Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 38

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 23, 2026 7 Mins Read
20 Comments

Warning: Contains explicit references to domestic violence and abusive language

ވަކި ހިސާބަކުން ދެ މީހަކު އައިސް ސިއްރު ސިއްރުން ސުމައްޔާ އާއި އަރާ ހަމަކުރިއެވެ. ސުމައްޔާ އަށް އެކަން ރެއަކާ ލުމުން ފަހަތަށް އެނބުރެލީ ކާކު ތޯ ބަލައިލުމަށެވެ. އެ އަމަލުން އެ މީހުން ސިހުނު ނަމަވެސް އެކަކު އަތުގައި އޮތް ފޮތިގަނޑެއް ސުމައްޔާގެ މޫނުމަތީގައި އަޅާ ބާރުކޮށްލިއެވެ. “ދީސް ބްރެޓްސް ޕްލެއިން ޑާރޓީ” ސުމައްޔާ އަށް ދަތްކުނޑި ވިކާލެވުނީ އެއިން ކްލޮރޯފޯމްގެ ވަސް ދުވުމުންނެވެ. އޭނާ އަށް ދެން ކަމެއް ނުކުރެވޭނެތީއެވެ. އިސާހިތަކު ސުމައްޔާ ޚަބަރު ހުސްވެގެން އެ ފިރިހެނާގެ އަތް މައްޗަށް ދެމުނެވެ. ބިންމައްޗަށް ވެއްޓުނު ބާޒާރު ކޮތަޅު ތަކުގައި ކޮޅު ފައިން ޖަހާ ކައިރީގައި ހުރި ކާނުގަނޑު ތެރެއަށް ވައްޓާލައިފައި އޭނާ ގޮސް އެރީ ކަޅު ކުލައިގެ ވޭނަކަށެވެ.

ބޭރަށޭ ކިޔައިފައި ނުކުތް ސުމައްޔާގެ ޚަބަރެއް ނުވުމުން ޢަބްދުއްރަޙްމާން ކަންބޮޑުވާން ފެށިއެވެ. ސުމައްޔާގެ ފޯނަށް ގުޅުމުން ވެސް ޖަވާބެއް ނުދެއެވެ. މިހާރު އެ ބާރަ ޖަހަނީއެވެ. ޚަބަރެއް ނުވެ އެހާ ލަސްވާތީ އޭނާ ބިރުގަންނަން ފެށިއެވެ. އަރީނަށް ގުޅުމުން ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. ފުލުސް އޮފީހަށް ދިޔައިރު އެ ތަނަކު ވެސް ސުމައްޔާ ނެތެވެ.

ނިދިފައި އޮތް އަރީނަށް ސިހިފައި ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. އޭނާ ޙައިރާންވީ ގުޅަނީ ނުދަންނަ ނަންބަރަކުން ކަމަށް ވާތީއެވެ. ފޯނު ނެގުމުން އެކޮޅުން ދެއްކި ވާހަކަ އިވިފައި އަރީންގެ ހިތް ހުއްޓުނު ކަހަލައެވެ. ފޯނު ކަނޑާލުމުން ތުރުތުރު އަޅަމުން ދިޔަ ޙާލު އޭނާ އެ މީހަކު ފޮނުވައިފައިވީ މެސެޖުތައް ބަލައިލިއެވެ.

“ކަލޭ ފުއްޕާފަ އަހަރެމެންނަށް ގޮންޖަހަން ހާދަ ގަޓު އެބަހުއްޓޭ. ދެން ވެސް ނިކަން ތި ވައްތަރަށް ތެޅިބަލަ. މި އެއްޗެއްގެ ފުރާނަނެތް މަސްގަނޑު ކޮށާ ކުދިކުދި ކޮށްފަ ހަދިޔާ ކުރާނީ.” ވީޑިއޯ ކޮޅަކާއި އެކު ފޮނުވައިފައި ވަނީ އެ މެސެޖެވެ. “ސުމައްޔާ!” އެ ވީޑިއޯ އިން ފެނިގެން ދިޔަ މަންޒަރުން އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެއާއެކު އަނެއްކާ ވެސް އެ މީހަކު ގުޅަން ފަށައިފިއެވެ.

ސުމައްޔާ އަށް ހޭވެރިކަން ލިބުނު އިރު އަތުގެ ކުޑަހުޅުގައި ތޫނު ރިހުމެއް ހުއްޓެވެ. އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނީ ކުރިމަތިން މޫދާއި އެއާއި ގުޅިފައި އޮތް ކަނޑު ފެންނަން އޮތުމުންނެވެ. އަނގައިން ބަހެއް ނުބުނެ އޭނާ ވަށައިގެންވީ މާހައުލު ދެނެގަންނަން މަސައްކަތް ކުރިއެވެ. އެ އޮވެވުނީ ތިން ވަނަ ފިޔަވަހީގެ ހަދަން ފަށައިފައިވީ ޖެޓީގައި ކަން އޭނާ އަށް އެނގުނެވެ. ފިލާ ދޭތެރެއިން އަތް ލައްވާ އައްސައިފައި ހުރުމުން އަތަށް ތަދުވަނީއެވެ. ސުމައްޔާ އަށް ހިންދިރުވާލެވުނީ އޭނާގެ ކަރަށް ދަން މަޅިއެއް މަހައިފައި ހުރިކަން އިހުސާސް ކުރެވުމުންނެވެ. ފޮތިން ހަދައިފައި އޮތް އެއްޗެއް ވެސް ނޫނެވެ. ކަރަންޓު ވަޔަރުން ހަދައިފައި އޮތް އެއްޗެކެވެ. އަތް ނައްޓުވާ ލައިފިނަމަ ލޮނުގަނޑުގައި ޖެހެންވާއިރަށް މަރު ވާނެއެވެ. މަތީގައި މީހުން ތިބި ކަން ވެސް ސުމައްޔާ އަށް އެނގުނެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.

“އޭތް! މީހެކޭ. މަ ސަލާމަތް ކުރޭ.” ކަރު ބުޑުން ހަޅޭއްލަވަމުން ސުމައްޔާ ތެޅިގަތީ ދެނެވެ. އެއާއެކު މަތީގައި ތިބި މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. “ހޭއަރައިފިދޯ. ކަލޭ މަތިރިވެގެން އޮވޭ. ކަލޭގެ ފުރާނަ މިހާރު އޮތީ އެހެން މީހެއްގެ އަތްމަތީގައި. އޭނާ ކަލޭ މަރުވާން ދޫކޮށްލާނީ ތޯ ނޫނީ ސަލާމަތްވާން ފުރުސަތެއް ދޭނީތޯ ބަލާލަން ހިނގާ” ސުމައްޔާގެ އަތް މައްޗަށް ފައިން އަރަމުން އެ މީހަކު ބުނެލިއެވެ ސުމައްޔާ އަށް އެ އަޑު އިވުނު ހެންނެއް ހިޔެއް ނުވިއެވެ. ބޭބީ އެކްޓެއް ޖައްސަން ފަށައިފިއެވެ.

“ޕިސްޕިސް. މި ގޮލާ ކިހިނެއްތަ ފުލުހަކަށްވީ. ޅަ ކުއްޖަކަށް ދޫނުކުރޭ. ރައިފަލް ނިކަން އެ މަންޖެއަށް ގުޅާބަލަ.” އެތަނުން އެކަކު ބޮލަށް ތުރާވެގެން ބުނެލިއެވެ. “ގުޅަނީއޭ މި. އޯހް އެ ނެގީ ފޯނު.” ރައިފަލް ރައްދުގައި ބުނެލިއެވެ.

“ކަލޭ އަދިވެސް ގޮތް ދޫކުރާކަށް ނުވޭތަ؟ ހިނގާ މި މަންޖެގެ ހުރި ހިތްވަރެއް ވަޒަންކޮށްލަން. ބޭނުމިއްޔާ އަދިވެސް ކަލޭ ގޮތުގައި ހިފަހައްޓާ.” ސުމައްޔާގެ އަތުގައި އައްސައިފައިވީ ފޮތިގަނޑު ނައްޓާލަމުން ރައިފަލް ބުނެލިއެވެ. އަރީނަށް ނޫނެކޭ ކިޔާ ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. “ހުއްޓާލާ. އޭނާ އަށް އެހެން ނުހަދާ. އަހަރެން ކަލޭމެންް ބުނާ ގޮތަށް އެ ކަހަލަ ކޭސްތަކާއި ހަވާލު ނުވެ ހުންނާނަން. މިހާރު ނަގައިފައި އޮތް ކޭސް ދޫކޮށްލަން މި ހުރީ ތައްޔާރަށް. ހެޔޮނުވާނެ އެ ކުއްޖާ ދޫކޮށްލާ. ކުރާ ކަމެއް އަހަންނަށް ކުރޭ.” އަސަރު ގަދަ އަޑަކުން އަރީން ބުނެލިއެވެ. “އެންމެ ރަނގަޅު. ފޭސް ތިނެއް ހަދަން ފަށައިފައިވާ ޖެޓީ. މި މަންޖެ ސަލާމަތް ކުރަން ބޭނުމިއްޔާ އަވަސްކުރޭ. ފުލުހުންނަށް މި އިން އެއް ކަމެއް ވެސް އެނގިގެން ނުވާނެ. އެނގުނިއްޔާ ކަލޭމެން ދެމީހުން އެއްކޮށް ހަފޫޓު އަޑީގައި ވަޅުލާފަ ދޫކޮށްލާނީ.” އެ މީހާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

ސުމައްޔާ ސިހުނީ އޭނާގެ އަތުގައި އައްސައިފައިވީ ފޮތިގަނޑު ނައްޓަން ފެށުމުންނެވެ. އިސާހިތަކު މަރުވެދާނެކަން ހިތަށް އެރުމުން އޭނާ ބިރުގަތެވެ. ހަޅޭއްލަވައިގަނެގެން އިތުރު ހަކަތަ ބޭކާރު ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެން ވިސްނައި އޭނާ ފިލާގަނޑުގައި ހިފެހެއްޓިއެވެ. އެ މީހުން ދިޔަ ކަން ޔަގީންވުމުން އޭނާ އުޅުނީ ވަޔަރު ނައްޓާލެވޭތޯއެވެ. އެކަން ނާކާމިޔާބު ވުމުން ސުމައްޔާ އަށް ކަރު އެލުވާލެވުނެވެ. އޭނާގެ ބައްޕަ އާއި އެކުވެރިން މަތިން ހަނދާން ވުމުން ރޮވެން ފެށުނެވެ.

އަރީން އަމިއްލައަށް ހުސް އަތާ ދިއުމަކީ ބުއްދިވެރި ކަމަކަށް ނުވާތީ އޭނާ ބޭނުންވީ އެހީ ހޯދާށެވެ. އެ ނިޔަތުގައި އޭނާ ނިންމީ އިޙުސާނަށް ގުޅާށެވެ. އަމިއްލަ ފޯނުގައި ނަންބަރު ނެތުމުން އޭނާ ގޮސް ޒަވިއަންގެ ފޯނު ނެގިއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު ނިދިފައި އޮތް ޒަވިއަންގެ އިނގިލި ޖައްސާ އެ ހުޅުވާލަމުން އޭނާ ގުޅީ އިޙުސާނަށެވެ.

އިޙުސާނުގެ އަރާމު ނިންޖަށް އުނދަގޫ ކުރަމުން ދިޔަ ރިންގުޓޯނާއި ހެދި އެ ސޮރަށް ރުޅި އާދެވުނެވެ. މިހާ ދަންވަގުތެއްގައި ގުޅީ ކާކުތޯ ބަލައިލުމުގެ ނިޔަތުގައި އޭނާ ފޯނު ނެގިއެވެ. “ޒެވް؟ އަނެއްކާ ކިހިނެއް ވީބާ؟” އިޙުސާނު ދެލޯ ހަނިކޮށްލަމުން ފޯނު ނަގާ ކަންފަތުގައި ޖެއްސެވެ. “އިޙުސާނު. ތިންވަނަ ފިޔަވަހި. ހަދަން ފަށައިފައި ހުރި ޖެޓީ… ސުމައްޔާ. ތޫނު އެއްޗެއް ހިފައިގެން ދޭބަ ޕްލީޒް.” ފޯނު ނެގުމާއި އެކު ފައްޗަކަށް އަރީން އަމުނާލި ބަސްތަކުން އޭނާގެ ނިދިގަނޑު ހަވަޔަށް އަރައިގެން ދިޔަ ކަހަލައެވެ. އޭނާ އަށް ތެޅިގަނެފައި އެނދުން ތެދުވެވުނީ ސުމައްޔާ ނުރައްކަލެއްގެ ތެރޭގައި ވާކަން އެނގުމުންނެވެ. ލައިގެން ހުރި އެއްޗަކަށް ނުބަލާ ކޮޓަރިން ނުކުމެ ތޫނު ވަޅިއެއް ނަގައިފައި އެޕާޓްމަންޓުން ނުކުތެވެ. ކާރަށް އަރައިފައި އޭނާ އަރީން ބުނި މަންޒިލަށް ދާން ދުއްވާލީ ޙަޔާތުގައި ކުރިން ނުދުއްވާހާ ބާރަށެވެ.

އަތް ވާޅުވާން ފެށުމުން ސުމައްޔާ އަށް ދެލޯ މަރާލެވުނެވެ. އެ ހިތް ބުނަމުން ދިޔައީ މިއީ ވެސް ބްލޫ ވޯޓާސްގެ އަމަލެއް ކަމެވެ. “އަނެއްކާ އެ ސުންޕާ ޖަނަވާރުތަކަށް އަހަރެން މަންމައާއި އަޒާގެ ކޭސް ކޮންނަކަން އެނގުނީ ބާ. އަޅޭ އަހަރެން މަރުވުމުގެ ކުރިން އެ ދެމީހުންނަށް އިންސާފު ހޯދަދޭން ބޭނުމޭ. ބައްޕަ ހާދަ ހިތްދަތިވާނޭ އަހަރެންނަށް ގޮތެއް ވިއްޔާ. ކިހިނެއްތަ އަޅެ ސަލާމަތްވާނީ ވެސް. މި ދަންމަޅި މަހާފަ ނެތްނަމަ މޫދަށް ފުންމާލެވުނީސް. އެ ޝައިޠާނުން އެހާ ވަރަށް މީހުން މަރާ ހިތްވެގެން އެ އުޅެނީ ކީއްވެގެންތަ؟” ސުމައްޔާ އަށް އޭނާގެ ވަގުތު ކުޑަތަން ވެއްޖެކަން އެނގުމުން ވިސްނެން ފެށީ ގާތް މީހުންނާއި މެދުގައެވެ. އޭނާ އެންމެ ޙައިރާންވީ އިޙުސާނު މަތިން ހަނދާން ވުމުންނެވެ. އޭނާ ޖެއްސުމަށް ކޮށްލާ ސަމާސާތައް ހިތަށް ސިފަވަމުން ދިޔުމުން އެ ނާޒުކު ޙާލަތުގައި ވެސް ސުމައްޔާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ވަގުތާއި އެކު ވެހެމުން ދިޔަ ހިމަފޮދު ވާރޭ ބޮޑުތިކި ވާރެއަށް ބަދަލުވަމުން ދިޔައެވެ. ވައި ރޯޅިތަކުގެ އަސަރު ގަދަވެ ކަނޑުގެ ރާޅުތައް އަނިޔާވެރިވަމުން ދިޔައެވެ. ގޮނޑުދޮށަށް ރުޅިވެރި ރާޅުތައް އައިސް ބީއްސާލާ ގޮތުން އަކިރިތަކުގެ މުރަނަ އަޑު ގުގުމާލަމުން ދިޔައެވެ. ޖައްވުގައި ކަށިތައް ތޮރުފާލާ ފަދަ ފިނިކަމެއް ފެތުރެމުން ދިޔައެވެ. އެކަށް އުދަރެސް ބައްދާލައިފައި ވުމުން ހަނދާއި ތަރިތަކުގެ ޒައްރެއްގެ މިންވަރު ފެންނާކަށް ނެތެވެ.

ވާރޭ ބޯކޮށްލުމުގެ ސަބަބުން ހީވަނީ ދެންމެ ދެންމެ ވެސް ސުމައްޔާގެ އަތް ސޮހިގެން ވެއްޓިދާނެހެންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ލޯ ކުރިމަތީގައި އޭނާގެ މުޅި ހަޔާތް ރޯލް ވެގެން ދިޔަ ކަހަލައެވެ. އަތް ވާޅުވާން ފެށުމުން އޭނާއަށް ރޮވުނެވެ. ސަލާމަތަށް އެދި ގޮވާނީ ވެސް ވަކި ކާކަށް ހެއްޔެވެ؟ ސުމައްޔާ އަށް ހިފަހައްޓައިގެން ހުރެވުނީ ވަކި ވަރަކަށެވެ. ފުރަތަމަ ސޮހިގެން ވެއްޓުނީ ވައަތެވެ. ކަށިން ހިތްވަރު ނެރެމުން އޭނާ ކަނައަތް ދޫވިޔަ ނުދީ ވޭތޯ ބެލިއެވެ. ބޮޑެތި ވާރޭ ތިކިތައް އައިސް އެ އަތަށް ހަމަލާ ދެމުން ދިޔައިރު ހީވަނީ އޮށްގަލުން ތަޅާހެންނެވެ. އޭނާގެ ނޭވާ އަވަސްވެފައި ވީއިރު އެ ހިތް ހީވަނީ މޭފަޅައިފައި ނުކުމެދާނެހެންނެވެ. އެހެނަސް ސުމައްޔާގެ ދެވަނަ އަތް ވެސް ސޮހިގެން ދިޔައީ އެވެ. އޭނާ އަށް ދެލޯ މަރާލެވުނެވެ. ކަރުފަޅައިގެން ދާހާ ބާރަށް ވޭނީ އަޑަކުން ހަޅޭއްލަވައިގަނެވުނެވެ.

އިޙުސާނު ކާރުން ފައިބައިފައި ދުވެފައި ގޮސް ޖެޓީ މައްޗަށް އެރިއެވެ. ސުމައްޔާގެ އަތް ފެނުމުން އެ ދިމާލަށް ދުވެފައި ދިޔައީ އެ އަތުގައި ހިފާލުމަށެވެ. އޭނާ އަށް ހަޅޭއްލަވައިގަނެވުނީ ސުމައްޔާ ވައަތަށް ފަހު ކަނައަތް ވެސް ސޮހިގެން ދިއުމުންނެވެ. އޭނާއަށް އެ ކަނައަތުގައި ހިފުނީ ކިރިޔާއެވެ. “ސޫމޯ ހިތްވަރު ކުރޭ. އަހަރެންގެ އަތުން ދޫކޮށްނުލާތި. ހިފެހެއްޓޭނެ ވަރަކަށް ހިފަހައްޓާ.” ސުމައްޔާ ފަކީރުގެ ހާލަތު ފެނި އެ ހިތް ފޮތިފޮތިވަމުން ދިޔަ ޙާލު އިޙުސާނު އެދުނެވެ.

ވެއްޓުމުގެ ކުރިން އެ އަތުގައި ހިފީ އިޙުސާނު ކަން އެނގުމުން ސުމައްޔާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހިތްވަރުކޮށްފައި އެ ބާރުގަދަ އަތުގައި ހިފޭތޯ ވައަތް މައްޗަށް ނެގިއެވެ. ވާގަނޑު ކަނޑާލަން މަސައްކަތް ކުރަމުން ދިޔަ އިޙުސާނުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮވެވުނީ ތަފާތު ގޮތަކަށެވެ. ވާރޭގެ ސަބަބުން އަތް ސޮހެން އުޅޭތީ އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

ހިތްވަރު ކޮށްފައި ސުމައްޔާ އޭނާގެ ހިތުގައިވީ ވާހަކަތައް އިޙުސާނާއި ހިއްސާ ކުރެވޭތޯ މަސައްކަތް ކުރިއެވެ. “އިއްސޭ… އަހަރެން… އަހަރެން މި ދުނިޔެއާއި… އަލްވަދާޢު ކި…ޔަން ޖެހުނިއްޔާ ބައްޕަ އާއި ރީ…ނަށް ސަލާމް ރައް..ދުކޮށްދީ މިކަން… މިކަން ހިތުން ފިލު…ވާލަން ބުނާތި. ދެންން.. އުންމަތުލް ވަބާ… އައި..ލް…” ވާގަނޑު އެއްކޮށް ކަނޑާނުލެވެނީސް ސުމައްޔާގެ އަތް ސޮހިގެން ދިއުމުން އިޙުސާނަށް ހަޅޭއްލަވައިގަނެވުނެވެ. ފިރިހެނެއް ކަމަކު އެ ލޮލުން ކަރުނަ އޮހޮރިގަތީ ކުރި އަސަރުންނެވެ. ވާރޭގެ ތެރެއިން ވެސް އެ މޫނުގައި ބޮސްދީފައި ދިޔަ ކަރުނަތައް ދޭހަ ކޮށްދެނީ އޭނާ ސުމައްޔާ ދެކެ ވާ ފުން ލޯތްބެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ވާގަނޑު ކަނޑާލައިފައި އޭނާ މޫދަށް ފުންމާލީ ސުމައްޔާގެ ހަށިގަނޑު ބެހިގެން ދިޔަކަ ނުދޭށެވެ. އެ ފުރާނަ ދިރި ހުރިތޯ ނޫންތޯ ވެސް ނޭނގޭ ޙާލު އޭނާ ސުމައްޔާ ފެނޭތޯ ފީނައިގަތެވެ.

އިޙުސާނަށް ވާހަކަ ދެއްކުމަށް ފަހު ފޯނު ބާއްވައިފައި އަރީން އުޅުނީ ބޭރަށް ދާން ތައްޔާރު ވާށެވެ. އެހެނަސް އޭނާއަށް ޒަވިއަންގެ އެނދާއި ދުރަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. ޒަވިއަން އެ އަތުގައި ހިފާ ދަމައިގަތެވެ. އަރީންގެ ކަނދުރާގައި އަތް އަޅުވާލަމުން އެ ކުއްޖާ ހައްޔަރު ކޮށްލައިފިއެވެ. “ނުލަފާ އަންހެނާ. ކަލޭ މަގޭ ފޯނުން ކާކަށް ގުޅާފަތަ ބަޗަން ތި އުޅެނީ؟ އޭނ. މިހާރު މާ މައްޗަށް ތި ދަނީ.” ޒަވިއަން އަރީންގެ ގައިގައި ފާޑަކަށް އޮޅުލައިގަނެފައި އޭނާގެ ފޯނު ނަގާ ހުޅުވާލިއެވެ. ގުޅައިފައި ވަނީ އިޙުސާނަށް ކަން އެނގުމުން އޭނާ ހަމައިން ނެއްޓިގެން ދިޔަ ކަހަލައެވެ.

“ހުރެބަލަ ނިކަން. އެހާ ވަރަށް މަނާކޮށްފަ އޮއްވާ ތި މުޑުދާރު އަތުން މަ ފޯނު ނަގާފަ ވާހަކަ ދައްކަން ކެރުނީތީ އަތުގައްޔާއި އަނގައިގަ އިސްތިރި ޖައްސާނަން.” އެނދުން ތެދުވެ އަރީންގެ އަތުގައި ހިފާ ދަމާ ކޫއްތައިފައި ޒަވިއަން މިސްރާބުޖެހީ ވޯޑްރޯބާއި ދިމާލަށެވެ. “ޒަވިއަން. މި ގަޑީ އަހަރެން ދޫކޮށްލާ. ހެޔޮ ނުވާނެ އަހަރެން ދިޔަޔަކަ ދީ” ސުމައްޔާ އާއި މެދު ކަންބޮޑުވެފައިވާ ޙާލު އަރީން އެދުނެވެ. އެހެނެއް ކަމަކު އެ ވޭނީ ނަޒަރަކުން ޒަވިއަނަށް ކިރިޔާ ވެސް އަސަރެއް ނުކުރާ ކަހަލައެވެ. ވޯޑްރޯބު ތެރެއިން އިސްތިރި ފެނޭތޯ މުޅިތަން ހާވަން ފެށިއެވެ.

ބިރުން ތުރުތުރު އަޅަމުން ދިޔަ ޙާލު އަރީން މަސައްކަތް ކުރީ ޒަވިއަންގެ ކިބައިން ސަލާމަތް ވާށެވެ. މި ކަމާއި ހެދި ޒަވިއަންގެ ސިކުނޑި ހިސޯރުކޮށްފައިވީ ސިނގުރުޅިގަނޑު ދެގުނަ ވިއެވެ. އޭގެ މައްޗަށް އިސްތިރި ނުފެނުމުން އޭނާ އަށް އަރީނާއި ދިމާލަށް ބަލައިލެވުނީ އަލިފާނުގެ ނަޒަރަކުންނެވެ. އެ ވަގުތު އަރީން ކުއްލިއަކަށް ޒަވިއަންގެ އަތުގައި ދަތް އެޅިއެވެ. ޒަވިއަން ވީ ތަދުން އަރީންގެ އަތުން ދޫކޮށްލެވުނެވެ. ފުރުސަތުގެ ބޭނުން ހިފާ އަރީން ދުވެފައި ވޯޑްރޯބުން ނުކުތެވެ. އެހެނަސް އޭނާއަށް ހަމައެކަނި ގޮސް ބޭރު ދޮރުގައި ހިފާލެވުނު ކަމެވެ. ޒަވިއަން އައިސް އަރާ ހަމަކޮށްފިއެވެ. އަރީން ނުކުމެގެން ދާން ވާއިރަށް އެ އަތުގައި ހިފާ ދަމައިގަތެވެ. އޭނާ އެ ކުއްޖާ ފަކީރުގެ ކަރުގައި ހިފާ އެނދަށް ގަންނަވާލީ އަނިޔާވެރި ގޮތަކަށެވެ. ބަދަލުގައި އަރީން ހަޅޭއްލަވައިގަތެވެ. އެހެނަސް ސައުންޑްޕްރޫފް ކޮށްފައި ހުރި ކޮޓަރިއަކުން ބޭރަށް އެ އަޑެއް ނުފޯރާނެތާއެވެ.

“އަލިފާނާއި ކުޅުމަކީ ކިހާވަރެއްގެ ކަމެއްކަން ހަމަ ނޭނގެނީތަ؟” ދެއަތަށް ތެޅެމުން ދިޔަ އަރީންގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލަމުން ޒަވިއަން ދަތްކުނޑި ވިކާލިއެވެ. އޭރު އަރީން ފަކީރު ހޭ ނުކެނޑި އޮތީ ކިރިޔަ ކިރިޔާއެވެ. އެ އަންހެން ކުއްޖާގެ ކަނދުރާއިން އަތް ދޫކޮށްލައިފައި ޒަވިއަން އެނދަށް އެރިއެވެ.

އިންހޭލަރާއި ނުލާ އަރީންގެ ނޭވާ ހަމައަކަށް އެޅުވުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. އެ ޙާލުގައި އޮއްވާ ޒަވިއަން އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުން އެ ފަކީރަށް ހީވީ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލި ހެންނެވެ. ޒަވިއަންގެ ކިބައިން ސަލާމަތް ވުމަކީ ނުވާނެ ކަމެއްކަން އިޙުސާސްވުމުން އަރީން ކޮންމެވެސް ވަރަކަށް މައިތިރިވިއެވެ. ވިއްސާރަ ފިނި ރެއެއް ކަމުން ކޮޓަރިތެރޭގެ ފިނިކަން ދެގުނަ ތިންގުނަ އިތުރުވެފައިވާތީ އަރީން ދިޔައީ ހީގަނެގެން ތުރުތުރު އަޅަމުންނެވެ. އެ ކަށިތައް ތޮރުފާލާ ފަދަ ފިނިކަމުން ޒަވިއަނަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.

“އަހަރެންގެ ނިދި ނަގާލީތީ މިރޭ ކަލޭ ހަމަޖެހިގެން ނިދިޔަކަ ނުދޭނަން.” ފަހަތުން އަރީންގެ ހަށިގަނޑުގައި އަތް އަޅުވާ ބާރުކޮށްލަމުން ޒަވިއަން ދެލޯ މަރާލިއެވެ. ސުމައްޔާ އާއި މެދު ވިސްނަން އަރީނަށް ދެލޮލުން ކަރުނަ ބާލަބާލާ އޮވެވުނީއެވެ. އެއްވެސް ގަދައެއް ނުދެއްކުނެވެ. އެންމެ ގާތް އެކުވެރިޔާގެ ފުރާނަ ނުރައްކަލެއްގެ ތެރޭގައި ވާއިރު ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވޭނެ ވަރަށް ވުރެ އަމިއްލަ ނަފްސުގެ ބަލިކަށިކަން އިޙުސާސް ވުމުން އެ ފަކީރުގެ ހިތް ތޮރުފާލި ކަހަލައެވެ.

“ޒެވް… ހެޔޮނުވާނެ. އާދޭސްކޮށްފަ މި ބުނީ. މިރޭ އެކަނި. މިރޭ އަހަރެން ދިޔަޔަކަ ދީ. ސުމީ. ސުމީ ގާތަށް ދިޔަޔަކަ ދީ. ސުމައްޔާ މިހާރު ހުރީ ބޮޑު ނުރައްކަލެއްގެ ތެރޭގައޭ.” ރޮވިފައި އަރީން މަޑުމަޑުން ބުނެލިއެވެ. މި ވާހަކަ ތަކުން ޒަވިއަނަށް ކިރިޔާ ވެސް އަސަރެއް ކުރާނެ ކަމުގެ އުންމީދުގައެވެ.

“ކަލޭ މިހާރު މިކަހަލަ ވަގުތުތަކުގަ ބޭރަށް ދާން ތިކަހަލަ ބަހަނާ ދައްކަން ފެށީތަ؟ ކަލޭގެ ތި ސުންޕާ އުކުޅުތަކަކަށް މަށެއް ނުހެއްލޭނެ. އިތުރަށް އަހަރެން ރުޅިއަރުވަން އެންމެ ލަފުޒެއް ވެސް ތި ދުލުން ބޭރުކޮށްލަބަލަ. އިތުރަށް އަނިޔާކޮށްލާނަން. އެއްރޭ ވަރުގަދަ ފިލާވަޅެއް ދިނީމަ ވެސް ކަލެއަށް މައިތިރިވާން ނޭނގެނީތަ.” އަރީންގެ ކޮލަށް ފިތާލަމުން ޒަވިއަން އިންޒާރެއް ދިނެވެ. މިއާއި އެކު އަރީންގެ ލުއި ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. ޒަވިއަން އެ އިޝާރާތް ކުރި ރޭގެ ހަނދާންތައް އައިސް ވަށާލުމުން އޭނާ ބިރުން ތުރުތުރު އަޅައިގަތެވެ. ސުމައްޔާގެ ޙާލަތާއި މެދު ވިސްނާ ހިތާމަކުރަން ހިމޭންކަމާއި އެކު އޮތީ ޒަވިއަން ހިތްހަމަނުޖެހިދާނެ ކަމުގެ ބިރަށެވެ.

ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ޢަބްދުއްރަޙްމާން ހުޅުމާލޭގެ އެކި މަންޒިލް ތަކަށް ގޮސް އުޅުނީ ސުމައްޔާ ފެނޭތޯއެވެ. ސުމައްޔާ ދާނެހެން ހީވާ ހުރިހާ ތަނަކަށް ހެން އޭނާ މިހާރު ގޮސްފިއެވެ. ސުމައްޔާ ނުފެނުމުން އޭނާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. ބްލޫ ވޯޓާސްގެ މީހުންނަށް ސުމައްޔާ އަކީ ކާކުކަން އެނގުނީބާއޭ ހިތަށް އަރާ އޭނާ ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ. އޭނާގެ ދެލޮލުގެ ނޫރަށް ގޮތެއް ވެއްޖެނަމަ ޢަބްދުއްރަޙްމާނަށް ދިރިހުރެވޭނެ ކަމާއި މެދު ޝައްކެވެ.

ސުމައްޔާގެ އަތުގައި ހިފާ ލޮނުގަނޑު މައްޗަށް އުފުއްލާލަމުން އިޙުސާނު އެއްގަމާއި ދިމާލަށް މިސްރާބު ޖެހިއިރު އެ ހިތް ދިޔައީ ޑަންޑަޑަން ލައިފައި ތެޅެމުންނެވެ. އަނދިރީގެ ތެރެއިން ވެސް ސުމައްޔާގެ މޫނުން ކުލަ އޮއްސިފައި ހުރިކަން ފާހަގަވެއެވެ. ލަސްވެފައިވީ ސުމައްޔާގެ ނޭވާ ހުއްޓުމަކަށް އައުމުން އިޙުސާނުގެ ދެލޮލުން ތާޒާ ކަރުނަ އޮހޮރެން ފެށިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-10

Next

އެކުގައިވާނަން-27

Next
January 24, 2026

އެކުގައިވާނަން-27

Previews
January 23, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-10

20 Comments!

  1. Diva_gurly says:
    January 23, 2026 at 10:22 pm

    Alheyy haadha interesting kohlaafa ey thi ninmaaly
    Zevian aree ah gotheh hedhiyaku nudhehchey
    Anyways mibai varah reethi masha allah
    Whn next

    1. White rose White rose says:
      January 24, 2026 at 8:38 am

      Hmm, mi faharu varugadha cliffhanger akah nimmaalevifa mi othy 😅😅
      I can’t say I can completely protect areen from zev 😔😔
      IA next Tuesday
      Shukran Diva_gurly ✨✨

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 23, 2026 at 10:40 pm

    Areen why don’t u get a divorce???
    Alhey dhanvaru zevian ah filaagen nukunnanama 😓
    U don’t deserve him 😭 😭 😭
    And sumee kidnap kurimeehun is azaaya maraali meehun baa??v v confused 😕
    Hope areen and zevian happy life eh libaynekamah 🥹🥹🥹 azaaya ge marah insaafu vx libaynekamah 🥹 🥺
    Btw how many episodes total??
    Lysm girll

    1. White rose White rose says:
      January 24, 2026 at 8:45 am

      She doesn’t want to disappoint the families by a divorce 😔😔 too selfless, truly a fictional character
      Sumee kidnap kuri meehunnaa azaa maraali meehun dhw, 🤔🤔 names of the people can be clues
      I hope this end well too 😊😊
      Definitely more than 80 ep, lets see how long it gets
      Shukran 😶‍🌫️Raajiha 😶‍🌫️, vrh ufaavejje mikahala comment eh kohleema ✨✨✨
      Lyt darl 🫶🏻🫶🏻🫶🏻

  3. Your fav bab Your fav bab says:
    January 23, 2026 at 10:59 pm

    Alhey sumy ah haadha vareh kohlan hithaa ey e ulhuny😭😭 but they r forgetting that she has her man!
    ZAVIAN!!! E sorah ingey dhw e soru ge phone areen negikan ekm dhehkki vhk eh neyge.. wow deaf meehaa gandeh thwche!🙄 poor reen😭
    Yo mi aadha hama kashee ga hifee dhw! Cliff hangers thakun ninman!
    Sumy should be alright or isse will die!!
    When nxt?
    your descriptions are so vivid n stunning I can literally picture the scene! It hurts the best way possible 💗
    Lysm my fav!

    1. White rose White rose says:
      January 24, 2026 at 11:15 am

      Yeaa, reen ah blackmail kuran e fakeerah jahsaa haalu 😔😔
      Gina faharu I episode thah nimmany ehennehnu 😅😅
      IA next Tuesday
      Awnn, so glad to hear that 😄😄
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  4. Miss jennie says:
    January 23, 2026 at 11:04 pm

    Mi part ves varah reethi. Zavianoo alhe areen ah trust kobbala for once. Naseebeh zavian ah isthiri nufenunu kan. Zavian areen ah ehaa aniyaa kuraa iruves areen still loves zavian very much. Zavian aa areen vaahaka dhakkaneeves zev kiyaafa. Sumayya maruveebaa? Sumayya please dont die! Finally sumayya ves ummathul vabaa ah fall vaan fesheebaa? Curiously waiting for next part????

    1. White rose White rose says:
      January 24, 2026 at 8:49 am

      Yeaa, e ves naseebeh.
      Hmm, areen ah ammilla ihusaaas thah control nukureveny, furaavaruga vevunu loabi hithun filuvaa nulevigen e ulheny 😐😐
      Sumee dhw, let’s see wht will happen to her, mihaaru oiy haalanthun immediate emergency help aa nulaa dhiri hurumakee nuvaane kameh 🤧🤧
      So happy to hear this, Shukran Miss jennie ✨✨

  5. Anonymous says:
    January 24, 2026 at 12:43 am

    Mi part ves Vrh Reethi MA!!!!
    Zev ah isthiri nufenun kan Hama naseebu….
    Alhey Sumayya. maru v Baa ….. 😭😭😭
    Ihsaan haadha dhera vaane dhw….
    Curiously waiting for next part…..
    Whn nxt….
    Lysm 🤗🖤

    1. White rose White rose says:
      January 24, 2026 at 8:50 am

      Arn naseebeh isthiri nufenun kan
      Sumee ah vaagotheh balamaa hingaa 😣😣
      IA next Tuesday
      Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

  6. 😶‍🌫️Raajiha 😶‍🌫️ says:
    January 24, 2026 at 6:20 am

    Naseebeh zev ah isthiri nufenunkan…pls don’t do that to her …ihusaan pls tell him why areen called him. 😭😭😭😭…and sumee…maru v kannaynge….dhen kidnap kuraanee areen kanneynge 🥺🥺Anekka sumee ves ummathul vabaa ah finally fall vaan feshee baa??🫣

    1. White rose White rose says:
      January 24, 2026 at 8:53 am

      Arn, isthiri fenunu nama areen fakeerah ithuru aniyaa eh libunees
      Will he remember to say sommin like that, sumee ge naazuku haalathaa medhu kanne e soru visnaany 😐😐
      Sumee ves rangalhah fall vejje hen heevany 🤔🤔
      Shukran 😶‍🌫️Raajiha 😶‍🌫️ ✨✨

  7. Shiu says:
    January 24, 2026 at 12:08 pm

    Mi part vx varah Reethi Masha Allah… This part is just a masterpiece.. Sifakurunthah hama 💯 heevany story thereyga ulheveyhen 😊
    Azaa Maraali meehun dhw Sumee Kidnap Kury?? Cuz, It said Raifal and, I think that’s a name that I have already read in this story, 🤔 It sounds familiar 🧐 Naseebeh reen Ihusaan ah gulhikan, 😌 Ekam Dhn Zavianoooo, thivaru vaakah nujehe ey, Naseebeh e isthiri gandeh vx nufenunkan, Reen ge vaahaka gaboolu nukurany dhn keevve tha????? 😩 Reen fakeerah eh kameh vx nukureveyne dhw, E varugadha firihenaage kurimathee eh, 🙄 huvaa mibuny, Zev dheke eba rulhi arai Mihaaru,🤬 Nooooooo, Sumee vx Maruvy tha??😩 Naur eheneh nuvaane IA 🤞 Sumee ah gotheh nahadhachey, plsss 🙏🥺 Sumee ah vx Ihusaan dheke Loabi vevuny dhw?😉 Haadha dheraey sumee and reen ah v goiyy,, Dhnnn, 😩😭💔 Can’t wait Azaa ah insaafu Libeyne dhuvahakah, and Zev ah Hageegaiy ingi reen ah vx Adhi Sumee ah vx ufaaveri dhiriulhumeh Libeyne dhuvahakah 😅
    When Nexxtt???? Curiously waiting for the next part…
    Lyssm🤍

    1. White rose White rose says:
      January 24, 2026 at 1:41 pm

      Rifal is mentioned in a previous episode, but not as azaaya’s murderer (QUICK RECAP: raifal, rizey and laasheen, mi thin meehun ulhunu areen gayah valhi haraafa lab ga roa kohlumuge plan ga) azaaya ge aslu murderers adhi neynge 😔😔
      Yeaa, ihusaan ah nugulhi nama sumee salaamaiy vaane kamuge ehves unmeedheh noanaane, mihaaru viyya eboiy kuda unmeedheh.
      Dhw, reen fakeerah dhekolhah kameh nukurevey hama 🤧🤧
      Let’s see wht happens to sumee, she could die too dhw, I mean azaa ge death was also sudden and heartbreaking 😣😣
      I’m also waiting for such a day, but will it be possible 🤔😶‍🌫️😣
      IA next Tuesday
      Shukran Shiu, vrh vrh ufaavejje mihaa salhi comment eh kohleema ✨✨✨
      Lyt darl 🫶🏻🫶🏻🫶🏻

  8. Noonesomeone says:
    January 24, 2026 at 5:32 pm

    Sumee enme fahun bunan ulhunee “ummathul vabaa i love you” ey dhww.. Haadha hyveyey

    1. White rose White rose says:
      January 24, 2026 at 6:02 pm

      Yeaaaa, nice guess 😅😅
      Shukran Noonesomeone ✨✨

  9. Diva_gurly says:
    January 26, 2026 at 6:21 pm

    I am waiting very impatiently hehe 😅😅
    Ihsey hadhaanedho cpr on sumee 🙈🙈

    1. White rose White rose says:
      January 26, 2026 at 6:39 pm

      Cpr is essential, let’s see whether he does it on her or not 😅😅
      Mihaaru submit kohlaafa vee maadhan upload veythoa balan
      Shukran Diva_gurly ✨✨

  10. Me says:
    January 27, 2026 at 5:51 am

    Alhey miadhu mi jehuny school ah dhaan. Up veythoa mi balany ekm vaa gotheh nuvey😭

    1. White rose White rose says:
      January 27, 2026 at 9:13 am

      Keehkuraany, skl nimmaafa ais balaalaa, admin fast viyya upload vefa indhedhaane 😄😄
      Shukran Me ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 39←


All Right Reserved!