިއްލުނެވެ.
މަޑުމަޑުން އެނދުން ތެދުވެގެންގޮސް ދޮރު ހުޅުވައިލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ގޭތެރެއަކު ނުވެއެވެ. މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ގޭތެރޭގައި ދިއްލާފައި ހުރި ފުޅިބައްތި ހުރީ ނިވިފައެވެ. ނިފޫ މަޑުމަޑުން އަޑުއާ ދިމާއަށް ހިނގަންފެށީ ފޯނުން އަލިކުރަމުންނެވެ. ސިޓިންރޫމްގައި މީހަކު އުޅޭހެންވެސް ބައެއްފަހަރަށް އޭނާއަށް ހީވެއެވެ.
ސިޓިންރޫމާ އަރައި ހަމަވިއިރު ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. ކަޅުފޮއި އަނދިރި ރެއެއް ކަމަކު ތަންތަން ވަކިވާހާވަރުވެއެވެ. ނިފޫ ގޮސް ގެއިން ބޭރު ބަލައިލިއެވެ. ގޭގެ ފޫޓުތެރޭގައި ހުރި ބިޔަ ހިރުނދުގަހުގައި އަޅުވާފައި ހުރި އުނދޯލި މަޑުމަޑުން އެނބުރިލަ އެނބުރިލާ ހުއްޓެވެ. ވައިނުޖެހޭ ރެއަކު އެގޮތަށް އެނބުރޭނީ މީހަކު އިށީދެ އިނދެ ތެދުވުމުންކަމުގައި ނިފޫގެ ހިތް ބުނަމުން ދިޔައެވެ.
“ހެލޯ!”
ނިފޫ ސިއްސައިގެން ދިޔައީ މީހަކު ބަރު އަޑަކުން އޭނާގެ ފަހަތުން ގޮވައިލުމުންނެވެ. ބިރުންހުރެ ފަހަތް ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. ޒާން ބިރުވެރި ސިފައިގައި އޭނާގެ ފަހަތުގައި ހުއްޓިލައިގެން ހުއްޓެވެ. ނިފޫ ދެލޯ ބޮޑުވެގެންދިޔައެވެ. ބަލަން ހުރުމުގެ ބަދަލުގައި ދެފަޔަށް ބާރުލައި ފަޒާލްމެންގެ ގެއާ ދިމާއަށް ދުއްވައިގަތެވެ.
އެހެންނަމަވެސް ނިފޫ ޚިޔާރުކުރާ ކޮންމެ މަގެއްގެ މެދުގައި ޒާން ދެއަތްއުރައިލާގެން ހުރެއެވެ. ޒާން އެގޮތަށް ބަދަލުވެފައި ހުރުމުން ނިފޫއަށްވުރެއް އަވަހަށް ތަންތަނަށް ދެވެއެވެ. އިންސާނުންނާ ޚިލާފަށް ޒާންގެ ގައިގާ އާދަޔާ ޚިލާފަށް ބާރުހުރެއެވެ. ޒާން ހުންނަ ކޮންމެ މަގަކުން ނުދަންވެގެން އެކިމަގުމަގުން ނިފޫ ދުވަންފެށިއެވެ.
ދުވަމުން ދުވަމުން ގޮސް ނިފޫއަށް ވަދެވުނީ ވަލުތެރެއަށެވެ. ވަލުތެރޭގެ އެކި މަގުމަގުން ޒާން އޭނާއާ ދިމާކުރަމުން ގެންދިޔައެވެ. އެންމެފަހުން ނިފޫއަށް ގޮސް ނުކުމެވުނީ ފަޒާލްއާއި އޭނާގެ ލޯބީގެ މާލަމަށެވެ. ޒާންގެ އެދުމަކީ ނިފޫއާއި ފަޒާލްގެ ލޯބީގެ މާލަމުގައި ނިފޫގެ ކިބައިން ބަދަލު ހިފުންބާވައެވެ؟
އަތިރިމައްޗަށް ނުކުމެވުމުން ނިފޫ ބަލައިލީ ވަލުތެރެއާ ދިމާއަށެވެ. ކުރިމަތީގައި މޫދު އޮތުމުން ދެން އިތުރަށް ދުވެވެން ނެތުމުންނެވެ. ނިފޫއަށް ފަތަން އެނގޭނަމަ ފަތާގެން ނަމަވެސް ޒާންގެ ކިބައިން ސަލާމަތްވާނެއެވެ. ގަސްތައް ފަޅައިފާ އެ ބިރުވެރި ބިޔަ ޒާން ގޮނޑުދޮށަށް ފޭބިއެވެ. އޭތީގެ ފަހަތުގައި ބިޔަ ކަޅު ފޮތިގަނޑެއް ހަރުކޮށްފައި ހުއްޓެވެ.
“ޒާން. ޒާން ކޮންކަމެއް ބޭނުންވެގެންތަ ތިއުޅެނީ؟” ދުވުމުގެ ސަބަބުން ނިފޫއަށް މައިނޭވައި ލެވެމުންދިޔައެވެ. “އަހަރެން ލޯތްބެއްނުވެއޭ. އަހަރެން ލޯތްބެއްނުވެއޭ. ކިތައް ފަހަރުތަ ބުނަންވީ؟”
ޒާން އޭނާގެ ކުރިމަތީގައި ހުރިގޮތަށް ހުރީއެވެ. އެއްވެސް އެއްޗެކޭއޭވެސް ނުބުނެއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު މަޑުމަޑުން ކުޑަވަން ފެށިއެވެ. އިންސާނެއްގެ ސިފައަށް ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވިއެވެ.
“އާނިޔާ!” ނިފޫއަށް ލިބުނީ ހައިރާންކަމެކެވެ.
“ހިއްހިއް. އެންމެ ފަހަރަކުވެސް ބުނެބަ، ފަޒާލްދެކެ ލޯތްބެއް ނުވެއޭ.” ފަހަތުގައި އޮތް ކަޅު ކުލައިގެ ފޮތިގަނޑު އާނިޔާގެ ކަޝްފުވެފައިވާ ހަށިގަނޑުގައި އޮޅައިލިއެވެ.
“ނޫން. އާނިޔާ. ނޫން.” ނިފޫ އަތުގައި އޮތް ފޯނު ފުރަގަހަށްލައި ފަޒާލްއަށް ގުޅުމަށް މަސައްކަތްކުރަމުންދިޔައެވެ.
“އެއްވެސް މީހަކަށް ގުޅާނިކަމެއް ނެތް.” ފުރަތަމަ ރިންގުގެ އަޑު އާނިޔާއަށް އިވުނެވެ.
ނިފޫގެ ހިތް ނެގިނެގިފައި މޭގައި ޖެހެން ފެށިއެވެ. މަޑުމަޑުން ފަހަތަށް ޖެހެވެން ފެށިއެވެ. މޫދާ ދިމާއަށެވެ. އެނޫން ގޮތެއް ނެތުމުންނެވެ. އޭރުވެސް ފަޒާލްގެ ފޯން ރިންގުވަމުން ދިޔައެވެ. ނިފޫގެ އިސްތަށިގަނޑު ހުރީ ހޭވިފައެވެ. ލައިގެން ހުރި ގަދަ ފިޔާތޮށިކުލައިގެ ހެދުން ހުރީ ދަލުން ތެމި ފޯވެފައެވެ.
“އަހަރެން މިބުނީނު ގުޅާނިކަމެއްނެތޭ.” އިރުކޮޅެއްގެ ތެރޭގައި އާނިޔާ ހުރީ ނިފޫގެ ފުރަގަހުގައެވެ.
ނިފޫއަށް ބާރުތަކެއް ލިބިގެންނުވާތީވެ އެނބުރިލާނެ އެއްވެސް ފުރުސަތެއް ނުލިބުނެވެ. އާނިޔާ ނިފޫގެ އަތުން ފޯނު ނަގައި މޫދާ ދިމާއަށް ހޫރުވައިލިއެވެ. ފަޒާލްއަށް ގުޅުނިކަމެއްވެސް ނުގުޅޭކަމެއްވެސް ނޭނގެއެވެ. ނިފޫ ހުރިތަނަށް ވެއްޓުނެވެ. އަވަސްއަވަހަށް ފަހަތަށް ޖެހެވެން ފެށިއެވެ. ބިރުން ހުރެއެވެ. ނިކަމެތި އިންސާނަކަށް އެފަދަ ވަރަގަދަ މަޚްލޫޤަކާއި ކުރަމަތި ނުލެވޭނެތީއެވެ.
“ކެލޭ ހީކުރީ އަހަރެންގެ ފަޒާލް ޖަހައިގަނެގެން އުޅެވޭނެކަމަށްތަ؟” އާނިޔާގެ އިނގިލިތަކުގެ ނިޔަފަތިތައް ދިގުވަމުންދިޔައެވެ.
އާނިޔާގެ ގައިގާ އޮޅައިލާފައިވާ ފޮތިގަނޑު ދަށުން އާނިޔާގެ ބަދަލުވެފައިވާ އަތް އޮތީ ހާމައަށް ފެންނާށެވެ. އާނިޔާ މަޑުމަޑުން ނިފޫއާ ދިމާއަށް ހިނގައިގަތެވެ. އާނިޔާގެ ދެލޯ ރަން ކުލަޔަކުން ދިއްލި، ތޫނު ދަތްތައް ހުރީ އަނގައިން ބޭރަށް ނުކުމެފައެވެ. އާނިޔާ ދަތްތައް ވިކައިލާ ނިފޫއަށް ހަމަލާއެއްދެން ހިނގާފައި އަންނަނިކޮށް އެދެމީހުންގެ މެދަށް ފަޒާލް ފުންމައިލިއެވެ.
ފަޒާލް ހުރީ އެއްކޮށް ބަދަލުވެފައެވެ. ތޫނު ދަތްތައް ހުރީ ބޭރަށް ފެންނާށެވެ. މަޑު ނޫކުލައިގެ ދެލޯ ހުރީ ދިއްލައި އަޅައިފައެވެ. ނިޔަފަތިތައް ދިގުވެފައި ތޫނެވެ. މުޅިގައިގާ ވަނީ ކެހެރި ފަޅައިފައެވެ. މީހާގެ ހަށިގަނޑު ބިޔަވެފައި ބޮޑެވެ.
“އަހަރެން ބޭނުމެއްނޫން އާނިޔާއަށް އެއްވެސް ގެއްލުމެއްދޭކަށް. އެކަމަކު ނިފޫއާ ގެއްލުމެއްދޭން އެދޭނަމަ އަހަރެންނަށް އާނިޔާއަށް ކެތްނުވާވަރުގެ އަނިޔާއެއް ދޭން ޖެހިދާނެ.” ފަޒާލް ނިފޫގެ ކުރިމައްޗަށް އަރައި އާނިޔާއަށް އިންޒާރެއް ދިނެވެ. “މައި ލަވް. އައި ފޮރގެޓް ޓު ޓެލް ޔޫ ދެޓް އާނިޔާ އިސް އަ މޮންސްޓާރ.”
އާނިޔާގެ ދެލޮލުގެ ކުލަ ފަޑުވިއެވެ. “ކީކޭ؟ ކޮބައި އަހަރެންދެކެވީ ލޯބި؟” އޭނާގެ ދެލޮލަށް ކަރުނަ ޖަމާވަން ފެށިއެވެ.
“އަހަރެން ލޯބިވި އާނިޔާއެއް ނޫންތީ. އާނިޔާ އެކުށެއްނެތް މީހާ މަރާލިފަހުން އަހަރެންގެ އާނިޔާ މިދުނިޔެއަށް އަލްވަދާޢު ކިޔާފި. އަހަރެންނަށް އާނިޔާއަށްވުރެއް މާރަނގަޅު މާލޯބި ކުއްޖެއް ލިބިއްޖެ.” ފަޒާލް ފަހަތުގައި ހުރި ނިފޫއަށް ބަލައިލިއެވެ.
އާނިޔާގެ ދެލޯ ރަންކުލަޔަކުން ދިއްލުނެވެ. އާނިޔާގެ ދެ ބުމަ ގޮށް ޖަހައިލިއެވެ. އާނިޔާ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ފަޒާލްގެ ލޯބި އޭނާއަށް ކާމިޔާބު ނުވުމުންނެވެ. އާނިޔާ މަޑުމަޑުން ބަދަލުވާން ފެށިއެވެ. އާނިޔާގެ ހަޅޭކަކާއެކު އޭނާގެ މުޅި ހަށިގަނޑުގައި ކެހެރި ފަޅައި ނޭފަތާ ދިމާއިން ދިގުވާން ފެށިއެވެ. އޭނާގެ ގައިގާ އޮތް ކަޅު ފޮތިގަނޑު ދޮންވެލިގަނޑު މައްޗަށް ވެއްޓުނެވެ.
އިސާހިތަކު ހިނދުކޮޅެއްގެ ތެރޭގައި އާނިޔާގެ ސިފައެއްކޮށް ބަދަލުވިއެވެ. އާނިޔާ މުއްކަވައިލާ ފަޒާލްއާ ދިމާއަށް ދުއްވައިގަތެވެ. ދިޔަ ބާރުމިނުގައި ގޮސް ފަޒާލްގެ މޭމަތީގައި ވަކި ދަމާލިއެވެ. ފަޒާލް އާނިޔާގެ އަތުގައި ދެއަތުން ހިފައި ދުރަށް ކޮށްޕާލިއެވެ. އޭރު ފަޒާލްގެ މޭމަތީގައި ހުރިތަންތަން ރަނގަޅުވަމުން އައެވެ.
“ހިއްހިއް. ޔޫ ރ ވީކް ފަޒާލް.” އާނިޔާ ހިނިގަނޑެއް ޖަހައިލިއެވެ.
އާނިޔާ ފުންމައިގެން ފަޒާލްއާ ދިމާއަށް ދިޔައީ އަތް އުކަމުންނެވެ. އާނިޔާގެ ކޮންމެ ހަމަލައަކުން ފަޒާލް ހަލުއިކަމާއެކު ރެކެމުން ދިޔައެވެ. އެދެމީހުންގެ ހަރަކާތްތައް އަވަސްކަމުން ވަނީ ކީއްކަމެއް ނޭނގިފައި ނިފޫ ދުރުގައި ހުއްޓެވެ. އާނިޔާ ފުއްމައި އަރައި ފަޒާލްގެ ބުރަކަށީގައި ފައިން ޖެހިޖެހީނުން ފަޒާލް ބިންމައްޗަށް ވެއްޓުނެވެ. އާނިޔާ އެއްވެސް ތަންކޮޅެއް ދޫނުކޮށްލައި ފަޒާލްގެ ބުރަކަށީގައި ބައްދައިގަނެވެ. ފަޒާލް މަސައްކަތް ކުރަމުންދިޔައީ އާނިޔާ ބުރަކަށިން ފޮޅައިލެވޭތޯއެވެ.
ފަޒާލް ދެކޮޅަށް ދެކޮޅަށް ހޫރެން ފެށިއެވެ. އާނިޔާ ގަދަޔަށް ފަޒާލްގެ ގައިގާ ބައްދައިގަނެ ފަޒާލްގެ ކޮނޑުގައި ބާރަށް ދައްއެޅިއެވެ. ވީތަދުންނާއި ވެފައިވާ ވަރުބަލިން ފަޒާލް ހަތަރެސްފައި ޖައްސައި ބިންމައްޗަށް ތިރިވިއެވެ. އެވަރުންވެސް އާނިޔާ ފަޒާލްގެ ކޮނޑުން ދަތް ނައްޓައެއްނުލައެވެ. ފަޒާލްގެ ކޮނޑު ޒަޙަމްވެގެން އެތަނުން ލޭފައިބަމުން ދިޔައެވެ.
“އައި ވިލް ކިލް ޔުރ ލަވް ޓޫ.” ފަޒާލްގެ ކޮނޑުގައި ދަތްއަޅައިގެން އޮވެ އާނިޔާ ދެއްކި ވާހަކަ ނިފޫއަކަށް ސާފެއް ނުވިއެވެ.
“އައި ވޮވުންޓް ލެޓް ޔޫ ޑޫ އިޓް.” ފަޒާލްއަށް އާނިޔާ ބުނި އެއްޗެއް ވަރަށް ރަނގަޅަށް ސާފުވިއެވެ.
ފަޒާލް މަޑުމަޑުން ކޮޅަށް ތެދުވަންނަން ފެށިއެވެ. އެޔާއެކު އާނިޔާ އޭނާގެ ކޮނޑުގައި ބާރަށް ދަތްލިއެވެ. ހަމައެޔާއެކު ފަޒާލް އެނެއްކާހެންވެސް ބިން މައްޗަށް ތިރިވިއެވެ. ހިތްވަރުކޮށްފައި ފަޒާލް ތެދުވަން ފެށިއެވެ. އޭނާ ކުރާ ކޮންމެ ހިތްވަރެއް ބާތިލް ކުރުމަށްޓަކައި އޭނާގެ ކޮނޑުގައި އާނިޔާ ބާރަށް ދަތްލައެވެ. އޭރުވެސް އޭނާގެ ކޮނޑުން ލޭތައް ހެސް ކިޔާފައި ފައިބަފައިބާ ހުއްޓެވެ. ފަޒާލްގެ ކޮނޑުމަސްގަނޑު ނައްޓައިގެން ހިނގައިދާނެއޭވެސް ހީވާ ފަހަރު އާދެއެވެ.
“އާނިޔާ އޭނާ ދޫކޮށްލާ!” ފަޒާލްއަށް ލިބެމުން ދިޔަ އަނިޔާއަށް ނިފޫއަށް ކެތްނުވެގެން އޭނާގެ ދެލޯ ފުރައި ކަރުނަ އަންނަން ފެށިއެވެ.
ފަޒާލަށް ނިފޫ ރޯތަން ބަލާކަށެއް ކެތެއް ނުވިއެވެ. ކުއްލިއަކަށް ޖެހި ލަތްކެއްހެން ފުންމައި އަރައި ބުރަކަށި ވަތަށް ދޮންވެލިގަނޑު މައްޗަށް ވެއްޓިގަތެވެ. އާނިޔާގެ ބުރަކަށި ޖެހުނިލެއް ބާރުކަމުން އޭނާގެ ހަށިގަނޑަށް ރޫރޫ އަރައިގެން ދިޔައެވެ. ވަގުތުން ފަޒާލްގެ ކޮނޑުން ދަތް ނައްޓައިލީ ވީތަދުންނެވެ.
ފަޒާލް ދުރަށް ޖެހިލައި ކޮނޑުގައި އަތްޖައްސައިލިއެވެ. އޭރު ނިފޫ ފަޒާލްގެ ގާތަށް އަންނަން ފެށިއެވެ. އެހެން ނަމަވެސް ފަޒާލްގެ އަތުގެ އިޝާރާތުން ފަހަތުގައި މަޑުކުރުމަށް އެންގިއެވެ. އާނިޔާ ހަތަރެސްފައި މައްޗަށް ތެދުވެ ފަޒާލްއާ ދިމާއަށް ދުއްވައިގަތެވެ. ދިޔަބާރުމިނުގައި ގޮސް ފަޒާލްގެ ކަރަށް ހޫރުވައިލި އަތް ފަޒާލް ހުށިޔާރުކަމާއެކު ހިފަހައްޓައި އާނިޔާގެ ކަރުގައި އަތުން ދިގު ވަކިތައް އަޅައިލީ ވަރަށް ހަލުއިކޮށެވެ.
އާނިޔާއަށް ފަހަތަށް ޖެހެވުނެވެ. ފަޒާލް ކޮޅަށް ތެދުވެލިއެވެ. އޭރު އޭނާގެ ވަކިތަކުން ލޭތިކި ދޮންވެލިގަނޑު މައްޗަށް ވެއްޓިވެއްޓި ހުއްޓެވެ. ކަރުގައި އާނިޔާ ދެއަތުން ހިފަހައްޓައިގެން ލޭމަނާވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އެޔާއެކު އޭނާގެ އަނގައިން ނޭވަޔަށް ދަތިވުމުގެ އަޑު އިވިއިވި ހުއްޓެވެ. އޭނާގެ ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ.
“އާނިޔާ. އަހަރެންނަށް މާއަފްކުރޭ!” ފަޒާލްގެ ލޮލުން ނީރައިލި ކަރުނަތައް މޫނުމަތީގައި ފަޅާފައިހުރި ކެހެރިތަކުގެ ތެރެއަށް ފޭދިގެންދިޔައެވެ.
އާނިޔާ ދެލޮލުގެ ރަންކުލަކަން ފަޑުވަމުން ދިޔައެވެ. އޭނާ ކުއްލިއަކަށް ދެކަކޫ މައްޗަށް ހުރިގޮތަށް ވެއްޓުނެވެ. އެޔާއެކު ދެއަތް ކަރުން ނެއްޓިގެން ދިޔައެވެ. ކަރުގައި އެޅިފައިވާ ޒަޙްމުން ލޭތައް ފައިބެ މުޅި މޭމަތީގައިވާ ކެހެރިތައް ހުރީ ފޯވެފައެވެ. ބަނޑުވަތަށް ދޮންވެލިގަނޑު މައްޗަށް ވެއްޓުނީ ދެލޮލުގެ ކުލަ އެއްކޮށް ފަޑުވުމުންނެވެ.
ފަޒާލް ހުރި ފިޔަވަޅުމަތީގައި ނިފޫއަށް ފުރަގަސްދީގެން ހުއްޓެވެ. އޭނާގެ ކުރިމަތީގައި އާނިޔާގެ ފުރާނަނެތް މަސްގަނޑު އޮތެވެ. ނިފޫއަށް ހުރެވުނީ އަނގަމަތީގައި އަތްއަޅައިގެންނެވެ. ކުރާނެ އެއްވެސް ކަމެއް ނޭނގިފައެވެ.
ކުއްލިއަކަށް ގަދަޔަށް ވައިޖެހެން ފެށިއެވެ. ގަސްތަކާއި ރުއްތަކުގައި ވައި އެޅި ބޫން އަޑު އަޅުވަމުންދިޔައެވެ. ނިފޫގެ އިސްތަށިގަނޑުވެސް ހިމޭންނުން ނޯވެއެވެ. ވަޔަށް ވިހުރިގެން ދާން އުޅޭހެންވެސް ހީވެއެވެ. ގޮނޑުދޮށުގައި ހުރި ވެލިތައް އެކި ދިމަދިމާއަށް ބުރައިގެންދާ ފަހަރުވެސް އާދެއެވެ. ނިފޫ އިސްތަށިގަނޑު އިރުއިރުކޮޅުން ރަނގަޅުކޮށްލައެވެ. އެހެނަސް ފަޒާލް ހުރި ގޮތަށް ހުރީއެވެ. ތަނަކަށް ފަރާތަކަށް ހިރިވެސްނުލައެވެ.
އިސާހިތަކު ވައިމަޑުވިއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން އަލުން އަނބުރައި އެތަނަށް ވެރިވިއެވެ. ގޮނޑުދޮށަށް ބިންދައިލާ ކުދިކުދި ރާޅުގެ އަޑުނޫން އެހެން އަޑެއް ނީވެއެވެ. އިރުކޮޅެއް ނުވެ ވަލުތެރޭގެ ގަސްތަކު ތެރެއިން އެއްޗެއްގެ ހިލަންވިއެވެ. އެއްޗެއް ވަލުތެރެއިން ނުކުންނަ އަޑު އިވެންފެށިއެވެ.
ފަޒާލް ހުރީ އެދިމައާށެވެ. އޭނާގެ ކުރިމަތީގައި އާނިޔާގެ ފުރާނަނެތް މަސްގަނޑު އޮތްގޮތަށް އޮތީއެވެ. އިންސާނެއްގެ ސިފަޔަށް އެއްވެސް ވަރަކަށް ބަދަލެއްނުވެއެވެ. ނިފޫއަށް ވާނުވާ ނޭނގިފައި ހުރި ފިޔަވަޅުމަތީގައި ހުރެ އަމިއްލަ ހަށިގަނޑުގައި ދެއަތުން ބައްދައިލެވުނެވެ. ޖެހެނު ގަދަ ވައިން އޭނާ ހީގަތީއެވެ.
ވަލުތެރެއިން އިވެމުންދިޔަ އަޑު ގަދަވަމުން ގޮސް، ގަސްތަކުގެ ތެރެއިން ތިން މީހުން ނުކުތެވެ. އެމީހުން ލައިގެން ތިބި ހެދުމުން އެމީހުންގެ އެއްވެސް ގުނަވަނެއް ފެންނާކަށެއް ނެތެވެ. އެމީހުން ލައިގެން ތިބީ ގަދަ ޗޮކްލެޓް ކުލައިގެ އަތްދިގު ފައިތިލަ ފޮރުވޭ ވަރުގެ ދިގު ހެދުމެކެވެ. އެ ހެދުމުގައި ހަރުކޮށްފައި ހުރި ބޯކޮށްޕި އޮތީ އެމީހުންގެ ބޮލުގައި އަޅައިފައެވެ. އޭގެއިން އެޅިފައިވާ ހިޔަލުން އެމީހުންގެ މޫނު އެއްވެސް ވަރަކަށް ވަތްކެއްނުވެއެވެ.
އެމީހުން މަޑުމަޑުން ތިބެ ފަޒާލްގެ ގާތަށް އަންނަން ފެށިއެވެ. ލައިގެން ހުރި ހެދުމުގެ ދިގުކަމުން ދޮންވެލިގަނޑުގައި އެ ހެދުމުގެ ފަސްބައި ހޭކެމުން ދިޔައެވެ. އެމީހުން ލައިގެން ތިބި ހެދުމުގެ އަތްކުރި ދިގުކަމުން އެއްބައި އޮންނަނީ އެލޭށެވެ. ހިނގުމުގައި އެމީހުން ހަރަކާތް ކުރަމުން ދިޔައީ ހަމައެކަނި ފައެވެ. ފަޒާލްއާ އަރައި ހަމަވުމުން އެމީހުންގެ މެދުގައި ހުރި މީހާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ފަޒާލްގެ ކުރިމަތީގައި އޮތް އާނިޔާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
އެވަގުތު އެމީހާގެ ލޯ ރަތް ކުލައިން ދިއްލުނެވެ. އެޔާއެކު އާނިޔާ ބިމުން މައްޗަށް ވަރަށް މަޑުމަޑުން ހިއްލެން ފެށިއެވެ. ނިފޫގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ބޭއިޚްތިޔާރުގައި ނިފޫއަށް ހިންދިރުވައިލެވުނެވެ. އޭނާގެ ހިތު ވިންދު އަވަސްވިއެވެ. އެހެންނަމަވެސް ފަޒާލް އޭނާ ހިމާޔަތްކުރާނެކަމުގެ އިތުބާރާއެކު ހިތްވަރުކޮށްލައިގެން ހުރީއެވެ.
ބަލަބަލައި ތިއްބައި އާނިޔާގެ އަނގައިން ރަންކުލައިގެ އަލިގުޅައެއް ނުކުތެވެ. އެމީހުންގެ ތެރެއިން ކަނާއަތަށް ހުރި މީހާ އަތްކުރި ދަށުން ބޮޑު ބިއްލޫރި ފުޅިއެއް ނަގައި އެ އަލިގުޅަ ވައިގެ ތެރޭގައި ވަނިކޮށް އެ ފުޅިއަށްލައި ބާރަށް މަތިޖަހައިލިއެވެ. މެދުގައި ހުރި މީހާ އަތް ތިރިކޮށްލުމާއެކު އޭނާގެ ދެލޮލުގެ ކުލަ ފަޑުވިއެވެ. އަދި އާނިޔާ ބިންމައްޗަށް ވެއްޓުނީ ކުއްލިއަކަށެވެ. އާނިޔާ ހަށިގަނޑުގައި ހުރި ކެހެރިތައް މަޑުމަޑުން އެތެރެއަށް ވަންނަން ފެށިއެވެ. މީހާގެ އިސްކޮޅު ކުޑަވެ ނިޔަފަތިތަކާއި ދަތްތައް ބަދަލުވިއެވެ. އިންސާނެއްގެ ސިފައަށެވެ.
އެ ތިން މީހުންގެ ތެރެއިން ވައަތަށް ހުރި މީހާ އަތްކުރި ދަށުން ނެގި ފޮތިގަނޑު އާނިޔާގެ ފުރާނަނެތް ހަށިގަނޑުގައި އޮޅައިލާ ނިވާކޮށްލިއެވެ. އެޔަށްފަހު އޭނާގެ ދެއަތް މައްޗަށް އާނިޔާ އެއްވެސް ބުރަކަމެއްނެތި އުފުއްލައިލިއެވެ. އެމީހާ ގޮސް މެދުގައި ހުރި މީހާގެ ވައަތް ފަރާތުގައި ހުއްޓުނެވެ. ކަނާއަތް ފަރާތުގައި ހުރި މީހާގެ އަތުގައި އޮތް ބޮޑު ފުޅީގެ ތެރޭގައި ރަން ކުލައި އަރައި އަލިގުޅަ ފުޅީގެ އެއްވެސް ތަނެއްގައި ނުޖެހި ހުއްޓެވެ. އެއިން މުޅިތަނަށް އަލި ކުރުވައެވެ. އެހެން ނަމަވެސް އެމީހުންގެ ބޯ ނިވައިކޮށްފައި އޮތް ބޯކޮށްޕިން އެމީހުންގެ މޫނެއް ނުފެނެއެވެ.
މެދުގައި ހުރި މީހާ ކުރިއަށް ޖެހިލައި، ބިރުވެރި ބަރު އަޑަކުން ފަޒާލްއާ ދިމާއަށް އެއްޗެކޭ ބުންޏެވެ. “އޮންތިރިކް މަންސިކޯ ކަނާސިމަކް.” ފަޒާލް އެމީހާ ބުނި ބަސްތަކަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
އެހެން ބުނުމަށްފަހު އެމީހުންތައް އެނބުރި އައިކޮޅަށް ހިނގައިގަތެވެ. މަޑުމަޑުން ވަލުތެރެއާ ދިމާއަށް ގޮސް ގެއްލުނެވެ. އެމީހުން ވަނީ ވަލުތެރެއަށްކަމެއް ނޫނީ ދިޔައީ ބިމުތެރެއަށް ކަމެއް ނޭނގެއެވެ.
އެމީހުން ގެއްލުމުން ފަޒާލް ހުރިތަނުގައި ހުރެ ކުޑަވާން ފެށިއެވެ. ކެހެރިތައް ހީވީ ހަންގަނޑު ތެރެއަށް ދިޔަހެންނެވެ. ދަތްތަކާއި ނިޔަފަތިތައްވެސް ކުޑަވިއެވެ. އާދައިގެ އިންސާނަކަށް ބަދަލުވިއެވެ. ފަޒާލްގެ ފުރަގަހުގައި ނިފޫއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އާނިޔާ ގެންގުޅުނު ކަޅު ފޮތިގަނޑު ފަޒާލްގެ ގައިގާ އޮޅައިލިއެވެ. ފަޒާލް ގޮސް ނިފޫގެ ކުރިމައްޗަށް ހުއްޓި އޭނާގެ ދެއަތުގައި މަޑުމަޑުން ހިފައިލިއެވެ. ނިފޫގެ ދެލޮލަށް ނަޒަހުއްޓައިލާގެން ހުރުމުން ނިފޫ އިސްޖަހައިލިއެވެ. ފަޒާލް މަޑުމަޑުން ނިފޫގެ ދަތްދޮޅީގައި ޝަޙާދަތް އިނގިލި އަޅުވައި އުފުއްލައިލިއެވެ. ފަޒާލްގެ ނަޒަރު ހުރީ ނިފޫގެ ބޮޑު ދެލޮލަށެވެ. ފަޒާލްގެ ބޮލުގެ ފަން އިސްތަށިތައް މަޑުމަޑުން ވަޔަށް ތެޅިލަތެޅިލާ ހުއްޓެވެ. ފަޒާލްގެ މަޑު ނޫކުލައިގެ ކަޅިން އޭނާގެ މައުސޫމްކަން ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ.
“އަހަރެންނަކީ އިންސިއެއްކަމެއް ޖިންނިއެއްކަމެއް ނޫނީ އެހެން މަޚްލޫޤެއްކަމެއް އަހަރެންނަކަށް ނޭނގެ. އަހަރެން ކަހަލަ މަޚްލޫޤަކަށް ދޭނެ ނަމެއްވެސް އަހަރެންނަކަށް ނޭނގެ. އެކަމަކު އަހަރެންގެ ހިތުގެ ވެރިޔަކީ ނިފޫކަން އަހަރެންނަށް ޔަޤީންވެއްޖެ. އަހަރެންނަށް ނިފޫއާ ނުލައި ނޫޅެވޭނެކަން ކަށަވަރުވެއްޖެ. އަހަރެންގެ އެންމެ ފަހުނޭވައަށް ދާދެއްވެސް ބޭނުމީ ކަލާގެ ގާތުގައި ހުންނަން. އަހަރެން ކަލާދެކެ އިންތިހާއަށް ލޯބިވޭ.” ފަޒާލްގެ މަޑުމަޑުން ދެކަކޫ މައްޗަށް ތިރިވިއެވެ.
އަތުގައި އޮތް ކަޅުކުލައިގެ މަހުމާއިން ޒީނަތްކޮށްފައި ހުރި ކުޑަ ފޮށްޓެއް ނިފޫއާ ދިމާއަށް ފަޒާލް ދިއްކޮށްލިއެވެ. މަޑުމަޑުން އެފޮށި ފަޒާލް ހުޅުވައިލީ ނިފޫގެ މޫނަށް ބަލަން އިނދެއެވެ.
“އަހަރެންގެ ހިތުގެ ވެރިޔާގޮތުގައި އަބަދުވެސް ދެމިހުންނާނަންތަ؟”
ނިފޫގެ ލޮލުން ކަރުނަ ނީރައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އޭނާ ބޯޖަހައިލިއެވެ. ފަޒާލް އެފޮށި ތެރޭގައި އޮތް ރިހުކުލައިގެ އޮފްއަރައި އަނގޮށްޓި ނިފޫގެ ކަށި އިނގިލީގައި އަޅުވައިދިނެވެ. ނިފޫއަށް ވީނުވީއެއް ނޭނގުނެވެ. ކުއްލިއަކަށް ފަޒާލްގެ ގަޔަށް ވެއްޓިގަނެ އޭނާގެ ތުންފަތުގައި ނިފޫގެ ތުންފަތް ޖައްސައިލިއެވެ. އަދި ފަޒާލްގެ ގައިގާ ބާރަށް ބައްދައިލިއެވެ.
“އައި ލަވް ޔޫ ސޯރ މަޗް އެންޑް މޯރ ދެން އެވަރ ޔޫ ޑްރީމްޑް. މައި ލަވް.”
ފަޒާލްވެސް ނިފޫގެ ގައިގާ ބާރަށް ބައްދައިލިއެވެ. އެދެމީހުން މިހާރު އެވަނީ އެކަތިގަނޑަކަށްވެފައެވެ. ދުވަހަކުވެސް އެހެން މީހަކަށް ވަކިނުކުރެވޭނެ ގޮތުގައެވެ. އެދެމީހުންގެ ހަށީގައި ޖަހަމުންދިޔައީ އެއްވިންދެކެވެ. ދެމީހުންގެ މޫނުމަތީގައިވެސްވަނީ އެއްހިނިތުންވުމެވެ.
23 Comments!
Comments are closed.
nimunytha mi story? v.reethi
nihmaalanveetha? readers beynumeeyar chapter 3ves liyevidhaane. thank you 🙂
V reethi…nice…m first dho…..nice hingey…….keep it up my dear…..nice…i luv this…..
Nope dear… ur second.. Better luck next time
Thank You @nihaa 🙂
next time comment first. 😉
Nimunytha story???!?!!..
V v rythi…
Mi nimunytha?? V v v salhi
Thank You @shine @Misty 🙂
Readers beynumeeyar chapter 3 liyan fashanvee. hehe
V reethi. Waiting 4 more.
plx chapter 3 ves nereh chey… v reethi mi story…. avahah next part up koh dheh cheyy….
V obi vaahaka eh….love this story..avahah dheen oyy bai neren v kyp it up…..waiting 4 the next chapter..
thank You maaishahil, Inaa, Aaamina
eba try kuran next part nihmeythoa
little busy hope u guys will wait to read it : )
FULHI BAHTHI ZAMAANUGA WES MOBILE, DOING GOOD
Thank You @soru
mihaaru fulhi bahthi nugen gulhenee. ekamves adhives baeh rahrashuga fulhibahthi use kurey. hehe
Woah! salhi… need to read more!!!
WOW SALHI…………… STORY AH. I WISH MIGOTHA HAMA STORY LIYAANE KAMA.
vvvvvvvv salhi mi vaahaka…. mi vaahaka aky mihaathanah kiyunu enme reethi eh vaahaka….. mi vaahakaige chapter 3 eh nere dhinun eden Asad.. keep up with the word u are doing.. continue writing beautiful stories.. <3
Thank You @zarooo, @ananyaa @maasha
In sha Allah will up soon
hama migothahves ehen kudhin like vaagothahves story liyaanan hehe : )
v nice. i lv it
Thank you ifa
Dhe buru dhe gothah nan dhinyma vaany like eh noon bike ???
Mashah ragalhee vaahaka liyan ney gey kohun vaahaka nuliyuniyya haahsa koh as asad kos
Thank you for the comment.
Will try to make it right next time. 🙂