ދެވުނީ ވޭނޭ 79
“އައްދޭ. އަންކަލް ހަމަޖެހިބަލަ. ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ކޮއްކޮ މަރާލި ކަމަށް އެއްބަސްވާން ނުކެރެންޏާ އެ ވަރުގެ ކަމެއް ކުރަން ޖެހޭތަ؟ ބައްޕަ އިތުރު ތަފްސީލު ދިނީމަ ކަލޭ ހިންގި ލާއިންސާނީ ޖަރީމާ މަތިން ހަނދާންވެދާނެ. އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރެފަ ފަހުން ފެނުނީމަ ބޮޑުބޭބެ އަށް އަހަރެން ވަކި ކުރަން ނޭނގުނީ ދޯ. އަހަރެންގެ މަންމަ މަރާލާފަ ކޮންމެހެން ނޭނގޭ ކަމަށް ހަދާނެކަމެއް ނެތް ސަލްމާން މުޙައްމަދާ!” ވިހަ ގޮތަކަށް ހީނލަމުން ސުމައްޔާ އަޑަށް ބާރުލައިފައި ބުނެލިއެވެ.
ސުމައްޔާ ވާހަކަ ދެއްކި އަޑު އިވިފައި ސަގަރޭ އަށް އެ ދިމާ ބަލާލެވުނީ މަރަށް ސިހުނު ފަދައަކުންނެވެ. ދެލޯ ބޮޑުކޮށްލެވުނު އިރު ހަމަ ރަނގަޅަށް ވެސް އޭނާގެ އަނގަ ބަންދުވެއްޖެއެވެ. މުޅި މީހާ ދާހިއްލާލައި ހާސްކަމުގެ އަނދިރިކަމެއްގައި އޭނާ ބަނދެވުނު ކަހަލައެވެ. ދެން ސުމައްޔާގެ މަޤާމަށް އައިސް ހުއްޓެލި ފިރިހެން މީހާ އަށް ބަލަމުން ދިޔައީ ބިރުން ވިރެމުން ދިޔަ ޙާލުގައެވެ.
ސުމައްޔާގެ ވާހަކައިން އެ ތަނުގައި ތިބި ޒިޔާދުމެންނަށް ވެސް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. ޢަބްދުއްރަޙްމާން ހެކިވެރިންނަށް ޚާއްޞަ މަޤާމުގައި ހުއްޓެލިއެވެ. އެއަށްފަހު އަޅައިގެން ހުރި ހުޑް ވައްޓާލާ މާސްކު ނެގިއެވެ. މި ދިމާ ބަލަން ތިބި ޒިޔާދުމެންގެ ދެލޯ ފެންކަޅިވިއެވެ. އެ މިތުރު ގާތަށް ގޮސް ދައްކަން ބޭނުން އެތައް ވާހަކައެއް ހުރި ނަމަވެސް މަޑުން ތިބީ ޙާލަތުގެ ގޮތުންނެވެ. އަނެއްކޮޅުން ސަގަރޭމެންގެ ނަޒަރު އަމާޒުވެފައި ހުރީ ޢަބްދުއްރަޙްމާނަށެވެ. އެހެނަސް މިކަން އެނގޭ ކަމަށް ހަދާނުލާ ދޭ ހެކިބަހުގެ ތެދުކަމަށް ހުވާކުރިއެވެ.
“އަޅުގަނޑުގެ އަސްލު ނަމަކީ ހިޝާން ހަމްދީ. 2009 ވަނަ އަހަރު ކ. ވިލިނގިލި، ހުވަފެނީގޭގައި ރޯވެ އަނދާ އަޅިޔަށްވި ވަގުތު އެ ތަނުގައި ހުރި ކަމަށް ބެލެވި މަރު ސާބިތު ކުރެވުނު ފަރާތެއް. އަދި އެ ގެއިން ކިރިޔާ ވެސް ސަލާމަތުން އޮއްވާ ފެނުނު ސިލްވިޔާ މުހައްމަދުގެ ފިރިމީހާ. ދެން އެހެރަ ފިރިހެނާ އަކީ ސިލްވިޔާގެ އެއްބަނޑު އެއްބަފާ ދޮންބެ ސަލްމާން. އެރޭ އަޅުގަނޑު…” ޢަބްދުއްރަޙްމާން އެ ހިތާމަވެރިރޭގެ ގިލަންވެރި ސަފުޙާތައް ނިއުޅުވާލިއެވެ. މި ވާހަކަތައް އިވިފައި ޒިޔާދުމެން އެންމެންގެ ލޮލުން ކަރުނަ އޮހޮރޭގޮތްވިއެވެ. ކިރިޔާ ވެސް ނުރޮވި ހުރެވުނީ ޒަވިއަނަށެވެ. ޤާޟީގެ އިތުރުން ޕްރޮސެކިޔުޓަރުން ވެސް ޖަޒުބާތުގައި ޖެހޭގޮތްވިއެވެ.
“ހުސް ދޮގު. ހިޝާން އާއި އެކު ސަލްމާން ވަނީ މަރުވެފަ. މަށަކީ ތިބުނާ ސަލްމާނެއް ނޫން. މިތާ ކުރިމައްޗަށް އައިސް ރޮއެރޮއެފަ ދޮގު ވާހަކަ ތަކެއް ދައްކަން ކަލޭ ހާދަ ހަޔާތް ކުޑައޭ.” ސަލްމާން އިނދެފައި ކަރުބުޑުން ފެލިގަތެވެ. މިކަމުން އެއްވެސް އަސަރެއް ނުކުރާ ޙާލު ޢަބްދުއްރަޙްމާން އޭނާގެ ވާހަކަ ކުރިއަށް ގެންގޮސް ނިންމާލިއެވެ. އަނބުރާ އޭނާ ގޮނޑީގައި އިށީންނަން ދާން އެނބުރެލި ވަގުތު ހުއްޓުން އަރާ ގޮތްވީ އަފްޒަލްމެންގެ ރަތްވެފައިވާ ލޯތަށް ފެނިފައެވެ.
ޢަބްދުއްރަޙްމާން އެ ހިސާބަށް ދިއުމާއި އެކު އަފްޒަލާއި ޒިޔާދު ގާތްވެލައިފައި ބައްދާލައިފިއެވެ. “ޝާން! އަޅެ އަހަރެމެންނަށް ޚަބަރެއް ވިނަމަ. އެކަނިމާއެކަނި އެކަމާ ކުރިމަތި ލުމުގެ ބަދަލު އެހީ އަށް އެދުނުނަމަ.” ޒިޔާދު މޮޅިވެރިކަމާއި އެކު ބުނެލިއެވެ. “އެބުނާހެން. އެހެންނަމަ ސިއްރިޔާތުގައި އުޅެންވިޔަސް އަހަރެމެންނަށް އެހީވެވުނީސް. އެކަނިން ތުއްތު ކުއްޖެއް ބަލާ ބޮޑު ކުރަން ޝާން ހާދަ ހިތްވަރު ގަދައޭ.” އަފްޒަލް އިތުރަށް ބުނެލިއެވެ.
ލިބިފައިވާ ވަރުގަދަ ހެއްކާއި ޤަރީނާގެ ސަބަބުން ސަލްމާން މެންނަށް މައްސަލައިގައި ކުރި ހޯދޭ ގޮތެއް ނުވިއެވެ. އެ އަޑުއެހުން ނިމުނީ އަރީންމެން އެންމެން ހިތްހަމަޖެހޭ ކަހަލަ ގޮތަކަށެވެ. ދެން އޮތީ މި ކުށްވެރިންނަށް ޙުކުމް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.
އަޑުއެހުން ނިމުމުން ކުށްވެރިން ގޮވައިގެން ފުލުހުން ނުކުންނަން ދިޔައެވެ. އަރީން ދުވެލައިފައި ގޮސް ޔަޒާން ގައިގައި ބައްދާލައިފިއެވެ. “ތެންކްސް ދޮންބޭ! ވަރަށް އުފާވެއްޖެ ދޮންބެ އިސްލާހުވެ މިކަމަށް އެއްބާރުލުން ދިނީމަ.” އަރީން ބުނެލިއެވެ. ޖަޒުބާތީ ވެވުނު ވަރުން ޔަޒާންގެ ދެލޮލުން ކަރުނަ ހިލުނެވެ. އެހާ ލޯބިން އޭނާ އާއި މުޚާޠަބުކޮށް ދޮންބެއޭ ބުނުމުން އެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބުނެވެ. މިނެޓަކަށް ދިގު ދެމިގެން ދިޔަ އެ ވަގުތުކޮޅަށް ފަހު އަރީން ދިޔައީ އޭނާގެ މައިންބަފައިން ގާތަށެވެ.
ތިން އާއިލާ އެކުގައި މިސްރާބު ޖެހީ ޢަބްދުއްރަޙްމާންގެ އެޕާޓްމަންޓަށް ދާށެވެ. ޒަވިއަންމެން ފިރިހެން ގުރޫޕް ފިޔަވައި އެހެން އެންމެން ދިޔައީ އެތަނަށެވެ. އެހާ ދުވަސް ފަހުން ބައްދަލުވުމުން އެ މީހުންގެ މެދުގައި ދައްކަން ހުރި ވާހަކަތައް މަދެއް ނޫނެވެ. ދިރިއުޅުމުގެ ކަންކަން އެކަކު އަނެކަކާ ހިއްސާ ކުރަމުން ދިޔައިރު އަރީނާއި ސުމައްޔާ ވެސް ދޭތެރެއަކުން އަނގަ ބާނާލައެވެ.
“ހާދަ އާދަޔާ ޚިލާފު ކަމެކޭ ދޯ ސުމީގެ ގާތް އެކުވެރިންނަށް އަހަރެންނާއި އަޒާ ވުމަކީ. މިއީ… އިޒް އިޓް ސަމް ކައިންޑް އޮފް ޑޭޖާ ވޫ؟ ޢަބްދުއްރަޙްމާންބެއަށް މިކަން އެނގުނު ދުވަހު ހިތަށް އަރާނެ އެއްޗެއް އެނގެން ބޭނުން. ތަޤުދީރަކީ ހާދަ ފާޑެއްގެ އެއްޗެކޭ.” އަރީން އިނދެފައި ސުމައްޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ދޯ. ވީ އަރ ޓްރޫލީ މެންޓް ޓު ބީ ޓުގެދަރ. އަލްޙަމްދުލިއްލާހި. އެންމެ ފަހުން އަހަރެމެންގެ މަޤްސަދު ޙާސިލުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި. ޒޮންބީ ބުނީ މަރުފަލި ގޭންގް އަށް މަސައްކަތް ކުރާ މީހުންގެ ތެރެއިން އަތުލައިނުގަނެވި ހުރީ އެންމެ ބާރަ މީހުންނޭ. ވެރިން ހައްޔަރުވީމަ ދެން އެ ގޮލައިންތައް އަތުޖައްސަން ފަސޭހަ ވާނެ ތާ.” ސުމައްޔާ ވެސް ބުނެލީ ވައި އަޑުންނެވެ.
“މި ކުދިން ވެސް މިހާރު ހާދަ ކުޅަދާނަ ވެއްޖެއޭ. އަހަރެމެންނަށް އެކަމެއް ނުވެގެން ހަލާކުވެގެން އުޅުނު ކަންތައް ކާމިޔާބު ކޮށްލައިފި. މާ ކުރިން ސުރެ ރާވައިގެންތަ ލޯޔަރަކަށާއި ފުލުހަކަށްވީ.” އަރީންގެ ބޮލުގައި ފިރުމާލަމުން އަފްޒަލް ބުނެލިއެވެ. “އަސްލު އުޅުނީ އަޒާ އަށް އިންސާފު ހޯދަން. ހިޔެއް ނުކުރަން މައްސަލަ މިހާ ބޮޑުވެދާނެ ކަމަކަށް.” ލުއި ހިނިތުންވުމަކާއި އެކު އަރީން ބުނެލިއެވެ. މި ވާހަކަތަކުގެ ތެރެއިން ސުމައްޔާ އަށް ފޯނެއް އައިސްގެން އެއް ފަރާތަށް ޖެހިލިއެވެ. “މިހާރު ރެޑީ ވެވުނީތަ؟ އޯކޭ. އަހަރެން ވެސް މިކޮޅުން ފަށަން މި އުޅެނީ.” އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ސުމައްޔާ ފޯނު ކަނޑާލިއެވެ. އެއަށްފަހު އޭނާ އައިސް އަރީންގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
“ރީން. ކުރިން ބުނަން ހަނދާން ނެތިފައޭ ހުރީ އަހަރެންނާއި އެކު ބްރައިޑަލް ޝަވަރ އެއް ފާހަގަ ކޮށްލަން ދެވިދާނެތަ؟ މިރޭ ދިހައެއް ޖަހާއިރު އެ މީހުންނަށް ސަޕްރައިޒެއް ދޭން ރާވައިފައި އޮތީ. އިއްސޭ ދަންނަ ބައެއް ވީމަ އަހަރެން އެކަނި ދިޔައިއްޔާ ފޫހިވާނެ. އެ ސޮރުގެ ރައްޓެހި ގޮލާ އާއި ވާހަކަ ދައްކަން ދޯ އުޅޭނީ.” ސުމައްޔާ އެއްފަހަރާ އެ ވާހަކަތައް ފަތިފައްޗަށް އަމުނާލިއެވެ. އާދޭހުގެ ނަޒަރަކުން ސުމައްޔާ ބަލަހައްޓައިގެން ހުރި ގޮތުން އަރީނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
“އޯކޭ. އެކަމަކު މި ހެދުން ތި ދާ ތަނެއްގެ ތީމާއި ގުޅޭނެތަ؟” އަރީން އޭނާ ލައިގެން ހުރި ފެހިކުލައިގެ ހެދުމުގައި ހިފާލަމުން ބުނެލިއެވެ. “ކަޅާއި ހުދުން އޮތީ. ހާސްނުވޭ. އަހަރެން އަތުގައި އޮވެދާނެ ރީނަށް ހެޔޮވަރު ކަޅު ހެދުމެއް.” ސުމައްޔާ ގޮސް އަލަމާރި ހާވަން ފެށިއެވެ. އޭނާ ނެގީ ކަޅުކުލައިގެ ވިދާ ފޮތީގެ ދިގު ހެދުމެކެވެ. އެއާއި އެކު ކަޅުކުލައިގެ ޝިފޯން ޝޯލެކެވެ. އަރީނަށް އެ ހެދުން ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. “ސުމީ… މިހާ ގޮތް ބޮޑު ހެދުމެއް ލީމަ އަހަރެން ހީވާނީ އެޓެންޝަން ނުލިބިގެން އުޅޭ މީހެއް ހެން. މިނޫން އެއްޗެއް ހަމަ ނެތީތަ؟” އަރީން އެހިއެވެ. “އާނ ނެތޭ. އަހަރެން ލާން އޮތް ހެދުމެއް ދެން އޮތީ. އިތުރަށް ބޭކާރު ވާހަކަ ނުދައްކާ ދޭ ފެންވަރާލަން. މިހާރު ވެސް ވަގުތު ކުޑަތަން ވެއްޖެ. ރަނގަޅަށް ބޯ ދޮވެލައިގެން ރީއްޗަށް ފެންވަރާލާތި.” ސުމައްޔާ އަރީންގެ ކޮނޑުގައި ހިފާ ކޮށްޕާލަމުން ފާޚާނާ އާއި ހަމައަށް ގެންދިޔައެވެ. އެއަށްފަހު ޢަބްދުއްރަޙްމާންގެ ކޮޓަރިން ފެންވަރާލާން ކަމަށް ބުނެ ނުކުތެވެ.
އަރީން ފެންވަރައިގެން ނުކުތް އިރު ސުމައްޔާ ހުރީ ތައްޔާރު ވާށެވެ. އެހާ އަވަސް ވުމުން ކުޑަކޮށް ހައިރާންވިއެއް ކަމަކު އެއްޗެއް ނުބުނެ އޭނާ މަސައްކަތް ކުރީ ހެއަރ ޑްރައިޔަރ އެއްގެ އެހީގައި ބޯ ހިއްކާލާށެވެ. އެކަން ނިންމާލުމަށް ފަހު ޑްރެސިން ޓޭބަލް ކައިރިއަށް ޖެހިލަމުން މޫނުމަތީގައި ލުއި މޭކަޕެއް ކޮށްލިއެވެ. “އޭ މި ވަރަށް ފައްކާ އަތަރެއް.” އެހެން ހުއްޓާ ސުމައްޔާ އައިސް ޔަރާ އަތަރުކޮޅެއް ކަންފަތް ދޮށުގައި ހާކާލައިފިއެވެ. އަތުކުރިއާއި ކަނދުރާގައި ވެސް އުނގުޅައިފިއެވެ. އަރީން ބޯ ހޫރާލަމުން ފަހު ކަމަކަށް ޝޯލް އަޅާލައިފައި ދެތިން ފަހަރަކު ސެންޓު ޖަހާލިއެވެ.
“އޭތް. ކިރިޔަ ކިރިޔާ ސެންޓު ޖަހާލައިގެން ކޮން ވަހެއްތަ ދުވާނީ.” ސުމައްޔާ ޑްރެސިން ޓޭބަލް މަތިން ސެންޓު ފުޅި ނަގާ އެ ހުސްކުރަން އުޅޭ ފަދައަކުން ޖަހަން ފެށިއެވެ. “ޕިސްޕިސް. ދެންމެ އެއްނު އަތަރު އުނގުޅީ. އޭގެ ވަސް އެހާ ގަދައޭ ސުމީ. ޒެވް ގާތަށް ދާ އިރަކުން އެކަންޏޭ އަހަރެން ވަސްދުވާ ވަރަށް ސެންޓު ޖަހާލަނީ. މިހެން ހެދީމަ އަހަރެންނަކަށްނު މީހުންގެ ސަމާލުކަން ލިބޭނީ. އޭރު އެތަނުގައި ހުރި ބްރައިޑް އާއި ގްރޫމް ވެސް އަހަރެންނާއި މެދު ހިތްހަމަނުޖެހިފަ ހުންނާނީ.” އަރީން ސުމައްޔާގެ އަތުން ސެންޓު ފުޅި އަތުލަމުން ބުނެލިއެވެ.
“އެމީހުން ނާންނާނެ ރުޅިއެއް މިހާރު އެބަ ލަސްވޭއެބަ. އިއްސޭ ބަލާ އައިސްފައި ކަންނެ ހުންނާނީ.” ސުމައްޔާ އަރީންގެ އަތުގައި ހިފާ ދަމާލަމުން ކޮޓަރިން ނުކުތެވެ. އޭރު ޒިޔާދުމެން ވެސް އަނބުރާ ގެއަށް ގޮސްފިއެވެ. ޢަބްދުއްރަޙްމާނަށް ދާ ވާހަކަ އަންގާލައިފައި ދެމީހުން ދިޔައެވެ. އިމާރާތުން ބޭރަށް ނުކުމެވުނު އިރު އިޙުސާނު އިންތިޒާރުގައި ބަލާ އައިސް ހުއްޓެވެ. ދެމީހުން ކާރަށް އެރުމާއި އެކު އިޙުސާނު ލަސްނުކޮށް ދުއްވާލައިފިއެވެ.
“ކީކޭ؟ މިހާރު ތިޔަ ތަނާއި ވެސް ގާތް ވީނުން. އަޅެފަހެ މިހާ ލަސްކޮށްފަ ޕާޓީ ކެންސަލު ކޮށްލަން ޖެހޭތަ؟” އިޙުސާނު ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. “ކިހިނެއްވީ؟” އިޙުސާނު ފޯނު ކަނޑާލުމުން ސުމައްޔާ އެހިއެވެ. “އެ އަންހެން ކުއްޖާ އަށް ކަމެއް ޖެހިގެން ޕާޓީ ކެންސަލު ކޮށްލިއްޔޯ. ކީކޭ ދެން ބުނާނި. ކުރާނެ ކަމެއް ނެތް. ދެން ޖެހޭނީ އަނބުރާ ގެއަށް ދާން ދޯ! ސޮރީ ރީން. ހިޔެއް ނުކުރަން މިހެން ވެދާނެ ކަމަކަށް.” މާޔޫސީ ރާގަކަށް އިޙުސާނު ބުނެލިއެވެ. އަރީން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ބޭކާރު ގޮތުގައި އެހާ ވަރުގަދައަށް ތައްޔާރު ވެވުމުން މޫނަށް ވައްތަރެއް ޖައްސާލެވުނެވެ.
ގެއާއި ހަމައަށް އަށް އާދެވުމުން ސުމައްޔާ އަށް ހަނާ އަޅާލައިފައި އަރީން ކާރުން ނުކުތެވެ. އެއަށްފަހު ހިނގާލައިފައި ގޮސް ގޭޓު ހުޅުވާ އެތެރެއަށް ވަނެވެ.
“ވާވް. މާޝާ ﷲ. ސޫމޯ މިރޭ ހާދަ ރީއްޗޭ. ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކެއް ޖައްސާލައިފައި އަހަރެންގެ ހިތް ކަތިލަން ތައްޔާރުވެގެންތަ ތިއައީ. އާރގް. އަމް ގެޓިން ސޯ ޑޭމްން ޖެލަސް އޮފް ޒެވް. ހީ ކޭން ކިސް އެންޑް އެމްބްރޭސް ހާރ އެނީ ޓައިމް ހީ ޑިޒައިޔާސް. މާ ލަހޭ އަހަރެމެން މެރީ ކުރަން އުޅޭލެއް. އެމީހުންނަށް ވުރެ ކުރިން އަހަރެމެން ލޯބިވެއްޖައިމު. އެކަމަކު އަދިވެސް… މިރޭ ހަމަ އެންމެ ފަހަރަކު ވިޔަސް ކިސް އެއް ނުދޭނަންތަ؟ ސޫމޯ ފެނުނީންސުރެ ކަރު ހިއްކައިގަނެފައޭ މިހުރީ.” ކުރީ ސީޓުގައި އިން ސުމައްޔާގެ މޫނުގައި ހިފާލަމުން އިޙުސާނު ބުނެލިއެވެ. މި ލަފުޒްތައް އިވިފައި ސުމައްޔާގެ ކޯތާފަތަށް ރަތް ލޭކުލަ ފާއްދާލައިފިއެވެ.
“އެހެންވިއްޔާ ފެން ބޮއެބަލަ.” ސުމައްޔާ އެކި ފަރާތް ފަރާތަށް ކަޅި އުކަމުން ބުނެލިއެވެ. “ފެނަކުން މި ކަރު ހިއްކުމެއް ނުފިލާނޭ. އައިމް ސޮރީ، ޖަސްޓް ޑޭމްން އިޓް.” އިޙުސާނު އިތުރަށް ގާތް ވެލިއިރު އެ ލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ. “ޔޫ ބްރެޓް. މެރީ ކުރަން ދެން އެހާ ގިނަ ދުވަހެއް ނެތެއްނު. ކުރަން ޖެހޭ ގިނަ ކަންކަން ހަމަ ވެސް ޖެހިފަ އެއްނު އޮތީ. ކެތްލައްވައިގެން މަޑުން އިނދޭ” ދެލޯ އަޅާލަމުން ސުމައްޔާ އިޙުސާނުގެ މޭގައި އަޅާ ދުރަށް ކޮށްޕާލިއެވެ.
“ހޫން ދެން ވަރިހަމައޭ. އަހަރެން މަޑުކުރާނަން. މި ވަރުގަދަ އިޙުސާސް އޭގެ އެންމެ ފުރިހަމަ މިންވަރަށް ދޫކޮށްލާނީ ވެޑިން ނައިޓްގަ. އެރޭ ދުރަކަށް ނުދެވޭނެއްނު. ހުރިހާ ކަމެއް ވެސް ހުއްދަވާނެއްނު. އިންތިޒާރު ކޮށްލާ. މެރީ ކުރުމަށް ފަހު ޒެވް އަށް ވުރެ ރޮމޭންޓިކް ވެވޭނެކަން ސާބިތުކޮށްދޭނަން.” އިޙުސާނު ރައްދުގައި ސުމައްޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ސުމައްޔާ ގަތް ލަދުން ބިން ފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ.
ކޮޓަރީގެ ދޮރުގައި ހިފާ ހުޅުވާލި އަރީންގެ ޙަރަކާތްތައް މަޑުޖެހިލީ ކުރިމަތިން ފެނުން މަންޒަރަކުންނެވެ. ހައިރާންވެފައި ހުރެ އެތެރެއަށް ވަތް ވަގުތު އޭނާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.
ރަން ކުލައިގެ ފެއަރީ ލައިޓްތަކާއި ކޮފީ ވަސް ދުވާ އުއްބައްތިތަކާއި ހުދާއި ރަތުގެ ފިނިފެންމާ ފިޔަ ތަކުން ކޮޓަރި ޖަރީކޮށްލެވިފައިވަނީ މީހަކު އަޖައިބުވާނެހާ ފުރިހަމައަށެވެ. ދޮރު ހުރި ހިސާބުން ފެށިގެން ބެލްކަންޏާއި ހަމައަށް ދެފަރާތުން އުއްބައްތި އަތުރައިފައި ހުއްޓެވެ. އެކި ފަރާތް ފަރާތަށް ކަޅި ހިންގަމުން ބެލްކަންޏާއި ދިމާލަށް މިސްރާބު ޖެހިއިރު އަރީންގެ މޫނުމަތީގައި ޖާދޫކުރަނިވި ހިނިތުންވުމެއް ވިއެވެ. އެ ތަނަށް ނުކުންނަން އަޅާލި ފުރަތަމަ ފިޔަވަޅު މަތީގައި އަރީނަށް ހުއްޓެވުނީ އެއްފައިމައްޗަށް ތިރިވެ ހުދުކުލައިގެ ފިނިފެންމާ ބޮނޑިއެއް ދިއްކޮށްލައިގެން ހުރި ޒަވިއަން ފެނިފައެވެ.
ލައިގެން ހުރި ހުދުކުލައިގެ އަތް ދިގު ލިނެން ގަމީސް ވަނީ ގަޔަށް ހިފާލައިފައެވެ. މަތީ ދެ ގޮށް ނާޅުވާ ހުރުމުން މޭމަތިން ބަޔެއް ވަނީ ކަޝްފުވެފައެވެ. އާންމުކޮށް ޖެލްލައި ހިއްލާލައިފައި ބަހައްޓާ ކަޅު އިސްތަށިގަނޑު މިއަދު ވަނީ ތަރުތީބެއް ނެތި ދޫކޮށްލައިފައެވެ. ތޫނުކަމެއް ހުންނަ ދެލޮލުގައި މިރޭ ވަނީ މަޑުމޮޅި އޯގާތެރި އަސަރެކެވެ. މި ފިރިހެންވަންތަ ސިފަތަކަށް ނަޒަރު ހުއްޓާލައިގެން ހުރި އަރީންގެ ހިތު ވިންދު އަވަސް ވެއްޖެއެވެ. ގާތްވެލައި އެ މޭގައި ބޯއަޅާލައި އެ ހިތުގެ ތެޅުން އަޑުއަހާލަން ބޭނުން ވެއްޖެއެވެ. އެ ފަނޑުރަތް ތުންފަތުގައި ކުޅެލެވިފައިވީ ހިނިތުންވުމުން ސިހުރެއް ޖައްސަމުން ދިޔަ ކަހަލައެވެ. ހާމަވެފައިވާ މޭމައްޗަށް ކަޅި އުކެމުން ދިޔައިރު، ނުސިޔާނު ޚިޔާލުތައް އައިސް ސިކުނޑި ހިސޯރުކޮށްލުމުން އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.
ކަޅުކުލައިގެ ވިދާ ފޮތީގެ އެ ދިގު ހެދުން ފެހިފައިވަނީ އަރީންގެ ނާޒުކު ހަށިގަނޑުގެ ބައްޓަމާ ނިކަން ގުޅޭ ގޮތަށެވެ. އުނަގަނޑާއި ހަމައިން ތިރިއަށް ޓްރަމްޕެޓް ސްޓައިލަކަށް ހުރުމުން ޝާހީކަމަށް ދައްކައެވެ. ހަށިގަނޑުގައި ހިފާލާފައިވާ އެ ހެދުމުގެ ގަދަ ކަޅުކަމުގެ ތެރެއިން އޭނާގެ ދޮން މޫނު ފާޅުވަނީ ހައިރާންކުރުވަނިވި ގޮތަކަށެވެ. ލުއި މޭކަޕެއް ކޮށްލެވިފައިވާ އިރު މަސްކަރާ ޖައްސާލެވިފައިވާ އެ އެސްފިޔަތަކުގައި ތަފާތު ތޫނުކަމެއް ހުއްޓެވެ. ރަތް ކުލައިން ފަވާލެވިފައިވާ އެ ތުންފަތް ގައިދުކޮށްލަން ޒަވިއަން ބޭނުންވިއެވެ. އިސާހިތަކު އެ ދެ ކޯތާފަތަށް ފާއްދާލި ފިޔާތޮށި ކުލައިން އޭނާ މޮޔަކޮށްލި ކަހަލައެވެ. އަމިއްލަ ހޫނުކަމުން އެ ނާޒުކު ޖިސްމު ވިރުވާލަން ބޭނުންވިއެއް ކަމަކު ކެތްތެރިކަން އިސްކުރީ ރޭވި ރޭވުމަށް އަމަލުން ކުރުމުގެ ނިޔަތުގައެވެ.
“ރީން ފުރަތަމަ ފަހަރު ރީން ފެނުނު އިރު ތިއީ ޒައްކޮ ގާތުގައި ހުރި ފުރާވަރުގެ އަންހެން ކުއްޖެއް. އޭރު އަހަރެންނަށް ތަސައްވަރު ނުކުރެވޭ ތަޤުދީރު އަހަރެމެން ގެންދާނެ މިސްރާބެއް. ޒައްކޮގެ ގާތް އެކުވެރިޔާ އަށް ވުމުން އަހަރެން ރީނާއި މެދު ފުރަތަމަ ދެކުނީ ކޮއްކޮއެއްގެ ނަޒަރުން. އޭގެ ފަހުން ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ޒައްކޮ ނިޔާވުމުގެ ސަބަބުން އަހަރެންގެ އެ ނަޒަރިއްޔާތު ބަދަލުވީ ނަފުރަތަށް. އަހަރެން ލޯމަރާލައިފައި ގަބޫލުކުރީ ނާއިލް އުފެއްދި އަސްލެއް ނެތް ހެކިތައް.
އެ މާޒީއާއި މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު އަހަރެންނަށް ސިފަވަނީ އުޅެވުނު އަނިޔާ ގޮތްގަނޑު. ނަފްރަތުގެ ހޫނުގައި އަހަރެންގެ ވިސްނުން ހިސޯރު ކޮށްލަން ޝައިތާނާއަށް ފުރުސަތު ދެވުނީ މޮޔަކަމުން. ބަދަލު ހިފުމުގެ ނިޔަތުގައި އަހަރެން ކުރީ މަޢާފު ޙައްޤުވާ ވަރުގެ ކަންތައްތަކެއް ނޫން. އަހަރެންނަށް ނުހައްޤުން ދެވުނީ އިންތިހާ ދަރަޖައިގެ ވޭން. އަހަރެން ހިތާމަ ކުރަން. ވަރަށް ދެރަވޭ. އޭރު ބުނެވުނު ކޮންމެ ވިހަގަދަ ލަފުޒެއް އަނބުރާ ގެނެވޭނެ ނަމައޭ ހިތަށް އަރާ. ރީންގެ ހަށިގަނޑުން ގިނިދިލަ ނަގައިގަންނަ ވަރަށް އަނިޔާ ނުކުރެވުނު ނަމައޭ ހިތަށް އަރާ. ނަފްރަތާއި ރުޅި އަކީ އިންސާނާގެ ހަލާކުކަން އަހަރެންނަށް ވިސްނުނީ ވަގުތު ފާއިތުވީ ފަހުން. އިންސާނިއްޔަތުކަން ގެއްލޭ ވަރަށް އަނިޔާވެރިވެވުނު ފަހުން. އެކަމާ އަހަރެން ހިތާމަކުރަން. އައި ރިގްރެޓް އިޓް ސޯ މަޗް. ޝުކުރިއްޔާ އެރޭ އަހަރެންނާއި ދިމާލަށް ޙަޅޭއްލަވައިގަނެފަ ހުރިހާ އިހުސާސެއް ބޭރުކޮށްލި ކަމަށް. ރީން ގެއިން ނުކުމެގެން ނުދިޔަނަމަ މަންމަމެން އަހަރެންނަށް ޙަޤީޤަތް ނުބުނެދިނީސް. އަހަރެންނަށް ހަމަ ވިސްނުން ނުލިބުނީސް. އެ ނުބައި ފުރޭތައިގެ ގޮތުގައި ދެމިހުރީސް.
އެ ހުރިހާ ކަމަކަށް ފަހު ވަކިން އުޅެން ފެށުމުން އަހަރެންގެ ހިތުގައި ރީނާއި މެދު އެހެން އިޙުސާސެއް އުފެދެން ފެށި. ފަސްޓް އައި ތޯޓް އިޓް ވޯޒް ކެއަރ އެންޑް ރިމޯރސް. އައި ވޯންޓެޑް ޓު ހެލްޕް ޔޫ، ކެއަރ ފޯރ ޔޫ، ޓު ޕްރޮޓެކްޓް ޔޫ. ދުރުގައި ހުރެގެން ވިޔަސް އެކަން ކުރުމުގެ ފުރުސަތު ދިން ކަމަށް ޝުކުރިއްޔާ. ޒެލީ އުފަންވުމުން ދެމީހުން ދިމާވާލެއް ގިނަވާން ފެށީމަ އަހަރެންނަށް ޔަޤީންކުރެވުނީ ރީން ދެކެ ލޯބިވެވިއްޖެކަން. އެކަން ޤަބޫލުކުރަން ވެސް ދަތިވި. އެކަމަކު ރީން ކަހަލަ މަޑުމޮޅި، ހިތްތިރި، ލޯބި، ރީތި، ސާދާ އަންހެން ކުއްޖަކަށް ފޯލް ނުވާނީ ކާކު؟ ދުވަހަކު ޙަޔާތުގައި ފިލްމެއް ޑްރާމާއަކުން ވެސް ނުދެކޭ ވަރުގެ ކެތްތެރި ކުއްޖެއް ރީން ތިއީ. ލޯބިވެވުނެއް ކަމަކު އަހަރެންނަށް ހިލާ ނުކެރުނު އެކަން ފާޅުކުރާކަށް. ޔޫ ޑިޒާވް ބެޓަރ ދެން މީ. ޖަންނާ އަށް އަނިޔާވި ދުވަހު އެ ލަފުޒުތައް ދުލުން ބޭރުވީ ހަމަ ނޭނގުމެއްގެ ތެރޭގަ. ރީނަށް ކިރިޔާ ވެސް ދެރަ ގޮތެއް ވިއްޔާ އަހަރެން މޮޔަވެދާނެ ކަން ސާބިތުވީ އެރޭ. އައި ރިއަލައިޒްޑް ދިސް އިޒިންޓް ދަ ކައިންޑް އޮފް ލަވް ޕީޕަލް ރައިޓް ފެއަރީ ޓޭލްސް އޮން. އިޓްސް ވައިލްޑް އެންޑް ކޮމްޕްލީޓްލީ އައުޓް އޮފް ކޮންޓްރޯލް. އެކަމަކު އޭރު އަހަރެންގެ ޚިޔާލަކު ނެތް މި ލޯބި ހާސިލުކުރާކަށް. ސަބަބަކީ މާޒީގައި އަހަރެންނަށް ކުރެވުނު ކުށް. އެހެނަސް އަނެއްކާ ވެސް ދެމީހުން އެއްތަންވީ ރީން އެކްސިޑެންޓްވެ ގިނަ ހަނދާންތަކެއް ގެއްލުމުން. އެކަހެރިކޮށް ރީނާއި ގާތުގައި ހުރެވޭ ކޮންމެ ފަހަރަކު އަހަރެންގެ އިހުސާސްތައް ފަސްއަޅާ ފޮރުވާން ކުރި މަސައްކަތް ދެނެވޮޑިގެންވަނީ މާތް ﷲ. އައި ޑިޑް ލޫޒް ކޮންޓްރޯލް ވަން ނައިޓް ވެން ޔޫވަރ އެސްލީޕް ބަޓް ދެޓްސް އިޓް. އެހެންވެ ރީނާ ވީހާ ވެސް ދުރުގައި ހުންނަން މަސައްކަތް ކުރީ. ދެން ރީން އަހަރެންނަށް ދެވަނަ ފުރުސަތެއް ދޭން ނިންމިރޭ. އެރޭ އަހަރެން ހާދަ އުފާވިއޭ އަހަރެންނަށް ރީންގެ މައާފާއި އިތުބާރު ލިބުނުކަން އެނގުނީމަ.
އަހަރެން ވައުދުވަން. ތި ދިން ލޯތްބާއި އިތުބާރުގެ ބަދަލު އަބަދަށް އަޅާލުމާއި އޯގާތެރިކަން ދޭނަން. ދެން ދުވަހަކުވެސް އަހަރެންގެ ނަފްރަތާއި ރުޅިވެރިކަން ރީނަށް އަމާޒެއް ނުކުރާނަން. ހިތާއި ފުރާނައިން ރީން ދެކެ ވާ ލޯބި، ބަހާއި އަމަލުން ސާބިތު ކޮށްދޭނަން. އިންޝާ ﷲ” ޒަވިއަންގެ އަސަރުގަދަ އަޑުން ޖުމްލަތަކުގެ އެހީގައި ބަންޑުންކޮށްލި އިހުސާސްތައް އިވިފައި އަރީން ފެންކަޅިވިއެވެ. ރައްދުގައި ބުނާނެ އެއްޗެއް ނޭނގިފައި އެ މާބޮނޑީގައި ހިފާލިއެވެ. އޭގައި ވަސް ގަނެފައި އަރީން ތުންފަތުގައި ދަތްއަޅާލިއެވެ. އަރީން ރޯތަން ފެނުމުން ޒަވިއަނަށް ކޮޅަށް ތެދުވެވުނެވެ.
“ކިހިނެއްވީ؟ އަހަރެންނަށް ނުބައިކޮށް އެއްޗެއް ބުނެވުނީތަ. ސޮރީ. ދެން… ދެން ހުއްޓާލަބަ ޕްލީޒް. ނުރޮއެ ހުއްޓާލާ” އަރީންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެމުން ޒަވިއަން ހާސްވެފައި ބުނެލިއެވެ. ބިރާއި އެކު އެ ހިތް އުދާސްވީ އިރު ވިސްނަމުން ދިޔައީ އަރީން ދެރަކޮށްލަން އެއްޗެއް ބުނެވުންތޯ ހަނދާން ކުރަމުންނެވެ. އަރީން މާބޮނޑި އެއްފަރާތް ކޮށްލަމުން ޒަވިއަންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރު ވެސް އޭނާ ދިޔައީ ރޮމުންނެވެ. ވާނުވާގައި ހުރި ޒަވިއަން ހާސްވެގެން ތުރުތުރު އަޅަން ފެށިއެވެ. “ރީން…” ކުރަކިވެފައިވާ އަޑަކުން ޒަވިއަން ގޮވާލިއެވެ.
“އައި ލަވް ޔޫ. އަހަރެން ވެސް ޒެވް ދެކެ ވަރަށް ލޯބިވޭ.” އަރީން ކުރެހިފައިވީ އަޑަކުން ބުނެލީ ޒަވިއަނާއި ހަތަރު ކަޅި ހަމަކޮށްލަމުންނެވެ. “އާރ ޔޫ އޯކޭ؟” ޒަވިއަން އެހިއެވެ. “ހޫމް. މިހާ ޚާއްސަކަމެއް ކޮށްފަ އަހަރެންނަށް ޒެވްގެ އިޙުސާސްތައް ބުނެދިނީމަ މާ ބޮޑަށް އިމޯޝަނަލް ވީ. ވަރަށް އުފާވެފަ މި ހުރީ. ޝުކުރިއްޔާ ޒެވް. ވަރަށް ބޮޑަށް ޝުކުރިއްޔާ.” އަރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އަޅޭ. އެކަމަކު އަހަރެން އެހާ ވަރަށް ބިރުގަންނަވާލާކަށް ނުވާނެ ދޯ. ސަޕްރައިޒް ކޮށްލީމަ ރޯން ފަށާފާނެ ކަމެއް ނޭނގޭނެދޯ.” ޒަވިއަން އަރީންގެ ނޭފަތުކުރީ ހިފާލަމުން ބުނެލިއެވެ.
ޒަވިއަނާއި ދުރަށް ޖެހިލަމުން އަރީން ބެލްކަންޏަށް ރަނގަޅަށް ނަޒަރު ހިންގާލީ ދެނެވެ. އުއްބައްތީގެ ފަނޑު އަލިކަން ފެތުރިފައިވާ އެ ތަން ފެންނަނީ ހުވަފެނީ ގޮތަކަށެވެ. މެދުގައި ވަށް މޭޒެއް ބަހައްޓާފައި ވީއިރު ދެ ތަށްޓެއްގައި މޮންގޯލިއަން ރައިސް ރީތި ގޮތަކަށް ގާނިޝް ކޮށްލައިފައި ހުއްޓެވެ. މީގެއިތުރުން ދިގު ބިއްލޫރި ތަށީގައި ޕިންކް ލެމޮނޭޑް ހުއްޓެވެ. މެދުގައި ހުދުފިނިފެންމަލުން ހަދައިފައިވީ ސެންޓަރ ޕީސް އަކާއި ރަންކުލައަކުން ދިއްލޭ ހޮޅިތަކެއް ފާޑު އެއްޗެއް ހުއްޓެވެ.
ޒަވިއަން އެ ހިނދުކޮޅުގައި އަރީންގެ ފޮޓޯތަކެއް ނެގިއެވެ. އެއަށްފަހު ފޯނު ޖީބަށް ޖަހާލައިފައި އަރީން އިށީންނަން ގޮނޑި ދުރުކޮށްލަދިނެވެ. އަރީން އިށީނުމުން އޭނާ ވެސް ގޮސް ގޮނޑީގައި އިށީނެވެ. އަރީން ބިސްމި ކިޔައިފައި ބަތް ކޮޅެއް ކާލިއެވެ. ޒަވިއަން އަރީންގެ މޫނުމައްޗަށް އަރާ ކުލަވަރެއް ދިރާސާކުރަން ބޭނުންވެފައި ހުރި ފަދައަކުން ބަލަހައްޓައިގެން ހުއްޓެވެ.
“މީރުތަ؟ ޝެފެއް ހާ މޮޅެއް ނުވާނެ އަހަރެންނެއް. ތިއީ ހަފްތާއެއްގެ ތެރޭގައި ކައްކަން ދަސްކޮށްފަ ހެދި ކެއުމެއް.” ޒަވިއަން އެއްސެވެ. އެހެން ބުނުމުން އަރީން ހައިރާން ވިއެވެ. “ވަރަށް މީރު. ހަމަ ޒެވްތަ ކެއްކީ. ޤަބޫލުކުރަން އުނދަގޫ އިނގޭ.” އަރީން ރައްދުގައި ބުނެލިއެވެ. މި ޖުމްލައިން ޒަވިއަންގެ މޫނުމަތީގައި ހިނިތުންވުމެއް ކުރެހުނެވެ. އޭނާ ވެސް ސަމްސާ ނަގައި ކާން ފެށިއެވެ. ކެއުމަށް ވުރެ ބޮޑަށް އޭނާގެ ސަމާލުކަން ހުއްޓިފައި ހުރީ އަރީނަށެވެ. ޚިޔާލެއް ފިކުރެއް ނެތި މޮންގޯލިއަން ރައިސް ކަމުން ދިޔަ ގޮތަށް ބަލަން ފޫހިކަމެއް ނެތި އޭނާއަށް އިނދެވުނެވެ. “ޒެލީ ކޮބާ؟” ކެއުމުގެ ތެރެއިން އަރީން އެހިއެވެ. “ފަލަކް އާއި އެކު ސަކަރާތް ޖަހަޖަހައިފަ ނިދައިފި.” ޒަވިއަން ޖަވާބުގައި ބުނެލިއެވެ.
“އުނދޯލީގައި އިހަށް ރެސްޓް ކޮށްލާ. އަހަރެން އެބަ އަންނަން މި ތަށިތައް ދޮވެލައިފަ. މިރޭ ދެކޮޅެއް ނުހެދޭނެ. އަހަރެން ހުރިހާ މަސައްކަތެއް ކުރާނީ.” ކައި ނިމުމާއި އެކު ޒަވިއަން ބުނެލިއެވެ. އަރީން ވަކި އެއްޗެއް ނުބުނެ ގޮސް އުނދޯލީގައި އިށީނެވެ. އަތުގައި އޮތް ހުދު ފިނިފެންމާ ބޮނޑީގައި ވަސް ގަނެފައި ޒަވިއަން ކުރަމުން ދިޔަ މަސައްކަތަށް ނަޒަރު ހުއްޓާލިއެވެ. ޒަވިއަންގެ ފަރާތުން މިރޭ މި ފެންނަމުން ދާ ކޮންމެ އަދާ އަކުން އަރީން ހިތުގައިވީ ލޮބުވެތި އިހުސާސް ފުންވަމުން ދިޔައެވެ. އެއާއެކު އަނެއްކާވެސް އެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރުނެވެ.
“މިރޭ އަހަރެންގެ ވައިފީ ހާދަ އިމޯޝަނަލް ވޭއެބޭ. އެހާ ވަރުން ޑްރީމް ޑޭޓް ނައިޓެއް ސެޓުކޮށްލީމަ ވެސް ކަމު ނުދަނީތަ؟ އަނެއްކާ އެ ސުމީ އަހަންނަށް ދޯކާ ދިނީބާ؟” މަސައްކަތް ނިންމާލައިފައި އައިސް އުނދޯލީގެ އަތްގަނޑުގައި އަތް ވިއްދާލަމުން ޒަވިއަން ބުނެލިއެވެ. ލައިގެން ހުރި ގަމީހުގެ އަތްކުރި އޮޅާލައިފައިވުން ފުފިލައިފައިވީ ނާރުތަކާއި އެކު އެ މުލައްދަނޑީގެ ބާރުގަދަ ކަން ފާޅުވާން ހުއްޓެވެ.
“ވަރަށް އުފާވެފައޭ މިހުރީ. އަދިވެސް ޤަބޫލުކުރަން އުނދަގޫ އަހަރެންނަށް ޒެވްގެ ލޯބި ހާސިލުކުރެވިއްޖެކަން.” ރައްދުގައި އަރީން ބުނެލިއެވެ. ޒަވިއަން އިތުރަށް ގާތްވެލަމުން އަރީންގެ ކޯތާފަތް މަތީގައި ހަރުލައިފައި ހުރި ކަރުނަ ތަކުގައި ބޮސްދިނެވެ. “މިނޫން ކޮން ގޮތަކުންތަ އަހަރެން ލޯބިވާ މިންވަރު ސާބިތު ކޮށްދޭނީ؟” ޒަވިއަން އަރީން ނަގާ އުރާލަމުން ކޮޓަރިއަށް ވަންނަން މިސްރާބު ޖެއްސެވެ. އަރީންގެ ދުލަކަށް ބުނާނެ ބަހެއް ނައެވެ. ޒަވިއަން އަރީން ގެންގޮސް ބެހެއްޓީ ޑްރެސިން ޓޭބަލް ކުރިމަތީގައެވެ. އެއަށްފަހު މޭޒުމަތީގައި އޮތް މަހުމާ ފޮށްޓެއް ހުޅުވާލަމުން ފަށެއް ނެގިއެވެ. އަރީނަށް އެ ފަށް ފެނި ދެލޯ މުދުނަށް އެރިއެވެ. “ޒެވް… މި.. އަޅޭ މިހާ އަގުބޮޑު އެއްޗެއް..” އަރީން ތެޅިގަންނަމުން ބުނެލިއެވެ. “ރިލޭކްސް ހަނީ. އަ ބިލިއަން ޑޮލަރ ނެކްލެސް އިޒް ނަތިން ކޮމްޕެއާރޑް ޓުޔޫ.” ޒަވިއަންގެ ބަރު އަޑު އިވިގެން ދިޔަ ގޮތުން އަރީންގެ ލޯލިތައް ކޮޅަށް ޖެހުނެވެ.
“މި ފަށް އަޅުވައިދިނަސް އެންމެ ރަނގަޅުތަ” ޒަވިއަން އެހިއެވެ. އަރީން ބޯ ޖަހާލިއެވެ. ޒަވިއަން ވަރަށް ފަރުވާތެރިކަމާއެކު އަރީން އަޅައިގެން ހުރި ޝޯލް ބޭލިއެވެ. އެއަށްފަހު އަތުގައި އޮތް ހުދުރަނުން ފަރުމާކުރެވިފައިވާ އެކި ވައްތަރުގެ އަގުބޮޑު ޖަވާހިރު ހަރުކުރެވިފައިވީ ފަށް އަރީންގެ ކަރުގައި އަޅުވައިދިނެވެ. އުފުލިފައިވާ އަރީންގެ ކޮނޑުކަށިގަނޑުގެ ރީތި ކަމުން ފަށަށް އިތުރު ފުރިހަމަ ކަމެއް ލިބުނެވެ. “މާޝާ ﷲ. ހާދަ ރީއްޗޭ. ހާދަ ފުރިހަމަ އޭ. އަހަރެންހާ ނަސީބުގަދަ މީހަކު މި ދުނިޔެ މަތީގައި ވާނެހެން ހީނުވޭ. އެހާ ވެސް ލޯބި، ކިޔަމަންތެރި އަނތްބަކު ލިބިއްޖެ. ބައި ދަ ވޭ. ޔޫ ސްމެލް ސޯ ގުޑް.” ފަހަތުން އަރީންގެ ބަނޑުމަތީގައި އަތް ވަށާލަމުން ޒަވިއަން ގާތަށް ދަމާލިއެވެ. އޭނާ އަރީންގެ ކަނދުރާގައި ނޭފަތް ޖައްސާ އެތެރެއަށް ދަމާލީ އެ ވަސް ހިތުގައި ބިންވަޅު ނަގަން ބޭނުންވެފައިވާ ފަދައަކުންނެވެ. މި އަމަލުން ރަކިވެގެން ގޮސް އަރީންގެ ދެކޯތާފަތް ވިލާތުބަށްޓެއްހާ ރަތްވެގެން ދިޔައެވެ.
“ތިހެން ލަދުގަތީމަ މި ލޯބި ކޯތާފަތަށް ފިޔާތޮށި ކުލައެއް ފާއްދާލައިފަ ހުންނަ އިރު ހާދަ ލޯތްބޭ. ޔޫ އާރ މޭކިން މީ ސްޓާރވް.” ޒަވިއަންގެ ހޫނު ތުންފަތުގެ ބީހުން ކަނދުރާ ދަށުން އިޙުސާސްވުމުން އަރީނަށް ދެލޯ މަރާލެވުނީ ލިބުނު ފޮނި އަރާމެއްގެ ސަބަބުންނެވެ. “އަމްމް. ވަރުބަލިވެފަދޯ ތި ހުރީ… ޒެވް..” އިނގިލިތަކާއި ކުޅެލަމުން އަރީން އެހެން ބުނެލީ އިރުކޮޅެއް ފަހުންނެވެ. މި އަޑު އިވިފައި ޒަވިއަން އަރީންގެ ކޮނޑުގައި ހިފާ އަނބުރާލަމުން އެއް ފަރާތު ފާރުގައި ޖައްސާލިއެވެ.
“ކުރިމަތީގައި އުޑުން ތިރިކޮށްލި ހޫރެއް ފަދަ އަހަރެންގެ އަނބިމީހާ ހުއްޓަކާ އަހަރެން ވަރުބައްޔެއް ނުވާނެ. ކީއްކުރަންތަ މިރޭ އެހާ ވަރަކުން އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަން ތި އުޅެނީ؟ އައި ނީޑް ޔޫ ފޯރ ދި ނައިޓް ހަނީ.” ކުޑަކޮށް ހިތްހަމަނުޖެހިފައި ޒަވިއަން ބުނެލިއެވެ. ޒަވިއަން ރުޅިއައިހެން ހީވުމުން އަރީނަށް ތުންފަތުގައި ދައިގަނެވުނެވެ. ދެވަނަ ސިކުންތުގައި ޒަވިއަންގެ ކަނދުރާގައި އަތް އަޅުވާ ގާތަށް ދަމާލަމުން އެ ތުންފަތުގައި ބޮސްދޭން ފެށީ އަމިއްލަ ހިތުގައިވީ އެދުންވެރިކަން ޙާސިލުކުރުމުގެ އިތުރަށް އޭނާ ހިތްހަމަޖައްސާލެވޭތޯއެވެ. މި އަމަލުން ޒަވިއަންގެ ލޮލުގައިވީ ވިދުވަރު އަލިވިއެވެ. އަރީންގެ އުނަގަނޑުގައި ހިފާ އެ ދެމެދުގައިވީ ޖާގަ ނައްތާލިއެވެ. ގަޔަށް ހިފާލެވިފައިވާ އަރީންގެ ހެދުމުން ފާޅުވާން ހުރި އަންހެންވަންތަ ގުނަވަންތަކުގައި އޭނަގެ އަތް ހަރަކާތް ކުރަމުން ދިޔައީ އަލަށް ފެނުނު އެއްޗެއް ފަދައިންނެވެ.
“ހެޕީ؟” ނޭވާ ކޮޅަށް ދިއުމުން ދުރަށް ޖެހިލައިފައި އަރީން އެހިއެވެ. އޭރު ދެމީހުންގެ ނޭވާ ވަނީ އަވަސްވެފައެވެ. ޒަވިއަންގެ ތޫނު ނަޒަރުން އެކަނިވެސް އަރީންގެ ހަށިގަނޑުގައިވީ ފޭރާންތައް ވަކިކޮށްލަމުން ދިޔަ ކަހަލައެވެ. “އާރ ޔޫ ކްރޭޒީ. އަހަރެންގެ ހިއްސުތައް ހޭލައްވާލާފަ އެހެން ބުނަން ކެރުނީ ކިހިނެއް؟” ޒަވިއަން އަރީންގެ ދަތްދޮޅީގައި ހިފާ ހަތަރު ކަޅި ހަމަކޮށްލަމުން އެހިއެވެ. “އެއީ… ޒެވް… ރެސްޓް.” ޒަވިއަންގެ ކަތި ނަޒަރު އަމާޒުވެފައި ހުރުމުން އަރީނަށް ވާހަކަ ދައްކަން ވެސް އުނދަގޫވެ އަނގައޮޅޭގޮތްވިއެވެ.
“ޝޫޝް. ރެސްޓެއް ބޭނުމެއް ނޫން. ރީން ބޭނުމީ. އަހަރެން ކަހަލަ އިޙުސާސެއް ނެތް ހިލަ ހިތެއްގެ ވެރިއަކަށް ލޯބިވާން ދަސްކޮށްދިނީ ރީން އެއްނު. އަހަރެން ވާވަރަށް ސްޕޮއިލް ކުރީ ރީނެއްނު. މިރޭ އެހާ ވަރަށް ތައްޔާރުވީމަ ވެސް މި ކަންތައް މެދުކަނޑާލަނީތަ؟ ޔޫ ޓަރންޑް މީ އިންޓު ދިސް ޕެޝަނޭޓް ރޮމޭންޓިކް.” އަރީންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ޒަވިއަން ބުނެލިއެވެ. މިއާއި އެކު އަރީންގެ ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. ޒަވިއަންގެ އަތުތެރެއަށް ވިރިގެންދާން ނަފްސް ތެޅިފޮޅެމުން ދިޔައެވެ.
“ދެންން. ކީއްވެތަ މިރޭ އެހާ ވަރަށް އަހަރެން ލަދުގަންނަވަނީ؟” ޒަވިއަންގެ މޭގައި މޫނު ފޮރުވާލަމުން އަރީން ޝަކުވާގެ ރާގަކަށް ދަމާލިއެވެ. “ހަމަ ނޭނގެނީތަ؟ ކޮންމެވެސް ކުއްޖަކު ބުނެފިއޭ އަހަރެން ލޯބިވާކަން ޤަބޫލުކުރަން ދައްޗޭ. އެ ކުއްޖާ އަށް އަހަރެން ލޯބިވާ މިންވަރު ސާބިތުކޮށްދޭށޭ މިއުޅެނީ.” ޒަވިއަން ފަހަތަށް ފިޔަވަޅެއް އަޅާލަމުން ލައިގެން ހުރި ގަމީސް ބާލާ ދުރަށް އެއްލާލިއެވެ. ނުބަލަން ހުއްޓެއް ކަމަކު އަރީންގެ ނަޒަރު ޒަވިއަންގެ ފިރިހެންވަންތަ ހަށިގަނޑަށް އަމާޒުވީ ބޭއިޚްތިޔާރުގައެވެ. ކަސްރަތީ ހަށިގަނޑުގެ ފުޅާ ދެކޮނޑާއި، ހަމަހަމައަށް ބެހިފައިވާ މޭމަތީގެ މަސްތަކުން ހާމަވަނީ އޭނާގެ ހަށިގަނޑަށް ދީފައިވާ ސަމާލުކަމެވެ. މޭމަތިން ފެށިގެން ބަނޑާ ހަމައަށް ހުރި ކަސްރަތީ ރޮނގުތައް ފެނި އަރީނަށް ތުންފަތުގައި ދައިގަނެވުނެވެ. ހިންދިރުވާލާ ވަގުތު ކަނދުރާގެ މަސްތަކަށް އެ އަންނަ ބަދަލު ފެނި މޮޔަ ނުވާނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟
“ކޮބާ ކޮބާ! އަދި މާ ނޫން ކަމަށް ހެދެން އެބަ ވާހަކަ ދައްކައެއްނު. އަހަރެންގެ ހަށިގަނޑު ފެނުނީމަ އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނީތަ؟ އައި ނޯވް ޔޫ އާރ ކްރޭވިންގް ދިސް އޭޒް މަޗް އޭޒް އައި އޭމް.” ޒަވިއަން އަރީންގެ ކަނައަތު ކުޑަހުޅުގައި ހިފާ ދަމާލަމުން އެ އަތް ބަނޑުގެ ހަރު މަސްތަކު މަތިން ތިރިއަށް ހިންގާލިއެވެ. ލަސްލަހުން ހެދުމުގެ ގޮށްތައް ނައްޓާލީ އަރީން އެހެން ގެއްލިފައި ހުއްޓައެވެ. އޭނާއަށް ހަމަހޭވެރިކަން ލިބޭ ވަރުވީ ޒަވިއަން އެ ހެދުން ބާލަން މަސައްކަތް ކުރި ހިނދުގައެވެ. އަރީން ޒަވިއަންްގެ އަތް ފޮޅުވާލައިފައި އަމިއްލައަށް ފޭރާންތަކުން މިނިވަންވެއްޖެއެވެ.
“ޔޫ ގޮޓް މީ ދެއަރ. އަހަރެން ހީކުރީ އެހާ ވަރުގަދަ މަސައްކަތެއް ކުރީމަ ދެން އިތުރަށް ހަކަތަ ބޭކާރު ކުރަން ބޭނުން ނުވާނެކަމަށް.” އަރީން ގޮސް ޒަވިއަންގެ މޭގައި އަޅާ އެނދުމައްޗަށް ވައްޓާލިއެވެ. ޒަވިއަން އަރީންގެ އަތުގައި ހިފާ ދަމައިގަންނަމުން ގައިދަށުކޮށްލިއެވެ. އުއްބައްތީގެ އަލިކަމުގެ ތެރެން އަރީންގެ މޫނު ފެންނަނީ އެހެން ދުވަސްތަކަށް ވުރެ ހުވަފެނީ ގޮތަކަށެވެ.
ޖެހިގެން އައި ދުވަހެވެ. ޒަވިއަންގެ ކެބިނުގައި ގުރޫޕްގަނޑު ތިބީ މަރުފަލި ގޭންގްގެ އަތުނުވެ ހުރި މީހުންތައް ހޯދޭތޯއެވެ. މިރޭ ނައުރީން ބިޒީ ވެގެން ނާދެއެވެ. ބަދަލުގައި އިތުރު މީހަކަށް ހުރީ ޒައިނެވެ. ޒައިނާއި ލީވާން މަސައްކަތް ކުރަމުން ދިޔައީ އެމީހުން ޓްރެކް ކުރެވޭތޯއެވެ. ދެން ތިބި މީހުން މަޑުމަޑުން ތިބީ އެކަމަށް އެމީހުންނަށް ވެވޭނެ މާ ބޮޑު އެހީއެއް ނޯންނާނެތީއެވެ.
“ވެރިންތައް އަތުލައިގަތީމަ ހާދަ މައިތިރިވެގެންނޭ މި ބަޔަކު މި އުޅެނީ. އަހަރެން ހީކުރީ ދިމާލަށް ބަދަލު ހިފަން އަންނާނެ ކަމަށް. އެވަރުގެ ބައެއް ވިއްޔާ.” ސުމައްޔާ އިނދެފައި ބުނެލިއެވެ. “ދޯ. ގަސްތުގައި ފިލައިގެން އުޅެނީ ކަމަށް ވެދާނެ. ޒޮންބީ. ހަމަ އެއްވެސް ކުރިއެރުމެއް ނުލިބޭތަ؟” އިޙުސާނު އެހިއެވެ. “އެމީހުން ތިބީ މާލޭގަ.” އެ ވަގުތު ލީވާން ފުންމައިގެން ތެދުވަންނަމުން ބުނެލިއެވެ. އެއަށްފަހު އޭނާގެ ލެޕު އަނބުރާލަމުން ދައްކާލިއެވެ.
“ބްރޯ ހަމަ އިރާފަ. އަދި އިރުކޮޅެއް ނަގާނެ ދޯ ސީދާ ލޮކޭޝަން އެނގެން.” ޒައިން ލީވާންގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ދެން އެމީހުން އިންތިޒާރު ކުރަމުން ދިޔައީ އެކަން ޕްރޮސެސް ވާނެ ވަގުތަކަށެވެ. އަރީން ސުމައްޔާގެ އަތުގައި ހިފަހައްޓާލައިގެން އިނީ ކުޑަކޮށް ހާސްވެފައެވެ. ވީހާ ވެސް އަވަހަކަށް މި މީހުން ހޯދާ ބަންދުކުރުމުން މެނުވީ ރައްކަލެއް ނޯންނާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.
“ހެހެހެ. މި ގަޅިންތައް އެއް ތަނަކަށް އެއްވެފައި ދޯ މި ތިބީ. އަދި އެ ވެސް މާފަންނު ސަހަރާ ކައިރި ތަނަކަށް. އެނގެނީ ކަންނެ ދެން އެމީހުންގެ ނިމުން ގާތްވީކަން.” ޒަވިއަން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ފުލުހުން ގޮވައިގެން ދިޔައިއްޔާ އެލާޓަށް އައިސް ފާނެ. ހިނގާ ފުރަތަމަ އަހަރެމެން ގޮސް ބައްދާލަން. އެންމެ ބާރަ ހިކަންޖެއްނު. އަހަރުމެން ހަތަރު މީހުންނަށް މިކަން ވާނެ. ރީން މެން ގެއަށް ގޮސްލާ. މި މީހުން ހޯދަން އަހަރެމެންނާ އެކު އަންނާނެ ކަމެއް ނެތް.” ޒަވިއަން ބުނެލިއެވެ.
“ރީން ގެއަށް ފޮނުވާލާފަ އަހަރެން ވެސް ގޮސްފާނަމޭ. އޭރުން ފަސޭހަ ވާނެއްނު. މަށަށް ވެސް ތިން މީހަކު ސައިޒަށް ވައްޓާލެވިދާނޭ.” ސުމައްޔާ ބުނެލިއެވެ. “އޮހޯން. ގެއަށް ދާންވީ. ނޭނގޭނެ ދޯ އެމީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްލަފާނެ ވިއްޔާ. ޒޮންބީ އިލެވެން ޒެވް. އަވަހަށް ހިނގާ. ނޭނގޭ މިތަނުގައި ހުންނާނީ ކިހާ އިރަކު ކަމެއް.” އިޙުސާނު އެކަމަށް އިންކާރު ކުރަމުން ތެދުވިއެވެ. ސުމައްޔާ ކަޅި އަނބުރާލައިފައި ކޮޅަށް ތެދުވިއެވެ.
ހަތަރު ފިރިހެނުން ގޮސް ލިފްޓަށް އަރާ ތިރިއަށް ދާން މިސްރާބު ޖެއްސެވެ. ގޮސް ޕާކިން އޭރިޔާއިން ޒަވިއަންގެ ކާރު ހޯދާލިއެވެ. ލީވާން އެ އިސްޓާޓް ކޮށްލަމުން މަގަށް ނެރެފައި ސްޕީޑް މެކުހަށް ޖަހާލީ ދާން ލަސްވެފައި ހުރުމުންނެވެ. ކިރިޔާ ލިމިޓުގައި ދަމަހައްޓަމުން އޭނާ ދުއްވައިފައި ދިޔައީ އުޅަނދު މަދު މަގުތަކުންނެވެ. އޭނާ ކުޅަދާނަ ކަމާއި އެކު ދުއްވައިފައި ގޮސް ފުރަތަމަ ފިޔަވައްސަށް އެރީ ފަސް މިނެޓް ތެރޭގައެވެ.
“އެ މީހުންނާ ތޮޅެލަން ވެސް މި ފޮނި ފިރިހެނުން ފުރުސަތެއް ނުދިނެއްނު. ހަމަ އަންޑައެސްޓިމޭޓް ކުރަނީއޭ. ރީން ހިނގާ ދާން. މިރޭ އަހަރެން ގެއަށް ސްލީޕް އޯވާރ އަކަށް. މިރޭ ޒެވް އަކަށް ނުލިބޭނެ ރީނެއް.” ސުމައްޔާ އަރީންގެ އަތުގައި ހިފަމުން ހިނގައިގަތެވެ. “ރައްކާތެރިވެ ހުރުން މާ މުހިންމޭ. ފިރިހެނުންނަށް މި ކަހަލަ ކަންކަން ދޫކޮށްލަން ރަނގަޅު ވާނީ.” އަރީން ސުމައްޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ކިހިނެއްތަ ވަނީ ރޭގަ ޒެވް ދިން ސަޕްރައިޒް؟” ލިފްޓު އައުމުން އެއަށް އަރައިފައި ސުމައްޔާ އެހިއެވެ. މި ސުވާލު އިވިފައި އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. “އަލުން އެނދެއް ޖަހަން ޖެހޭ ވަރުގެ ރޯޅިއެއް އެރީމަތަ ތިހެން ހިމޭނުން ތި ހުރީ؟” ސުމައްޔާ ލާނެތް ރާގަކަށް ބުނެލިއެވެ. “ދޭންން ސުމް. ހުރެބަލަ. އިއްސޭ އާއި އިނީމަ މަ ވެސް ދިމާކޮށްލާނަމޭ.” އަރީން ތުން އަނބުރާލަމުން ބުނެލިއެވެ. އެއާއެކު ދެން އިވިލީ ދެ އެކުވެރިންގެ ހުނުމުގެ އަޑެވެ.
ގެއަށް ދިއުމުގެ ކުރިން ތިރީބައިގެ ކެފޭއިން ފިނި ބުއިމެއް ގަނެފައި ސުމައްޔާމެން ޖައްސާލީ ސްޓާފް ލައުންޖްގައެވެ. ވާހަކައިގައި ޖެހިފައި މާ ގިނަ އިރަކު އެމީހުން މަޑުކުރާކަށް ނުހަދައެވެ. ތަށި ރައްދުކޮށްލައިފައި އެމީހުން އެ އިމާރާތުން ނުކުމެ ހިނގައިގަނެއްޖެއެވެ. ތިންވަނަ ފިޔަވަހީގެ އާބާދުވާން ފަށައިފައިވާ މަގުތަކުން ދިޔައިރު ދެމީހުން އިރުކޮޅުކޮޅާ ސަމާސާކޮށްލައެވެ.
އަރީންމެންގެ ހިނިތުންވުން ފިލައިދިޔައީ ކުއްލިއަކަށް ފިރިހެނުން ތަކެއް އައިސް އެ މީހުން ވަށާލުމުންނެވެ. ސުމައްޔާ އަށް އެއީ ގޭންގްގެ ބާކީ ތިބި ގުރޫޕުކަން ރެއަކާ ލުމުން ދެލޯ ބޮޑު ކޮށްލެވުނެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ބޮޑެތި ލަކުޑި ބުރިތަކާއި ތޫނު ހަތިޔާރު ހުއްޓެވެ. ތިބެވުނީ ވެސް އަދި ހަދަން ފަށައިފައިވާ އިމާރާތެއްގެ ކައިރީގައެވެ. ސުމައްޔާ އަށް މި ވާނުވާ ދެނެގަނެވުނީ ދެނެވެ. “ޝިޓް. އެމީހުންގެ މަޅީގަ އަހަރެމެން މި ބެދުނީ. މާފަންނުގައި ތިބި ކަމަށް ދައްކާފަ އެ ކުޅެލީ މޮޅު ޑްރާމާއެއް. ރީން. އަވަސް. އައިލް ޑިސްޓްރެކްޓް ދެމް. ރަން އަވޭ އެންޑް ކޯލް ޒެވް.” ސުމައްޔާ އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
“ހެހެހެ. ކޮބާ ހާސްވާން އެނގިއްޖެދޯ! ބަލަ ކަލޭމެން ކަހަލަ ފީކަޅާ ބަޔަކަށް ނުޖެހޭ މަތިން ބައިން ޖެހިގެން އަހަރެމެންގެ ގޭންގު ރޫޅާލަން މަސައްކަތް ކޮށްފައި އެންމެ އިސް ލީޑަރުން ޖަލަށް ގަޅާލާކަށް. މިރޭ ކަލޭމެން ދެމީހުން މަރާލާފަ އޮއްވާ އެ ** ޒަވިއަނާއި އޭނަގެ *** އައުވާނުންނަށް ފެނުނިއްޔާ ވާނެ ގޮތެއް ބަލަމާ ދޯ. ހާސްނުވޭ. ކަލޭމެން ކުދިން ރީތިވީމަ އެއްފަހަރާ ތަޅައެއް ނުގަންނާނަމޭ.” އެތަނުން ފިރިހެނަކު ސުމައްޔާ އާއި ގާތް ވެލަމުން ބުނެލިއެވެ.
ސުމައްޔާ އަވަސް ހަރަކާތްތަކާއި އެކު އޭނާ އަތް ދަބަހުން ފާޑެއްގެ ތޫނު ހަތިޔާރެއް ނަގާ އޭނާގެ ދެލޮލަށް ހަމަލާއެއް ދިނެވެ. އެއަށްފަހު އަރީނަށް އިޝާރާތް ކޮށްލީ އެ އިމާރާތުގެ ތެރެއަށް ވަންނާށެވެ. މިކަންތައް ހިނގައިދިޔަލެއް އަވަސްކަމުން އަރީނަށް ނިކަން ފަސޭހައިން އެ އިމާރާތުގެ ތެރެއަށް ވަދެވިއްޖެއެވެ. އެ ތަނުގައި ހުރި ކުނި ކޮންޓައިނަރު ތަކެއްގެ ބިއްދޮށަށް ގޮސްފައި އޭނާ ޒަވިއަނަށް ގުޅާލިއެވެ. އެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔައިރު ބޭރުން އިވޭ އަޑުތަކަށް ސިހިސިހި އިނީ ބިރުގެންފައި ވާ ވަރުންނެވެ.
“ރީން މި ގުޅަނީ ކީއްކުރަންބާ؟” ހައިވޭ މައްޗަށް އެރި ވަގުތު ޒަވިއަންގެ ފޯނު ރިންގުވާން ފެށުމުން ބުމަ އަރުވާލެވުނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލީ މުހިންމު ކަމުގައި މެނުވީ އަރީން ނުގުޅާނެކަން އެނގޭތީއެވެ.
“ޒެވް… އަވަސް. ގޭންގް މީހުން… މިތާ. ސުމީ…” ރޮމުން އަރީން ވާހަކަ ދެއްކި އަޑު އިވިފައި ޒަވިއަންގެ ލޯލިތައް ދިޔައީ ކޮޅަށް ޖެހިގެންނެވެ. “އިލެވެން ހަމަ މިހާރު ކާރު އަނބުރާލާ. ރީން މަޑުކުރޭ. ފޯނު ކަނޑާނުލާތި އެނގޭ.” ލީވާނާއި ދިމާލަށް ޙަޅޭއްލަވައިގަނެފައި ޒަވިއަން މަސައްކަތް ކުރީ އޭނާގެ ފޯނުން އަރީންގެ ލޮކޭޝަން ހޯދާށެވެ. ނުރައްކާތެރިވިއެއް ކަމަކު ލީވާން ޔޫ ޓާނެއް ނަގައި އަނެއް ލޭނަށް ވަދެގަނެފައި ދުއްވާލިއެވެ.
“އާތް. ހާދަ މަކަރުވެރި ކުއްޖެކޭމި. އޭ ކަލޭމެން ބަލާނެ ކަމެއް ނެތް އަރައިގަނޭ.” ދެލޮލުގެ އަސަރު ގެއްލުނު ފިރިހެނާ ފެލިގަތެވެ. އެއާއެކު އެމީހުން ލަކުޑިތައް ހޫރަމުން ސުމައްޔާ އާއި ދިމާލަށް ދިޔައެވެ. ސުމައްޔާ އޭނާ ގެންގުޅޭ ވައްތަރު ވައްތަރުގެ ހަތިޔާރުގެ އެހީގައި ފަހަރަކު މީހެއް ބިމާއި ތިރިކުރަމުން ދިޔައީ ޙިކުމަތްތެރިކަމާއި އެކުގައެވެ. އެގޮތަށް ކާމިޔާބު ކަމާއެކު ދިހަ މީހުން ހޭނައްތާލެވުނު އިރު ސުމައްޔާ އަށް ވެސް ހުރީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަތާއި ފައިގެ އެކި ހިސާބުތައް ޒަޚަމުން ފުރިފައެވެ. ބޮލުގެ ތަންކޮޅެއް ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. ކެއްސާލަ ކޮންމެ ފަހަރަކު އަނގައިން ލޭތައް ބުރައިގެން ދެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް އަމާޒުވެފައިވާ ވަޅީގެ ހަމަލާ ތަކުގެ ސަބަބުން ހިފެހެއްޓުމެއްނެތި ލޭ އޮހޮރެމުން ދިޔައެވެ. ހަކަތަ ގޮސް މުޅި މީހާ ވަނީ ބަލިކަށިވެފައެވެ. އެ ޖިސްމަށް ކެތް ނުވެގެން އެންމެ ފަހުން ބިމަށް ދެމުނެވެ.
ފުރުސަތުގެ ބޭނުން ހިފާ ސަލާމަތުން ހުރި މީހާ ސުމައްޔާ އަށް ދިމާލަށް ފިޔޮއްސެއް ހިފައިގެން ދިޔައީ އޭނާގެ ފުރާނަ ނަގާލުމުގެ ނިޔަތުގައެވެ. “ކަލޭ މާ ގަދަވެގެން ވެސް ސަލާމަތް ވެވިއްޖެތަ؟ ސުންޕާ ****. ތި ** އާއި ހެދި މުހިންމު ޓެލެންޓުތަކެކޭ އެ ގެއްލުނީ.” އެއްހަމައަށް ތިރިވެލަމުން އޭނާ ސުމައްޔާގެ ކަރުގައި އެއް އަތުން ހިފައި އަނެއް އަތް މައްޗަށް ދަމާލިއެވެ. ފުސްގަނޑުގެ ތެރެއިން ސުމައްޔާ އަށް އެ އަޑު އިވުނީ ގުގުމައިގެން ދާ ފަދައަކުންނެވެ.
– ނުނިމޭ –
Decided to make this chapter a bit longer since I won’t be able to upload the next one until July 8th. The upcoming days are going to be really busy 😔 Sorry for the delay, guyzz






