Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަގުތު

Shaam Level 110 Stories
May 25, 2025 3 Mins Read
0 Comments

އަހަރެންގެ ދިރިއުޅުމުގެ ދަތުރުގައި، ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެއްޖެއެވެ. ރަށުތެރޭން ފެންނަ އަލިކަމާއި، ކޮންމެ ވަގުތެއްގެ ދުވެލިއާއި، ކުރިމަގާ ދޭތެރޭ ވިސްނާވިސްނުމާއި އެކު ހަމަޖެހުމުގެ އެއްވެސް މާނައެއް ހިލަމެއް ނެތް މަގެއްގައި ދަތުރުކުރުމަށް ވަނީ ޖެހިފައެވެ. އަހަންނަކީ ކާމިޔާބު ވަކީލެކެވެ. އަހަރެންގެ ކެރިއަރުގެ އެންމެ އުހުގައި ހުރެ، ކޮންމެ ދުވަހަކުވެސް އާ ގޮންޖެހުންތަކާ ކުރިމަތިލަމުން ދިޔައީމެވެ. އެހެނަސް އެއްދުވަހަކު، ދިރިއުޅުމުގައި އަހަރެން އަޅަންޖެހުނު މަގަކީ އެމަގުން އެނބުރި އަހަރެންގެ ކުޑައިރުގެ މާޒީއަށް ދާންޖެހުނު މަގެކެވެ.

މިއީ ފިނި ފިނި ފަތިހެއްގެ ނިވަލުން އަރައިގެން އައި ހެނދުނެއްގެ ވާހަކައެވެ. އޮފީހުގެ މަސައްކަތް މަދުވުމާއެކު، އަހަރެން ނިންމީ އަހަރެންގެ ކުރިން ދިރިއުޅުނު ރަށް، މ.މުލީއަށް ގޮސް ކުޑަ ޗުއްޓީއެއް ހޭދަކޮށްލާށެވެ. މުއްޔަކީ ވަރަށް ކުޑަ ރަށެކެވެ. އެތަނުގެ ކޮންމެ މަގަކާއި ގޯޅިއަކުން އަހަރެންގެ ކުޑައިރުގެ ހަނދާންތައް ހިތަށް ގެނުވައެވެ. އަހަރެން ޤަބޫލުކުރީ މިއީ އާންމު ޗުއްޓީއެއްކަމަށެވެ. ހަމައެކަނި އަމިއްލަ ނަފްސަށް ކުޑަ ވަގުތުކޮޅެއް ދިނުމަމަށްޓަކައި ހޭދަކުރެވޭ ވަގުތުކޮޅެއްކަމަށެވެ.

އެހެނަސް އަހަރެން މުއްޔަށް ދިޔުމުން، ހުރިހާ އެއްޗެއް ބަދަލުވެގެން ދިޔައެވެ. ކުރީގެ ހަނދާންތައް އަލުން ދިރިގެން އައެވެ. ކުޑައިރުގެ ސްކޫލްދުވަސްވަރުން ފެށިގެން ދަންނަކުއްޖަކު އެތަނުގައި އުޅުނެވެ. އެއީ އަހަރެންގެ ހިތުން ޙާއްސަ މަޤާމެއް އެކުއްޖަކަށް ދެވިފައިވާ ހާދީއެވެ. ވަގުތާއި ޙާލަތް އެއީ އަހަރުމެންދެމީހުންގެ ދެމެދަށް މެދުވެރިވި ހުރަހެއް ނަމަވެސް އަހަރެންގެ ހިތުގައި އަދިވެސް ހާދީ އޭ ބުނުމުން އިޙްސާސްތަކެއް ހިނގައިގަނެއެވެ.

ހާދީއަކީ ވަރަށް ސާދާ މީހެކެވެ. އަދި އޭނާ އަކީ ތަޙްޒީބީ ދުނިޔެއާ ބީރައްޓެހި މީހެއް ކަމަށް އަހަރުމެން އަބަދުވެސް ދެކުނީމެވެ. އެހެނަސް އޭނާގެ ލޮލުގައި ހަމަޖެހުމެއް ވެއެވެ. އެއީ އަހަރެންނަށް ރަށާދުރުގައި މިހޭދަކުރެވުނު މުއްސަނދި ދިރިއުޅުމުގައި ދުވަހަކުވެސް ނުލިބުނު އެއްޗެކެވެ. އަހަރެން އޭނާ މިފަހަރު ދުށްއިރުވެސް ސްކޫލް ދައުރޭ އެއްގޮތަށް އޭނާގެ އުޅުމާއި ފެނުން އެއްގޮތެވެ. އޭނާގެ މޫނުމަތީގައި ހަމަ އެ އިތުބާރުވެރި ހިނިތުންވުން ވެއެވެ. ކުޑައިރު ވެސް އަހަންނަށް ފެނުނު ފަދައިންނެވެ.

އަހަރެން މިހާތަނަށް އުޅެމުން އައި ދިރިއުޅުން އޭނާ އާއި އެކު ނުވާކަން އަހަންނަށް އޭނަ ފެނުމުން އެނގުނެވެ. އެދުވަހުވެސް އަހަރެންގެ ހުވަފެނަކީ ކުޅަދާނަ އަދި ކާމިޔާބު ވަކީލަކަށް ވުމެވެ. އެހެނަސް ހާދީގެ ހުވަފެނަކީ އޭނާގެ މަސްވެރި ބައްޕައަށް އެހީވެދީ މަސްވެރިކަމުގައި ކުރިއަށްދިއުމެވެ. އޭނާގެ ދުނިޔެއަކީ ވަރަށް ސާދާ ދުނިޔެއެކެވެ. އެހެނަސް އެ ސާދާކަމަކީ އަހަރެންނަށް، އަހަރެންގެ މި މުއްސަނދި ދިރިއުޅުމުން ދުވަހަކުވެސް ނުލިބުނު އެއްޗެކެވެ.

ކޮންމެ އަކަސް ހާދީއާއި އަހަންނާއި މިފަހަރު ދިމާވީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަވީރެއްގައި، އަތިރިމަތިން އަހަންނާއި އޭނާއާ ބައްދަލުވީ ގާޑިޔާއަކުން ކޮފީއެއް އަހަރެން ނަގަންގޮސް ހުއްޓައެވެ. އެތާނގައި އަހަރެމެން ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ތަކާއި އެކު އަލުން ގުޅުމެއް އުފެދުނުހެން ހީވިއެވެ. ހާދީ އޭނާގެ ކުރީގެ ހަނދާންތައް ކިޔައިދިނެވެ. އަދި އަހަރެންވެސް އަހަރެންގެ އާ ދިރިއުޅުމާ ބެހޭގޮތުން ވާހަކަދެއްކީމެވެ. މިއީ އަހަރެމެންނަށް މާޒީވެގެން ގޮސްފައިވާ ކުރީގެ އިޙްސާސްތައްއަލުން ދިރިގެން އައި ކަހަލަ އިޙްސާސްތަކެއް ވެގެން ދިޔަ ވަގުތުކޮޅެކެވެ.

މަޑުމަޑުން، އަހަރެމެން ދެމީހުން އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރަން ފެށީމެވެ. އަހަރެން މުލީގައި އިތުރަށް މަޑުކޮށްލުމަށް ނިންމީމެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު އަހަރެމެން ދެމީހުންނަށް ޚާއްޞަ ވަގުތުކޮޅަކަށް ވެގެން ދިޔައެވެ. ކުދިކުދި ވާހަކަތަކާއި، ރަށުގެ ހަމަޖެހުމާއި، ހާދީގެ ގާތްކަން އަހަރެންގެ ހިތަށް އެފަދަ ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުންތައް ލިބެމުންދިޔައެވެ.

އެހެނަސް އެވަގުތުކޮޅު ބަދަލުވުމަށް  ގިނަދުވަސްތަކެއް ނުވިއެވެ. މަސައްކަތުގެ ގޮވެލި އިތުރުވެ، އަހަރެން އަހަރެންގެ މަސައްކަތުގެ ދިރިއުޅުމަށް އެނބުރި ދާންޖެހުނެވެ. ހާދީއާއި އަހަރެން ވާހަކަދައްކަމުން ދިޔަވަގުތެއްގައި، އަހަރެން އަހަރެންގެ މުއްސަނދި ދިރިއުޅުމާ ބެހޭގޮތުން ވާހަކަދެއްކީމެވެ. އަދި އެވަގުތު އޭނާ އަހާލިއެވެ. “ޝާނާ ހަގީގަތުގައިވެސް ތި ހުރިހާ އެއްޗެއް ބޭނުންތަ؟” އަދި އަހަރެން، އެއަށް ޖަވާބެއް ނުދެމެވެ. ސަބަބަކީ މިއީ އަހަރެން ހުވަފެނެއްކަމުގައި ދެކިގެން ޙާސިލްކުރުމަށް ކުރެވުނު ޢަޒުމަކަށްވާތީއެވެ.

ހާދީއަށް މިކަން ޤަބޫލުކުރުމަކީ އުނދަގޫ ކަމަކަށް ވިއެވެ. “ޝާނާ ކިހާ ގަޔާވޭ މި މާހައުލަށް. އަނެއްކާވެސް މިތަން ދޫކޮށްލަން ވިސްނުން ގެންގުޅެނީ ކީއްވެ؟” އޭނާ އަހަރެންގެ މޫނަށް ބަލަމުން ބުންޏެވެ. އަހަރެންގެ ހިތް ވޭނުން ފުރިގެން ދިޔައެވެ. އޭނަގެ ބަސްތައް ތޫނު ތީރުތަކެއްހެން އަހަރެންގެ ހިތަށް ހެރެމުންދިޔަކަހަލައެވެ. އަހަރުމެންދެމީހުން ވޭތުކުރަމުންދާ ވަގުތުތަކަކީ ކުޑަދުވަސްކުޅަކަށްވާ ހިނދުކޮޅުތަކެއްކަން އަހަންނަށް ވިސްނުނެވެ. އަހަރެންފަދަ މަޝްހޫރު، ޤާނޫނީ ވަކީލަކާއި ހާދީ ފަދަ މަސްވެރިއަކާއި އެކުއެކީގައި ދިރިއުޅުން މުސްތަޙީލުކަމަށް ފެނުނެވެ.

އަހަރެން ނިންމީ އަނބުރާ އަހަރެންގެ އިހުގެ ދިރިއުޅުމަށްދާން ޖެހޭނެކަމަށެވެ. އަދި މިދެ ދުނިޔެ ފަދަ ދެ ދިރިއުޅުން އަހަރެންގެ ދިރިއުޅުމުގައި އެކުގައި ނުގެންދެވޭނެކަމަށް ހާދީއަށް ވިސްނެންޖެހޭނެކަމަށް އަހަރެން ދެކުނީމެވެ. އަހަރެމެން އެއްތަން ކޮށްދިން އެ ހިނދުކޮޅު ފާއިތުވެގޮސް ވަކިވުމުގެ ހިނދުކޮޅު އައިއްސިއެވެ.

އަހަރެމެން ދެމީހުން އެމީހެއްގެ، އަމިއްލަ ދިރިއުޅުމުގެ މަގުގައި ދަތުރު ފެށީމެވެ. ހާދީ އޭނާގެ މަސްވެރިކަމުގައި އިތުރަށް ރަނގަޅު މަސައްކަތްތަކެއް ކޮށް ކުރިއެރުންތަކެއް ހޯދިއެވެ. އަދި އަހަރެން އަނބުރާ މާލެ އައިސް އަހަރެންގެ ކެރިއަރގެ ދުނިޔެއަށް ވަދެވުނެވެ. އެހެނަސް އަހަރެންގެ ހިތުގައި ހުސް ޖާގައެއް އޮތްކަމުގެ އިޙްސާސްއޮތެވެ.

ހާދީގެ ހަނދާން، އޭނާގެ އޯގާތެރިކަން، އޭނާގެ ސާދާސީދާކަން މި ހުރިހާ އެއްޗެއް އަހަރެންނާއެކު ދެމިހުއްޓެވެ. އެހެނަސް އަހަރެމެން ދެމީހުން ހީކުރި ގޮތަށް އަހަރެމެންގެ ލޯބި ކާމިޔާބު ނުވިއެވެ. އެއީ ހަގީގަތަކަށް ނުވިއެވެ. ބައެއް ފަހަރު މަސައްކަތުން ވަރުބަލިވެގެން ރޭގަނޑު އައިސް ހަމަޖެހިލެވޭ ވަގުތު އަހަންނަށް ހާދީއާއި އެކު ހޭދަކުރެވުނު ވަގުތުތައް މަތިން ހަނދާންކުރެވެއެވެ. އަދި އެ ދުވަހެކޭ އެއްފަދައިން، މިއަދުވެސް އަހަރެންގެ ލޮލުން އެ އިޙްސާސްތަކާއި އެކުކަރުނަ އޮހޮރެއެވެ.

ޙާލަތަކާއި އެކު ވަގުތު އަހަރެމެން އެކަކު އަނެކަކާ ބައްދަލުކޮށްދިން ނަމަވެސް، ފަހަރެއްގައި މިއީ އަހަރެމެންގެ ވަގުތު ނޫން ކަމަށް ވެދާނެއެވެ. ހާދީއާއިއެކު އެރަށުގައިވި ހިތްގައިމުކަމާއި ސާދާކަން އަހަރެންގެ ހުވަފެންތަކާއި އުއްމީދުތަކަށްޓަކައި ދޫކޮށްލަން ޖެހުނެވެ.

ބައެއްފަހަރު، އަހަރެމެންގެ ހުވަފެންތައް ދިރުވަމުން ދާއިރު، އަހަރެމެންގެ ހިތުގެ އަޑު ހަނދާން ނެތިދެއެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެ ދުވަހުގެ ހަނދާން ދުވަހަކުވެސް ފިލައެއް ނުދާނެއެވެ.އެއީ ވަރަށް ސާދާސީދާ ކުއްޖަކާއި ދިރިއުޅުމުގެ އަމިއްލަ ހުވަފެނަކާއި އެކުކުރިއަށްދާން ބޭނުންވާ އަންހެން ކުއްޖެއް، އެމީހުންގެ ތަފާތު ދުނިޔެތަކުގެ ދެމެދުގައި އެމީހުންގެ ލޯބި ގެއްލުވާލައި، އެމީހުންގެ އަމިއްލަ މަގުގައި ހިނގައިގަތް މަންޒަރުއެކުލެވޭ ވާހަކައެކެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

މަޢާފް އެދެމުން 10

Next

މަންޒިލް 1

Next
May 26, 2025

މަންޒިލް 1

Previews
May 25, 2025

މަޢާފް އެދެމުން 10



All Right Reserved!