ދަންވަރުގެ ވަގުތެވެ. ސޯފާގައި ނިދިފައި އޮތް ލައިޝާއަށް ހޭލެވުނީ އިވުނު ބާރު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. ބޭއިޙްތިޔާރުގައި ފުންމައިގެން ތެދުވެވުމާއި މައި އެކު ބޭރުން އިވެނީ ގެ ބޮޑު ދޮރުގައި ހުއްޓުމެއްނެތި ޓަކި ޖަހަމުން ދާއަޑެެވެ. ޖެހިލުންވެ ބިރުންހުރެ ލައިޝާ ގޮސް ދޮރު ހުޅުވާލުމާއި އެކު އެތެރެއަށް ދެމިގަތީ ޒުވާން އަންހެން ކުއްޖެކެވެ.
އެކުއްޖާ ހުރި ހާލަތު ފެނިފައި ލައިޝާއަށް ހައިރާން ކަމެއް ލިބުނެވެ. އޭރު ވެސް އެކުއްޖާއަށް ދިޔައީ ގިސާލެވެމުންނެވެ. އެކުއްޖާ ލައިގެން ހުރި ފޭރާމުގެ އެކިތަންތަން ވަނީ ވީދިފައެވެ. ވައިގެ އެކިތަންތަންވަނީ ނޫފައިގާނެ ރަތްވެފައެވެ. އޭރު ވެސް ނިތްކުރިންނާއި ނޭފަތުން ދިޔައީ ލޭ އަންނަމުންނެވެ. ކިހިނެއް ވީތޯ ލައިޝާއަށް އަހާލެވުނެވެ.
“ދާ-ދަދާ.. ދާރިއަން..” އެކުއްޖާގެ އަޑު އައީ ކެނޑިކެޑިގެންނެވެ. ލައިޝާ އެކުއްޖާ ގޮވައިގެން އައިސް އޭނާ ސޯފާގައި ބެއިންދިއެވެ. އަދި އެކުއްޖާ އަށް ފެންތަށްޓެއް ދިނެވެ. އިރުކޮޅަކުން އެކުއްޖާގެ ރުއިންކެނޑި ހަމައަކަށް އެޅުނެވެ.
“ކިހިނެއްވީ..؟” އަނެއްކާވެސް ލައިޝާ އަހާލިއެވެ.
“އޭނަ-އޭނާ އަހަރެންނަށް އަނިޔާ ކުރަނީ..!” އަނެއްކާވެސް އެކުއްޖާ އަށް ރޮވުންފެށުނެވެ.
“އޭނާ އަކީ ކާކު..؟ އޭނާ ކީއްވެ އަނިޔާ ކުރަނީ..؟ ލައިޝާ އަހާލިއެވެ.
“އެއީ ދާރިއަން.. އަހަރެންގެ ފިރިމީހާ.. އަހަރެން އޭނާ އާއި ކައިވެނި ކުރީ ގަދަ ބާރުން މަޖުބޫރު ކޮށްގެން.. ފުރަތަމަކޮޅު އޭނާ ބުނާއެއްޗެއް ބުނަނީ އަނގައިން، އެކަމު ފަހުން ފަހުން އައިސް އޭނާ އަހަރެންގެ ގަޔަށް އަތްލާން ފެށީ.. ފުރަތަަމަ ފަހަރު އަހަރެން ހީއްކުރީ އެމައްސަލަ ހައްލުވާނެކަމަށް، އެކަމަކު.. އޭނާ މަސްތުވާތަކެތި ބޭނުން ކުރަންފެށީ.. ދެން އެއްރެޔަކު އޭނާ އަހަރެންގެ ކިބައިން އަހަރެންގެ ނުރުހުމުގައި އަހަރެންގެ ގައިން އުފަލާ އަރާމު ލިބިގަތީ.. ކޮންމެރެއަކު ހަމައެގޮތަށް ތަކުރާރު ކުރަންފެށީ.. އަހަރެން ދެކޮޅު ހެދުމުން އޭނާ އަހަންނަށް އަނިޔާކުރަން ފެށީ.. އަހަރެން ބޭނުން މިކަމުން ސަލާމަތްވާނީ.. މަންމަމެން ކައިރީގަ ބުނީމަ އެމީހުން ދިނީ ބީރު ކަންފަތެއް..އެކުއްޖާގެ ވާހަކަ އަހައިފައި ލައިޝާގެ ލޮލުންވެސް ކަރުނަ ހިލުނެވެ.
“އަހަރެން ސަލާމަތް ކޮށްދީ.. އަހަރެން ބޭނުން މިކަމުން މިންޖުވާން..” އެކުއްޖާ ލައިޝާ އާއި ދިމާއަށް ބަލާލީ އާދޭހުން ފުރިގެންވީ ނަޒަރަކުން ނެވެ. ލައިޝާ އެކުއްޖާ އެގޭގައި ކުޑަދުވަސް ކޮޅަކު ހުރުމަށް ކޮޓަރިއެއް ދެއްކި އެވެ. ލައިޝާ ނިދަން ކޮޓަރިއަށް ވަނެވެ. ނުނިދިއޮތް ލައިޝާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އޭނާގެ ހިތި މާޒީގެ ހަދާންތަކެވެ.
“ލައިޝާ..” ޒިވިއަލްގެ ބާރު އަޑު ގޭތެރޭގައި ގުގުމާލިއެވެ.
“ކަލޭ ކައިރީ ކިތައްފަހަރު ބުނަންވީ މަ އޮފީހުން އަންނަން ވާރަށް ކާން ތައްޔާރު ކޮށްފަ ބަހައްޓާށޭ..! އެވަރުގެ ކުޑަކަމެއްވެސް ނުވަނީތަ…؟ ބުނަން! ކަލޭ ތީ މަގޭ ހައްގެއް.. ކަލޭ އުޅެންވެސް ޖެހޭނީ މަބުނާގޮތަކަށް..!” ޒިވިއަލް ކުރިމަތީ ހުރި ލައިޝާ ހުރީ އިސްޖަހާލައިގެންނެވެ. އޭރު އޭނާއަށް ދިޔައީ ރޮވެމުންނެވެ. ދެން ފެނުނީ ޒިވިއަލް ބޯންއިން ހޫނު ކޮފީތަށި ލައިޝާގެ މޫނަށް ޖެހިތަނެވެ.
“ބައްޔެއްނު..! ކަލެޔާ ހެދި މަށަށް ދިރިއުޅެވޭ ވަރެއް ނުން..” ޒިވިއަލް އެތިވަރު ގޮވައިލައިފައި ގެއިން ނުކުމެގެން ހިގައްޖެއެވެ. ލައިޝާއަށް ބިންމައްޗަށް ޖެހިގަނެވުނެވެ. އަޑުން އަޑުނަގައި ރޯންފެށުނެވެ. މިއީ އޭނާ އުޅެން ޖެހިފައިވާ ހާލެވެ. މި ދިރިއުޅުން އޭނާއަށް ހައްގުވާންވީ އޭނާއަށް ވެވުނު ކޮން އިހުމާލަކުން ހެއްޔެވެ؟ އަމިއްލަ ދިރިއުޅުމާއި މެދު ވިސްނައި ލައިޝާއަށް އިތުރަށް ރޮވެން ފެށުނެވެ.
ޒިވިއަލް އާއި ލައިޝާގެ ކައިވެނި ކުރެވުނީ ދެމީހުންވެސް ލޯބިވެ ގޮތުން އެއްބަސް ވެގެން ނެވެ. 5 އަހަރުގެ އެ ގުޅުން ހަލާލު ކުރއވޭތީވެ ލައިޝާ ހުރީ ނިކަން އުފަލުންނެވެ. ޒިވިއަލް ވެސް މެއެވެ. ކައިވެނީގެ ފުރަތަމަ އަަހަރު ބޭރުވެގެން ދިޔައީ ލައިޝާ އާއި ޒިވިއަލްގެ ހަޔާތުގައި އުފާވެރިކަމުގެ ކުލަވަރު ފަވާލަމުންނެވެ. ނަމަވެސް އެ އުފާވެރިކަމަށް ބަނަކަމެއް ގެނުވީ ޒިވިއަލްގެ މިޒާޖަށް އައި ބަދަލާއި އެކުއެވެ. އެއްމެ ފުރަތަމަ ފެށީ ބަހުގެ ހަމަލާ ތަކުންނެވެ. ފަހުން ފަހުން އައިސް ކުރަންފެށީ ޖިސްމާނީ ގޮތުން އަނިޔާ އެވެ. އެތައް ދުވަހެއް އެވޭނުގައި އުޅެފައި ޒިވިއަލްގެ ކިބައިން މިނިވަން ވިއެވެ.
ހަވީރުގެ ވަގުތެވެ. ކުއްލިގޮތަކަށް އޮފީހައްދާން ޖެހިގެން ލައިޝާ ގެއިން ނުކުތީ އޮފީހަށް ދިއުމަށެވެ. އެވަގުތު ދާރިއަން އެބަޔަށް ވަދެ ސިޔާ ހުރި ކޮޓަރިއަށް ވަނެވެ. ހަމަ އެދިޔަ ބާރުމިނުގައި ގޮސް ސިޔާގެ މޫނުމަތީ އެތި ފަހަރެއް ވީއްލާ ލިއެވެ.
“ކަލޭ ހީއްކުރީތަ ކަލެޔަށް މަގޭ ކައިރިން ސަލާމަތް ވެވޭނެކަމަށް..! ނުވެވޭނެ، ކަލޭ ތީ މަށަށް ވިއްކާލާފަ ހުރި މުދާ ގަނޑެއް..!”
“ވިއްކާލާފައޭ..؟” ސިޔާ އަށް އަހާލެވުނެވެ.
“އާން ތިއިވުނީ ރަގަނޅަށް، ކަލޭ ތީ ކަލޭގެ މައިންބަފައިން މަށަށް ވިއްކާލާފަ ހުރި އެއްޗެއް..! މާކުރިން ކަލޭ ދެކެ ލޯބިވާކަމަށް ހެދިގެން އުޅުނަސް އަހަރެން ކަލޭ ދެކެ ލޯތްބެއް ނުވޭ.. މަށަށް ފައިސާ ކޮޅު ލިބުނީމަ ހީވީ މަށަށް ދުނިޔެ ރަންވިހެން.. އެކަމު ކަލޭގެ ދުއްތުރާ އާ ހެދި މަށަށް ހަމަޖެހިލައިގެން އުޅެވޭ ވަރެއް ނޫން..” ދާރިއަން ސިޔާގެ ކޮލަށް ފިތާލިއެވެ.
“ހަނދާންކުރާތި އަދި ސަލާމަތެއް ނުވެވޭނެ..” ދާރިއަން ގުންފައި ޖަހާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ. ދާރިއަން ދިޔައިރުވެސް ސިޔާއަށް ހުރެވުނީ ގަނބުވެފައެވެ. އޭނާ ދެއްކީ ތެދުވާހަކައެއް ބާއެވެ. އޭނާގެ މައިންބަފައިން ހަމަ އެހާ ބޭވަފާތެރި ހެއްޔެވެ؟ އޭނާގެ މައިންބަފައިންގެ ހިތުގައި ކުލުނުގެ ކަންފުޅެއްވެސް ނެތީހެއްޔެވެ؟ އޭނާ ވޭނުގައި އުޅެން ވީރު މައިންބަފައިންވީ އުފަލުގައި އުޅެން ހެއްޔެވެ؟ އަޅެ ފަހެ އަހަރެން ޖަނަވާރަކަށް ވިއްކާލީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟
އޮފީހުން އައިސް ގެޔަށް ވަނީރު ލައިޝާ ހުރީ ފުދޭވަރަކަށް ވަރުބަލި ވެފައެވެ. ކާން ތައްޔާރު ކުރުމަށް ފަހު ލައިޝާ ދިޔައީ ސިޔާ އަށް ކާންގޮވުމަށެވެ. ޓަކިޖަހާޖަހާވެސް އެތެރެއިން ޙަބަރެއް ނުވިއެވެ. ލައިޝާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ލައިޝާ އަވަސްއަވަހަށް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ލައިޝާ ބޯ އަނބުރައި ގަތެވެ. ލަންކާގައި އެލިގަނެގެން ދަންޖެހިފައި އެއޮތީ ސިޔާ އެވެ. މިކަންކަތަށް މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ ލައިޝާގެ އަތް ފައި ފިނިވިއެވެ. ސިޔާގެ މުޅި ހަށިގަނޑު ވަނީ ނޫވެފައެވެ. ލައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހިތްވަރު ކޮށްފައި ދޮރު ލައްޕާލިއެވެ. މޭމަތީ އަތް އަޅައި ފުންނޭވާތަކެއް ބޭރުކުރަމުން ދިޔައީ މީހާ ހަމައަކަށް އެޅުވުމަށްޓަކައެވެ. ސިޔާ އޭނާގެ ފުރާނަ ނަގާލަންވީ ކީއްވެ ހެއްޔެވެ؟ އޭނާ ސިޔާ އަށް އެހީވާން އުޅުނީމަ ވެސް އޭނާ މިހާރު މިދުނިޔެއާއި ވަކިވެ ދިޔައީއެވެ. ލައިޝާއަށް ރޮވުނެވެ.
އިރުކޮޅެއް ތެރޭ އެމްބިއުލައިންސް އަދި ޕޮލިސް ސައިރަންގެ އަޑުން މުޅިތަން ގުގުމާލިއެވެ. އޭރުވެސް ލައިޝާ އަށް ހުރެވުނީ އެކޮޓަރި ކައިރީ އިށީންދެލައިގެނެވެ. އެމްބިއުލައިންސް ގައި ސިޔާގެ ހަށިގަނޑު ގެންދެވުނެވެ. ޕޮލިހުން އައިސް އެ ކޮޓަރިތެރެ ފާސްކުރިއިރު ވެސް ލައިޝާ ހުއްޓެވެ.
“ދައްތާ..؟ މީ ދައްތަގެ މަންހަޖާއި ފައި އޮތް ގަނޑުކޮޅެއް..” އެތަނުން ކުއްޖަކު އައިސް ބުނެލިއެވެ. ލައިޝާ އޭގައި ހިފިއެވެ. އޭނާ ތެޅިތެޅި އޮތް ހިތަކާއި އެކު އެ ގަނޑު ކޮޅު ހުޅުވާލިއެވެ. އޭގައި އޮތީ ލިޔުން ކޮޅެކެވެ.
“ލައިޝާ އެވެ. ލައިޝާ ތި ވެދިން އެހީތެރިކަމަށް އަހަރެން ވަރަށް ޝުކުރުވެރިވަމެވެ. އަހަރެންގެ ވާހަކަތަށް ގަބޫލުކުރި ހަމައެކަނި މީހަކީ ތީއެވެ. އަހަރެންނަށް ދާރިއަންގެ ކިބައިން ސަލާމަތް ކޮށްދިނުމަށް އުޅުނީތީ ވެސް އަހަރެން ވަރަށް އުފާވަމެވެ. ނަމަވެސް އަހަރެންނަކަށް އިތުރަށް ކެތެއް ނުކުރެވޭނެއެވެ. އަހަރެންނަށް އެނގޭހާވެސް ކަމަކީ ދާރިއަން އަށް މިކަންތައް އެނގޭ ހިސާބުން އަހަރެންނަށް އިތުރަށް އަނިޔާ ކުރާނެ ކަމެވެ. ލައިޝާ އެވެ. އަހަރެންނަށް މިއަދު އަހަރެން މިއީ ކިހާ ބޮޑު ބަދުނަސީބު ވެރިއެއް ކަން އެނގިއްޖެއެވެ. އެނގޭހެއްޔެވެ. އަހަރެންގެ މައިންބަފައިން ވަނީ އަހަރެން މިޖަނަވާރެއް ފަދަ މީހާގެ ކިބައިން ސަލާމަތް ކުރުމުގެ ބަދަލުގައި އެމީހުން އަހަރެން އޭނާގެ އަތް މައްޗަށް ދޫކޮށްލީއެވެ. އަޅެ އެއީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އަހަރެން އިތުރަށް ދުނިޔޭގައި ގިރުމުގެ އެއްވެސް މަގްސަދެއް ނެތެވެ. ކޮންމެ ދިމާއަކުންވެސް ވަނީ ވޭނެވެ. އެކަނި ވެރިކަމެވެ. ހިތާމައެވެ. އެހެންކަމުން އަހަރެން ދެން ދުނިޔެއާއި ވަކިވަނީ އެވެ. ސަލާމެވެ!”
ލައިޝާގެ ލޮލުން އޭރު ދިޔައީ ހުއްޓުމެއްނެތި ކަރުނަ އަންނަމުންނެވެ. މިކުއްޖާ އުޅެންޖެހިފައިވާ ހާލު ފެނިފައެވެ. އެއްމެ ފަހު ވަގުތުވެސް އެދިޔައީ ޝުކުރު އަދާކޮށްދީ ފައެވެ. ސިޔާ އަށް ރަގަނޅު ގޮތް މިންވަރު ކުރެއްވުމަށް އޭނާ އަށް ހިތާހިތާ ދުޢާ ކޮށްލެވުނެވެ.
ލައިޝާ މިވާހަކަ ގޮސް ފުލުހުންނަށް ކިޔައިދިނެވެ. ދާރިއަންގެ އިތުރަށް ސިޔާގެ މައިންބަފައިން ވެސް ހައްޔަރު ކުރެވުނެވެ. ސިޔާ އަށް އިންސާފު ލިބުނީތާ އެވެ. ނަމަވެސް މިހާލުގައި ކިތައް މީހުން އުޅޭނެ ބާއެވެ. އެމީހުން އެކަމުން ސަލާމަތް ވުމަށް އެތަކެއް އާދޭސްތަކެއް ކުރާނެ ހެއްޔެވެ؟ ލައިޝާ ހިތުލައިގެން ހުރީ ދެން މިކަހަލަ ކަމެއް ވާކަން އެނގޭ އެންމެ އަވަހަކަށް އެމީހުން މިކަމުން މިންޖުކޮށް ދިނުމަށެވެ. އަޅެ ފަހެ އެމީހުންގެ ދޭތެރޭގައި ވެސް އޮތީ ހިތެކެވެ. އަސަރު ކުރާނެ ތާއެވެ.
*ނިމުނީ*

