ކަތި ފިޔަވަޅު 8
އަހަރެންނަށް ހޭވެރިކަމެއް ލިބުނު އިރު އޮވެވުނީ ހަސްފަތާލުގައެވެ. ދެލޯ ހުޅުވާލައިފައި އަހަރެން ބުރަކަށި ސީދާ ކޮށްލީމެވެ. ދެން ފެނުނީ މަންމަގެ މިލައިފައިވާ މޫނެވެ. ބައްޕަ ބާރު ބާރަށް ހިނގައިފައި އައީ އަހަރެންނާއި ދިމާލަށެވެ. ވީގޮތް ނޭނގޭތީ އަހަރެން ހިތް ބިރުގަނެ ހާސްވިއެވެ.
“ހުރި ގޮތް ކުޑަ ކަން. އެ ފިރިހެނާ އާއި އެކު އެ ވައްތަރަށް ތެޅެން ކަލޭގެ ލަދު ކޮބާ؟ އަންހެނަކު މަރާލާފަ އަދި ރަށްމެދަށް ބަލިވެ އިނީ ތިޔަ މި ޢާއިލާގެ އަބުރު ކިތައް ގޮތުން ކަތިލަންތަ؟ މީގެ ފަހުން ލަމްޔާގެ ނަމުގައި އަހަރެންގެ ދަރިއެއް ނުހުންނާނެ.” ބައްޕަ އަހަރެންގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. ވީ ތަދުން އަހަރެންގެ ލޮލުން ކަރުނަ އައެވެ. އެހެނަސް ކުރާނެ ކަމެއް ނެތެވެ. މިހާރު މި އޮތީ ވަގުތު ފާއިތުވެފައެވެ.
މަންމަގެ ހިތްދަތި ނަޒަރުން އަހަރެންގެ ހިތް ކަތިލެވިގެން ދިޔަ ކަހަލައެވެ. އަހަރެންގެ ސަބަބުން އެ މަންމަ ދެރަވާނެ ވަރު ހިތަށް އަރާ އިސްޖަހާލެވުނެވެ. އެ މީހުންނާއި ހަތަރު ކަޅި ހަމަކޮށްލަން ވެސް ދަތިވެއްޖެއެވެ. “އަހަރެންނަށް މަޢާފުކުރޭ. އަހަރެން މި ކުށްތަކަށް އަދަބު ލިބިގަންނާނަން. ލޯބީގެ ކަނޑުގައި ބެހިގެން ގޮސް އަހަރެންނަށް އެތައް ފާފައެއް ކުރެވިއްޖެކަން ޤަބޫލުކުރަން.” މަޑުމަޑުން އަހަރެން ބުނެލީމެވެ.
ބައްޕަ އަހަރެންގެ މަންމަގެ އަތުގައި ހިފާ ނުކުމެގެން ދިޔައެވެ. އަހަރެން އެ ޕްރައިވެޓް ރޫމަށް އެކަނި ކޮށްލައިފައެވެ. އަހަރެންނަށް މޫނު މަތީގައި އަތް އަޅާލެވުނެވެ. ގިސްލަގިސްލައިފައި ރޯން ފެށުނީ ހިތް ކުދިކުދިވެފައިވާ ޙާލުގައެވެ. ބަނޑުގައި ފިރުމާލެވުނީ އެ ކުށެއް ނެތް ކުއްޖާ އަށް ވެވޭނެ ބޭއިންސާފަށް އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. އަހަރެން މި ކުއްޖާ އުފަން ކުރާނަމެވެ. އަދި ޙައްޤު އަދަބު ލިބިގަންނާނަމެވެ. ހަވާނަފްސުގެ އެދުންތަކަށް ތަބާވުމުގެ ހިތި ރަހަ އަރުތެރޭގައި ލައިފިއެވެ. ފާފަތަކަށް އަރައިގަތުމުގެ ހިތި ނަތީޖާ މިއަދު މި އޮތީ ފެންނާށެވެ. އަހަރެންގެ ހުރިހާ އެއްޗެއް ގެއްލި ދިޔައީ އެވެ. ދިރިއުޅުމުގައި އަމިއްލަ ދެއަތުން އަލިފާން ޖެހީ އަހަރެންގެ މޮޔަކަމުންނެވެ. ވިސްނާނުލާ އެޅި ކަތި ފިޔަވަޅުގެ ސަބަބުންނެވެ.
އަހަރެން އަނބުރާ ސެލް އަށް ގެންދިޔައީ އެރެއެވެ. މާދަން ކޯޓުގައި މައްސަލައިގެ އަޑުއެހުން އޮންނާނެއެވެ.
އަހަރެން ނިންމީ ކުރެވުނު ފާފަތަކަށް ތައުބާ ވުމަށެވެ. ސެލްގައި ޤިބްލައަށް ކުރިމަތިލައިގެން ހުރެ އަހަރެން އެތައް ދުވަހެއް ފަހުން އިޝާ ނަމާދުކޮށްލީމެވެ. ކުޑައިރު ދީނީ އަޅުކަންތައް އަދާކުރާނެ ގޮތް މަންމަ ކިޔައިދީ ހާނުވައިފައި ހުރިކަމަށް ހިތާހިތުން ޝުކުރު ކޮށްލެވުނެވެ.
ފާފަ ފުއްސެވުމަށް އެދި އެތައް ފަހަރަކު ދުޢާ ކޮށްފައި އަހަރެން ގޮސް ގޮދަނޑީގައި އޮށޯވެލީމެވެ. އެއާއި އެކުހެން އިވުނީ ޖިން ގޮވާލި އަޑެވެ. އަހަރެން އަޅައެއް ނުލަމެވެ. އިވޭ ކަމަށް ހަދާވެސް ނުލަމެވެ. އަހަރެން ހަލާކުގެ ތެރެއަށް ގެންގޮސް ދިން މީހަކީ އެއީއެވެ. ދެން އޭނާ ބުނާ އެއް ކަމެއް ވެސް ނުކުރާނަމެވެ.
“ކިހިނެއްތަ ވީ؟” ގޮވާ ވަރުން ބޮލަށް ނުހޮރުއްޕާން ވުމުން އަހަރެން ތެދުވެ ރުންކުރު ގޮތަކަށް ބުނެލީމެވެ.
“ލަމް ބޭބްސް. މާދަން ކުށަށް އެއްބަސްވާނެ ކަމެއް ނެތް. އޭ” އޭނާ ވާހަކަ ދައްކަން ފެށުމުން އަހަރެން އެކަން މަނާ ކުރީމެވެ. އޭނާ ލަމް ބޭބްސް އޭ ބުނުމުން މިފަހަރު ރުޅިއާދެވުނެވެ. “ޖިން އޫކް މައިތިރިވެގެން ހުރޭ. އަދިވެސް އަހަރެމެންނަށް އުޅެވުނު ގޮތް ރަނގަޅީތަ؟ އަހަރެން މާދަމާ އަހަރެން ކުރި ކޮންމެ ކުށަކަށް އެއްބަސް ވާނަން. އަހަރެންގެ ބަނޑުގައި މި އޮތް ތުއްތު ފުރާނައަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބޭނީ އޭރުން.” ނުރުހުމުގެ ރާގަކަށް އަހަރެން ބުނެލީމެވެ. އެއާއެކު ޖިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔޫ އާރ ޕްރެގްނެންޓް؟” ޖިންގެ ނިތްކުރީގައި ދާ ތިކިތިކި ބަބުޅަން ފަށައިފިއެވެ. “ކިހިނެއް ވީ؟ ޖިން ވިސްނާނުލަންތަ އަހަރެމެން އެ ވަރަށް އެ ގަނޑު ގަތް އިރު މި ކަހަލަ ކަމެއް ވެދާނެ ކަމަކަށް. ބަނޑަށް ދެ ހަފްތާ. އޭގެ މާނަ އަކީ ހޮޓެލުގައި އަހަރެންގެ އިއްފަތްތެރިކަން ކަލެއަށް ހަދިޔާކުރި ދުވަހޭ މިކަން މިވީ.” އަހަރެން އޭނާ އަށް ފުރަގަސް ދެމުން ގޮސް ހަރު ގޮދަނޑީގައި އޮށޯތީމެވެ.
ކޯޓުގެ މާލަމަށް ވަދެވުމާއި އަހަރެން އެކޮޅު މިކޮޅު ބަލައިލީ ގޯތި މީހަކު ފެނޭތޯއެވެ. އެއާއެކު އެންމެ ފަހަތު ބަރީގެ ގޮނޑީގައި އިށީނދެ އިން މަންމަ ފެނުނެވެ. އެތަނުގައި ރީޝާ ވެސް އިނެވެ. ވަގުތުން އެހެން ފަރާތަކަށް ނަޒަރު ބަދަލުކޮށްލީމެވެ. އެމީހުންނާއި ކުރިމަތިލާން ނުކެރޭތީ ގަތް ލަދުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






