ފިލުވާލަން ދަތިވި ލައްގަނޑު
މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓި އަހަރެންގެ ސިފަ ބަލާލީމެވެ. މޫނުމަތީގައި ކުރިއެކޭ އެއްވެސް ތަފާތެއް ނެތެވެ. މިހާރުވެސް ވަރަށް ރީއްޗެވެ. ވަރަށް ފުރިހަމައެވެ. އުނިކަންނުވާ ފަތްމިންޏެކޭ ވެސް ބުނެވިދާނެއެވެ. މޫނުމަތީގައި އެއްވެސް ކޫރުމެއް، ލައްގަނޑެއް ފެންނާކަށްނެތެވެ. އެހެނަސް އަހަރެންގެ އަބުރުގައި ޖެހިފައިވާ ކުލަގަދަ ލައްގަނޑު އެންމެންނަށް ވެސް ފެނެއެވެ. އަހަރެންގެ ރީތިކަމާމެދު ތަޢުރީފުކުރި އެންމެން މިހާރު އަހަންނަށް މަލާމާތްކުރެއެވެ. ކުރިން ޚުދު އަހަރެން ވެސް އަހަންނަށް ލިބިފައިވާ ރީތި ސިފައާއިމެދެ ފަހުރުވެރިވީމެވެ. އެހެނަސް އެ ރީތި ކަމަކީ މިއަދު އަހަރެންގެ ބަދުނަސީބު ކަމުގައި ވެއްޖެއެވެ.
އެންމެ ކުޑައިރުން ފެށިގެންވެސް ރީތި އެއްޗެއްސާއި މޮޅެތި އެއްޗެއްސަށް އަހަރެންގެ ސައުގުވެރިކަން ހުރެއެވެ. ރީތި، ތަނަވަސް މީހަކާ އިނދެގެން އަރާމު ދިރިއުޅުމެއް ހޭދަކުރުމަކީ އަހަރެން އަބަދުވެސް ދެކޭ ހުވަފެނެކެވެ.
އަހަރެންގެ ފުރާވަރު އުމުރުގައި އެތަކެއް ފިރިހެނުންގެ ލޯތަށް އަހަންނަށް އަމާޒުވަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަހަރެން ގަބޫލުކުރާގޮތުގައި އެތަނުން އެއްވެސް މީހަކު އަހަންނާ އެކަށީގެންނެއް ނުވެއެވެ. އަހަރެންގެ ބައިވެރިޔަކަށް ވުމުގެ ފެންވަރެއް އެއިންމީހެއްގެ ގައިގަނެތެވެ. ރީއްޗެއް ނޫނެވެ. މުއްސަންޖެއް ނޫނެވެ.
އަހަރެން ކިޔެވީވެސް އޯލެވެލް އާއި ހަމައަށެވެ. އެއަށްވުރެއް މައްޗަށް ކިޔަވާހިތްނުވީއެވެ. ވަޒީފާ އަކަށް ދާންފެށީމެވެ.
އަހަންނަކީ ރަށު ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އެކެވެ. އަހަންނަށް ނިހާދު އެންމެ ފުރަތަމަ ފެނުނީ ސްކޫލްގައި އޮތް މަސައްކަތު ބައްދަލުވުމަކުންނެވެ. އޭނާ އަކީ އަތޮޅުގެ އެހެން ސްކޫލުގެ ހިސާބު ކިޔަވާދެއްވާ ޓީޗަރެކެވެ. ފުރަތަމަ ނަޒަރުން ވެސް އަހަންނަށް އޭނާ ރީތިވިއެވެ. އޭނާ ވެސް އަހަންނާ ދޭތެރޭގައި ހާއްސަ ގޮތެއް ބެހެއްޓިއެވެ. އެކަމުގެ ނަތީޖާ އަކަށްވީ ދެދުވަހުގެ ތެރޭގައި އަހަރެންގެ ހިތުން ހާއްސަ މަގާމެއް އޭނާ އަށް ދެވުމެވެ. އޭނާ އެނބުރި ރަށަށް ދިޔައިރު އަހަރެމެން ދެމީހުންގެ ދޭތެރޭގައިވަނީ ގާތް ގުޅުމެއް އުފެދިފައެވެ.
ނިހާދު އަކީ އާދައިގެ އާއިލާއެއްގެ މީހެކެވެ. ނަމަވެސް އެކަމާ މާބޮޑަށް އަހަރެން އަޅައެއްނުލަމެވެ. ސަބަބަކީ އަހަންނަށް ނިހާދު ރީތިވުމެވެ. މީގެކުރިން އަހަންނަށް ފެނުނު ހުރިހާ ފިރިހެނުންނަށްވުރެ ވެސް އޭނާ ހާސްގުނަ ރީޗެވެ.
ދެމީހުން ދެރަށުގައި އުޅެން ޖެހުމަކީ މާބޮޑު މައްސަލައެއްކަމަކަށް އަހަރެން ނުދެކެމެވެ. ދެމީހުން މޮބައިލް ފޯނު ދެރަށުގައި ދެމެދުގައިވާ ދުރުމިންވަނީ ކައިރިކޮށްދީފައެވެ. ހަމަ ހުސްވަގުތެއް ލިބޭއިރަށް ފޯނުމެދުވެރިކޮށް އަހަރެމެން ވާހަކަ ދައްކަމެވެ..
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް ނިހާދު ދެކެ ލޯބިވެވިއްޖެއެވެ. އިންތިހާއަށެވެ. އޭނާ ވެސް އަހަރެންދެކެ ލޯބިވާ ކަމުގައި ބުނެއެވެ. އަހަރެންގެ ހިތްއުފާވާނެހާ ވާހަކަތައް ދައްކައެވެ. އޭނާގެ ކަމަކީ އަބަދާއަބަދު އަހަންނަށް ތަޢުރީފު ކުރުމެވެ. އަހަންނާ އެންމެ ގުޅޭ ދާއިރާއަކީ އެކްޓް ކުރުންކަމުގައި އޭނާ ބުނެއެވެ. އަހަރެންގެ ވަރަށް ގިނަ ފޮޓޯވެސް އޭނާއަތުގައި ހުންނާނެއެވެ. އެގޮތުން އަހަރެން ފޮނުވާ ގިނަ ފޮޓޯތަކުގެ ރީތިވާހަކަ އޭނާ ދައްކާއުޅެއެވެ. ނިހާދުގެ އެދުމުގެމަތިން އަހަރެން އެކިހެދުމުގައި ތަފާތު ގޮތްގޮތަށް ފޮޓޯ ނަގާފައި އޭނާއަށް ފޮނުވާހަދަމެވެ.
ނިހާދު އަކީ ކޮންމެވެސް ވަރަކަށް ވާހަކަ ކިޔާ ލިޔާމީހެކެވެ. އެކިކަހަލަ ސައިޓް ތަކައްޝާއި މަޖައްލާތަކަށް އޭނާގެ ވާހަކަތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދެމުން ގެންދެއެވެ. އަހަރެން ވެސް ނިހާދުގެ ވާހަކަތައް ކިޔަމެވެ. އެއްދުވަހަކު އަހަންނަށް ފެނުނީ އޭނާގެ ވާހަކަ އެއްގައި އަހަރެންގެ ފޮޓޯ އެއް ބޭނުންކޮށްފައި އިންދައެވެ.
އަހަރެން ވަރަށް އުފާވިއެވެ. ހަމަ ހަގީގަތުގައި ވެސް އޭނާ އަށް އަހަރެން ރީތީހެއްޔެވެ. ނޫންނަމަ ގިނަބަޔަކު ކިޔާ ވާހަކައަކަށް އަހަރެންގެ ފޮޓޯއެއް ނުލާނެއެވެ.
އަހަންނާއި ނިހާދުގެ ގުޅުން ހައްދުފަހަނައަޅައިގެން ދިޔައީ އަހަރެން ހީވެސްނުކުރާ މިންވަރަށެވެ. ރައްޓެހިވެގެން އުޅޭއިރު ވެސް އެކަކު އަނެކަކަށް އިތުބާރު ކުރަން ޖެހޭނެއެވެ. އެހެނަސް ވަކިމިންވަރަކަށެވެ. އަހަރެން ނިހާދު އަށް ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ އިތުބާރު ކުރީމެވެ. އަދި އޭނާ ދެކެލޯބިވާ މިންވަރު ހާމަކޮށްދޭން އޭނާގެ ކޮންމެ އެދުމަކަށް “އާނއެކޭ” ބުނީމެވެ. އަހަރެން ގަބޫލުކުރަމުން އައީ އަހަރެންގެ ފިރިއަކަށް ވާނީ ނިހާދުކަމަށްށެވެ.
ދުވަހަކުވެސް ނިހާދު އާއި ވަކިނުވާން ނިންމައިގެންހުއްޓާ އަހަރެންގެ ހިތް ބަދަލުވީ ހިނދުކޮޅެއްގެ ތެރޭގައެވެ. ނިހާދު އަށް ވުރެ ހުރިހާ ގޮތަކުން ވެސް އަހަންނަށް ކަމުދާ މުއްސަންދި ޒުވާނަކު ފެނުނީއެވެ.
އަހަރެން ކުރިން ވެސް ފިރާޝް ދަންނަމެވެ. ނަމަވެސް އޭނާ މާލޭގައި ދިރިއުޅޭތީ މާގިނައިންނެއް ނުފެނެއެވެ. މާ ބޮޑަކަށް ރައްޓެއްސެއް ވެސް ނުވާނެއެވެ. އޭނާ ރަށަށް އައީ ޗުއްޓީ ހޭދަކޮށްލާށެވެ. ގިނަދުވަސްތަކަކަށްފަހު ފެނުމުން ވެސް ދެމީހުންނަށް އެކަކު އަނެކަކު ދެނެގަންނަން އެނގުނެވެ. އިސްވެ ވާހަކަ ދެއްކީ ފިރާޝް އެވެ. ދެވަނަ ދުވަހު އޭނާ އަހަންނާ ބައްދަލުކުރަން އަހަރެންގެ ގެޔަށް އައެވެ. އޭނާ އެހާ ޖެހިލުން ކުޑަވާނެ ކަމަށް އަހަރެން ހީވެސް ނުކުރަމެވެ. އަހަރެންގެ އާއިލާގެ މީހުންނަށް އޭނާ ވަރަށް ކަމުދިޔައެވެ. އޭނާއަކީ އަހަރެންގެ ނަސީބުކަމުގައި މަންމަ ބުންޏެވެ.
އަހަރެން ވިސްނާލީމެވެ. ފިރާޝް އަކީ މުއްސަނދި ބައްޕަ އެއްގެ ހުރިހަމައެކަނި ދަރިފުޅުވެ. އޭނާގެ ބައްޕަގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއްގެ ވާރުތަވެރިއަކަށްވާނީވެސް އޭނާ އެވެ.
މާލޭގައި ދިރިއުޅުމަކީ އަހަރެން އަބަދުވެސް ކުރަމުންދާ ފޮނި ފޮނި އުއްމީދެކެވެ. އެހިޔާލު ދޫކޮށްލަން ޖެހުނީ ނިހާދު އާއި ދިމާވުމުންނެވެ.
ނަސީބުއައިސް އަތުގައި ހިފުމުން ފުރަގަސްދޭނީ ކާކު ހެއްޔެވެ؟
ނިހާދުހާ ރީތިނޫނަސް ފިރާޝް ވެސް ރީއްޗެވެ. އަދި އެހާމެ މުއްސަންޖެވެ.
ފިރާޝް އަހަރެންގެ ކައިވެންޏަށް އެދުމުން ފުރަތަމަ އަހަންނަށް ގަބޫލުކުރަން ވެސް އުނދަގޫވިއެވެ. މާލޭގައި އުޅެބޮޑުވި ޒުވާނަކު ރާއްޖެތެރޭގެ ނިކަމެތި އާއިލާއެއްގެ ކުއްޖަކާ އިނދެފާނެ ހެއްޔެވެ؟
އާނއެކެވެ. ތިމާއަށް ލިބިފައިވާ ރީތި ސިފައަކީ ރަނަށްވުރެވެސް އަގުބޮޑު އެއްޗެއްކަން އަހަރެންގެ ހަވަނަ ހިއްސު އަހަންނަށް ބުނެދިނެވެ.
އަހަންނާ ފިރާޝް އާއި ގުޅެއެވެ. ހުރިހާ ގޮތަކުން ވެސް ގުޅެއެވެ. ތަނަވަސް ފިރިހެނުން ބޭނުންވާނީ ތަނަވަސް އަންހެނުންނެއް ނޫނެވެ. ރީތި އަންހެނުންނެވެ.
އަހަރެމެންގެ ކައިވެނި މުޅިރަށަށް އިއުލާން ކުރީމެވެ. ފިރާޝް މާލެއަށް ދިޔައީ ކައިވެންޏަށްޓަކާ ވާންޖެހޭ ތައްޔާރީތައްވާށެވެ. މާލެއަށް ދިޔަފަހުން ފިރާޝް ވަރަށް ގިނައިން އަހަންނަށް ގުޅާހަދައެވެ.
އަހަންނާއި ނިހާދު އާއި ދެމީހުންގެ ދޭތެރޭގައި މައްސަލަ އުފެދުނީ އެހިސާބުންނެވެ. އޭނާ ގުޅާ ވަގުތު ތަކުގައި ކޯލް ވެއިޓިންގ ގައި އިންނާތީ އޭނާގެ އެތަކެއް ސުވާލުތަކާ ކުރިމަތިލާން އަހަރެންނަށް ޖެހުނެވެ. އެންމެ ފަހުން އަހަރެން ނިހާދު އަށް ހުރިހާއެއްޗެއް ކިޔާދިނީމެވެ. ނިހާދު އާއި ގުޅުން ބާއްވަން ބޭނުން ނުވާކަމަށް ބުނީމެވެ. އަދި ފިރާޝް އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަވެސް ބުނީމެވެ.
ނިހާދު ރުޅިއަސްގެން އޭނާގެ ދުލަށްއައިހާ އެއްޗެއް އަހަންނާ ދިމާއަށް ކިޔެވެ. އެއީ އެކަންވާނެ ގޮތެވެ. އަހަރެން ޤަބޫލުވެސްކުރަމެވެ. އެހެންވެ އަހަރެން އެއްޗެކޭ ނުބުނަމެވެ. އަޑުއަހަން ހުރީއެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ ބޭވަފާތެރިވީ އަހަންނެވެ.
“އަހަރެން ބަދަލު ހިފާނަން!” އެންމެ ފަހުން ނިހާދު ބުނި އެއްޗަކީ އެއީއެވެ.
އެވަގުތު އަހަރެންގެ ތުންފަތްމަތީގައި ދުވެލީ މަލާމާތުގެ ހިނިތުން ވުމެކެވެ. ނިހާދު އަށް ހިފޭނީ ކޮން ބަދަލެއް ހެއްޔެވެ؟ ކައިވެނި ކުރެވުމާއެކު އަހަރެން ފިރާޝް އާއި އެކުގައި މާލެއަށް ދިރިއުޅުން ބަދަލު ކުރާނަމެވެ. އޭރުން ދެން ދުވަހަކު ވެސް ނިހާދުގެ ހިޔަނިވެސް ނުފެނި އުޅެވިދާނެއެވެ.
ފިރާޝް އެނބުރި އަތުވެއްޖެއެވެ. ކައިވެނި ކުރަން އަހަރެން ރަންވެސް ކިޔައިފީމެވެ.
ވަޒީފާއިން ވަކިވާނީ ކައިވެންޏަށް ފަހުގައި ކަމަށް ފިރާޝް ބުނުމުން ޖެހިގެންއައި ދުވަހު އަހަރެން ސްކޫލަށް ދިޔައިމެވެ. އަހަރެން އޮފީސް ތެރެއަށް ވަންއިރު ނިޔާޒާ އޭނާގެ މޭޒް ކައިރީގައި އިނެވެ. ނިޔާޒާ އަކީ އަހަންނާ އެކުގައި މަސައްކަތްކުރާ އަހަރެންގެ ރައްޓެއްސެކެވެ. ފިރާޝް އާއި ތިމާގެ ކުއްޖެކެވެ.
ކޮންމެ ދުވަހަކު ވެސް އަހަރެން ފެނުމުން އޭނާ ހީލާނެއެވެ. އެހެނަސް މިއަދު ތަފާތެވެ. އޭނާ އިނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައިކަން އަހަންނަށް އެނގުނެވެ.
“ކިހިނެއްވީ؟” އަހަރެން އަހާލީމެވެ.
“ނިހާދު އާއި ހަނާ އާއި ދޭތެރޭގަ އޮންނަނީ ކޮން ގުޅުމެއް؟ ”ނިޔާޒާ ވާހަކަ ދެއްކީ ހަރުކަށިކަމާ އެކުގައެވެ.
އޭނާކުރި ސުވާލުން އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އަހަރެމެންގެ ގުޅުން ނިޔާޒާ އަށް އެނގުނީ ކަންނޭނގެއެވެ.
“އެނގެއެއްނު އޮންނަނީ ކޮން ގުޅުމެއްކަން…. ހަމަ ނިޔާޒާ އެކޭ އެއްގޮތަށް އަހަންނަކީ ވެސް ނިހާދުގެ ރައްޓެއްސެއް!” ހަމަޖެހިގެން ވާހަކަ ދައްކަން އަހަރެން މަސައްކަތްކުރީމެވެ.
ނިހާދު މިރަށަށް އައިސްފައި ދިޔަފަހުން ސްކޫލް އޮފީހުގެ ހުރިހާ މުވައްޒަފުންނާ ވެސް އޭނާ ރައްޓެއްސެވެ. ފޭސްބްކް މެދުވެރިކޮށް ހުރިހާމީހުންވެސް ވާހަކަ ދައްކާހަދައެވެ. އަހަރެން ވެސް ނިހާދު އާއި ވާހަކަ ދައްކާކަން އެމީހުންނަށް އެނގޭނެއެވެ. ހަމައެކަނި ނޭނގޭނީ އަހަރެމެން އުޅުނީ ރައްޓެހިވެގެން ކަމެވެ.
“ރައްޓެއްސެއްވީމަ ދޯ!…………. ބަލާބަލަ!” ނިޔާޒާ ކޮމްޕިއުޓަރ އަހަންނަށް ދައްކާލިއެވެ.
އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. ހިތް ހީވީ ބިންމަތީގައި ޖެހުނުހެންނެވެ.
އަހަރެން ނިހާދު އަށް ފޮނުވި ހުރިހާ މުޑުދާރު ފޮޓޯތައް ނިހާދު ނިޔާޒާ އަށް މެއިލް ކޮށްފައި ހުއްޓެވެ. ވިސްނާނުލާ ކުރެވުނު ކަންތަކުގެ ބޮޑުކަން ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ.
އެފޮޓޯތައް ޑިލިޓްކުރިކަމަށް ނިހާދު ބުންޏެވެ. އޭނާ އާއި ރުޅިވިއިރުވެސް އެކަމާއަޅާނުލީ އެހެންވެގެންނެވެ.
“ނިޔާޒާ މިއެއްޗެހި އެއްވެސް މީހަކަށް ދެއްކިންތަ؟” ހާސްވެފައި ހުރިވަރުން އަހަންނަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ.
“އަހަރެން ނުދެއްކިޔަސް ފެންނާނެ… ނިހާދު މިއެއްޗެހި ފޮނުވީ އަހަންނަށް އެކަންޏެއް ނޫނޭ! މިތަނުގަ އުޅޭ އެންމެންނަށް!”
އަހަރެން ބިރުންތުރުތުރު އަޅަންފެށިއެވެ. މިހާރު އެޚަބަރު ފިރާޝް އާއި ހަމައަށް ނުދާކަމެއް ވެސް ނޭނގެއެވެ. އޭނާއަށް އެކަން އެނގިއްޖެނަމަ ހަތަރުއުދަރެސް ފެނުޖެހުނީއެވެ.
އަހަރެން އެތަނުގައި އިތުރަށް މަޑުނުކޮށް ގެޔަށް އައީމެވެ. އަދި ކޮޓަރިއަށްވަދެ ފިރާޝް އަށް ގުޅީމެވެ. ތޭރަ ފަހަރު ގުޅުމުން ވެސް އޭނާ ފޯނެއް ނުނެގިއެވެ. އެންމެ ފަހުން ފޯނު ނެގުމަށްއެދި އޭނާއަށް މެސެޖެއްކުރީމެވެ. ދިހަވަރަކަށް މިނެޓްފަހުން އޭނާ ގުޅިއެވެ. ފިރާޝް ބުނާނެ އެއްޗެއް ނޭނގޭތީ އަހަރެން ހުރީ ވަރަށް ބިރުންނެވެ. އަހަންނަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ.
“ފިރާޝް….!” ވަރަށް އުނދަގުލުން އަދި މަޑުމަޑުން އަހަރެން ގޮވާލީމެވެ.
“ކީކޭ؟” ފިރާޝް އަޑާއި ރާގުގައި އާދަޔާ ހިލާފުކަމެއްނެތެވެ. އޭނާ ވާހަކަ ދެއްކީ ކުރިއެކޭ ވެސް އެއްގޮތަށެވެ.
“ފިރާޝް… އަ އަ އަ..އަހަރެން… މަޢާފުކުރޭ!” އަހަންނަށް ބުނެވުނީ އެހިސާބަށެވެ. އޭނާ ހޭންފެށިއެވެ. މަލާމާތުގެ ހުނުމެކެވެ.
“ހަނާ އަށް ތިޔަވީ މިސްކިތުގަ ހުޅުޖެހި މީހާއަށް ވީވަރު…….. އަހަރެން އަދި އެއްވެސް ސުވާލެއް ނުކުރަމެއްނު! ނުވެސް ކުރާނަން….. ކީއްކުރަން ބޭކާރު ސުވާލު ތަކެއް ކުރަންވީ؟
މެންދުރުގެ އިރުފަދައިން އެނގިފާޅުވާ ކަމެއްގަ ސުވާލު ކުރާނެކަމެއް ނެތެއްނު! ނަސީބެއްނު ކައިވެނީގެ ކުރިން އެނގުނުކަން….. އެހެންނޫންނަމަ އަހަރެންގެ އާއިލާއަށް ވެސް ކިހާ ހުތުރު؟……….. އަހަރެން ބޭނުމެއް ނޫން ހަނާ އާއި ކައިވެނިކުރާކަށް… އެންމެންނަށް މިކަން އަންގާ!” ފިރާޝް ކިޔަން ބޭނުން ހުރިހާ އެއްޗެއް ކިޔުމަށްފަހު ފޯނު ބޭއްވިއެވެ. އަހަރެން ހުރީ ބުނާނެއް އެއްޗެއްވެސް ނޭގިފައެވެ. އަހަރެންނަށް ކުރެވުނުހާސް ކަމަކީ
ބާރަށް ރޮއެއްގަތުމެވެ.
ދެތިންގަޑިއިރު ވީއިރު އެޚަބަރު ނޭނގޭ މީހަކު ރަށަކުނެތެވެ. އެފޮޓޯތައް ނެތް ފޯނެއް ނެތެވެ. އެފޮޓޯތަކާމެދު އިންކާރު ކުރެވޭކަށް ވެސް ނެތެވެ. ހުރިހާ ފޮޓޯއެއް ވެސް ނެގީ އަހަރެންގެ ކޮޓަރީގައި، އެއްވެސް މަޖުބޫރުކަމެއްނެތި އަހަރެން އަމިއްލައަށެވެ. އެއީ ހަދާފައިވާ އެއްޗެއް ނޫންކަން ބަލާލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އަހަރެންގެ ކަރުގައި އަޅާފައި އޮތް ރަންފަށާއި، ތުންފަތް ކައިރީގައި އިން ކުލަގަދަ ކަޅުތިލަ އާއި ކޮޓަރީގެ ފަސްމަންޒަރު ފެނުމުން ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭނެއެވެ.
އަހަރެންގެ އާއިލާގެ މީހުންތިބީ ލަދުން އިސްއުފުލަން ނުކެރިފައެވެ. ގޭ މީހަކާ ހަތަރުކަޅި ހަމަކުރަން ވެސް އަހަންނަށް އުނދަގޫވިއެވެ. މަގުމައްޗަށް ނިކުމެއުޅުން މުޅިން ހުއްޓާލީމެވެ. ނިކުންނަން ކެރޭނީވެސް ކިހިނެއް ހެއްޔެވެ؟ ފޭރާމާއެކު ހުއްޓަސް އަހަރެންގެ މުޅިހަށިގަނޑުވަނީ އެންމެންނަށް ކަޝްފުވެފައެވެ.
ނިހާދު އާއި ވަކިނުވެވުނުނަމަ މިހުރިހާ ކަމެއް ކުރިމައްޗެއްނުވީހެވެ. ނޫނެކެވެ. މައްސަލައަކީ ނިހާދު އާއި ވަކިވުމެއް ނޫނެވެ. މައްސަލައަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ކަމެއް އަހަރެން ކުރުމެވެ. ލޯބިވާމީހާ ބުނުމުން ވެސް ކުރަންޖެހޭނެ ކަންކަމާ ކޮށްގެން ނުވާނެ ކަންކަން ހުންނާނެއެވެ. އަހަންނަށް ވިސްނާނުލެވުނީއެވެ.
ދެން އަހަންނާ އިންނާނެ މީހަކު ވެސް ނުވާނެކަމަށް ގިނަބަޔަކު ބުނެއެވެ. އެކަމާމެދު އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. ދުވަހަކު އިންނާނެ މީހަކު ނުވިޔަސް ވަރިހަމައެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ އަބުރުގައި ޖެހިފައިވާ ލައްގަނޑު ފިލުވާލާށެވެ. ނަމަވެސް އެއީ ނުވާނެކަމެކެވެ. ދެން މުޅިއުމަރަށް ވެސް އެންމެން އެވާހަކަ ދައްކާނެއެވެ. އެފޮޓޯތައް ގެންގުޅޭނެއެވެ. ދެން އަހަންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމެވެ.
=ނިމުނީ=
5 Comments!
Comments are closed.
ހިހި ،، އެމީހެއްގެ އަބުރު ހިފާޓާނީ އެމީހެއް
ލޯބިން ގޮސް ކުރެވޭ ގަޅި ކަންތައް.
ވ އިބްރަތްތެރި ވާހަކައެއް! ވ. ސަޅި
ވާހަކަ ވ.ރީތި…ހުށަހެޅުންވެސް ވ.ފުރިހަމަ. އެކަމަކު “އެހާމެ ތަނަވަސް” މިހެން އޮތުމުން ކަމަކު ނުދޭ. އޭރުން މާނަ ނެގެނީ ފިރާޝް މިހާދުހާ ތަނަވަހޭ. އެހެން އެވާ ގޮތަކީ މިހާދުގެ ވާހަކަ ކުރީ ޖުމްލައިގައި އައިސްފައި އޮތުމުން… ވަރަށް ރީތި އިނގޭ ވާހަކަ
މީ ހަމަ އަސްލުވެސް ވާކަމެއް….