Skip to content
އެސްފިޔަ

ހިތަކުން ނުދާނޭ ފިލާ

ބައްދަލުވުން ފެށުމާއެކު ފުރަތަމަ އޮތީ ލަޔާލްގެ ތަޢާރަފެއް ދިނުމެވެ. އަމިއްލައަށް ތަޢާރަފް ވީތީ ލަޔާލް ބުނެދިނީ އޯޝަންލައިންގައި ލަޔާލްގެ މަގާމް އެކަންޏެވެ. އޯޝަންވިލާ އާއިލާއާ ލަޔާލްއާ އޮތް ގުޅުމުގެ ވާހަކައެއް ލަޔާލް ނުބުނެއެވެ. އެކަން އެނގެނީ އެ ތަނުގައި ތިބި އާއިލާގެ މެމްބަރުންނަށް އެކަންޏެވެ. އެއަށް ފަހު އެކިއެކި ޑިޕާޓްމެންޓްތަކުން ފާއިތުވި ހަފްތާގެ ކުރު ރިޕޯޓްއެއް ދިނެވެ. ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބައްދަލުވުން ނިންމާލުމުން އާއިލާ މީހުން ނޫން އެހެން އެންމެން ނިކުތެވެ.

“ލަޔާލް، ދެން އެކަނި ނޫޅެ ގެއަށް ބަދަލުވޭ. ވަކިން އުޅެން ބޭނުން ވިޔަސް ގޭގަ ހުންނާނެ ލަޔާލްގެ އެޕާޓްމެންޓް. އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ” ނާފިޒް ހީވީ ކޮންމެހެންވެސް ބުނަން މަޖުބޫރު ވެގެން ބުނި ހެންނެވެ.

“އަހަރެން މި ކޮމްޕެނީއާ ގުޅުނީ އެޕްލައި ކުރި ޕޯސްޓަށް ކޮލިފައި ވާތީ. އެކަމަކު އާއިލާއާ ގުޅުމަށް އަދި ކޮލިފައިއެއް ނުވޭ ކަންނޭނގެ” އިސް ޖަހައިގެން އިނދެ ލަޔާލް ޖަވާބުދިނެވެ.

“ދަރިފުޅާ، ދެން ކުރީގެ ކަންތައް ހަނދާން ނައްތާލާ. އާއިލާއާ ދުރުގަ ކިތައް އަހަރު ވަންދެން އުޅެވިއްޖެ؟” ލަޔާލްގެ ކޮނޑުގައި ފިރުމާލަމުން މާހިރާ ބުންޏެވެ.

“އެހާ ދުވަހު ދުރުގަ އެކަނި އުޅުނު އިރު އާއިލާ މީހަކު އެއްފަހަރުވެސް ނުބުނޭ އެކީގަ އުޅެން އަންނާކަށް. އެހެން ނޫނަސް އަހަރެންގެ ދަރިފުޅު ބަލައިނުގަނެވޭ ތަނަކަށް އަހަންނެއް ނުދާނަން. އެއީ އާއިލާ ވިޔަސް، ބައްޕަ ވިޔަސް ފިރިމީހާ ވިޔަސް ހެޔޮ” އިސް އުފުލާ މާހިރާއާ ދިމާއަށް ބަލާލަމުން ލަޔާލް ބުންޏެވެ.

ލަޔާލް އެހެން ބުނުމާއެކު ކުރިމަތީ ހުރި ލެޕްޓޮޕް ލައްޕާލުމާއެކު ލެޕްޓޮޕްއާ ފައިލްތައް ނަގައިގެން ސާހިލް ތެދުވި ގޮތަށް މީޓިންގރޫމްއިން ނިކުތެވެ. އެންމެންގެ ނަޒަރު އެ ދިމާއަށް ދަތުރު ކުރި އިރު ލަޔާލް ދެއްކި ވާހަކައާ ވިއްދާ އެކަކުވެސް އެއްޗެއް ނުބުންޏެވެ.

“ލަޔާލް ކޮން ދުވަހަކުންތަ ގޮތްދޫކުރާނީ؟ އެއް ފަހަރު ކުރި ކަންތައް ކުޑަވެގެން ދެވަނަ ފަހަރަށްވެސް އެ ވަރުގެ ކަމެއް ކުރި އިރު ލަޔާލްގެ ފިރިއަކު ހުރި ކަންވެސް ހަނދާން ނުވޭތަ؟” ނާފިޒްގެ އަޑާއި ރާގުގައި ވީ ހިތްހަމަނުޖެހުމެވެ.

“އެ ފިރިމީހާ ކައިރީ ބުނިން އެކީގަ އުޅެން ބޭނުން ނޫނިއްޔާ މިނިވަން ވާށޭ. އަހަރެން ކުރި ކުށެއް ވިއްޔާ އޭގެ ސަޒާވެސް ލިބޭނީ އަހަންނަށް. އެއީ އިތުރު ބަޔަކު ބެހެން ޖެހޭ ކަމެއް ނޫން” ފެންކަޅިވެފައި ހުރި ލޮލުން މީޓިންގރޫމްގެ ދޮރާ ދިމާއަށް ބަލަން އިނދެ ލަޔާލް ބުންޏެވެ.

“ބެހެން ޖެހޭނެ. ލަޔާލްއަށް ތިހެން ހީވިޔަސް ލަޔާލް ކުރާ ކަންތަކުގެ ސަޒާ އެހެން މީހުންނަށް ލިބޭ. އިނދެގެން ހުރިއްޔާ ތި ދަރިފުޅުގެ ބައްޕަގެ ނަމަށް ވާނީ ލަޔާލްގެ ފިރިމީހާގެ ނަން. އެހެން ވީމަ ރުޅިވެސް–” ނާފިޒް ރުޅި ގަދަވެ އަޑު ބާރުވިއެވެ.

“އަހަރެން ކޮންމެ އެއްޗެއް ބުންޏަސް ބައްޕަމެން އެންމެން ގަބޫލު ކުރާނީ އޭނަގެ ބަސް. ދެން އިތުރަށް ތި ވާހަކަތައް ނަގައިގެން ދެއްކުމުގެ ބޭނުމެއް އެބަ އޮތްތަ؟ އަހަރެންގެ ސަބަބުން އެހެން މީހެއްގެ ނަން ހަޑި ވަންޏާ އަހަންނާ އޮތް ގުޅުން ކަނޑާލަން ވީނު؟ ނޫނީ އެކަން އަހަރެން ކުރަން ދެންތަ އެ ހުންނަނީ؟ މިހާ ދުވަސް ވީ އިރުވެސް އެއްޗެއް ނުވިސްނުނު ބަޔަކަށް ދެންވެސް ނުވިސްނޭނެ.–” ލަޔާލް އެ ތަނުން ނިކުތީ ހިފަހައްޓަމުން ދިޔަ ކަރުނަތައް ފައިބަން ފެށުމުންނެވެ.

“ނާފިޒްވެސް މިހާރު ދެން ތި ރުޅި މަޑުކުރަން ވެއްޖެ” ލަޔާލް ނިކުތުމުން މާހިރާ ބުންޏެވެ.

“ދޮންތައަށް އަޑު އިވުނުތަ؟ ފެނުނުތަ؟ އަދިވެސް ގޮތް ދޫނުކުރަން އެ ހުންނަނީ. ކުރި ކުށަށް އެއްބަސްވި ނަމަ، ސާހިލް ބުނި ގޮތަށް ކަންތައް ކުރި ނަމަ މިއަދު އެކަނި އުޅޭކަށް ނުޖެހޭނެ. އަހަރެން ހިތަށް އަރާ ކިހާ ވަރެއް ވީމަ ބާއޭ އެއްޗެއް ވިސްނިގެން އަންނާނީ” ނާފިޒް ބުންޏެވެ.

“ސާހިލްއަށްވެސް ގޯސްތަކެއް ނުހެދޭ ކަމަކަށް ނުވާނެ. ލަޔާލް އެކަނި ކުށްވެރިއެއް ނުކުރެވޭނެ” އެ ވަގުތު މާހިރާ ބުންޏެވެ.

“އަހަރެން ގަބޫލު ކުރަމޭ ތި ކަންވެސް. އެކަމަކު ސާހިލް މާފަށް އެދުނެއްނު؟ އެކީ އުޅެން ބޭނުން ވިއެއްނު؟ ސާހިލްއަށް ކުރެވުނު ކުށަށް އޭނަ އެއްބަސްވެ މާފަށް އެދުނު އިރު ލަޔާލްއަށް ކީއްވެ އެހެން ނުހެދުނީ؟” ނާފިޒް ދެ އަތުން ބޮލުގައި ހިފާލިއެވެ. ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް ދަރިފުޅާ މެދު ނާފިޒް ހަގީގަތުގައިވެސް ކަންބޮޑުވެއެވެ.

“ބޮޑުއްތާ، ދޮންބޭ.. އަހަންނަށް ހީވަނީ އެ މީހުންގެ މެދުގަ ވީ ކަންތަކުގެ ހަގީގަތް އެކަކަށްވެސް ނޭނގޭ ހެން. އެ ހުރިހާ ކަމަކީ ވަރަށް ބޮޑު މިސްއަންޑަރސްޓޭންޑިންގ އެއްހެން އަހަންނަށް ހީވަނީ” އެހެން ބުނީ އާސިމާގެ ދަރިފުޅު ރަމްޝާއެވެ.

“ރަމްޝާ ތި ބުނަނީ ކީކޭ؟” ނާފިޒް އަހާލިއެވެ.

“ލަޔާލް އެ ބުނަނީ ތެދަށް ކަމަށް ވެއްޖެއްޔާ..؟ ވިސްނާލަބަލަ ބޮޑުއްތާ.. މިހާ ދުވަސް ވީ އިރުވެސް ލަޔާލް އެއްބަސް ނުވާނީ ކަމެއް ވެގެން ދޯ؟ އެއް ފަހަރުވެސް އެކަކުވެސް އެ ގޮތަށް ވިސްނިތަ؟” ރަމްޝާގެ ވާހަކަ އަޑު އަހަން އެންމެން ތިއްބެވެ.

“ރަމްޝާ އެ ބުނާ ހެން ވެއްޖެއްޔާ މި ހުރިހާ ދުވަހު ލަޔާލްއާ މެދު ވަރަށް ނާއިންސާފުން ކަންތައް ކުރެވުނީ. އެހެން އެންމެންނަށް ވުރެ ބޮޑަށް ސާހިލް..” އިރުފާންއަށް ރަމްޝާ ބުނަން އުޅުނު އެއްޗެއް ވިސްނުނެވެ.

 

**އިރާދަކުރެއްވިއްޔާ ހަފްތާއެއްހާ ދުވަސް ތެރޭ މި ވާހަކަ ގެނެސްދޭން ފަށާނަން. ކިޔުންތެރިންނަށް މި ވާހަކަވެސް ކަމުދާނެ ކަމަށް ހީކުރަން.

Comments (6)

  1. ....

    Is this also esfiya pro ah liyaa story ehh??

    1. Mar Sha
      ....

      no, you can read this story without any payments

  2. Luna

    Excited for ur new story can’t wait 😍

    1. Mar Sha
      Luna

      InshaAllah next week nimunuge kurin start kuraanan

  3. Aisha

    Vrh reethi vaane hen heevany ♥️ enme fahun liyunu story nuvx kiyunu login nuvevythy

    1. Mar Sha
      Aisha

      register kollyma u can login dear, but e story ah u hv to pay 2rf per episode

Comments are closed.