
ހަޔާތުން ފިލާވަޅެއް
ކުރިމަތީ ބަހައްޓާފައި ހުރި ހޫނު ކޮފީތަށީން އަރަމުންދިޔަ އާވި މަޑުވަމުންގޮސް ކޮފީތަށީގެ ހޫނުކަން ކެނޑިގެން ދިޔައިރުވެސް އަހަރެންނަށް ރޭކާނުލާކަހަލައެވެ. ފަތިހުގެ ހިތްގައިމު ވަގުތު ދުނިޔެމަތިން ފެންނަން އޮތް ހިތްގައިމު މަންޒަރަށް ގެއްލިފައި އަހަރެން އިނީމެވެ. މިއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ފަތިސްނަމާދު ކުރުމަށްފަހު ކޮފީތަށި ހިފައިގެން ބޭރަށް ނުކުންނަނީ މި ހިތްގައިމު މަންޒަރު ބަލާލުމަށެވެ. މިއީ އަހަރެންގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭ މަދު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. މިފަދަ ކޮންމެ ވަގުތަކު އެކަނި އިނދެ އަހަރެންގެ ދިރިއުޅުމާއިމެދު ވަރަށް ވިސްނަމެވެ. އަހަރެންގެ އެކަނިވެރިކަމާއިމެދުގައެވެ. އުމުރުން ސާޅީހުން މަތީގެ އަހަރުތައް ގުނަމުންދާ އަހަރެންގެ ދިރިއުޅުމުގައި އިތުރު ބަޔަކު ނެތީ ކީއްވެބާވައެވެ.؟ އަހަރެންނަކީ އެ އާބާދީމަދު ރަށުގެ މީހުންގެ ތެރޭގައި މި އުމުރަށް އައިއިރު މިހެން އެކަނި ހުރި ހަމައެކަނި އަންހެންމީހާއެވެ. އަހަންނަށް މިހެންމިވީ ކީއްވެބާވައެވެ.؟ ރަށުގެ އެހެން އަންހެނުންނާއި އަހަރެން ތަފާތުމިވީ ކީއްވެބާވައެވެ.؟ މިހުރިހާ ސުވާލެއްގެ ޖަވާބުވެސް އަހަރެންނަށް އެނގެއެވެ. މިގޮތަށް މި ދިމާވީ ހަމަ އަހަރެންގެ ސަބަބުންނެވެ. ނަމަވެސް ހިތާމައަކީ ސަބަބު އެނގުނަސް މިހާރު އެކަމުން ކުރާނެ މާބޮޑު ފައިދާއެއް ނެތްކަމެވެ. ސަބަބު އެނގުނު އިރު ވަގުތު ފާއިތުވެފައިވާކަމެވެ.
އެއީ 1970 ގެ ފަހުކޮޅުގެ އަހަރުތަކެވެ. އެޒަމާނަކީ މިހާރާއި ޚިލާފަށް ތައުލީމަށް މާބޮޑު އަހައްމިއްޔަތުކަމެއް ދީގެން ދަރިންނަށް ތައުލީމު ދީ އުޅުނު ޒަމާނެއްނޫނެވެ. ޚާއްސަކޮށް ރަށްފުށުގައެވެ. އަންހެންދަރިއެއްނަމަ ފުރާޥަރަށް އެޅުމުން އެވީ މީހަކާއި އިނދެގެން ދިރިއުޅުމާއިގެން ކުރިއަށްދާށެވެ. ފިރެހެންކުއްޖަކު ނަމަ އެރަށެއްގައި އާންމުކޮށްކުރާ މަސައްކަތެއް ދަސްކޮށްގެން އާމްދަނީ ހޯދަންފަށާށެވެ. ޤުރުއާންކިޔަވާށާއި، ނަމާދުކުރަން އެނގުމުން އޭރުގެ ދިރިއުޅުމަށް ބޭނުންވާވަރަށް އެހުރީ ތައުލީމް ލިބިފައެވެ. އެހެންނަމަވެސް މިވިސްނުމާއި ޚިލާފަށް އަހަރެންގެ މައިންބަފައިންވީ އެޒަމާނަށް ބަލާއިރުވެސް، ރަށުގެ ފެންވަރުން އެކަށީގެންވާ ތައުލީމެއްލިބިފައިވާ ހޭލުންތެރިބަޔަކަށެވެ. އަތްމަތި ތަނަވަސް މުއްސަނދިބަޔަކަށެވެ. ބައްޕައަކީ ސަރުކާރުގެ ޒިއްމާދާރު ވަޒީފާއެއް އޭރުވެސް އަދާކުރަމުންދިޔަ މީހެކެވެ. އަހަރެންގެ މައިންބަފައިންގެ އިތުރު ދަރިއަކު ނެތުމާއިއެކު އެމީހުން އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން އެމީހުންނަށް ލިބިހުރި ތަނަވަސްކަމުގެ އެހީގައި އަހަރެންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަކީ މަންމައާއި ބައްޕަގެވެސް ހުވަފެނެކެވެ. އެހެންނަމަވެސް ބައްޕަގާތަށް މާލެއަށް ކިޔަވަން އަަހަރެން ގެންދާ ވާހަކަ ބުނުމުން ފުރަތަމަ މަންމަ ދެކޮޅުހެދިއެވެ. އަންހެންކުއްޖަކަށްވެފައި ރަށުން ބޭރަށް އެގޮތަށް ފޮނުވުމަކީ އޭރު މީހުން އެހާ ގަބޫލުކުރާކަމަކަށްނުވާތީ މަންމަވެސް އެކަމާއި ޖެހިލުންވީއެވެ. މަންމައާއި ވަކިން ހިލޭބައެއްގެ އަތްމައްޗަށް އަހަރެން ދޫކޮށްލަންޖެހުމުން މަންމައަކަށްވީތީ އެވިސްނާ ވިސްނުމާއި، ދެކޭގޮތުގެ ސަބަބުންނެވެ. އެހެންނަމަވެސް ބައްޕަގެ އެއްވެސް އެދުމަކަށް ގޮތް ފާޑުކިޔުމަކީ މަންމަގެ މިޒާޖަކަށް ނުވާތީއާއި، ބައްޕގެ ކޮންމެ ނިންމުމަކަށް މަންމަ ކުރާ އިތުބާރުގެ ސަބަބުން އަހަރެން މާލެފޮނުވަން މަންމަ އެއްބަސްވިއެވެ. ބައްޕަވެސް މާލޭގައިހުރުމާއި އެކު އަހަރެންނަށް ވާނުވާ ބެލޭނެތީއާއިވެސް އެކުގައެވެ. އަދި އަހަރެންވެސް ޓީޗަރަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް، އެދުނު އެދުމާއިވެސްއެކުގައެވެ.
މާލޭގައި އަހަރެން ހުރީ އަހަރެންގެ ބައްޕަވެސް ކިޔަވަން ހުރި ގޭގައެވެ. އެގޭ މީހުން އަހަންނަށް ވަރަށް ހެވެވެ. އޭރުގެ މާލޭގެ ގިނަ މީހުން ފަދައިން ބޭފުޅު ގޮތްގަނޑެއް އެމީހުންގެ ނުހުރެއެވެ. ފަހަރެއްގައި އެމީހުންނަކީ އެހާ ތަނަވަސް ބަޔަކަށްނުވާތީވެސް ކަންނޭނގެއެވެ. ކޮންމެއަކަސް މަންމައެކޭ އެއްފަދައިން އެގޭ ދައްތަ އަހަރެންގެ ހުރިހާ ކަމެއް ބަަލަހައްޓަމުން އައީ ވަރަށް ފުރިހަމައަށެވެ. ދައްތަގެ ދެ ދަރިންނެކޭ އެއްވެސް ތަފާތެއް ނުކުރެއެވެ. އެހެންކަމުން އަހަރެންގެ ހިތުންވެސް ދާދި އަވަހަށް މަންމައާއި ވަކިން އުޅެންޖެހުމުން ލިބުނު ހިތްދަތިކަން ފިލައިގޮސްފިއެވެ. އާ އަހަރު ފެށުމާއިއެކު އަހަރެންގެ ކިޔެވުންވެސް ފެށިއްޖެއެވެ. އަހަންނާއި އެކު އެއް ކޯހެއްގައި އެގޭ ދައްތަގެ ފިރެހެން ދަރިފުޅުވެސް ކިޔަވަމުންދިޔައެވެ. އެހެންނަމަވެސް އަހަރެން ކޯހަށް ވަންއިރުވެސް ނައުޝާދު ދިޔައީ އެކޯހުގައި ކިޔަވަމުންނެވެ. އެހެންކަމުން ކިޔެވުމުގައި ނައުޝާދުގެ އެހީތެރިކަން އަހަރެންނަށް ވަރަށް ބޮޑަށް ލިބެމުންދިޔައެވެ. ކޮންމެ ދުވަހަކު ކްލާހަށް ދިއުމާއި ގެއަށް އައުން ހަމަޖެހިފައި އޮންނަނީ ނައުޝާދުއާއި އެކުގައެވެ. އެއީ ދައްތަގެ ނިންމުމެވެ. ބައްޕައަށް ކޮންމެ ވަގުތަކު އޮފީހުގެ މަސައްކަތް ދޫކޮށްލާފައި އަހަރެން ކްލާހަށް ގެންދިއުމަށާއި ގެއަށް ގެނައުމަކީ ދަތިކަަމަކަށް ވާނެތީއާއިވެސް އެކުގައެވެ.
މާލޭގައި ގިނަ ދުވަސްވާ ވަރަކަށް އަހަރެންގެ ހިތްވެސް ބަދަލުވަމުންދާން ފެށިއެވެ. މާލޭގެ ދިރިއުޅުމަށް ލޯބިޖެހި މާލެވަމުންދިޔައެވެ. މަގުމަތިން ރަށު ކުއްޖަކު ފެނުނަސް ފެންނަކަމަށް އަހަރެން ނުހަދަމެވެ. ރަށުގެ އެހެން ކުދިންނަށްވުރެ މަތިން ތައުލީމު އުނގެނުމުގެ ފުރުސަތު ލިބުން ވެގެން ދިޔައީ އަހަރެންގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަން ގެނުވި ސަބަބަކަށެވެ. އެމީހުންނަކީ އަހަރެންނަށްވުރެ ދަށް ބައެއްކަމުގައި އަހަރެން ދެކުނީމެވެ. ޗުއްޓީއަށް ރަށަށް އައިސް އުޅޭއިރުވެސް މީހުން އަހަރެން ކިޔަވާ ވާހަކައާއި އަހަރެންގެ މޮޅުވާހަކަ ދައްކާ އަޑު އިވުމުން ހިތާ ހިތުން އަހަރެން ފަހުރުވެރިވީމެެވެ. އަހަރެންގެ ނަސީބާއިމެދު ބޮޑާވެ ކިބުރުވެރިވީމެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ކިޔެވުން ނިމުމަކާއި ކައިރިވެއްޖެއެވެ. އޭރު ނައުޝާދު އުޅެނީ ކޯސްނިންމާ މާލޭގެ ސްކޫލެއްގެ ޓީޗަރަކަށެވެ. މިހާހިސާބަށް އައިއިރު އަހަރެންނާއި ނައުޝާދުގެ ގުޅުންވެސް އެހެން ދިމާއަކަށް މިސްރާބުޖަހަންފެށިއެވެ. އެއީ އަހަރެންވެސް ބޭނުންވި ގޮތެވެ. އަހަރެންވެސް ކައިވެނިކުރަން ބޭނުންވަނީ އަހަރެންފަދަ ތައުލީމީ ޒުވާނަކާއެވެ. ރަށުގެ މަސްވެރިއަކާއި ކައިވެނި ކުރުމަކީ އަހަންނަށް ލިބޭ ހުތުރެއްކަމުގައި ބަލާ، ރަށުގެ އެތައް ޒުވާނުންނެއްގެ ފަރާތުން ލިބުނު ހުށައެޅުންތަކަށް ނޫނެކޭ ބުނީ ”މަސްވެެރިއަކާއި ޓީޗަރަކާއި އެއްސަފަކަށް އަރާނީ ކިހިނެއްހޭ” ބުނަމުންނެވެ. އަހަރެންގެ މައިންބަފައިން ނާއި ނައުޝާދުގެ މައިންބަފައިންވެސް މި ގުޅުމާއި ހިތުން ރުހުމުން ގަބޫލުވީ ދެ އާއިލާގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށްލުމުގެ ބޭނުމުގައެވެ. އޭރު އަހަންނަށް ނުވިސްނުނީއެވެ. ދިރިއުޅުމަކަށް އެންމެ މުހިންމީ ވަފާތެރިކަމާއި، ތެދުވެރިކަމާއި ހަރުދަނާކަންކަމެެވެ. މޮޅަށް ކިޔަވައިގެން ހުންނަ ކޮންމެ މީހެއްގައި މި ސިފަ ނުުހުންނާނެކަމެވެ. ކޮންމެ މަސައްކަތެއް ކުރިއަސް އެމީހަކީ ހަރުދަނާ ތެދުވެރި ވަފާތެރިއެއްނަމަ ދިރިއުޅުން އުފާވެރިވާނެކަމެވެ.
ޖެހިގެން އައި އަހަރު ކޯސްނިންމާ ރަށު ސްކޫލްގެ ވަޒީފާއަށް އަހަރެން އައީމެވެ. އޭރުވެސް ނައުޝާދު އާއި އަހަރެންގެ ގުޅުން އެގޮތުގައި ކުރިއަށްދިޔައެވެ. އެހެންނަމަވެސް ރަށަށް އައިސް އަހަރެއްހާ ދުވަސް ފާއިތުވިއިރު ނައުޝާދުގެ ސިޓީތައް އަހަރެންނަށް ލިބުން މަދުވާންފެށިއެވެ. މާލެ ދާ ކޮންމެ ދޯންޏަކުން އަހަރެން ނައުޝާދުއަށް ސިޓީ ފޮނުވަމެވެ. އަހަރެންގެ ހިތަށް މާޔޫސްކަން ވެރިވާންފެށިއެވެ. އަނެއްކާ ނައުޝާދު އަހަންނަށް ބޭވަފާތެރިވީ ބާވައެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އެއަށްވުރެ ބޮޑަށް އޭނަ އަހަރެން ދެކެ ލޯބިވާނެއެވެ. އެހެންނަމަވެސް ކަންތައްވެގެން ދިޔައީ އަހަރެންގެ ހިތަށް ވެދާނެ ކަމަށް ތަސައްވަރުކުރެވިފައިވެސް ނެތް ގޮތަކަށެވެ. އަހަރެން ރަށަށް އައުމާއިއެކު ނައުޝާދު އިތުރު ކަމެއް ފެށީއެވެ. އެންމެ ފަހުން އެއަންހެން ކުއްޖާދެކެ އިންތިހާއަށް ލޯބިވެވުނު ވާހަކައާއި ވަރަށް އަވަހަށް ކައިވެނިކުރާނެ ވާހަކަ އަންގާ ނައުޝާދު މަތިން ހަނދާންނައްތާލުމަށް އެދި އަހަންނަށް ސިޓީފޮނުވިއެވެ.
ނައުޝާދުގެ ވަކިވުން އަހަރެންނަށް ފުން ހިތާމަތަކެއް ކުރިމަތިކުރުވިއެވެ. ނައުޝާދުގެ ހަނދާނުގައި އެތައް ދުވަހެއް ހޭދަކުރީމެވެ. އެދުވަސްތަކުގައިވެސް ރަށުގެ ޒުވާނުންގެ ފަރާތުން ތަފާތު ހުށައެޅުންތައް އަހަރެންނަށް ލިބެމުން ދިޔައެވެ. އެހެންނަމަވެސް އެ ހުށައެޅުންތަކަށް ދެންވެސް ކުރީ އިންކާރެވެ. އެމީހުންނާއި ގުޅުމަށް އަހަރެންގެ ޒަމީރު އަދިވެސް އެއްބަހެއްނުވިއެވެ. އެމީހުންނާއި އަހަރެންނާއި އަރާ އަރަފޯދިގެން ނުވާތީއެވެ. އަހަންނަކީ ކިޔަވައިގެން ހުރި މީހެކެވެ. އެއީ ނުކިޔަވާތިބި ބައެކެވެ.
އަހަންނަށް ހަމަހޭވެރިކަންވީ އުމުރުން ސާޅީހާއި ގާތްވިއިރުވެސް އެކަނި މާ އެކަނި ހުސްހަށިބަޔަށް ހުރުމުންނެވެ. އަހަރެން ފުރައިގެ ހުރިހާ އަންހެންކުދިން މީހުންނާއި އިނދެ ކޮންމެ މީހެއްގެ ދެތިން ދަރިން ތިއްބެވެ. އަހަރެން ފަހަތުން އޭރު އުޅުނު އެންމެން ކަހަލަ ގޮތަކަށް މީހުންނާއި އިނދެ އެމީހުނަށް ދަރިން ލިބިއްޖެއެވެ. ރަށުގައި މިހާރު އަހަރެން ފުރައިގެ ހުރިހާ ފިރެހެން ކުދިން ކަހަލަ ގޮތަކަށް ކައިވެނިކޮށްފިއެވެ. ހުސްކޮށް ހުރި މީހަކުވެސް އަހަރެން ކައިރީ ކައިވެންޏަކަށް ނާހާއެވެ. އަހަރެން ކައިރިއަށް އައި ހުުރިހާ ފިރެހެނުންނާއި ދިމާއަށް ބުނިބަހުގެ ސަބަބުން އަހަރެންނާއި އެމީހުން އަރާ އަރަފޯދިގެން ނުވާކަން ގަބޫލުކުރީ ކަންނޭނގެއެވެ. އެހެންނަމަވެސް …..މިއަދު އަހަރެންގެ ވިސްނުން މުޅިން ބަދަލުވެއްޖެއެވެ. މަސްވެރިޔަކަސް ދަނޑުވެރިޔަކަސް މިއަދު އަހަރެން އެމީހުން ބޭނުމެވެ. އެމީހުންގެ ހަޔާތުގެ ބައިވެރިއަކަށް އަހަރެން ހޮވުމަށް ހިތުން އެދެވެން ފެށީ އިންތިހާއަށެވެ. އަހަރެން ބޭނުންވަނީ އޯގާތެރި ފިރިއެކެވެ. އުފާވެރި އާއިލާއެކެވެ.
މިއަދު އަހަންނަށް ވިސްނިއްޖެއެވެ. ތިމާއަށް ލިބޭ ނިއުމަތްތަކާއި މެދު ބޮޑާވެ ކިބުރުވެރި ވެއްޖެނަމަ އެކަމުގެ ނަތީޖާ ފެންނާނީ ވަރަށް ހިތިކޮށެވެ. މިއަދު އަހަރެން ނަށް މިހެން ދިމާވެފައިވަނީ ލިބިފައިވާ ތައުލީމުގެ މައްޗަށް ބޮޑާވެ ކިބުރުވެރިވުމުންނެވެ. އެހެން ހުރިހާ އެންމެންނަކީ އަހަންނަށްވުރެ ދަށް ބައެއްގެ ގޮތުގައި ދެކުމުންނެވެ. މިހާރު އަހަންނަށް ވިސްނެއެވެ. ހަޔާތުގެ ބައިވެރިއަކަށް އެންމެ މުހިންމީ ވަފާތެރިކަމާއި ތެދުވެރިކަމާއި ހަރުދަނާކަމުގެ ސިފަ ހުރި މީހެކެވެ. އެމީހާ ކުރާ މަސައްކަތުގެ ބާވަތާއި، ދިރިއުޅުމުގެ ފެންވަރާއި، ލިބިފައިވާ ތައުލީމެއް ނޫނެވެ. ނޫންނަމަ ނައުޝާދުގެ ސަބަބުން އަހަރެންގެ ހަޔާތް އުފާވެރިވީހެވެ. އެއީ އަހަރެން ބޭނުންވި ކަހަލަ ތައުލީމީ ޒުވާނެކެވެ. އެހެންނަމަވެސް ތެދުވެރިކަމާއި، ވަފާތެރިކަން ނެތުމުގެ ސަބަބުން ނައުޝާދުގެ ފަރާތުން އަހަންނަށް ލިބުނީ ހިތްދަތިކަމެވެ. އެކަނިވެރިކަމެވެ.
މި ވިސްނުން ކުރިން އަހަންނަށް ލިބުނު ނަމަ މިއަދު މިތާ އެކަނި މިގޮތަށް ވިސްނަން އިންނާކަށް ނުޖެހުނީހެވެ. ނަމަވެސް އަހަރެންނަށް ވިސްނުނުއިރު މާ ލަސްވީއެވެ. އަހަރެންގެ ހަޔާތުގައި ބައިވެރިއަކާއި އެކު އުފާވެރި އާއިލާއެއް ބިނާކުރުމުގެ ނަސީބެއް ނުލިބުނެވެ. އެހެންނަމަވެސް އެ ނަސީބު ތިޔަ އެކުވެރިންނަށް ގެއްލޭކަށް އަހަރެން ނޭދެމެވެ. އަދި އަހަރެންނަށް ދިމާވިގޮތް އެހެން އެއްވެސް މީހަކަށް ދިމާވާކަށްވެސް އަހަރެން ނޭދެމެވެ. އަހަރެންގެ އުއްމީދަކީ އަހަރެންގެ ހަޔާތުގެ މިވާހަކައިން ތިޔަ އެންމެހާ އެކުވެރިންނަށް އިބުރަތެއް ލިބުމެވެ. އަބަދުވެސް ހަނދާންކުރާށެވެ. ތިމާއަށް ލިބޭ ނިއުމަތެއްގެ ސަބަބުން ބޮޑާވެ ކިބުރުވެރިވެ، ތިމާފަދަ އެހެން އިންސާނުންނާއި މެދު ދަށް ނަޒަރަކުން ދެކުމީ ހަލާކާއި ދިމާއަށް ތިމާ ދިއުމުގެ އަސްލެވެ. މިއީ އަހަރެންގެ ހަޔާތުން އަހަރެންނަށް ލިބުނު ފިލާވަޅެކެވެ.
11 Comments!
Comments are closed.
yeeyy. im first ow. 😀
Good one!!! Plz upload more of these nice stories…
Nice…
Iburathun furigenvaa reethi vaahakaeh.
Kiyaalan fasheyha gothah bahuge hamaige therein liyefavaa reethi basmoshun therikan ekulevigen vaa vaahakaeh. Mi mujuthamaa gulhey gothah liyevifavaa reethi vaahakaeh
-Thanks-*BlackBerry*
♥Nishaan♥
Mi real story eh dhw
blackbeuty not blackberry
Wow v v v iburaiytheri vaahakaeh…
Vaahaka Hama habeys..<3
V reethi hingey…v iburahytheri…….:-)
Thanx all…for the luvly comments ☺☺
V ibraitheri vaahakaeh