ކުށަކާ ނުލާ…
ފެރީ ގިމަތައިން ނުކުތް ވަގުތު ފެނުނު މަންޒަރުން އަހަރެން ގަނޑުވި ކަހަލައެވެ. ފެންނަމުން ދިޔަ މަންޒަރު، ހުވަފެނަކަށް ވާނެނަމައޭ ހިތަށްއެރީ ކިތަށް ފަހަރުކަމެއް ނޭންގެއެވެ. “އައިލީ…” އަހަރެން ހުއްޓުން އަރާފައި ހުންނަން ފެށުމުން ކުރިމަތީގައި ހުރި 28 ވަރަކަށް އަހަރުގެ ޒުވާނާ ގޮވާލިއެވެ. އަހަރެން ހިތި ހިނިތުންވުމެއް އެ ޒުވާނާއަށް ހަދިޔާކުރުމަށްފަހު ޓެކްސީއަށް އަރާ އަހަރެންގެ މިސްރާބަށް ދަތުރު ފެށީމެވެ. އެ ޒުވާނާއަށް ފަސްދީފައި ޓެކްސީ ދުއްވާލުމާއެކު އަހަރެންގެ ލޮލުގައި ހުރި ކަރުނަތައް މިނިވަންވެގެން ފައިބާ ގަތެވެ. އެ ޒުވާނާ ފެނިފައި އަހަރެން ހަނދާންކުރަން ބޭނުންނުވާ ހިތި ހަނދާންތަކެއް އާ ވެއްޖިއެވެ.
އެއީ މީގެ ތިން އަހަރު ކުރިއެވެ. ގިސްލެވެމުންދިޔަ ހާލު އަހަރެން އުޅުނީ ބިންމަތީގައި ހުރި މުށިކޮޅުތައް ނެގޭތޯއެވެ. އެހެންނަމަވެސް ކަރުނައިގެ ސަބަބުން ލޯ ފުސްވެފައި ހުރުމުން އެކަން ކުރުންވީ އުނދަގޫ ކަމަކަށެވެ. އެހާލުގައި އަހަރެން އުޅެނިކޮށް އެތަނަށް އައީ އަހަރެންގެ ފިރިމީހާ ޒިރާންއެވެ. ފަރުވާކުޑަ ގޮތަކަށް އަހަރެންނަށް ބަލަން ހުރެފައި އަތުގައި ހުރި ކަރުދާސްތައް އަހަރެންނާ ދިމާލަށް އުކާލިއެވެ. މުށިކޮޅުތައް ޑަސްބިނަށް އަޅާލުމަށްފަހު އަހަރެން އައިސް އެ ގަނޑުތައް ނެގީމެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ މަތީ އިން ސުރުޚީއެވެ. ވަރީގެ ފޯމެއް ޒިރާން ނަގަންވީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ ޒިރާން އަހަރެން ވަރި ކުރަނީހެއްޔެވެ؟ އަހަރެންނަށް ވަގުތުން ނޫނެކޭ ކިޔާ ހަޅޭތް ލަވައިގަނެވުނެވެ.
“ކިހިނެއްވީ؟… އައިލީ ބޭނުންވިޔަސް އަހަރެންނަކަށް ނެތް އައިލީ އާއެކީ އުޅެވޭކަށް… އަހަރެންވެސް ބޭނުން އާއިލާއެއް… ދަރިން ނުލިބޭ މީހަކާއެކީ އަހަރެން އާއިލާއެއް ބިނާކުރާނީ ކިހިނެއް؟…” ޒިރާންގެ ރަހުމެއްނެތް ހަމަލާތައް، ރުވާފައިދިޔަ ތީރެއްފަދައިން ހެރުނީ އަހަރެންގެ މެޔަށެވެ. “ޒިރާން… ކުދިން ނުލިބުމަކީ އަހަރެންގެ ކުށެއްތަ؟…” ހިތުގައި ޖެހިފައި އަހަރެންނަށް އެހުނެވެ. އެއާއެކު ޒިރާން. އަޑުގެ ނެތްތަނަށް ‘އާންއެކޭ’ ކިޔާ ހަޅޭތްލަވައިގަތެވެ. އަހަރެންނަށް ރޮމުން ޒިރާންގެ ފައިބުޑަށް ތިރިވެވުނެވެ. އަދި ޒިރާންގެ ފައިގައި ބައްދާގަނެވުނެވެ. އެއާއެކު ޒިރާން އަހަރެން ފޮޅުވާލީ ނަޖިސް އެއްޗެއް ފަދައިންނެވެ.
ޖެހިގެންއައި ދުވަހު ޒިރާން އަހަރެން ވަރި ކުރިއެވެ. އަދި ހަފްތާއެއްގެ ތެރޭގައި ގެއިން ނުކުންނަން ޖެހޭނެ ކަމަށް ބުންޏެވެ. އެއާއެކު އަހަރެން ނިންމީ ޒިރާންގެ ހަނދާންތަކާ މުޅިން ދުރަށްދާށެވެ. ޒިރާން މަތިން ހަނދާން ނައްތާލާށެވެ. އެއީ ހިތުގައި އިންސާނިއްޔަތުކަމޭ މިކިޔާ އިހުސާސް ވެސް ނެތް ރަހުމުކުޑަ އިންސާނަކަށްވީތީއެވެ.
ގެއިން ނުކުންނަން ޒިރާން އަހަރެންނަށް ދިން މުއްދަތުގެ ތެރޭގައި އަހަރެން ފުރީ ރާއްޖެއިން ބޭރަށެވެ. ކުޑައިރުއްސުރެ ހާސިލްކުރަން ބޭނުންވި ހުވަފެން ހާސިލް ކުރާށެވެ. ތައިލެންޑްގެ ޔުނިވަރސިޓީއަކުން ‘ލޯވ’ ކިޔަވާށެވެ. މިއަދު އަހަރެން އެނބުރި ރާއްޖެ މިއައީ ކިޔެވުން ފުރިހަމަކޮށްގެންނެވެ.
ޒިރާންއަށް އަހަރެން އަންނަކަން އިނގުނީ އަހަރެންގެ ސޯޝަލް މީޑިއާ ހާވައިގެންކަން ޔަގީނެވެ. ޒިރާން މިހާރު އަހަރެން ބޭނުންވެގެން އެއުޅޭ ސަބަބުވެސް ވަރަށް ސާފެވެ. ޒިރާންއަށް އިތުރު މީހަކާއެކީ ނޫޅެވުނީއެވެ. މުސްކުޅިން ބުނެ އުޅެއެއްނޫން ހެއްޔެވެ؟ އެއްޗެއްގެ މުހިންމުކަން އެނގޭނީ އެ އެއްޗެއް ގެއްލި ދިޔުމުންނެވެ. ޒިރާންއަށްވެސް ވީ އެހެންނެވެ. އެހެނަސް ދެރައީ ޒިރާންއަށް އެކަން ރޭކާލީ މާފަހުންކަމަށް ވުމުންނެވެ.
ޓެކްސީ އައިސް އަހަރެންގެ މަންޒިލަށް ހުއްޓުމާއެކު އަހަރެން ފައިސާ ދައްކާފައި ކުރިމަތީ ހުރި އިމާރާތަށް ވަނީމެވެ. 2 ވަނަ ފަންގިފިލާއަށް އަރަން ލިފްޓު ކައިރީ ހުއްޓާ މީހަކު އައިލީއޭ ކިޔާ ގޮވާލިއަޑަށް ފަހަތް ބަލާލީމެވެ. “ލިއަމް…” ފުރިހަމަ ހިނިތުންވުމަކާ އެކީ އަހަރެން ގޮވާލީމެވެ. ލިއަމްއަކީ އަހަރެން އިންނަން އުޅޭ ޒުވާނާއެވެ. ލިޔަމްއާ އަހަރެން ދިމާވީ އަހަރެން ކިޔަވަން ގޮސް އުޅުނު އިރުއެވެ. ނަމަވެސް ކަންދިމާކުރިގޮތުން އެއަހަރުވީ ލިއަމްގެ ފަހު އަހަރަށެވެ. އެހެންނަމަވެސް ލިއަމް ރާއްޖެ އައީ އަހަރެންކައިރި އިންނަން އަހާ، އަހަރެން އެއްބަސް ކުރުވާފައެވެ. ލިއަމް އަހަރެން ކައިރީ އިންނަން އެހި އިރުވެސް އަހަރެންނަކީ ކުދިން ނުލިބޭ މީހެއްކަން އިނގޭނެއެވެ. ލިއަމްގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. މި ޒަމާނުގައި ‘އެޑޮޕްޓް’ ވެސް ކުރެވޭނެއެވެ.
މިއަދު އަހަރެންނަކީ މި ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ތުއްތު ތުއްތު އިމްޔާއާއެކީ އަހަރެންނާއި ލިއަމް އުޅެނީ ހަގީގަތުގައިވެސް ވަރަށް އުފަލުގައެވެ. މާޒީއަކީ މިހާރު އަހަރެން ދަންނަވެސް އެއްޗެއް ނޫނެވެ. އެއީ އަހަރެންގެ ނަޒަރުގައި އަހަރެންނަށް ލިބުނު ފިލާވަޅެކެވެ.


