Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޕަރީ – Not a Fairytale

Ille Level 1
May 12, 2025 11 Mins Read
1 Comment

ބާބު 1 : އާދަޔާ ހިލާފު ބެރެބެދި ގަސް (1 ވަނަ ބައި)

އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތު އަތިރިމަތީގައި ކުދިބަޔަކު ވައި މަޑި އަރުވަމުން ދިޔައެވެ. ހަމަ އެއާއި އިން ވެގެން އޮތް ގޮނޑުދޮށުގައި ހަރުފުރާގެ ކުދިންތަކެއް ކޮރަކަލި ބާނަމުން ދިޔައެވެ. އިރުގެ އަލިން މުޅި އުދަރެހަށް ވަނީ މަޑު އޮރެންޖު ކުލައެއް ގެނުވާފައެވެ. ހުދު ކުލައިގެ ކިރު ދޫނިތައް ހިނދުކޮޅަކަށް މިވަނީ މަޑު އޮރެންޖު ކުލައަށް ބަދަލު ވެފައެވެ. ވިއްސަކަށް ކިރު ދޫނި އައިނަކަށް ވައި މަޑިތަކުގެ ތެރޭގައި އުދުހިލާފައި ގޮސް ހިކިފައި އޮތް ދޮންވެލި ފިނޮޅަށް ތިރިކޮށްލައިފިއެވެ. ދާދިއެއްފަހަރާ، ނެރުގެ ތެރެއިން ރަށަށް ވަންނަމުން އަންނަ ދެ އޮޑި އެ އަންނަނީ ވަތް ފުރާ ކަންނެލި ބާނައިގެންނެވެ.

މި ހިތްގައިމު ހަވީރު ދަޅައިގެ ހިތްހަމަޖެހުން ހޯދުމަށް ބަނދަރުމައްޗަށް ނުކުމެ ތިބި މީހުންގެ ސަމާލުކަން ކުއްލިއަކަށް އެއް ދިމާލަކަށް ހުއްޓިގެން ދިޔައީ އަރާމަގުގެ އިރުން ހުޅަނގަށް ދުވަމުން އަންނަ ދެ ކުދިންނަށެވެ. “އެ ހަސަނުބެ ގޯތި ދެ މަންޖެ ދޯ އެއީ” ޖޯލި ފަތީގައި ތިބި ދައިތަމެން އެކަކު އަނެކަކަށް ‘ދޯ’ ދެމުން ބުނެލިއެވެ. “ޒިކީ..ގެންނަންވީ ތީތި” ޒިކީގެ ފަހަތުން ދުވަމުން އަންނަ ލިލީ ގޮވަމުން ދިޔައެވެ. ޒިކީ ހުރީ ދޫ ކުރާ ގޮތަކަށް ނޫނެވެ. ލީލީ އަކީ ޒިކީގެ ދޮށީ ދައްތައެވެ. ޒިކީ ދުވަމުން އެދަނީ ލިލީ ކުޅެންހުރި ބެޑްމިންޓަންގެ ބޯޅަ ހިފައިގެންނެވެ. މީގެ ފަސް މިނިޓް ކުރިން ލިލީ އާއި އޭނާގެ އެކުވެރި ޒައި، ގޯތި ދޮރުމަތީ ބެޑްމިންޓަން ކުޅެމުން ދިޔަ ވަގުތު ބޯޅަ ބިންމައްޗަށް ވެއްޓުނު ދަނޑިވަޅު ބަލާފައި ބޯޅަ ހޮވައިގެން ހުރި ސީދަލަށް މި ދުވަނީ އެމީހުން ކުޅުނަ ނުދިނުމަށެވެ. ސަބަބު ވެސް މުޅިން ގޯހެއް ނޫނެވެ. ޒިކީ އާއި އޭނާގެ ރައްޓެހި ސުމާ ކުޅެން ރެޑީވަނިކޮށް ލިލީމެންގެ ރެކެޓު ނަގައިން ކުޅެން ފަށާ، ރެކެޓު ދޭން ބުނުމުންވެސް ނުދީ ހިފެހެއްޓީއެވެ. އެހެންކަމުން މިއަދު އިރު އޮއްސެންދެން ދުވަންޖެހުނަސް ޒިކީ ހުރީ ދުވަން ތައްޔާރަށެވެ. މާނޭވާ ލަމުން އުނަގަނޑު މަތީ އަތް ބައިންދާލުމަށްފަހު ލިލީ މަޑުޖެހިލިއެވެ. “މަންމަ ގާތު ބުނާނަން. ނުދޭނަން އިނގޭ ދެން ދޮންތިގެ މޭކަޕެއް ބޭނުންކުރާކަށް.” އަޑުގެ ނެތްތަނަށް މިހެން ގޮވާލުމަށް ފަހު ލިލީ ފަސްއެނބުރި ހިނގައިގަތެވެ. “ކީކޭ ބުނާނީ މަންމަ ގާތު؟ ޒިކީ ކުޅެން ރެޑީވެފަ ހުއްޓާ ޒިކީ އަތުން ރެކެޓު ކަޓުވާލައިގެން ތިމަންނަ ކުޅެން ހުއްޓާ ބޯޅަ ހިފައިގެން ދުވެފަ ދިޔައީއޭތަ؟” ދުވުން މަޑު ކޮށްލުމަށްފަހު ޒިކީ ފަސްއެނބުރި ބަލާލިއެވެ. ދެބުމަ ގޮށް ޖަހައިގެން ހުރެ ލިލީ ގެއާއި ދިމާލަށް ހިނގައިގަތެވެ. އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ. ކުރިމަތިން ފެންނަ ވަލުގެ ތެރޭން ވައު ކޯޅޭ އަޑާއި، ކަނބިލި ފިޔޮކުގެ އަޑު އިވެން ފަށައިފިއެވެ. މިއާއިއެކު ޒިކީވެސް ލިލީގެ ފަހަތުން ގެއާއި ދިމާލަށް ހިނގައިގަތެވެ.

މަޣްރިބުން ފައިބައިގެން ބަޤަރާ ސޫރަތް ކިޔަވަން އިން ސިޔާދާ، އިންތިޒާރު ކުރަމުން ދިޔައީ އިޝާ ނަމާދުގެ ބަންގީގެ އަޑަށެވެ. މާ އިރުތަކެއްނުވެ ބަންގި ދޭން ފެށުމުން ޙަތިމް ލައްޕާލުމަށްފަހު ދަރިފުޅުގެ ކޮޓަރި ހުޅުވާލާފައި ބުންޏެވެ. “ދަރިފުޅާ ޒިކީ، އަވަހަށް ދޮންތައާއި އެކީ ނަމާދަށް އަރާ. ނަމާދު ކޮށްގެން އާދޭ ކާން. މަންމަ ވެސް ނަމާދުކޮށްގެން މި ނުކުންނަނީ ކާންހަދަން.” ސިޔާދާ އަކީ ޒިކީ އާއި ލިލީގެ މަންމައެވެ. ލިލީ އަކީ ބަރާބަރަށް ނަމާދުކޮށް ޤުރުޢާން ކިޔަވާ، ކިޔެވުމަށް މޮޅު ދަރިވަރެކެވެ. މިއިން އެއްވެސް ކަމަކަށް ލިލީ ގާތު ބުނާކަށް ނުޖެހެއެވެ. މި އަހަރަކީ ލިލީގެ އޭލެވެލްގެ ފަހު އަހަރު ކަމަށް ވުމުން ކިޔެވުމަށް ވަރަށް ފަރުވާތެރި ކަމާއިއެކު ވަގުތު ހޭދަ ކުރެއެވެ. ސިޔާދާވެސް ވަރަށް ގާތުން ލިލީގެ ކަންތައްތައް ބަލަމުން ދެއެވެ. ޒިކީއަށް ބަލާލާއިރު، ޒިކީ އަކީ ސިޔާސަ އަދި ލާނެއް ކުއްޖެކެވެ. ކިޔެވުމަށްވުރެ ބޮޑަށް ޒިކީގެ ކަމަކީ ކުޅިވަރެވެ. ސްޕޯޓްސް މީޓްތަކާއި އެތްލެޓިކްސް މުބާރާތްތަކުން ރަށަށް ރީތި ނަން ހޯދައިދީފައިވާ ދަރިއެކެވެ. އެހެންނަމަވެސް، ސިޔާދާ ކަންބޮޑުވަނީ މިއަހަރަކީ ޒިކީގެ އޯލެވެލް އަހަރު ކަމަށް ވެފައި ކިޔެވުމަށް އޮންނަންޖެހޭ ސީރިއަސްކަން ޒިކީގެ ފަރާތުން ނުފެންނާތީއެވެ.

ގަރުދިޔަ ތެލި ހޫނުކުރަން ފެށުމާއިއެކު މުޅި ބަދިގެއާއި ސިޓިންގ ރޫމްތެރެ އެއްވަސް ކޮށްލައިފިއެވެ. ލިލީ ނަމާދު ކޮށްގެން ނުކުމެ މަންމައަށް އެހީ ވުމުގެ ގޮތުން ބަތްކާ ތަށިތައް ކާމޭޒު މައްޗަށް ނަގާ، ލުނބޮލެއް ފަޅި ކޮށްލާ، ބަތާއި ގަރުދިޔަ އަދި ތެލުލިމަސް ކެއުމަށް ތައްޔާރު ވަމުން ދަނީއެވެ. މާގިނަ އިރުތަކެއްނުވެ، މޫނު ހަދައި އުތުރު ތުނޑިއާއި ހަމައަށް ތުން ދަމައިގެން ޒިކީ ކޮޓަރިން ނުކުމެއްޖެއެވެ. ނިތްކުރިއަށް ތިން ރޫ އަރުވާލައިފާ ބުންޏެވެ. “މިއަދުވެސް ގަރުދިޔަތަ މަންމާ…؟” ސިޔާދާ އެއްޗެކޭ ބުނުމުގެ ކުރިއަށް ލިލީ ސިޔާދާގެ ދިފާއުގައި ބުންޏެވެ. “ޒިކީ، އިނގޭދޯ ބައެއް ކުދިން ހަފްތާ ދެހަފްތާ ވާއިރު ނުކައިވެސް ތިބޭކަން؟ ހެއްދެވި ފަރާތަށްޝުކުރު ކޮށްލަބަލަ އަހަރުމެން ބަނޑަށް ތިބެން ނުޖެހޭކަން.” މިހެން ބުނުމާއިއެކު ޒިކީ އަނެއް ފަރާތަށް އެނބުރި ބުންޏެވެ. “އޯ ގޯޑް. ނޮޓް ދިސް ސްޓަންޓް އެގެއިން ދޮންތާ… ކޮންމެ ފަހަރަކު ޔޫ ޕުލް އައުޓް ދިސް ގިލްޓް ޓްރިޕް.” ޒިކީ އަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ލިލީ ބުންޏެވެ. “ހޫން! ތިޔަ ދިވެހިބަހުން ވާހަކަ ދައްކާއިރު ފަރަންޖީބަސް މަސްހުނި ކުރީމަ ވަރަށް ހަޑި.” މިހެން ބުނެވުމާއިއެކު ދޮރުހުޅުވާލި އަޑަށް އެންމެން ބަލާލިއެވެ. އެއީ ލިލީ އާއި ޒިކީގެ ބައްޕަ ހަސަނެވެ. ޒިކީގެ ނަޒަރު ދިޔައީ ހަސަނު އަތުގައި ހުރި ބަތް ޕާރިސަލަށެވެ. ބައްޕާއޭ ކިޔާ ދުވެފައިގޮސް ހަސަނު އަތުން އެ ބަތް ޕާރުސަލް އަތުލައިގަނެގެން ދުވެފައި ވަނީ ކޮޓަރިއަށެވެ. “ހަސަނު ތިހެން ގެންގުޅޭތީއޭ އެމަންޖެ މާ ތުއި ބޮޑުވަނީ. ކިތައް ފަހަރު ބުނާނީ ގޭގަ ކައްކާފައި ހުންނައިރު ތިހެން ބޭރުން އެއްޗެހި ނުގެންނާށޭ.” ސިޔާދާ ސިންކުގައި ހުރި ތަށިތަށް ދޮވެފައި އަތްފުހެލަމުން ބުންޏެވެ. ލިލީ މިކަމަށް އެއްޗެއް ނުބުނެ ހަސަނު އިށީނުމާއިއެކު ތަށި ގާތް ކޮށްލަދިނެވެ.

ސިޔާދާ: “މާދަމާ ލިލީގެ ޓްރިޕް ދުވަސް، އެގޮއްޔަ ރީތިވާ ސާމާނުވެސް ހުރީ ހުސްވެފަ”

ހަސަނު: “މިއޮތް ފެންބޯ ހުރަޔަށް ދޯ ދަނީ ދަރިފުޅާ؟ ކައިގެން ހިނގާ ދާން”

ލިލީ: “ލައްބަ. އަދި އިންޓަވަލް ނުގަންނަމެއްނު ބައްޕާ. ހިނގާ ލިލީ ގޮވައިން ދާން ފިހާރައަށް”

ފިހާރަ – މި ލަފްޒު އިވުމާއިއެކު ކޮޓަރީގައި އޮތް ޒިކީ ފުންމައިގެން ނުކުތެވެ. “މީ ފަސްޓް، މީ ފަސްޓް” ކިޔާ ފައިވާނަށް އަރައިގެން ދުވެފައި ގޮސް ސައިކަލުމަތީ އިށީންދެލައިފިއެވެ. ކާ މޭޒުދޮށުގައި ތިބި ތިންމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުމާއިއެކު އެއްފަހަރާ ހޭންފެށުނެވެ. އެންމެފަހުން ހަސަނަށް ފިހާރައަށް ނުގޮސް ނުވިއެވެ.

އިރުގެ ދޯދިތަކުން ޖައްވު ތާޒާކުރުވަމުން މުޅިން އާ ދުވަހަކަށް މަރުހަބާ ކިޔެވެ. އިރު ފެނުން އުފުލުމާއިއެކު ކުޑަދޮރުގެ ބިއްލޫރިގަނޑަށް އެޅެމުން ދިޔަ އިރުގެ އަލިން އުނދަގޫވެ ލިލީ އަށް ހޭލެވުނެވެ. ކަނާތްފަރާތަށް އަރިވެ، ފޯނުން ގަޑި ބަލާލުމާއިއެކު އެނދުން ތެދުވެ ތުވާލި ނަގަމުން ހިމޭން ނިންޖަކުން ނިދާލައިފައި އޮތް ޒިކީ އަށް ނިދި އަޑަކުން ގޮވަމުން ފާހާނަޔަށް ވަނެވެ. ޒިކީ ބާލީސް ނަގައި މޫނުމަތީ އެޅުމަށްފަހު އަނެއްކާވެސް ނިދޭތޯ ބެލިއެވެ. މާގިނަ އިރުތަކެއް ނުވެ، ބޭންޖަހާފައި އައިސް ކޮޓަރި ދޮރު ހުޅުވާލީ ސިޔާދާއެވެ.  ޒިކީ، ޒިކީ، ޒިކީ.. ހަމަ މިހާރު ތެދުވޭ. ސްކޫލު ގަޑި ޖެހެން ބާކީ ބަރާބަރު ބައި ގަޑިއިރޭ އޮތީ.” މިހެން ބުނުމާއިއެކުވެސް ޒިކީ ކަހާތަން ހިރުވައިވެސް ނުލިއެވެ. ސިޔާދާ ކޮޓަރިއަށް ވަދެ ހަތިޔާރު އުކުޅަށް ބެހެއްޓިއެވެ. ނިދާފައި އޮތް ޒިކީގެ ދެ އަތުގައި ހިފިގޮތަށް ކޮށްޅަށް ނެގިއެވެ. “ދެން… މަންމާ…” މިހެން ބުނުމަށްފަހު ޒިކީ ގައިން ވާގި ދޫކޮށްލިއެވެ. އެހެންނަމަވެސް ސިޔާދާއަކީ އާނޯޑުގެ ދިވެހި ވައްތަރެވެ. ހޭލެވެންދެން ސިޔާދާ ހުރީ ޒިކީގެ ގައިގައި ހިފަހައްޓައިގެން ކޮށްޅަށެވެ. އެވަގުތު ލިލީ ފާހާނައިން ނުކުމެ ހިނިގަނޑެއް ޖަހާލިއެވެ. “އެކަމަކުވާ ޒިކީ، އަދިވެސް ބޮޑެއް ނުވޭތަ؟” މިހެން ބުނުމަށްފަހު ލިލީ ބޯ ހިއްކަން ފެށިއެވެ. އަދި މިޔާއިއެކު ޒިކީވެސް ލޯ އުނގުޅަމުން ފާހަނަޔަށް ވަނެވެ.

ލިލީއަކީ ބުރުސޫރަ ރީތި، ކަޅު އިސްތަށިގަނޑެއްގެ ވެރި ދިވެހިވަންތަ ކުއްޖެކެވެ. ލޮލުގެ އެސްފިޔަތަށް އެހާމެ ދިގެވެ. ހަމަ އެއާއިއެކު ލޮލުގެ ކަޅީގެ ކުލައަކީ އާންމުކޮށް ނޫނީ ނުފެންނަ އަޅި ކުލައެވެ. ހަށިގަނޑުގެ ކުލަ އަލި، ކިނބިއްސެއް އަޅާލުމުންވެސް މީހާ ރަތްވެގެންދާ ފަދަ ދޮން ކުއްޖެކެވެ. އިސްކޮޅުން އެންމެ ފަސް ފޫޓު ހަތަރު އިންޗި ކިރިޔާ ހަމަވާ ލިލީ އަކީ ބައްޓަންވެސް ނުލާހިކު ރީތި ކުއްޖެކެވެ. އެ އުމުރުފުރާގެ ހުރިހާ ފިރިހެން ކުދިން ތިބީ ލިލީއަށް ދިވާނާވެފައެވެ. އެހެންނަމަވެސް ލިލީ މިއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ އޭނާ ކުރިއަށްދަނީ އޭނާގެ މަގްސަދު ހާސިލް ކުރުމަށެވެ. އޭނާގެ މައިންބަފައިގެން އުންމީދު ހާސިލް ކުރުމަށެވެ. އޯލެވެލް އިމްތިހާނުން މުޅި ދުނިޔޭގެ ގަދަ ދިހައެއްގެ އެއް ވަނައިގައި ހިމެނުނު ދުވަހު ލިލީގެ މައިންބަފައިގެ ލޮލުން ފޭދުނު އުފާވެރި ކަމުގެ ކަރުނަ އާއި ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން، އޭނާ އޭލެވެލް އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަހުވެސް ފަނޑުވެ ނުދިޔުމެވެ. އަނެއްކޮޅުގައި ހުރީ ޒިކީއެވެ. ޒިކީއަކީ ލިލީއަށްވުރެ ކުރު، ރީތި ބުޅި އިސްތަށިގަނޑެއްގެ ވެރި ކުއްޖެކެވެ. ދުވާލުދާ ހަތަރުދަމު އަވީގައި ކުޅެން އުޅުމުގެ ސަބަބުން ހަންގަނޑުގެ ކުލަ ހުންނަނީ މަޑު މުށި ކުލައިގައެވެ. މޫނުމަތީ ނަގާ ބިހީގެ ސަބަބުން މުޅި ދެކޮލުގައި ހުންނަނީ ލަކުނުތަށް އާވެ އާވެއެވެ. ހަށިގަނޑު ބަބްލީކޮށް ހުންނަ ޒިކީއަކީ ކިޔެވުމުގައި އަމިއްލަ ދައްތައާއި އެއްވަރަށް ނުދެވުނަސް ކުޅިވަރުގެ މައިދާނުގައި އޭ ސްޓާރއެކެވެ. ދުވުން، ރިލޭ، ޖްވެލިން، އަރޗަރީ، މިއަކީ މެދުކެނޑުމެއްނެތި މުޅިންވެސް ޒިކީ ރަންވަނަ ހޯދާ ކުޅިވަރުތަކެވެ. ކިޔެވުމުގައި މުޅިން ގޯސް ނުވިޔަސް ކޮންމެ އަހަރަކުވެސް ކިޔެވުމުން ފާސްވެއެވެ. އެހެންނަމަވެސް ސިޔާދާ އެންމެ ދެރަވަނީ ޒިކީގެ މުސްތަގުބަލް އުޖާލާ ނުވެދާނެ ކަމަށް ހީކުރެވޭތީއެވެ.

ރަނގަބީލް ޖެހުމާއިއެކު ހުދު ޔުނީފޯމް އަޅައިގެންތިބި ސްކޫލު ދަރިވަރުން ގޭޓުން ވަންނަމުން ދިޔައެވެ. ދުރުން ބަލާލާއިރު ސިފަވެގެން ދަނީ ފިނޮޅެއްގެ މަތީގައި ހިނގަމުންދާ ކިރުދޫނި ތަކެއް ފަދައިންނެވެ. މި ކުދިންގެ ތެރެއިން ޒިކީ އާއި ލިލީވެސް ސްކޫލު ތެރެއަށް ވަންނަމުން ދިޔައެވެ. އަދި އޭލެވެލް ހަދަމުންދާ ހުރިހާ ދަރިވަރުންގެ ބެލެނިވެރިންވެސް މެއެވެ. ލިލީގެ އެކުވެރި ޒައި ފެނުމުން ލިލީގެ ހިނގުން ބާރު ކޮށްލާ އެއްހަމަ ކޮށްލިއެވެ. ޒިކީ ކްލާހަށް ވެއްދުމަށްފަހު ސިޔާދާވެސް އެކުދިންނާއި އެއްހަމަ ކުރުމަށްޓަކައި ހިނގުމުގެ ދުވެލި ބާރު ކޮށްލިއެވެ. ޒައި ގެ ބޮލުގައި ފިރުމާލުމަށްފަހު އެހެން ބެލެނިވެރިން އެއްވެ ތިބި ގަސްކައިރީ މަޑުކޮށްލިއެވެ. ސިޔާދާގެ ހިތުގައި ޒައި އަށް އޮންނަނީ ދަރިއެއްގެ ލޯތްބެވެ. ވާނީވެސް އެހެންތާއެވެ. ޒައި އަކީ އޭނާގެ އެންމެ ގާތް މިތުރުގެ ހަމައެކެނި ހުރި ދަރިފުޅެވެ. އެހެންނަމަވެސް، ދިމާވި ބޮޑު ހާދިސާއެއްގައި ޒައިގެ މަންމަ އައިންތު ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭގެ ފަހުން ޒައި ބަލަމުން ދަނީ ޒައިގެ ބައްޕައެވެ. މިއަދަށް ރޭވިފައިވާ ދަތުރު ދިއުމަށްޓަކައި ކުލާހުގެ މުދައްރިސް، ސޮލާހް ސަރ މަޑުކޮށްލައިގެން ހުރީ ހުރިހާ ބެލެނިވެރިން އެއްވުމަށް ފަހުގައި ދަތުރުގެ އާންމު މައުލޫމާތު ހިއްސާ ކުރުމަށެވެ. “ހުރިހާ ބެލެނިވެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ، މިއަދުގެ ދަތުރުގައި އަޅުގަނޑުމެންނާއިއެކު ބައިވެރިވެލާނީ އަމަތު މިސް، ސަމާ މިސް، އާޝާ މިސް އަދި އަޅުގަނޑު. މީގެ އިތުރުން މި ދަތުރުގަ ދާނެ ޕީ.ޓީ.އޭ ގެ 3 ބެލެނިވެރިންވެސް. ދަތުރުގެ ދިގު މިނަކީ ފަނަރަ މިނިޓު، ހުރަޔަށް ފޭބުމަށްފަހު ޕީ.ޓީ.އޭ ގެ ތިން ބެލެނިވެރިން ކުދިންގެ މެންދުރު ކެއުން ތައްޔާރު ކުރަމުން ދާނެ، ރަށަށް ފޭބުމާއިއެކު އަޅުގަނޑާއި އަދި ދެން ތިއްބެވި މުދައްރިސުން ކުދިން ގޮވައިގެން ހުރާގެ އެކި ހިސާބުތައް ބަލާލުމަށް ހިނގައިގަންނާނަން، ހުރިހާ ދަރިވަރުންވެސް ތިބެންވާނީ އެކު އެކީގަ، ސަރ ހުންނާނީ ހުރިހާ ކުދިންގެވެސް ފަހަތުގަ، އަމަތު މިސްމެން ތިބޭނެ ހުރިހާ ކުދިންނާއިއެކު އެންމެ ކުރީގަ. ރަށް ބަލައިލުމަށް ހޭދަވާނީ ގާތް ގަނޑަކަށް ގެ ގަޑިއިރު، އެއަށްފަހު މެންދުރުގެ ކެއުން ކައިގެން މޫދަށް އެރިލުމަށްފަހު އެނބުރި އަންނާނަން ތިނެއް ޖަހާއިރު. ތިނެއް ޖަހާކަންހާއިރު ހުރިހާ ބެލެނިވެރިންވެސް ވާނެ ބަނދަރު ސަރަހައްދަށް ދުރުވެލަން. އެއްވެސް ބެލެނިވެރިއެއްގެ އެއްވެސް ސުވާލެއް އެބަ އޮތްތޯ؟” މިހެން ބުނުމާއިއެކު ހުރިހާ ބެލެނިވެރިންވެސް ސުވާލެއް ނެތްކަން ބުނެލުމަށްފަހު ދަރިންނަށް ކުޑަ ނަސޭހަތްކޮޅެއް ދެމުން ގެންދިޔައެވެ.

ސިޔާދާ :”ދަރިފުޅު ލިލީ، ތިޔަ ދެވެނީ ފަޅު ރަށަކަށް، ވަރަށް ބަލައިގެން އުޅޭތި، ސަރ މެންނާއި ދުރަށް ނުދާތި، ދިމާލަކުން ގޮވިޔަސް އެކަނި ނުދާތި. މަންމަ ވަރަށް ލޯބިވޭ.”

މިހެން ބުނުމަށްފަހު ލިލީ ބޯ ޖަހާލިއެވެ. އަދި ސިޔާދާ ގެއާއި ދިމާލަށް ހިނގައިގަންނަމުން އެނބުރި އެއް ފަހަރު ލިލީ އާއި ދިމާލަށް ބަލާލިއެވެ. ސިޔާދާގެ ކަންބޮޑުވުން މިކަމުގައި މުޅިންވެސް ޖާއިޒެވެ. ފެންބޯހުރަޔަކީ ކޮންކަހަލަ ތަނެއްކަން ސިޔާދާއަށް އެންމެ ރަނގަޅަށް އެނގޭތީއެވެ. ފުރަތަމަ އެއްގޮތަކަށް އެއްބަސް ނުވިޔަސް މުދައްރިސުން ބުނި ބުނުމަށާއި ލިލީ ދާން ބޭނުންވެފައި ހުރިވަރުން އާނ ބަސް ބުނެވުނީއެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ހިތާ، ވެރި ރައްބަށް ހަމްދުކުރާ ހާލު، އަމިއްލަ ދަރިފުޅު އެދަތުރު ދިޔުމަށް އެއްބަސް ވެވުނީއެވެ.

ވިހި ބައިވެރިންނާއިއެކު މަތި ހިޔާ ނުކޮށް އޮންނަ ޑިންގީއެއްގައި ދަތުރުގެ މިސްރާބު ފެންބޯ ހުރައަށް ބަހައްޓައިފިއެވެ. ކުރު ދަތުރެއްނަމަވެސް ދެބަޔަށް ބަހައިގެން ލަވަ ބާޒީ ކުޅެން ފަށައިފިއެވެ. މާއިރުތަކެއްނުވެ، ފެންބޯހުރާގެ ދޮންވެލި އަތިރިއަށް ޑިންގީ ބީއްސާލުމަށްފަހު ހުރިހާ ބައިވެރިން އެއްގަމަށް ފައިބާ، ބެލެނިވެރިންނާއި މުދައްރިސުން ދަތުރަށް ގެނައި ސާމާނު ބާލަން ފެށިއެވެ. ތިން ބެލެނިވެރިން ކެއްކުމަށް ތައްޔާރުވެ، ތާސް އުދައިފިއެވެ. ކުދިންތައް ގޮވައިގެން ސޮލާހް ސަރ ރަށުގެ މައި މަގުން ހިނގައިގަތެވެ. ރަށުގައި އިންނަކަމަށް ބުނެވޭ މަޝްހޫރު ޒިޔާރަތް ބަލާލުމަށްޓަކައި ހުރިހާ ކުދިންވެސް މިސްރާބު ޖަހައިފިއެވެ. ލިލީ އާއި ޒައި ތިބީ އެންމެ ކުރީގައެވެ. ކުރިމަތިން ހިނގަމުން ދިޔަ ނާއިޝް އަޑެއް ލައްވާލިއެވެ.

ނާއިޝް: “ހޯއޯއޯއޯ…. ލިލީއަށް އެނގޭތަ ޒިޔާރަތް ކައިރި ވަރަށް ނާމާންވާނެ.”
ސޮލާހް ސަރ: “ނާއިޝް، ބިހޭވް! ކިތަށް ފަހަރު ބުނާނީ ތިޔަހެން ނަހަދަން. ސަމާސާ ވިހަ ނުވަނީސް ބަސް އަހައިގެން މަޑުމަޑުން ހިނގާ!”

ޒައި ކުޑަކޮށް ބޯ ހޫރާލުމަށްފަހު އެއްޗެކޭ ބުނާނެ ކަމެއް ނެތޭ ކިޔާ ލިލީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ނާއިޝްއަކީ ލިލީދެކެ ނުހަނު ގަޔާވާ ކުއްޖެކެވެ. އެހެންނަމަވެސް ލިލީ އޭނާދެކެ ވަރަށް ފޫހިވެއެވެ. ސަބަބެއްވެސް ނެތިއެއްނޫނެވެ. މީހުންނަށް ދުއްތުރާކޮށް އަބަދު ސަކަރާތާއި މަޖަލުގައި އުޅުމަކީ ލިލީ ގަޔާވާ ސިފަތަކެއް ނޫނެވެ.

ފެންބޯހުރަޔަކީ ވަރަށް މަލަމަތި ރީތި ރަށެކެވެ. ދިވެހި ރުއްތަކުންމުޅި ރަށުތެރެއަށް ހިޔާ ޖެހިފައިވެއެވެ. ރަށުގެ މައިމަގު ހައިކޮށް އޮތެއްކަމަކު ހުއިގަހާއި ފެހިކަން ގަދަ ވިނަ ގަސްތަކުން މުޅި ބިންމަތި ވަނީ ފުރާލައިފައެވެ. ބޭރުގެ ސައިންޓިސްޓަކާއި ގުޅިގެން މީގެ ކުރިން އެރަށުގައި ސޫފިލަނޑާ ދިރުވާ އާލާކުރުމުގެ މަސައްކަތެއް ފަށައިފައި ވީނަމަވެސް ވަކިހިސާބަކުން އެކަމަށް ވީނުވީއެއް ނޭންގި ކަން ހުއްޓި އެރަށުގައި އަޅާފައިވާ ގެތަށްވެސް ވަނީ ވީރާނާވެ ގޮސްފައެވެ. މަޑުމަޑުން ހުރިހާކުދިން ހިނގަމުންގޮސް ޒިޔާރަތާއި ހަމަވެއްޖެއެވެ. ޒިޔާރަތާއި މާ ދުރުނޫން ހިސާބެއްގައި ހިރިގަލުން އަޅާފައިވާ ފެންވަޅެއްވެސް ހުއްޓެވެ. ޒިޔާރަތުގެ ވަށާފާރު ހަދާފައިވަނީ ހިރިގަލުންނެވެ. އަދި ޒިޔާރަތުގެ މެދުގައި ހުރި މަހާނަގަލުގައި ކަނޑާ ނަގައިފާ ހުރި އަކުރުތަކެއްވެސް ހުއްޓެވެ. ރަނގަޅަށް ކިޔަން ނޭނގުނަސް އެ ނަމުގެ ފެށޭ ދެ އަކުރު ކިޔާލެވޭ ވަރުވެއެވެ. ލިޔެފައިވަނީ އެވޭލާ ދިވެހި އަކުރުންނެވެ. ފެންނަ ފެނުމަށް އެއީ ދިވެހި އަކުރުން ބަލާނަމަ “އ” އަދި “ފ” އެވެ. ޖެހިގެން ހުރި އަކުރުތަށް ހުރީ ގާ ހަލާކުވުމުގެ ސަބަބުން ފުހެވިފައެވެ. ސޮލާހު ސަރ ހުރިހާ ކުދިންގެ ގާތު ޒިޔާރަތް ރަނގަޅަށް ބަލާލުމަށް ބުންޏެވެ. މި ދަތުރުގެ ހުލާސާއެއް ލިޔުމަށް ޖެހިގެން އަންނަ ހަފްތާގެ ފުރަތަމަ ދިވެހި ގަޑީގައި ޖައްސާނެކަމަށް ބުންޏެވެ. އެހެންކަމުން ހުރިހާ ކުދިންވެސް ދަބަހުން ނޯޓުފޮތް ނެގުމަށްފަހު ފާހަގަވަމުން ދިޔަ ކަންކަން ލިޔަމުން ގެންދިޔައެވެ. ލިލީވެސް ކައިރީގައި ހުރި ރުކެއްގައި ލެނގިލައިގެން ހުރެ، ފޮތްނަގާ ލިޔަން ފެށިއެވެ. ޒިޔާރަތާއި ދިމާލަށް ބަލައިލުމަށްފަހު ފޮތުގައި ލިޔަމުން އިރުއިރުކޮޅުން ޒިޔާރަތާއި ދިމާލަށް ބަލަމުން ގެންދިޔައެވެ. އަވަސް ނަޒަރު ހިންގަމުން ފޮތުގައި ލިޔަމުން ގެންދަމުން ދިޔަވަގުތު ކުއްލިއަކަށް ޒިޔާރަތާއި ދިމާލުން އަތްތިލައެއް ފެނުނުހެން ހީވެގެން ދެވަނަ ފަހަރަށް ބަލައިލިއެވެ. ނަމަވެސް އެއީ ކުޑަކޮން ބިރުގަނެފައި ހުރުމުން ވީކަމެއް ކަމަށް ނިންމާ، ލިޔުމައިގެން ކުރިއަށް ދިޔައެވެ. ހަމަ ކުޑައިރުކޮޅެއްގެ ތެރޭގައި ހޫނު ނޭވާއެއް ލިލީގެ ކަންފަތާއި ދިމާލުން އިހުސާސްވާން ފެށިއެވެ. ބިރުންހުރެ މަޑު މަޑުން އަނެއް ފަރާތަށް އެނބުރިގަތެވެ. ލާނެއް ހިނިގަނޑެން ޖަހައިގަތުމަށް ފަހު ރުކުގެ އަނެއް ފަރާތުން ފުންމައިގަތީ ނާއިޝްއެވެ. ލިލީ ހުރީ ބިރުން ފިތްކަނޑައިގެން ގޮސް އާގަމަވެފައެވެ. ޒައި އައިސް ލިލީގެ ބޮލުގައި ފިރުމަން ފެށިއެވެ. ހަމަ އެއާއިއެކު ސޮލާހު ސަރ ގެ ހަޅޭކުގެ އަޑު އިވެން ފަށައިފިއެވެ.

ސޮލާހް ސަރ: “ނާއިޝް! ހަމަ މިހާރު އެނބުރި ކޭމްޕަށް! ހުރިހާ ހައްދެއް ފަހަނައެޅީމަ މި އަދަބު ދޭން މި ޖެހުނީ.”

ނާއިޝް: “ސަރ އަޅުގަނޑު އެކަނި ދާން ބިރުގަނޭ!”

ސޮލާހް ސަރ: “ބިރުގަންނަ މީހުންނެއް ނޫޅޭނެ އެހެން މީހުން ބިރު ގަންނުވާކަށް. ތިހާ ފިނޑިއްޔާ ތިގޮތަށް ކީއްވެ ތި އުޅެނީ”

މިހެން ބުނުމާއިއެކު ދެންތިބި ހުރިހާ ކުދިން ބާރު ބާރަށް ހޭންފެށިއެވެ. އަދި މޫނު ހަދާފައި ނާއިޝް ދިޔަތަން ބަލަން ހުރިހާ ކުދިން ތިއްބެވެ. ދެންތިބި ކުދިން ގޮވައިގެން މުދައްރިސުން ދަތުރު ކުރިއަށް ގެންދިޔައެވެ. މިހާރު ހުރިހާ ބައިވެރިންވެސް ހިނގަމުން އެދަނީ މިރަށު ފުއްޓަރުގައި ހުންނަ ކަނޑާއި ދިމާލަށް ލެނބިފައިވާ ދިވެހި ރުއް ބަލާލުމަށެވެ. ބައެއް މީހުން ބުނެއުޅޭ ގޮތުގައި މާކަނާ ހާއްޔެއް އެ ރުކާއި އިންވެގެން އިންނަ ނިކަ ގަހުގައި އިނދެއެވެ. ނިކަ ގަސްވެސް ހުންނަނީ ދިވެހި ރުކާއި އެއްގޮތަށް ކަނޑާއި ދިމާލަށް ލެނބިފައެވެ. ފުއްޓަރާއި ދިމާލަށް ހިނގިވަރަކަށް ގަލުގެ މިން ދަނީ ބޮޑު ވަމުންނެވެ. ކަނޑަށް މަސްބާނަން ނުކުމެ އުޅޭ ކެޔޮޅުން ބުނެ އުޅެނީ ހަމަ ތެދު ވާހަކައެކެވެ. އެގަހުގައި މަކާނާ ހާއްޔެއް އެބަ އިނެވެ. މުޅި ސަރަހައްދުގައި ދުވަނީވެސް ނަޖިސް ވަހާއި ފަރުހަކި ވަހެވެ. ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހުއްޓުނީ ނިކަ ގަހުގެ ފުރަގަހާއި ދިމާލުން ނުކުތް އާދަޔާއި ހިލާފު ބޮޑު މާކަނައަށެވެ. ބައެއް ކުދިން ފޯނު ނަގައި ތަސްވިރު ނަގަމުން ދިޔައެވެ. މާކަނާގެ ދިގުމިން އިންސާނެއްގެ ދިގުމިނަށްވުރެ ވެސް ބޮޑެވެ. ހުރިހާ ކުދިންވެސް ތިބިގޮތަށް ތިބެ ހިނގައިގަންނަން ސޮލާހު ސަރ އެދުނެވެ. އަދި ސޮލާހު ސަރ މަޑުމަޑުން މާކަނައާއި ދިމާލަށް ބަލަން ހުރެ ފަހަތަށް ހިނގަމުން ދިޔައެވެ. މާކަނާގެ ނަޒަރުން ގެއްލެންދެން ސޮލާހު ސަރ ކަޅިވެސް ޖަހާ ނުލާ ފަހަތަށް ހިނގަމުން ދިޔައެވެ. އަދި ބޮޑު ގަހަކާއި ނިވާވެ، ލޮލަށް މާކަނާ ގެއްލުމާއިއެކު ހުރިހާ ކުދިން ގޮވައިގެން ހިނގައިގަތެވެ. ކުދިންނާއި މުދައްރިސުންވެސް ތިބީ ކުޑަކޮން ބިރުގަނެފައެވެ. ވާނީވެސް އެހެންތާއެވެ. އެފަދަ މަންޒަރެއް ހަމަލޮލުން އަލަށް ފެނުމުން ބިރުވެސް ގަންނާނެތާއެވެ. އެންމެ ބިރުގަނެފައި ހުރީ ލިލީއެވެ. ފުރަތަމަ އަތްތިލައެވެ. މިހާރު އާދަޔާއި ހިލާފު ބޮޑު މާކަނައެވެ.

ކުދިންނާއިއެކު ވިއްސަކަށް މިނިޓު ހިނގުމަށްފަހު ކޭމްޕަށް އެނބުރި އާދެވިއްޖެއެވެ. އޭރު ހުރިހާ ކެއްކުންތަކެއް ނިންމާލުމަށްފަހު ޕިޓީއޭގައި އުޅޭ ތިން ބެލެނިވެރިން ތިބީ ފޯނުން ރީލްސް ބެލުމަށެވެ. ކޯމަސް ނޭވާ ލަމުންއައިސް ސޮލާހު ސަރ ކޫލްބޮކްސް ތެރެއިން ފިނި ފެންފުޅިއެއް ނެގުމަށްފަހު އެއް ނޭވާއިން ފުޅި ހުސްކޮށްލިއެވެ. އަދިފެންފުޅި ޑަސްބިނަށް ލަމުން ކުއްލިއަކަށް މަޑުޖެހިލައި މުޅި ސަރަހައްދަށް ނަޒަރު ހިންގާލިއެވެ.

ސޮލާހް ސަރ: “ނާއިޝް…… ސޯބިރާއްތާ ކޮބާ ނާއިޝް؟؟”

ސުވާލުން ފުރިގެންވާ ނަޒަރަކުން ތިން ބެލެނިވެރިން އެއަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ބުންޏެވެ.

“ސަރ ނާއިޝް ދިޔައީ ސަރ މެންނާއިއެކީގަ އެއްނު؟ އޭގެ ފަހުން ނާއިޝް އެއް ނާދޭ.”

ސޮލާހު ސަރ: “ނޫން އޭނަ މާ ސަމާސާ ކުރުމުގައި ހައްދު ފަހަނަ އަޅާ ދާތީ އަނބުރާ ފޮނުވާލިން. އަމަތު މިސްމެން ހިނގާބަލަ ދާން ސަރ އާ އެކީ.”

މިހެން ބުނުމާއިއެކު ހުރިހާ ކުދިންނާއި ތިން ބެލެނިވެރިންވެސް އެއްފަހަރާ ދުއްވައިގަތެވެ. މައިމަގުން ވަދެގެން ހުރިހާ އެންމެން ނާއިޝްއޭ ކިޔާ ގޮވަމުން ރަށުގެ އެތެރެއަށް ވަންނަމުން ދިޔައެވެ. އެކި ދިމަ ދިމާ ހޯދަމުން ދަނިކޮށް ބަނަ ވިއްސާރަ ވިލާތަކުން ދުނިޔެ ވަށާލައި،  މުޅި ރަށުތެރެ އަނދިރި ކޮށްލައިފިއެވެ. ލިލީވެސް ޒައި އާއި އެއްވަރަކަށް މުޅި ރަށުތެރެ ހޯދަމުން ދިޔައެވެ. ކުއްލިއަކަށް ގަހެއްގެ މުލުގައި އަޅައިގަނެ ލިލީ ބޫޓުގެ ނާޑަވާ މުހިއްޖެއެވެ. އެވަގުތު ލިލީ އުޑަފައިން އިށީންދެލައި ނާޑަވާ ރަނގަޅު ކޮށްލުމަށްފަހުގައި ތެދުވިއެވެ. ކުއްލިއަކަށް ލިލީގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. ކުރިމަތިން އެއްވެސް ބަޔަކު ނުފެނެއެވެ. ދެންމެ ލިލީއާއިއެކު ރަށުތެރެއަށް ވަދެގެންއައި އެކަކުވެސް ފެންނާކަށް ނެތެވެ. އަޑެއް ބަޑެއްވެސް ނީވެއެވެ. ހަމައެކެނި ފެންނަނީ މާސިންގާ ޖަންގައްޔެވެ. ލިލީގެ ދެއަތްތިލަ ފިނިވެއްޖެއެވެ. ވަކި ދިމާލެއް ނުބަލާ ހުރި ދިމާ ސީދަލަށް ދުއްވައިގަތެވެ. ދުވަމުން ދިޔަ ވަރަކަށް ލިލީގެ ހިތުގެ ތެޅުން ބާރުވިއެވެ. ދުވަމުން ދިޔަ ވަގުތު ކުއްލިއަކަށް ދެފައި އޮޅި އަނގަވަތަށް ބިންމައްޗަށް ވެއްޓިއްޖެއެވެ. އަވަސް އަވަހަށް އަތް ފޮޅަމުން ކައިރީގައި ހުރި ގަހުގައި އަތް ވިއްދަމުން ދެފައިމައްޗަށް ކޮޅަށް ތެދުވެއްޖެއެވެ. އަދި “އައްދޯތް” ގޮވަމުން ގަހުގެ ތިރިން ފެށިގެން މައްޗަށް ބަލައިލިއެވެ. ރަތްކުލައިގެ މާ އަޅާ ފުރިފައިވާ ބޮޑު ބިޔަ ބެރެބެދި ގަހެކެވެ. އެހެންނަމަވެސް މި ގަސް ވަރަށް ތަފާތެވެ. ގަހުގެ މުލުން ފެށިގެން ގަހުގެ އޮފިތަކާއި ހަމައަށް ހުރީ އާދަޔާއި ހިލާފު ތޫނު ކަށިތަކެއް ފަޅާފައެވެ. ދެކަކޫމަތި ފޮޅާލުމަށް ގުދުވި ވަގުތު ލިލީގެ ޖިންސު ތަންކޮޅަކުން ފޫ ގޮސްފައި ހުރިހެން ހިވެގެން ބަލާލިއެވެ. ކުޑަކަޅުވާ މަސްގަނޑާއި ދިމާލުން މިހުރީ ގަހުގެ ކަށި ވަދެފައެވެ. ނަމަވެސް ލިލީ އަޖައިބުވީ އެއްވެސް ވަރެއްގެ ތަދެއް އިހުސާސް ނުވާތީއެވެ. އަވަސް އަވަހަށް ދެ ކަކޫ ފޮޅަމުން ދިޔަ ވަގުތު ގަހުގެ އަނެއް ފަރާތުން އިންސާނެއްގެ ފައެއް ފެނުނެވެ. ބިރުންހުރެ އަނެއް ފަރާތަށް މަޑުމަޑުން ބޯ ދިއްކޮށްލިއެވެ.

“ސުބުހާނައް.. ނާއިޝް.. ނާއިޝް.. ހޭލަބަލަ. މީ ލިލީއޭ!” ބެރެބެދި ގަހުގެ ތިރީގައި ހޭނެތިފައި މިއޮތީ ނާއިޝްއެވެ. މަޑުމަޑުން ލިލީގެ ދެ އަތްތިލައިން ނާއިޝްގެ ކޯތާފަތުގައި ޖަހާލިއެވެ. އެތަށް އިރެއް ނާއިޝް ހޭއެރުވުމުގައި ހޭދަ ކުރުމަށްފަހު ނާއިޝް މަޑު މަޑުން ދެލޯ ހުޅުވާލިއެވެ. “ލިލީ.. އަހަރެން.. ކިހިނެއް.. މިތާނގަ؟” ތިއެއް ނޭންގެ.. ދެންވެސް އަވަހަށް ދާން ހިނގާބަލަ!” މިހެން ބުނެ ލިލީ އަވަސް އަވަހަށް ނާއިޝް ތެދުވުމަށް އެހީވެ ޒާތަކަށް އަތުލަފިކޮށްގެން ހިނގައިގަތެވެ. ރަށުގެ މައި މަގު ކުރިމަތިން ފެނުމުން ހިނގުމުގެ ދުވެލި ބާރު ކޮށްލިއެވެ. އަދި ނާއިޝް ވަކި ހިސާބަކުން ލިލީގެ އަތް ނައްޓުވައިފައި އަމިއްލައަށް ހިނގޭނެ ކަމަށް ބުނެ ލިލިއާއި އެކު ހިނގަމުން ދިޔައެވެ. މައިމަގުން ނުކުމެ އަތިރިމައްޗަށް ނުކުތްވަގުތު ސޮލާހު ސަރ އާއި އެންމެން ތިބީ ހަމަޖެހިގެން މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށެވެ. ލިލީ ހައިރާންވެ ތަންކޮޅެއް ކުރިއަށް ޖެހިލާ ސުވާލު ކުރަން ފެށިއެވެ.

ލިލީ: “ސަރ! ނާއިޝް ގެއްލިގެން ހޯދަން އުޅެފައި އައިސް ކީއްވެ ތި ތިބީ ހަމަޖެހިގެން ކާން؟ ނާއިޝް ފަކީރު..” މިހިސާބަށް ބުނެވުމާއިއެކު ލިލީގެ ވާހަކަ މެދުކަނޑާލާފައި ސޮލާހް ސަރ ބުންޏެވެ. “ނާއިޝް އޭންދީނު ކާން.” އެހެން ކުދިންވެސް ކާންތިބި ދިމާލަށް އިނގިލި ދިއްކޮށްފައި ބުންޏެވެ.

އެއީ ތެދެކެވެ. ނާއިޝް އިނީ ހަމަޖެހިލައިގެން ކެއުމަށެވެ. ގާތް ގަނޑަކަށް ކައި ނިމުނީއެވެ.

ސޮލާހް ސަރ: “ނާއިޝް އުޅުނީ އަނެއްކާވެސް އަހަރުން ބިރުގަންނުވަން. އެތާ ހުރި ރުކެއްގެ ކައިރީގައި ހުރީ ފިލާ، ޒާތް ޒާތުގެ އަޑު ލައްވަން.”

ލިލީ: “އެކަމު ނާއިސް މިހުރީނު ލިލީގެ ފަހަ..”

މިހެން ބުނަމުން ލިލީގެ މޫނު ފަހަތަށް އަނބުރާލާ އިޝާރާތް ކޮށްލި ވަގުތު ލިލީ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ނާއިޝްއެއް ލިލީގެ ފަހަތަކު ނެތެވެ. އަމިއްލައަށް ނިތްކުރިމަތީ އަތް ޖައްސާލާ މީހާ ހަމަތޯ ބަލާލިއެވެ. މިވަނީ ކިހިނެތްބާއެވެ؟ ލިލީއާއިއެކު މިހާ ހިސާބަށް ނާއިޝް އައެވެ. ނަމަވެސް ނާއިޝް މިއިނީ ލިލީގެ ކުރިމަތީ މެންދުރުގެ ކެއުމައިގެންނެވެ. ލިލީވެސް ތައްޓެއް ނެގުމަށްފަހު އެންމެންނާއި ބައިވެރިވިއެވެ. އެހެންނަމަވެސް ކޮންމެވެސް ކަމެއް ގޯހެވެ. ޑިންގީއަށް އެންމެން އަރާ ހަމަވިއިރުވެސް ނާއިޝް ހުރީ ހިޔާލަކަށް ގެއްލިފައި ދަބަސް ހިފައިގެން ދޮންވެލިގަނޑު މަތީގައެވެ.
ސޮލާހް ސަރ: “ނާއިޝް އަވަހަށް އަރާ ޑިންގީއަށް، ގަޑި ޖެހެނީ.”

ދަތުރު ނިންމާ ޑިންގީއަށް އެރި އިރުވެސް ލިލީއަށް ވިސްނެނީ އެންމެ ކަމަކާއެވެ. މިއަދު ވީ އާދަޔާއި ހިލާފު ކަންތައްތަކެވެ. ޒިޔާރަތުގެ މަތިން ފެނުނު އަތްތިލައެވެ. އާދަޔާއި ހިލާފަށް ބޮޑު މާކަނައެވެ. އާދަޔާއި ހިލާފު ބެރެބެދި ގަހެވެ. ގަހުގެ ކައިރީގައި ހޭނެތިފައި އޮތް ނާއިޝްއެވެ. ކޮންމެވެސް ކަމެއް ގޯހުން އެބަ ދެއެވެ. އެންމެ ލާނެއްކޮށް އުޅޭ ނާއިޝް ގެއްލިފައި ފެނުން ފަހުން ހުންނަނީ ވަރަށް ތަފާތުކޮށެވެ. އެހާ ހަލަނި ކުއްޖަކު ކުއްލިއަކަށް މައިތިރި ވުމަކީ މައްސަލައެއްނޫން ހެއްޔެވެ؟ އަދި ލިލިއާއި އެހާ މައްލަވަ ކުރާ ކުއްޖަކު އެފަހުން ލިލިއާއި ދިމާލަށް ބަލައިވެސްނުލައެވެ.

ރަށުގެ މައި ފާލަމާއި ހަމައަށް އާދެވުނު އިރު އެހެން ބެލެނިވެރިންނާއި އެކު ހަސަނުވެސް، ސައިކަލުގައި ލިލީ ބަލައި އައިސް އެބަ ހުއްޓެވެ. ރަށަށް ފޭބުނު އިރުވެސް ނާއިޝް ހުރީ ގަބުރެއް ހެންނެވެ. މާގިނަ ހަރަކާތްތަކެއް ނުފެނެއެވެ. ވަރަށް ވަރުބަލިވެފައި ހުރިހެން ހީވެއެވެ. ދަރިވަރުންތައް ބެލެނިވެރިންނާއި ހަވާލު ކުރުމަށްފަހު މުދައްރިސުންވެސް ގެއާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. ލިލީ ސައިކަލަށް އަރަމުންވެސް ފަހަތް ބަލާލާ ނާއިޝް އާއި ދިމާލަށް ބަލައިލިއެވެ. މަޑު މަޑު ހިނގުމެއްގައި އޭނާގެ ގެޔާއި ދިމާލަށް ދާން ހިނގައިގަންތަން ފެނުނެވެ. އެހެންނަމަވެސް ނާއިޝްގެ ހަރަކާތްތަށް ބުނާ ފަދައެވެ. އެނބުރި ރަށަށް މިއައީ ނާއިޝްއެއް ނޫނެވެ.

އަސުރުން ތިރިވެ، މުޅި ރަށަށް ހިޔާޖެހި، ރަށުގެ އުޖާލާ، ހިތްފަސޭހަ މަގުތަކުގައި އިވެމުން ދިޔައީ ކުޑަކުދިންގެ އަޑެވެ. އިރު އޮއްސެން ގާތްވެފައި ވަނިކޮށް ލިލީ އާއި ޒައިވެސް ހަވީރު ފިނިބުރެއް ޖަހާލުމައްޓަކައި ކެފޭއިން ހެދިކާ ގަތުމަށްފަހު އަތިރިއާއި ދިމާލަށް ހިނގައިގަތެވެ. ދެކުދިން މޮޅު ވާހަކައިގައި މަޑު ހިނގުމެއްގައި ގޮސް މިދިލި ގަހެއްގައި އެލުވާފައިހުރި އުނދޯލިތަކެއްގައި އިށީންދެލައިފިއެވެ.

ލިލީ: “ޒައި، ލިލީ ވާހަކައެއް ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟”

ޒައި: “ލައްބަ. ކީކޭބާ ކަމަނާފުޅު ކިޔަން މިއުޅެނީ؟”

ލިލީ: ” މިއަދު ވަރަށް އާދަޔާ ހިލާފު ކަމެއް ދިމާވި. އެންމެން ނާއިޝް ހޯދަން ރަށުތެރެއަށް ވަން ވަގުތު ލިލީ ބޫޓު ނާޑަވާ ނެއްޓިގެން..”

މިހިސާބަށް ބުނެލެވުނުތަނާހެން ޒައިގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ބާއްވަމުން ޒައި ގެއަށް ދާން ޖެހިއްޖެ ކަމަށް ބުންޏެވެ. މަޤްރިބު ނަމާދު ބަންގިދޭ އަޑު އިވުމާއިއެކު ލިލީވެސް ގެއަށް ދިޔުމަށްޓަކައި ތެދުވިއެވެ. ތެދުވެލި ވަގުތު ފައިގެ ކުޑަކަޅުވަޔާއި ދިމާލަށް ވަރަށް ވަރުގަދަ ހޫނެއް އިހުސާސުވާން ފެށިއެވެ. ޒައި އޭ ކިޔާ ބާރަށް ހަޅެއްލަވައި ގަނެވުނެވެ. އަދި އަޅަމުންދިޔަ ވޭނުގެ ސަބަބުން ލިލީ ބިންމައްޗަށް ވެއްޓުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Ille

Level 1

Other Articles

Previous

މަޢާފް އެދެމުން 5

Next

ޒެވިއަން 11

Next
May 12, 2025

ޒެވިއަން 11

Previews
May 12, 2025

މަޢާފް އެދެމުން 5

One Comment

  1. Tabassum says:
    May 20, 2025 at 2:23 pm

    Vaahaka v reethi.. dhevana bai kiyaalan libeynii kon irakun thw?? V gina dhuvas vjje dhevana bai kiyaahithun hunnathaa. Login vgn comment kuran jeheythee aslu comment nukurani ekm dhevana bai adhives naannaathi comment eh mikollii

Comments are closed.



All Right Reserved!