އަންޖަލް (25)
“އަންޖަލް އަހަރެން ދެކެ ލައިކްވޭތަ؟” ޖައިޝްއަށް އަދިވެސް އަންޖަލް ދައްކާ ވަހަކައެއް ގަބޫލެއް ނުކުރެވެއެވެ. އަންޖަލްގެ މޫނުގައި ހިފާ ހިއްލާލުމަށްފަހު އެ ދެލޮލަށް ފުންކޮށް ބަލާލިއެވެ. ޖައިޝްގެ ހިތުގައި މަޑު ވިންދެއް ޖަހަން ފެށިއެވެ. އޭނާ އެންމެ ފަހުން އަންޖަލްގެ ލޯބި ކާމިޔާބު ކުރެވުނު ކަމުގެ ފެހި ސިގްނަލް އެދެލޮލުން ދޭ ކަހަލައެވެ. ޖައިޝް އަންޖަލް އާ ދުރުވެލީ ޖޫދުގެ ފޯނު ކޯލެއް އައުމުންނެވެ.
“ދޮންބޭ… ތިއްތި މޫނު ދައްކާ ނިމެން ގާތްވެއްޖެ… ނާންނަނީތަ.. ކޮބާ އަންޖޫ..” ޖޫދު އަހާލިއެވެ.
“ނުން މިދަނީ އަންޖަލް ގޮވައިން މަންމަ ރަގަޅުތަ؟” އަސްމާއާ ދޭތެރޭ ޖައިޝް އަށް ވިސްނެއެވެ. ޖޫދު ރަގަޅޭ ބުނުމުން ފޯނު ބޭއްވުމަށްފަހު އަންޖަލް ގާތު ތައްޔާރު ވެލަން ބުނެލިއެވެ. އަދި ޖައިޝް ނިކުމެ ދޮރު ކައިރީގައި މަޑުކޮށްލީ އަންޖަލްގެ ރުއިން އަދިވެސް ނުހުއްޓޭތީއެވެ.
****
މުޅި ސަހަރާގެ މާހައުލު ވަނީ ހަމަ ހިމޭންވެފައެވެ. އަސްމާގެ ރުއިމުގެ އަޑު ކޮންމެވެސް ވަރަކަށް އިވެމުން ދިޔައެވެ. ހުރި ހަމަ އެކަނި ދަރިފުޅު މި ދުނިޔެ ދޫކޮށް އެދިޔައީ އޭނާ ދުނިޔެއަށް ބާކީ ކޮށްލާފައެވެ. އިސްހާގު އަކީ މާލޭގައި ނަންހިގާ މަހުޖަނެއްކަމުން ޖުނާންގެ މޫނު ބަލަން އައި މީހުންގެ އަދަދު ދެހާހާ ގާތް ކުރާނެއެވެ.
ޖައިޝްގެ ފަހަތުން ބަސްއަހާ ތުއްތު ކުއްޖެއްހެން އަންޖަލް ހިގަމުން އައެވެ. ޖައިޝްގެ ތަނަވަސް ބައިމައްޗާ އިސްކޮޅުގެ ސަބަބުން އަންޖަލް ފަހަތުގައި ހުރިކަމެއްވެސް ނޭގެއެވެ. ޖޫދު އައިސް އަންޖަލް ކޮބައިތޯ އަހާލުމުން ޖައިޝް ފަހަތަށް ބަލާލިއެވެ. އޭރު ފަހަތުން ފައިހާވެސް އައެވެ.
ޖުނާން ބާއްވާފައި އޮތް އަށްޓާ ކައިރިވާން އަންޖަލް ޖެހިލުންވިއެވެ. ފައިހާ އައިސް އަންޖަލްގެ ކޮޑުގައި ހިފާލައިން ޖުނާން މޫނު ބަލަން ކައިރިވެލިއެވެ. އޭރު އަސްމާ އިނީ އަށި ކައިރީ އިން ގޮނޑިއެއްގައި އިސްދަށަށް ޖަހާލައިންނެވެ. އަންޖަލްގެ ފައިވާން އަސްމާއަށް ފެނުމާއެކު ކޮޅަށް ތެދުވިއެވެ.
“މިހުސް ކަލެޔާ ހެދި ވާކަންކަން.. އަހަރެން ދަރިފުޅު ވާވައްދާލައިން އޭނަ ފަހަތުން އުޅުނީ… ކަލޭ އަހަރެން ދަރިފުޅު މަރާލީ.. ހަމަ ކަލޭ….” އަސްމާ އަންޖަލްގެ ގައިގާ ހިފާ ތަޅުވަމުން ކިޔަންފެށިއެވެ.
ޖައިޝްއަށް މި މަންޒަރު ބަލަން ކެތެއް ނުވިއެވެ. އައި ގޮތަށް އައިސް އަންޖަލް އަސްމާއާ ދުރުކޮށްލިއެވެ. އަދި ކުރިއަށް ހިގައިގަތީ ޖުނާންގެ މޫނު ދެއްކުމަށްފަހު އަވަހަށް އަންޖަލް އެތަނުން ގެންދިއުމަށެވެ.
“ބައްޕާ އަޅުގަނޑު މިދަނީ އަންޖަލް ގޮވައިން ގެޔަށް… ލާފަ އެބަ އަންނަން ކަށު ނަމާދަށް..” އިސްހާޤަށް ޖައިސްގެ އިހުސާސްތައް އިނގޭ ފަދައެވެ. ޖައިޝްގެ ކޮޑުގައި ޖަހާލަމުން އަވަހަށް ދާށޭ ބުނެލިއެވެ.
“އަހަރެން ލޯ ކުރިމައްޗަށް ކަލޭ ނާރާތި… ތީހަމަ އަހަރެން ދަރިފުޅު މަރާލި ގާތިލެއް…” އަސްމާ އަޑިގެ ނެތްތަނަށް ގޮވަން ފެށިއެވެ. ހީވަނީ މޮޔައެއްހެނެވެ. ޖައިޝް އަންޖަލްގެ ކަންފަތުގައި އަތް އަޅާލީ އޭގެން އެއަވެސް އެއްޗެއް އަޑި އިއްވަން ބޭނުން ނެތުމުންނެވެ.
*****
“އަހަރެން ދެން ގެޔަށް އަންނާނީ ޖުނާން ވަޅުލީމަ.. އަންޖޫ ދޭ ދެން ނިދާލަން…” އަންޖަލް ލޮލަށް ނިންޖެއް ނާންނާނެކަން ޖައިޝްއަށް އިނގެއެވެ. ކިތަންމެ އަންޖަލް ގާތު މަޑުކުރަން ބޭނުން ވިއަސް އެގޮތަށް އެކަން ވާކަށް ނެތެވެ. ޖައިޝް އަބުރާ ސަހަރާއަށް ދިޔަައީ އަންޖަލް އެދުގައި ބޭއްވުމަށްފަހުއެވެ.
އާތިކާ އަސްމާގެ ގައިގާ އުގުޅަމުން ހިތްވަރު ދެމުން ދިޔައެވެ. ދަރިއަކު ނެތި ދިއުމަކީ މަޔަކަށް ކެއްވާ ވަރުގެ ކަމެއް ނޫނެވެ. އެއީ ކިހާ ވޭން ހުރި ކަމެއްކަން އިހުސާސް ކުރެެވޭނީ އެފަދަ ކަމެއް ދިމާވެފަ ހުރި މީހަކަށެވެ.
ކަށު ނަމާދު ނިމުމަށްފަހު ޖުނާންގެ ސަންދޯއް ހިފައިން މީހުން ނިކުންނަން ފެށުމުން އަސްމާ ހިފަހައްޓާލެވޭ ވަރެއް ނުވިއެވެ. ފުންމަ ފުންމާފައި އަޑުގެ ނެތްތަނަށް ރޯން ފެށިއެވެ. އާތިކާ އަސްމާގެ ގައިގާ ބައްދާލިއެވެ. ވަޅުލާތަނަށް އަންހެނުންނަށް ނުވަދެވޭތީ އަސްމާ ސަންދޯއް ގެއްލެނަދެން އެޔަށް ބަލަހައްޓައިން ހުއްޓެވެ.
ކޮއްކޮއަށް އެންމެ ފަހުގެ ސަލާމުގެ ގޮތުގައި ވެލިމުށެއް ޖައިޝް އެއްލާލިއެވެ. ދެމީހުން ދޭތެރޭ ކިތަންމެ ވަރަކަށް ޒުވާބުކުރިއަސް ޖައިޝް ޖުނާންދެކެ ވަރަށް ލޯބިވެއެވެ. އެއްގޮތަކަށްވެސް ޖުނާންއަށްވެސް އަދި ޖޫދުއަށްވެސް ދެރައެއް ވުމަކީ ޖައިޝް އެދޭނެ ކަމެއް ނޫނެވެ. މާޒީގެ އުފާވެރި ދުވަސްތައއ ހިތަށް އައުމުން ޖައިޝްގެ ލޮލުން ކަރުނަ ހިލުނެވެ.
ކަށުކަމާ ކެމީގެ ހުރިހާ ކަމެއް ނިންމާލުމަށްފަހު އެންމެން ގެޔަށް އައެވެ. އަސްމާގެ ރުއިން އަދިވެސް ނުހުއްޓެއެވެ. އިސްހާޤު ކަންބޮޑުވެފައި ހުރިވަރުން އާތިކާ އަސްމާ ހަމަޔަކަށް އެޅެންދެން އެކޮޓަރީގައި ނިދަން ބުނެލިއެވެ.
އިސްހާޤުގެ އެތައް ނަސޭހަތަކާ ހިއްވަރުން އަސްމާ އަށް އެރޭ ނިދާލެވޭ ވަރުވިއެވެ.
****
މުޅި ގޭތެރެވަނީ ހިމޭންވެފައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ގަޑިން 10 ޖެހި އިރުވެސް އަސްމާ ތެދެއް ނުވެއެވެ. އިސްހާޤު ނާސްތާ ކުރުމަށްފަހު އާތިކާ ކުރެން އަސްމާގެ ހަބަރެއް ބަލާލަން ވަދެލަން ބުނެލިއެވެ. އާތިކާ ޖޫސްތައްޓަކާއި ސޭންޑްވިޗެއް ހިފައިން ގޮސް އަސްމާ ކޮޓަރިއަށް ވަނެވެ. އޭރު އަސްމާ އޮތީ އަނެއް ފަޅިއަށް އެބުރިގެންނެވެ. އާތިކާ ގޮސް ފުރަގޮސް ދީގެން އޮތް އަސްމާއަށް ދެތިން ފަހަރަކު ގޮވާލިއެވެ. ނަމަވެސް އަސްމާގެ ހަބަރެއް ނުވިއެވެ. ދެން އާތިކާ ގޮވާލީ އަސްމާ ގައިގާ ހިފާ ކުޑަކޮށް ތަޅުވާލަމުންނެވެ. ގައިގާ ވަރެއް ނެތް އަސްމާ ވެއްޓި ގޮސް ޖެހުނީ ބިންމަތީއެވެ.
ބާރު އަޑުފައްގަޑެއް ކޮޓަރިތެރެއިން އިވުނު އަޑި އިވިގެން އިސްހާޤާ ޖޫދު އައިސް ކޮޓަފިއަށް ވަނެވެ. އޭރު އަސްމާ އޮތީ ބިންމަތީ ޖުނާންގެ ފޮޓޯގަޑެއްގައި ބައްދާލައިން ހެވިފައެވެ.
“އިސްހާޤޫ… ވިންދެއް ނެތޭ.. އާދެބަލަ..” އާތިކާ ރޮއެ ނަގަނީއެވެ. އެއްފަހަރު އަސްމާގެ ކަރުގައި ވިންދު ހުރިތޯ ބަލަން އަތްލައެވެ. އަނެއް ފަހަރު އަތުގައި ހިފާލައިން ހުރެ ވިންދު އާދޭތޯ ބެލިއެވެ. ނަމަވެސް އޭރު އަސްމާގެ އެއްވެސް ވިންދެއް ނެތެވެ. އިސްހާގު ދުވެފައި އައިސް އަސްމާ ނޭވާ ލާތޯ ބެލިއެވެ.
” إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ” އިސްހާޤަށް ކިޔާލެވުނެވެ. އަސްމާ މިދުނިޔެ ދޫކޮށް އެދިޔައީ އޭނާގެ ދަރިފުޅު ނިޔަވިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. މި އާއިލާއަށް މި ކުރިމަތި ވަނީ ކޮންކަހަލަ އިމއގިހާނު ތަކެއް ހެއްޔެވެ. އިސްހާގު އަށް އޭނާގެ ލޯބިވާ ދެމީހުން ގެއްލިގެން އެދިޔައީއެވެ. މަރަކީ އެއްވެސް މީހަކަށް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. އެމީހެއްގެ ތަގުދީރުގައި ލިޔެވިފައިވާ ގޮތަކަށް ކޮންމެ ކަމެއްވެސް ވެ ނިމިގެން ދެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




This story is very nice
Keep going krystal