އަންޖަލް (22)
ލަންޑަންގެ ކާރޫބާރޫ މަގުތަކުގައި ފަރިތަކަމާއެކު ޖައިޝް ދުއްވަމުން ދިޔައީ އޭނާ އެންމެ ލޯބިވާ އިންސާނާ އާ ބައްދަލު ކުރުމަށް ދިއުމަށެވެ. ސާރާއަކީ ޖައިޝްގެ ލޯބިވެރިޔާއެވެ. ލަންޑަންއަށް ކިޔަވަން ބަދަލުވީއްސުރެ ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދި އެގުޅުން ލޯތްބައް ބަދަލުވީއެވެ. ދެފަރާތުގެ އާއިލާވެސް މި ގުޅުމަށް ވަރަށް ރުހެއެވެ. އާތިކާ ފިޔަވައެވެ. އާތިކާ ޖައިޝްދެކެ އަންނަ ރުޅިން ޖައިޝް ލަންޑަންއަށް ދިޔަފަހުން ގުޅާވެސް ނުލައެވެ.
ސާރާއަށް އިންނަން ޕްރޮޕޯސް ކުރަން ވާންޖެހޭ އެންމެހާ ތައްޔާރީތައް ވުމަށް ފަހު ޖައިޝް ދިޔައީ ސާރާ ބަލާ އެގޭ ދޮށަށެވެ.
“ހައި ލަވް.. ކޮބާ ރެޑީތަ… ޑިނާރ ސްޓާޓް ކުރާނެ ބަރާބަރު 6 ޖަހާއިރު އިނގޭ… އައިމް އޮންމައިވޭ” ފޯނު ނަގާ ސާރާއަށް ގުޅާލަމުން ޖައިޝް ބުނެލިއެވެ.
“ޖައި… އަޅެ ލާނެ ހެދުމެއް ނެތޭ” ސާރާ ތުއި ގޮތަކަށް ބުނެލިއެވެ.
“ޕީޖޭގަ ހުއްޓަސް ތީ ހަމަ މި ދުނިޔޭގަ ހުރި އެންމެ ރީތި އެންމެ ފުރިހަމަ އިންސާނާ..” ޖައިޝް ބުނެލިއެވެ. ދިހަ ވަރަކަށް މިނިޓް ތެރޭ ސާރާމެން އެޕާޓްމެންޓާ އަރާ ހަމަ ވާނެ ކަމަށް ބުނުމަށްފަހު ޖައިޝް ފޯނު ބޭއްވިއެވެ.
ސާރާ އަންނަންދެން އިންތިޒާރުގައި ޖައިޝް އިނީ ކާރު ތެރޭއެވެ. ލޯބި ލަވައެއް މަޑުމަޑުން އިވެމުން ދިޔައެވެ. ދޮރުން ނިކުމެގެންއައި ސާރާ ފެނުމުން ޖައިޝްގެ ހިތް ތެޅެންފެށިއެވެ. ސުބުހާނައްﷲ ކޮންފަދަ ޖާދުވީ ރީތިކަމެއްބާއެވެ. ސާރާގެ ރީތިކަން އޭނާ ލައިގެން ހުރި މަޑު ފޮޔާތޮށި ކުލައިގެ ހެދުމުން ފާޅުވެއެވެ. ޖައިޝް ސާރާ ފެނުމުން އަވަހަށް ކާރުން ފައިބައިގެން އައިސް ކުރީސީޓުގެ ދޮރު ހުޅުވާލަދިނެވެ.
“މައި ލަވްލީ ކުއީން…” ޖައިޝް މިހެން ބުނުމުން ސާރާ ލަދުން ހުރެ ކާރަށް އެރިއެވެ. ޖައިޝްވެސް ކާރަށް އަރާ ނައްޓާލީ ޕްރޮޕޯސް ކުރަން އޭނާ ތައްޔާރު ކޮށްފައި ހުރި ރެސްޓޯރެންޓާ ދިމާލަށެވެ. ސާރާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އެއްވެސް އެއްޗެއް ސާރާގާތު ޖައިޝް ނުބުނެއެވެ. ބުނިހާވެސް އެއްޗަކީ ޔުނިވާރސިޓީގެ ރައްޓެއްސެއް ދިން ދައުވަތަކަށް ސާރާ ގޮވައިން ދާން ބޭނުން ވާ ކަމެވެ.
ބާރު ދުވެލީގައި ކާރު ދުއްވަމުން ދިޔައީ އެކި ފޮނި ވާހަކަ ތަކާ ހުނުމާއެކުއެވެ. ސާރާ ޖައިޝްގެ އަތުގައި ހިފައިން އިނީ އެނާ މަރުވަންދެންވެސް މިއަތުން ދޫ ނުކުރާނަމޭ ބުނަމުންނެވެ. ކުއްލިއަކަށް އިވެން ފެށީ ސައިރަންގެ އަޑެވެ. ޖައިޝް ލަންޑަން ތަންތާ ޕޮލިހުން ޓްރެފިކް ގަވާއިދާ ހިލާފަށް ދުއްވާ މީހުން ހައްޔަރު ކުރަން ބައެއް ފަހަރު އެމީހުން ފަހަތުން ދުއްވަން ޖެހެއެވެ. މިއަދު މި ދިމާ ވަނީވެސް އެފަދަ ކަމަކާއެވެ. ޖައިޝް ކާރު އެއްކައިރި ކޮއްލީ ޕޮލޮހުންނަށް ފަސޭހަ ކޮށް ދިނުމަށެވެ. ނަމަވެސް ބާރު ދުވެލީގައި ދުއްވަމުން އައި ކާރު އައި ގޮތަށް އައިސް ޖެހުނީ ޖައިޝްމެން ކާރުގައެވެ. އެ ޖެހުނު ގޮތަށް ކާރު ދިޔައީ އަރި އަޅާލައިންނެވެ.
*****
ނިދީގައި މަޑުމަޑުން ރޮމުން ދިޔަ ޖައިޝްގެ ކަރުނަ ތައް އަންޖަލް ފޮހެލިއެވެ. އަދި ޖައިޝް އިށީދެގެން އިން ގޮޑި ކައިރީ ޖައިޝްއަތުގައި ހިފާލައިން އަންޖަލް އިނެވެ.
“ސާރާ… އަހަރެން އަތުން ދޫ ނުކުރޭ” ޖައިޝޤ ނިދީގައި އޮވެ އަންޖަލްގެ އަތިގައި ހިފާ ބާރު ކޮށްލިއެވެ. އަންޖަލްގެ ހޮތުގައި ސުވާލުތައް އުފެދެން ފެށުނެވެ. ކޮން ސާރާއެއް ބާއެވެ. މިގޭ ތެރޭން ދުވަހަކުވެސް މީހަކު ސާރާ ކިޔަނިކޮށް އަންޖަލް އަޑެއް ނާހައެވެ. އާތިކާ އައިސް އަންޖަލް ކޮޓަރިއަށް ވަނީ އޭނާ ހޭ އެރިތޯ ބަލަންށެވެ. ބެލްކަނީގައި ތިބި އަންޖަލް އާ ޖައިޝް އާތިކާއަށް ފެނުނެވެ. މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު އައިސް އަންޖަލްގެ ކޮޑުގައި މަޑު މަޑުން އަތް އަޅާލިއެވެ. އަންޖަލް ސިހިފައި ފަހަތް ބަލާލިއެވެ.
“ޖައިޝް..” އަންޖަލް ބޮލިގެ އިޝާރާތުން އޭނާގެ އަތް ދައްކާލިއެވެ. އޭރު ޖައިޝް އޮތީ އަންޖަލްގެ އަތިގައި ލޭ ނުހިނގާ ވަރަށް ހިފަހައްޓައިންނެވެ. އަންޖަލް ކުޑަކޮށް އަތް ދަމާގަންނަން އުޅުނެވެ.
“ނޫން ސާރާ” މިފަހަރު އަންޖަލްގެ އަތް އޭނާގެ މެޔާ ގާތް ކޮށްލުމަށްފަހު ދެއަތުން ހިފާލިއެވެ. އާތިކާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އަދިވެސް ޖައިޝް ސާރާގެ ހަދާންތައް ކުރާކަމެވެ. އެ ހާދިސާ އަށް ފަހި ޖައިޝް ނަފްސާނީ ބައްޔަށް އެތައް ފަރުވާއެއް ކުރިއެވެ. ނަމަވެސް އެކަމުން ވީ އެއްވެސް ކަމެއް ނެތެވެ. އެންމެ ފަހުން ޖައިޝް މުޅި ދުނިޔާ އެކަހެރިވެ އޭނާގެ ކޮޓަރިންވެސް ނުނިކުންނަ ހިސާބަށް ދިޔައެވެ. އަންޖަލް އަށް އާތިކާ ރޯތަން ފެނުނެވެ. އަދި އަހަން ބޭނުންވާ އެތައް ސުވާލުތަކެއް ހިތުތެރޭ ބަހައްޓައިން ހުއްޓެވެ. ޖައިޝް ކުއްލިއަކަށް ސިއްސައިން ގޮސް ހޭލެވުނެވެ. އޭރު އަންޖަލް އާ އާތިކާ ޖައިޝް ކައިރީ ކަންބޮޑެވެފައި ތިއްބެވެ. އަންޖަލް ހޭލާ ހުރިތަން ފެނުމުން އަންޖަލްގައިގާ ޖައިޝް ބާރަކަށް ބައްދާލިއެވެ.
“ދެން މީގެ ފަހުން އަހަންނަށް ނޭގި އެއްވެސް ތާކަށް ނުދާތި” ޖައިޝް އެހުރި ގޮތަށް ހުރެ ބުނެލިއެވެ.
“ސޮރީ” އަންޖަލްއަކަށް އިތުރަށް އެންމެ ބަހެއްވެސް ބުނަން ނުކެރުނެވެ. އެވަގުތު ޖުނާން އައިސް އަންޖަލް ކޮޓަރިއަށް ވަނެވެ. ޖައިޝް އަންޖަލްގެ ގައިގާ ބައްދައިން ހުރިތަން ފެނުމުން އަތް މުއްކަވައިލިއެވެ. އަދި މަޑުމަޑުން އަންޖަލް އަސް ގޮވާލިއެވެ. އަންޖަލް ތެޅިގަނެފައި ޖައިޝް ދުރު ކޮށްލިއެވެ.
އާތިކާ ޖައިޝް ގޮވައިން ގޮސް ވަނީ ޖައިޝްގެ ކޮޓަރިއަށެވެ. އޭނާގެ ސަބަބުން އެ ދަރިފުޅަށް ލިބިފައިވާ ހިތްދަތިކަމުގެ އިތުރަށް ވެސް އެތައް ބައިވަރު ހިތްދަތިކަމެއް ލިބިއްޖެއެެވެ.
*****
“ކީއްކުރަން އަހަރެން ހޯދަން ތިއައީ” އަންޖަލް އެހީ ޖުނާން ކުރެންނެވެ.
“އަންޖޫ އައިމް ރިއަލީ ސޮރީ.. އަހަންނަށް މަޖުބޫރު ވީ” ޖުނާން އަށް އަދިވެސް އަސްމާ ނުގަބޫލުކަން ބުނަން ނުކެރުނެވެ.
“ކޮން ކަމެއް؟ މަޖުބޫރުވި ކަމެއް ބުނެބަލަ! ޖުނާން ހީނުކުރައްޗޭ އަހަންނަށް އެއްވެސް ކަމެއް ނޭގޭނެއޭ.. އަހަންނަށް އިނގޭ ހުރިހާ ކަމެއްވެސް… ޖުނާން އާ ޔުމްނާ ޖެއްސި ޑްރާމާއާ އަސްމާއްތަ ވެސް އަހަރެމެންގެ މި ގުޅުމަށް ނުރުހޭކަން…” އަންޖަލް ބުނެލިއެވެ.
“ކިހިނެއް މަންމަ ނުރުހޭކަން އިނގުނީ” ޖުނާން ހައިރާންވިއެވެ. ގައިމު އޭނަ އެފަދަ ވާހަކަ އެއް އަންޖަލް ގާތަކު ނުބުނެއެވެ. އޭނަގެ އެދުމުގެ މަތިން އަސްމާވެސް އެވާހަކަ ދައްކަފާނެއެކޭ އޭނާގެ ހިތް ނުބުނެއެވެ.
“ޖުނާން އަހަރެންމީ ކުޑަކުއްޖެއްތަ… އަސްމާއްތަ އަހަންނަ މީގެ ކުރިން ނުލާހިކު ހެޔޮ.. ޝަންމަ ނިޔާވެގެން ދިޔައިރު ވެސް އަހަރެންގެ ހުރިހަަ ކަމެއް ބަލާ ހިތްވަރު ދިނީ އަސްމާއްތަ.. އެކަމް އަހަރެމެން ދެމީހުން ގުޅުން އޮތުރުވާން ފެށި ހިސާބުން އަސްމާއްތަ އަހަންނާ ދޭތެރޭ ކަންތައް ކުރަމުން އައިގޮތް ވަރަށް ތަފާތު..” އަންޖަލް ހިތުގައި ޖެހި ރޮވުނެވެ.
“އަހަރެން ބޭނުމެއް ނުން އަސްމާއްތަ ނުރުހެންޔާ ޖުނާން އާ އެއްކޮށް އުޅެން. އެހެން ނުނަސް ތީ އަހަރެން މީހުންގެ މަލާމާތައް ދޫކޮށްލި މީހެއްނުން.. ދެން ދޭ މިކޮޓަރިން” އަންޖަލް ޖުނާން ކޮއްޕަން ފެށިއެވެ. ޖުނާން އެހުރިހާ ވާހަކަ އެއް ދެއްކި އިރުވެސް ހުރީ ހަނެވެ. އިތުރަށް އަންޖަލް އަށް އުދަގޫ ނުކޮށް އަވަހަށް އެތަނުން ނިކުމެގެން ހިގައްޖެއެވެ. ބޮލުގައި ރިއްސާވަރުން އަންޖަލް އައިސް އެދުގައި އޮށޯވެލިތަނާ އާތިކާ ރުއިމުގެ އަޑު އިވެން ފެށުނެވެ. ވެގެން އުޅެނީ ކިހިނެއްތޯ ބަލާލާ ހިތް އަންޖަލް ވިއެވެ. ގޮސް ބެލްކަނީ ކައިރި މަޑުކޮށްލައިން ހުރީ ޖައިޝް ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑު އަހަންށެވެ.
“މަންމާ ސާރާ ގެ ކަންތަކުގަ މަންމަގެ އެއްވެސް ކުށެއް ނެތް.. އޭގަ އަހަރެން ކުއްވެރި ކުރަނީ އަހަރެން… ސާރާ ބީވެގެން ދިޔައީ އަހަރެން އަތްދަޑިމަތީ އޮވެ.. އަހަރެންގެ ހުރިހާ ހުވަފެންތަކެއް ފުޑު ފުޑުވި… އަހަންނަށް މިއަދު މީހުންތެރެއަށް ނިކުމެ މި އުޅެވެނީ އަންޖަލްގެ ސަބަބުން.. އަހަންނަށް ދެވަނަ މީހަކު ދެކެ ލޯބި ވެވިދާނެއޭ ހިތަށްވެސް ނާރާ… މަންމަ ދެނަ ހުއްޓާލަބަލަ… މަންމަ މަންމަގެ ކުއް ގަބޫލު ކޮށްފަ އަހަންނާ ވާހަކަ ދައްކާ މިހާރު ނުލާހިކު ރަގަޅެއްނުން… އަހަންނަށް އިގޭ މަންމަ އޭރުވެސް އަހަރެންދެކެ ރުޅި ނާންނަކަން.. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ” ޖައިޝް ވާހަކަ ދައްކަމުން ދިޔައީ އާތިކާ ގައިގާ ބައްދާލައިން ހުރެއެވެ.
“މަންމަ މިހާރު ދެރަވޭ އޭރު ދަރިފުޅުމެންގެ ގުޅުމަށް ނޫނެކޭ ބުނެ ސާރާ ގުޅީމަ ފޯނުވެސް ނުނަގާ އުޅެވުނީމަ” އާތިކާ ރޮމުން ރޮމުން ބުނެލިއެވެ. އަންޖަލް އަށް ޖައިޝްގެ ވާހަކަ ތަކުން ސާރާ އަކީ ޖައިޝްގެ ކުރޯގެ ލޯބިވެރިޔާކަން އިނގުނެވެ.
“އެއީ އެއްވެސް މައްސަލަ އެއްނުން.. މަންމަ އަހަންނަށް ކަމެއް ކޮށްދެންޔާ ސާރާ އަށް ނުދެވުނު ލޯބި އަންޖަލް އަށް ދީ.. އެއީ އަހަރެން އެންމެ ލޯބިވާ އިންސާނާ… އަހަންނަށް އަންޖަލް ވަރަށް ކަމުދޭ… އަންޖަލް އަހަންނަށް ލިބޭތޯ މަންމަ ދުއާ ކޮށްދީ..” ޖައިޝްގެ ކޮންމެ ބަހެއްވެސް އަންޖަލްގެ ކަންފަތަށް އިވެމުންދިޔައީ ލަވައެއްހެންނެވެ. އޭނާގެ ދެކޯ ޖަންބު ކިލައަށް ބަދަލުވެގެން ދިޔައެވެ. ގަތް ލަދުން އަވަހަށް ކޮޓަރި ތެރެއަށް ވަންނަން ދުއްވައިގަތެވެ. އަންޖަލްގެ އަތުގައި ޖެހި މޭޒުމަތީ އިން ވާސް ވެއްޓުނު އަޑަށް ޖައިޝް އާއި އާތިކާ ބެލްކަންޔަށް ނިކުތެވެ.
-ނުނިމޭ-
ނޯޓު: މިވާހަކައިގެ ބައިތައް ލިޔެވޭ ހާ އަވަހަކަށް ނެރެމުން ދާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



