
ތައުބާ
މަރުހަބާ އަދުހަމް! އެއަޑަށް އަހަަރެންނަށް ސިހިފައި ބަލާލެވުނު އިރު ކުރިމަތީ އިން ގޮނޑީގައި ހުސެން އިށީންނަނީއެވެ. އަހަރުމެން ތިބީ އޮފީހުގެ ކެންޓީނުގައެވެ. ހެނދުނު ސަޔަށް އިންސާފުކުރުމަށްޓަކައެވެ. ހުސެންއަކީ އަހަރެން އެ އޮފީހުގައި މަސައްކަތް ކުރަންފެށިއްސުރެ މިއަދާ ހަމައަށްވެސް އަހަރެންނާއި އެންމެ ގާތް ގުޅުމެއް އޮންނަ އެކުވެރިޔާއެވެ. ”ކިހިނެއްވެފަ، ހާދަ މޫޑީވެފައި އިންހެން ހީވޭ، ކޯސް ލިބުނީމަ އުފަލެއް ނޫންތަ ވާންވީ.” ހުސެން އަހަރެންނާ މުހާތަބުކޮށް ވާހަކަ ދެއްކިއެވެ. ”ހުސެން. ކޯސް ލިބުނީމަ އަހަރެންވެސް އުފާވޭ. އެކަމަކު އަންހެނުންނާއި ދަރިފުޅާ ދުރަށް އެހާ ގިނަ ދުވަހަށް ދާންޖެހޭތީ ހަމަ ދެރަވަނީ. ކައިވެނި ކުރިއްސުރެ މިވީ 6 އަހަރު ތެރޭ އަދި އަލަށް ޝިފޫ އާއި ދުރަށް ދާން މި ޖެހުނީ. އަދި ދަރިފުޅުވެސް ބަހައްޓާފައި ދާންޖެހޭތީ. އަހަންނަށް ވަރަށް އުނދަގޫ ވާނެ އެ ދެމީހުންނާއި ވަކިން އުޅެން.” އަހަރެން ބުނީމެވެ. ”އަދުހަމް. ބަަލަން ވީނު ޝިފޫ އާއި އާއްކޮ އާއިވެސް ގޮވައިގެން ދެވޭ ކަހަލަ ގޮތެއް ވޭތޯ” ހުސެން ބުންޏެވެ. ”ނޫނޭ! ކިހިނެއް ޝިފޫ ގޮވައިގެން ދާނީ އެހާ ގިނަ ދުވަހަށް. ޝިފޫ ބަލަންޖެހޭ މުސްކުޅި މަންމައަކާއި ބައްޕައެއްވެސް އެބަހުރި. އަދި ޝިފޫގެ ކޮއްކޮއަށްވެސް އަމިއްލައަށް މަސައްކަތް ކޮށްގެން އުޅެވޭ ވަރެއް ނުވޭ. އެދުވަސް އަންނަންދެން އޭނަގެ ކަންތައް ބަލަންވެސް ހުރީ ހަމަ ޝިފޫ. ދެން ކިހިނެއް ޝިފޫ ގޮވައިގެން ދާނީ.” އަހަރެން ބުނީމެވެ. ”އޯކޭ! ދެން އަދުހަމްއަށް އެންމެ ރަނގަޅު ގޮތަކަށް ނިންމާ. އޭ! ތިއެއް ނޫނޭ. އަދުހަމް އާއި އައިންތު އާއި ދެ މީހުންނަށް ދޯ ކޯސް ލިބުނީ. ސޯ. އަދުހަމް އެކަންޏެއްވެސް ނުވާނެއްނު. ފޫހިވެގެން އުޅޭކަށްވެސް ނުޖެހޭނެއްނު. އޮފީހުގެ އެންމެ ބޮޑު އަނގަވިއްޔަ ގޮވައިގެން ތިދަނީ.” ހުސެންގެ ވާހަކައަށް އަހަރެން ހިނިތުންވެލީމެވެ.
ގެއަށް އައިސް ގޭ އެންމެންގާތު އަހަރެންނަށް ކޯސް ލިބުނު ވާހަކަ ބުނުމުން އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް ޝިފޫއަށް އެކަން އަދި ސިއްރުކުރުމަށް ބުނީމެވެ. ޝިފޫ ކައިރި އެވާހަކަ ބުނަން އަަހަރެން ބޭނުންވީ ވަރަށް ހަމަޖެހިލައިގެންނެެވެ. ދައްކަންޖެހޭ މުހިންމު ވާހަކަތައްވެސް ހުރުމާއިއެކު، ރޭގަނޑު ނިދާ ގަޑި ޖެހެންދެން އަހަރެން ޝިފޫ ކައިރި އެވާހަކަ ނުބުނެ ލަސްކޮށްލީމެވެ. ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޝިފޫ އާއި އެކު ކޮޓަރިއަށް އައިސް ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންކަމުގައިބުނީމެވެ. ”ކިހާ ވަރެއްގެ ބޮޑު ވާހަކައެއް ދައްކަން އަނެއްކާ ތި އުޅެނީ.” ޝިފޫ ބުންޏެވެ. ”އަހަންނަށް ކޯސް ލިބިއްޖެ. މާސްޓާރސް ޑިގްރީއަށް ކިޔަވަން ދާން. މެލޭޝިޔާއަށް. ތިން އަހަރަށް ދަނީ.” ޝިފޫ އުފަލުން އަހަރެންގެ ގައިގައި ބައްދާލުމަށްފަހު މަރުހަބާއޭ އޭ ބުންޏެވެ. އެކަމަކު ދެވަނަ ސިކުންތުގައި އެ މޫނުމަތިން ފެނިގެން ދިޔައީ ހިތާމަވެރި ކުލަވަރެވެ. ”ދެރަވީ ދޯ އަހަރެންނާއި އެހާ ދުރުގައި ހުންނަން ޖެހޭތީ 3 އަހަރު ވަންދެން.” އަހަރެން ބުނީމެވެ. ”ދެރަވޭ. ވަރަށް ދެރަވޭ. މަގޭ ލޯބިވާ ފިރިމީޙާ އާއި ދުރުގަ ހުންނަން. އެކަމް ކީއްކުރާނީ. ފިރިމީހާ އަށް ލިބޭ ކޮންމެ ކުރިއެރުމަކީ އަހަރެންނަށްވެސް ލިބޭ ކުރިއެރުމެއް. އެހެންވީމާ ތިން އަހަރުވަންދެން އަހަރެން ކެތްކުރާނަން. އެހެންނޫނަސް ތިން އަހަރު ގޮސްދާނެ ވަރަށް އަވަހަށް.” ޝިފޫ އަހަންނަށް ހިތްވަރު ދޭ ފަދަ ރާގެއްގައި ބުންޏެވެ. ”ކޮންމެ އަހަރަކުވެސް ޗުއްޓީއަށް 2މަހަށް ޝިފޫ ކައިރިއަށް އަންނާނަން. އޯކޭނު. ދެން ހިނގާ ނިދަންދާން. މާބޮޑަށް ލަސްވީމަ އޮފީހަށް ދާން ހޭލަން ވަރަށް އުނދަގޫވާނެ.
އޭގެ ދެ ހަފްތާ ފަހުން އަހަރެން ކިޔެވުމަށްޓަކައި މެލޭޝިޔާއަށް ފުރީމެވެ. އަހަންނަށް އެނގެއެވެ. ޝިފޫ ނުބުންޏަސް އޭނަ ހުރީ ވަރަށް ދެރަވެފައެވެ. އަހަރެން ފުރަން ދެދުވަހަކަށް ވީއްސުރެން ހުންނަނީ ފާޑަކަށް ނެގިމަޑުވެފައެެވެ. އަހަރެން ޝިފޫއަށް ވަރަށް ހިތްވަރު ދިނީމެވެ. އަބަދުވެސް ޝިފޫއާއި އެކު ހުންނާނެކަމާއި ދުވަހަކުވެސް ބަދަލެއް ނުވާނެކަމުގައި ބުނީމެވެ. ކޮންމެ ދުވަހަކުވެސް ގުޅާނަންކަމުގައި ބުނެ، ޝިފޫވެސް ބޭނުންވާނީ އަހަރެން ކިޔަވައިގެން މޮޅު މީހަކަށްވުމަށްކަމުގައި ބުނީމެވެ. އެހެންވީމާ މީ ޝިފޫވެސް ބޭނުންވި ކަހަލަ ފުރުސަތެއް ނޫންހޭ. އަހަރެން އަންނަންދެން ކެތްތެރިކަމާއެކު އިންތިޒާރުކުރުމަށް ބުނެ ޝިފޫގެ ހިތްހަމަ ޖައްސައިދިނީމެެވެ. އަދި ސަލާމް ކޮށްލުމަށްފަހު ފުރުމަށްޓަކައި ޓާރމިނަލްތެރެއަށް ވަންނަންދިޔައީމެވެ.
އަހަރުމެންނަށް މެލޭޝިޔާއަށް އާދެވުނީ އެދުވަހު ހަވީރު 5 ޖެހިފަހުންނެވެ. އޭރު އަހަންނާއި އައިންތު ބަލާ، މީހަކު އެއަރޕޯޓަށް އައިސްހުއްޓެވެ. އެމީހާ އަހަރުމެން ގޮވައިގެން އޮފީހުން އަހަރެމެން ތިބެން ހަމަޖައްސާފައިވާ އެޕާރޓްމަންޓަށްދިޔައެވެ. އަދި އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އެމީހާއަށް ގުޅުމަށް ބުނެފައި އަހަރެމެންނާއި އެތާނގެ ތަޅުދަނޑި ހަވާލުކުރުމަށްފަހު އެމީހާ ދިޔައެވެ. އެމީހާ ދިޔުމުން އަހަރެން އަވަސްވެގަތީ ކޮޓަރިއަށް ދިޔުމަށްފަހު ޝިފޫއާއި ވާހަކަދައްކާލާ އަހަރެންނަށް އެތަނަށް އާދެވުންކަން އަންގާށެވެ. ކޮޓަރިއަށް ގޮސް ލެޕް ނަގާ ވައިބަރއިން އޮންލައިން ވިއިރަށް ޝިފޫގެ މެސެޖްތައް އަންނަންފެށިއެވެ. ދެވުނުހާ އަވަހަކަށް މެސެޖްކުރުމަށާއި، މިހާރުވެސްް މިސްވާންފަށައިފިކަމުގައެވެ. އަދި އަދުހަމް ނެތުމުން ގޭތެރެ ވަރަށް ފަޅުވާހަކައާއި، އާއްކޮ ބައްޕަ ނުފެނިގެން ވަރަށް ސުވާލުކުރާ ވާހަކައެވެ. އަހަރެން އަވަސް އަވަހަށް ޝިފޫއަށް ގުޅީމެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރުވަންދެން ވާހަކަ ދެއްކުމަށްފަހު ކުރަންޖެހޭ ވަރަށް ގިނަ ކަންތައް ހުރުމާއެކު، އަނެއްދުވަހު ގުޅާނެކަމަށާއި، ޝިފޫއާއި އާއްކޮ ވަރަށް މިސްވާކަމަށް ބުނެ ކޯލް ނިންމާލީމެވެ. އެފަހުންވެސް ކޮންމެ ދުވަހަކުވެސް އެއްގަޑިއިރު އަހަރެން ޝިފޫއާއި ވާހަކަ ދައްކަމެވެ. ކޮލެޖް ނިންމާފައި އައިސް ކައިގެން އެންމެ ފުރަތަމަ ކުރާކަމަކީ އެއީއެވެ. ކޮންމެ ދުވަހަކުމެ އެންމެ އިންތިޒާރުކުރެވޭ ވަގުތުކޮޅަކީވެސް އެއީއެވެ. ޝިފޫއާއި ދަރިފުޅާ ކިތައްމެ ދުރުގައި ހުއްޓަސް އެވަގުތުކޮޅު އެކަން އިހުސާސްނުވާ ކަހަލައެވެ. ދުވަހުގައި ދިމާވެފައި ހުންނަ އެކިއެކި ކަންތައްތަކުގެ ވާހަކަ ތައް ކޮންމެ ދުވަހަކުމެ ދެމީހުން ހިއްސާކުރަމެވެ. ކިތައްމެ ދުރުގައި ތިއްބަސް އަހަރެމެންގެ މެދުގައި އޮތް ގާތްގުޅުމަށް އޭގެ ސަބަބުން އެއްވެސް ބުރުލެއް ނާރައެވެ. ގާތްގަނޑަކަށް އަހަރެން މިކޮޅަށް އައިތާ މަހެއް ވީއިރު ޝިފޫވެސް ވަނީ ހަމައަކަށް އެޅިފައެވެ.
ދުވަސްތައް ހޭދަވަމުންގޮސް މެލޭޝިޔާގައި އަހަރުދުވަސްވާން ކައިރިވިއިރު އެތާނގެ މާހައުލަށް އަހަރެންވެސް ވަނީ ހޭނިފައެވެ. މީގެ އިތުރަށް އަހަރެންނާއި އައިންތުއާއި ދެމީހުންގެ ގުޅުންވެސް ވަނީ ވަރަށް ގާތް އެކުވެރިކަމަކަށް ބަދަލުވެފައެވެ. އެއްގެއެއްގައި އުޅެންޖެހުމުގެ ސަބަބުން އެކަކު އަނެކަކަށް ދިމާވާ އެކިއެކި ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަކު އަނެކަކަށް ދިމާވާ އެކިއެކި ކަންތައްތަކުގައި މަޝްވަރާކޮށް އުޅުމުގެ ތެރެއިންނެވެ. އަހަރެންނާއި ޚިލާފަށް އައިންތުގެ ދިރިއުޅުމަކީ މާ ހަމަޖެހޭ ދިރިއުޅުމެއް ނޫނެވެ. އަބަދުވެސް ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާއާއި ދެމީހުން ކޮންމެވެސް ކަމަކާއި ދެބަސްނުވާ ދުވަހެއް މަދުވާނެއެވެ. މިފަދަ ދުވަސްތަކުގައި އައިންތު ދެރަވެފައި ހުންނަ ވަގުތު އަހަރެން އަބަދުވެސް ކޮންމެވެސް މަޖާއެއްޗެއް ކިޔާލާ އައިންތުގެ މޫޑު ރަނގަޅުކުރެވޭތޯ ބަލަމެވެ. އެހެންނަމަވެސް އަހަރެމެން ދެމީހުންވެސް އެކުވެރިކަމުގެ އިމުގެ ތެރޭގައި ތިބުމަށް އަބަދުވެސް ހަނދާންކުރަމެވެ. އެ އިމުން ބޭރުވުމަކީ އަހަރެންވެސް އަދި އައިންތުވެސް ބޭނުންވާ ގޮތެއްނޫނެވެ. އެކުވެރިކަމުގެ ނަޒަރުން މެނުވީ އަހަރެންނާއި އައިންތުވެސް އެކަކު އަނެކަކަށް ނުބަލަމެވެ. އެހެންނަމަވެސް ކުރަން ބޭނުންނުވާ ކިތައްމެ ކަމެއް ހަޔާތުގައި ކުރެވޭ ފަހަރު އާދެއެވެ. އެފަދަ ވަގުތުތަކުގައި ކިތައްމެ ބޭނުންނުވިޔަސް އެކަންތައް ހުއްޓުވާނެ ބާރެއް ގިނަ ފަހަރަށް އަހަރެމެން އިންސާނުންނަކަށް ނުލިބެއެވެ. ކުރެވޭހާވެސް ކަމަކީ ފަހުން އެކަމާއި ދެރަވެ އެކަން ނުކުރެވުނު ނަމައޭ ހިތަށް އަރާ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައެޅުމެވެ.
މިގޮތުން ވިއްސާރަ މޫސުމުގެ ވިއްސާރަ ރޭތަކުގެތެރެއިން ރެއެކެވެ. ޖައްވުގައި ހިފާފައިވާ ފިނިކަމުން ސަލާމަތްވުމަށް ހޫނު ކޮފީއެއް ބޯލުމުގެ ނިޔަތުގައި އަހަރެން ޝިފޫއާއި ވާހަކަ ދައްކާ ނިންމާލުމަށްފަހު ކޮޓަރިން ބޭރަށް ނުކުތީމެވެ. ސިޓިންރޫމް ތެރޭގައި ރަސްކަންކުރަމުން ދަނީ އަނދިރިކަމެވެ. ސިޓިންރޫމް ދިއްލުމުގެ ބަދަލުގައި އަހަރެން މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. އެވަގުތު ސޯފާގައި މީހަކު އިންހެން ހީވެގެން ރަނގަޅަށް އެދިމާއަށް އަހަރެން ބަލާލީމެވެ. ”އައިންތު! މިއޮއް ވިއްސާރަ ރޭ އަދިވެސް ނިދަން ނުގޮސް ތީނީ ކީއްވެ؟” އަހަރެންގެ ސުވާލަށް އައިންތު ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނީއެވެ. އަހަރެން އައިންތުގެ އަތުގާ ހިފާ ކުޑަކޮށް ތަޅުވާލީމެވެ. އަދި ކިހިނެއްވީ ތޯ ދެވަނަ ފަހަރަށް ސުވާލުކުރީމެވެ. އެވަގުތު އައިންތު ވަރަށް ބާރަށް ރޯންފެށިއެވެ. އެ އަޑުގައި ވި ހިތްދަތިކަމުން އަހަރެންގެ ހިތަށްވެސް އަސަރުކުރިއެވެ. އަހަރެން މަޑުމަޑުން އައިންތުގެ ކޮޑުގައި އަތްބާއްވާލުމަށްފަހު ވެގެން އުޅޭ ގޮތެއް އެހީމެވެ. ” އޭނަ..އޭނަ އަހަރެން ދޫކޮށްލައިފި.” އެހެންބުނުމަށްފަހު އައިންތު އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލުމަށް ފަހު ރޯން ފެއްޓިއެވެ. އެހާލަތުގައި އަހަންނަށްވެސް އައިންތު ދުރުކޮށްލާކަށް ނުކެރުނެވެ. އަހަންނަށް އެނގެއެވެ. އައިންތު އެ ކުއްޖާދެކެ އިންތިހާއަށް ލޯބިވެއެވެ. ކިތަންމެ މައްސަލައެއް ޖެހުނަސް އޭނާއާއި ރުޅިނުވެ ހުރީ އެސަބަބަށްޓަކައެވެ. އައިންތުގެ ހިތަށް ކުރާނެ އަސަރު އަހަރެންނަށް އިހުސާސްވެއެވެ. އަހަރެން މަޑުމަޑުން އައިންތުގެ ބުރަކަށީގައި ފިރުމާލީމެވެ. އަދި އައިންތުއަށް ހިތްވަރު ދޭންފެއްޓީމެވެ. އެވަގުތު ކައިރިން ފެނުނު އައިންތުގެ މޫނަށް ކުރިން ނުބެލޭ ނަޒަރަކުން އަހަރެންނަށް ބަލާލެވުނެވެ. އެމޫނުގެ ރީތިކަން ފުރަތަމަ ފަހަރަށް އަހަރެންނަށް ފާޙަގަވިއެވެ. ވިއްސާރައިގެ ފިނިކަމާއި ޝިފޫއާއި ދުރުގައި ހޭދަކުރަންޖެހުނު ދުަވަސްތަކުގެ ސަބަބުންނާއި އައިންތުއާއި އެހާކައިރީގައި ހުރުމުން ކުރިން ނުކުރެވޭ އިހުސާސްތަކެއް ކުރެވެންފެށިއެވެ. މަޑުމަޑުން އަހަރެންނަށް އައިންތު ކުރިއަށްވުރެ ބޮޑަށް އަހަރެންނާއި ގާތްކޮށްލީމެވެ. އައިންތުވެސް އަހަރެންގެ އެއްވެސް ހަރަކާތަކަށް ދެކޮޅު ނުހެދުން ވީ އަހަންނަށް ލިބުނު އިތުރުު ހިތްވަރަކަށެވެ. ކޮންމެއަކަސް ކުރިން އަަހަރެމެންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ އިން ފަހަނައަޅާ ދެމީހުނަށްވެސް އެއިމުން ބޭރުވެވުނެވެ. ޝިފޫ ފިޔަވާ ދެވަނަ އަންހެނެއްގެ ކުރިމަތީ ފުރަތަމަ ފަހަރަށް އަހަރެންގެ އިހުސާސްތައް ހާމަކުރެވުނެވެ. އަނބިމީހާ ފިޔަވާ އިތުރުމީހަކާއެކު ހިއްސާކޮށްގެން ނުވާނެ ކަންތައްތަކެއް ކުރެވުނެވެ. ބާރަށް ޖެހި ގުގުރީގެ އަޑާއިއެކު ސިހިގެން ގޮސް އަހަންނަށް އައިންތުއާއި ދުރަން ޖެހިލެވުނެވެ. އަދި އަވަސް އަވަަހަށް އެތަނުން ތެދުވެގެން ކޮޓަރިއަށް ދިޔައީމެެވެ. އެނދުގައި އިށީދެވުމާއިއެކު ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލެވުމެވެ. ”އަހަންނަށް މި ކުރެވުނީ ކީއް. ކީއްވެ ކީއްވެ. ޝިފޫ ކިހާ ދެރަވާނެ.” އަމިއްލަ ނަފްސުދެކެ ވެސް އަހަރެންނަށް ރުޅި އާދެވުނެވެ. ކުރިން ހީކުރީ އަހަރެންނަކީ ގިނަ ފިރެހެނުންނާއި ތަފާތު މީހެއްކަމުގައިޔާ ޝިފޫ ފިޔަވާ ދެވަނަ އަންހެނަކާއި ދިމާއަށް އެނަޒަރަު ނުބަލާނެކަމުގައި ބުނެ އަހަރެންގެ ރައްޓެހިންނާއިވެސް ދިމާކުރާ މީހަކީމެވެ. އެކަމަކު މިއަދު އަހަރެންވެސް މިވީ އެކަހަލަ ގޮތެއް ނެތް މީހަކަށްށެވެ. ޝައިތާނާގެ ވަސްވާސްތަކުގެ ކުރިމަތީގައި އަހަރެންނަށް ވެސް ގަދައެއް ނުހެދުނެވެ. ”އަހަންނަށް މާފްކުރޭ ޝިފޫ، އަހަންނަށް ޝިފޫ ވަރަށް ދެރަވާ ކަމެއް ކުރެވިއްޖެ. އެކަމަކު މިއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން. އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން ޝިފޫ ފިޔަވާ އެއްވެސް އަންހެނެއް. އަހަންނަށް މާފްކޮށްދީ ޝިފޫ. އަހަރެން އިރާދަކުރެވިއްޔާ ދެން ދުވަހަކުވެސް މިފަދަ ކަމެއް ނުކުރާނަން. އަހަރެންގެ މުޅި ހަޔާތުގައިވެސް އަހަރެންނަށް މިކުރެވުނު ކުށާ ދޭތެރޭ ދެރަވެ ހިތާމަ ކުރާނަން” އަހަންނަށް ހިތާ ހިތުން ކިޔާލެވުނެވެ.
އޭގެ އަނެއް ދުވަހެވެ. އަހަރެން ގެންގުޅޭ ހުރިހާ އެއްޗެއް ފޮށިތަކަށް އަޅާ ބަންދުކުރުމަށްފަހު އެގެއިން ދިއުމަށް އަހަރެން ތައްޔާރުވީމެވެ. އައިންތުއާއި ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އެހެންކަމުން މިގޭގައި އުޅުމަކީ ދެން އަހަންނަށް ފަސޭހަކަމަކަށް ނުވާނެތީ އާއި އަންހެނަކާއެކު އެކަނި މިގޮތަށް ދިރިއުޅެންޖެހުމުން މިފަދަ ފާފައެއް ތަކުރާރު ކުރެވިދާނެތީ އަހަރެން ބޭނުންވީ އެގެ ދޫކޮށްދާށެވެ. ކުރިން އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ޔަގީންކަން އޮތަސް ރޭގެ ހާދިސާއަށްފަހު އަހަރެންގެ އަމިއްލަ ނަފްސަށް އޮތް ޔަގީންކަން ގެއްލިގެން ދިޔައެވެ. އަހަރެން އައިންތުގެ ފޯނަށް މެސެޖްކޮށް އެެގެއިން ދާ ވާހަކައާއި އަދި ކުރެވުނު ކަންތަކަށް ވަރަށް ބޮޑަށް މާފަށް އެދޭކަމުގައި ބުނީމެވެ. އަދި އަހަރެންނާއި ދޭތެރޭ ގޯސްގޮތަކަށް ނުދެކުމަށް ބުނީމެވެ. އަދި ޝިފޫއަށްވެސް މެސެޖްކޮށް އަހަރެން އެހެން ގެއަކަށް ބަދަލުވާ ވާހަކަ ބުނީމެވެ. އެހެންނަމަވެސް ސަބަބު ސިއްރުކުރުމަށްފަހު އެހެން ފިރެހެން ރައްޓެއްސަކާއި އެކު ތަންކޮޅެއް އަގުހެޔޮކޮށް ތަނެއް ލިބުމުން ބަދަލުވަނީ ކަމުގައިބުނީމެވެ.
އަހަރެން މިއަދު ގަބޫލުކުރަމެވެ. ކޮންމެ ފަހަރަކު ފިރިމީހާ ނުވަތަ އަނބިމީހާ އަށް މިފަދަ ކަމެއް ކުރެވެނީ އެމީހުންގެ ބައިވެރިޔާ ދެކެ ލޯބިނުވާތީއެއް ނޫނެވެ. އަދި ބޭވަފާތެރިވުމުގެ ގަސްތުގައެއްނޫނެވެ. އެހެންނަމަވެސް ދިމާވާ ހާލަތުގެ ސަބަބުންވެސް މިފަދަ ކަމެއް ދިމާވެދާނެއެވެ. ކުރިން އަހަރެންވެސް މިފަދަ ކަންތައް ގަބޫލު ނުކުރިއަސް މިއަދު އެކަން އަހަރެންނަށް ގަބޫލުކުރެވިއްޖެއެވެ. އަހަންނަށްވެސް ކުށެއްކުރެވިއްޖެއެވެ. އެހެންނަމަވެސް އެ ކުށުގެ މަތީގައި ދެމިހުރުމަކީ އަހަރެން ކުރާނެކަމެއް ނޫނެވެ. އެކަމަށް ތައުބާވެ އަހަރެން މިއަދު މި ހުރީ އެފަދަ ކަމަކަށް މަގުފަހިވާނެ ފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އިރާދަކުރެއްވިއްޔާ އަހަރެންގެ މުޅި ހަޔާތުގައިވެސް މިފަދަ ކަމެއް ދެން ތަކުރާރެއް ނުކުރާނަމެވެ. މިއީ އަހަރެންގެ ހިތުން ވާ ވައުދެކެވެ. އަހަރެންގެ ލޯބިވާ އަނބިމީހާ ޝިފޫއަށް ވެސް ވާ ވައުދެކެވެ.
11 Comments!
Comments are closed.
Varah varah nice
Nice story
bulackbeutyge vaahakatha varahsalhi meehus hageegy storytha
Sorry blackbeuty
hama huriha firihenun ge ves vahtharu…thanakun anhenaku fehnna irah moya vegen dhaane e meeheh ge fahathun..anyways varah salhi mi story…hama real story eh hen hyvany..goodluck
Veedhane kameh .insaanunah kuh kureveyneeves.
Wowwww v nice mi vaahaka.mee true story ehthrrr
Aslu ekahala haalai thakuga vs boys jeheyne dhw wife mathin handhaan kuran… thimaage beynun fudhunyma ehnun dhw lobivaa myhun mathin hadhaan vaanyky….
V v rythi mi story ? best of luck ingey blackbeauty .. i like the way yuh describe ???
Thanxxx all ??
Ma sha Allah v v v v rythi vhka eh…