ވިސްނާނުލައި އޭރު އުޅެމުން ދިޔާާމައި… 1
ގްރޭޑް ދިހައެއް ނިންމާފައި އަހަރެން ބޭނުންވީ މަތީ ސާނަވީ ތަޢުލީމު ހާސިލުކުރަން މާލެ ދާށެވެ.. އެހެންކަމުން އަހަރެން މާލެއަށް ކިޔެވުން ބަދަލު ކުރީމެވެ.. އަހަންނަކީ އެހާ ދީންވެރި ކުއްޖެއް ނޫނެވެ..ނަމަވެސް ބުރުގާ އަޅައި ބޮޑުހެދުންލައިގެން އުޅޭ ކުއްޖަކީމެވެ.. އަދި އަހަރެން ޤުރްއާން ކިޔަވައި ބަރާބަރަށް ނަމާދުކުރަމެވެ.. މަންމައާއި ބައްޕަ ފަޚުރުވެރިވާ ފަދަ ކުއްޖަކަށް ވުން އެއީ އަހަރެން ދެކެމުން އައި ހުވަފެނެވެ…
ރަށުގެ މާހައުލާއި މާލޭގެ މާހައުލު ހާދަ ތަފާތެވެ.. މާލޭގައި މީހުން ގިނައޭ ކިޔާ އަޑު އިވުނަސް އެހާވެސް މީހުން ގިނަވެ މާލޭ ބަންޑުންވާހާ ވަރަށް މީހުން އުޅޭނެ ކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ.. މީ އަހަރެންގެ ހަޔާތުގައިވެސް މާލެއައި ފުރަތަމަ ފަހަރަށް ވުމުން މާލޭގެ މާހައުލުފެނި އަހަރެން ހުރީ އާޝޯޚުވެފައެވެ..
މާލޭގައި ގޮސް ހުންނަން ޖެހުނީ އެއްބަނޑު ދައްތައެއްގެ ގޭގައިކަމުން ކުލި ދައްކާކަށް ގޭތެރޭގެ ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހެއެވެ. ދައްތަ އަހަރެންދެކެ އިންތިހާއަށް ލޯބިވާވަރުން ގޭގެ ހުންނަ ކުދިކުދި މަސައްކަތް ކުރިޔަސް ހުންނަނީ ހިތްހަމަނުޖެހިފައެވެ.. އަހަންނަކީ ކިޔަވަން އައިއްސަ ހުންނަ ކުއްޖަކަށް ވީތީ އަހަރެން ޖެހޭނީ ހަމަ ކިޔަވަން ކަމަށާއި އެކަމާ ގުޅޭ ކަންކަން ކުރުމަށް ކަމުގައި ދައްތަ އަަބަދުވެސް ބުނާނެއެވެ..
މާލެއަށް ބަދަލުވިތާ ހަތަރު ވަރަކަށް މަސް ފަހުން މަޑުމަޑުން އަހަރެންގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަންނާއި އެކީ އުޅޭ ރައްޓެހީން އެއީ ނަމާދުކޮށް ބުރުގާ އަޅައި ނިވާވެގެން އުޅޭ ބައެއް ނޫނެވެ.. އަހަރެން ބޮޑުހެދުން ލާފައި ހުންނާތީ އެމީހުން އަހަންނަށް ވަރަށް ދިމާކުރެއެވެ.. ތީ ކުރީޒަމާނުގެ ކަޓު ގޮތެއް ކަމާއި ހީވަނީ މާމައެއްހެން ކަމަށް ބުނެއެވެ.. އަހަރެން ވަގުތުން ވަގުތަށް ނަމާދުކުރަން އުޅޭތީ ފަހުންވެސް ކުރެވިދާނޭ އިހަކަށް މަޑުކޮށްލުމަށާއި މީ ޒުވާން ދުވަސްކޮޅު ކަމާއި މިދުވަސްކޮޅު ޖެހޭނީ އެންޖޯއި ކޮށްލާ މަޖާކޮށްލަން ކަމުގައި ބުނެއެވެ. އަދި އެހާ އަވަހަށް މުސްކުޅިވެގެން އުޅެން ނުވާނެކަމަށް ބުންޏެވެ.. އުމުރުން ދުވަސްވާން ކައިރިވީމައި އަޅުކަމާއިގެން އުޅޭނީކަމަށް ބުނެދީހެދިއެވެ…
ފުރަތަމަ ކޮޅުގައި އެމީހުން ކިޔާ އެއްޗެއްސަށް އަޅާނުލައި ހުންނަނީއެވެ. އަހަރެންނަށް ކުރެވޭހާވެސް ކަމަކީ އެމީހުން އެދަމާ ހާސަރުތައް އަހާފައި ހީނލުމެވެ.. ނަމަވެސް ފަހުންފަހުން އަހަންނަށް ވެސް އެމީހުންގެ ސްޓައިލް ކަމުދާން ފެށިއެވެ. ބޮޑުހެދުން ލައިގެން އުޅޭން ފޫހިވާން ފެށިއެވެ.. އަދި އަޅާ ބުރުގާތައް ކުރުވެ، ކަކުލާ ހަމައަށް އަންނަވަރުގެ ނޫނީ ފަލަމަސްގަނޑާ ހަމައަށް އަރާވަރުގެ ހެދުމާއި ފިޓުފިޓު ޖީންސާއި ސްކިނީ ލާން ފަށައިފީމެވެ.. މަޑުމަޑުން ޤުރްއާން ކިޔެވުމާއި ދުރުވާން ފެށުނެވެ.. ނަމާދު ވަގުތުން ވަގުތައް ކުރެވުން މަދުވާން ފެށިއެވެ… ގަޟާއަށް ކުރަންޖެހޭ ނަމާދު ތައް ގިނަވާން ފެށިއެވެ. ..މީގެ އިތުރުން ކުރިން އަހަންނަށް އަންނަމުންދިޔަ އެކި އެކި ހުޝައެޅުންތައް މިފަހަރު މާ ގިނަވާން ފަށައިފިއެވެ.. އަހަރެންގެ ފަހަތުން ދުވާ ފިރިހެން ކުދިންގެ އަދަދު ގިނަވާން ފެށިއެވެ… އަހަރެން ހިތުން ، އަހަރެންގެ ފަހަތުން އެގޮތަށް ފިރިހެންކުދިން ދުވުން އެއީ ވަރަށް ސަޅި ވަރަށް މޮޅޮކަމެކެވެ.
…މިގޮތަށް ދުވަސްތައް ވޭތުވަމުން ދެއެވެ.. ދުވަހުން ދުވަހަށް އަހަރެންގެ އުޅުން އެގޮތް މިގޮތަށް ބަދަލުވަމުން ދެއެވެ.. މިހާރު އަހަންނަށް ޤުރްއާން ކިޔަވަން، ނަމާދު ކުރަން ވަގުތެއް ނުވެއެވެ. ހަނދާނެއް ނުހުރެއެވެ.. އަހަރެންގެ ކިޔެވުންވެސް މަޑުމަޑުން ދަށްވާން ފަށައިފިއެވެ.. ފިލާވަޅު ހެދުން މަދުވެ އެކްސްޓްރާ ކްލާސް ތަކަށް ދިއުން ވެސް ގާތްގަނޑަކަށް ހަމަ ހުއްޓިއްޖެއެވެ… އަހަރެން ކިޔަވަން ހަމަ ފޫހިވަނީއެވެ.. މިދުވަސްކޮޅު އިހަކަށް މަޖާކޮށްލާނީއެވެ. ކިޔަވާނީ ފަހުންނެވެ.. މީ މިހާރު އަހަރެން ދެކޭ ގޮތެވެ.. ފަހުންވެސް ކިޔެވޭނެއެވެ. މުސްކުޅީންވެސް މިހާރު ކިޔަވަނީ ވިއްޔާއެވެ.. ޑިގްރީއާއި އޭތިމީތި ހަދަނީ ވިއްޔާއެވެ. .މިކަމާ އުޅޭނީ ފަހުންނެވެ… އަހަރެން ލާ އެއްޗެހިވެސް ކުރުވެގެންގޮސް ބަނޑުވެސް ފެންނަހާވަރު ވެއެވެ. ގެއަށް އާދެވޭލެއްވެސް އެހާ ލަހެވެ.. އަހަރެން ގެއަށް ނައިސް ލަސްވެގެން ދައްތަ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ހޭލާ ހުރެއެވެ..
ގެއަށް ހަމަ ވަންނައިރަށް ދައްތަ އެލާރމު އަޅަން ފަށާނެއެވެ. އެކަމަކު މިރޭ ދައްތަގެ މޫނުގެ ކުލަވަރު ހުރީ މުޅީން އެހެން ގޮތަކަށެވެ.. އަހަރެން ހަމަ ގެއަށް ވަނުމާއިއެކު ކުއްލިއަކަށް ކޮޅަށް ތެދުވެފައި އަހަންނާއި ދާދި ގާތަށް އައިސް ހުއްޓި ހުރެފައި އަތް އުފުލާލިއެވެ.. އަހަރެން ހީކުރި ދައްތަ އަހަރެންގެ ކޯމަތީގައި ޖަހާނެކަމަށެވެ.. ދައްތަގެ އަތް މަޑުމަޑުން ތިރިވަމުން ދިޔައިރު ދައްތަގެ ލޮލުން ކަރުނަވެސް އޮހޮރެމުން ދިޔައެވެ.. މަންމައަށް އަހަރެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު ހަމަ ކޮންމެ ދުވަހަކު މަ މިޖެހެނީ މަންމައަށް ކޮންމެވެސް ދޮގުތަކެއް ހަދާށެވެ .. މަށަށް މިޖެހެނީ ސާރާ ވީ ގްރޫޕް ސްޓަޑީ ހަދަން ގޮސްފައޭ އެކްސްޓްރާ ކްލާހަށް ގޮސްފައޭ ސާރާއަށް އޮތީ ނިދިފައޭ ސާރާވީ ސްކޫލްގައޭ ކިޔާ އެތަކެއް ދޮގުތަކެއް ހަދާށެވެ .. ސާރާއެވެ! ތިޔަ އުޅެނީ ކޮންފާޑަކަށް ހެއްޔެވެ؟ ކޮންމެ ރެއަކު ބޭރަށް ގޮސް ތިޔަ ކުރަނީފަހެ ކޮންކަމެއް ހެއްޔެވެ؟ ދައްތައަށް އެނގޭހާވެސް އެއްޗަކީ ސާރާ ތިޔަ ދަނީ ކިޔަވަން ނޫންކަމެވެ.. ސްކޫލުން ގުޅާފައި ސާރާ އެކްސްޓްރާ ކްލާސްތަކަށް ނުދާ ވާހަކައާއި ފިލާވަޅުތައް ނަހަދާ ވާހަކަ ބުންޏެވެ .. ގޭތެރޭގެ ހުރިހާ ކަމެއް ރަނގަޅުތޯ ސާރާ ބަލީތޯވެސް އެހިއެވެ… ދައްތަ އަޅެ ފަހެ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަނެއްކާ އަނެއް ދޮގު ހަދަން ޖެހުނީއެވެ .. ސާރާ ބަލިކޮށް އުޅޭތީ ކިޔެވުމައިގެން އެހާބޮޑަށް ނޫޅެވެނި ކަަމަށް މަ ބުނީމެވެ.. މަށަށް އަބަދުވެސް މިޖެހެނީ ސާރާ ސަލާމަތް ކުރަން ކޮންމެވެސް ދޮގު ފައްޗެއް އަމުނާށެވެ.. ސާރާ ތިހެން ތިޔަ އުޅެނީ ކޮން ކަމެއް ކޮން އެއްޗެއް މަދުވެގެން ހެއްޔެވެ؟ ސާރާ ބޭނުންވިހާ ހުރިހާ އެއްޗެއް ސާރާއަށް ގެނެސްދެމެވެ… ބަނޑުހައިވެގެން ބަނޑަށް ހުންނަން ޖެހެނީކީ ނޫން ވިއްޔާއެވެ؟ ސާރާއަކަށް އަނިޔާއެއް ނުކުރަމެވެ..ސާރާ އާ ދިމާލަށް އަތް އުފުލާލެވުން މީ އަދި ފުރަތަމަ ފަހަރެވެ.. ދައްތަ ރޮއެ އާދެސް ކޮށްފައި ބުނަމެވެ.. ތިޔަހެން ބޭރުގައި ނޫޅޭށެވެ.. ތިޔަ ގެންގުޅޭ އެކުވެރީން ދޫކޮށްލާށެވެ.. ހެޔޮ ނުވާނެއެވެ . ސާރާއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކަށް ބުނަމެވެ… ތިހެން ނޫޅޭށެވެ. ސާރާދެކެ އިންތިހާއަށް ލޯބި ވެވުނަސް ދައްތަައަކަށް އަބަދަކު މަންމައަށް ދޮގެއް ނެހެދޭނެއެވެ.. ދައްތަ އަހަރެންގެ ދެފައި މައްޗަށް ތިރިވެފައި ގިސްލާ ރޮމުން ދިޔައެވެ…
ދައްތަ އެގޮތަށް އާދޭސްކޮށްފައި ރޯތަން އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ދައްތަ އެހާބޮޑަށް ދެރަވެފައި ހުރުމުން އަހަރެން ނިންމީ ކުޑަ ދުވަސްކޮޅަކަށް ގޭގައި މަޑުކޮށްލުމަށެވެ.. ދައްތަ ކައިރީން މާފަށް އެދިފައި ދެން ބަސްއަހާނަން ކަމުގައި ބުނީމެވެ.
އަހަރެން ކޮޓަރިއަށް ވަދެފައި ސުޒާނާއަށާއި ލަމްޔާ އަދި ޝާލިޔާ އަށް މެސެޖެއް ކޮށްފައި ބުނީމެވެ. ކުޑަ ދުވަސްކޮޅަކަށް އަހަރެން ގޭގައި މަޑުކޮށްލަން ބޭނުނެވެ. ދައްތަ މާބޮޑަށް އިމޯޝަނަލް ވެގެން އުޅޭތީ ދައްތަ އޯކޭ ވަންދެން އަހަރެން އިހަކަށް މަޑުކޮށްލާނީއެވެ. ސޮރީއެވެ. ސުޒާނާމެން އަހަންނަށް ގުޅާފައި ވަރަށް ޝަކުވާ ކުރިއެވެ. އަހަރެން ނެތިއްޔާ ފޫހިވާނެ ކަމަށާއި ވަރަށް ފަޅުވާނެ ކަމަށް ބުންޏެވެ. ނަމަވެސް އަހަރެން ކުރުނުކޮށްގެން އެންމެފަހުން ހަތިޔާރު ބަހައްޓާން ޖެހުނީ އެމީހުންނަށެވެ.
ގޭގައި މަޑުކުރަން ޖެހުނު ދުވަސްކޮޅު އަހަރެން ބަރާބަރަށް އެކްސްޓްރާ ކްލާސްތަކަށް ދިޔައީމެވެ. ގިނަ ވަގުތު އަހަރެން ހޭދަކުރަނީ ކޮޓަރިތެރޭގައެވެ. ކޮންމެވެސް ފިލްމެއް ބަލައިލާ ކޮންމެވެސް ގޭމެއް ކުޅުމުގައި އަހަރެން ވަގުތުތައް ބޭނުންކުރަމުން ދިޔައީމެވެ. އެހެން އުޅެމުން ބައެއް ފަހަރު ސުޒާނާ މެންނަށް ނޫނީ ކޮންމެވެސް ފިރިހެން ކުއްޖަކަށް ވީޑިއޯ ކޯލް ކުރަމެވެ. އެކިއެކި ސަކަރާތްޖެހުމުގައި ވަގުތުތައް ދުއްވާލަމެވެ. ދައްތަ އަންނަހެން ހީވުމުން ފޮތެއް ނަގައި ކިޔަވާ ކަމަށް ހެދެނީއެވެ. މިދުވަސްކޮޅު އަހަރެން ގޭގެއި ހުންނާތީ ދައްތަ ހުންނަނީ ވަރަށް އުފަލުންނެވެ. ނަމަވެސް އަހަރެން ފޫހިވެގެން ހަލާކުވާހާ ވަރު ވެއެވެ. ސުޒާނާމެން ސްޓޯރީ ތަކަށް ލާފައި ހުންނަ މަޖާ ވީޑިއީތަކާއި ފޮޓޯތައް ފެނުމުން އަހަރެން ގޭގައި މަޑުކުރަން ނިންމުނީތީ މޮޔަހީވާވަރުވެއެވެ. ގޭގައި ހުންނަން ޖެހުމުން މަންމަގެ ފޯން ކޯލްސް ތަކަށް އަބަދު ޖަވާބްދާރީ ވާންޖެހެއެވެ. އަހަރެން ބޭރުގައި އުޅޭއިރު މަންމަ ގުޅިޔަސް ފޯނެއް ނުނަގަމެވެ. އެމީހުން އަހަރެން އިތުރު ފޯންކޯލެއް ނެގިޔަވެސް ނުދެނީއެވެ. މިހާރު އަބަދުހެން މަންމަ ގުޅަނީއެވެ. މަންމަ ގުޅާވަރުން މަށަށް ހުންނަނީ އުނދަގޫ ވެފައެވެ. މަންމަ ކައިރީގައި ތިވަރަށް ނުގުޅާށޭ ބުނާކަށް ވެސް ނުކެރެއެވެ.. އަނެއްކާ އަނެއް ފަހަރު ގޭ ބަންދުވާން ޖެހިދާނެއެވެ. މިހާރުވެސް އަހަރެން މިހިރީ ބޯގޮވާ ވަރުވެގެން ގޮސް އަނެއް އަތަށް އަޅާފައެވެ. އަހަރެން ފޯން ނުނަގައިފިއްޔާ ދައްތަ ފޯނަށް ގުޅާނެއެވެ. ދެން އަހަންނަށް ޖެހޭނީ މަންމަގެ ކޯލަށް ޖަވާބުދޭށެވެ. މަންމަގެ ލެކްޗަރތައް އަޑުއަހަން ހުންނާށެވެ. ވަރަށް ފޫހިވެއެވެ.
ސުޒާނާމެން ހާދަ ލަކީއޭ އަހަރެންގެ ހިތަށް އަރަައެވެ. އެމީހުން ބޭނުންއިރަކު ގެއަށް އަންނަންވީއެވެ. އެމީހުންގެ މައިންބަފައިން، އެމީހުންގެ ދައްތައިން އެކަމާ އަޅައެއް ނުލައެވެ. އެއްޗެއްސެއް ނުކިޔައެވެ. އެމީހުން ބޭނުން ކަމެއް ކުރަންވީއެވެ. ބޭނުން ގޮތަަކަށް އުޅެންވީއެވެ. ނަމަވެސް އަހަރެންގެ ދައްތަ، މަންމަމެން ގެންގުޅެނީ ކުރީޒަމާނުގެ އަދި ރަށުތެރޭގެ ކަޓު ގޮތްގަނޑެވެ. ބައެއް ފަހަރު ލަދުން ބޯހަލާކު ވާވަރުވެއެވެ. މި އަޅުވެތިކަމުން ސަލާމަތްވާން އަދި ދެއަހަރު އެބައޮތެވެ. ..އެވެސް ހާދަ ޒަމާނެކެވެ.
. …..މިދުވަސްވަރަކީ ޓިކްޓޮކް އޭ ކިޔާ އެޕްލިކޭޝަން އެއް ވަރަށް މަޝްހޫރު ވެގެން އުޅޭ ދުވަސްވަރެކެވެ. ގޭގައި މިހެން އިނުމަށް ވުރެ ޓިކްޓޮކް ކުޅެލަންވީއޭ ވެސް ހިތަށް އަރައެވެ. އަހަރެން ލައްވާ ޓިކްޓޮކް ކުޅުވަން އަހަރެންގެ އެކުވެރީންވެސް އުޅެއެވެ. އެމީހުން ބުނާގޮތުން އަހަރެން ވަރަށް އަވަހަށް މަޝްހޫރު ވެގެންދާނެއެވެ. ވަރަށް ލައިކްސްއާ ފޮޮލޮވާސްވެސް ގިނަވާއެވެ. ސަބަބަކީ އަހަންނަކީ ދޮން ކުއްޖަކަށް ވީތީއެވެ. އަދި އަހަރެންގެ ލޮލޮގެ އެސްފިޔަތައް ދިގުވެފައި މަޑުމަޑު މުށި ކުލައެއްގެ ކަޅި ހުރެފައި އެންމެންވެސް އަޅައިގަންނަ ކަހަލަ ހިނިތުންވުމެއް ހުންނާތީކަމަށް އެމީހުން ބުނެއެވެ. އަހަރެންނަށް ފަހަރެއްގައި މޮޑެލްކުރަން ޗާންސެއްވެސް ލިބިދާނެކަމަށް ބުންޏެވެ. އަހަރެންގެ ލޮލުގެ ވާހަކައާއި ހިނިތުންވުމުގެ ރީތި ވާހަކަ އެންމެންވެސް ފާހަގަކުރެއެވެ. ކުރީގައި މީހުން އެހެން ކިޔާތީ އަހަރެން ވަރަށް ފޫހިވެއެވެ. ނަމަވެސް މިހާރަކަށް އައިސް އެމީހުން އެހެން ކިޔެއް ކަމަކު ފޫއްސެއް ނުވެއެވެ. ލިބެނީ ހިތްހަމަ ޖެހުމެކެވެ. އަހަރެންގެ އެކުވެރިން ، މޮޑެލްކުރަން ވަރަށް ބުނެ އެވެ. ނަމަވެސް އެއީކީ އަހަރެން އެހާ ކުރާހިތްވާ އެހާ ޝައުގުވެރިވާ ކަމެއްނޫނެވެ. ނަމަވެސް އެކުވެރިންނާއި އެކީ ފޮޓޯނަގާ ހަދަމެވެ. ފޭސްބުކަށާއި އިންސްޓަރ އަށް ލާންވެގެންނެވެ. މޮޑެލްކުރާ ހިތް ނުވިޔަސް ޓިކޮޓޮކް ވީޑިއޯއެއް ކުޅެލަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ސުޒާނާމެނަށް މިފަހަރު އަހަރެން ސަޕްރައިޒެއް ދޭނީއެވެ. ވީޑިއޯ ކުޅެލާފައި އެމީހުންނަށް ޝެއަރ ކޮށްލަނީއެވެ. އެމީހުން އުފަލުން ނަށާނެކަން ޔަޤީނެވެ. އަނެއްކާ އަހަންނަށް މިކަން ވާނެބާއެވެ؟އަހަރެންގެ ވީޑިއޯސްތައް ބަލާނެ މީހަކުވާނެބާއެވެ؟ ކިތައް ލައިކްސް ކިތައް ފޮލޮވާރސް ލިބޭނެބާއެވެ؟ ވަރިހަމައެވެ. އިހަކަށް ޓެސްޓު ކޮށްލަނީއެވެ. ސަތޭކައަށްވުރެ ގިނަ ލައިކްސް ނުލިބުނިއްޔާ އެކައުންޓް ޑިލީޓް ކޮށްލަނީއެވެ. އެންމެފަހުން ފުން ނޭވާއެއް ލާފައި އަހަރެން ވީޑިއޯއެއް ކުޅޭން ރެޑީވެއްޖައީމެއެވެ. އަދި ކެމެރާ ޖައްސާލީމެވެ..
(ނުނިމޭ)
4 Comments!
Comments are closed.


Mi part ves vrh reethi Curiously waiting for the next part when’s next
Jazakillah khairan ❤️🥰…
In shA Allah, soon…❤️
May be next Saturday or Sunday… In shA Allah.. 🎉
hi blossom
poster ga use koffa eynee kon font ehtha? very pretty
vaahaka vess vrh reethi can’t wait for next
Font= EasaGulha-Bold
Hihi
Jazakillah khairan ❤️ ❤️