ހިތް އެދޭ މަންޒިލަކީ… 17
ލިވްޔާގެ ޚިޔާލުތަކުގައި އޮޔާ ބެހެމުން ދިޔަ ރައިހާންއަށް ލޯހުޅުވައިލެވުނީ ކުރިމަތީގައި ހުރި ކޮމްޕިޔުޓަރަށް މެއިލް ނޮޓިފިކޭޝަނެއް އައި އަޑަށެވެ. ލަސްލަހުން ބޯ ހިއްލައިލުމަށް ފަހު ރައިހާން ކޮމްޕިޔުޓަރަށް ނަޒަރު ހުއްޓައިލިއެވެ. މެއިލް ފޮނުވާފައި އިނީ ލިވްޔާކަން އެނގުމާއި އެކު ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ހައިރާންކަމަކާއި އުފާވެރިކަމަކުންނެވެ. އަވަސް ޙަރަކާތްތަކާ އެކުގައި މައުސްއާއި ކީބޯޑުގައި އޭނާގެ އިނގިލިތައް ޙަރަކާތްކުރަން ފެށި އިރު ރައިހާން އެ އީމެއިލް ހުޅުވައިލިއެވެ. އެހެނަސް އެ މެއިލްގެ ފުރަތަމަ ޖުމުލަ ކިޔައިލެވުނު އިރަށް އެ ރީތި މޫނުމަތީގައިވީ ހިތްގައިމު ހިނިތުންވުން ފަނޑުވެއްޖެއެވެ. ނިތަށް ރޫޖެހި، މައުސްގައި ހިފަހައްޓައިލެވިފައިވީ އަތަށް ބާރުކޮށްލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
ލިވްޔާ ހުރީ އޭނާ ދެކެ ވަރަށް ރުޅިއައިސް، ހިތްހަމަނުޖެހިފައިކަން އޭނާއަށް އެނގެއެވެ. އެހެނަސް އެ ރުޅީގައި ކޮމްޕެނީން ވެސް ލިވްޔާ ވަކިވެދާނެ ކަމަކަށް ރައިހާން ހިޔެއް ނުކުރެއެވެ. ލިވްޔާ ހަމަ އެހައި ވަރަށް އޭނާއަށް ނަފްރަތު ކުރަނީ ހެއްޔެވެ؟ އޭނާގެ ސޫރަ ވެސް ދެކެން ބޭނުން ނުވާ ވަރަށް އޭނާ ދެކެ ރުޅި އަންނަނީ ހެއްޔެވެ؟
އިރުކޮޅަކު އެ އިން ގޮތަށް އިނުމަށް ފަހު ދެން ފެނުނީ އެ ރޭގަނޑެއް ފަދަ އަނދިރި ކަޅީގެ ތެރެއިން ވިދުވަރެއް ފެނިލި ތަނެވެ. ދެތިން ސިކުންތުގެ ތެރޭގައި ފެންކަޅިވެފައިވީ ދެލޮލުގެ ތެރޭގައިވީ ކަރުނައިގެ އަސަރު ކޯތާފަތް މަތިން ފާޅުވާން ފެށިއެވެ. ބުނަން ބޭނުންވީ އެތައް ބަސްތަކެއް އަރުތެރޭގައި ތާށިވެފައިވީހެން ހީވެ ރައިހާން ނިކަން އުުނދަގުލުން ހިންދިރުވައިލިއެވެ. ލޯމަތީގައި އޮތް ނަމްބަރު އައިނު ނެގުމަށް ފަހު މޭޒުމަތީގައި އައިނު ބާއްވައިލަމުން ރައިހާން ފުން ނޭވާއެއް ދޫކޮށްލީ މިވަރަށް އޭނާއަށް އަސަރު ކޮށްގެން ނުވާނޭކަން އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ.
ހިތާމައިގެ ކަނޑުގައި އިހުސާސްތައް ބެހިގެން ދާހެން ހީވި ކުޑަކުޑަ ވަގުތުކޮޅަކަށް ފަހު ރައިހާންއަށް ހަމަބިމަށް އާދެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކިޖެހި އަޑަށެވެ. ދެތިން ފުން ނޭވާ ދޫކޮށްލުމަށް ފަހު ރައިހާން ވަންނާށޭ ބުނެލި އިރު އެ މޫނުމަތީގައި ދެންމެ ކުރެހިފައިވީ އިހުސާސްތަކުގެ ކަންފުޅެއް ވެސް ނުވެއެވެ.
“ރެން..” އެތެރެއަށް ވަދެގެން އައި ޒާމިން ރައިހާންއަށް ގޮވައިލަމުން، ރައިހާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
“ނާއިމްގެ މައްޗަށް ހުކުމް ކުރާނެ މިއަދު.. ހާސްނުވޭ.. އޭނަ އަމިއްލައަށް ކުށަށް އިއުތިރާފު ވެސް ވެއްޖެ.. އެކަމަކު އޭނަ ހައްޔަރު ކުރުމުގެ ކުރިން ލިވްޔާގެ ހެކިބަސް ބޭނުންވާނެ..” ޒާމިން ބުނެލުމުން ރައިހާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އޯކޭ.. އަހަރެން ބަލާނަން.. އެކަމަކު ހަނދާން ކުރާތި.. ލިވްޔާ ކޮމްފޮޓެބްލް ނޫނިއްޔާ އޭނަގެ އަނގައިން އެންމެ ލަފްޒެއް ބޭރު ކުރަން ވެސް އުޅެގެން ނުވާނެ.. އޭނައަށް އަދިވެސް އުނދަގޫވޭ އެރޭގެ ވާހަކަ ދައްކަން.. އޭނަ ކުރަން ބޭނުން ނުވާ ކަމެއް އޭނަ ލައްވާ ކުރަން އުޅެގެން ނުވާނެ..” ރައިހާންގެ އަޑުގައިވީ ސާބިތުކަމެވެ.
“ތީ އަހަރެންގެ އަތްމަތީގަ އޮތް ކަމެއް ނޫން.. ފުލުހުން ބޭނުންވާނެ ގޮތަކަށް ތިކަން ކުރިޔަށް ގެންދަން ޖެހޭނީ..” ޒާމިން އެހެން ބުނި އިރުވެސް އެގޮތާ ރައިހާން އެއްބަސް ނުވާނެކަން އޭނައަށް އެނގެއެވެ.
“އަހަންނަށް ހެޔޮ! ލިވްޔާގެ ފަރާތުން ހެކިބަސް ލިބުނަސް ނުލިބުނަސް އޭނަ ހައްޔަރު ކުރަން ޖެހޭނެ! އަހަރެން އެކަން ޔަގީން ކުރާނަން!” ރައިހާން އޭނާގެ ފަހުގެ ނިންމުން އިއްވައިލުމާއި އެކު ޒާމިން ފުން ނޭވާއެއް ދޫކޮށްލާފައި ދެފަރާތަށް ބޯހޫރުވައިލިއެވެ.
“ރެން.. މި ލިވްޔާ.. އެއީ ރެންއަށް ކިހައި ޚާއްސަ ކުއްޖެއްތަ..؟” އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ޒާމިން ކުރިމަތިކުރުވި ސުވާލުން ރައިހާންގެ ގައިން ހީބިހި ނަގައިލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ރައިހާންއަށް އިރުކޮޅަކު އިނދެވުނެވެ.
“ރެން ވާހަކަ ދައްކާ ގޮތުން އެނގޭ އެއީ ރެންއަށް ވަރަށް ޚާއްސަ ކުއްޖެއްކަން.. އެދުވަހު ރެން އުޅުނީ ނާއިމް މަރައިލަން ވިއްޔަ.. އަންހެން ކުއްޖަކަށް ޓަކައި މީހެއްހެ ފުރާނަ ނަގައިލަން ވެސް ފަސްނުޖެހޭނީ އެކުއްޖަކީ ވަރަށް ޚާއްސަ ކުއްޖަކަށް ވީމަ ދޯ..؟” ޒާމިންގެ ސުވާލުން ރައިހާންއަށް ދެލޯ މަރައިލެވުނީ ދެން ޒާމިންގެ ސުވާލުތަކުން ސަލާމަތް ނުވެވޭނެކަން އެނގޭތީއެވެ.
ޒާމިންއަކީ ޔާނިއުއަށް ފަހު ދެން ރައިހާންގެ ހުރިހައި ކަމެއް އެނގޭ ހަމައެކަނި ފަރާތެވެ. ދެމީހުން އެންމެ ފުރަތަމަ ދިމާވީ ގުރޭޑު ފަހެއްގައެވެ. އޭރުއްސުރެ އެދެމެދުގައި އުފެދުނު އެކުވެރިކަމުގެ ވަރުގަދަ ގުޅުން އަދިވެސް ދަނީ ކުރިޔަށެވެ. ޒާމިން ކިޔެވި ދާއިރާގެ ގޮތުން ރައިހާންގެ އެފަދަ ކަންކަމުގައި ނުހަނު ފަސޭހައިން އެހީތެރިވެވޭތީ ރައިހާން އަބަދުވެސް އެކަހަލަ ކަންކަމުގައި އެހީއަށް އެދިގެން ދާނީ ޒާމިންގެ ގާތަށެވެ.
“ރެން ޖަވާބު ނުދިނަސް އަހަންނަށް މިހާރު އެ ސުވާލުގެ ޖަވާބު ލިބިއްޖެ.. ރެން ލިވްޔާ ދެކެ ލޯބިވޭ ދޯ..؟” ޒާމިން އެހައި ސީދާކޮށް އެ ސުވާލު އެހުމުން ރައިހާން ޒާމިންއަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ބުނެބަލަ.. ލޯބިވޭ ދޯ..؟” ޒާމިން އަނެއްކައި ވެސް އަހައިލުމުން ރައިހާން ލަސްލަހުން ބޯޖަހައިލިއެވެ. އެއީ އެހެން މީހަކު ކުރިމަތީގައި ލިވްޔާ ދެކެ ލޯބިވާ ކަމަށް ރައިހާން އިޢުތިރާފުވީ ފުރަތަމަ ފަހަރެވެ.
ރައިހާން ބޯޖަހައިލުމާއެކު ޒާމިން ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލީ އެކުވެރިޔާއަށް ޓަކައި ހަގީގަތުގައި ވެސް އުފާވެފައެވެ. ނިމްޝާ ދިޔުމުން ރައިހާން ދެރަވެގެން އުޅުނު ހާލު އެންމެ ކައިރިން ދުށް އެކަކަށް އޭނާ ވާނެއެވެ. ތަކުރާރުކޮށް ރައިހާން ގާތު ނިމްޝާ މަތިން ހަނދާން ނައްތައިލާފައި ދިރިއުޅުމައިގެން ކުރިޔަށް ދާން ނަސޭހަތްތެރިވީ ނަމަވެސް އެކަމަށް ރައިހާންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް މިވީހައި ތަނަށް ވެސް ލިބިފަކައި ނުވެއެވެ. އެހެންކަމުން ރައިހާންގެ އިހުސާސްތައް ބަދަލުކޮށްލައި، އެ ހިލަ ހިތް ފަތަޙަ ކުރެވޭ ވަރުގެ ކުޅަދާނަ އަންހެން ކުއްޖަކު ރައިހާންގެ ޙަޔާތަށް އައީތީ ޒާމިން ހިތުގެ އަޑިން އުފާކުރިއެވެ.
“ކޮން އިރަކުންތަ ދެން އަހަންނާ މީޓް ކޮށްދޭނީ..؟” ނިކަން ގަޔާވެ އިނދެފައި ޒާމިން ކޮށްލި ސުވާލުން ރައިހާންގެ މޫނުމަތިން އަނެއްކައި ވެސް ހިތާމަވެރިކަން ފާޅުވިއެވެ.
“މީޓް ކޮށްދެވޭނީ އަދި މިކަން ވެގެންނު.. ނުވެގެންނޭ މި އުޅެނީ..” ރައިހާންގެ ވާހަކައިން ޒާމިންގެ ހިނިތުންވުން ފޭދިގެން ދިޔަ އިރު އެކުވެރިޔާއަށް ޓަކައި ދެރަވީކަން އެނގެއެވެ.
“ހާސްކަނޑާލާ.. އަދި ވާނޭ.. އެހައި ފަސޭހައިން ދޫކޮށްނުލައްޗޭ.. ލޯބިވަންޏާ އުޅެގެން ތިކަން ވާނީ..” ރައިހާންގެ ކޮނޑުގައި ޖަހައިލަމުން ޒާމިން ހިތްވަރުދިނީ ރައިހާންއާ އެކުގައި ތިމަންނަ އެބަހުރީމޭ ބުނާ ފަދައަކުންނެވެ. ޒާމިންގެ އެ ބަސްތަކުން ރައިހާން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލި އިރު އެ ހިތާއި ސިކުނޑީގައި ލިވްޔާގެ ޚިޔާލުތައް ބިންވަޅުނެގިފައި ވިއެވެ.
އިރުކޮޅަކު ވާހަކަ ދައްކަން އިނދެފައި ޒާމިން ދިޔުމުން ރައިހާން ފޯނުން ލިވްޔާއަށް ގުޅައިލީ މިއަދު ހަވީރު ފުލުހުން އޭނާގެ ހެކިބަސް ނަގަން އަންނާނެ ވާހަކަ ބުނާށެވެ. ކިރިޔާ ވެސް އެގޮތާ ލިވްޔާ ނުރުހޭ ނަމަ އެގޮތަށް ކަންތައް ވިޔަ ނުދޭނެކަމުގެ ޔަގީންކަން ލިވްޔާއަށް ދޭށެވެ. އެހެންނަމަވެސް ލިވްޔާ ފޯނު ނުނެގުމުން ރައިހާން ހިސާބަކަށް މާޔޫސްވި ނަމަވެސް އެ އިހުސާސްތައް ކުޅަދާނަކަމާ އެކީ ފޮރުވައިލަމުން ދެން ގުޅައިލީ ރީނާއަށެވެ. ލިވްޔާ ގާތު އެ ވާހަކަ ބުނެދިނުމަށް އެދިފައި ކަން ވާންވީ ގޮތުގެ އިރުޝާދު ރީނާއަށް ދީފައި ރައިހާން ފޯނު ކަނޑައިލިއެވެ.
*** ** ***
އެދުވަހު ހަވީރު ރައިހާން ގެއަށް ދިޔަ އިރު ގޭ ކުރިމަތީގައި ޒާމިންގެ އިތުރުން ދެ އަންހެން ފުލުހުން ތިއްބެވެ. ރައިހާން އައުމާއި އެކު އެ ތިން މީހުން ރައިހާންގެ ފަހަތުން ގެއަށް ވަން ނަމަވެސް ރައިހާން ހުރީ ލިވްޔާއަށް ކިރިޔާ ވެސް އުނދަގުލެއް ދިމާވެއްޖެ ނަމަ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅަން ވެސް ތައްޔާރަށެވެ.
ރައިހާން ގެއަށް ވަން އިރު ސިޓިންރޫމުގަިއ ރީނާއާއި ޒީނާއާއި އައިސާމަނިކެގެ އިތުރުން ލިވްޔާ ވެސް އިނެވެ. ސޯފާގައި އިށީނދެލައިގެން އިން އިރު ލިވްޔާ ދެއަތްދެއަތާ މޮޑެމުން ދިޔަ ގޮތުން ލިވްޔާ އިނީ ހާސްވެފައިކަން ރައިހާންއަށް ދޭހަވިއެވެ. އެހެންނަމަވެސް ނާއިމް ހައްޔަރު ކުރުމަށް ލިވްޔާގެ ހެކިބަސް ކޮންމެހެން ވެސް ބޭނުން ވާތީ މިކަމުން ފަސް ޖެހެވެން ނެތް ކަން ޚުދު ރައިހާންއަށް ވެސް އެނގެއެވެ.
“ލިވްޔާ ދެއްތޯ..؟” ލިވްޔާގެ ކުރިމަތީގައި ހުއްޓިލާފައި އެތަނުން ފުލުހަކު އަހަައިލުމުން ލިވްޔާ ލަސްލަހުން ބޯޖަހައިލިއެވެ.
“އަޅުގަނޑުމެން ބޭނުން ވަނީ ލިވްޔާއާ ވަކިން ވާހަކަ ދައްކައިލަން..” އެތަނުގައި އެވަގުތު މީހުން ތިބުމުން ފުލުސް އޮފިސަރު ބުނެލިއެވެ. އެެއާއެކު ރައިހާން ނޫން އެހެން އެންމެން އެކަކު އަނެކަކަށް ބަލައިލުމަށް ފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ.
“ލިވްޔާއާ އެކަނި ވާހަކަ ދައްކައިލަން އަޅުގަނޑުމެން ބޭނުން ވަނީ..” އަދިވެސް ރައިހާން އެ ފިޔަވަޅު މަތީގައި ހުރުމުން ފުލުސް އޮފިސަރު ތަކުރާރުކޮށްލިއެވެ.
“އަހަރެން ހުރެގެން ނުދެއްކޭ ވާހަކައެއް ވިއްޔާ ލިވްޔާ ގާތު ނުދައްކާ.. ލިވްޔާ އެކަނި ބަހައްޓާފަ އަހަރެން ނުދާނަން!” ރައިހާންގެ އަޑުގައިވީ އަމުރުވެރިކަމުން ފުލުސް އޮފިސަރު ވެސް ޖެހިލުންވާ ގޮތް ވިއެވެ. ރައިހާން ފަދަ ބާރުވެރި ފަރާތެއްގެ މައްޗަށް ބަސް ކިޔުމަކީ ބުއްދިވެރި ގޮތެއް ނޫން ކަން ވިސްނޭތީ ފުލުސް އޮފިސަރު ނިންމީ ރައިހާން ބޭނުންވާ ގޮތަކަށް ކަންތައް ކުރުމަށެވެ.
“ލިވްޔާ.. އަޅުގަނޑުމެން ފުލުހުންގެ ފަރާތުން އިނގޭތޯ.. ލިވްޔާ ރޭޕްކޮށްލަން މަސައްކަތް ކުރުމާ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކޭސްއާ ގުޅިގެން ހައްޔަރު ކުރެވުނު މުހައްމަދު ނާއިމްގެ ކޭސްގަ ލިވްޔާގެ ހެކިބަސް ބޭނުން ވާތީ.. ފުރަތަމަ ކަމަކަށް އާރ ޔޫ ކޮމްފޮޓެބްލް ވިތް ދިސް..؟ އެންމެ ރަނގަޅުތޯ އަޅުގަނޑުމެން އެރެއާ ގުޅިގެން ސުވާލު ކުރިޔަސް..؟” ފުލުސް އޮފިސަރުގެ ބަހަށް ލިވްޔާ ހާސްވެ އިނދެފައި ވެސް ބޯޖަހައިލީ ސާބިތުކަމާ އެކީއެވެ. އޭނާގެ އިއްފަތެރިކަން ނަގައިލަން އުޅުނު ރަހުމެއް ނެތް ފިރިހެނާއަށް ހައްގު އަދަބު ދޭން ލިވްޔާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.
ލިވްޔާގެ ސާބިތުކަން ފެނިފައި ރައިހާންގެ މޫނުމަތިން ފެނިލީ ފަޚުރުވެރި ހިނިތުންވުމެކެވެ. އޭނާގެ ލިވްޔާ ހާދަހައި ހިތްވަރުގަދައޭ އެ ހިތަށް އެރުމާއި އެކު އިންތިހާއަށް ލިވްޔާއާ މެދުގައި ފަޚުރުވެރި ވެވުނެވެ. އޭނާއަށް ލޯބި ވެވުނީ ހަމަ އެންމެ އެކަށީގެންވާ ކުއްޖާ ދެކެއޭ ހިތަށް އަރާފައި އެ ތުންފަތް މަތީގައިވީ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
ފުލުސް އޮފިސަރު ކުރަމުން ދިޔަ ކޮންމެ ސުވާލަކަށް ވެސް ލިވްޔާ ތެދަށް ޖަވާބު ދެމުން ދިޔައީ އަކުރެއް ފިއްޔެއް ވައްޓައިނުލައެވެ. ބައެއް ވާހަކަތައް ކިޔައިދޭން އުނދަގޫވީ ނަމަވެސް ހިތްވަރުކޮށްލާފައި ލިވްޔާ ކުރިޔަށް ގެންދިޔައީ ކުށްވެރިޔާއަށް ހައްގު އަދަބު ދީ، އަމިއްލަ ނަފްސަށް އިންސާފު ހޯދައިދިނުމުގެ ހަރު ޢަޒުމުގައެވެ.
“އޯކޭ.. ދެޓްސް އިޓް.. ދެއްވި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..” ލިވްޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެ ފުލުސް އޮފިސަރު ތެދުވެގެން ގޮސް ދެން ހުރި ފުލުސް އޮފިސަރު ގާތުގައި ހުއްޓިލިއެވެ. ދެމީހުން ވާހަަތަކެއް ދައްކާފައި އިރުކޮޅަކުން ރައިހާންއަށް ވެސް ޝުކުރު އަދާކޮށްލާފައި އެ ގެއިން ނުކުމެގެން ދިޔައެވެ.
ސިޓިންރޫމުގައި އެދެމީހުން އެކަނި ވުމުން ރައިހާން އާއި ލިވްޔާގެ ނަޒަރު ހިނދުކޮޅަކަށް ބައްދަލުވެގެން ދިޔައެވެ. އިރުކޮޅެއް ވާން ދެން ދެމީހުން އެ ތިބި ގޮތަށް ތިބުމަށް ފަހު ލިވްޔާ ތެދުވެގެން ހިނގައިގަތީ އެތަނުން ދާށެވެ.
“ލިވްޔާ.. މަޑުކޮށްބަލަ!” ލިވްޔާ ދާން ފެށުމުން ރައިހާން އާދޭހުގެ ރާގަކަށް ގޮވައިލިއެވެ. އެ އަޑުގައިވީ އަސަރަކުން ލިވްޔާގެ ދެފައިގައި ވަގުތުން ކަސްތޮޅު އެޅުވިގެން ދިޔަހެން ހީވެ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ.
“ލިވްޔާ.. ކޮމްޕެނީއިން ކެނޑެނީތަ..؟” ލިވްޔާއާ ކައިރިޔަށް އެއް ފިޔަވަޅު އަޅައިލަމުން ރައިހާން އަހައިލި އިރު އެ އަޑު ވަނީ ކުރެހިފައެވެ.
“އީމެއިލްގަ އޮންނާނެ ކެނޑޭ ވާހަކައާ ކެނޑޭ ސަބަބު ވެސް ރީތިކޮށް ބުނެފަ..” ލިވްޔާގެ ޖަވާބުގައިވީ ދުރުކަމުން އަނެއްކައި ވެސް ރައިހާންގެ ހިތަށް ތަދުވިއެވެ.
“ލިވްޔާ ޕްލީޒް.. ތިހެން ނުހަދާ.. އަހަންނާ ހަދައި ތިހާ ވަރުގެ ކަންކަން ނުކުރޭ.. އަހަރެން ދެކެ ރުޅި އަޔަސް ކޮމްޕެނީއިން ކެނޑުން އެއީ ހަދަން ވާނެ ގޮތެއް ނޫނެއްނު..” ރައިހާން ބުނެލި ވާހަކައިން ލިވްޔާ ފަހަތަށް އެނބުރިފައި ރައިހާންއަށް ބަލައިލިއެވެ.
“ކުރިން ވެސް ބުނީމެއްނު އަހަރެން ކޮމްޕެނީއިން ކެނޑޭނަމޭ..” އެއްވެސް އަސަރެއް ނެތް ފަދައިން ލިވްޔާ ބުނެލުމާއެކު ރައިހާންގެ ހިތަށް އިތުރަށް ތަދުވިއެވެ.
“އަހަންނާ ހަދާ ތަ ކެނޑެން ތި އުޅެނީ..؟” އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ރައިހާން އަހައިލުމުން ލިވްޔާ ފުން ދޭވާއެއް ދޫކޮށްލާފައި ހަށަންބަނދެލިއެވެ.
“ސުވާލުގެ ޖަވާބު އެނގޭ އިރު ވެސް ސުވާލު ކުރާނީ މޮޔައިން..” ލިވްޔާގެ ޖަވާބުން މިފަހަރު ވެސް ރައިހާން އިތުރަށް ދެރަވުން ނޫން ކަމެއް ނުވިއެވެ.
“ލިވްޔާ ޕްލީޒް.. ތިހެން.. ތިހެން ނުހަދާ..” ކުރަކިވެފައިވީ އަޑުން ރައިހާންއަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ.
“އަހަންނަކަށް ނޭނގެ މިހާރަކަށް އައިސް ރައިހާންއަށް ތި ވެގެން އުޅޭ ގޮތެއް.. އަހަރެން ހީކުރީ އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދައިލެވުނީމަ ދެން ރައިހާންގެ އުނދަގޫ ކެނޑޭނެ ކަމަށް.. އެކަން ވެއްޖެއެއްނު..؟ ނޫނީ އަދިވެސް ނުފުދޭތީތަ ތި އުޅެނީ..؟ އެހެންވީރު ބުނަންނަތަ ވާހަކައެއް..؟ ޔޫވް ޑަން އިނަފް.. ދެން ހުއްޓައިލާ ޕްލީޒް.. އިތުރު ވޭނަކަށް ކެތް ކުރާނެހައި ހިތްވަރެއް އަހަރެންގެ ނެތް..” ލިވްޔާ ބުނަމުން ދިޔަ ކޮންމެ ވާހަކައެއް ރުވާފައި ދިޔަ ތީރެއްހެން ހެރެމުން ދިޔައީ ސީދާ ރައިހާންގެ ހިތަށެވެ.
“ނޫން.. ނޫން ލިވްޔާ.. ތިހެން ނުބުނޭ… ޕްލީޒް.. އަހަރެން.. އަހަރެން އޭރު އެހެން ބުންޏަސް މިހާރު-” ދޫމަތީގައި އޮތް ބަސް ދެތުންފަތް ފޫއަޅުވައިލާފައި ނުކުތުމުގެ ކުރިން ހުއްޓައިލަން ރައިހާންއަށް ޖެހުނީ ލިވްޔާ އަތުގެ އިޝާރާތުން މަޑުކޮށްލަން އެންގުމުންނެވެ.
“ޖަސްޓް ލެޓް މީ ބީ.. ޕްލީޒް..” އެހެން ބުނުމަށް ފަހު ލިވްޔާ އަނެއްކައި ވެސް ރައިހާންއަށް ފުރަގަސްދިނުމާ އެކީ ރައިހާންގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލިވްޔާގެ އަތުގައި ހިފަހައްޓާފައި އޭނާއާ ދިމާއަށް އަނބުރައިލި އިރު އެ ހިތް ދިޔައީ ލިވްޔާ ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގައި އިންތިހާއަށް ތެޅެމުންނެވެ.
“ދޫކުރޭ!” ރައިހާންގެ އަތުތެރެއިން އޭނާގެ އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ލިވްޔާ ބުނަމުން ދިޔައެވެ. އެހެންނަމަވެސް އާދޭހުން ފުރިގެންވީ ނަޒަރަކުން ލިވްޔާގެ މޫނަށް ބަލަހައްޓައިގެން ހުރި ރައިހާންގެ އަތް ކުޑަކޮށް ވެސް ދުލެއް ނުވިއެވެ.
“ޕްލީޒް ލިވްޔާ.. ތިހެން ނުހަދާ.. އަހަރެން.. އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީބަލަ.. އޭރުން އަހަންނަށް އެގޮތަށް ކަންތައް ކުރެވުނަސް މިހާރު ހުރިހައި ކަމެއް ބަދަލުވެއްޖޭ..” ސީދާ ލިވްޔާގެ ދެލޮލަށް ބަލައިލަމުން ރައިހާން ބުނެލުމާއި އެކު ރައިހާންގެ އަތުތެރެއިން މިނިވަންވުމަށް ގަދަ ހަދަމުން ދިޔަ ލިވްޔާގެ ޙަރަކާތްތައް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.
“ތި އުޅެނީ އެރޭ ކަންތައްވީ ގޮތުން ނޫނީ ކުރިން ކަންތައް ކުރެވުނު ގޮތުން އަހަންނާ މެެދު ހަމްދަރުދީ ވެގެން ކަމަށް ވަންޏާ-” އަނގައިގައި އޮތް ބަސް ލިިވްޔާއަށް ބުނެވުމުގެ ކުރިން ރައިހާން އޭނާގެ މިނިވަންކޮށް އޮތް އަތް ލިވްޔާގެ އަނގަމަތީގައި އެޅިއެވެ.
“އަހަރެން މިއުޅެނީ ލިވްޔާއާ ދޭތެރޭ ހަމްދަރުދީ ވެގެންނެއް ނޫނޭ! ޑޭމިޓް! ކީއްވެތަ ލިވްޔާ ތިހައި ބޯހަރީ..؟ ކީއްވެތަ އަހަރެން ބުނަން މި އުޅޭ އެއްޗެއް ނުވިސްނިގެން ތި އުޅެނީ..؟ އަހަރެން ވިސްނައިދޭން އުޅޭ އިރަށް ކޮންމެ ފަހަރަކު ދުރަށް ދަނީ..؟ އައި ލަވް ޔޫ ޑޭމިޓް! ލިވްޔާއާ ނުލައި ނޫޅެވޭ ވަރަށް ލިވްޔާ ދެކެ ލޯބިވެވިގެންނޭ މަށަށް މި އުޅެނީ!” ދެއަތުން ލިވްޔާގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން ރައިހާން އެންމެ ފަހުން އެ ހިތުގައިވީ ބަސްތައް ދުލާ ހަމައަށް ގެނައީ ޚުދު އޭނާގެ ވެސް އިޚްތިޔާރުން ބޭރުގައެވެ.
ރައިހާންގެ ކުއްލި ބަސްތަކުން ލިބުނު ސިހުމުގައި ލިވްޔާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު މުޅި ހަށިގަނޑު އެކީ ގަނޑުފެންކޮޅެއްހައި ފިނިވެ، ހަރުދަނޑިވެގެން ދިޔައެވެ. ބޮޑުކޮށްލެވިފައިވީ ދެލޮލުން ރައިހާންގެ ރޭގަނޑެއް ފަދަ ކަޅުކަން ގަދަ އަނދިރި ދެލޮލަށް ލިވްޔާ ބަލަމުން ގެންދިޔައީ އެ ފުން ދެލޮލުން އެ ބުނި ލަފްޒުތަކުގެ ދޮގުކަން އެނގޭ ފަދަ ކުޑަ ނަމަވެސް އިހުސާސެއް ފެނިލާތޯއެވެ. އެހެނަނަމަވެސް އެ ދެލޮލުން ލިވްޔާއަށް ފެނުނީ ރައިހާން އެ ބުނި ލަފްޒުތަކުގެ ތެދުވެރިކަމާއި ސީދާކަމެވެ. އޭނާއަށް ޓަކައި އެ ހިތުގައިވާ ނިމުމެއް ނެތް ލޯތްބާއި އޯގާތެރިކަމެވެ.
“ޕްލީޒް.. ގަބޫލު ކުރޭ.. އަހަރެން އަސްލު ވެސް ވަރަށް ލޯބިވޭ.. ވަރަށް ލޯބިވާތީ ލޯބިވެޔޭ މިބުނީ.. އަހަންނަށް އެނގޭ މިހެން ބުނީމަ ގަބޫލު ކުރަން އުނދަގޫވާނެ ކަން ވެސް.. އެކަމަކު ވެސް އަހަރެން މި ހަދަނީ ދޮގެއް ނޫން.. ލިވްޔާ ދެކެ އަހަންނަށް އަސްލު ވެސް ލޯބިވެވިއްޖެ.. ކިތަންމެ ދުވަހެއް މިކަމާ ދެކޮޅު ހަދަން މަސައްކަތް ކުރާތާ.. އެކަމަކު ދެން ނުވާނެ.. ލިވްޔާ ޕްލީޒް.. އަހަންނަށް އަދި ހަމަ އެންމެ ފުރުސަތެއް ދީ.. އަހަރެން އަސްލުވެސް ވަރަށް ލޯބިވޭ..” ލިވްޔާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ރައިހާން ބުނެލި އިރު އެ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައީ ރައިހާން ބުނަމުން ދިޔަ ކޮންމެ ލަފްޒެއްގެ ތެދުވެރިކަން ސާބިތުކޮށްދެމުންނެވެ.
“އަހަންނަށް އެނގޭ ކުރިން ލިވްޔާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް ކަން.. ބުނަން ނުވާ ވަރުގެ ބައިވަރު އެއްޗެހި ބުނެވުނުކަން ވެސް.. އެކަމަކު އަހަރެން މި އެދެނީ ހަމަ އެންމެ ފުރުސަތަކަށް.. ޕްލީޒް.. އަދި ހަމަ އެންމެ ފުރުސަތެއް ދީ.. އެ ހުރިހައި ކަމެއް މަތިން ހަނދާން ނެތޭ ވަރަށް އަހަރެން ލިވްޔާއަށް ލޯބި ދޭނަން..” އަތުގެ ބޮޑުވާ އިނގިލިން ލިވްޔާގެ ކޯތާފަތުގައި ފިރުމައިލަމުން ރައިހާން ވާހަކަ ދެއްކި އިރު އެ ލޯތެރޭގައި ގައިދުވެފައިވީ ކަރުނަތައް އެސްފިޔަ ފޫދުއްވައިލާފައި ކޯތާފަތް މައްޗަށް މިނިވަންވެގަނެފިއެވެ.
“ރައިހާން.. އަހަރެން.. ކި.. ކިހިނެއް…؟” އިވުނު ކުއްލި ޚަބަރުން ލިބުނު ސިހުމުގައި ލިވްޔާއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ރައިހާންގެ ހިތް އޭނާގެ މައްޗަށް ލެބުމަކީ މި ދުނިޔެމަތީގައި ވާނޭ ކަމަށް އޭނާއަށް ހީކުރެވިފައި ވެސް އޮތް ކަމެއް ނޫނެވެ. ކަންތައްތައް ބަދަލުވެގެން ދިޔަ ގޮތުން ލިވްޔާއަށް ވެސް ހުރެވުނީ ބުނާނެ ބަހެއް، ކުރާނެ ކަމެއް ނޭނގިފައެވެ.
“ޕްލީޒް.. ކޮންމެސް އެއްޗެކޭ ބުނެބަލަ..” އަނެއްކާވެސް އަތުގެ ބޮޑުވާ އިނގިލިން ލިވްޔާގެ ކޯތާފަތުގައި ފިރުމައިލަމުން ރައިހާން އެދުނީ އާދޭހުގެ ރާގަކަށެވެ. ލިވްޔާގެ އެ ހަމަހިމޭންކަމުން އޭނާގެ ހިތަށް ނިހާޔަތަށް އުނދަގޫކުރަމުން ދިޔައީ އެ ހިތްގައިމު ހިނިތުންވުމާއި ބަސްގިނަ މިޒާޖު އަލުން ދެކިލުމަށް އެދި ކެތްމަދުވެފައިވާ ޙާލުގައެވެ.
“އަހަރެން.. އަހަންކަށް ނޭނގެ.. ބުނާނެ އެއްޗެއް… ގަބޫލު ކުރަން ވެސް އުނދަގޫ…” ލިވްޔާގެ ބަސްތަކުން ރައިހާން ހައިރާނެއް ނުވެއެވެ. ކުރީގައި ކަންތައް ވެފައި އޮތް ގޮތުން ލިވްޔާއަށް އޭނާ ބުނާ ވާހަކަތައް ގަބޫލު ކުރަން އުނދަގޫވާނެކަން ރައިހާންއަށް އެނގެއެވެ. އެހެނަސް އޭނާ ހުރީ އެ ހިތުގައި ލިވްޔާއަށް ޓަކައި ވާ ލޯބީގެ ތެދުވެރިކަން ސާބިތުކޮށްދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށެވެ.
“އަހަންނަށް އެނގޭ ކުއްލިއަކަށް އަހަރެން މިހެން ބުނީމަ ލިވްޔާއަށް ގަބޫލު ކުރަން އުދަގޫވާނެކަން.. ލިވްޔާ ބޭނުން ވަރަކަށް މިކަން ޕްރޮސެސް ކުރަން ވަގުތު ނަގަންވީ.. އެކަމަކު ހަނދާން ކުރައްޗޭ.. އަހަރެން މި ހަދަނީ ދޮގެއް ނޫން.. ލިވްޔާގެ ފަރާތުން އަހަރެން ބޭނުން ނުވާ ޖަވާބެއް ލިބިއްޖެއްޔާ އަހަރެން މޮޔަވެދާނެ..” ރައިހާން އުޅެމުން ދިޔަ ގޮތުން ހީވަނީ ލޯބީގައި ދީވާނާވެފައިވީ މީހެއް ހެންނެވެ.
އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ލިވްޔާ ލަސްލަހުން ބޯޖަހައިލާފައި ރައިހާންއާ ދުރަށް ފިޔަވަޅެއް އަޅައިލިއެވެ. އިރުކޮޅެއް ވާން ދެން ރައިހާންގެ ދެލޮލުން ފެންނަމުން ދިޔަ ނިމުމެއް ނެތް ލޯބީގެ ފުން އިހުސާސްތައް ދަސްކުރުމުގައި ހުރުމަށް ފަހު ލިވްޔާ ލަސްލަހުން ރައިހާންއަށް ފުރަގަސް ދިނުމަށް ފަހު ހިނގައިގަތެވެ.
ލަސް ފިޔަވަޅުތަކެއްގައި ލިވްޔާ ދިމަ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ރައިހާން ފުން ނޭވާއެއް ދޫކޮށްލަމުން އިސްތަށިގަނޑު ތެރޭގައި އިނގިލިތައް ހިންގައިލީ މި ހުރިހައި ދުވަހަކު ދެކޮޅު ހަދަމުން ދިޔަ އިހުސާސް އަމިއްލައަށް ގަބޫލު ކުރެވި، އެކަން ލިވްޔާއާ ހިސާބަށް ގެންދެވުނީތީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައި ހުރެއެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް ލިވްޔާގެ ދެލޮލުން އޭނާ ދެއްކި ވާހަކަ ގަބޫލު ކުރާ ކަމުގެ ކުލަވަރު ފެނުމުން ރައިހާންގެ ހިތަށް ފިނިކަން ލިބުނެވެ. ލިވްޔާ ދެކެ ލޯބިވާ ވާހަކަ ބުނުމުން ލިވްޔާގެ ނުރުހުން ނުވަތަ މަލާމާތް އަމާޒުވާނޭ ކަމަށް ހީކުރެވިފައިވީ ހިނދު އެގޮތަށް އެކަން ނުވުމުން ރައިހާންގެ ހިތުގައި ލިވްޔާއަށް ދެވިފައިވީ ދަރަޖަ އިހުނަށް ވުރެ މަތިވިއެވެ.
އިރުކޮޅަކު ލެއްޕިފައިވީ ލިވްޔާގެ ކޮޓަރީގެ ދޮރަށް ނަޒަރު ހުއްޓާލައިގެން ހުރުމަށް ފަހު ރައިހާން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ މިވަގުތު ލިވްޔާއަށް އެކަނި އެކަމާ ވިސްނައިލަން ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ. ކޮޓަރިއަށް ވަން ގޮތަށް ރައިހާން އެނދުމައްޗަށް ވެއްޓިގަނެފައި ދެއަތުން މޫނު ފޮރުވައިލީ ލިވްޔާގެ ޖަވާބު އަންނާނެ ގޮތަކާ މެދުގައި އިންތިހާއަށް ބިރުގަނެފައި އޮވެއެވެ. ލިވްޔާ އޭނާގެ ލޯތްބަށް އިންކާރު ކޮށްފި ނަމަ އޭނާ ހަގީގަތުގައި ވެސް މޮޔަވެދާނެއެވެ. ލިވްޔާއާ ނުލައި ނޫޅެވޭ ވަރަށް ލިވްޔާ ދެކެ ލޯބިވާކަން ޔަގީންވީ ހިނދުގައި މާޒީގައި ކަންތައް ކުރެވިފައި އޮތް ގޮތް ހަނދާން ވުމުން އަނެއްކައި ވެސް ރައިހާންގެ ހިތުގައި ރިއްސައިލިއެވެ. އެހެނަސް އޭނާ މިއަދު އެހުރީ މާޒީގައި ބުނެވުނު ކޮންމެ ބަހެއް، ކުރެވުނު ކޮންމެ ކަމެއް، ލިވްޔާގެ ހިތުގައި ޖެއްސުނު ކޮންމެ ފަހަރެއް ހަނދާން ނެތޭ ވަރަށް، އެ ހިތުގައި އެޅުވުނު ކޮންމެ ކޫރުމެއްގައި އެޅި ވޭނަށް ފަރުވާ ދިނުމަށް ޓަކައި ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށެވެ. އެއީ އަމިއްލަ ފުރާނަ ހިބަކޮށްގެން ވިޔަސް މެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







he didn’t have to use his power to intimidate the police officer like that idk something about the way he still acts isn’t giving changed man raihaan needs a better redemption arc i still prefer a guy like yaaniu over him bring back the sweet male leads
yaaniu is the perfect man, while raihaan isn’t and that’s exactly what i wanted to portray from this story.. obviously nobody’s perfect and we’re all trying, and i want to show that through raihaan’s character.. him with all his traumas being the horrible man he is right now, and then falling for livya and changing all his ways for her becoming the perfect gentleman every man should be (which will be shown in later parts of the story).. so let’s wait and see raihaan’s character development dho🥰
Mi part vx varah Reethi Masha Allah…
I knew It, Livy hama company in vx kendeny dhww 😔
Finalllyyyy, Ren bunefi dhww Livy dheke Loabi vaaa vaahaka, 😁
I hope Livy Accepts Ren ge Love,🤞
But It’s gonna be rly hard right, Eyru Ren buni komme baheh vaany E hithugai binvalhu negifai 🥲
Appreciate Your Hard Work 👍
When Next??? Curiously waiting for the next part….
Lysm Nayu 💗
labba ren and livi ah neynge dho hama vaane otheh.. he definitely doesn’t deserve her forgiveness that easily.. ehenveema let’s see dho vaa gotheh
next mirey submit kohlaanan.. mi part ves submit kohfa innathaa 5 days vee iruves upload nuvaaathy enme fahuna admin ah contact kohgen mi upload kurevuny ves.. hehe
lym💕💕
Mi part vs vrh reethi MA!
Livi Plzzz accept Ren.
Whn nxt??
Luv uuuuu 💗💗
thank youuu💕💕
next mirey submit kohlaanan In Sha Allah
lovee uuu
Mi part vx vrh reethi MA😘
Finally ren livy dheke Loabi vaa vhk bunefi dhw ❤️
livy ah vrh undhagoo vaane dhw gotheh nihman vx
But I hope she will accept ren ge love………. 😍
Curiously waiting for the next part when’s next?
Lyyy ❤️😘
thank you so much darling💕💕
lymm
Omg Naya. You never fails to write the best stories. Hama vrh vrh reethi!!💗
Hoping to read the next part soon
awww thankyouu love💕💕
btw its gonna be so sweet
vrh reethi masha allah i want know that when is next
cant wait frr
Woa is it gonna end really soon I hope not 😭
Vrh hwt vhk eh 🤍
When’s next
Mirey kihaa iraku??
I can’t wait??
Whens nxt???
When next?.
Reyga submit kohlaanamey bunymehnu
hi all. I’ve already submitted next part last night.. admin approval libunuhaa avahakah upload vaane