Skip to content
އެސްފިޔަ

ސަމާސާ ދަރިފުޅު

ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގު ތަކުން އެއްވެސް މީހަކު ފެންނަން ނެތް އިރު އިރުގެ އަލިކަމުގެ އެއްވެސް ނިޝާނެއްވެސް ނެތެވެ. ހާލާއި ކޮވެލި ގޮވާ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. ޖައްވުގައި އޮތް ހަމަ ހިމޭންކަން ގެއްލިގެން ދިޔައީ ފަތިސް ނަމާދުގެ މޫރިތި ކަލިމައިގެ އަޑުންނެވެ.

އޭރު އަހަރެން ހުރީ ފާހަނައިގައެވެ. އަތުގައި ޓެސްޓު ކިޓެއް އޮތެވެ. ނޫނެކެވެ. އެއީ ފޭކު ޓެސްޓު ކިޓެކެވެ. ބަނޑުބޮޑު ކަމަށް އިނަސް އެއީ އަސްލެއް ނޫނެވެ. އަހަރެން އެތެރެ އެތެރެއިން ހީލަ ހީލަ ހުރީމެވެ. ދުވަހަކީ އެޕްރީލް 1 ކެވެ. “އޭޕްރީލްސް ފޫލްސް” އެވެ. މިއަދަކީ އަހަރެންނާއި އަހަރެންގެ ފިރިމީހާ ފާރިޝްއާއި އަހަރެން ފާހަގަ ކުރާ ދުވަހެކެވެ.

ފަތިސް ނަމާދު ބަންގިއާއި އެކު ފާރިޝްގެ ފޯނު އެލާރްމްވީ އަޑުވެސް އިވުނެވެ. ފާރިޝް ތެދުވި އަޑުވެސް މެއެވެ. އަހަރެން ސީރިޔަސް ވެލާފައި ފާހާނާއިން ނިކުތީމެވެ. އަހަރެން ނިކުން އިރު ފާރިޝް އިނީ އެނދު ރީތި ކޮއްލާށެވެ. އަހަރެން ގޮސް ފާރިޝް ކުރިމަތީގައި ހުއްޓުނީމެވެ. އަދި ޓެސްޓު ކިޓު ދިއްކޮށްލީމެވެ.

“އަހަރެން ބަނޑުބޮޑު” އަހަރެން ބުނީމެވެ. ފާރިޝް ޓެސްޓު ކިޓާއި ދިމާލަށް ބަލައިލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ވަނީ ފާހާނާއަށެވެ. އަހަރެން ހެމުން ހެމުން ނަމާދު ކޮއްލީމެވެ. ފާރިޝް ނަމާދުން އަންނަންވާ އިރަށް ނިދީމެވެ. ފާރިޝް ޖަވާބެއް ނުދިނީ މާނިދި އަހިސްފައި ހުރުމުން ކަމަށް ނިންމާފައެވެ.

އަހަރެންނަށް ދެން ހޭލެވުނު އިރު 8 ޖަހަން އުޅެޔެވެ. އޭރު ފާރިޝް އިނީ ފޮށިތަންމަތި ތައްޔާރު ކުރާށެވެ. އަހަރެން ސިހުނީ އެއީ އަހަރެންގެ އެއްޗެއްސަށް ވުމުންނެވެ. “ކީއް ތިކުރަނީ؟” އަހަރެން ތެދުވެ އިށީނީމެވެ.

“ކްލާރާގެ ފޮށި ތައްޔާރު ކުރަނީނުން؟ މި އެއްޗެހި ހިފައިގެން މިތަނުން ރައްކާވެވޭތޯ ބަލާ” ފާރިޝް ރުޅިވެރި ނަޒަރަކުން އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އަހަރެންގެ ހިތުގައި ރިއްސާލިއެވެ.

“ރިޝް މޮޔަވީތަ؟ ކީއް ކުރަން؟ ބަލަ އަހަރެން ބަނޑުބޮޑޭ. ރިޝް ބޭވަފާތެރިވީދޯ؟ އެހެންވެދޯ އެއްޗެކޭ ނުބުނީ؟” އަހަރެން “ކެރެކްޓާރް” އަށް ވަދެލީމެވެ.

ފާރިޝް ހީލިއެވެ. “ކްލާރާތަ ތިސުވާލު މަށާ ކުރަންވީ؟ މަދޯ ކުރަންވީ؟ ކްލާރާ މަށާއި ބޭވަފާތެރިވީދޯ؟” އަހަރެންގެ ސުވާލުގެ ޖަވާބަށް ފާރިޝްވެސް ކުރީ ސުވާލެކެވެ.

“ނޫން. އަހަރެން ދުވަހަކުވެސް ރިޝްއަކަށް ބޭވަފާތެރިޔެއް ނުވާނެ” އަހަރެން ބުނީމެވެ. “ނުވާނެ ތިހެނެއް!” ފާރިޝް ހަޅޭ ލަވައިގަތެވެ. “ކީއްވެގެންތަ ނުވާނީ؟ އަހަރެމެން ކުއްޖަކު ހޯދަން ވެސް އެބަ މަސައްކަތް ކުރަމެއްނުން؟” އަހަރެން ބުނީމެވެ.

“އާނ. އެކަމަކު އެއީ ދުވަކުވެސް ވާނެ ކަމެއް ނުނޭ” ފާރިޝް ހަޅޭ ލަވައިގަތެވެ. “އަހަރެންނަކަށް ކުދިންނެއް ނުލިބޭ. ދުވަހަކުވެސް ނުލިބޭނެ. އެހެންވެ ކްލާރާ ބަލިވެ އިނީއާ އޭގެ މާނައަކީ ކްލާރާ މަށާއި ބޭވަފާތެރިވީއޭ” ފާރިޝް ބުންޏެވެ.

ފާރިޝްގެ ދެލޮލުގައިވީ ކަރުނަ އަހަރެންނަކަށް ވަންހަނާއެއް ނުވިއެވެ. އެދެލޮލުގައިވީ ވޭން ފެނި އަހަރެންނަށް ރޮވޭ ގޮތް ވިއެވެ. ފާރިޝް ދުވަހަކުވެސް އެހެންނެއް އަހަރެން ގާތަކު ނުބުނެޔެވެ. ހިތުގައި ރިއްސާލިއެވެ. ފުރަތަމަ ފަހަރަށް ސަމާސާ ވިހަވި ކަމަށް ގަބޫލު ކުރެވުނެވެ. ދެރަވިއެވެ. ލަދުގަތެވެ. ފާރިޝްއަށް މަލާމަތް ކުރެވުނު ކަހަލަ އިހުސާސެއް ކުރެވުނެވެ.

“ރިޝް… ކީއްވެ ނުބުނީ؟ ރިޝްއަށް ހީވަނީތަ އަހަރެން ރިޝް ދޫކޮށްލާނޭ؟ ނޫނޭ ރިޝް. އަހަރެން އަބަދުވެސް ރިޝް ދެކެ ލޯބިވާނަން. އަހަރެން…” ދެން އަހަރެންކަށް ވީނުވީއެއް ނޭނގުނެވެ. އެނބުރުން އަރައިގެން ވެއްޓުނު ވަގުތުގައި ފާރިޝް އަހަރެންގެ ހަށިގަނޑުގައި ހިފެހެއްޓިކަން އެނގެއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

އަހަރެންނަށް ހޭވެރިކަންވީ ހޮސްޕިޓަލުގައި އޮއްވައެވެ. އަހަރެންގެ އަތުގައި ހިފައިގެން ހެވިފައި ފާރިޝް އިނެވެ. އަހަރެން ދެލޯ ހުޅުވާ ބަލައިލުމުން ފާރިޝް ޖަހާލީ ހިނިގަނޑެކެވެ. “އޭޕްރީލް ފޫލްސް” ފާރިޝް ހެމުން ހެމުން ބުންޏެވެ.

އަހަރެންނަށް ފާރިޝްއާއި ދިމާލަށް ކަޅި އަޅާލެވުނެވެ. އެއީ ފާރިޝްގެ “ޕްރޭންކް” ކަން ނޭނގުމުން އަމިއްލަ ނަފްސަށް މަލާމަތް ކުރެވުނެވެ. “މަށަށް އެނގުނު ލާރާ ދެއްކީ ފޭކު ކިޓެއް ކަން. ހަހަ” ފާރިޝް ބުންޏެވެ.

އަހަރެން މޫނު އަނބުރާލީމެވެ. ފާރިޝް އަހަރެންގެ މޫނުގައި ހިފާ އަހަރެންނާއި ދިމާލަށް އަނބުރާލިއެވެ. އަދި ވަރަށް ލޯބިން އަހަރެންގެ ނިތުގައި ބޮސް ދިނެވެ. “އެކަމަކު މިފަހަރު ހަމަ އަހަރެން އިނގޭ މޮޅުވީ. ލާރާގެ ޕްރޭންކް ފެއިލްވީ” ފާރިޝް ބުންޏެވެ. “އެއީ ކީއްވެގެންނޯ؟” އަހަރެން ކަޅި އަޅާލީމެވެ.

“ލާރާ އަސްލުވެސް ބަނޑުބޮޑު. އަހަރެން ބައްޕައަކަށް ވަނީ. ލާރާ މަންމައަކަށް ވަނީ” ފާރިޝް އަހަރެންގެ އަތުގެ ނުފުށުގައި ބޮސް ދެމުން ބުންޏެވެ. އަހަރެންގެ މޫނު އުޖާލާ ވިޔެވެ. “އަސްލުތަ؟”

“ޔެސް. މިހާރު 6 ހަފްތާ” ފާރިޝް އުފާވެފައި އިނދެ ބުނެލިއެވެ. “އަލްހަމްދުލިއްލާހި” އަހަރެންނަށް ބުނެވުނެވެ.

އެދުވަހު މެންދުރު އަހަރެން ގެއަށް ފޮނުވާލެވުނެވެ. އަހަރެން އުރާލައިގެން ގޮސް ވަރަށް ލޯބިން ފާރިޝް އަހަރެން އެނދުގައި ބާއްވާލިއެވެ. އަހަރެން ލައިގެން އިން ޓީޝާޓު ބަނޑު ފެންނަ ވަރަށް ހިއްލާލާފައި ވަރަށް ލޯބިން ބޮސް ދިނެވެ. “އަހަރެމެންގެ ސަމާސާ ދަރިފުޅު. ހެހެ” ފާރިޝް ހީލާފައި ބުންޏެވެ. އަހަރެންނަށްވެސް ހެވުނެވެ.

(ނިމުނީ)

Comments (2)

  1. aanaa

    Masha allah mi vhk vrh vrh reethi
    Vrhh unique kuru vhkeh
    Vrh avahah shihaage mikahala kuru vhk eh kiyaalan libeyne kmh unmeedh kuran:)
    Lyyy🫶

    1. shihaamaa ali
      aanaa

      Jazaakallah khairan dearr
      In sha allah vrh avahah new kuru story eh libeyne kiyaalan🥰
      Lyt

Comments are closed.