ފުރާވަރު
ރަނގަބީލުގެ އަޑާއިއެކު ހިނިހޮރަކުން ހިނިތައް ނުކުންނަ ފަދައިން އިސްކޫލް ދަރިވަރުން އިސްކޫލްއިން ނިކުންނަން ފެށިއެވެ. ދުވަހަކީ ވަރަށް ބަނަކޮށް އޮތް ދުވަހެކެވެ. ޖެހޭ ތެތް ފިނި ބާރު ވައިރޯޅިތަކުން ހީވަނީ ގަސްތައް އުފުރައިލާފާނެހެންނެވެ. އުޑުމަތީގައި ހުރި ވިލާތައް ހީވަނީ ދެންމެ ދެންމެއަކުހެން އެ ވިލާތަކުގެ ތެރޭގައި ހައްޔަރުވެފައިވާ ވާރޭގެ ކަނިތައް މިނިވަންކޮށްލަފާނެ ހެންނެވެ. ބެލެނިވެރިން އެމީހުންގެ ދަރިން ގޮވައިގެން ގެއަށް މިސްރާބު ޖަހަން ފެށިއެވެ.
ޔުނީފޯރމްގައި ހުރި ސާދަ ފަނަރަ އަހަރުގެ ފިރެހެންކުދިންގެ ބައިގަނޑެއްގެ މިސްރާބު ހުރީ ރަށުގެ ބޮޑު ތުނޑިއަށްށެވެ. ވަލުން ދެވެން އޮތް މަގުން ސަކަރާތްޖަހަމުން އެކުދިންތައް ހިނގަމުން ބޮޑު ތުނޑިއަށް ނިކުތުނެވެ. “އޭ ހިނގާބަ މި ޓްރައިއެއް ޖައްސަން.. މީގަ ލާ ރަހަ ބަލައިލަން މަ ބޭނުން..” ޒަހީން އަތުގައި އޮތް ސިނގިރޭޓް ފޮށި އެހެން ކުދިންނަށް ދައްކައިލަމުން ބުނެލިއެވެ. “މަށަކަށް ނުކެރޭނެ.. މަގޭ މަންމަ މަ މަރާނެ..” ބޯކަހައިލަމުން ވިޔާމް ބުންޏެވެ. “މަމީސް ބޯއިއެއްތަ މިއުޅެނީ؟؟” ވިޔާމްއަށް މަލާމާތްކުރުމުގެ ގޮތުން ލިމާން ބުންޏެވެ. އެއާއެކު އެތާ ތިބި ހުރިހާ ފިރެހެން ކުދިންހެން ‘މަމީސް ބޯއީ’ އޭ ކިޔާ ވިޔާމްއާ ދިމާ ކުރަން ފެށިއެވެ.
“ހޫން ހޫން މައިތިރިވެބަލަ މަ ނޫޅެމޭ މަމީސް ބޯއި ހެދިގެން.. ދީބަލަ ތި..” ވިޔާމް ރުޅިއައިސްފައި ބުންޏެވެ. “އަޅޭ މަމީސް ބޯއި ރުޅިއައީތަ؟؟” ޒަހީން ސިނގިރޭޓްފޮށި މައްޗަށް ނަގާ ހޫރަމުން ބުންޏެވެ. އޭރު އެތާގައި ތިބި އެހެންކުދިން ދިޔައީ ހެމުންނެވެ. ވިޔާމް ރުޅިއައިސްފައި ހުރެ ސިނގިރޭޓްފޮށި ޖަހައިގަތުމަށްފަހު ޒަހީންގެ އަތުން ލައިޓަރު އަތުލަމުން ސިނގިރޭޓެއް ރޯކޮށްލިއެވެ. އަދި އެމީހުންނަށް ފެންނަ ފަދައިން ސިނގިރޭޓް ތުބުގައި ޖެހުމަށްފަހު ދަމައިލިއެވެ. އެއާއެކު ވިޔާމް ކޮށި އަރައިގެން ދިޔައެވެ. “ހަމަ ސީދާ ބޮޑު ރަނޑެއް މީ ހަހަހަ..” ލިމާން މަލާމާތުގެ ރާގަކަށް ހެމުން ބުންޏެވެ.
އެވަގުތު ވިޔާމްގެ ގާތަށް އައި ރުޅިން ލިމާންގެ ޔުނީފޯރމްގައި ލައިޓަރުން ރޯކޮށްލިއެވެ. އިސާހިތަކު ލިމާންގެ ހަޅޭކުގެ އަޑު އެތަނަށް ފެތުރިގެން ދިޔައެވެ. ލިމާންގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ޒަހީން މޫދާއި ދިމާލަށް ދުއްވައިގަތެވެ. މިތަން ގެސްޓްހައުސްގައި މަސައްކަތްކުރާ މުވައްޒަފަކަށް ފެނުމުން ލިމާންއަށް އެހީވާން ދިޔައެވެ. އޭރު ލިމާން ގޮވައިގެން ޒަހީން މޫދަށް އެރުމުން ލިމާންގެ ޔުނީފޯރމްގައި ރޯވި އަލިފާން ނިވިގެންދިޔައެވެ. ލިމާންގެ ބަނޑާއި ދިމާ އޮތީ ވަރަށް ބޮޑަށް ފިހިފައެވެ. ގެސްޓްހައުސްގެ މުވައްޒަފުގެ އެހީއާއިއެކު ލިމާން ހޮސްޕިޓަލަށް ގެންދެވުނެވެ.
ވިޔާމް ހުރީ އޭނައަށް ކުރެވުނު ކަންތަކުގެ ސަބަބުން ހާސްވެ ބިރު ގަނެފައެވެ. ވިޔާމް ބިރުންހުރެ ގެޔަށް ދިޔައެވެ. އަދި އެއްވެސް މީހަކަށް އެކަންތައް އެނގިފައި ނުވާތީ އަވަހަށް ކޮޓަރިއަށްވަދެ ލައިގެން ހުރި ޔުނީފޯރމްއަށް ސިނގިރޭޓްވަސް ކެނޑުވުމަށްޓަކައި ސެންޓުޖަހައި ދާވަށިގަނޑަށްލިއެވެ. ހިކިފަނުގައި ހުޅުކޮޅެއް ރޯވާހައި އަވަހަށް ވިޔާމް ކުރި ކަންތައް މުޅި ރަށަށް ފެތުރިގެން ދިޔައެވެ. ވިޔާމްގެ މަންމަ ހިމްނާއަށް އެ ހަބަރު އިވުމުން ގަބޫލުކުރަން ދަތިވިއެވެ. ތިމަންނަ ދަރިފުޅު އެހެނެއް ނަހަދާނެއޭ ބުނެ ބަހުސްކުރިއެވެ. އެހެންނަމަވެސް އިސްކޫލް ޕްރިންސިޕަލް އެވާހަކަ ވިޔާމްގެ ގާތުގައި ދެއްކުމުން ވިޔާމް އެކަމަށް އެއްބަސްވުމުން ހިމްނާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރައިލިހެންނެވެ.
“މަންމަ ވިޔާމްއަށް ނުކޮށްދެނީ ކޮން ކަމެއް މަންމައަށް މިހެން ހަދަން؟ ވިޔާމް ބުނިއްޔާ ބުނި ކަމެއްކޮށްދެން.. ފިރެހެން ދަރިއަކަށްވީމަ މަންމަ ހީކުރީ ތިއީ މަންމަގެ ފަހުރަކަށް ވާނޭ.. އެކަމަކު؟؟ ވިޔާމްއަށް އެނގޭތަ ވިޔާމް ތިކުރި ކަމަކުން ވިޔާމް ޖަލަށްވެސްލާފާނެ.. އެހުރީ ވިޔާމްގެ ދޮންތަ… ދުވަހަކުވެސް މަންމަ ނުޖެހޭ މިކަހަލަ ކަމެއްވެގެން ރޯކަށް ދޮންތަ ސްކޫލްގަ އުޅެނިކޮށް.. ވިޔާމް ތިހެން ހަދަނީތި މަންމަމެން ވިޔާމް ބުނާ ކަންތައްތައް ކޮށްދޭތީތަ؟؟” ގިސްލަގިސްލާފައި ރޮމުން ވިޔާމް ގާތު ވިޔާމްގެ މަންމަ ސުވާލު ކުރިއެވެ. މައިމީހާގެ ވޭނީ ކަރުނަތަކުގެ ސަބަބުން ވިޔާމްގެ ދެލޯ ފެންކަޅިއެވެ.
ވިޔާމްގެ ބައްޕަވެސް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެހެން ނަމަވެސް ހަމަޖެހިގެން ވިޔާމްއާއި ކުރިމަތިލިއެވެ. “ވިޔާމް ކާކު ކައިރިން ދަސްކޮށްގެން ތިހެން ތިއުޅެނީ؟ ބައްޕަ އެއްއިރެއްގަވެސް އުޅުނު ގޮތެއްނޫންތީކީ.. ވިޔާމްއަށް ފެނޭތަ ބައްޕަ މަންމައާއި ދިމާލަށް ހަޅޭއްލަވައިތަން؟ ނޫނީ ދޮންތައަށް އަނިޔާ ކުރާތަން؟ ނުފެންނާނެ.. ދެން ކީއްވެ ތި ފާޑަށް އުޅެނީތި.. ސްކޫލުގައިވެސް ޓީޗަރުންނާއި ވާހަކަ ދައްކަނީ ހިތައް އެރި ވައްތަރަކަށް.. ފާސްވަނީ އިނގިލިން ގުނާލެވޭހާ މަދު ޓެސްޓުތަކުން.. ވިޔާމްގެ ދޮންތަ ސްކޫލުގަ އުޅުން ގޮތެއް ނޫން ތީކީ.. ވިޔާމްގެ ދޮންތަ ހަޑިކޮށް ވާހަކަ ދައްކައިގެން ނޫނީ މީހެއްގެ ގައިގަ ރޯކޮށްގެން ދުވަހަކުވެސް ޓީޗަރަކު އެއްޗެކޭ ބުނެފަ ނޯންނާނެ.. މީޓިންއަކަށް ދިޔަޔަސް ދައްކާނީ ދޮންތަގެ ރަނގަޅު ވާހަކަ.. އެކަމަކު ވިޔާމް ކިހިނެތް ތި އުޅެނީ..” ހިތްހަމަނުޖެހިފައިވާ ހާލު ވިޔާމްގެ ބައްޕަ ވަޒީދު، ވިޔާމްއަށް ވިސްނައިދޭން މަސައްކަތް ކުރާ ފަދައަކުން ބުންޏެވެ. އޭރު ވަޒީދުގެ އަޑުވަނީ ކުރެހިފައެވެ. ވިޔާމް ކުރި ކަމެއްގެ ސަބަބުން މުޅި އާއިލާ އަނދަވަޅަކަށް ވެއްޓިފައިވާ ފަދައެވެ.
ސިޓިންރޫމްގައި ބައްޕަ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ބަދިގޭގައި ހުރި ވިޔާމްގެ ދޮންތަ ކަމަށްވާ ޔަލާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މަންމައާއި ބައްޕަގެ އާދޭސްތައް އެންމެ ކައިރިން އަޑުއިވިނު ފަރާތަކީ ވިޔާމްއަށް ފަހު ވިޔާމްގެ ދޮންތައެވެ. ވިޔާމްއަށް ވިސްނައިދިނުމަށްފަހު ވަޒީދު ދިޔުމުން ވިޔާމް އިރުކޮޅަކު އިސްޖަހައިގެން އިނދެ ޓީވީ ހުޅުވައިލިއެވެ. ޓީވީ ހުޅުވައިގެން އިން ވިޔާމް ސިހުނީ އޭނަގެ ދޮންތަ ކުރިމައްޗަށް އެރުމަށްފަހު ޓީވީ ސްވިޗްއިން ކަނޑައިލުމުންނެވެ. “އަދިވެސް ވިޔާމްގެ ތި ސިކުނޑިއަކަށް އެއްޗެއް ވިސްނޭކަށްނުވޭތަ އޭނ؟؟ މަންމަ އާއި ބައްޕަ ރޮއެރޮއެފަ އެ އާދޭސް ކުރަނީ ވިޔާމް ކައިރީ ތިހެން ނޫޅޭށޭ ކިޔާފަ.. އެކަމަކު ވިޔާމްއަށް ވާވެސް ކަމެއް ނޫން.. ބައްޕަ ދިޔާމަ ހަމަޖެހިލައިގެން ޓީވީ އަޅުވައިލީ.. އަޅެ ވިޔާމްގެ ބޮލުގެ ނާށިގަނޑުގަ އިންނަނީ މީދާ ކޭ އުނބެއްތަ؟ ނޫނީ ވިޔާމްގެ ހިތަކީ ހަރު ހިލަގަނޑެއް؟؟” ކަރަށް ބާރުވަމުން ދިޔަ އިހްސާސް ކުރެވި ޔަލާގެ އަޑު ކެނޑިގެން ދިޔައެވެ. އެއާއެކު ޔަލާއަށް ރަނގަޅައަށް ރޮވުނެވެ.
މޫނުމަތީގައި އަތް އަޅައިގެން ޔަލާ އިށީނުމުން ވިޔާމް އަވަސް ހިނގުމެއްގައި ކޮޓަރިއަށް ވަދެގެން ދިޔައެވެ. ޔަލާއަށް ދިޔައީ ގިސްލަގިސްލާފައި ރޮވެމުންނެވެ. ޔަލާ މީހެއްގެ ކުރިމަތީގައި ރޮވުނު މީ ފުރަތަމަ ފަހަރެވެ. ހިތައްކޮށްފައިވި އަސަރެއްގެ ސަބަބުން ލަޔާ ރޯލިއެވެ. ހިތްހަމަޖެހޭ ވަރަށް ރޯލުމަށްފަހު އަމިއްލައަށް ކަރުނަ ފޮހެލައި މޫނު ދޮވެލައިގެން މަންމައަށް އެހީވާން ބަދިގެއަށް ވަދުނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ވިޔާމް ކުރި ކަންތައް ވައިގެ ތެރެއަށް ހިނދިގެން ދިޔައެވެ. ވިޔާމް ބޭނުންވާ ކަމެއް ބޭނުން އިރަކު އޭނަގެ މައިންބަފައިންކޮށްދެމުން ދިޔައެވެ. އަނެއްކާވެސް ކަންތައް ކުރިން އޮތް ފަދައިން ރުޖޫޢަވި ފަދައެވެ. ވިޔާމްގެ އުފަންދުވަހަށް ވަޒީދު އެންމެ ފަހުގެ ފޯނެއް ގަންދިނެވެ. “ބައްޕާ ތީ އެއްވެސް ފެއާއެއްނޫނެއްނުން.. ޔަލާއަށް ފޯނެއް ލިބުނީ ސްކޫލްވެސް ނިމުން ފަހުން..” ޔަލާ ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. “ދޮންތަ ތީ އަންހެންކުއްޖެކޭ.. ފިރެހެންކުދިން މާ މޮޅު ވާނެ އަންހެންކުދިންނަށްވުރެ.. ތިއީ ބޮޑުވެގެން މީހެއްގެ ވައިފްއަކަށްވީމަ އޭނަގެ ސްލޭވްއެއްނުން..” ދޫ ނެރެލަމުން ވިޔާމް ބުންޏެވެ. “ވިޔާމްއަކީ ފިރެހެންކުއްޖަކަށްވީމަ އޭގެ މާނައަކީ ދޮންތައަށް ނޫނީ އެހެން އަންހެންކުދިންނަށްވެސް ވިޔާމް ބޭނުން ކަމެއް ކުރެވޭނޭއެއް ނޫން..” ހިތްހަމަނުޖެހިފައި ހުރެ ޔަލާ ބުންޏެވެ.
ޔަލާ އޭނަގެ މައިންބަފައިން އެވާހަކަތައް އަޑުއަހަން ހުރުމުން އެމީހުންނާއި ދިމާލަށް ބަލައިލީ ވިޔާމް ބުނި ވާހަކައަށް އެއްޗެކޭ ބުނާށޭ ބުނާ ފަދައަކުންނެވެ. “ޕިސް ދެން އެ މާ ބޮޑު ކަމަކަށް ނަހަދަބަލަ ޔަލާ.. ވިޔާމް ބުނިހެން ޔަލާވެސް ކައިވެނިކޮށްގެން ދާނީ ފިރިމީހާގެ އަތްދަށަށްށެއްނުން..” ވަޒީދު ބުންޏެވެ. އެއާއެކު ޔަލާއަށް ބައްޕަ ބުނިއެއްޗެއް ގަބޫލު ނުކުރެވޭ ފަދައަކުން ދެލޯ ބޮޑުކޮށްލިއެވެ. “ޔަލާ އަންހެންކުއްޖަކަށް ވީމަ އޭގެ މާނައަކީ ހެދިހާ ގޮތެއް ހަދަން ހުންނާނެއެކޭ އެއްނޫން.. ބައްޕަ މިކަހަލަ ކަންކަމުގަ ވިޔާމްގެ ސައިޑް ނަގަންޔާ ވިޔާމް ބޮޑުވީމަ ވާނީ އަންހެނުންނަށް އެއްވެސް އިހްތިރާމް ނުކުރާ މީހަކަށް..” ޔަލާ ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. “ޕިސް ޔަލާ ތީ ކޮންކަމެއް.. ބައްޕަ ކުރިމަތީގަ ޒުވާބުވެސް ކުރަނީތަ؟” ވަޒީދް ހިތްހަމަނުޖެހިފައި ބުންޏެވެ. ޔަލާ ދެފަރާތައް ބޯހޫރުވައިލަމުން އިސްޖަހައިލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ވިޔާމް އިޝާ ނަމާދުން ފައިބައިގެން އޭނަގެ އެކުވެރިއެއްގެ ގެޔަށް ދިޔައީ ‘ސްލީޕްއޯވާ’އަކަށްށެވެ. އެކި ކަހަލަ ސަކަރާތާއި މަޖަލާއި ފޯރީގައި ރޭގަނޑުގެ ވަގުތުތައް އެކުދިން ހޭދަކުރިއެވެ. “އޭ ވިޔާމް.. ކަލޭ ތިއުޅެނީ ޒާޔާއާ ރައްޓެހިވެގެންދޯ..” ސާލިމް، ވިޔާމްއަށް ދޯ ދިނެވެ. ވިޔާމް ބޯޖަހައިލިއެވެ. “އާނ ފައްކާ މަންޖެއެކޭ.. މަ ބުނާ ހުރިހާ ކަމެއްވެސް ކުރޭ ހެހެ..” ވިޔާމް ބުންޏެވެ. “ކަލެއަށް ކެރޭނެތަ އޭނަ ކައިރީ ނޫޑްސް ފޮނުވަން ބުނަން؟؟” ސާލިމް ސިއްރެއް އަހާފަދައިން އަހައިލިއެވެ. “މަށަށް ޔަގީން އޭނަ ފޮނުވާނެކަން ބަލަން ހުރޭ.. ނުފޮނުވާފިއްޔާ އެހެންޏާވެސް ހަދާހެން އިމޯޝަނަލީ ބްލެކްމެއިލްކުރާނީ..” ވިޔާމް ބުންޏެވެ.
ވިޔާމް ފޯނު ނަގާ ޒާޔާއަށް މެސެޖް ކުރަން ފެށިއެވެ.
ވިޔާމް: “ބޭބީ ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ..”
ޒާޔާ: “ކީއްކޮށްދޭންވީ؟”
ވިޔާމް: “ބޭބީ އަހަރެންނަށް ހެދުން ނުލާ ޕިކްއެއް ފޮނުވާދީބަލަ..”
ޒާޔާ: “ސޮރީ ޒާ ލަދު ގަނޭ.. ލީކްވެއްޖެއްޔާ އޯ؟”
ވިޔާމް: މިހާރު އެނގިއްޖެ ވީއަށް ޒާ ޓްރަސްޓް ނުކުރާކަން.. ޓްރަސްޓް ނެތް ރިލޭޝަންޝިޕްއެއްގަ ވީ ހުންނާކަށް ބޭނުމެއް ނޫން.. ހިނގާ ބްރޭކްއަޕް ވާން.. އެކަމަކު ވީއަށް ކެތެއްނުވާނެ ޒާއާ ނުލާ އުޅެން.. ވީ އަތުގަ ވަޅި އަޅާނީ.. ވީ މަރުވެއްޖެއްޔާ ވާނީ ޒާގެ ފޯލްޓްއަށް..”
ޒާޔާ: “ވީ ޕްލީޒް ތިކަހަލަ ވާހަކަ ނުދައްކާ.. ވީ ބުނާ ކަންތައްކޮށްދޭނަން..” އެ މެސެޖްއަށްފަހު އައީ ފޮޓޯތަކެކެވެ. ސާލިމްއާއި އަތާއަތް ޖެހުމަށްފަހު ވިޔާމް އެ ފޮޓޯތަކަށްއަށް ބަލައިލިއެވެ. އަދި އޭނަގެ އެކުވެރިންގެ ގްރޫޕް ޗެޓަށް ފޮނުވައިލިއެވެ. އެއާއެކު އެކި ކުދިންގެ މެސެޖްތައް އަންނަން ފެށިއެވެ. ‘އޯހް ޝީ ލުކްސް ހޮޓް..’ ‘ޑޭމް އައި ވިޝް ޝީ ވޯޒް މައި ޖީ އެފް’ އެކަހަލަ ބައިވަރު މެސެޖްތައް ކުރަން ފެށިއެވެ.
އޭގެ އަނެއް ދުވަހު އިސްކޫލުގައި ޒާޔާއަށް އޭނާގެ ކްލާސް ފިރެހެންކުދިންގެ ކަތި ނަޒަރު އަމާޒުވަމުން ދިޔަކަން ފާހަގަވާން ފެށިއެވެ. ކަންތައްވީ ގޮތް އެނގުމުން ޒާޔާއަށް ރޮވުނެވެ. ފުރާވަރުގެ ލޯބީގެ އަވައިގައި ޖެހިގެން އޭނައަށް ކުރެވުނު ކަންތަކާއި މެދު ލަދުގަތެވެ. ވިޔާމްގެ އެކުވެރިއެއްގެ އަތުން ގްރޫޕް ޗެޓް ލީކްވެގެން ދިޔައެވެ. މިކަންވެގެން ދިޔައީ މުޅި ސްކޫލުގައި ހައިޖާނެއް އުފައްދައިލި ކަމަކަށްށެވެ. ވިޔާމް އާއި ގްރޫޕްޗެޓްގައި ތިބި އެންމެން އެއް މަސްދުވަހަށް އިސްކޫލްއިން ސަސްޕެންޑް ކުރެވިގެން ދިޔައެވެ. ޒާޔާގެ މައިންބަފައިން މައްސަލަ ފުލުހުންނަށް ހުށައެޅުމުން ފުލުހުން އެކަން ތަހުގީގު ކުރަން ފެށިއެވެ.
ވިޔާމްގެ މައިންބަފައިން ހިތާމައިގެ ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިޔައެވެ. “އޭރުވެސް ޔަލާ ބުނިން ބައްޕަ ކައިރީ ވިޔާމްގެ ވިސްނުން ރަނގަޅު ކުރަން އުޅޭށޭ.. މިހާރުގެ ގިނަ ފުރާވަރުގެ ފިރެހެންކުދިންގެ ވިސްނުން ހުންނަނީ އަންހެނުންނަކީ އެއްވެސް ބައެއްނޫންކަމަށް.. ބައްޕަމެން ވިޔާމް ފިރެހެންކުއްޖަކަށްވުމުން ދޫ ދިންވަރުން މި އޮތީ އެކަމުގެ ހިތި ފެނިފަ..” ޔަލާ އޭނަގެ މައިންބަފައިންނަށް ވިސްނައިދޭން އުޅޭ ފަދައަކުން ބުންޏެވެ.
ފުލުހުން އެކަން ތަހުގީގު ކުރުމަށްފަހު ވިޔާމް ރިހެބިލިޓޭޝަން ސެންޓަރަކަށް ގެންދިޔުމަށް އިއްވިއެވެ. އަދި އަށާރައަހަރު ފުރުމުން، ހަމަސް ދުވަސް ވަންދެން ޖަލުގައި ހޭދަކުރުމަށް ހުކުމް އިއްވިއެވެ. ގާޒީގެ އަޑުއިވި ވިޔާމްގެ މޫނަށް ބިރުވެރިކަމާއި ހިތާމަވެރިކަމުގެ ކުލަވަރު އަރައިގެން ދިޔައެވެ. އޭނަގެ ފަހަތުން ލޯބިވާ މަންމަ އާއި ބައްޕަގެ ރުއިމުގެ އަޑު ދިޔައީ މެދުކެނޑުމެއްނެތި އިވެމުންނެވެ. ފުރަތަމަ ފަހަރަށް އޭނައަށް ކުރެވުނު ކަންތަކާއި މެދު ލަދުގަތެވެ. އޭނަގެ މައިންބަފައިން އޭނައަށް ކޮށްނުދެނީ ކީއްހެއްޔެވެ؟ މެދުކެނޑުމެއް ނެތި ލޯބި ދީ ބޭނުންވާ ހުރިހާ އެއްޗެއް ދީ ހެދިއެވެ. އެހެންނަމަވެސް އޭނައަށް އެމީހުންވީ ލޯބީގެ ބަދަލު މިދެވުނީ ހާދަ ހިތިކޮށްށެވެ. ފުރާވަރުގެ އޮޔަވަރުގައި ޖެހި ‘ކޫލް’ވުމަށްޓަކައި އޭނަގެ މައިންބަފައިންވީ ގުރުބާނީ އޭނަގެ ހަނދާނުން ކައްސައިލީއެވެ.
(ނިމުނީ)
ފުރާވަރަކީ ވަރަށް އައު ކަންތައް ކުރާ ހިތްވާ ދުވަސްވަރެކެވެ. މިއީ ކުއްޖާގެ ސިކުނޑި ތަރައްގީވަމުން އަންނަ ދުވަސްވަރެވެ. ނުރައްކާތެރި އަދި ނުރަނގަޅު އެތައް ކަމެއް ކުރަން ބޭނުންވާނެއެވެ. އެހެންނަމަވެސް އެކަހަލަ ކަމެއްކުރުމުގެ ކުރިން ތިކުދިންގެ މައިންބަފައިންގެ ޢިއްޒަތާއި ގަދަރަށް ވިސްނާލަންވާނެއެވެ. ރެއާއި ދުވާލު ތިކުދިންނަށް ބޭނުންވާ ތަކެތި ހޯދަން ވަޒީފާގައި މަސައްކަތް ކުރާ ބައްޕައާއި މެދު ވިސްނާލާށެވެ. ރެއާއި ދުވާލު ތިކުދިންގެ އެދުންތައް ފުއްދުމަށްޓަކައި ކައްކާ، އިސްތިރިކޮށް ގޭތެރެ ބަލަހައްޓާ ތިޔަކުދިންގެ މަންމައާއި މެދު ވިސްނާލާށެވެ. އެމީހުންވަމުންދާ ގުރުބާނީ ހަނދާނުގައި ބަހައްޓާށެވެ. އެ ހުރިހާ ބުރައެއް އުފުލުމަށްފަހު ތިޔަ ކުދިންނަށް އެޅޭ ކަތި ފިޔަވަޅެއްގެ ސަބަބުން އެމީހުން އަމިއްލަ ނަފްސު ހާދަ ކުއްވެރި ކުރާނެއެވެ. އެމީހުންނަށް ދެވުނު ތަރުބިއްޔަތާއި މެދު ސުވާލު އުފެދޭނެއެއްނުން ހެއްޔެވެ؟ ތި ކުދިންގެ މައިންބަފައިން ކުރާނެ ހިތާމައާއި މެދު ވިސްނާލާށެވެ.
ތިޔަ ކުދިންނަށް އެނގޭ ހެއްޔެވެ؟ މައިންބަފައިންގެ ދެލޮލުން ތިޔަކުދިންގެ ސަބަބުން ވެއްޓޭ އެންމެ ކަރުނަ ތިއްކަކީވެސް އެކަމުގެ އަޒާބު ދުނިޔެމަތީގައި ވެސް އަދި އާޙިރަތުގައިވެސް ލިބޭނެ ކަމެކެވެ. އެހެންކަމުން ފުރާވަރުގެ އޮއިވަރުގައި ޖެހި މައިންބަފައިން ދެރަވެ ހިތްދަތިވާ ފަދަ ކަންކަން ނުކުރުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އަޒުމް ކަނޑައަޅަމާ ހިނގާށެވެ.
4 Comments!
Comments are closed.







Heyyyyyy maaashhh
mi episode vess vrh reethi ma sha allah
aslu vess this story is so trueee.. veryy realistic… more teens needs to realize this more stories like this needs to be written.. i am so happy you wrote this… i love this smmm.. hope to read more stories like this..
cant wait for next ep of hiy edhe yaara thiye
illlyyyyyssssmmmm 💕
Heyy shiherrr..
Thank you soooo much darlll… I’m happy u liked it..
Hehe yes I tried mihaaru mujuthamau ga hingaa kankan story ehgothah liyan..
Insha allah sundayga..
Love u more💜🦋
Masha allah mi vhk vs vrhh reethiii
Mihaaraa vrhh gulheyyy mi vhkkk…
vrh fahun hama mikahala kmh hingi😭..
vrh bdh sry enge mihaa lahun cmmnt kohlevunyma…site ah vadhegn ulhunu iruvs nuvs feney😔…i hope mikahala ehn vhk eh kiyaalan libeyne kmh..
curiously waiting for the next part of hih edhe yaara thiey…tcc lyyy❤
Thank you sooo muchhh darll.. I’m happy u liked it.. oh I see.. mihaaru vrh aanmu kameh mi..
Hehe no worries… I’m happy u commented💜.. insha allah maash mikahala gina stories liyeveythw balaanan.. hiy edhe yaara thiey ge next part Sunday ga.. Tcc🦋💜