ލީސާ
އަލިދީއާއި އައިމިނަގެ ޢާއިލާއަކީއެމީހުނަށް ލިބިފައިވާ ތަނަވަސްކަމުގެ ސަބަބުން، މުއްސަނދިކަމުގައި މުޅިރަށަށް ވެސް އެންމެ މައްސޫރު އެއްޢާއިލާއެވެ. އެދެމަފިރިންގެ ކައިވެންޏަށް އަށެއްކަ އަހަރު ވެފައިވާއިރު ފަސްވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވެއެވެ. އެކުއްޖާގެ ނަމަކީ ލީސާއެވެ.
އަލިދީއާއި އައިމިނަ އަކީ ގެއިން ބޭރުގައި ވަޒީފާ އަދާކުރަމުންދާ ބަޔަކަށް ވާތީ ލީސާއާއެކުގައި ވަގުތު ހޭދަ ކުރާން އެދެމަފިރިންނަށް އެކަށީގެންވާވަރަށް ވަގުތެއް ނުލިބެއެވެ. އެހެންކަމުން ލީސާ ބެލެހެއްޓުމުގައި ދޭންވާ ސަމާލުކަން ވެސް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުޑަވަމުންނެވެ. ހަމައެހެންމެ ލީސާ ބޮޑުވަމުންދިޔައީ މައިން ބަފައިންގެ ފަރާތުން ލިބޭންވާ ލޯތްބާއި އަޅާލުން ވެސް އެކަށީގެންވާގޮތަށް ނުލިބިއެވެ.
ކަންތައްތައް ހުރިގޮތުގެ ސަބަބުން އައިމިނަ އާއި އަލިދީ ވާހަކަދައްކާ މަޝްވަރާ ކުރުމަށްފަހު ލީސާ ބެލެހެއްޓުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުމަށްޓަކައި ރާއްޖޭންބޭރު އަންހެނަކު ގެއަށް ގެނައުމަށް ނިންމިއެވެ. ހަމައެހެންމެ ވީހާ އަވަހަކަށް އެކަން ނިންމުމަށް ވެސް ވާހަކަ ދެކެވުނެވެ.
ލީސާ ބެލުމަށާއި ގޭތެރޭގެމަސައްކަތްތައް ކުރުމަށްޓަކައި އަލިދީމެން ލަންކާއިންގެނައި ރަތުނާއަކީ މެދުއުމުރުގެ އަންހެނެކެވެ. ރަތުނާ އެރަށަށް އައުމާއެކުހެން އޭނާގެ މަސައްކަތްތައްފެށިއްޖެއެވެ. އެގޮތުން ކޮންމެދުވަހަކު ވެސް ގޭގައިކުރާންޖެހޭ ހުރިހާކަމެއް ކުރަމުން ލީސާ ބަލަހައްޓަމުން ލީސާއަށްޓަކައި ކޮށްދޭންޖެހޭ އެންމެހޭކަންކަން ބަރާބަރަށް ކުރަމުންގެންދިޔައެވެ. އެކަމުގެސަބަބުން އަލިދީއާއި އައިމިނަތިބެނީ ވަރަށްއުފާވެ ހިތްހަމަ ޖެހިފައެވެ.އެމީހުންގެ މޫނުމަތިން ފެންނަމުންދަނީ ވެސް އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ރަތުނާވެގެންދިޔައީ އައިމިނަމެންބޭނުންވިފަދަ ބުނާގޮތްހަދާ މަސައްކަތްތަކަށް ކަމޭހިތާމީހަކަށެވެ.
ރަތުނާއާ އެކުގައި ލީސާ އެކުގައި ވަގުތު ހޭދަކުރަމުން ދިޔައިރު އެދެމެދުގައިވާ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ބަދަހިވަމުން ދިޔައެވެ. ހަމައެހެންމެ ދެމީހުންގެ މެދުގައި އެކަކު އަނެކަކަށް ޝައުޤުވެރިކަން އުފެދިގެން ދިޔައީ ވަރަށް އަވަހަށެވެ.
ރަތުނާއަކީ ދީނީކަންކަމަށް ވަރަށްބޮޑަށް ސަމާލުކަންދޭ މީހަކަށްވާތީ އޭނާގެ ކޮޓަރީގައި ބުދެއް ބަހައްޓައިގެން އެޔަށް އަޅުކަން ކުރަމުންދިޔައެވެ. އެހެނަސް އެއިން އެއްވެސްކަމެއް އަލިދީ އާއި އައިމިނައަކަށް ނޭނގެއެވެ. އަދި އެފަދަކަމެއްގެ ހިލަމެއް ވެސް ނުވެއެވެ.
ލީސާ ބެލެހެއްޓުމުގެ ހުރިހާކަމެއް ކުރަމުންދިޔަ ރަތުނާ،އޭނާ ގެންގުޅޭ ބުދަށް އަޅުކަންކުރާ ވަގުތުތަކުގައި އެތަނަށް ލީސާގެންގޮސް އެފަދަ ބައެއްކަންކަން ވެސް ދަސްކޮށްދޭންފެށިއެވެ. ހަމައެހެންމެ އައިމިނަ އާއި އަލިދީއަށް މާބޮޑު ސައްކެއް ނުވާނެހެން އޭނާއަށް އެންމެ ފަސޭހަގޮތަކަށް ލީސާ ގެންގުޅެމުން އެކުޑަކުއްޖާގެ ސިކުނޑިއާ ކުޅެމުން ދިޔައެވެ.
ދުވަސްތައް މާޒިއާއި އެކުވަމުންދާވަރަކަށް އަލިދީ އާއި އައިމިނާއާ، ލީސާދުރުވަމުން ރަތުނާއާ ގާތްވަމުންދިޔައެވެ. ހަމައެހެންމެ ބުދުފަދަ މަހުލޫގަށް ލޯބިކުރުމާއި އެފަދަތަކެއްޗަށް ޝައުޤުވެރިވުން އިތުރުވަމުންދިޔައެވެ. އަދި އެފަދަ ތަކެތި ގަނެދިނުމަށް އެދޭވަރު އިތުރުވަމުން ދިޔައެވެ. އެއިން އެއްވެސްކަމަކަށް މާބޮޑު ސަމާލުކަމެއްނުދޭ އަލިދީ އާއި އައިމިނައަށް އެފަދަ އެއްޗެއް ގަނެދިނުމަކީ މާބޮޑު ކަމަކަށް ނުވާތީ ލީސާ ބޭނުން ވަރަކަށް އެފަދަ ތަކެތި ގަނެދެމުން ދިޔައެވެ. ދެމަފިރިންނަށް ވެސް ގަބޫލުކުރެވެމުން ދިޔައީ ދަރިފުޅަށް ބޭނުންވާ ހުރިހާއެއްޗެއް ގަނެދިނުމުން ހުރިހާކަމެއް ނިމުނީއެވެ. ހަމައެހެންމެ އެމީހުންގެ ވާޖިބު އަދާކުރެވުނީއެވެ.
ލީސާއަށް ދޭންވާ ލޯތްބާއި އަޅާލުން ނުދެވުނުނަމަވެސް ލީސާއަށް ބޭނުންވާ އެހެންހުރިހާއެއްޗެއް އަލިދީ އާއި އައިމިނަ ހޯދައިދެމުންދިޔައެވެ. އެހެންވެ ލީސާ ބޭނުންވާފަދައިން އެކިކަހަލަބުދުތަކުން ލީސާގެ ކޮޓަރިފުރާލިއެވެ.
އިއްޒަތާ ގަދަރާ ތަނަވަސްކަމުގައި އުދުހެމުންދިޔަ އަލިދީމެންނަކަށް ވާނުވާ އެނގޭހެނެއް ހިޔެއްނުވެއެވެ. ނުވަތަ އެކަންވާގޮތް ބަލާކަށް ބޭނުމެއްނުވެއެވެ. އެ ދެމަފިރިންނަށް ހުރިހާވެސް އެއްޗަކީ ފައިސާއެވެ.
ގޭތެރޭގެ އެންމެހާކަންކަމާއި ލީސާގެ ހުރިހާކަމެއް ރަތުނާ ބަލަމުން ދާނީ އެންމެރަނގަޅަށްކަމަށް ގަބޫލުކުރާ، އަލިދީއާއި އައިމިނަ ރަތުނާއަށް ވަރަށް އިތުބާރު ކުރެއެވެ. އެހެންވެ ރަތުނާ ކުރާ އެއްވެސް ކަމަކާ ނުބެހެއެވެ.
ރަތުނާ އެގެއަށް އައިސް ހައެއްކަމަސް ވީއިރު ލީސާ ވަރަށްބޮޑަށް ބަދަލުވެއްޖެއެވެ. އަބަދާއަބަދު ބުދުފަދަތަކެތި ހިފައިގެން އުޅުމާއި އެފަދަ ތަކެއްޗާ ވާހަކަދެއްކުން އިތުރުވަމުންދިޔައެވެ. މަދަރުސާއަށް ދިއުމުގައި ފަރުވާ ކުޑަކުރަމުން ދިއުމުގެ އިތުރުން،ވާހަކަދައްކަނީ ވެސް ލަންކާބަހުންނެވެ. އެހެނަސް މިއިންކަމެއްގެ ހިލަމެއްވެސް އަލިދީ އާއި އައިމިނައަށް ނުވާ ކަހަލައެވެ.
ދުވަސްތައް މާޒީއާއިއެކުވަމުންދިޔައިރު ލީސާގެ ނިދުން ވެސް ރަތުނާގެ ކޮޓަރިއަށް ބަދަލުކުރިއެވެ. ވާނުވާނޭނގޭ ލީސާ،ރަތުނާގެ ކޮންމެ ޢަމަލަކަށް ރުހި ގަބޫލު ވެގެންހުއްޓެވެ. ހަމައެހެންމެ އަލިދީމެނާއި އެއްވެސްގުޅުމެއް ނޯވެއެވެ. ލީސާއަށް އަންނަމުން ދިޔަ ބަދަލުތައް އޭނާގެ ހެދުންތަކަށްވެސް އަންނަމުންދިޔައެވެ.
އަހަރެއްހާދުވަސް ރާއްޖޭގައި ހޭދަކުރުމަށްފަހު ޗުއްޓީލިބުމުން އޭނާގެ ގައުމަށް ރަތުނާ ހިނގައްޖެއެވެ.
ރަތުނާއާ އެކުގައި އެތައްދުވަހެއް ހޭދަކުރުމަށްފަހު،ރަތުނާއާވަކިން އުޅެންޖެހުމުން ލީސާ ވަރަށްދެރަވެ މާޔޫސް ވިއެވެ. ހަމައެހެންމެ އެކަމާރޮއި ހިތާމަ ކުރިއެވެ.
ރަތުނާ ޗުއްޓީއަށް ފުރައިގެން ދިއުމުން ލީސާ އަނެއްކާވެސް އޭނާގެ ކޮޓަރީގައި އޭނާ އެކަނިމާއެކަނި ނިދާންފެށިއެވެ.
އިރުއޮއްސި ހަތެއްޖަހާކަން ހާއިރެވެ. ލީސާ އޭނާގެ އާދައިގެމަތިން ކޮޓަރީގައި އުޅެއެވެ.
އޮފީސްނިންމާފައި ގޭފިހާރައަށްދިޔަގޮތަށް އެތަނުގައި އެތައްވަގުތެއް ހޭދަކުރުމަށްފަހު އައިމިނަ ގެއަށް އައިއިރު ގޭތެރޭން ފެންނަމުންދަނި ހަމަހިމޭންކަމާއި ފަޅުކަމެވެ. ގޭތެރެ ބަލާލުމަށްފަހު ގޭތެރޭން ލީސާ އާއި އަލިދީ ފެންނާން ނެތުމުން އައިމިނަ ދިޔައީ ލީސާގެ ކޮޓަރިއާދިމާއަށެވެ.
ލީސާގެކޮޓަރީ ދޮރުހުޅުވާލަމުން އެތެރެއަށް ނަޒަރުހިންގާލިވަގުތު ފެނުނު މަންޒަރުތަކުގެ ސަބަބުން ވީދެރައާއެކުހެން ދެލޮލުން ކަރުނަފާއްދާލިއެވެ.
ކޮޓަރީ ފާރުގަ ލައްގާފައިހުރި ބޮޑުބުދެއްގެ ކުރިމަތީގައި އިށީނދެ ދެއަތް ޖޯޑުކޮށްގެން އެބުދަށް އަޅުކަންކުރާފަދައަކުން ލަންކާބަހުން ކޮންމެވެސް ވާހަކަތަކެއް ދައްކަމުންދިޔައިރު އޭނާ އިނީ ވެސް ހުސްގަޔާއެވެ. މުޅިކޮޓަރީގައިވަނީ ބުދެވެ. އިންޑިޔާ ލަންކާފަދަ ގައުމުތަކުގެ ފިލްމުތަކުން ފެންނަމުންދާ ބުދުފައްޅިތަކެކޭ އެތަނެކޭ އެއްގޮތެވެ.
ފެންނަމުންދިޔަ މަންޒަރުތައްބަލާން ހިތަށް ކެތްނުވެގެން ދަރިފުޅާއޭ ކިޔާ ގޮވާލަމުން ލީސާއާދިމާއަށް އައިމިނަ އަށް ދުއްވައި ގަނެވުނީ އެއްވެސް އިޙުތިޔާރަކާ ނުލައެވެ. ދުވެފައި ދިޔަ އައިމިނަ ގޮސް ލީސާގެ އަތުގައިހިފާ އެތަނުން ދުރުކުރާން އެޅޭންފުށުމުން ލީސާ ވަރަށްރުޅިއައެވެ. އެހެންވެ އޭނާގެ އަތުން އައިމިނަގެ އަތްނައްޓުވާލަމުން ލަންކާބަހުން ކޮންމެވެސްއެއްޗެކޭ ކިޔަމުން ދުރަށް ކޮށްޕާލިއެވެ.
އެފަދަކަމަކަށް ނުވިސްނާހުރި އައިމިނަ ވިއްސައިގެން ގޮސް ޖެހުނީ އެތަނުގައިހުރި މޭޒުގައެވެ. އެއާއެކުހެން މޭޒު އަރިއަޅާލައި މޭޒާއެކު އައިމިނަ ވެސް ވެއްޓިއްޖެއެވެ. އެވަގުތު ވީތަދާއެކު އައިމިނައަށް ރޮއިގަނެވުނެވެ.
ލީސާގެ ކޮޓަރިތެރޭން އިވުނު އަޑުފައްގަނޑުގެސަބަބުން އަލިދީއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އެހެންވެ އަވަސް އަވަހަށް ދުވެފައި ގޮސް އެކޮޓަރިއަށްވަނެވެ. އެވަގުތު ފެނުނު މަންޒަރުތަކުގެ ސަބަބުން ވީދެރައާއި އެކުހެން ރޮވުނެވެ. އެހެނަސް ވަގުތާއި ހާލަތަށް ވިސްނައި ވިސްނުންއިސްކޮށް އައިމިނަ ގޮވައިގެން އެކޮޓަރިން ނުކުތެވެ.
އަލިދީއާއި އައިމިނަ ވާހަކަދައްކާ މަސްވަރާކުރުމަށްފަހު އަނެއްކާވެސް ގޮތެއްނިންމިއެވެ.
އަލިދީ އާއި އައިމިނަ ވާހަކަދައްކާ މަސްވަރާކޮށްނިންމި ފަދައިން އައިމިނަ އޭނާގެ ވަޒީފާ ދޫކޮށްލިއެވެ. އަދި އޭނާގެ ހުރިހާ ވަގުތެއް ލީސާއަށް ޓަކައި ހުސްކުރިއެވެ. އެއާއެކުހެން ލީސާއަށް މަޑުމަޑުން ބަދަލު އަންނާން ފެށިއެވެ.
މައިންބަފައިންގެފަރާތުން ދަރިންނަށް ދޭންވާލޯތްބާއިއަޅާލުން އެހެން މީހަކަށް ނުދެވޭނެކަމާއި އެކަންއެގޮތަށް ނުކުރެވޭނެކަންވެސް އަލިދީމެނަށް އެނގުނެވެ.
ނިމުނީ
5 Comments!
Comments are closed.



ވަރަށް ރަނގަޅު މެސެޖެއްކަމަށް ފެނޭ. ވާހަކަ ވަރަށް ރީތި.
ވ ތެދުވާހަކައެއް މީ….
ދިވެހި ވާހަކަ ތަކުން އާއްމުކޮށް ނުފެންނަ ކަމެއް މި ވާހަކައިން ފާހަގަ ކުރެވެއެވެ. އިބުރަތްތެރި މެސެޖެއް ލިބުމުގެ އިތުރުން އުފާވެރި ނިމުމެއް އޮތުމެވެ.
habeys vaahaka eh
Mi vahaka gada kamun nimafa vakahala… ekamaku den benun messeg kuru ko devunu dho… any ways you can do it better.story is okey