Skip to content
އެސްފިޔަ

ވަގުތު ނުދެވުމުން

އަތިރިމަތީގައި އިން އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ ގޮނޑުދޮށަށް ބީއްސާލަމުން ދިޔަ ރާޅު ތަކާއި ދިމާލަށެވެ. ދިޔަވަރު ހިކިފައި ވުމުން މާބޮޑެތި ރާޅު ތަކެއް ނުޖެހި ނަމަވެސްއެވެ. މިހާރު އިރު އޮއްސުނުތާ ވެސް އިރުކޮޅެއް ވެއްޖެއެވެ. މެންދުރުން ސުރެ އަހަރެން މީނީ މިތަނުގައެވެ. އެކަންޏެވެ. މިއަދު އަހަރެންނަކީ އެކަނިވެރިއެކެވެ.

ގޮނޑުދޮށަށް ބީއްސާލި ރާޅާއި އެކު އަހަރެން ލޮލުންވެސް ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ. އެއްވެސް ރަހުމެއް ނެތި އަހަރެންގެ ކޯތާފަތުގައި އެކަރުނަތިކި ބީހިލާފައި ވެއްޓިއްޖެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއަދު އެކަރުނަތަށް ފުހެދޭނެ އެކަކުވެސް ނެތެވެ.

ދެލޯ މަރާލަމުން އަހަރެން ފިނި ވެލިގަނޑު މަތީގައި އޮށޯވެލީމެވެ. އުޑުމަތީގައި އިން ފުރިހަމަ ހަނދަށް އަހަރެން ބަލާލީމެވެ. ނަމަވެސް ހަނދު އަހަރެންނަށް ފެންނަނީ ފުސްކޮށެވެ. ސަބަބަކަށް ވީ އަހަރެންގެ ލޮލުގައިވީ ކަރުނައެވެ. އަހަރެން ދެލޯ މަރާލީމެވެ. ހުދާއި ކަޅުން އަހަރެންނަށް ފެންނަމުން ދިޔަ އަހަރެންގެ މާޒީގައި ކުލަ ޖައްސާލަންށެވެ.

***

އަހަރެންނަކީ ދެމަފިރިޔެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އަހަރެންގެ އާއިލާއަކީ ފުދިގެން އުޅުނު އާއިލާއެއް ނޫނެވެ. އެންމެ ކުޑައިރުން ސުރެ ވެސް އަހަރެންނަށް ފެނިފައި ވަނީ މެންދުރުގެ އަވީގަޔާއި، ވެހޭ ބޯވާރޭގައި އަހަރެންގެ މަންމައާއި ބައްޕަ ކުރި ބުރަ މަސައްކަތެވެ. އެއީ ކޮން ކަމަކަށް ހެއްޔެވެ؟ އާއެކެވެ. އަހަރެންނަށް ތަރުބީއަތެއް ދޭން ވެގެންނެވެ.

ހުރިހާ ކަމެއް ބަދަލުވީ އަހަރެންގެ އުމުރުން 10 އަހަރުގައެވެ. ކުއްލި މަރަކުން އަހަރެންގެ ބައްޕަ މަރުވުން ވެގެން ދިޔައީ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނު ކަހަލަ ކަމަކަށެވެ. މަންމަ މާޔޫސް ވިއެވެ. އަހަރެން ވެސްމެއެވެ. އެހެނަސް ބައްޕަ ވަޅުލާފައި އަހިސް މަންމަ އަނެއްކާވެސް މަސައްކަތް ފެށިއެވެ. މިއަދު ވެސް ހެދިކާކޮޅެއް ވިއްކައިގެން ރުފިޔާ ލިބޭތޯއެވެ.

އާއެކެވެ. އެއީ މަންމައެވެ. މަންމަގެ ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް، ހުޅުތަކުގައި ރިއްސާތީ ކުޅަދާނަ ވާވަރު ނުވިޔަސް ވެސް މަންމަ އަހަރެމެންނަށް ކާންދީ، ބޯންދެޔެވެ. ލާނެ ރީތި އަންނައުނު ހޯދައިދެޔެވެ. މިއަދު ވެސް މިފެންނަނީ އެކަމެވެ. ހެދިކާ ހަދަން ފުއްގަނޑު މޮޑެން ހުރި އިރު މަންމަ ދެލޮލުން ކަރުނަ ފުހޭތަން ކިތަންމެ ފަހަރަކު ފެނުނެވެ. ނަމަވެސް ކަރުނަ ފުހެލާފައި އަނެއްކާވެސް މަންމަ ކުރިއަށް ދިޔައެވެ.

މަންމަ ކުރި މަސައްކަތުގެ ނަތީޖާ ކިތަންމެހާ ވެސް ފޮންޏެވެ. މިއަދު އަހަރެން މިހުރީ ކިޔަވާ ނިމިފައެވެ. އޯލެވެލްއިން 1 ވަނަ ހޯދާ މުޅި ސުކޫލަށާއި މަންމައަށް ރަންވަނަ ހޯދައި ދިނީމެވެ. މަންމަ ވީއުފަލުން ގިސްލާފައި ރޮމުން ސަޖިދަ ޖެހިއެވެ.

“މަންމާ. ދެން މަންމަ ނުޖެހޭނެ މަސައްކަތް ކުރާކަށް. މަންމައަށް އަޅުގަނޑު ޙަރަދު ކުރާނަން” މަންމަގެ އަތުގައި ހިފާލަމުން އަހަރެން ބުނީ އަޒުމުގައެވެ. ކަރުނަވީ ދެލޮލާއި އެކު މަންމަ އަހަރެންގެ ހަށިގަނޑުގައި ލޯބިން ބައްދާލިއެވެ.

އަހަރެން ވަޒީފާއަށް ވަނީ ރަށު ކައިރީ ރިސޯޓަކަށެވެ. ރަށުން ރިސޯޓަށް ދާން 10 މިނިޓް ވެސް ނުނަގައެވެ. އަހަރެން ފުރުން ހަފްތާއެއް ތެރޭގައި ހަމަ ޖެހުނެވެ. އަހަރެން ފުރުވަން މަންމަ ބަނދަރަށް އައެވެ.

“ދަރިފުޅާ ޒައިކް. ފަރުޟު 5 ނަމާދު ކުރައްޗޭ! ގޯސް ގޮތަކަށް ނޫޅެއްޗޭ. އަންހެން ކުދިން ފަހަތުން ފަހަތުން ނޫޅެއްޗޭ. މަންމައާއި ބައްޕަ ދިން ތަރުބީއަތުގައި ދެމި ހުންނައްޗޭ” އަހަރެންގެ ނިތުގައި ބޮސްދެމުން މަންމަ ބުނެލިއެވެ. އަހަރެން އެކަމަށް ވައުދު ވެފައި ލާންޗަށް އެރީމެވެ. “މަންމައަށް ކޮންމެ ދުވަހަކު ގުޅާނަން. އިންޝާ ﷲ ވަރަަށް އަވަހަށް އަންނާނަން” އަހަރެން ބުނެލީމެވެ.

ނަމަވެސް ކަންތަަށް ވީ އުންމީދު ކުރިގޮތަކަށް ނޫނެވެ. އަހަރެންނަށް ދެވުނީ “ކަންތަށް ފަލަ” ބޮޑު މީހެއް އުޅޭ ރިސޯޓަކަށެވެ. ހަމަ ޖެހިލައިގެން ކާލާނެ ވަގުތުކޮޅެއްވެސް އަހަރެންނަކަށް ނުލިބެޔެވެ. އެހާވެސް ބުރައެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ އަވަހަށް އައުމަށް އަހަރެން މަންމައަށްވީ ވައުދާ ޙިލާފު ވެވުމެވެ. އަހަރެންނަކަށް މަންމަ ކައިރިއަކަަށް ނުދެވުނެވެ. ކުޑަ މިނުން ގުޅާލާނެ ވަގުތެއް ވެސް ނުލިބެޔެވެ. ވަގުތުވާ ވަގުތު ނުވެޔެކޭ ނޫނެވެ. ވަގުތު ވުމުން ބޭނުން ވަނީ މަޖާ ކޮއްލާށެވެ. ފޯނާ ކުޅިލާށެވެ. މަންމައަށް ގުޅާކަށް ހިތަކަަށް ނާރައެވެ.

އަހަރެންނަށް ރަށަށް ދެވުނީ ރިސޯޓަށް ދިޔަތާ 10 މަސް ފަހުންނެވެ. ނަމަވެސް އަހަރެންއައީ އުފަލުންނެވެ. ސަބަބަކަށްވީ މަންމަގެ އެންމެ ބޮޑު އުންމީދު ފުރިހަމަ ކޮއްދެވުމެވެ. އާއެކެވެ. ހައްޖު ދަތުރަކަށް ޓިކެޓް ނަގައިގެންނެވެ. މަންމަގެ އުފާވެރި މޫނު ސިފަ ވުމުން އަހަރެންގެ ތުންފަތުގައި ވެސް ލުއި ހިނިތުންވުމެއް ކުރެހުނެވެ.

އަހަރެން ގެއަށް ވަނުމުން ދުވެފައި ބައްދާލާކަށް މަންމައެއް ނައެވެ. ހަތަރު ފަރާތުން ވަށާލީ އެކަނިވެރިކަމެވެ. ފަޅުކަމެވެ. މަންމަ ކޮބާ ބާއެވެ؟ “މަންމާ؟ މަންމާ؟” އަހަރެން މަންމައަށް ގޮވަމުން އެތެެރެއަށް ވަންނަން ހިނގައިގަތީމެވެ.

“ޒައިކް؟” ފަހަތުން އިވުނީ އާދަމްބެގެ އަޑެވެ. އަހަރެން އާދަމްބެއަށް ހިނިތުންވެލީމެވެ. އާދަމްބެއަކީ އަވައްޓެރިއެކެވެ. “ޒައިކް ހާދަ ދުވަސްކޮއްލާފައޭ ދޯ ތިއައީ؟” އާދަމްބެ އަހަރެންނާ ސަލާމް ކޮއްލިއެވެ. “އާނ ދޯ” އަހަރެން ހިނިތުންވެލީމެވެ.

“އާދަމްބޭ. މަންމަ ބޭރަށް ދިޔަތަން ދެކުނިން ތަ؟” އަހަރެން އަހާލީމެވެ. “އާނ. ކޮންމެ ދުވަހަކު ވެސް މަންމަ ދާނެ ހެނދުނު އަތިރިއަށް. މިއަދު ވެސް ދިޔަ. އުތުރު ފަރާތު އަތިރިއަށް ދަނީ. ދޭބަލަ އެތަނަށް” އާދަމްބެ ބުނެލިއެވެ. “ކީއްކުރަން އެތަނަށް؟” އަހަރެންނަށް އެއްބުމަ ހިއްލާލެވުނެވެ. “މަންމަ ބުނާނެ އެއީ ޒައިކް ވަރަށް ދާ ހިތްވާ އަތިރިއެކޭ. ކުޑަ އިރު ޒައިކް ގޮވައިގެން ކުޅެން ދިޔައީ ވެސް އެތަނަށޭ. ޒައިކް މަތިން ހަނދާން ވީމަ އޭ ކިޔާފަ ދާނީ”

އާދަމްބެގެ ވާހަކަ އިވި އަހަރެންގެ މެއަށް ގޮތެއް ވެލިއެވެ. މަންމަ ކޮންމެ ދުވަހަކުވެސް އަހަރެން މަތިން ހަނދާން ކުރެޔެވެ. އަހަރެންނަށް މަންމަ މަތިން އެވަރަށް ހަނދާން ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ދުވެފައި އަތިރިއަށް ދިޔައީމެވެ. އެހެނަސް…

***

ހަމަހިމޭންކޮށް އޮވެފައި ކުއްލިއަކަށް ބޯކޮށް ވާރޭ އޮއްސާލިއެވެ. ވާރޭގެ އަޑާއި އެކު އަހަރެންގެ ގިސްލުމުގެ އަޑު ވެސް ޖައްވުގައި އިވިލިއެވެ. “މަންމާ. މަންމަގެ ޒައިކް މީނީ އަތިރީގައޭ. ހެޔޮނުވާނެ. އާދެބާ…” އަހަރެން ރޮމުން ރޮމުން ބުނެލީމެވެ.

މިއީ ވަގުތު ނުދެވުމުން އަހަރެންގެ އަރުގައިލީ ހިތި ރަހައެވެ. ކޮންމެ ދުވަހަކު މަންމަ އަހަރެން މަތިން ހަނދާން ކުރިއެވެ. ނަމަވެސް މަންމަ ހުރި ހިސާބަށް އަހަރެންނަށް އާދެވުނު އިރު ގޮނޑުދޮށުގައި އޮތީ މަންމަގެ ފުރާނަ ނެތް މަސްގަނޑެވެ. މަންމަ އެނބުރި ހެއްދެވި ފަރާތަށް ގެންދެވުނު އިރު މަންމައަށް އަހަރެން ދިނީ ކޮން ވަގުތެއް ހެއްޔެވެ؟ ވަގުތަކީ ކިހާ މުހިންމު އެއްޗެއްކަން މިއަދު އަހަރެންނަށް އެނގި، ދަސްވެއްޖެއެވެ.

(ނިމުނީ)

Comments (8)

  1. imko ❣️

    Mi part ves varha reethi Masha Allah ❣️
    This is the happened with my family 😭
    Unmeedh kuran mi kahala vaahaka eh genesdeene kama 💞
    Love you sis 💞
    Mi part kiyaalafa Hama rovije😭

    1. shihaamaa ali
      imko ❣️

      jazaakallah khairan dearrr 🫶🏻
      awlheyy i am so sorry to hear that🥲
      lytt

  2. Your fav bab

    Asluves hama hithah asaru thakeh kohfi!! Haalun balaa bodukuraa parents ah dheyn jehey vagutheh nudhevey😭😭😭
    Story Name kiyaalafa ves heevejjey!!
    Ekm mi story hama habeys👏👏👏
    Hope to see more stories like this from ya!
    Ly💗

    1. shihaamaa ali
      Your fav bab

      aslu vess ingey.. vrh ufaa vejje mi vaahaka vess kamudhiyaiima.. in sha allah more stories like this will come..lyt🫶🏻

  3. shynyx inax

    V REETHI

    1. shihaamaa ali
      shynyx inax

      jazaakallah khairan dear 🫶🏻

  4. Aanaa

    Masha allah mi vaahaka vs vrh reethiii
    Rohvaaliiieyyy😭
    Vrh kudhikudhi mistakes eba huri ingey..mail kohlaanan
    Kon irakun vafaatheri maveemey ge 13th eps???
    Anehkaa ves mikahala reethi vhk eh kiyaalan libeyne kmh unmeedhkuran
    BTW sorry for the late comment…miadhu vrh busy koh ulhuny
    Lyyy🫶🏻🫶🏻🫶🏻

    1. shihaamaa ali
      Aanaa

      jazaakallah khairan aanaa🫶🏻
      awlheyyyyy sorrryyyyy rovvaaalevunyymaa😭😭😭😭
      innaane mihaaru nerelaafa 🫶🏻
      yess in sha allah more to come
      hehe its alright
      lytttt🫶🏻🫶🏻🫶🏻🫶🏻

Comments are closed.