Skip to content
އެސްފިޔަ

ސްޓްރީކް

ނޯޓް: މިއީ އެއްވެސް އިރެއްގައި ހިނގާފައިވީ ހާދިސާއެއް ނޫނެވެ. މިއީ ޙިޔާލީ ވާހަކައެކެވެ.

އަހަރެމެންގެ މި އާބާދީ ތެރޭގައި 1000 މީހުން ތިބި ތާކު 999 މީހުން “ސްނެޕްޗެޓް” ގެންގުޅޭކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އުމުރުން 10 އަހަރު ނުވާ ކުދިންވެސް މިހާރު ވަނީ “ސްނެޕްޗެޓް” ގެ ތެރޭގައި “ތަތް” ވެފައެވެ. ގިނަ ބެލެނިވެރިން އެކަން ވަނީ ކުދިންނަށް ހުއްދަވެސް ކޮއްދީފައެވެ. އެބެލެނިވެރިންގެ ތެރޭގައި އަހަރެންގެ މަންމަވެސް ހިމެނުނެވެ.

އާއެކެވެ. އަހަރެންނަކީވެސް “ސްނެޕްޗެޓް” ގެންގުޅޭ ކުއްޖަކީމެވެ. އަހަރެންނަކީ އަންހެން ކުއްޖެކެވެ. ނަމަކީ ނަޝާޔާއެވެ. އަހަރެން “ސްނެޕްޗެޓް” ގެންގުޅެން ފެށީ އުމުރުން 12 އަހަރުގައެވެ. “ޕްރިންސެސް ޝާޔާ” ގެ ނަމުގައި އަހަރެން “ސްނެޕްޗެޓް” ގެންގުޅެމުން ދިޔައީމެވެ. އަންހެނެއް ފިރިހެނެއް ނުބަލަމެވެ. އަންނަ ކޮންމެ “ރިކުއެސްޓް” އެއް ގަބޫލު ކުރީމެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟ އެއިން އެއްވެސް މީހަކާ އަހަރެން ވާހަކައެއް ނުދައްކަމެވެ. ހަމަ އެކަނި “ސްޓްރީކް” ކޮއްލަނީއެވެ.

ހެނދުނުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުން އިރު ގަޑިން 8 ޖަހަނީއެވެ. އަހަރެން ގާތުގައި އޮތް ފޯނު ނަގާ ސްނެޕްޗެޓް ހުޅުވާލީމެވެ. އޭރު “އަންނޯން” ނަމަކަށް ޖަހާފައި އިން މީހަކު އަހަރެންނަށް “ރިކުއެސްޓް” ފޮނުވާފައި އިނެވެ. އަހަރެން އެއްވެސް ޙިޔާލެއް ނެތި އޭތި ގަބޫލު ކުރީމެވެ.

“ސްޓްރީކް…؟” އަހަރެން މެސެޖް ކޮއްލީމެވެ. ކޮންމެ މީހެއް ގާތުގައިވެސް އަހަރެން އެސުވާލު އަހަމެވެ. އެމީހާގެ ޖަވާބެއް ނުލިބުމުން އަހަރެން ތެދުވެ ފެންވަރާ ސައިބޯލީމެވެ. ދެން ފޯނު ނެގި އިރު އޭނާ އަހަރެންގެ މެސެޖު ބަލާފައި އިނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. އަހަރެން ކުރާ ހުރިހާ ސްނެޕްތައް އޭނާ ބަލައެވެ. އޭނާވެސް ސްނެޕް ކުރެޔެވެ. ކަޅު ސްކްރީން އެކެވެ. އެއްވެސް އެއްޗެއް ލިޔެވެސް ނުލައެވެ. އަހަރެން އޭނާގެ ހަރަކާތްތަކަށް ސަމާލު ވެލީމެވެ. އޭނާ ސްނެޕް ކުރަނީ އަބަދުވެސް ދަންވަރު 12 ޖަހާއިރެވެ. އެހެން ކަމުން އެރޭ އަހަރެން އިންތިޒާރު ކުރީ 12 ޖަހަންދެންނެވެ.

12 ޖަހައިފިއެވެ. އޭނާގެ ސްނެޕްއެއް އަހަރެންނަށް ލިބުނެވެ. އަހަރެން ވަގުތުން އޭނާއަށް މެސެޖް ކޮއްލީމެވެ. “އިންޓްރޯ؟ އައިމް ނަޝާޔާ. 12 އަހަރު. ށ ނިލަންދޫ. ޔޫ…؟” ނުދަންނަ މީހަކަށް ދީގެން ނުވާނެ ވަރަށް އަހަރެން މައުލޫމާތު ދިނީމެވެ. އަހަރެންގެ މެސެޖު އޭނާ ބެލިޔެވެ. އަހަރެން ގަޑި ބެލީމެވެ. ބަރާބަރު 10 މިނިޓް އޭނާ އެއްވެސް އެއްޗެއް ނުބުނެ ޗެޓުގައި އިންނެވެ.

“ކާކު ކަން އެނގެން ބޭނުމިއްޔާ ދިމާވެލަން ވީނުން…؟ އަހަރެންވެސް ނިލަންދޫ” އޭނާ ބުންޏެވެ. އަހަރެން ހީލިމެވެ. އެއްވެސް ވަރަކަށް ވިސްނާނުލާ އޭނަގެ އެއެދުމަށް އެއްބަސްވީމެވެ. އެއީ ކާކުތޯ އެނގެން ބޭނުންވެފައި ހުރި ވަރުންނެވެ. “އޯކޭ. ހިނގާ އުޅެމާ. ކޮން އިރަކަށް ދިމާވާނީ؟” އަހަރެން ސުވާލު ކޮއްލީމެވެ. “ޖާލި ދޮރު ހުޅުވަބަލަ. ދޮރު ކައިރީ މިހުރީ” އޭނާ ބުންޏެވެ.

އެހިސާބުން އަހަރެންނަށް ތެޅި ގަނެވުން ނަމައެވެ. އަހަރެންގެ ގޭގެ ނަމެއް އޭނާ ގާތަކު ނުބުނަމެވެ. އޭނާއަށް އެތަނަށް އަންނަން އެނގުނު ގޮތާއި މެދު އަހަރެންނަށް އެރޭ ސުވާލު ކުރެވުނު ނަމައެވެ…

އަހަރެން ދޮރު ހުޅުވާލީމެވެ. ތެދެކެވެ. އަހަރެން ޖާލި ދޮރާއި ކުރިމަތީ އިންނަ އަނބުގަސް ކައިރީ ޒުވާން އުމުރުގެ ފިރިހެނަކު ހުއްޓެވެ. އަހަރެން ދޮރު ހުޅުވާލުމުން އޭނާ އަހަރެންނާއި ދިމާލަށް ހިނގައިގަތެވެ. ހުސް ކަޅު އެއްޗެހި ލައިގެން ހުރި އޭނާ އަހިސް އަހަރެން ކުރިމަތީގައި ހުއްޓުނެވެ. މާސްކެއް އަޅައިގެން ހުރުމުން އޭނާގެ ދެލޯ ނޫން އެހެން އެއްވެސް ތަނެއް އަހަރެންނަކަށް ނުފެނެޔެވެ. “ދެން ތިހެންތަ ހުންނާނީ؟” އަހަރެން ހީލާފައި އެހީމެވެ. އެވަގުތު އޭނާ ކުއްލި އަކަށް އަހަރެންގެ ކަރާ ދިމާލަށް ސިރެންޖެއް ހަރާލިއެވެ. ދެން ވީނުވީއެއް އަހަރެންނަކަށް ނޭނގުނެވެ.

އަހަރެން ހޭ އެރި އިރު އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި އަހަރެންގެ މަންމަ އިން އިރު މަންމަގެ ދެލޮލުން ފަހަރަކު ކަރުނަތިއްކެއް ވެއްޓެމުން ދިޔައެވެ. “މަން…މަންމާ..؟” އަހަރެން ގޮވާލީމެވެ. “ދަރިފުޅާ.. މަގޭ ދަރި.. އެމީހާ މަގޭ ދަރިއަށް ކީއްތަ އެކުރީ.. މާތް ކަލާކޯ.. ދަރިފުޅު އޯކޭތަ؟” މަންމަ ސުވާލު ކޮއްލިއެވެ.

އަހަރެންނަށް ވީނުވީ އެނގުނީ މެންދުރު ވަގުތެވެ. އެމީހާ އަކީ ށ ފޯކައިދޫއަށް ނިސްބަތްވާ މީހެކެވެ. ކުރިންވެސް “ސްނެޕްޗެޓް” ގެ އެހީގައި އެތަށް ކުދިންނެއް އޭނާ ވަނީ ރޭޕްގެ ޝިކާރަ އަކަށް ހަދާފައެވެ. އޭނާ އުޅެމުން ދިޔަ ގޭގެ ފޮޓޯތަށް ފެނި އަހަރެންގެ ހަށިގަނޑުން ހީބިހި އަރައިގަތެވެ. އޭނާއާއި އެކު އަހަރެން “ސްޓްރީކް” ކުރާތާވީ 150 ދުވަހު އަހަރެން ކުރި ހުރިހާ “ސްނެޕް” ގެ ފޮޓޯ އޭނާ ވަނީ ރައްކާ ކޮއްފައެވެ.

އޭނާއަށް ހައްގު އަދަބު ލިބުނެވެ. ނަމަވެސް އަހަރެންނަކަށް އިންސާފެއް ނުލިބުނެވެ. އަހަރެންނަށް ދަރިން ލިބުމުން މަހުރޫމް ވިޔެވެ. ކީއްވެގެން ހެއްޔެވެ؟ މީހުން ބުނެޔެއްނުން ހެއްޔެވެ؟ މާބޮޑަށް ދިރިއުޅުން މީހުނަށް ހިއްސާ ނުކުރާށެވެ. އެސްފީނާ އަކީ މާބިރުވެރި ވައިރަހެކެވެ. އަނިޔާ ލިބުނީ އަހަރެންނަށް ނަމަވެސް އެއަނިޔާ ލިބިގަތީ އަހަރެން އަމިއްލަ އަށް ނޫން ހެއްޔެވެ؟

“ސްނެޕްޗެޓް” ގައި “ސްޓްރީކް” ގެ ނަމުން ބައިތިއްބާފައި ތިބި މީހުންނަކީ ތިބާގެ ދިރިއުޅުން ހަލާކު ކުރުމަށް ތައްޔާރު ވަމުންދާ ބަޔަކަށްވެސް ވެދާނެޔެވެ. ނުވަތަ ފާރަލާ ބަޔަކަށްވެސް ވެދާނެއެވެ. “ސްޓްރީކް” ކުރެވެނީ ކޮން ބަޔަކަށް ކަން އެނގިގެން ކުރާށެވެ.

(ނިމުނީ)

Comments (2)

  1. Shaf_maan

    Maasha Allah
    This stry is also v nice
    Mi generation a mi stry vrh gulheyy
    When the first of Hithuge naaru thakugaa vx thibaa
    Tc.. Lysm Shiher 💜

    1. shihaamaa ali
      Shaf_maan

      jazaakallah khairan
      hehe yesyes ikk..
      in sha allah 29th ga 🙂
      lyttt

Comments are closed.